އައްޝުޢަރާ

Ash-Shu'ara

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
ޠާ ސީން މީމް. (މި އަކުރުތަކުގެ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.)
2
މިއީ (ކަންތައްތައް) ބަޔާން ވެގެންވާ ފޮތުގެ (އެބަހީ: ގުރްއާނުގެ) އާޔަތްތަކެވެ.
3
އެ މީހުން މުއުމިނުން ކަމުގައި ނުވުމުން (އެ ކަމުގެ ހިތާމައިގައި) ކަލޭގެފާނުގެ ނަފްސު ހަލާކުކޮށްލައްވަނީތޯއެވެ. (އެބަހީ: އެހެން ނަހައްދަވާށެވެ.)
4
ތިމަން އިލާހު އިރާދަކުރައްވާނަމަ، އެ މީހުންގެ މައްޗަށް އުޑުން މުއުޖިޒާތެއް ބާވައިލައްވައިފީމުހެވެ. ފަހެ އޭރުން އެ މީހުންގެ ކަނދުރާތައް އެއަށް ކިޔަމަންވެ، މަޑުމައިތިރިވާނެއެވެ.
5
އަދި އައްރަޙްމާނުގެ ހަޒްރަތުން އެ މީހުންގެ ގާތަށް އަންނަ ކޮންމެ އާ އާޔަތަކަށް ފުރަގަސްދޭ ބަޔަކު ކަމުގައި މެނުވީ، އެ މީހުން ނުވެއެވެ.
6
ފަހެ ހަމަކަށަވަރުން އެ މީހުން (އެ ތަކެތި) ދޮގުކުރިއެވެ. ފަހެ އެ މީހުން އެ ކަންތަކަށް ފުރައްސާރަކޮށް އުޅުނު ކަންތަކުގެ ޚަބަރުތައް، ނިކަންހުރެ އެ މީހުންގެ ގާތަށް އަންނަހުއްޓެވެ.
7
ބިމުގެ (އަޖާއިބު) ކަންތައްތަކަށް އެ މީހުން ނުބަލަނީހެއްޔެވެ؟ އެ ބިމުގައި މަންފާގިނަ ރަނގަޅު ހުރިހާ ބާވަތަކުން ތިމަން އިލާހު ކިހާގިނަ ގަސްތަކެއް ފެޅުއްވީންހެއްޔެވެ؟
8
ހަމަކަށަވަރުން އެ ކަންތަކުގައި (ﷲ ގެ ކުޅަދުންވަންތަކަމުގެ) ހެއްކެއް ވާކަން ކަށަވަރެވެ. އަދި އެ މީހުން ކުރެ ގިނަމީހުން އީމާންވާ ބަޔަކު ކަމުގައި ނުވެއެވެ.
9
އަދި ހަމަކަށަވަރުން ކަލޭގެފާނުގެ ރައްބަކީ ކަށަވަރުންވެސް އަލްޢަޒީޒު، އައްރަޙީމެވެ.
10
ކަލޭގެފާނުގެ ރައްބު މޫސާގެފާނަށް ނިދާ އިއްވެވިހިނދު ހަނދުމަ ކުރައްވާށެވެ. އަނިޔާވެރި ގައުމުގެ މީހުންގެ ގާތަށް ކަލޭގެފާނު (ރަސޫލުކަމާއިގެން) ވަޑައިގަންނަވާށެވެ.
11
އެއީ ފިރްޢައުނުގެ ގައުމުގެ މީހުންނެވެ. އެ މީހުން ﷲ އަށް ބިރުވެތި ނުވަނީހެއްޔެވެ؟
12
އެކަލޭގެފާނު (އެބަހީ: މޫސާގެފާނު) ދެންނެވިއެވެ: އަޅުގެ ރައްބެވެ. އެ މީހުން ތިމަންކަލޭގެފާނު ދޮގުކޮށްފާނެކަމަށް ހަމަކަށަވަރުން ތިމަންކަލޭގެފާނު ބިރުފުޅުގަނެއެވެ.
13
އަދި (އެ މީހުން ތިމަންކަލޭގެފާނު ދޮގުކޮށްފާނެކަމަށް) ތިމަންކަލޭގެފާނުގެ ހިތްޕުޅު ދަތިވެއެވެ. އަދި (ތިމަންކަލޭގެފާނު އެދިވަޑައިގަންނަވާފަދަ ފަސޭހަކަމާއެކު) ތިމަންކަލޭގެފާނުގެ ދޫފުޅެއް ނުހިނގައެވެ. ފަހެ (ތިމަންކަލޭގެފާނަށް ވާގިވެރިވުމަށް) ހާރޫނުގެފާނުގެ އަރިހަށް (ވަހީއާއިގެން ޖިބްރީލުގެފާނު) ފޮނުއްވައި ދެއްވާށެވެ.
14
އެ މީހުންނާ ބެހޭގޮތުން، ތިމަންކަލޭގެފާނުގެ މައްޗަށް ކުށެއްވެސް އެބައޮތެވެ. ފަހެ އެ މީހުން ތިމަންކަލޭގެފާނު ގަތުލުކޮށްފާނެކަމަށް ތިމަންކަލޭގެފާނު ބިރުފުޅު ގަނެއެވެ.
15
އެ އިލާހު ވަހީކުރެއްވިއެވެ: ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ފަހެ ތިޔަދެބޭކަލުން ތިމަން އިލާހުގެ އާޔަތްތަކާއިގެން ވަޑައިގަންނަވާށެވެ. ހަމަކަށަވަރުން ތިޔަދެބޭކަލުންނާއެކު، ތިމަން އިލާހު އައްސަވާވޮޑިގެންވަމެވެ.
16
ފަހެ ތިޔަދެބޭކަލުން ފިރްޢައުނުގެ ގާތަށް ވަޑައިގެން ވިދާޅުވާށެވެ. ހަމަކަށަވަރުން ތިމަންމެންނީ އާލަމްތަކުގެ ރައްބު ފޮނުއްވި ރަސޫލުންނެވެ.
17
އިސްރާއީލުގެ ދަރިން (ދޫކޮށްލައި) ތިމަންބޭކަލުންނާއެކު ފޮނުވާށެވެ.
18
އޭނާ (އެބަހީ: ފިރްޢައުނު، މޫސާގެފާނަށް) ދެންނެވިއެވެ: ކަލޭގެފާނު އުފަންވީއްސުރެން ފެށިގެން އަހުރެމެންގެ ތެރޭގައި ކަލޭގެފާނު ބަލައިބޮޑުކުރީ އަހުރެމެން ނޫންހެއްޔެވެ؟ އަދި ކަލޭގެފާނުގެ އުމުރުފުޅުން އެތައް އަހަރެއްވަންދެން އަހުރެމެންގެ ތެރޭގައި ކަލޭގެފާނު ހުންނެވީމުއެވެ.
19
އަދި ކަލޭގެފާނު (ތިމަން ކޮށްދިން ހެޔޮކަންތަކަށް) ދެކޮޅުވެރިވާ ހާލު، ކަލޭގެފާނު އެ ކުރެއްވިކަމެއް ކުރެއްވީމުއެވެ.
20
އެކަލޭގެފާނު ވިދާޅުވިއެވެ: އެހެންވިއްޔާ ތިމަންކަލޭގެފާނަށް އެ ކަންތައް އޭރު އެ ކުރެއްވުނީ، މަގު ގެއްލިފައިވާ މީހުންގެ ތެރެއިންވާ ހާލުގައެވެ.
21
ފަހެ ތިޔަބައިމީހުން ދެކެ ތިމަންކަލޭގެފާނު ބިރުފުޅުގަތްހިނދު، ތިޔަބައިމީހުންނަށް ފިއްލަވައިގެން (މަދްޔަނަށް) ވަޑައިގަތީމެވެ. ފަހެ ތިމަންކަލޭގެފާނުގެ ރައްބު، ތިމަންކަލޭގެފާނަށް ހިކުމަތާއި، ވިސްނުން ދެއްވިއެވެ. އަދި ރަސޫލުންގެ ތެރެއިން ތިމަންކަލޭގެފާނު ލެއްވިއެވެ.
22
އަދި ތިމަންކަލޭގެފާނަށް ކަލޭ ދިން ނިއުމަތެއްކަމުގައި ތިޔަ ކަލަގޮވާ ނިއުމަތަކީ، ކަލޭ އިސްރާއީލުގެ ދަރިން އަޅުވެތިކޮށްލިކަމެވެ. (އެބަހީ: އަހަރެން އަޅުވެތިނުކޮށް ދޫކޮށްލިނަމަވެސް، އެ މީހުންނަށް ކަލޭ ކުރި އަނިޔާއިން، ކަލެއަށް ދެވިފައި އޮތީ ކޮން ނިއުމަތެއްހެއްޔެވެ؟)
23
ފިރްޢައުނު ދެންނެވިއެވެ: (ކަލޭގެފާނު އެފަރާތަކުން ރަސޫލުކަމާއިގެން ވަޑައިގެންނެވި) އާލަމްތަކުގެ ވެރި އިލާހަކީ ކޮބައިހެއްޔެވެ؟
24
އެކަލޭގެފާނު ވިދާޅުވިއެވެ: އެއީ އުޑުތަކާއި، ބިމާއި، އެ ދެމެދުގައި ވާހާ އެއްޗެއްގެ ރައްބެވެ. ތިޔަބައިމީހުން އެ ކަން ޔަގީންކުރާ ކަމުގައިވާނަމައެވެ.
25
އޭނާގެ ވަށައިގެން ތިބި (ބޮޑުންގެ) މީހުންނަށް އޭނާ ބުންޏެވެ. ކަލޭމެންނަކަށް ނީވޭހެއްޔެވެ؟
26
އެކަލޭގެފާނު ވިދާޅުވިއެވެ: އެއީ ތިޔަބައިމީހުންގެ ރައްބެވެ. އަދި ތިޔަބައިމީހުންގެ އިސްވެދިޔަ ކާބަފައިންގެ ވެސް ރައްބެވެ.
27
އޭނާ ބުންޏެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ ތިޔަބައިމީހުންގެ ރަސޫލަކީ، މޮޔައެއްކަން ކަށަވަރެވެ.
28
އެކަލޭގެފާނު ވިދާޅުވިއެވެ: އެއީ މަޝްރިގާއި، މަޣްރިބާއި، އެ ދެމެދުގައި ވާހާ ތަކެއްޗެއްގެ ރައްބެވެ. ތިޔަބައިމީހުން އެ ކަން ވިސްނާކަމުގައި ވާނަމައެވެ.
29
އޭނާ ދެންނެވިއެވެ: ކަލޭގެފާނު ތިމަންފިޔަވާ އެހެން އިލާހަކު ހިއްޕަވައިފިނަމަ، ހަމަކަށަވަރުން ހުރަގޭގައި ހައްޔަރުކުރެވިގެންވާ މީހުންގެ ތެރެއަށް ކަލޭގެފާނު ލާހުށީމެވެ.
30
އެކަލޭގެފާނު ވިދާޅުވިއެވެ: (ތިމަންކަލޭގެފާނުގެ ރަސޫލުކަމުގެ މައްޗަށް) ބަޔާން ވެގެންވާ ދަލީލެއް ކަލޭގެ ގާތަށް ގެންނެވި ނަމަވެސްހެއްޔެވެ؟
31
އޭނާ ދެންނެވިއެވެ: ކަލޭގެފާނު ތެދުވެރިންގެ ތެރެއިން ވާނަމަ، ފަހެ ދަލީލު ގެންނަވައިބައްލަވާށެވެ.
32
ދެން އެކަލޭގެފާނުގެ އަސާކޮޅު އެކަލޭގެފާނު އެއްލެވިއެވެ. ފަހެ އެ ހިނދު އެ އަސާކޮޅު، ފާޅުވެގެންވާ ހަރުފަޔަކަށް ވެއްޖެއެވެ.
33
އަދި އެކަލޭގެފާނުގެ އަތްޕުޅު ނެރުއްވިއެވެ. ފަހެ އެ ހިނދު، ބަލަން ތިބި މީހުންނަށް އެ އަތްޕުޅު ފެންނަންއޮތީ (ވިދަވިދާއޮތް) ހުދު އަތްޕުޅެއް ކަމުގައެވެ.
34
އޭނާގެ ވަށައިގެންވާ ބޮޑުންނަށް އޭނާ ބުންޏެވެ. ހަމަކަށަވަރުން މިއީ މޮޅަށް ދަންނަ ޖާދޫގަރެއްކަން ކަށަވަރެވެ.
35
އެކަލޭގެފާނު އެދިވަޑައިގަންނަވަނީ، އެކަލޭގެފާނުގެ ޖާދޫގެ ބާރުގައި ތިޔަބައިމީހުންގެ ބިމުން ތިޔަބައިމީހުން ނެރެލާށެވެ. ވީމާ، ތިޔަބައިމީހުން އަމުރުކުރާގޮތަކީ ކޮބައިހެއްޔެވެ؟
36
އެ މީހުން ބުންޏެވެ. އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަޚު، އިހަށް ބައިތިއްބާށެވެ! އަދި (މީހުން) އެއްކުރުމަށް ގޮވާބަޔަކު ރަށުތެރެއަށް ފޮނުވާށެވެ.
37
އޭރުން އެ މީހުން (ގޮސް) މޮޅަށްދަންނަ ހުރިހާ ބޮޑެތި ޖާދޫގަރުން ކަލޭގެ ގާތަށް ގެނެސްދޭނެތެވެ.
38
ފަހެ އެނގިގެންވާ ދުވަހެއްގެ ކަނޑައެޅިގެންވާ ވަގުތަކަށް ޖާދޫގަރުން އެއްކޮށްފިއެވެ.
39
އަދި މީސްތަކުންނަށް ބުންޏެވެ. ތިޔަބައިމީހުން އެއްވާނޫހެއްޔެވެ؟
40
އެ ޖާދޫގަރުންނަކީ، ގަދަވިމީހުން ކަމުގައި ވެއްޖެނަމަ، އަހުރެމެން އެ މީހުންނަށް ތަބާ ވުމަށް ޓަކައެވެ.
41
ފަހެ އެ ޖާދޫގަރުން އައި ހިނދު، އެ މީހުން ފިރްޢައުނަށް ބުންޏެވެ. ތިމަންމެން މޮޅުވެއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނަށް އުޖޫރައެއް އޮންނާނެހެއްޔެވެ؟
42
އޭނާ ބުންޏެވެ. އާނއެކެވެ! އަދި ހަމަކަށަވަރުން ތިޔަބައިމީހުން އޭރުން ވާހުށީ، ގާތްކުރެވިގެންވާ މީހުންގެ ތެރެއިންނެވެ.
43
މޫސާގެފާނު އެ މީހުންނަށް ވިދާޅުވިއެވެ: ތިޔަބައިމީހުން (ޖާދޫގެ ގޮތުން) އުކަންހުރި ތަކެތި އުކާށެވެ!
44
ފަހެ އެ މީހުންގެ ވާބުރިތަކާއި، އަސާތައް އެ މީހުން އުކޫއެވެ. އަދި އެ މީހުން ބުންޏެވެ. ފިރްޢައުނުގެ އިއްޒަތް ގަންދީ ބުނަމެވެ. ހަމަކަށަވަރުން ގަދަވާނެ ބަޔަކީ ތިމަންމެންކަން ކަށަވަރެވެ.
45
ދެން މޫސާގެފާނު އެކަލޭގެފާނުގެ އަސާކޮޅު އެއްލެވިއެވެ. ފަހެ އެހާރުން އެ އަސާކޮޅު އެ މީހުން ދޮގުން ހަދާގެން ދެއްކި ތަކެތި ކައި ދިރުވައިފިއެވެ.
46
ފަހެ އެ ޖާދޫގަރުން ސަޖިދަށް ތިރިވެއްޖެއެވެ.
47
އެ މީހުން ބުންޏެވެ. އާލަމްތަކުގެ ރައްބަށް ތިމަންމެން އީމާން ވެއްޖައީމުއެވެ.
48
(އެއީ) މޫސާގެފާނާއި، ހާރޫނުގެފާނުގެ ރައްބެވެ.
49
އޭނާ ބުންޏެވެ. ތިޔަބައިމީހުންނަށް ތިމަން އިޒުނަ ދިނުމުގެ ކުރީގައި، ތިޔަބައިމީހުން އެކަލޭގެފާނަށް އީމާން ވެއްޖައީމުއެވެ. ހަމަކަށަވަރުން އެކަލޭގެފާނީ ތިޔަބައިމީހުންނަށް ޖާދޫދަސްކޮށްދިން ތިޔަބައިމީހުންގެ ބޮޑުމީހާއެވެ. ފަހެ ތިޔަބައިމީހުންނަށް ނިކަންހުރެ އެނގޭހުއްޓެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ އަތްތަކާއި، ފައިތައް ތަފާތުވާގޮތަށް (އެބަހީ: ކަނާތާއި ވާތުފައި، ނުވަތަ ވާތާއި ކަނާތުފައި) ތިމަން ބުރިކުރާހުށީމެވެ. އަދި ހަމަކަށަވަރުން ތިޔަ ހުރިހާ އެންމެން ސަލީބަށް އަރުވާހުށީމެވެ.
50
އެ މީހުން ބުންޏެވެ. (އެކަމުގައި) ގެއްލުމެއްނެތެވެ. ހަމަކަށަވަރުން ތިމަންމެން އެނބުރި ދާހުށީ، ތިމަންމެންގެ ރައްބުގެ ހަޒްރަތަށެވެ.
51
ތިމަންމެން އެންމެފުރަތަމަ އީމާން ވީބަޔެއްކަމުގައިވުމުގެ ސަބަބުން، ހަމަކަށަވަރުން ތިމަންމެންގެ ރައްބު ތިމަންމެންގެ ކުށްފާފަތައް ފުއްސެވުމަށް ތިމަންމެން ދަހިވެތިވަމުއެވެ.
52
ތިމަން އިލާހު މޫސާގެފާނަށް ވަހީ ކުރެއްވީމެވެ. ކަލޭގެފާނު ތިމަން އިލާހުގެ އަޅުންނާއިގެން، ރޭގަނޑު ހިންގަވައިވަޑައިގަންނަވާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ ފަހަތުން ބަޔަކު ދާނެއެވެ. (އެބަހީ: ތިޔަބައިމީހުންގެ ފަހަތުން، ފިރްޢައުނާއި އޭނާގެ ލަޝްކަރު ދާނެއެވެ.)
53
ފަހެ ފިރްޢައުނު، މީހުން އެއްކުރުމަށް ގޮވާބަޔަކު ރަށުތެރެއަށް ފޮނުވިއެވެ.
54
ހަމަކަށަވަރުން މިބައިމީހުންނީ، (އެބަހީ: އިސްރާއީލުގެ ދަރިންނަކީ) ނިކަމެތި މަދުމީސްކޮޅެއްކަން ކަށަވަރެވެ.
55
އަދި ހަމަކަށަވަރުން އެ މީހުންނީ ތިމަންމެން ރުޅިއަރުވާ ބަޔަކުކަން ކަށަވަރެވެ.
56
އަދި ހަމަކަށަވަރުން ތިމަންމެންނީ (ކަންކަމަށް) ރައްކާތެރިވެ، ތައްޔާރަށްތިބޭ ބަޔަކީމުއެވެ.
57
ފަހެ ތިމަން އިލާހު، ފެންއާރުތަކާއި، ބަގީޗާތަކުން އެ މީހުން (އެބަހީ: ފިރްޢައުނާއި، އޭނާގެ ގައުމުގެ މީހުން) ބޭރުކުރެއްވީމެވެ.
58
އަދި (ރަނާއި ރިހީގެ) ޚަޒާނާތަކުންނާއި، މަތިވެރި މާތް މަގާމްތަކުންވެސް މެއެވެ.
59
އެ ކަންކުރީ އެފަދައިންނެވެ. އަދި އިސްރާއީލުގެ ދަރިންނަށް ތިމަން އިލާހު އެ ތަކެތި ވާރުތަކުރެއްވީމެވެ.
60
ފަހެ އެ މީހުން (އެބަހީ: ފިރްޢައުނާއި އޭނާގެ ގައުމުގެ މީހުން) އަނެއްބައި މީހުންގެ ފަހަތުންގޮސް އަރައިހަމަކުރީ، އިރުއެރި ވަގުތުގައެވެ.
61
ފަހެ އެ މީހުން އެއްބަޔަކު އަނެއް ބަޔަކަށް ފެނުނު ހިނދު، މޫސާގެފާނުގެ އަސްހާބުން ދެންނެވިއެވެ: ހަމަކަށަވަރުން އެ މީހުން ތިމަންމެން އަތުލައިގަންނާނެއެވެ.
62
އެކަލޭގެފާނު ވިދާޅުވިއެވެ: ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން ތިމަންގެ ރައްބު ތިމަންނާއާއެކު (ނަސްރު ދެއްވުމުގައި) ވޮޑިގެންވެއެވެ. އެ އިލާހު ތިމަންނާއަށް މަގުދައްކަވާނެއެވެ.
63
ފަހެ ތިމަން އިލާހު މޫސާގެފާނަށް ވަހީ ކުރެއްވީމެވެ. ކަލޭގެފާނުގެ އަސާކޮޅުން ކަނޑުގައި ޖައްސަވާށެވެ. ދެން (މޫސާގެފާނު ޖެއްސެވުމުން، ބާރަ ބަޔަށް) އެ ކަނޑު އިރައިގެން ހިނގައްޖެއެވެ. އެއިން ކޮންމެ ބައެއް، ބޮޑު ފަރުބަދައެއް ފަދައިންވިއެވެ.
64
ތިމަން އިލާހު އަނެއް ބައިމީހުން (އެބަހީ: ފިރްޢައުނާއި އޭނާގެ ގައުމުގެ މީހުން) އެތަނަށް ކައިރި ކުރެއްވީމެވެ.
65
އަދި ތިމަން އިލާހު މޫސާގެފާނާއި، އެކަލޭގެފާނުގެ އަރިހުގައިވާ މީހުންގެ އެންމެން (ޣަރަގުން) ސަލާމަތް ކުރެއްވީމެވެ.
66
ދެން ތިމަން އިލާހު އެހެންމީހުން (އެބަހީ: ކާފިރުން) ޣަރަގުކުރެއްވީމެވެ.
67
ހަމަކަށަވަރުން އެ ކަންތަކުގައި (ﷲ ގެ ކުޅަދުންވަންތަކަމުގެ) ހެއްކެއްވާކަން ކަށަވަރެވެ. އަދި އެ މީހުން ކުރެ ގިނަމީހުން، އީމާންވާ ބަޔަކު ކަމުގައި ނުވެއެވެ.
68
އަދި ހަމަކަށަވަރުން ކަލޭގެފާނުގެ ރައްބަކީ ކަށަވަރުންވެސް އަލްޢަޒީޒު، އައްރަޙީމެވެ.
69
(އޭ މުޙައްމަދުގެފާނެވެ.) ކަލޭގެފާނު، އެ މީހުންނަށް އިބްރާހީމްގެފާނުގެ ޚަބަރު ކިޔައިދެއްވާށެވެ.
70
(އެއީ) އެކަލޭގެފާނު، އެކަލޭގެފާނުގެ ބައްޕައަށާއި، އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް، ތިޔަބައިމީހުން ތިޔަ އަޅުކަންކުރަނީ ކޮންއެއްޗަކަށްހޭ، ވިދާޅުވި ހިނދެވެ.
71
އެ މީހުން ދެންނެވިއެވެ: ތިމަންމެން އަޅުކަންކުރަނީ، ބުދުތަކަކަށެވެ. ފަހެ އެ ތަކެއްޗަށް އަޅުކަންކުރުންމަތީ ތިމަންމެން ދެމިތިބޭނެއެވެ.
72
އެކަލޭގެފާނު ވިދާޅުވިއެވެ: ތިޔަބައިމީހުން އެ ތަކެއްޗަށް ދުއާ ކޮށްގޮވާހިނދު، އެ ތަކެއްޗަށް ތިޔަބައިމީހުންގެ އަޑު އިވޭހެއްޔެވެ؟
73
ނުވަތަ އެ ތަކެތި ތިޔަބައިމީހުންނަށް މަންފާއެއް ކޮށްދޭހެއްޔެވެ؟ ނުވަތަ ގެއްލުމެއް ދޭހެއްޔެވެ؟
74
އެ މީހުން ދެންނެވިއެވެ: އަދި ކީއްހެއްޔެވެ؟ ތިމަންމެންގެ ކާބަފައިން އެފަދައިން ކަންތައްކުރާތީ ތިމަންމެން ދުށީމުއެވެ.
75
އެކަލޭގެފާނު ވިދާޅުވިއެވެ: ތިޔަބައިމީހުން އަޅުކަންކުރި ތަކެއްޗާމެދު ތިޔަބައިމީހުން ވިސްނައި ބެލީމުހެއްޔެވެ؟
76
އެއީ ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ އިސްވެދިޔަ ކާބަފައިން އަޅުކަންކުރި ތަކެއްޗެވެ.
77
ފަހެ ހަމަކަށަވަރުން އެ ތަކެއްޗަކީ، ތިމަންކަލޭގެފާނުގެ އަދުއްވުންނެވެ. (އެ ތަކެއްޗަށް އަޅުކަމެއް ނުކުރައްވާނަމެވެ.) އެހެނެއްކަމަކު، ތިމަންކަލޭގެފާނު އަޅުކަން ކުރައްވާނީ، އާލަމްތަކުގެ ރައްބަށެވެ.
78
އެ އިލާހީ، ތިމަން ހެއްދެވި އިލާހެވެ. ފަހެ އެ އިލާހު ތިމަންނާއަށް ތެދުމަގު ދައްކަވައެވެ.
79
އަދި އެ އިލާހީ، ތިމަންނާއަށް ކާންދެއްވާ އަދި ބޯންދެއްވާ އިލާހެވެ.
80
އަދި ތިމަން ބަލިވެއްޖެނަމަ، ބަލި ފަސޭހަ ކުރައްވަނީ ހަމަ އެ އިލާހެވެ.
81
އަދި އެ އިލާހީ، ތިމަން މަރުގަންނަވައި، ދެން ތިމަން ދިރުއްވާނޭ އިލާހެވެ.
82
އަދި ގިޔާމަތް ދުވަހުން މި އަޅާގެ ފާފަ ފުއްސެވުމަށް މި އަޅާ އެދެނީ، އެ އިލާހުގެ ހަޒްރަތުންނެވެ.
83
އަޅުގެ ރައްބެވެ. މިއަޅާއަށް އިލްމާއި، ވިސްނުން ދެއްވާނދޭވެ. އަދި ސާލިހުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ.
84
ފަހުން އަންނަމީހުންގެ ދޫމަތީގައި، މިއަޅާގެ ތާރީފާއި ސަނާ ލައްވާނދޭވެ.
85
އަދި ނިއުމަތުގެ ސުވަރުގެ ވާރުތަވާ މީހުންގެ ތެރެއިން، މިއަޅާ ލައްވާނދޭވެ.
86
އަދި މިއަޅާގެ ބައްޕައަށް ފާފަ ފުއްސަވާނދޭވެ. ހަމަކަށަވަރުން އޭނާވަނީ މަގުފުރެދުނު މީހުންގެ ތެރެއިންނެވެ.
87
އަދި އެ މީހުން (އެބަހީ: މީސްތަކުން) މަހުޝަރަށް ފޮނުއްވާދުވަހު، މިއަޅާ ނިކަމެތި ނުކުރައްވާނދޭވެ.
88
އެ ދުވަހަކީ، މުދަލެއްވިޔަސް، އަދި ދަރިންނެއްވިޔަސް، މަންފާއެއް ނުކުރާނެ ދުވަހެވެ.
89
ސަލާމަތްވެގެންވާ ހިތަކާއިގެން ﷲ ގެ ހަޒްރަތަށް އައިމީހަކަށް މެނުވީއެވެ.
90
އަދި ތަގުވާވެރިންނަށް ސުވަރުގެ ކައިރިކުރައްވާނެއެވެ.
91
އަދި ކާފިރުންނަށް ނަރަކަ ފާޅު ކުރައްވާނެއެވެ.
92
އަދި އެ މީހުންނަށް އެންގެވޭނެއެވެ: ތިޔަބައިމީހުން، އަޅުކަންކޮށް އުޅުނު ތަކެތި ކޮބައިހެއްޔެވެ؟
93
ﷲ ފިޔަވާ (ތިޔަބައިމީހުން އަޅުކަން ކޮށްއުޅުނު) އެ ތަކެތި ތިޔަބައިމީހުންނަށް ނަސްރު ދޭނެހެއްޔެވެ؟ ނުވަތަ އެ ތަކެއްޗަށް ނަސްރު ލިބޭނެހެއްޔެވެ؟
94
ފަހެ އެ ބުދުތަކާއި، މަގުފުރެދުނު މީހުން، އެ ނަރަކައިގެ ތެރެއަށް ބޯކޮޅުވަތަށް އެއްލާލެވޭނެއެވެ.
95
އަދި އިބްލީސްގެ ލަޝްކަރާއި، އެ އެންމެންވެސް މެއެވެ.
96
އެ މީހުން އެ ނަރަކައިގައި އަރާރުންވާ ހާލު ބުނާނެއެވެ.
97
ﷲ ގަންދީބުނަމުއެވެ. ހަމަކަށަވަރުން ތިމަންމެންވަނީ، ބަޔާން ވެގެންވާ ފުރެދުމެއްގައެވެ.
98
އާލަމްތަކުގެ ރައްބާ، ތިޔަފަރާތްތަކާ ހަމަހަމަކޮށްގެން ތިމަންމެން އުޅުނު ހިނދުގައެވެ.
99
އަދި ތިމަންމެން މަގުފުރެއްދީ، ކުށްވެރިން ފިޔަވާ އެހެން ބައެއްނޫނެވެ.
100
ފަހެ ތިމަންމެންނަށް އެއްވެސް ޝަފާއަތްތެރިޔަކު ނުވެއެވެ.
101
އަދި ގާތް ރަހުމަތްތެރިޔަކުވެސް ނުވެއެވެ.
102
ތިމަންމެންނަށް އަދި އެއްފަހަރު (ދުނިޔެއަށް) ރުޖޫއަ ވުމެއް ލިބޭނެ ނަމައެވެ. ފަހެ އޭރުން ތިމަންމެން މުއުމިނުންގެ ތެރެއިން ވާހުށީމުއެވެ.
103
ހަމަކަށަވަރުން އެ ކަންތަކުގައި (ﷲ ގެ ކުޅަދުންވަންތަކަމުގެ) ހެއްކެއްވާކަން ކަށަވަރެވެ. އަދި އެ މީހުން ކުރެ ގިނަމީހުން، އީމާންވާ ބަޔަކު ކަމުގައި ނުވެއެވެ.
104
އަދި ހަމަކަށަވަރުން ކަލޭގެފާނުގެ ރައްބަކީ ކަށަވަރުންވެސް އަލްޢަޒީޒު، އައްރަޙީމެވެ.
105
ނޫޙުގެފާނުގެ ގައުމުގެ މީހުން ރަސޫލުން ދޮގުކުރިއެވެ.
106
(އެއީ) އެ މީހުންނަށް އެ މީހުންގެ އަޚު، ނޫޙުގެފާނު ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން (ﷲ އަށް) ތަގުވާވެރި ނުވަނީހެއްޔެވެ؟
107
ހަމަކަށަވަރުން އަހަރެންނީ ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ އަމާނަތްތެރި ރަސޫލަކީމެވެ.
108
ފަހެ ތިޔަބައިމީހުން ﷲ އަށް ތަގުވާވެރިވާށެވެ. އަދި ތިޔަބައިމީހުން އަހަރެންނަށް ކިޔަމަންތެރިވާށެވެ.
109
އަދި އަހަރެން އެ ރަސޫލުކަން އިއްވުމަކަށް ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. އާލަމްތަކުގެ ރައްބުގެ ހަޒްރަތުން މެނުވީ، އަހަރެންނަށް ސަވާބު ދެއްވުމެއްނުވެއެވެ.
110
ފަހެ ތިޔަބައިމީހުން ﷲ އަށް ތަގުވާވެރިވާށެވެ. އަދި ތިޔަބައިމީހުން އަހަރެންނަށް ކިޔަމަންތެރިވާށެވެ.
111
އެ މީހުން ދެންނެވިއެވެ: ކަލޭގެފާނަށް ތަބާ ވެގެންތިބީ، ދެރަ ނިކަމެތިން ކަމުގައިވާއިރު، ތިމަންމެން ކަލޭގެފާނަށް އީމާން ވާނެތޯއެވެ؟
112
އެކަލޭގެފާނު ވިދާޅުވިއެވެ: އެ މީހުން ކޮށްއުޅުނު އަމަލާމެދު ތިމަންކަލޭގެފާނަށް އެނގިގެންވަނީ ކޮންއެއްޗެއްހެއްޔެވެ؟
113
ތިމަންކަލޭގެފާނުގެ ރައްބަށް މެނުވީ، އެ މީހުންގެ ހިސާބު ބެއްލެވުމެއް ނުވެއެވެ. ތިޔަބައިމީހުންނަށް (އެ ކަން) އެނގޭނަމައެވެ.
114
އަދި އީމާން ވެގެން ތިބި މީހުން ފަހައި ދުރަށްލާމީހަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ.
115
ބަޔާން ވެގެންހުރި އިންޒާރުކުރައްވާ ބޭކަލަކު ކަމުގައި މެނުވީ ތިމަންކަލޭގެފާނު ނުވަމެވެ.
116
އެ މީހުން ދެންނެވިއެވެ: އޭ ނޫޙުގެފާނެވެ. ކަލޭގެފާނު (ތިޔަކަންތައް) ހުށްޓައިނުލެއްވިނަމަ، ހަމަކަށަވަރުން ގަލުންތަޅައި މަރައިލެވޭ މީހުންގެ ތެރޭގައި، ކަލޭގެފާނު ވާހުއްޓެވެ.
117
އެކަލޭގެފާނު ވިދާޅުވިއެވެ: އަޅުގެ ރައްބެވެ. ހަމަކަށަވަރުން މިއަޅާގެ ގައުމުގެ މީހުން މިއަޅާ ދޮގުކޮށްފިއެވެ.
118
ފަހެ މިއަޅާއާއި، އެ މީހުންނާ ދެމެދުގައި އިންސާފު ކުރައްވާ، މިއަޅާއާއި، މިއަޅާއާ އެކުގައިވާ މުއުމިނުތަކުން ސަލާމަތް ކުރައްވާނދޭވެ.
119
ފަހެ ބަރާވެވިފައިވާ ނާކޮޅުގައި ތިމަން އިލާހު އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަރިހުގައިވާ މީހުން ސަލާމަތް ކުރެއްވީމެވެ.
120
ދެން ތިމަން އިލާހު އެއަށް ފަހު ތިބި އެންމެން ޣަރަގުކުރެއްވީމެވެ.
121
ހަމަކަށަވަރުން އެ ކަންތަކުގައި (ﷲ ގެ ކުޅަދުންވަންތަކަމުގެ) ހެއްކެއް ވާކަން ކަށަވަރެވެ. އަދި އެ މީހުން ކުރެ ގިނަމީހުން އީމާންވާ ބަޔަކު ކަމުގައި ނުވެއެވެ.
122
އަދި ހަމަކަށަވަރުން ކަލޭގެފާނުގެ ރައްބަކީ ކަށަވަރުންވެސް އަލްޢަޒީޒު، އައްރަޙީމެވެ.
123
ޢާދު ބާގައިމީހުން ރަސޫލުން ދޮގުކުރިއެވެ.
124
(އެއީ) އެ މީހުންގެ އަޚު، ހޫދުގެފާނު އެ މީހުންނަށް ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން (ﷲ އަށް) ތަގުވާވެރި ނުވަނީހެއްޔެވެ؟
125
ހަމަކަށަވަރުން އަހަރެންނީ، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ އަމާނަތްތެރި ރަސޫލަކީމެވެ.
126
ފަހެ ތިޔަބައިމީހުން ﷲ އަށް ތަގުވާވެރިވާށެވެ. އަދި ތިޔަބައިމީހުން އަހަރެންނަށް ކިޔަމަންތެރިވާށެވެ.
127
އަދި އަހަރެން އެ ރަސޫލުކަން އިއްވުމަކަށް ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. އާލަމްތަކުގެ ރައްބުގެ ހަޒްރަތުން މެނުވީ އަހަރެންނަށް ސަވާބު ދެއްވުމެއް ނުވެއެވެ.
128
ތިޔަބައިމީހުން ބޭކާރު ކުޅުންތައް ކުޅުމަށް ކޮންމެ އުސްތަނެއްގައި ބިނާއެއް ހަދަނީހެއްޔެވެ؟
129
އަދި ތިޔަބައިމީހުން (އެ ތަންތާނގައި) ގަނޑުވަރުތައް ހަދައި ނަގަނީ ތިޔަބައިމީހުން (މަރުނުވެ) އަބަދަށް ދެމިތިބޭނެތޯހެއްޔެވެ؟
130
އަދި ތިޔަބައިމީހުން ގަދަފަދަކަން ދައްކާހިނދު (އެއްވެސް ރަހުމެއް ނެތި) ޖައްބާރުންގެ ގޮތުގައި ގަދަފަދަކަން ދައްކަމުއެވެ.
131
ފަހެ ތިޔަބައިމީހުން ﷲ އަށް ތަގުވާވެރިވާށެވެ. އަދި ތިޔަބައިމީހުން އަހަރެންނަށް ކިޔަމަންތެރިވާށެވެ.
132
ތިޔަބައިމީހުން ދަންނަ ނިއުމަތްތަކުން ތިޔަބައިމީހުންނަށް މަދަދު ދެއްވި އިލާހަށް ތަގުވާވެރިވާށެވެ.
133
ނައަމް ސޫތްޕާއި، ދަރިންތަކުން އެ އިލާހު ތިޔަބައިމީހުންނަށް ނިއުމަތް ދެއްވިއެވެ.
134
އަދި ބަގީޗާތަކާއި، ފެންއާރުތަކުންވެސް މެއެވެ.
135
ހަމަކަށަވަރުން ބޮޑުވެގެންވާ ދުވަހެއްގެ އަޒާބަށް ތިޔަބައިމީހުންނާމެދު ތިމަންކަލޭގެފާނު ބިރުފުޅުގަނެއެވެ.
136
އެ މީހުން ދެންނެވިއެވެ: ކަލޭގެފާނު ނަސޭހަތް ދެއްވިޔަސް، ނުވަތަ ނަސޭހަތް ދޭ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަތަސް، ތިމަންމެންނަށް ހަމަހަމަވެގެންވެއެވެ.
137
މިއީ އިސްވެދިޔަމީހުންގެ އާދަކަމުގައި ނޫނީ ނުވެއެވެ.
138
އަދި އަޒާބު ލިބޭނޭ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ.
139
ފަހެ އެ މީހުން އެކަލޭގެފާނު (އެބަހީ: ހޫދުގެފާނު) ދޮގުކުރިއެވެ. ދެން ތިމަން އިލާހު އެ މީހުން ހަލާކު ކުރެއްވީމެވެ. ހަމަކަށަވަރުން އެ ކަންތަކުގައި (ﷲ ގެ ކުޅަދުންވަންތަކަމުގެ) ހެއްކެއްވާކަން ކަށަވަރެވެ. އަދި އެ މީހުން ކުރެ ގިނަމީހުން، އީމާންވާ ބަޔަކު ކަމުގައި ނުވެއެވެ.
140
އަދި ހަމަކަށަވަރުން ކަލޭގެފާނުގެ ރައްބަކީ ކަށަވަރުންވެސް އަލްޢަޒީޒު، އައްރަޙީމެވެ.
141
ޘަމޫދު ބާގައިމީހުން، ރަސޫލުން ދޮގުކުރިއެވެ.
142
(އެއީ) އެ މީހުންގެ އަޚު، ޞާލިޙުގެފާނު އެ މީހުންނަށް ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން (ﷲ އަށް) ތަގުވާވެރި ނުވަނީހެއްޔެވެ؟
143
ހަމަކަށަވަރުން އަހަރެންނީ ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ އަމާނަތްތެރި ރަސޫލަކީމެވެ.
144
ފަހެ ތިޔަބައިމީހުން ﷲ އަށް ތަގުވާވެރިވާށެވެ. އަދި ތިޔަބައިމީހުން އަހަރެންނަށް ކިޔަމަންތެރިވާށެވެ.
145
އަދި އަހަރެން އެ ރަސޫލުކަން އިއްވުމަކަށް، ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. އާލަމްތަކުގެ ރައްބުގެ ހަޒްރަތުން މެނުވީ އަހަރެންނަށް ސަވާބު ދެއްވުމެއް ނުވެއެވެ.
146
މި ދުނިޔެމަތީގައިވާ ނިއުމަތްތަކުގައި، އަމާންކަން ލިބިގެން ތިޔަބައިމީހުން އުޅުމަށް ދޫކޮށްލައްވާނެހެއްޔެވެ؟
147
ބަގީޗާތަކާއި، ފެންއާރުތަކުގެ ތެރޭގައެވެ.
148
އަދި ދަނޑުތަކާއި، އޭގެ އެތްތައް ފޮޅި، މޭވާ ފައްކާވެގެންވާ ކަދުރުރުއްތަކުގެ މެދުގައެވެ.
149
އަދި ތިޔަބައިމީހުން ބޮޑާވެ، ފަރުބަދަ ފަރުބަދައިގައި ކަނޑައި ނަގައިގެން ގޭގެ ހަދަމުއެވެ.
150
ފަހެ ތިޔަބައިމީހުން ﷲ އަށް ތަގުވާވެރިވާށެވެ. އަދި ތިޔަބައިމީހުން އަހަރެންނަށް ކިޔަމަންތެރިވާށެވެ.
151
އަދި ހައްދުފަހަނަޅައިދާ މީހުންގެ އަމުރަށް ތިޔަބައިމީހުން ކިޔަމަންތެރި ނުވާށެވެ.
152
އެ މީހުންނީ ބިމުގައި ފަސާދަ އުފައްދާ، އަދި އިސްލާހެއް ނުކުރާ މީހުންނެވެ.
153
އެ މީހުން ދެންނެވިއެވެ: ކަލޭގެފާނުވަނީ ޖާދޫޖެހި (ބުއްދި ގޯސްވެ) ފައިވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ.
154
ތިމަންމެންކަހަލަ އާދަމުގެ ދަރިޔެއް ކަމުގައި މެނުވީ ކަލޭގެފާނު ނުވެއެވެ. ކަލޭގެފާނު ތެދުވެރިންގެ ތެރެއިންވާނަމަ، ފަހެ މުއުޖިޒާތެއް ގެންނަވައި ބައްލަވާށެވެ.
155
އެކަލޭގެފާނު ވިދާޅުވިއެވެ: މިއޮތީ ޖަމަލެކެވެ. އެ އެއްޗަށް ބޯފެނުގެ ހިއްސާއެއް ވެއެވެ. އަދި ތިޔަބައިމީހުންނަށް ވެސް ކަނޑައެޅި އެނގިގެންވާ ދުވަހެއްގެ ބޯފެނުގެ ހިއްސާއެއް ވެއެވެ.
156
އަދި ތިޔަބައިމީހުން އެ އެއެއްޗަށް އެއްވެސް ގޯނާއެއް ނުކުރާށެވެ! ފަހެ (އެހެން ހަދާފިނަމަ) ބޮޑުވެގެންވާ ދުވަހެއްގެ އަޒާބު އައިސް ތިޔަބައިމީހުންނަށް ޖެހިދާނެއެވެ.
157
ފަހެ އެ މީހުން އޭތި މަރައިލިއެވެ. ދެން ހިތާމަކުރާ ބަޔަކު ކަމުގައި އެ މީހުން ވިއެވެ.
158
ފަހެ އެ މީހުންނަށް އަޒާބު އައިސް ޖެހުނެވެ. ހަމަކަށަވަރުން އެ ކަންތަކުގައި (ﷲ ގެ ކުޅަދުންވަންތަކަމުގެ) ހެއްކެއްވާކަން ކަށަވަރެވެ. އަދި އެ މީހުން ކުރެ ގިނަމީހުން އީމާންވާ ބަޔަކު ކަމުގައި ނުވެއެވެ.
159
އަދި ހަމަކަށަވަރުން ކަލޭގެފާނުގެ ރައްބަކީ ކަށަވަރުންވެސް އަލްޢަޒީޒު، އައްރަޙީމެވެ.
160
ލޫޠުގެފާނުގެ ގައުމުގެ މީހުން ރަސޫލުން ދޮގުކުރިއެވެ.
161
(އެއީ) އެ މީހުންގެ އަޚު، ލޫޠުގެފާނު އެ މީހުންނަށް ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން (ﷲ އަށް) ތަގުވާވެރި ނުވަނީހެއްޔެވެ؟
162
ހަމަކަށަވަރުން އަހަރެންނީ، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ އަމާނަތްތެރި ރަސޫލަކީމެވެ.
163
ފަހެ ތިޔަބައިމީހުން ﷲ އަށް ތަގުވާވެރިވާށެވެ. އަދި ތިޔަބައިމީހުން އަހަރެންނަށް ކިޔަމަންތެރިވާށެވެ.
164
އަދި އަހަރެން އެ ރަސޫލުކަން، އިއްވުމަކަށް ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. އާލަމްތަކުގެ ރައްބުގެ ހަޒްރަތުން މެނުވީ އަހަރެންނަށް ސަވާބު ދެއްވުމެއް ނުވެއެވެ.
165
ޚަލްގުތަކުންގެ ތެރެއިން ފިރިހެނުންނާ ތިޔަބައިމީހުން ގާތްވަނީހެއްޔެވެ؟
166
ތިޔަބައިމީހުންގެ ރައްބު ތިޔަބައިމީހުންނަށް ޓަކައި ހައްދަވައި (ހަލާލު ކުރައްވާ) ފައިވާ އަނބިން ދޫކުރަނީހެއްޔެވެ؟ އަދި ކިއެއް! ތިޔަބައިމީހުންނީ (ނުބައިކަންތަކުގައި) ހައްދުފަހަނަޅައިދާ ބަޔަކީމުއެވެ.
167
އެ މީހުން ދެންނެވިއެވެ: އޭ ލޫޠުގެފާނެވެ. ކަލޭގެފާނު (ތިމަންމެންނާ ދެކޮޅު ހެއްދެވުން) ހުއްޓަވައިނުލެއްވިނަމަ (ރަށުން) ނެރެލެވޭ މީހުންގެ ތެރެއިން ކަލޭގެފާނު ވާހުށިކަން ކަށަވަރެވެ.
168
އެކަލޭގެފާނު ވިދާޅުވިއެވެ: ހަމަކަށަވަރުން ތިމަންކަލޭގެފާނު ވަނީ ތިޔަބައިމީހުންގެ އަމަލަށް (އެބަހީ: ލިވާޠުގެ އަމަލަށް) ރުޅިއަރާ މީހުންގެ ތެރެއިންނެވެ.
169
އަޅުގެ ރައްބެވެ. އެ މީހުން ކުރާ އަމަލުން މިއަޅާއާއި މިއަޅާގެ އަހުލުވެރިން ސަލާމަތް ކުރައްވާނދޭވެ.
170
ފަހެ ތިމަން އިލާހު އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަހުލުވެރި އެންމެން ސަލާމަތް ކުރެއްވީމެވެ.
171
އަޒާބު ލިބުނު މީހުންގެ ތެރޭގައިވި މުސްކުޅި އަންހެނަކު މެނުވީއެވެ.
172
ދެން ތިމަން އިލާހު (އެ ގައުމުގެ) މީހުން ހަލާކުކުރެއްވީމެވެ.
173
އަދި ތިމަން އިލާހު އެ މީހުންގެ މައްޗަށް (ހިލައިގެ) ވާރޭއެއް ވެއްސެވީމެވެ. ފަހެ އިންޒާރުކުރައްވާފައިވާ މީހުންގެ (މައްޗަށް ވެހުނު) ވާރޭގެ ނުބައިކަމާއެވެ.
174
ހަމަކަށަވަރުން އެ ކަންތަކުގައި (ﷲ ގެ ކުޅަދުންވަންތަކަމުގެ) ހެއްކެއްވާކަން ކަށަވަރެވެ. އަދި އެ މީހުން ކުރެ ގިނަމީހުން، އީމާންވާ ބަޔަކު ކަމުގައި ނުވެއެވެ.
175
އަދި ހަމަކަށަވަރުން ކަލޭގެފާނުގެ ރައްބަކީ ކަށަވަރުންވެސް އަލްޢަޒީޒު، އައްރަޙީމެވެ.
176
އަލްއައިކަތުގެ އަހުލުވެރިން ރަސޫލުން ދޮގުކުރިއެވެ.
177
(އެއީ) އެ މީހުންނަށް ޝުއައިބުގެފާނު ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން (ﷲ އަށް) ތަގުވާވެރި ނުވަނީހެއްޔެވެ؟
178
ހަމަކަށަވަރުން އަހަރެންނީ ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ އަމާނަތްތެރި ރަސޫލަކީމެވެ.
179
ފަހެ ތިޔަބައިމީހުން ﷲ އަށް ތަގުވާވެރިވާށެވެ. އަދި ތިޔަބައިމީހުން އަހަރެންނަށް ކިޔަމަންތެރިވާށެވެ.
180
އަދި އަހަރެން އެ ރަސޫލުކަން އިއްވުމަކަށް، ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. އާލަމްތަކުގެ ރައްބުގެ ހަޒްރަތުން މެނުވީ އަހަރެންނަށް ސަވާބު ދެއްވުމެއް ނުވެއެވެ.
181
ތިޔަބައިމީހުން (މިނާ ތަކެތި) މިނުން ފުރިހަމަ ކުރާށެވެ! އަދި (މިނުމާއި ކިރުމުގައި) އުނިކުރާ މީހުންގެ ތެރެއިން ތިޔަބައިމީހުން ނުވާށެވެ.
182
އަދި ތިޔަބައިމީހުން (ކިރާ ތަކެތި) ސީދާވެގެންވާ ތިލަފަތުން ކިރާށެވެ!
183
އަދި ތިޔަބައިމީހުން މީސްތަކުންނަށް އެ މީހުންގެ ތަކެތި އުނިނުކުރާށެވެ! އަދި ފާސިދުން ކަމުގައިވެތިބެ، ތިޔަބައިމީހުން ބިމުގައި ފަސާދަނުކުރާ ހުށިކަމެވެ.
184
އަދި ތިޔަބައިމީހުންނާއި، އިސްވެދިޔަ ޖީލުތައް ހެއްދެވި އިލާހަށް ތިޔަބައިމީހުން ތަގުވާވެރިވާށެވެ.
185
އެ މީހުން ދެންނެވިއެވެ: ކަލޭގެފާނުވަނީ ޖާދޫޖެހި (ބުއްދި ގޯސްވެ) ފައިވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ.
186
އަދި ތިމަންމެންކަހަލަ އާދަމުގެ ދަރިޔެއް ކަމުގައި މެނުވީ، ކަލޭގެފާނު ނުވެއެވެ. އަދި ހަމަކަށަވަރުން ތިމަންމެން ހީކުރަނީ، ކަލޭގެފާނު ދޮގުވެރިންގެ ތެރެއިންވާ ކަމަށެވެ.
187
ފަހެ ކަލޭގެފާނު ތެދުވެރިންގެ ތެރެއިންވާނަމަ، ތިމަންމެންގެ މައްޗަށް އުޑުން ތަންގަނޑެއް ވައްޓަވައިލައްވަ ބައްލަވާށެވެ.
188
އެކަލޭގެފާނު ވިދާޅުވިއެވެ: ތިމަންކަލޭގެފާނުގެ ރައްބު ތިޔަބައިމީހުން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވެއެވެ.
189
ފަހެ އެ މީހުން އެކަލޭގެފާނު ދޮގުކުރިއެވެ. ދެން ވިލާގަނޑުގެ ދުވަހުގެ އަޒާބު، އެ މީހުންނަށް ޖެހުނެވެ. ހަމަކަށަވަރުން އެ އަޒާބު ވީ، ބޮޑުވެގެންވާ ދުވަހެއްގެ އަޒާބަކަށެވެ.
190
ހަމަކަށަވަރުން އެ ކަންތަކުގައި (ﷲ ގެ ކުޅަދުންވަންތަކަމުގެ) ހެއްކެއްވާކަން ކަށަވަރެވެ. އަދި އެ މީހުން ކުރެ ގިނަމީހުން އީމާންވާ ބަޔަކު ކަމުގައި ނުވެއެވެ.
191
އަދި ހަމަކަށަވަރުން ކަލޭގެފާނުގެ ރައްބަކީ ކަށަވަރުންވެސް އަލްޢަޒީޒު، އައްރަޙީމެވެ.
192
ހަމަކަށަވަރުން އެ ގުރްއާނަކީ، އާލަމްތަކުގެ ރައްބު ބާވައިލެއްވި ފޮތެއްކަން ކަށަވަރެވެ.
193
އެ ގުރްއާނާއިގެން ފައިބައިވަޑައިގަތީ ރޫޙުލް އަމީން (ޖިބްރީލުގެފާނެވެ.)
194
އެއީ ކަލޭގެފާނުގެ ހިތްޕުޅުގެ މައްޗަށެވެ. އެއީ (މީސްތަކުންނަށް) އިންޒާރުކުރައްވާ ބޭކަލުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަތުމަށެވެ.
195
(އެ ގުރްއާން ބާވައިލެއްވީ) ބަޔާން ވެގެންވާ އަރަބި ބަހުންނެވެ.
196
އަދި ހަމަކަށަވަރުން އިސްވެދިޔަ ނަބިއްޔުންގެ ފޮތްތަކުގައިވެސް އެ ގުރްއާނުގެ ވާހަކަ ވާކަން ކަށަވަރެވެ.
197
އިސްރާއީލުގެ ދަރިންކުރެ، އިލްމުވެރިން އެ ކަންތައް ދަންނަކަން އެއީ، އެ މީހުންނަށް (އެބަހީ: މައްކާގެ މުޝްރިކުންނަށް) ހެއްކެއްކަމުގައި ނުވޭހެއްޔެވެ؟
198
އަދި ޢަޖަމީންގެ މީހެއްގެ މައްޗަށް ތިމަން އިލާހު އެ ގުރްއާން ބާވައިލެއްވިޔަސް،
199
ދެން އެ މީހަކު، އެ ގުރްއާން އެ މީހުންނަށް ކިޔައިދިނަސް، އެ މީހުން އެއަށް އީމާންވާ ބަޔަކު ކަމުގައި ނުވީހެވެ.
200
ތިމަން އިލާހު އެފަދައިން ކުށްވެރިންގެ ހިތްތަކަށް ދޮގުކުރުން ވެއްދެވީމެވެ.
201
ވޭންދެނިވި އަޒާބު އެ މީހުންނަށް ފެނިއްޖައުމަށްދާންދެން އެ މީހުން އެއަކަށް އީމާނެއް ނުވާނެއެވެ.
202
ފަހެ އެ މީހުންނަށް ނުވެސް އެނގި ތިއްބާ، އެ އަޒާބު އެ މީހުންގެ ގާތަށް އަންނާނީ ކުއްލިއަކަށެވެ.
203
ފަހެ އެ މީހުން ބުނާނެއެވެ. (އީމާން ވުމަށް ޓަކައި) ތިމަންމެންނަށް ލަސްކޮށްލައްވާނެހެއްޔެވެ؟
204
ފަހެ އެ މީހުން އަވަސްވުން އެދެނީ، ތިމަން އިލާހުގެ އަޒާބަށްހެއްޔެވެ؟
205
ފަހެ ކަލޭގެފާނަށް އެނގިވަޑައިގަންނަވާތޯއެވެ؟ އެ މީހުން އެތައް އަހަރަކަށް އަރާމުކޮށް އުޅުމަށް ތިމަން އިލާހު ލެހެއްޓެވިޔަސް،
206
ދެން އެ މީހުންނަށް ވައުދު ކުރައްވާފައިވާ އަޒާބު އެ މީހުންގެ ގާތަށް އައުމުން،
207
އެ މީހުން ދުނިޔޭގައި އަރާމުކޮށް އުޅުމަށް ލެހެއްޓެވުމަކުން، އެ މީހުންނަށް އެއްވެސް ކަމެއް ފުއްދައެއް ނުދޭނެއެވެ.
208
އެ ރަށެއްގެ އަހުލުވެރިންނަށް އިންޒާރުކުރައްވާނޭ ރަސޫލުން ނުފޮނުއްވާ، އެއްވެސް ރަށެއް ތިމަން އިލާހު ހަލާކެއް ނުކުރައްވަމެވެ.
209
(އެއީ) ހަނދާންކޮށްދެއްވުމެކެވެ. އަދި އަނިޔާވެރި އިލާހަކު ކަމުގައި ތިމަން އިލާހު ނުވަމެވެ.
210
އެ ގުރްއާން ގެނެސްދިނީ ޝައިތާނުންނެއް ނޫނެވެ.
211
އަދި އެއީ ޝައިތާނުންނަށް އެކަށީގެންވާ ކަމެއް ނޫނެވެ. އަދި އެ ޝައިތާނުންނަށް އެ ކަމަކަށް ކުޅަދާނަވެގެނެއްވެސް ނުވެއެވެ.
212
ހަމަކަށަވަރުން އެ ޝައިތާނުންވަނީ (ވަގަށް) އަޑުއެހުމުން ވަކިކުރައްވާފައިކަން ކަށަވަރެވެ.
213
ފަހެ ﷲ އާއެކު އެހެން އިލާހަކަށް ކަލޭގެފާނު ދުއާ ކުރައްވާ، އަޅުކަން ނުކުރައްވާށެވެ. ފަހެ އޭރުން އަޒާބު ލިބޭ މީހުންގެ ތެރެއިން ކަލޭގެފާނު ވެދާނެއެވެ.
214
ކަލޭގެފާނުގެ އެންމެ ގާތްތިމާގެ ގަބީލާގެ މީހުންނަށް އިންޒާރުކުރައްވާށެވެ.
215
މުއުމިނުންގެ ތެރެއިން ކަލޭގެފާނަށް ތަބާވީ މީހުންނަށް، ކަލޭގެފާނުގެ ފިޔަފުޅު ތިރިކުރައްވާށެވެ. (އެބަހީ: މަޑުމައިތިރިވެވަޑައިގަންނަވާށެވެ.)
216
ފަހެ އެ މީހުން ކަލޭގެފާނަށް އުރެދިއްޖެނަމަ، ފަހެ ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުންކުރާ އަމަލުތަކުން ހަމަކަށަވަރުން ތިމަންކަލޭގެފާނު ބަރީއަވެގެންވަމެވެ.
217
އަދި ޢަޒީޒުވަންތަ ރަޙީމްވަންތަ އިލާހަށް ކަލޭގެފާނު ވަކީލު ކުރައްވާށެވެ.
218
އެ އިލާހީ ކަލޭގެފާނު (ނަމާދަށް) ތެދުވެ ވަޑައިގަންނަވާ ހިނދު، ކަލޭގެފާނު ދެކެވޮޑިގެންވާ އިލާހެވެ.
219
އަދި ސަޖިދަކޮށް (ނަމާދު ކުރާ) މީހުންގެ ތެރޭގައި ކަލޭގެފާނު ހަރަކާތްތެރިވެ ވަޑައިގަންނަވާ އިރުވެސް މެއެވެ.
220
ހަމަކަށަވަރުން އެ އިލާހީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
221
އެ މީހުންގެ މައްޗަށް ޝައިތާނުން ފައިބާ މީހުންގެ ޚަބަރު، ތިމަން އިލާހު ތިޔަބައިމީހުންނަށް ދެއްވަންހެއްޔެވެ؟
222
އެ ޝައިތާނުން ފައިބަނީ، ދޮގުވެރިކަން ބޮޑު، ފާފަވެރިކަން ބޮޑު ކޮންމެ މީހެއްގެ މައްޗަށެވެ.
223
އެ ޝައިތާނުން އަޑުއަހާ ތަކެތި (ކާހިނުންނަށް) ލައިދެތެވެ. އަދި އޭގެ ގިނަމީހުންނީ، ދޮގުވެރިންނެވެ.
224
ޅެންވެރިންނަށް (އެބަހީ: އެ މީހުންގެ ތެރެއިން ކާފިރުންނަށް) ތަބާ ވާނީ މަގުފުރެދިގެންވާ މީހުންނެވެ.
225
ހަމަކަށަވަރުން ކޮންމެ ވާދީއެއްގައިމެ، ދެވޭނުދެވޭ ތަނެއް ނޭނގޭގޮތަށް އެ މީހުން އުޅޭތީ (އެބަހީ: ކޮންމެ ކަމެއްގައިމެ، ހައްގަކަށް ބާތިލަކަށް ބެލުމެއް ނެތި، އެ މީހުން ޅެން ކިޔައި އުޅޭތަން) ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟
226
އަދި ހަމަކަށަވަރުން އެ މީހުން ބުނެއުޅެނީ، އެ މީހުން ނުކުރާ ކަންތަކުގެ ވާހަކައެވެ.
227
އީމާންވެ ސާލިހު އަމަލުތައްކޮށް، އަދި ގިނަގިނައިން ﷲ ހަނދުމަކޮށް، އަދި އަނިޔާލިބުމަށް ފަހު، ނަސްރު ލިބިގަތްމީހުން މެނުވީއެވެ. ނިކަންހުރެ އަނިޔާވެރިވި މީހުންނަށް، އެ މީހުން ރުޖޫއަ ވާހުށީ ކޮންތަނަކަށްކަން އެނގޭހުއްޓެވެ.