ޣާފިރު

Ghafir

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
ޙާ މީމް. (މި އަކުރުތަކުގެ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.)
2
މިއީ ޢަޒީޒުވަންތަ، މޮޅަށް ދެނެވޮޑިގެންވާ ﷲ ގެ ހަޒްރަތުން ބާވައިލެއްވި ފޮތެވެ.
3
(އެ އިލާހީ) ފާފަ ފުއްސަވާ، ތައުބާ ގަބޫލު ކުރައްވާ، އުގޫބާތް ގަދަފަދަ، ނިއުމަތްތަކުގެ ވެރި ރައްބެވެ. އެ އިލާހު މެނުވީ (އަޅުކަންކުރުން ހައްގުވާ) އިލާހަކު ނުވެއެވެ. (އެންމެހާ ތަކެތި) ރުޖޫއަ ވުންވަނީ އެ އިލާހުގެ ހަޒްރަތަށެވެ.
4
ކާފިރު ވިމީހުން މެނުވީ، ﷲ ގެ އާޔަތްތަކާމެދު ޖަދަލުކޮށެއް ނަހަދައެވެ. ފަހެ އެ މީހުން ރަށްތަކުގައި އެ ގޮތްމިގޮތަށް އުޅުން (އެބަހީ: އެ މީހުން ހިތުހުރިގޮތަކަށް އުފަލާއި އަރާމުގައި އުޅުން) ކަލޭގެފާނު ހެއްލުންތެރިކުރުވިޔަ ނުދޭހުށިކަމެވެ.
5
އެ މީހުންގެ ކުރިން ނޫޙުގެފާނުގެ ގައުމުގެ މީހުންނާއި، އޭގެފަހުންވެސް ގުޅިގެން އުޅުނު ޖަމާއަތްތަކުގެ މީހުން (ރަސޫލުން) ދޮގުކުރިއެވެ. އަދި ކޮންމެ އުއްމަތެއްގެ ބަޔަކު، އެބަޔެއްގެ ރަސޫލަކު (ނެތިކޮށްލުމަށް ޓަކައި) އަތުލައިގަތުމަށް އުޅުނެވެ. އަދި އެ މީހުން ބާތިލު ގޮތުގައި (ރަސޫލުންނާ) ޖަދަލުކުރިއެވެ. (އެއީ) އެ ބާތިލު ގޮތް މެދުވެރިކޮށް ހައްގު ގޮތް ނައްތައިލުމަށެވެ. ދެން ތިމަން އިލާހު އުގޫބާތް ދެއްވާ، އެ މީހުން ހިއްޕެވީމެވެ. ފަހެ ތިމަން އިލާހުގެ އުގޫބާތް ދެއްވުންވީ، ކޮންފަދައަކުންހެއްޔެވެ؟
6
ކާފިރު ވިމީހުންގެ މައްޗަށް، ހަމަކަށަވަރުން އެ މީހުންނަކީ، ނަރަކައިގެ އަހުލުވެރިންކަމަށް ކަލޭގެފާނުގެ ރައްބުގެ ކަލިމަފުޅު ހައްގު ވެގެންވަނީ އެފަދައިންނެވެ.
7
ޢަރްޝު އުފުއްލަވާ މަލާއިކަތުންނާއި، އޭގެވަށައިގެންވާ މަލާއިކަތުން އެ މީހުންގެ ރައްބަށް ހަމްދާއެކު ތަސްބީހަ ދަންނަވައެވެ. އަދި އެ އިލާހަށް އީމާން ވެއެވެ. އަދި އީމާންވި މީހުންނަށް ފާފަ ފުއްސެވުމަށް ދުއާ ކުރައްވައެވެ. އަޅަމެންގެ ރައްބެވެ. އިބަ އިލާހުގެ ރަހުމަތާއި، ދެނެވޮޑިގަތުން ހުރިހާ އެއްޗެއްގެ މައްޗަށް ތަނަވަސްވެގެންވެއެވެ. ފަހެ ތައުބާވެ، އިބަ އިލާހުގެ މަގަށް ތަބާވީ މީހުންނަށް ފާފަ ފުއްސަވާނދޭވެ. އަދި ނަރަކައިގެ އަޒާބުން އެ މީހުން މުއްތިކުރައްވާނދޭވެ.
8
އަޅަމެންގެ ރައްބެވެ. އެ މީހުންނަށް އިބަ އިލާހު ވައުދު ކުރައްވާފައިވާ ޢަދްނު ކިޔުނު ސުވަރުގެތަކަށް އެ މީހުން ވައްދަވާނދޭވެ. އެ މީހުންގެ މައިންބަފައިންނާއި، އެ މީހުންގެ އަނބީންނާއި، އެ މީހުންގެ ދަރިންކުރެ ސާލިހުވި މީހުންނާ އެކުގައެވެ. ހަމަކަށަވަރުން އިބަ އިލާހީ ޢަޒީޒުވަންތަ، ޙަކީމްވަންތަ އިލާހެވެ.
9
އަދި ނުބައިކަންތަކުން އެ މީހުން ސަލާމަތް ކުރައްވާނދޭވެ. އަދި އިބަ އިލާހު އެ ދުވަހުން، ނުބައިކަމުން ސަލާމަތް ކުރައްވާ މީހަކީ، އިބަ އިލާހު ރަހުމަތް ލެއްވި މީހެއްކަން ކަށަވަރެވެ. ބޮޑުވެގެންވާ ނަސީބު ލިބުމަކީ ހަމައެއީއެވެ.
10
ހަމަކަށަވަރުން ކާފިރު ވިމީހުންނަށް (އެ ދުވަހުން) ގޮވައިލައްވާނެއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ތިޔަބައިމީހުން ނަފުރަތުވާ ވަރަށްވުރެ، ﷲ ގެ ކޯފާވެ ވޮޑިގަތުން މާ ބޮޑެވެ. އެހެނީ ތިޔަބައިމީހުންނަށް އީމާން ވުމަށް ގޮވައިލައްވާހިނދު، ތިޔަބައިމީހުން ކާފިރު ވަމުއެވެ.
11
އެ މީހުން ދަންނަވާނެއެވެ. އަޅަމެންގެ ރައްބެވެ. އިބަ އިލާހު އަޅަމެން ދެފަހަރަށް މަރުގަންނަވައި، ދެފަހަރަށް ދިރުއްވައިފީމުއެވެ. ފަހެ އަޅަމެންގެ ފާފަތަކަށް، އަޅަމެން އިޢުތިރާފް ވެއްޖައީމުއެވެ. ފަހެ އަޅަމެންނަށް (މި އަޒާބުން) ނުކުމެވޭނޭ އެއްވެސް މަގެއް ވޭތޯއެވެ؟ (ނޯޓު: ފުރަތަމަ ފަހަރުގެ މަރަކީ، ނެތުމުގެ ތެރޭގައި އެ މީހުން ވީހިނދެވެ. ދެވަނަފަހަރުގެ މަރަކީ، އަޖަލު ހަމަވެގެން ދުނިޔޭގައިވީ މަރެވެ. ފުރަތަމަ ފަހަރުގެ ދިރުއްވުމަކީ، ދުނިޔެއަށް ފޮނުއްވުމެވެ. ދެވަނަފަހަރުގެ ދިރުއްވުމަކީ، މަހުޝަރަށް ފޮނުއްވުމަށް ދިރުއްވުމެވެ.)
12
(ޖަވާބުގައި އަންގަވާނެއެވެ.) އެއީ ހަމައެކަނި ﷲ އަށް އަޅުކަން ކުރުމަށް ގޮވައިލެއްވި ހިނދު، ތިޔަބައިމީހުން ކާފިރުވި ކަމަށް ޓަކައެވެ. އަދި އެ އިލާހަށް ޝަރީކުކުރާ ހިނދު، ތިޔަބައިމީހުން (އެ ކަމަށް) އީމާން ވާކަމަށް ޓަކައެވެ. ފަހެ ހުކުމް ކުރެއްވުން ވަނީ މަތިވެރިވަންތަ، ބޮޑުވެގެންވާ ﷲ އަށެވެ.
13
އެ އިލާހީ، ތިޔަބައިމީހުންނަށް އެ އިލާހުގެ (ކުޅަދުންވަންތަކަމުގެ) ހެކިތައް ދައްކަވާ، އަދި އުޑުން ތިޔަބައިމީހުންނަށް ޓަކައި ރިޒްގު (އެބަހީ: އޭގެ ސަބަބު ކަމުގައިވާ ވާރޭ) ބާވައިލައްވާ އިލާހެވެ. އަދި (ތައުބާވެ) ރުޖޫއަވާ މީހަކު މެނުވީ (އެ ކަމުން) ނަސޭހަތް ލިބިނުގަނެއެވެ.
14
ފަހެ ތިޔަބައިމީހުން ﷲ އަށް ދުއާކޮށް، އަޅުކަން ކުރާށެވެ! އެ އިލާހަށް އަޅުކަން ޚާލިސްކުރާ ހާލުގައެވެ. ކާފިރުތަކުން ނުރުހުނު ކަމުގައި ވިޔަސްމެއެވެ.
15
އެ އިލާހީ ދަރަޖަތައް އުފުލިގެންވާ އަދި ޢަރްޝުގެ ވެރި އިލާހެވެ. އެ އިލާހުގެ އަޅުންކުރެ އެ އިލާހު އިރާދަކުރައްވާ އަޅަކަށް (އެބަހީ: ރަސޫލަކަށް)، އެ އިލާހުގެ އަމުރުފުޅަށް ވަހީ ފޮނުއްވައެވެ. އެއީ އެ އިލާހާ ބައްދަލުވާނޭ ދުވަހާމެދު، އެ ރަސޫލަކު އިންޒާރުކުރެއްވުމަށް ޓަކައެވެ.
16
އެ ދުވަހުން އެ މީހުން ފާޅުވެ ފެންނާނެއެވެ. އެ މީހުންގެ އެއްވެސް ކަމެއް، ﷲ އަށް ވަންހަނާވެގެނެއް ނުވާނެއެވެ. (އެ ދުވަހުން، ﷲ ވަހީ ކުރައްވާނެއެވެ.) މިއަދު ވެރިކަންއޮތީ ކާކަށްހެއްޔެވެ؟ (ޚުދު އެ އިލާހު ޖަވާބުދެއްވާނެއެވެ.) އެއްކައުވަންތަ، ގައްހާރުވަންތަ ﷲ އަށެވެ.
17
މިއަދު (އެބަހީ: ގިޔާމަތް ދުވަހު) ކޮންމެ ނަފްސަކަށްމެ، އެނަފްސެއް ހޯދިކަމެއްގެ ޖަޒާދެއްވާނެއެވެ. މިއަދު އެއްވެސް ބޭއިންސާފެއް ނެތެވެ. ހަމަކަށަވަރުން ﷲ އީ ހިސާބު ބެއްލެވުން އަވަސްވެވޮޑިގެންވާ އިލާހެވެ.
18
ކައިރިވަމުންއަންނަ ދުވަހާމެދު، ކަލޭގެފާނު އެ މީހުންނަށް އިންޒާރުކުރައްވާށެވެ. މޮޅިޔާއި، ހިތާމައިން ފުރިގެންވާ ހާލު، ހިތްތައް ކަރުތެރެއަށް އަރައިގެން އަންނަހިނދެވެ. (އެ ދުވަހުން) އަނިޔާވެރިންނަކަށް ރަހުމަތްތެރިޔަކު ނުވަތަ ކިޔަމަންގަނެވޭ ޝަފާއަތްތެރިޔަކުވެސް ނުވެއެވެ.
19
ލޮލުގެ ޚިޔާނަތްތެރި ބެލުންތަކާއި، ހިތްތަކުގައި ފޮރުވިފައިވާ ކަންތައް އެ އިލާހު ދެނެވޮޑިގެންވެއެވެ.
20
ﷲ، ހައްގަށް ނިޔާކުރައްވައެވެ. އަދި އެ އިލާހު ފިޔަވާ، އެ މީހުން އަޅުކަންކޮށްއުޅޭތަކެއްޗަށް، އެއްވެސް ނިޔާއެއް ކަނޑައެއް ނޭޅޭނެއެވެ. ހަމަކަށަވަރުން ﷲ އީ އައްސަމީޢުލް ބަޞީރެވެ. (އައްސަވާވޮޑިގެންވާ، ބައްލަވާވޮޑިގެންވާ އިލާހެވެ.)
21
އަދި ބިމުގައި ދަތުރުފަތުރުކޮށް، އެ މީހުންގެ ކުރިން އުޅުނުމީހުންގެ ނިމުންވީ، ކޮންފަދައަކުންކަން ފަހެ އެ މީހުން ނުބަލަނީހެއްޔެވެ؟ އެ މީހުންނަށްވުރެ ބާރުގަދަ، އަދި ބިމުގައި އެ މީހުންގެ އަސަރުތައް ވަރުގަދަ ބަޔަކު ކަމުގައި އެ މީހުން (އެބަހީ: ކުރިން އުޅުނު މީހުން) ވިއެވެ. ފަހެ އެ މީހުންގެ ފާފަތަކުގެ ސަބަބުން، ﷲ، އެ މީހުން ހަލާކުކުރެއްވިއެވެ. އަދި ﷲ ގެ އަޒާބުން ރައްކާތެރި ކޮށްދޭނޭ އެކަކުވެސް، އެ މީހުންނަކަށް ނުވެއެވެ.
22
އެއީ އެ މީހުންގެ ގާތަށް، އެ މީހުންގެ ރަސޫލުން ފާޅުވެގެންވާ ހެކިތަކާއިގެން ވަޑައިގަތުމުން، އެ މީހުން އެ ބޭކަލުންނަށް ކާފިރު ވީތީއެވެ. ދެން ﷲ އެ މީހުން ހަލާކުކުރެއްވިއެވެ. ހަމަކަށަވަރުން އެ އިލާހީ، ގަދަފަދަވަންތަ، އުގޫބާތް ގަދަފަދަވެގެންވާ އިލާހެވެ.
23
ހަމަކަށަވަރުން ތިމަން އިލާހުގެ އާޔަތްތަކާއި، ފާޅުވެގެންވާ ދަލީލަކާއިގެން ތިމަން އިލާހު، މޫސާގެފާނު ފޮނުއްވީމެވެ.
24
ފިރްޢައުނާއި، ހާމާނާއި، ގާރޫނުގެ ގާތަށެވެ. ފަހެ އެ މީހުން ބުންޏެވެ. (މިއީ) ބޮޑު ދޮގުވެރި ޖާދޫގަރެކެވެ.
25
ފަހެ ތިމަން އިލާހުގެ ހަޒްރަތުން ހައްގު ތެދުމަގާއިގެން އެ މީހުންގެ ގާތަށް އެކަލޭގެފާނު ވަޑައިގަތްހިނދު، އެ މީހުން ބުންޏެވެ. އެކަލޭގެފާނުގެ އަރިހުގައި އީމާން ވެގެން ތިބި މީހުންގެ ފިރިހެން ދަރިން މަރާށެވެ. އަދި އެ މީހުންގެ އަންހެންވެރިން (ނުމަރައި ޚިދުމަތްކުރަން) ބައިތިއްބާށެވެ. ކާފިރުންގެ މަކަރުވެރި ރޭވުންތައް، ފުރެދުމެއްގެ ތެރޭގައި މެނުވީ ނުވެއެވެ.
26
ފިރްޢައުނު ބުންޏެވެ. މޫސާގެފާނު އަވަހާރަކޮށްލުމަށް ތިޔަބައިމީހުން ތިމަން ދޫކޮށްލާށެވެ! އަދި އެކަލޭގެފާނުގެ ރައްބަށް އެކަލޭގެފާނު ދުއާ ކުރައްވާށެވެ. ހަމަކަށަވަރުން އެކަލޭގެފާނު ތިޔަބައިމީހުންގެ ދީން ބަދަލު ކުރައްވާފާނެކަމަށް ނުވަތަ ބިމުގައި ފަސާދަވެރިކަން ފަތުރުއްވައިފާނެކަމަށް ތިމަން ބިރުގަނެއެވެ.
27
މޫސާގެފާނު ވިދާޅުވިއެވެ! ހަމަކަށަވަރުން ހިސާބު ބައްލަވާ ދުވަހަށް އީމާން ނުވާ ކޮންމެ ކިބުރުވެރިޔެއްގެ ކިބައިން ސަލާމަތް ކުރެއްވުންއެދި އަހަރެންގެ ވެރި އަދި ތިޔަބައިމީހުންގެ ވެސް ރައްބުގެ ހަޒްރަތުން ރައްކާތެރިކަން ލިބިގަންނަމެވެ.
28
ފިރްޢައުނުގެ ޚާންދާނުގެ މީހުންކުރެ އީމާންކަން ވަންހަނާކޮށްގެންހުރި މުއުމިނު ފިރިހެނަކު ބުންޏެވެ. ތިޔަބައިމީހުން ފިރިހެނަކު (އެބަހީ: މޫސާގެފާނު) ތިޔަ ގަތުލުކުރަން އުޅެނީ ތިމަންގެ ރައްބަކީ، ﷲ އޭ އެކަލޭގެފާނު ވިދާޅުވާތީހެއްޔެވެ؟ ހަމަކަށަވަރުން އެކަލޭގެފާނު ތިޔަބައިމީހުންގެ ގާތަށް ވަޑައިގަތީ، ތިޔަބައިމީހުންގެ ރައްބުގެ ހަޒްރަތުން ފާޅުވެގެންވާ ހެކިތަކާއިގެންނެވެ. އަދި އެކަލޭގެފާނު ދޮގުވެރިޔެއް ކަމުގައިވާނަމަ، އެކަލޭގެފާނުގެ ދޮގުގެ ގެއްލުންހުރީ ހަމައެކަލޭގެފާނަށެވެ. އަދި އެކަލޭގެފާނީ ތެދުވެރިޔެއްކަމުގައިވާނަމަ، އެކަލޭގެފާނު ތިޔަބައިމީހުންނަށް އެ ވައުދު ކުރައްވާ ކަންތަކުން ބައެއް ތިޔަބައިމީހުންނަށް ޖެހޭނެތެވެ. ހަމަކަށަވަރުން އިސްރާފުކުރާ ބޮޑުދޮގުވެރިޔެއްކަމުގައިވާ މީހަކަށް، ﷲ ތެދުމަގެއް ނުދައްކަވާނެއެވެ.
29
އޭ އަހަރެންގެ ގައުމުގެ މީހުންނެވެ. މިއަދު ވެރިކަމާއި، ބިމުގައި ބާރުލިބިފައިވަނީ ތިޔަބައިމީހުންނަށެވެ. ފަހެ ﷲ ގެ ބާރުގަދަކަން ތިމަންމެންނަށް އަތުވެއްޖެނަމަ، އެއާ ދެކޮޅަށް ތިމަންމެންނަށް ނަސްރުދޭނީ ކާކުހެއްޔެވެ؟ ފިރްޢައުނު ބުންޏެވެ. ތިމަންނާއަށް ފެންނަ އެއްޗެއް މެނުވީ، ތިޔަބައިމީހުންނަކަށް ތިމަން ނުދައްކަމެވެ. އަދި ރަނގަޅު މަގަށް މެނުވީ، ތިޔަބައިމީހުންނަކަށް ތިމަންނަ މަގެއް ނުދައްކަމެވެ.
30
އަދި އީމާންވި މީހާ ބުންޏެވެ. އޭ އަހަރެންގެ ގައުމުގެ މީހުންނެވެ. ކާފިރު ޖަމާއަތްތަކަށް އަޒާބު އައި ދުވަސްފަދަ ދުވަހެއް، ތިޔަބައިމީހުންނަށް އަތުވެދާނެކަމަށް އަހަރެން ބިރުގަންނަމެވެ.
31
ނޫޙުގެފާނުގެ ގައުމުގެ މީހުންނާއި، ޢާދު ބާގައިމީހުންނާއި، ޘަމޫދު ބާގައިމީހުންނާއި، އެ މީހުންގެ ފަހުން އުޅުނު މީހުންގެ އާދަފަދައިންނެވެ. އަދި ﷲ، އެ އިލާހުގެ އަޅުންނަށް ބޭއިންސާފަކަށް އިރާދައެއް ނުކުރައްވައެވެ.
32
އަދި އޭ އަހަރެންގެ ގައުމުގެ މީހުންނެވެ. ހަމަކަށަވަރުން އެއްބަޔަކު އަނެއް ބަޔަކަށް ގޮވާ ދުވަހާމެދު (އެބަހީ: ގިޔާމަތް ދުވަހާމެދު) ތިޔަބައިމީހުންގެ މައްޗަށް އަހަރެން ބިރުވެތިވަމެވެ.
33
(އެއީ) ތިޔަބައިމީހުން އެނބުރި ފުރަގަސްދީދާނެ ދުވަހެވެ. ﷲ ގެ އަޒާބުން ތިޔަބައިމީހުން ރައްކާތެރި ކޮށްދޭނޭ އެކަކުވެސް ތިޔަބައިމީހުންނަކަށް ނުވެއެވެ. އަދި ﷲ މަގުފުރައްދަވާ މީހަކަށް ތެދުމަގުދައްކާނޭ އެކަކުވެސް ނުވެއެވެ.
34
ހަމަކަށަވަރުން ތިޔަބައިމީހުންގެ ގާތަށް ފާޅުވެގެންވާ ހެކިތަކާއެކު، މީގެކުރިން ޔޫސުފުގެފާނު ވަޑައިގަތެވެ. ފަހެ އެކަލޭގެފާނު އެ އެއްޗަކާއިގެން ވަޑައިގަތް އެއްޗަކާމެދު ތިޔަބައިމީހުން ޝައްކުކަމެއްގައި ދެމި ތިބީމުއެވެ. އެކަލޭގެފާނު އަވަހާރަވެއްޖައުމަށް ދާންދެނެވެ. އެ ހިނދު ތިޔަބައިމީހުން ބުނީމުއެވެ. އެކަލޭގެފާނަށް ފަހު ﷲ، ރަސޫލަކު ނުފޮނުއްވާނެއެވެ. އިސްރާފުކޮށް، ޝައްކުކުރުން ގިނަކަމުގައިވާމީހާ، ﷲ މަގުފުރައްދަވަނީ އެފަދައިންނެވެ.
35
އެ މީހުންނީ، ﷲ ގެ އާޔަތްތަކާމެދުގައި އެ މީހުންނަށް ލިބިފައިވާ އެއްވެސް ދަލީލަކާނުލާ ޖަދަލުކުރާ މީހުންނެވެ. ﷲ ގެ ހަޒްރަތުގައްޔާއި، އީމާންވި މީހުންގެ ގާތުގައި އެ ކަމަށްހުރި ނުރުހުން ބޮޑުވެގެންވެއެވެ. ކޮންމެ ކިބުރުވެރި ޖައްބާރަކުގެ ހިތުގައި ﷲ ސިއްކަޖައްސަވަނީ އެފަދައިންނެވެ.
36
ފިރްޢައުނު ބުންޏެވެ. އޭހާމާނެވެ. އަހަރެންނަށް އުސްގަނޑުވަރެއް ބިނާކޮށްދޭށެވެ! އެއީ އަހަރެންނަށް މަގުތަކެއް ފެނޭތޯއެވެ.
37
އެއީ އުޑުތަކުގެ މަގުތަކެވެ. މޫސާގެފާނުގެ އިލާހު، އަހަރެންނަށް ފެނޭތޯއެވެ. އަދި ހަމަކަށަވަރުން އަހަރެންނަށް ހީވަނީ އެކަލޭގެފާނީ ދޮގުވެރިޔެއް ކަމަށެވެ. އަދި ހަމަ އެފަދައިން، ފިރްޢައުނަށް އޭނާގެ ނުބައި އަމަލުތައް ޒީނަތްތެރި ކޮށްދެއްވިއެވެ. އަދި ސީދާމަގުން އެއްކިބާކޮށްލެއްވިއެވެ. އަދި ފިރްޢައުނުގެ މަކަރުވެރި ރޭވުން، ގެއްލުމާއި، ހަލާކެއްގައި މެނުވީ ނުވެއެވެ.
38
އަދި އީމާންވި މީހާ ބުންޏެވެ. އޭ އަހަރެންގެ ގައުމުގެ މީހުންނެވެ. ތިޔަބައިމީހުން އަހަރެންނަށް ތަބާވާށެވެ. އޭރުން ތިޔަބައިމީހުންނަށް ރަނގަޅު މަގަށް އަހަރެން މަގު ދައްކާހުށީމެވެ.
39
އޭ އަހަރެންގެ ގައުމުގެ މީހުންނެވެ. މި ދުނިޔޭގެ ދިރިއުޅުން ވާކަންކަށަވަރީ، ވަގުތީ އަރާމެއް ކަމުގައެވެ. އަދި ހަމަކަށަވަރުން އާޚިރަތަކީ ގަރާރުވެ ދެމިހުންނަނިވި ގޮވައްޗެވެ.
40
ނުބައިކަމެއް ކޮށްފިމީހަކަށް، ފަހެ އެ ނުބައިކަމާ އެއްފަދަ ޖަޒާއެއް މެނުވީ ނުލިބޭނެއެވެ. އަދި ފިރިހެނުންކުރެ، ނުވަތަ އަންހެނުންކުރެންވިޔަސް، އީމާން ވެގެންހުރެ ސާލިހު އަމަލު ކޮށްފިމީހާ (ދަންނާށެވެ.) ފަހެ އެ މީހުން ސުވަރުގެއަށް ވަންނާނެއެވެ. އެ ތާނގައި ހިސާބެއްނެތި އެ މީހުންނަށް ރިޒްގު ލިބޭނެއެވެ.
41
އޭ އަހަރެންގެ ގައުމުގެ މީހުންނެވެ. އަހަރެން ތިޔަބައިމީހުންނަށް ސަލާމަތްވުމަށް ގޮވާއިރު، ތިޔަބައިމީހުން އަހަރެންނަށް ނަރަކައަށް ދިޔުމަށް ތިޔަގޮވަނީ ކީއްވެގެންހެއްޔެވެ؟
42
ތިޔަބައިމީހުން އަހަރެންނަށް ގޮވަނީ، ﷲ އަށް ކާފިރު ވުމަށާއި، އަހަރެންނަށް އެނގިގެންނުވާ އެއްޗެތި އެ އިލާހަށް ޝަރީކުކުރުމަށެވެ. އަހަރެން ތިޔަބައިމީހުންނަށް ގޮވަނީ، ޢަޒީޒުވަންތަ، ގިނަގިނައިން ފާފަ ފުއްސަވާ އިލާހުގެ ހަޒްރަތަށެވެ.
43
ޝައްކެއް ނެތެވެ! ތިޔަބައިމީހުން އަހަރެން އަޅުކަންކުރުމަށް ތިޔަގޮވަނީ ދުނިޔޭގައިވެސް، އަދި އާޚިރަތުގައިވެސް އެއަށް ގޮވުން ހައްގު ވެގެންވާ އެއްޗަކަށް ނޫނެވެ. އަދި އަހުރެމެން އެނބުރިދާހުށީ، ﷲ ގެ ހަޒްރަތަށެވެ. (ފުރެދުމުގައި) ހައްދުފަހަނަޅައިދާ މީހުންނީ، ހަމަ ނަރަކައިގެ އަހުލުވެރިންނެވެ.
44
ފަހެ އަހަރެން ތިޔަބައިމީހުންނަށް މިބުނާ އެއްޗެއް ނިކަންހުރެ ތިޔަބައިމީހުން ހަނދާންކުރާނެއެވެ. އަދި އަހަރެންގެ ހުރިހާ ކަމެއް ﷲ އަށް އަހަރެން ވަކީލުކުރަމެވެ. ހަމަކަށަވަރުން ﷲ އީ، އަޅުތަކުންގެ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.
45
ފަހެ އެ މީހުންގެ ނުބައި މަކަރުވެރި ރޭވުންތަކުން ﷲ އޭނާ ސަލާމަތްކުރެއްވިއެވެ. އަދި އެންމެނުބައި އަޒާބު، ފިރްޢައުނުގެ މީހުން ވަށައިލިއެވެ.
46
އެ މީހުން ހެނދުނާއި، ހަވީރު އަލިފާނަށް (އެބަހީ: ކަށްވަޅުގެ އަޒާބަށް) ހުށަހަޅުއްވާނެއެވެ. އަދި ގިޔާމަތުގެ ވަގުތު އަންނަދުވަހު (މަލާއިކަތުންނަށް އަންގަވާނެއެވެ.) ފިރްޢައުނުގެ މީހުން އެންމެގަދަފަދަވެގެންވާ އަޒާބަށް (އެބަހީ: ނަރަކައަށް) ވައްދަވާށެވެ.
47
އަދި ނަރަކައިގައި އެ މީހުން (އެބަހީ: ކާފިރުން) އެކަކު އަނެކަކާ އަރާރުންވާނޭ ހިނދު، ހަނދުމަކުރާށެވެ! ފަހެ (އެ މީހުން ކުރެ) ނިކަމެތިން، ބޮޑާވެގަތް ބޮޑުންނަށް ބުނާނެއެވެ. ހަމަކަށަވަރުން ތިމަންމެންވީ ތިޔަބައިމީހުންނަށް ތަބާ ވެގެންނެވެ. ފަހެ މި އަލިފާނުން ބައެއްނަމަވެސް، ތިމަންމެންގެ ކިބައިން ތިޔަބައިމީހުންނަށް ދުރުކޮށްދެވިދާނެހެއްޔެވެ؟
48
ބޮޑާވެގަތް ބޮޑުން ބުނާނެއެވެ. ހަމަކަށަވަރުން އަހުރެމެން އެންމެން މި ތިބީ އެއަލިފާނުގައެވެ. ހަމަކަށަވަރުން ﷲ، އަޅުތަކުންގެ މެދުގައި، ހުކުމް ކުރައްވާ ނިންމަވައިފިއެވެ.
49
އަދި ނަރަކައިގައިވާ މީހުން، ނަރަކައިގެ ބަނޑޭރިންނަށް ބުނާނެއެވެ. ތިމަންމެންގެ ކިބައިން އަޒާބުން އެއްދުވަސް ނަމަވެސް ލުއިކޮށްދެއްވާތޯ ތިޔަބޭކަލުންގެ ރައްބުގެ ހަޒްރަތަށް ދުއާ ކޮށްދެއްވާށެވެ.
50
އެ ބޭކަލުން ވިދާޅުވާނެއެވެ. ފާޅުވެގެންވާ ހެކިތަކާއިގެން ތިޔަބައިމީހުންގެ ގާތަށް، ތިޔަބައިމީހުންގެ ރަސޫލުން ވަޑައިނުގަންނަވަނީހެއްޔެވެ؟ އެ މީހުން ދަންނަވާނެއެވެ. އެހެންނަކުން ނޫނެވެ. (ވަޑައިގަތެވެ.) އެ ބޭކަލުން ވިދާޅުވާނެއެވެ. ފަހެ ކަލޭމެން ދުއާ ކޮށްބަލާށެވެ. ކާފިރުންގެ ދުއާ ފުރެދުމެއްގައިމެނުވީ ނުވެއެވެ.
51
ހަމަކަށަވަރުން ތިމަން އިލާހުގެ ރަސޫލުންނަށާއި އީމާންވި މީހުންނަށް، ދުނިޔޭގެ ހަޔާތުގައްޔާއި، ހެކިންތައް ތެދުވާ (ގިޔާމަތް) ދުވަހުގައި ވެސް، ތިމަން އިލާހު ނަސްރު ދެއްވާނަމެވެ.
52
(އެއީ) އަނިޔާވެރިންނަށް އެ މީހުންގެ އުޒުރު ދެއްކުން މަންފާއެއް ނުކުރާނޭ ދުވަހެވެ. އަދި އެ މީހުންނަށް ހުރީ ލައުނަތެވެ. އަދި އެ މީހުންނަށްހުރީ ނުބައިވެގެންވާ ގޮވައްޗެވެ.
53
ހަމަކަށަވަރުން ތިމަން އިލާހު މޫސާގެފާނަށް ތެދުމަގު ދެއްކެވީމެވެ. އަދި އިސްރާއީލުގެ ދަރިންނަށް ފޮތް ވާރުތަކުރެއްވީމެވެ.
54
(އެއީ) ބުއްދީގެ އަހުލުވެރިންނަށް ތެދުމަގެއް ކަމުގައްޔާއި، ހަނދާންކޮށްދިނުމެއް ކަމުގައެވެ.
55
ފަހެ ކަލޭގެފާނު ކެތް ކުރައްވާށެވެ. ހަމަކަށަވަރުން ﷲ ގެ ވައުދުފުޅަކީ ހައްގު ތެދެވެ. އަދި ކަލޭގެފާނުގެ ފާފަ ފުއްސެވުމަށް އެދިވަޑައިގަންނަވާށެވެ. އަދި ކަލޭގެފާނުގެ ރައްބަށް، ހަވީރާއި، ހެނދުނު ހަމްދާއެކު ތަސްބީހަ ވިދާޅުވާށެވެ.
56
ހަމަކަށަވަރުން ﷲ ގެ އާޔަތްތަކާމެދުގައި، އެ މީހުންނަށް ލިބިފައިވާ އެއްވެސް ދަލީލަކާނުލާ ޖަދަލުކުރާ މީހުން (ދަންނާށެވެ.) އެ މީހުންގެ ހިތްތަކުގައި ބޮޑާކަމެއް މެނުވީ ނުވެއެވެ. އެ މީހުން އެދޭ ކަންތަކަކަށް އެ މީހުން ނުފޯރާނެއެވެ. ފަހެ ކަލޭގެފާނު ﷲ ގެ ރައްކާތެރިކަމަށް އެދިވަޑައިގަންނަވާށެވެ. ހަމަކަށަވަރުން އެ އިލާހީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.
57
ހަމަކަށަވަރުން އުޑުތަކާއި، ބިން ހެއްދެވުމަކީ، މީސްތަކުން ހެއްދެވުމަށްވުރެ މާ ބޮޑު ކަމެކެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުންނަކަށް (އެ ކަމެއް) ނޭނގެތެވެ.
58
އަދި ލޯކަނުމީހާއާއި، ލޮލަށްފެންނަ މީހާއާ، އަދި އީމާންވެ ސާލިހު އަމަލުތައްކުރި މީހުންނާއި، ނުބައިކަންތައްކުރާ މީހާއާ ހަމަހަމައެއް ނުވާނެއެވެ. ތިޔަބައިމީހުން ހަނދުމަކުރަނީ ވަރަށް ވެސް މަދުންނެވެ.
59
ހަމަކަށަވަރުން ގިޔާމަތުގެ ވަގުތަކީ އަންނާނޭ އެއްޗެކެވެ. އެޔާމެދަކު ޝައްކެއް ނެތެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން އީމާނެއް ނުވެއެވެ.
60
އަދި ތިޔަބައިމީހުންގެ ރައްބު ވަހީކުރެއްވިއެވެ: ތިޔަބައިމީހުން ތިމަން އިލާހަށް ދުއާކުރާށެވެ. ތިމަން އިލާހު ތިޔަބައިމީހުންގެ ދުއާ އިޖާބަ ކުރައްވާނަމެވެ. ހަމަކަށަވަރުން ތިމަން އިލާހަށް (ދުއާކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ.) ނިކަންހުރެ ނިކަމެތިވެގެންވާ ހާލު، އެ މީހުން ނަރަކައަށް ވަންނާނެއެވެ.
61
ﷲ އީ، ތިޔަބައިމީހުން، އެރޭގަނޑުގައި ހަމަހިމޭންވުމަށް، ތިޔަބައިމީހުންނަށް ޓަކައި ރޭގަނޑު ލެއްވި އިލާހެވެ. އަދި (ތިޔަބައިމީހުން ދިރިއުޅުމުގެ މަސައްކަތްކުރުމަށް) ދުވާލު އަލިކޮށްދެއްވި އިލާހެވެ. ހަމަކަށަވަރުން ﷲ އީ، މީސްތަކުންގެ މައްޗަށް ފަޟްލުވަންތަވެރި އިލާހުކަން ކަށަވަރެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން ޝުކުރެއް ނުކުރެއެވެ.
62
އެއީ ﷲ އެވެ. ތިޔަބައިމީހުންގެ ރައްބެވެ. (އެ އިލާހީ) ހުރިހާ ތަކެއްޗެއް ހެއްދެވި އިލާހެވެ. އެ އިލާހު މެނުވީ (އަޅުކަންކުރުން ހައްގުވާ) އިލާހަކު ނުވެއެވެ. ފަހެ ތިޔަބައިމީހުން (އީމާންކަމުން) އެއްކިބާވެގަންނަނީ ކޮންފަދައަކުންހެއްޔެވެ؟
63
ﷲ ގެ އާޔަތްތަކަށް ދެކޮޅުހަދައިއުޅުނު މީހުން (ތެދުމަގުން) އެއްކިބާވަނީ އެފަދައިންނެވެ.
64
ﷲ އީ، ތިޔަބައިމީހުންނަށް ޓަކައި، ތިޔަބައިމީހުންނަށް ހަމަޖެހިގެން ދިރިއުޅެވޭނެ ތަނެއްކަމުގައި ބިންލެއްވި އިލާހެވެ. އަދި ބިނާއެއް ކަމުގައި އުޑުލެއްވި އިލާހެވެ. އަދި ތިޔަބައިމީހުންސޫރަ ކުރައްވާ، ތިޔަބައިމީހުންގެސޫރަ ރީތިކުރައްވާ، އަދި ހެޔޮތަކެތިން ތިޔަބައިމީހުންނަށް ރިޒްގު ދެއްވި އިލާހެވެ. އެއީ، ﷲ އެވެ. ތިޔަބައިމީހުންގެ ރައްބެވެ. ފަހެ އާލަމްތަކުގެ ވެރި ﷲ ބަރަކާތްތެރިވެ މަތިވެރިވެ ވޮޑިގެންވެއެވެ.
65
އެ އިލާހީ، ދިރިދެމިވޮޑިގެންވާ އިލާހެވެ. އެ އިލާހު މެނުވީ (އަޅުކަންކުރުން ހައްގުވާ) އެހެން އިލާހަކު ނުވެއެވެ. ފަހެ ތިޔަބައިމީހުން އެ އިލާހަށް އަޅުކަން ޚާލިސްކުރާ ހާލު، އެ އިލާހަށް ދުއާކޮށް އަޅުކަން ކުރާށެވެ! ހަމްދު ހުރީ އާލަމްތަކުގެ ރައްބު، ﷲ އަށެވެ.
66
ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނުގެ ރައްބުގެ ހަޒްރަތުން ބަޔާންވެގެންވާ ހެކިތައް، ތިމަންކަލޭގެފާނަށް އައި ހިނދު، ތިޔަބައިމީހުން ﷲ ފިޔަވާ އަޅުކަންކުރާތަކެއްޗަށް އަޅުކަންކުރުން، ހަމަކަށަވަރުން ތިމަންކަލޭގެފާނަށް ނަހީކުރެއްވިއެވެ. އަދި އާލަމްތަކުގެ ރައްބަށް ކިޔަމަންގަތުމަށް ތިމަންކަލޭގެފާނަށް އަމުރުކުރެއްވިއެވެ.
67
އެ އިލާހީ، ތިޔަބައިމީހުން ވެލިން ހެއްދެވި އިލާހެވެ. ދެން މަނިތިއްކަކުންނެވެ. ދެން ގަނޑުލޭކޮޅަކުންނެވެ. ދެން އެ އިލާހު، ތިޔަބައިމީހުން ޅަކުދިންގެ ގޮތުގައި (މައިމީހާގެ ބަނޑުން) ނެރުއްވައެވެ. ދެން ތިޔަބައިމީހުން ބޮޑުވެ ފުރާފުރިހަމަވުމާ ހަމައަށް ފޯރުމަށް ޓަކައެވެ. ދެން ތިޔަބައިމީހުން މުސްކުޅިންނަށް ވުމަށް ޓަކައެވެ. އަދި އޭގެ ކުރިން މަރުވާ މީހުން ތިޔަބައިމީހުންގެ ތެރެއިންވެއެވެ. އަދި ތިޔަބައިމީހުން ކަނޑައެޅިގެންވާ މުއްދަތަކަށް ފޯރުމަށް ޓަކައެވެ. އަދި ތިޔަބައިމީހުން ވިސްނައި ދެނެގަނެވޭތޯއެވެ.
68
އެ އިލާހީ ދިރުއްވައި އަދި މަރުގަންނަވާ އިލާހެވެ. އަދި އެ އިލާހު ކަމަކަށް ނިޔާކުރައްވާފިނަމަ، ފަހެ އެ ކަމަކަށް ހަމައެކަނި ވާށޭ ވަހީ ކުރެއްވުމުން، ދެން އެ ކަމެއް ވެގެންދެއެވެ.
69
ﷲ ގެ އާޔަތްތަކާމެދު ޖަދަލުކުރާ މީހުން، ތިބާ ނުދެކެމުހެއްޔެވެ؟ އެ މީހުން (ހައްގު މަގުން) އެއްކިބާވަނީ ކޮންފަދައަކުންހެއްޔެވެ؟
70
އެ މީހުންނީ، މިފޮތާއި (އެބަހީ: ގުރްއާނާއި) ތިމަން އިލާހުގެ ރަސޫލުން އެ ފޮތްތަކާއިގެން ފޮނުއްވި ފޮތްތައް ދޮގުކުރި މީހުންނެވެ. ފަހެ (އެ ކަމުގެ ނަތީޖާ) ނިކަންހުރެ އެ މީހުންނަށް އެނގޭނެއެވެ.
71
އެ މީހުންގެ ކަނދުރާތަކުގައި، ކަސްތޮޅުއެޅި ހިލިހިލާޖެހި، އެ މީހުން ދަމައި، ގެންދަވާހިނދުގައެވެ.
72
ކެކިކެކިހުރި ހޫނުފެނުގެ ތެރެޔަށެވެ. ދެން ނަރަކައިގެ އަލިފާނުގެ ތެރޭގައި އެ މީހުން އަންދަވާނެއެވެ.
73
ދެން އެ މީހުންނަށް އެންގެވޭނެއެވެ: ތިޔަބައިމީހުން ޝަރީކުކޮށް އުޅުނު ތަކެތި ކޮބައިހެއްޔެވެ؟
74
އެއީ ﷲ ފިޔަވާ (ތިޔަބައިމީހުން ޝަރީކުކޮށް އުޅުނު ތަކެއްޗެވެ.) އެ މީހުން ބުނާނެއެވެ: އެ ތަކެތި ތިމަންމެންގެ ކިބައިން ބީވެގެން ހިނގައްޖެއެވެ. އަދި ކިއެއް! މީގެ ކުރިން ތިމަންމެން އެއްވެސް އެއްޗަކަށް އަޅުކަންކޮށް ގޮވައިނަހަދަމުއެވެ. ﷲ، ކާފިރުވި މީހުން މަގުފުރައްދަވަނީ އެފަދައިންނެވެ.
75
އެއީ ހައްގަކާ ނުލާ ބިމުގައި ތިޔަބައިމީހުން (އުރެދުންތަކަށް) އުފާކޮށްއުޅުނުކަމުގެ ސަބަބުންނެވެ. އަދި ބޮޑާވެ، މަޖާކޮށްއުޅުނުކަމުގެ ސަބަބުންނެވެ.
76
ތިޔަބައިމީހުން ނަރަކައިގެ ދޮރުތަކުން ވަންނާށެވެ! އެ ތާނގައި ދެމިތިބެނިވި ގޮތުގައެވެ. ފަހެ (އެއީ) ކިބުރުވެރިން ތިބުމަށް ހާދަހާ ނުބައިވެގެންވާ ތަނެކެވެ.
77
ފަހެ ކަލޭގެފާނު ކެތް ކުރައްވާށެވެ. ހަމަކަށަވަރުން ﷲ ގެ ވައުދުފުޅަކީ ހައްގު ތެދެވެ. ފަހެ ތިމަން އިލާހު އެ މީހުންނަށް ވައުދު ކުރައްވާ ބައެއްކަންތައް، ތިމަން އިލާހު ކަލޭގެފާނަށް ދެއްކެވިޔަސް ނުވަތަ (އޭގެ ކުރިން) ތިމަން އިލާހު ކަލޭގެފާނު މަރުގެންނެވިޔަސް، ފަހެ އެ މީހުން ރުޖޫއަ ވާހުށީ، ތިމަން އިލާހުގެ ހަޒްރަތަށެވެ.
78
ހަމަކަށަވަރުން ކަލޭގެފާނުގެ ކުރިން ތިމަން އިލާހު ރަސޫލުން ފޮނުއްވީމެވެ. އެ ރަސޫލުންގެ ވާހަކަ ތިމަން އިލާހު، ކަލޭގެފާނަށް ކިޔައިދެއްވާފައިވާ ރަސޫލުން، އޭގެ ތެރެއިންވެއެވެ. އަދި އެ ރަސޫލުންގެ ވާހަކަ، ތިމަން އިލާހު ކަލޭގެފާނަށް ކިޔައިދެއްވާފައިނުވާ ރަސޫލުންވެސް އޭގެ ތެރެއިންވެއެވެ. އަދި އެއްވެސް ރަސޫލަކަށް ﷲ ގެ އިޒުނަފުޅާލައިގެން މެނުވީ، އެއްވެސް މުއުޖިޒާތެއް ގެންނެވުމެއް ނުވެއެވެ. ފަހެ ﷲ ގެ އަމުރުފުޅު އަންނަހިނދު، ހައްގަށް ނިޔާކުރައްވާހުއްޓެވެ. އަދި އެ ތާނގައި ބާތިލުގެ އަހުލުވެރިން ގެއްލި ހަލާކުވެދާހުއްޓެވެ.
79
ﷲ އީ، ތިޔަބައިމީހުންނަށް ޓަކައި ނައަމްސޫފި ލެއްވި އިލާހެވެ. (އެއީ) ތިޔަބައިމީހުން އެއިން (ބައެއްތަކެއްޗަށް) ސަވާރުވެ އަދި އެއިން ބައެއް ތަކެތި ކެއުމަށް ޓަކައެވެ.
80
އަދި އެ ތަކެތީގައި ތިޔަބައިމީހުންނަށް މަންފާތަކެއްވެއެވެ. އަދި ތިޔަބައިމީހުންގެ ހިތްތަކުގައިވާ ބޭނުންތަކަށް އެ ތަކެތީގެ މަތީގައި (ދަތުރުކޮށް) ތިޔަބައިމީހުން ފޯރުމަށް ޓަކައެވެ. އަދި އެ ތަކެތީގެ މަތީގައްޔާއި، އުޅަނދުތަކުގައި ތިޔަބައިމީހުން (އެއްތަނުން، އަނެއްތަނަށް) އުފުއްލެއެވެ.
81
އަދި އެ އިލާހު ތިޔަބައިމީހުންނަށް، އެ އިލާހުގެ އާޔަތްތައް ދައްކަވައެވެ. ފަހެ ﷲ ގެ އާޔަތްތަކުގެ ތެރެއިން ތިޔަބައިމީހުން އިންކާރުކުރަނީ ކޮންއާޔަތަކަށްހެއްޔެވެ؟
82
ފަހެ އެ މީހުން ބިމުގައި ދަތުރުފަތުރުކޮށް، އެ މީހުންގެ ކުރިން އުޅުނުމީހުންގެ ނިމުންވީ ކޮންފަދައަކުންކަން، ފަހެ އެ މީހުން ނުބަލަނީހެއްޔެވެ؟ އެ މީހުންނަށްވުރެ އަދަދު ގިނަ، އަދި ބާރުގަދަ، އަދި ބިމުގައި އެ މީހުންގެ އަސަރުތައް ވަރުގަދަ ބަޔަކު ކަމުގައި އެ މީހުން (އެބަހީ: ކުރިންއުޅުނުމީހުން) ވިއެވެ. ފަހެ އެ މީހުން ހޯދައިއުޅުނު ތަކެތި އެ މީހުންނަކަށް އެއްވެސްކަމެއް ފުއްދައެއް ނުދިނެވެ.
83
ފަހެ އެ މީހުންގެ ރަސޫލުން ފާޅުވެގެންވާ ހެކިތަކާއިގެން އެ މީހުންގެ ގާތަށް ވަޑައިގަތްހިނދު، އެ މީހުންގެ ގާތުގައިވާ (ދުނިޔޭގެ) އިލްމަށް ޓަކައި، އެ މީހުން އުފާކުރިއެވެ. އަދި އެ މީހުން ފުރައްސާރަކޮށް އުޅުނު ކަންތައްއައިސް އެ މީހުން ވަށައިލިއެވެ.
84
ފަހެ ތިމަން އިލާހުގެ ބާރުގަދަކަން، އެ މީހުންނަށް ފެނުނު ހިނދު އެ މީހުން ބުންޏެވެ. ހަމައެކަނި ﷲ އަށް ތިމަންމެން އީމާން ވެއްޖައީމުއެވެ. އަދި ތިމަންމެން ޝަރީކު ކޮށްއުޅުނު ތަކެއްޗަށް ކާފިރު ވެއްޖައީމުއެވެ.
85
ފަހެ ތިމަން އިލާހުގެ ބާރުގަދަކަން އެ މީހުންނަށް ފެނުނު ހިނދު، އެ މީހުން ވީ އީމާނުން އެ މީހުންނަށް މަންފާއެއް ކުރާނެކަމުގައި ނުވެއެވެ. (އެއީ) ﷲ، އެ އިލާހުގެ އަޅުތަކުންނާމެދު ކަންހިންގަވާފައިވާ ގޮތެވެ. އަދި އެ ތާނގައި ކާފިރު ވިމީހުން ގެއްލި ހަލާކުވެއްޖެއެވެ.