މިއީ ޢަޒީޒުވަންތަ، ޙަކީމްވަންތަ ﷲ ގެ ހަޒްރަތުން ބާވައިލެއްވި ފޮތެވެ.
ހަމަކަށަވަރުން ތިމަން އިލާހު ހައްގު ގޮތުގައި ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. ފަހެ ﷲ އަށް ދީން ޚާލިސްކުރާ ހާލު، ކަލޭގެފާނު އެ އިލާހަށް އަޅުކަން ކުރައްވާށެވެ.
ދަންނާށެވެ. ޚާލިސް ވެގެންވާ ދީން ވަނީ ﷲ އަށެވެ. އަދި އެ އިލާހު ފިޔަވާ އެހީތެރިންތަކެއް ނެގި މީހުން ބުންޏެވެ: ﷲ ގެ ހަޒްރަތަށް ތިމަންމެން ކުއްތަން ކޮށްދިނުމަށް މެނުވީ، ތިމަންމެން އެ ތަކެއްޗަކަށް (އެބަހީ: ބުދުތަކަށް) އަޅުކަމެއް ނުކުރަމުއެވެ. ހަމަކަށަވަރުން އެ މީހުން އެކަމާމެދު ޚިލާފުވެގެން އުޅޭކަންތަކާ ދޭތެރޭގައި ﷲ، އެ މީހުންގެ މެދުގައި ހުކުމް ކުރައްވާނެއެވެ. ހަމަކަށަވަރުން ދޮގުހަދާ ކާފިރަކަށް ﷲ ތެދުމަގެއް ނުދައްކަވާނެއެވެ.
ﷲ ދަރިކަލަކު ހިއްޕެވުމަށް އިރާދަ ކުރެއްވިނަމަ، އެ އިލާހު ހައްދަވާ ތަކެތީގެ ތެރެއިން އެ އިލާހު އިރާދަކުރައްވާ އެއްޗެއް ޚިޔާރުކުރައްވާފީހެވެ. އެ އިލާހުގެ ހުސްތާހިރުވަންތަކަމާއެވެ. އެ އިލާހީ އެއްކައުވަންތަ، ގައްހާރުވަންތަ ﷲ އެވެ.
އެ އިލާހު އުޑުތަކާއި، ބިން ހައްގު ގޮތުގައި ހެއްދެވިއެވެ. އެ އިލާހު ދުވާލުގެ މައްޗަށް ރޭގަނޑު އޮޅައިލައްވައެވެ. އަދި ރޭގަނޑުގެ މައްޗަށް ދުވާލު އޮޅައިލައްވައެވެ. އަދި އިރާއިހަނދު ޚިދުމަތްތެރި ކުރެއްވިއެވެ. އެއިންކޮންމެ އެއްޗެއްމެ ކަނޑައެޅިގެންވާ މުއްދަތަކަށް ހިނގާނެތެވެ. ދަންނާށެވެ. އެ އިލާހީ، ޢަޒީޒުވަންތަ އިލާހެވެ. ގިނަގިނައިން ފާފަ ފުއްސަވާ އިލާހެވެ.
އެ އިލާހު ތިޔަބައިމީހުން ހެއްދެވީ، އެއް ނަފްސަކުންނެވެ. (އެއީ އާދަމުގެފާނެވެ.) ދެން އެ ނަފްސުން އެކަލޭގެފާނުގެ އަނބިކަނބަލުން (ޙައްވާގެފާނު) ހެއްދެވިއެވެ. އަދި ތިޔަބައިމީހުންނަށް ޓަކައި، ނައަމްސޫފީގެ އަންހެން ފިރިހެން އަށެތި އުފެއްދެވިއެވެ. ތިޔަބައިމީހުންގެ މައިންގެ ބަނޑުގައި ތިން އަނދިރިކަމެއްގެ ތެރޭގައި، އެއްއުފެއްދެވުމަކަށް ފަހު، އަނެއްއުފެއްދެވުމަކުން، އެ އިލާހު ތިޔަބައިމީހުން ހައްދަވައެވެ. އެއީ ތިޔަބައިމީހުންގެ ވެރި ﷲ އެވެ. ވެރިކަންވަނީ އެ އިލާހަށެވެ. އެ އިލާހު ފިޔަވާ (އަޅުކަންކުރުން ހައްގުވާ) އިލާހަކު ނުވެއެވެ. ފަހެ ތިޔަބައިމީހުން (އެ އިލާހަށް އަޅުކަންކުރުން ފިޔަވާ) އެނބުރިދަނީ ކޮންފަދައަކުންހެއްޔެވެ؟
ތިޔަބައިމީހުން ކާފިރު ވާނަމަ، ފަހެ ﷲ އީ، ތިޔަބައިމީހުންގެ ކިބައިންދުރުވެ، ފުދިވޮޑިގެންވާ އިލާހެވެ. އަދި އެ އިލާހުގެ އަޅުން ކާފިރު ވުމަކަށް އެ އިލާހު ނުރުއްސަވައެވެ. އަދި ތިޔަބައިމީހުން ޝުކުރުކުރާނަމަ، އެ އިލާހު އެ ކަމަށް ތިޔަބައިމީހުންނަށް ރުހިވޮޑިގެންވެއެވެ. އަދި ފާފަވެރި އެއްވެސް ނަފްސެއް އެހެން ނަފްސެއްގެ ފާފައެއް ނުއުފުލާނެތެވެ. ދެން ތިޔަބައިމީހުން ރުޖޫއަ ވާހުށީ، ތިޔަބައިމީހުންގެ ރައްބުގެ ހަޒްރަތަށެވެ. ފަހެ އޭރުން ތިޔަބައިމީހުން ކޮށްއުޅުނު އަމަލުތަކުގެ ޚަބަރު، ތިޔަބައިމީހުންނަށް އެ އިލާހު އަންގަވާނެއެވެ. ހަމަކަށަވަރުން އެ އިލާހީ، ހިތްތަކުގައި ވާހާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
އިންސާނާއަށް އުނދަގުލެއް ޖެހޭ ހިނދު (އެ ކަމެއް ފިއްލަވާތޯ) އޭނާގެ ރައްބުގެ ހަޒްރަތަށް (ތައުބާވެ) ރުޖޫއަވެ ދުއާކުރެއެވެ. ދެން އޭނާއަށް ނިއުމަތެއް ދެއްވާފިނަމަ، އެ ފަރާތަކަށް އޭނާ ދުއާކޮށް އުޅުނު ފަރާތް (އެބަހީ: ﷲ) ހަނދާން ނައްތައިލައެވެ. އަދި ﷲ އަށް ޝަރީކުންތަކެއް ލައެވެ. އެއީ އެ އިލާހުގެ މަގުން (މީހުން) ފުރެއްދުމަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ: ކަލޭގެ ތިޔަ ކާފިރުކަމާއެކު ކުޑަ ދުވަސްކޮޅަކަށް ދުނިޔޭގައި އަރާމު ކުރާށެވެ. ހަމަކަށަވަރުން ކަލޭ ވަނީ ނަރަކައިގެ އަހުލުވެރިންގެ ތެރެއިންނެވެ.
ރޭގަނޑުގެ ވަގުތުތަކުގައި (ނަމާދުކޮށް) ސަޖިދައިގައްޔާއި، ގިޔާމްގައި މަޑުމޮޅިވެ، އާޚިރަތް ދުވަހަށް ބިރުވެތިވެ، އޭނާގެ ރައްބުގެ ރަހުމަތަށް އެދޭމީހަކު (އެނޫންމީހަކާ) އެއްފަދަވާނެހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ. ދަންނަމީހުންނާއި، ނުދަންނަމީހުން ހަމަހަމަވާނެހެއްޔެވެ؟ ނަސޭހަތް ލިބިގަންނަކަން ކަށަވަރީ، ބުއްދީގެ އަހުލުވެރިންނެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. އޭ އީމާންވި، ތިމަން އިލާހުގެ އަޅުތަކުންނޭވެ. ތިޔަބައިމީހުންގެ ރައްބަށް ތިޔަބައިމީހުން ތަގުވާވެރިވާށެވެ. މި ދުނިޔޭގައި ހެޔޮކޮށް ކަންތައްކުޅަމީހުންނަށް ހެޔޮދަރުމަހުއްޓެވެ. އަދި ﷲ ގެ ބިންވަނީ ތަނަވަސްވެގެންނެވެ. ހަމަކަށަވަރުން ކެތްތެރިންނަށް އެ މީހުންގެ އަޖުރު ހިސާބެއް ނެތްވަރަށް ފުރިހަމައަށް ދެއްވޭހުއްޓެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން އަހަރެންނަށް އަމުރުކުރައްވާފައި ވަނީ، ﷲ އަށް ދީން ޚާލިސްކުރާ ހާލު، އެ އިލާހަށް އަޅުކަން ކުރުމަށެވެ.
އަދި އަހަރެންނަށް އަމުރުކުރައްވާފައިވަނީ (މި އުއްމަތުގެ) މުސްލިމުންގެ ތެރެއިން އެންމެފުރަތަމަ މީހާކަމުގައި އަހަރެން ވުމަށެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. އަހަރެންގެ ރައްބަށް އަހަރެން އުރެދިއްޖެނަމަ، ބޮޑުވެގެންވާ ދުވަހެއްގެ އަޒާބަށް ހަމަކަށަވަރުން އަހަރެން ބިރުގަންނަމެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. އެ އިލާހަށް އަހަރެންގެ ދީން ޚާލިސްކުރާ ހާލު، އަހަރެން އަޅުކަން ކުރަނީ ހަމައެކަނި ﷲ އަށެވެ.
ފަހެ އެ އިލާހު ފިޔަވާ ތިޔަބައިމީހުން އެދޭ އެއްޗަކަށް ތިޔަބައިމީހުން އަޅުކަން ކޮށްބަލާށެވެ! ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން ގެއްލުންވެގެންވާ ބަޔަކީ ގިޔާމަތް ދުވަހުން އެ މީހުންގެ އަމިއްލަ ނަފްސުތަކާއި، އެ މީހުންގެ އަހުލުވެރިން ގެއްލެނިކުރި މީހުންނެވެ. ދަންނާށެވެ. ފާޅުވެ ބަޔާންވެގެންވާ ގެއްލުންވުމަކީ ހަމައެއީއެވެ.
(ނަރަކައިގައި) އެ މީހުންނަށް އެ މީހުންގެ މަތީގައި އަލިފާނުގެ ފަށަލަތަކެއްވެއެވެ. އަދި އެ މީހުންގެ ދަށުގައިވެސް (އަލިފާނުގެ) ފަށަލަތަކެއްވެއެވެ. ﷲ އެ ތަކެތިން އެ އިލާހުގެ އަޅުތަކުން ބިރުގަންނަވައެވެ. އޭ ތިމަން އިލާހުގެ އަޅުތަކުންނޭވެ. ފަހެ ތިޔަބައިމީހުން، ތިމަން އިލާހަށް ތަގުވާވެރިވާށެވެ.
ޠާޣޫތަށް އަޅުކަން ކުރުމުން ދުރުވެގަނެ، ﷲ ގެ ހަޒްރަތަށް (ތައުބާވެ) ރުޖޫއަ ވާ މީހުންނަށް އުފާވެރިކަމުގެ ޚަބަރު ހުއްޓެވެ. ފަހެ ކަލޭގެފާނު ތިމަން އިލާހުގެ އަޅުތަކުންނަށް އުފާވެރިކަމުގެ ޚަބަރު ދެއްވާށެވެ.
އެ މީހުންނީ، ބުނެވޭބަސް އަޑުއަހާ، އޭގެ ތެރެއިން އެންމެ ރަނގަޅު ތަކެއްޗަށް ތަބާވާ މީހުންނެވެ. އެ މީހުންނަށް ﷲ ތެދުމަގު ދެއްކެވި މީހުންނީ އެއީއެވެ. އަދި ބުއްދީގެ އަހުލުވެރިންނީވެސް، ހަމަ އެ މީހުންނެވެ.
ފަހެ އަޒާބުގެ ކަލިމަފުޅު ހައްގު ވެއްޖެމީހަކު (އެ އަޒާބުން ކަލޭގެފާނަށް ސަލާމަތް ކުރެއްވޭނެތޯއެވެ؟) ފަހެ ނަރަކައިގައިވާ މީހަކު ކަލޭގެފާނަށް ސަލާމަތް ކުރެއްވޭނެތޯއެވެ؟
އެހެނެއްކަމަކު، އެ މީހުންގެ ރައްބަށް ތަގުވާވެރިވިމީހުންނަށް (ސުވަރުގޭގައި) މަތީ ކޮޓަރިތަކެއް ވެއެވެ. އޭގެ މަތީގައިވެސް ބިނާކުރައްވާފައިވާ ކޮޓަރިތައް ވެއެވެ. އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނާނެއެވެ. އެ ކަމަށް ﷲ ވަނީ ވައުދު ކުރައްވާފައެވެ. ﷲ ވައުދާ ޚިލާފު ވެވޮޑިއެއް ނުގަންނަވައެވެ.
ހަމަކަށަވަރުން ﷲ އުޑުން ފެން ވެއްސަވައި، ދެން ބިމުގެ ތެރޭގައިވާ ފެންފެންގަނޑަށް އެ ފެން ފޮނުއްވައި، ދެން އެ ފެނުން ކުލަތައް ތަފާތުވެގެންވާ ގޮވާމުގެ ބާވަތްތައް ނެރުއްވާތީ ތިބާ ނުދެކެމުހެއްޔެވެ؟ ދެން އެ ތަކެތި ހިކި، ރީނދޫކުލައިގައިވާތީ ތިބާއަށް ފެންނާނެއެވެ. ދެން އެ އިލާހު އެ ތަކެތި ކުނޑިކުނޑި އެތިއެތިކޮޅުތަކެއް ކަމުގައި ލައްވައެވެ. ހަމަކަށަވަރުން އެ ކަންތަކުގައި ބުއްދީގެ އަހުލުވެރިންނަށް ހަނދާންކޮށްދިނުން ވާކަންކަށަވަރެވެ.
ފަހެ އިސްލާމް ދީނަށް އެ މީހެއްގެ ހިތް ތަނަވަސްކޮށްދެއްވާ އޭނާގެ ރައްބުގެ ހަޒްރަތުން ނޫރެއް ލިބިފައިވާމީހަކު (އެނޫންމީހަކާ އެއްފަދަހެއްޔެވެ؟) ފަހެ ﷲ ހަނދާންކުރުން ފިޔަވާ، އެ މީހުންގެ ހިތްތައް ހަރުކަށިވެފައިވާ މީހުންނަށް ހަލާކުހުއްޓެވެ. އެ މީހުން ވަނީ، ފާޅުވެގެންވާ މަގުފުރެދުމެއްގައެވެ.
ﷲ، އެންމެ ރިވެތިބަސްތައް ފޮތެއްގެ ސިފައިގައި ބާވައިލެއްވިއެވެ. (ފުރިހަމަކަމުގައި) އެއްފަދަވެގެންވާ، ތަކުރާރުކޮށް ކިޔެވޭ ފޮތަކަށްވާ ހާލުގައެވެ. އެ ފޮތް ކިޔެވޭ ހިނދު، އެ މީހުންގެ ރައްބަށް ބިރުވެތިވާމީހުންގެ ގައިގެހަންތައް ތުރުތުރު އަޅައިގެންދެއެވެ. ދެން އެ މީހުންގެ ގައިގެ ހަންތަކާއި، ހިތްތައް ﷲ ހަނދުމަކުރުމަށް މަޑުމޮޅިވެދެއެވެ. އެއީ ﷲ ގެ ތެދުމަގެވެ. އެ އިލާހު އިރާދަކުރައްވާ މީހަކަށް، އެއިން މަގުދައްކަވައެވެ. އަދި ﷲ މަގުފުރައްދަވާ މީހަކަށް، ފަހެ ތެދުމަގު ދައްކާނޭ ހަމައެކަކުވެސް ނުވެއެވެ.
ފަހެ ގިޔާމަތް ދުވަހުން، ގަދަފަދަ އަޒާބަށް އެ މީހެއްގެ މޫނު ކުރިމަތިކުރާމީހަކު (އެ ދުވަހުން އަމާންކަމާއެކު އަންނަމީހަކާ އެއްފަދަވާނޭހެއްޔެވެ؟) އަދި އެ ދުވަހުން އަނިޔާވެރިންނަށް އަންގަވާނެއެވެ. ތިޔަބައިމީހުން ހޯދައިއުޅުނު އަމަލުތަކުގެ ރަހަ، ތިޔަބައިމީހުން ލިބިގަންނާށެވެ!
އެ މީހުންގެ ކުރިން އުޅުނުމީހުންވެސް (ރަސޫލުން) ދޮގުކުރިއެވެ. ފަހެ އެ މީހުން ހީވެސްނުކުރާ ދިމާޔަކުން، އެ މީހުންނަށް އަޒާބު އައެވެ.
ފަހެ ﷲ އެ މީހުންނަށް ދުނިޔޭގެ ހަޔާތުގައި ދެރަކަމާއި، ނިކަމެތިކަމުގެ ރަހަ ދެއްކެވިއެވެ. އަދި ހަމަކަށަވަރުން އާޚިރަތުގެ އަޒާބު މާ ބޮޑެވެ. އެ މީހުންނަށް އެ ކަން އެނގޭނޭނަމައެވެ.
ހަމަކަށަވަރުން ތިމަން އިލާހު މި ގުރްއާނުގައި މީސްތަކުންނަށް، ހުރިހާ ބާވަތަކުން މިސާލު ޖެއްސެވީމެވެ. (އެއީ) އެ މީހުން ހަނދުމަކުރުމަށް ޓަކައެވެ.
އެއްވެސް ގުދުކަމެއްނުވާ، އަރަބި ބަހުން އޮތް ގުރްއާނެއްގެގޮތުގައެވެ. (އެއީ) އެ މީހުން ތަގުވާވެރިވުމަށް ޓަކައެވެ.
އެ މީހުންގެ މެދުގައި ދެކޮޅުވެރިކަން އުފެދިފައިވާ، އެތައްބަޔަކު ބައިވެރިވާ (އަޅު) ފިރިހެނަކާއި ހަމަ އެންމެމީހަކަށް ޚާއްސަ ވެގެންވާ (އަޅު) ފިރިހެނެއްގެ މިސާލު ﷲ ޖެއްސެވިއެވެ. މިސާލުގެ ގޮތުން އެ ދެ މީހުން ހަމަހަމަވާނޭހެއްޔެވެ؟ ހަމްދު ހުރީ ﷲ އަށެވެ. އަދި ކިއެއް! އެ މީހުން ކުރެ ގިނަމީހުންނަކަށް ނޭނގެތެވެ.
ހަމަކަށަވަރުން ކަލޭގެފާނީ، އަވަހާރަ ވާނޭ ބޭކަލެކެވެ. އަދި ހަމަކަށަވަރުން އެ މީހުންނީ ވެސް މަރުވާނޭ ބަޔެކެވެ.
ދެން ހަމަކަށަވަރުން ގިޔާމަތް ދުވަހުން ތިޔަބައިމީހުންގެ ރައްބުގެ ހަޒްރަތުގައި، ތިޔަބައިމީހުން ދެބަސްވެ ވާހަކަ ދައްކާނެއެވެ.
ފަހެ ﷲ އާމެދު ދޮގުހަދައި، އަދި ތެދު އެ މީހެއްގެ ގާތަށް އައި ހިނދު، އެދޮގުކުރި މީހަކަށްވުރެ، އަނިޔާވެރިކަންބޮޑީ ކާކުހެއްޔެވެ؟ ކާފިރުން ތިބޭނޭތަނެއް ނަރަކައިގައި ނުވޭހެއްޔެވެ؟
ތެދާއިގެން އަންނަމީހާއާއި އަދި އެތެދު ގަބޫލުކުރާމީހާ (ދަންނާށެވެ.) އެ މީހުންނީ، ހަމަ ތަގުވާވެރިންނެވެ.
އެ މީހުންގެ ރައްބުގެ ހަޒްރަތުގައި އެ މީހުން އެދޭހާކަމެއް އެ މީހުންނަށް ހުއްޓެވެ. އެއީ އިހްސާންތެރިންނަށް ހުރި ޖަޒާއެވެ.
އެ މީހުން ކޮށްފައިވާ ނުބައި އަމަލުތައް، ﷲ، އެ މީހުންގެ ކިބައިން ފުއްސެވުމަށް ޓަކައެވެ. އަދި އެ މީހުން އަމަލު ކޮށްއުޅުނު އެންމެހެޔޮގޮތުގެ ދަރުމައިން، އެ އިލާހު އެ މީހުންނަށް ޖަޒާދެއްވުމަށް ޓަކައެވެ.
ﷲ، އެ އިލާހުގެ އަޅާއަށް ފުދޭކަމުގައި ނުވޭހެއްޔެވެ؟ އަދި އެ މީހުން އުޅެނީ އެ އިލާހު ފިޔަވާ އެ މީހުން އަޅުކަންކުރާ ތަކެތިން ކަލޭގެފާނު ބިރުގެންނެވުމަށެވެ. އަދި ﷲ މަގުފުރައްދަވާ މީހަކަށް ތެދުމަގުދައްކާނޭ އެކަކުވެސް ނުވެއެވެ.
އަދި އެ މީހަކަށް ﷲ ތެދުމަގު ދައްކަވާމީހާ (ދަންނާށެވެ.) ފަހެ އެ މީހަކު މަގުފުރައްދާނޭ އެކަކުވެސް ނުވެއެވެ. ﷲ އީ ޢަޒީޒުވަންތަ، ބަދަލުހިއްޕެވުމުގެ ވެރި ރައްބުކަމުގައި ނުވޭހެއްޔެވެ؟
އަދި ހަމަކަށަވަރުން އުޑުތަކާއި، ބިންހެއްދެވީ ކާކުހޭ ކަލޭގެފާނު އެ މީހުންނާ ސުވާލު ކުރައްވާފިނަމަ، އެ މީހުން ބުނާނެކަން ކަށަވަރެވެ. ﷲ އެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން (ތިމަންކަލޭގެފާނަށް) ޚަބަރު ދީބަލާށެވެ! ﷲ، ތިމަންކަލޭގެފާނަށް ގެއްލުމަކަށް އިރާދަކުރައްވާފިނަމަ، ﷲ ފިޔަވާ ތިޔަބައިމީހުން އަޅުކަންކުރާތަކެއްޗަށް އެ ގެއްލުން ދުރުކޮށްދެވިދާނެހެއްޔެވެ؟ ނުވަތަ އެ އިލާހު، ތިމަންކަލޭގެފާނަށް ރަހުމަތަކަށް އިރާދަކުރައްވާފިނަމަ، އެ އިލާހުގެ ރަހުމަތް (އަޔަނުދީ) އެ ތަކެއްޗަށް ހިފެހެއްޓިދާނެހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނަށް ﷲ ފުދެއެވެ. ވަކީލުކުރާ މީހުން ވަކީލުކުރާހުށީ އެ އިލާހަށެވެ!
ކަލޭގެފާނު ވިދާޅުވާށެވެ: އޭ އަހަރެންގެ ގައުމުގެ މީހުންނެވެ. ތިޔަބައިމީހުން ތިބި ގޮތަށް ތިޔަބައިމީހުން އަމަލު ކޮށްބަލާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނު ވެސް (ތިމަންކަލޭގެފާނުގެ ގޮތުގައި) އަމަލު ކުރައްވާނަމެވެ. ފަހެ ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެއެވެ.
ނިކަމެތިކޮށްލަނިވި އަޒާބު އަންނާނީ ކާކަށްކަމާއި، އަދި ދެމިހުންނަނިވި އަޒާބު ލިބޭނީ ކާކަށްކަން (ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެއެވެ.)
ހަމަކަށަވަރުން ތިމަން އިލާހު މީސްތަކުންނަށް ޓަކައި ހައްގު ތެދާއިގެން ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. ފަހެ ތެދުމަގު ލިބިގެންފިމީހަކު، އެ ތެދުމަގު ލިބިގަންނަނީ އެ މީހެއްގެ އަމިއްލަ ނަފްސަށެވެ. އަދި މަގުފުރެދިއްޖެމީހަކު އެ މަގުފުރެދިގަންނަކަން ކަށަވަރީ، އެ މީހެއްގެ އަމިއްލަ ނަފްސުގެ މައްޗަށެވެ. އަދި އެ މީހުންގެ ކަންތައްތައް ހަވާލު ކުރައްވާފައިވާ ވަކީލަކު ކަމުގައި ކަލޭގެފާނު ނުވެއެވެ.
ނަފްސުތައް މަރުވާހިނދު، އެ ނަފްސުތަކުގެ ފުރާނަތަކާއި، މަރުނުވެ ނިދާވަގުތުގައި ނިދާމީހުންގެ ފުރާނަތައް ހިއްޕަވަނީ ﷲ އެވެ. ދެން މަރުވުމަށް ކަނޑައަޅުއްވާފިމީހެއްގެ ފުރާނަ، އެ އިލާހު ހިފަހައްޓަވައެވެ. އަދި އެނޫންމީހުންގެ ފުރާނަ، ކަނޑައެޅިގެންވާ މުއްދަތަކަށް (ހަށިތަކަށް) ފޮނުއްވައެވެ. ހަމަކަށަވަރުން އެ ކަންތަކުގައި ފިކުރުކުރާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ.
ނުވަތަ އެ މީހުން، ﷲ ފިޔަވާ އެހެން ޝަފާއަތްތެރިންތަކެއް ހޯދީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ. އެ ޝަފާއަތްތެރިންނަށް އެއްވެސް އެއްޗެއް މިލްކުވެގެންނުވާ، އަދި ބުއްދިއެއް ނުވާނަމަވެސްހެއްޔެވެ؟
ކަލޭގެފާނު ވިދާޅުވާށެވެ. ޝަފާއަތްތެރިކަންވަނީ، މުޅިންވެސް ﷲ އަށެވެ. އުޑުތަކާއި ބިމުގެ ވެރިކަން ވަނީވެސް އެ އިލާހަށެވެ. ދެން ތިޔަބައިމީހުން ރުޖޫއަ ކުރައްވާހުށީ، އެ އިލާހުގެ ހަޒްރަތަށެވެ.
ހަމައެކަނި ﷲ ގެ އިސްމުފުޅު ނަންގަނެވޭ ހިނދު، އާޚިރަތަށް އީމާން ނުވާމީހުންގެ ހިތްތަކަށް ފޫހިކަމާއި، ނަފްރަތު ކަން ލިބިގެންދެތެވެ. އަދި އެ އިލާހު ފިޔަވާ އެހެންތަކެތީގެ ނަން (އެބަހީ: ބުދުތަކުގެނަން) ގަނެވިއްޖެނަމަ، އެހާރުން އެ މީހުން އުފާވެގެންދެތެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. ޔާ ﷲ އެވެ! އިސްވެދިޔަ މިސާލަކާނުލާ އުޑުތަކާއި، ބިންތައް ހެއްދެވި އިލާހެވެ! ނުފެންނަ ކަންތަކާއި، ފެންނަކަންތައް ދެނެވޮޑިގެންވާ އިލާހެވެ! އިބަ އިލާހުގެ އަޅުތަކުންގެ މެދުގައި، އެ މީހުން ޚިލާފު ވެގެންއުޅުނު ކަންތަކުގެ މައްޗަށް ނިޔާކުރައްވާނީ އިބަ އިލާހެވެ.
އަނިޔާވެރިވި މީހުންނަށް، ބިމުގައި ވާހާ ތަކެއްޗާއި، އެއާއެކު އެޔާއެއްފަދަ ތަކެތި ލިބުނުކަމުގައިވީނަމަ، ގިޔާމަތް ދުވަހުގެ ގަދަފަދަ އަޒާބުން މުއްތިވުމަށް ޓަކައި، އެއިން ފިދުޔަ ދިނީހެވެ. އަދި އެ މީހުން ހީވެސްނުކުރާ ކަންތައް އެ ދުވަހުން ﷲ ގެ ހަޒްރަތުން އެ މީހުންނަށް ފާޅުވާނެއެވެ.
އެ މީހުން ހޯދި ނުބައި އަމަލުތަކުގެ ޖަޒާ އެ މީހުންނަށް ފާޅުވާހުއްޓެވެ. އަދި އެ މީހުން ފުރައްސާރަކޮށް އުޅުނު ކަންތައްތައް (އެބަހީ: އެ ކަމުގެ އަޒާބު) އެ މީހުން ވަށައިލާހުއްޓެވެ.
ފަހެ އިންސާނާއަށް އުނދަގުލެއް ޖެހޭ ހިނދު، ތިމަން އިލާހަށް އޭނާ ދުއާކުރެއެވެ. ދެން ތިމަން އިލާހުގެ ހަޒްރަތުން އޭނާއަށް ނިއުމަތެއް ދެއްވާފިނަމަ، އޭނާ ބުނެއެވެ. ތިމަންނައަށް އެ ނިއުމަތް ލިބިފައިވާކަން ކަށަވަރީ، ތިމަންގެ އިލްމުވެރިކަމުގެ ސަބަބުންނެވެ. އަދި ކިއެއް! އެއީ އިމްތިހާނެކެވެ. އެހެނެއްކަމަކު، އެ މީހުން ކުރެ ގިނަމީހުންނަކަށް (އެ ކަމެއް) ނޭނގެއެވެ.
އެ މީހުންގެކުރިން އުޅުނުމީހުންވެސް، ހަމަ އެފަދައިން ބުނެފައިވެއެވެ. ފަހެ އެ މީހުން ހޯދައިއުޅުނު މަންފާތައް، އެ މީހުންނަކަށް އެއްވެސްކަމެއް ފުއްދައެއްނުދިނެވެ.
ފަހެ އެ މީހުން ހޯދި ނުބައި އަމަލުތަކުގެ ޖަޒާ، އެ މީހުންގެ މައްޗަށް އައިސްޖެހުނެވެ. އަދި މިބައިމީހުންކުރެ (އެބަހީ: މައްކާގެ މުޝްރިކުންކުރެ) އަނިޔާވެރިވި މީހުން ހޯދި ނުބައި އަމަލުތަކުގެ ޖަޒާ ނިކަންހުރެ، އެ މީހުންގެ މައްޗަށް އައިސްޖެހޭނެއެވެ. އަދި (ﷲ) ނުކުޅައްދައި ރެކިގެން ދެވޭނޭބަޔަކު ކަމުގައި އެ މީހުން ނުވެއެވެ.
އަދި ހަމަކަށަވަރުން ﷲ އެ އިލާހު އިރާދަކުރައްވާ މީހަކަށް ރިޒްގު ތަނަވަސް ކުރައްވާ، އަދި (އެ އިލާހު އިރާދަކުރައްވާ މީހަކަށް ރިޒްގު) ދަތިކުރައްވާކަން އެ މީހުން ނުދަންނަނީހެއްޔެވެ؟ ހަމަކަށަވަރުން އީމާންވާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. އެ މީހުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ފާފައިން އިސްރާފު ކޮށްފައިވާ، ތިމަން އިލާހުގެ އަޅުތަކުންނޭވެ. ތިޔަބައިމީހުން ﷲ ގެ ރަހުމަތުން އުއްމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން ﷲ އީ، އެންމެހާ ފާފަތައްފުއްސަވާ އިލާހެވެ. ހަމަކަށަވަރުން އެ އިލާހީ އަލްޣަފޫރު، އައްރަޙީމެވެ.
އަދި ތިޔަބައިމީހުންގެ ރައްބަށް (ތައުބާވެ) ރުޖާއަވެ، އެ އިލާހަށް ކިޔަމަންވާށެވެ. (އެއީ) ތިޔަބައިމީހުންނަށް އަޒާބު އައުމުގެ ކުރިންނެވެ. ދެން ތިޔަބައިމީހުންނަކަށް ނަސްރެއް ނުލިބޭނެއެވެ.
އަދި ތިޔަބައިމީހުންގެ ރައްބުގެ ހަޒްރަތުން ތިޔަބައިމީހުންނަށް ބާވައިލެއްވި އެންމެމޮޅު ވަހީއަށް (އެބަހީ: ގުރްއާނަށް) ތިޔަބައިމީހުން ތަބާ ވާށެވެ. ތިޔަބައިމީހުންނަށް ނުވެސްއެނގި ތިއްބާ، ކުއްލިޔަކަށް ތިޔަބައިމީހުންނަށް އަޒާބު އައުމުގެ ކުރިންނެވެ.
ﷲ ގެ ފަރާތަށް (އަދާކުރަންޖެހޭ ވާޖިބުތަކުގައި) މިއަޅާ ފަރުވާކުޑަކުރި ކަމަށް ޓަކައި، މިއަޅާއަށްހުރި ހިތާމައިގެ ބޮޑުކަމާއޭ ތިޔަބައިމީހުންކުރެ މީހަކަށް ބުނަންޖެހިދާނެތީއެވެ. އަދި ހަމަކަށަވަރުން މިއަޅާވީ (ދީނަށް) ފުރައްސާރަކުރާ މީހުންގެ ތެރެއިންނެވެ.
ނުވަތަ ﷲ މިއަޅާއަށް ތެދުމަގު ދެއްކެވިނަމަ، މިއަޅާވީހީ، ތަގުވާވެރިންގެ ތެރެއިންކަން ކަށަވަރޭ އެ މީހަކު ބުނަންޖެހިދާނެތީއެވެ.
ނުވަތަ އެ މީހަކަށް އަޒާބު ފެނިގެން އަންނަހިނދު، މިއަޅާއަށް އަދި އެއްފަހަރު (ދުނިޔެއަށް) ރުޖޫއަ ވުމެއް ލިބޭނެނަމައޭ ބުނަންޖެހިދާނެތީއެވެ. ފަހެ އޭރުން މި އަޅާ ވާހުށީ، އިހްސާންތެރިންގެ ތެރެއިންނެވެ.
އެހެންނަކުންނޫނެވެ. ހަމަކަށަވަރުން ތިމަން އިލާހުގެ އާޔަތްތައް ކަލޭގެ ގާތަށްއައެވެ. ފަހެ ކަލޭ އެ އާޔަތްތައް ދޮގުކުރީމުއެވެ. އަދި ބޮޑާވެގަތީމުއެވެ. އަދި ކަލޭވީ، ކާފިރުންގެ ތެރެއިންނެވެ.
ﷲ އަށް ދޮގުހެދިމީހުންގެ މޫނުތައް އަނދިރިވެގެންވާތީ، ގިޔާމަތް ދުވަހުން ކަލޭ ދެކޭނެއެވެ. ކިބުރުވެރިން ތިބޭނެތަނެއް ނަރަކައިގައި ނުވޭހެއްޔެވެ؟
އަދި ﷲ، ތަގުވާވެރިވިމީހުން އެ މީހުންގެ ކާމިޔާބީއާއެކު ސަލާމަތް ކުރައްވާ ހުއްޓެވެ. އެ މީހުންނަކަށް އެއްވެސްކަހަލަ ނުބައިކަމެއް ނުޖެހޭނެތެވެ. އަދި ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް އެ މީހުން ނުވެއެވެ.
ﷲ އީ، ހުރިހާ އެއްޗެއް ހައްދަވާ އިލާހެވެ. އަދި އެ އިލާހީ، ކޮންމެ ކަމެއްގެ މައްޗަށް ބައްލަވާވޮޑިގެންވާ، ރައްކާތެރިކުރައްވާ އިލާހެވެ.
އުޑުތަކާއި، ބިމުގެ ތަޅުދަނޑިތައް މިލްކުވެވޮޑިގެންވަނީ އެ އިލާހަށެވެ. އަދި ﷲ ގެ އާޔަތްތަކަށް ކާފިރު ވިމީހުން (ދަންނާށެވެ.) ގެއްލެނިވެގެންވާ މީހުންނީ، ހަމަ އެ މީހުންނެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. އޭ ޖާހިލުތަކުންނޭވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ތިޔައަމުރުކުރަނީ، ﷲ ނޫންފަރާތަކަށް އަޅުކަންކުރުމަށްހެއްޔެވެ؟
ހަމަކަށަވަރުން ކަލޭގެފާނަށާއި، ކަލޭގެފާނުގެ ކުރީގެ ރަސޫލުންނަށް ވަހީ ކުރައްވާފައިވެއެވެ. ކަލޭގެފާނު ޝަރީކުކުރައްވާފިނަމަ، ކަލޭގެފާނުގެ އަމަލުތައް ބާތިލު ވެއްޖައީސްކަން ކަށަވަރެވެ. އަދި އޭރުން ކަލޭގެފާނު ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ.
އަދި ކިއެއް! ހަމައެކަނި ﷲ އަށް ކަލޭގެފާނު އަޅުކަން ކުރައްވާށެވެ. އަދި ޝުކުރުކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ.
ﷲ އަށް ގަދަރުކުރުން ހައްގު ވެގެންވާ ގޮތުގައި، އެ މީހުން އެ އިލާހަށް ގަދަރެއް ނުކުރެއެވެ. އަދި ގިޔާމަތް ދުވަހު މުޅި ބިން ވާނީ އެ އިލާހު މުށްޕުޅުގައެވެ. އަދި އުޑުތައް ފަށްޖަހައިލައްވާފައިވާ ވާނީ އެ އިލާހުގެ ކަނާތްޕުޅުގައެވެ. އެ މީހުން ޝަރީކުކުރާ ތަކެތިން އެ އިލާހު ހުސްތާހިރުވެ، މަތިވެރިވެ ވޮޑިގެންވެއެވެ.
ތާޅަފިލި ފުމެލައްވާހުއްޓެވެ. ދެން އުޑުތަކާއި، ބިމުގައި ވާހާ ބަޔަކު ހޭނެތި މަރުވެދާހުއްޓެވެ. ﷲ އިރާދަ ކުރެއްވި މީހަކު މެނުވީއެވެ. ދެން އަނެއްފަހަރު ފުމެލައްވާހުއްޓެވެ. ފަހެ އެހާރުން އެ މީހުން ތެދުވެ (މަހުޝަރު ބިމުގައި) ބަލަބަލައި ތިބޭނެތެވެ.
އަދި ބިން، އެ ބިމުގެ ރައްބުގެ ނޫރުފުޅުން އަލިވެގެންދާނެއެވެ. އަދި އަމަލުތަކުގެ ފަތް (ހުޅުވާލައްވާފައި) ބާއްވަވާނެއެވެ. އަދި ނަބިއްޔުންނާއި، ހެކިވެރިން ހާޒިރުކުރައްވާނެއެވެ. އަދި އެ މީހުންގެ މެދުގައި ހައްގަށް ނިޔާކުރައްވާނެއެވެ. އަދި އެ މީހުންނަކަށް ބޭއިންސާފެއް ނުކުރައްވާހުއްޓެވެ.
އަދި ކޮންމެ ނަފްސަކަށްމެ، އެ ނަފްސެއް ކޮށްފައިވާ އަމަލެއް (ގެ ޖަޒާ) ފުރިހަމައަށް ލިބޭނެއެވެ. އެ އިލާހީ، އެ މީހުން ކުރާކަންތައް އެންމެމޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
އަދި ކާފިރު ވިމީހުން ބައިބަޔަށް ނަރަކަޔާދިމާއަށް ލަވައި ގެންދަވާނެއެވެ. އެ މީހުންނަށް ނަރަކައިގެ ކައިރިއަށް އާދެވޭ ހިނދު، އެތާނގެ ދޮރުތައް ހުޅުއްވާނެއެވެ. އަދި އެ ނަރަކައިގެ ބަނޑޭރިން، އެ މީހުންނަށް ވިދާޅުވާނެއެވެ. ތިޔަބައިމީހުންގެ ރައްބުގެ އާޔަތްތައް، ތިޔަބައިމީހުންނަށް ކިޔައިދެއްވާނޭ، އަދި ތިޔަބައިމީހުން މިދުވަހާ ބައްދަލުވާނޭކަމުގެ އިންޒާރުކުރައްވާނޭ ރަސޫލުން ތިޔަބައިމީހުންގެ ތެރެއިން، ތިޔަބައިމީހުންގެ ގާތަކަށް ވަޑައެއްނުގަނޭހެއްޔެވެ؟ އެ މީހުން ދަންނަވާނެއެވެ. އެހެންނަކުންނޫނެވެ. (ވަޑައިގަތެވެ.) އެހެނެއްކަމަކު، އަޒާބުގެ ބަސްފުޅު ކާފިރުންގެ މައްޗަށް ހައްގު ވެއްޖެއެވެ.
އަންގަވާހުއްޓެވެ. އެ ތާނގައި ދެމިތިބެނިވިގޮތުގައި، ތިޔަބައިމީހުން ނަރަކައިގެ ދޮރުތަކުން ވަންނާށެވެ! ފަހެ (އެއީ) ކިބުރުވެރިވެގެންވާމީހުން ތިބުމަށް ހާދަހާ ނުބައިވެގެންވާ ތަނެކެވެ.
އަދި އެ މީހުންގެ ރައްބަށް ތަގުވާވެރިވިމީހުން، ބައިބަޔަށް ސުވަރުގެޔާދިމާއަށް (މާތްކޮށް ހިތުމާއެކު) ލަވައި ގެންދަވާނެއެވެ. އަދި އެ ސުވަރުގޭގެ ކައިރިއަށް، އެ މީހުންނަށް އާދެވޭ ހިނދު، އެތާނގެ ދޮރުތައް ހުޅުއްވާފައި ހުންނާނެއެވެ. އަދި އެތާނގެ ބަނޑޭރިން އެ މީހުންނަށް ވިދާޅުވާނެއެވެ. ތިޔަބައިމީހުންގެ މައްޗަށް ސަލާމް ހުއްޓެވެ. ތިޔަބައިމީހުން ރަނގަޅަށް އުޅެފީމުއެވެ. ފަހެ އެ ސުވަރުގޭގައި ދެމިތިބެނިވިގޮތުގައި ތިޔަބައިމީހުން އެތަނަށް ވަންނާށެވެ!
އަދި އެ މީހުން ބުނާނެއެވެ. ހަމްދު ހުރީ ﷲ އަށެވެ. އެ އިލާހީ، އަޅަމެންނަށް އެ އިލާހު ކުރެއްވި ވައުދު ތެދުކުރެއްވި އިލާހެވެ. އަދި އަޅަމެން އެދޭތަނެއްގައި ސުވަރުގޭގައި ތިބުމަށް އެ އިލާހު އަޅަމެންނަށް ސުވަރުގޭގެ ބިން ވާރުތަކުރެއްވިއެވެ. ފަހެ ހެޔޮ އަމަލުކުރާ މީހުންނަށްހުރި ދަރުމައިގެ މޮޅުކަމާއެވެ.
އަދި މަލާއިކަތުން އެ މީހުންގެ ރައްބަށް ހަމްދާއެކު ތަސްބީހަ ދަންނަވާ ހާލު، ޢަރްޝުގެ ވަށައިގެން ތިއްބަވާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. އަދި އެ މީހުންގެ މެދުގައި (އެބަހީ: އެންމެހާ އަޅުތަކުންގެ މެދުގައި) ހައްގަށް ނިޔާކުރައްވާނެއެވެ. އަދި އަންގަވާނެއެވެ. ހަމްދު ހުރީ އާލަމްތަކުގެ ރައްބު، ﷲ އަށެވެ.