އައްނިސާ

An-Nisa

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
އޭ މީސްތަކުންނެވެ. ތިޔަބައިމީހުންގެ ރައްބަށް ތިޔަބައިމީހުން ތަގުވާވެރިވާށެވެ. އެ އިލާހީ، އެންމެ ނަފްސަކުން ތިޔަބައިމީހުން ހެއްދެވި އިލާހެވެ. އަދި އެ ނަފްސުގެ ކިބައިން އޭގެ އަނެއް ޖިންސު ހެއްދެވިއެވެ. އަދި އެ ދެކަނބަލުންގެ ކިބައިން، ގިނަ ފިރިހެނުންނާއި، ގިނަ އަންހެނުން ފެތުރުއްވިއެވެ. އަދި ތިޔަބައިމީހުން ﷲ އަށް ތަގުވާވެރިވާށެވެ. އެ އިލާހީ، އެ އިލާހު މެދުވެރިކޮށް ތިޔަބައިމީހުން އެކަކު އަނެކަކާ ސުވާލު ކޮށް، ކަންކަމަށް އެދިއުޅޭ އިލާހެވެ. އަދި ތިމާގެކަމުގެ ގުޅުންތަކަށް ތިޔަބައިމީހުން ރައްކާތެރިވާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ ކަންތައް ބައްލަވާވޮޑިގެންވާ އިލާހަކު ކަމުގައި، ﷲ ވޮޑިގެންވެއެވެ.
2
ޔަތީމުންނަށް (އެކުދިން ތަސައްރަފު ފުދިއްޖެނަމަ) އެކުދިންގެ މުދާތައް ތިޔަބައިމީހުން ދޭށެވެ! އަދި އޭގެ ތެރެއިން މޮޅު ތަކެއްޗަށް ދެރަތަކެތި ބަދަލުކޮށް ނަހަދާށެވެ! އަދި އެކުދިންގެ މުދާތައް، ތިޔަބައިމީހުންގެ މުދަލާއެކު ބޭނުންކޮށް، ކައި ނޫޅޭށެވެ! ހަމަކަށަވަރުން ބޮޑުވެގެންވާ ފާފައެއް ކަމުގައި އެ ކަންތައްވިއެވެ.
3
ޔަތީމުންނާމެދު، އަދުލުވެރި ނުވެވޭނެކަމަށް ތިޔަބައިމީހުންނަށް ހީވެ، ބިރުގެންފިނަމަ (އެބަހީ: ތިޔަބައިމީހުންގެ ބެލުމުގެ ދަށުގައިވާ ޔަތީމު އަންހެން ކުދިންނާ ކާވެނިކުރުމުގައި، އަދުލުވެރި ނުވެވޭނެކަމަށް ހީވާނަމަ، އެނޫން) އަންހެނުންގެ ތެރެއިން، ތިޔަބައިމީހުން ހިތްރުހޭ ބަޔަކާ ކާވެނިކުރާށެވެ! ދެ މީހުނާއެވެ. ނުވަތަ ތިންމީހުނާއެވެ. ނުވަތަ ހަތަރުމީހުނާއެވެ. ފަހެ އަދުލުވެރި ނުވެވޭނެކަމަށް ބިރުގެންފިނަމަ، އެކަކާއެވެ. ނުވަތަ، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅު އަންހެނުންނާއެވެ. އެ ގޮތް ތިޔަބައިމީހުން އަނިޔާވެރިނުވުމާ ގާތްކަން ބޮޑެވެ.
4
އަންހެނުންނަށް އެ ކަނބަލުންގެ ރަން، ތިޔަބައިމީހުން ހިތުންރުހުމުންދޭ ދިނުމެއްގެ ގޮތުގައި ދޭށެވެ! އޭގެ ތެރެއިން އެއްޗެއް އެ ކަނބަލުން ހިތުންރުހުމުން ތިޔަބައިމީހުންނަށް އަނބުރާ ދީފިނަމަ، ހަލާލު ރަނގަޅު އެއްޗެއްގެ ގޮތުގައި، ތިޔަބައިމީހުން އޭގެ ބޭނުންކުރާށެވެ!
5
އަދި ދޯދިޔާ މީހުންނަށް، (އެބަހީ: ވިޔާނުދާ ހަރަދު ކޮށް، އިސްރާފު ކޮށްއުޅޭ މީހުންގެ އަތަށް) ތިޔަބައިމީހުންގެ އަތުގައިވާ އެ މީހުންގެ މުދާތައް ނުދޭށެވެ! އެ މުދަލަކީ، ދިރިއުޅުން ހިފަހައްޓައިދެނިވި ބާރެއްކަމުގައި ﷲ ތިޔަބައިމީހުންނަށް ލައްވާފައިވާ އެއްޗެކެވެ. އަދި ތިޔަބައިމީހުން އެއިން، އެ މީހުންނަށް ކާންދޭށެވެ! އަދި އެ މީހުންނަށް އަންނައުނު ދޭށެވެ! އަދި ތިޔަބައިމީހުން، އެ މީހުންނަށް ހެޔޮބަސް ބުނާށެވެ!
6
އަދި ތިޔަބައިމީހުން ޔަތީމު ކުދިންގެ ގޮތް ބަލާށެވެ! އެކުދިން ކާވެނި ފުރާވަރަށް ދާންދެނެވެ. ފަހެ (މުދަލާމެދުގައި) ބުއްދި ފުރިހަމަކަން އެ މީހުންގެ ކިބައިން ތިޔަބައިމީހުންނަށް ފެނިއްޖެނަމަ، އެ މީހުންގެ މުދާތައް އެ މީހުންނަށް ދޭށެވެ! އަދި އިސްރާފުގެ ގޮތުންނާއި، އެކުދިން ބޮޑެތި ވެދާނެތީ (ބިރުން) އަވަސްވެގަނެގެން، ތިޔަބައިމީހުން އެ މުދާ ނުކާށެވެ! މުއްސަންޖަކު ކަމުގައި ވެއްޖެ މީހާ، އިއްފަތްތެރި ވާހުށިކަމެވެ. (އެބަހީ: އެ މުދަލުގައި ނުޖެހޭ ހުށިކަމެވެ.) އަދި ފަގީރަކުކަމުގައި ވެއްޖެ މީހާ، ހެޔޮ ރަނގަޅު ގޮތުގައި (އެ މުދަލުން) ކާހުށިކަމެވެ. ފަހެ އެ މީހުންގެ މުދާތައް، ތިޔަބައިމީހުން އެ މީހުންނަށް ދޭ ހިނދު، އެ މީހުންގެ މައްޗަށް ތިޔަބައިމީހުން ހެކިކުރާށެވެ! ހިސާބު ބައްލަވަނިވި އިލާހަކު ކަމުގައި ﷲ ފުދެއެވެ.
7
މައިންބަފައިންނާއި، ތިމާގެ މީހުން ދޫކުރި ތަކެތީގެ ތެރެއިން، ފިރިހެނުންނަށް ބަޔެއް ވެއެވެ. އަދި މައިންބަފައިންނާއި ތިމާގެ މީހުން ދޫކުރި ތަކެތީގެ ތެރެއިން އަންހެނުންނަށް ވެސް ބަޔެއް ވެއެވެ. އެ ދޫކުރި ތަކެތީގެ ތެރެއިން މަދު އެއްޗަކުންނާއި، ގިނަ އެއްޗަކުންވެސް ކަނޑައެޅިގެންވާ ބަޔެއްގެ ގޮތުގައެވެ.
8
(ތަރިކަ މުދާ) ބަހާތަނަށް (އެ މުދަލުން ނުވާ) ގާތްތިމާގެ މީހުންނާއި، ޔަތީމުންނާއި، މިސްކީނުން ހާޒިރު ވެއްޖެނަމަ، (އެ މުދާ ބެހުމުގެ ކުރިން) އެ މީހުންނަށް އެއިން އެތިކޮޅެއް ދޭށެވެ! އަދި އެ މީހުންނަށް ހެޔޮބަސް ބުނާށެވެ!
9
ނިކަމެތި ދަރިންކޮޅެއް އެ މީހުންގެ ފަހަތަށް ދޫކުޅަނަމަ، އެކުދިންގެ މައްޗަށް ބިރުވެތިވާ ފަދައިން، އެ މީހުން (ﷲ އަށް) ބިރުވެތި ވާހުށިކަމެވެ. އަދި އެ މީހުން ﷲ އަށް ތަގުވާވެރިވާހުށިކަމެވެ. އަދި އިންސާފުވެރި ސީދާ ބުނުމެއް އެ މީހުން ބުނާހުށިކަމެވެ.
10
ހަމަކަށަވަރުން އަނިޔާވެރިކަމުގެ ގޮތުން ޔަތީމުންގެ މުދާ ކައިއުޅޭ މީހުން (ދަންނާށެވެ.) އެ މީހުން ކައިއުޅޭކަން ކަށަވަރީ (ނަރަކައިގެ) އަލިފާނެވެ. އަދި އަނދަ އަނދާ ހުންނަ ނަރަކަޔަކަށް އެ މީހުން ނިކަންހުރެ ވަންނާނެއެވެ.
11
ތިޔަބައިމީހުންގެ ދަރިންނާމެދު، ﷲ ތިޔަބައިމީހުންނަށް ވަސިއްޔަތްކުރައްވައެވެ. އަންހެން ދެ ދަރިންގެ ބަޔާ އެއްފަދަ ބަޔެއް ފިރިހެން ދަރިޔަކަށް ވެއެވެ. އެ ދަރިންނަކީ ދޭކަށްވުރެ މަތީ އަދަދެއްގެ އަންހެނުން ކަމުގައިވާނަމަ، މަރުވި މީހާ ދޫކުރި މުދަލުގެ ތިންބައިކުޅަ ދެބައި އެ ކަނބަލުންނަށެވެ. އަދި އެއީ އެންމެ އަންހެން ދަރިޔަކު ކަމުގައި ވެއްޖެނަމަ، ފަހެ އެ ކަނބުލޭގެޔަށް ދެބައިކުޅަ އެއްބަޔެވެ. އަދި މަރުވިމީހާގެ ދަރިޔަކު ހުރިނަމަ، އޭނާގެ މަންމަޔާއި، ބައްޕަޔާއި، ދެ މީހުންކުރެ ކޮންމެ މީހަކަށްމެ، އެ މަރުވި މީހާ ދޫކުޅަ މުދަލުގެ ހަބައިކުޅަ އެއްބަޔެވެ. ފަހެ އޭނާއަށް ދަރިޔަކު ނުވާނަމަ، އަދި (ހަމައެކަނި) އޭނާގެ މަންމަޔާއި ބައްޕަޔަށް ވާރުތައަރާނަމަ، ފަހެ އޭނާގެ މަންމަޔަށް ތިންބައިކުޅަ އެއްބަޔެވެ. (ދެންހުރި އެއްޗެއް ބައްޕަޔަށެވެ.) ފަހެ އެ މަރުވި މީހާއަށް އަޚުންނާއި، އުޚްތުން (އެކަކަށްވުރެ ގިނައިން) ތިބިނަމަ، ފަހެ އޭނާގެ މަންމަޔަށް ހަބައިކުޅަ އެއްބަޔެވެ. ކުރާ ވަސިއްޔަތެއްވާނަމަ، އެ ވަސިއްޔަތެއް ތަންފީޒުކުރުމަށް ފަހުގައެވެ. ނުވަތަ، ދަރަންޏެއް ވާނަމަ، އެ ދަރަންޏެއް އަދާކުރުމަށް ފަހުގައެވެ. ތިޔަބައިމީހުންގެ މައިންބަފައިންނާއި، ތިޔަބައިމީހުންގެ ދަރިންކުރެ މަންފާކުރުމުގެ ގޮތުން ތިޔަބައިމީހުންނާ ގާތްކަންބޮޑީ ކޮންބަޔެއްކަން ތިޔަބައިމީހުންނަކަށް ނޭނގެއެވެ. (ބަޔާންވެ ދިޔަގޮތަށް މުދާ ބެހުންއޮތީ) ﷲ ގެ ހަޒްރަތުން ކަނޑައަޅުއްވާ އަންގަވާފައިވާ ފަރުޟެއްގެ ގޮތުގައެވެ. ހަމަކަށަވަރުން ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ ޙަކީމްވަންތަ އިލާހެވެ.
12
ތިޔަބައިމީހުންގެ އަނބިން ދޫކުރި މުދަލެއްގެ ދެބައިކުޅަ އެއްބައި ތިޔަބައިމީހުންނަށެވެ. އެއީ، އެ ކަނބަލުންނަށް ދަރިޔަކު ނުވާނަމައެވެ. ފަހެ އެ ކަނބަލުންނަށް ދަރިޔަކުވާނަމަ، އެ ކަނބަލުން ދޫކުރި މުދަލެއްގެ ހަތަރުބައިކުޅަ އެއްބައި ތިޔަބައިމީހުންނަށެވެ. އެއީ، އެ ކަނބަލުން ކުރާ ވަސިއްޔަތެއްވާނަމަ، އެ ވަސިއްޔަތެއް ތަންފީޒުކުރުމަށް ފަހު، ނުވަތަ ދަރަންޏެއް ވާނަމަ، އެ ދަރަންޏެއް އަދާކުރުމަށް ފަހުގައެވެ. އަދި ތިޔަބައިމީހުންނަށް ދަރިޔަކު ނުވާނަމަ، ތިޔަބައިމީހުން ދޫކުރި މުދަލެއްގެ ހަތަރުބައިކުޅަ އެއްބައި އެ ކަނބަލުންނަށެވެ. ފަހެ ތިޔަބައިމީހުންނަށް ދަރިޔަކުވާނަމަ، ތިޔަބައިމީހުން ދޫކުރި މުދަލެއްގެ އަށްބައިކުޅަ އެއްބައި އެ ކަނބަލުންނަށެވެ. އެއީ، ތިޔަބައިމީހުންކުރާ ވަސިއްޔަތެއްވާނަމަ، އެ ވަސިއްޔަތެއް ތަންފީޒުކުރުމަށް ފަހު، ނުވަތަ، ދަރަންޏެއްވާނަމަ، އެ ދަރަންޏެއް އަދާކުރުމަށް ފަހުގައެވެ. ކަލާލަތުގެ ގޮތުން (އެބަހީ: އަސްލެއް ފަރުއެއްނެތި) ފިރިހެނަކު ނުވަތަ އަންހެނަކު (ކިބައިން) ވާރުތަކުރެވޭނަމަ، އަދި އޭނާއަށް އަޚަކު ނުވަތަ އުޚްތަކު ހުރިނަމަ، ފަހެ އެއިން ކޮންމެ މީހަކަށް ހަބައިކުޅަ އެއްބަޔެވެ. ފަހެ އެ އަޚުންނާއި އުޚްތުން އެއަށްވުރެ ގިނަނަމަ، އެ މީހުން ވަނީ ތިންބައިކުޅަ އެއްބައިގައި (ހަމަހަމައަށް) ބައިވެރިވެގެންނެވެ. އެއީ، (ވާރުތަވެރިންނަށް) ގެއްލުން ނުދޭގޮތުގައި ކުރާ ވަސިއްޔަތެއްވާނަމަ، އެ ވަސިއްޔަތެއް ތަންފީޒުކުރުމަށް ފަހު، ނުވަތަ، ދަރަންޏެއްވާނަމަ، އެ ދަރަންޏެއް އަދާކުރުމަށް ފަހުގައެވެ. ﷲ ގެ ހަޒްރަތުން އަންގަވާފައިވާ އެންގެވުމެއްގެ ގޮތުގައެވެ. ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ ޙަލީމްވަންތަ އިލާހެވެ.
13
އެއީ، ﷲ ކަނޑައަޅުއްވާ އަންގަވާފައިވާ އިންތަކެވެ. ﷲ އަށާއި، އެ އިލާހުގެ ރަސޫލާއަށް ކިޔަމަންތެރިވާ މީހާ، އެތާނގެ ދަށުން ފެންއާރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް ވައްދަވާނެއެވެ. އެ ތާނގައި، އެ މީހުން ދެމިތިބެނިވި ގޮތުގައެވެ. ބޮޑުވެގެންވާ ނަސީބު ލިބުމަކީ އެއީއެވެ.
14
އަދި ﷲ އަށާއި، އެ އިލާހުގެ ރަސޫލާއަށް އުރެދި، އެ އިލާހު ކަނޑައަޅުއްވާފައިވާ އިންތައް ފަހަނަޅައިދާމީހަކު، ނަރަކައަށް ވައްދަވާނެއެވެ. އެ ތާނގައި އެ މީހަކު ދެމިހުންނަނިވި ގޮތުގައެވެ. އަދި އެ މީހަކަށް އިހާނަތްތެރިކަން ދެނިވި އަޒާބު ހުއްޓެވެ.
15
ތިޔަބައިމީހުންގެ އަންހެނުންކުރެ ހުތުރުކަން ބޮޑުވެގެންވާ ފާފަ ގެނެސްގަންނަ މީހުންނާމެދު، (އެބަހީ: ޒިނޭކުރާ މީހުންނާމެދު) ތިޔަބައިމީހުންގެ ތެރެއިން ހަތަރު ހެކިން، އެ ކަނބަލުންގެ މައްޗަށް ހެކިކުރާށެވެ! ފަހެ އެ މީހުން ހެކިދީފިނަމަ، މަރު، އެ ކަނބަލުން އަތުލައިފުމަށް ދާންދެން (އެބަހީ: މަރުވެއްޖައުމަށް ދާންދެން) ނުވަތަ، އެ ކަނބަލުންނަށް ﷲ މަގެއް ދައްކަވައިފުމަށް ދާންދެން، ގޭގޭގައި އެ ކަނބަލުން ބަންދުކުރާށެވެ! (ނޯޓު: މަގެއް ދެއްކެވުމޭ އޮތްބަސްފުޅުގެ މުރާދަކީ، އެ ކަނބަލުންނަށް ދޭނެ އުގޫބާތެއް ކަނޑައަޅުއްވާ އެންގެވުމެވެ. އެ ކަންއޮތީ ސޫރަތުއްނޫރުގެ ދެވަނަ އާޔަތުން އަންގަވާފައެވެ.)
16
އަދި ތިޔަބައިމީހުންގެ ތެރެއިން ފާހިޝް ކަންތައް ގެނެސްގަންނަ ދެ މީހުންނަށް ތިޔަބައިމީހުން އަދަބުދޭށެވެ! ފަހެ އެ ދެ މީހުން ތައުބާވެ، އަދި އެ މީހުންގެ އަމަލު އިސްލާހު ކޮށްފިނަމަ، އެ ދެ މީހުންގެ ކިބައިން ދުރުވެގަންނާށެވެ! (އެބަހީ: އަދަބުދިނުން ހުއްޓައިލާށެވެ!) ހަމަކަށަވަރުން ﷲ އީ، ގިނަގިނައިން ތައުބާ ގަބޫލު ކުރައްވާ ރަޙީމްވަންތަ އިލާހެވެ.
17
ތައުބާ ލެއްވުން ﷲ ގެ ހަޒްރަތުން އޮތްކަން ކަށަވަރީ، ނޭނގިތިބުމާއެކު ނުބައިކަންތައްކޮށް، ދެން، އެ ކަންތައް ކުރުމާ ގާތުގައި (ލަސްނުކޮށް) ތައުބާވެ އުޅޭ މީހުންނަށެވެ. ފަހެ ﷲ، އެ މީހުންގެ މައްޗަށް ތައުބާ ލައްވައެވެ. އަދި މޮޅަށް ދެނެވޮޑިގެންވާ ޙަކީމްވަންތަ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.
18
އަދި ނުބައިކަންތައް ކޮށްކޮށް ތިއްބާ އެއިންމީހެއްގެ ގާތަށް މަރު އައިސް ހާޒިރު ވެއްޖެނަމަ، އެ ހިނދު ތިމަން މިހާރު ތައުބާ ވެއްޖައީމޭ ބުނާ މީހުންނާއި، ކާފިރުން ކަމުގައި ތިބެ މަރުވާ މީހުންނަކަށް ތައުބާ ލެއްވުމެއްނެތެވެ. އެ މީހުންނަށް ޓަކައި ވޭންދެނިވި އަޒާބު ތިމަން އިލާހު ތައްޔާރު ކުރެއްވީމެވެ.
19
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ނުރުހުމުގައި އަންހެނުން ވާރުތަކޮށް ގަތުމަކީ، ތިޔަބައިމީހުންނަށް ހަލާލު ވެގެންވާ ކަމެއް ނޫނެވެ. އަދި ފާޅުވެގެންހުރި ހުތުރުކަން ބޮޑުވެގެންވާ ފާފައެއް އެ ކަނބަލުން ގެނެސްގަންނަ ކަމުގައިވަންޏާ މެނުވީ އެ ކަނބަލުންނަށް ތިޔަބައިމީހުން ދީފައިވާ ތަކެތީގެ ތެރެއިން ބަޔެއް އަތުލައިގަތުމަށް ޓަކައި އެ ކަނބަލުންނަށް ދަތިނުކުރާށެވެ. އަދި ތިޔަބައިމީހުން ހެޔޮގޮތުގައި އެ ކަނބަލުންނާއެކު އުޅޭށެވެ. ތިޔަބައިމީހުން އެ ކަނބަލުންނާ ނުރުހުންތެރި ވެއްޖެނަމަ (ދަންނާށެވެ.) ބައެއްފަހަރަށް ތިޔަބައިމީހުން އެއްޗަކަށް ނުރުހުން ވެދާނެއެވެ. އަދި އެ އެއްޗެއްގައި ﷲ ގިނަވެގެންވާ ހެޔޮކަން ލައްވައިފާނެތެވެ.
20
ތިޔަބައިމީހުން އެއް އަނތްބެއްގެ ޖާގަޔަށް އެހެން އަނތްބަކު ބަދަލުކުރަން އެދޭނަމަ، (އެބަހީ: އެކަކު ވަރިކޮށްފައި އަނެކަކާ އިންނަން ގަސްދުކޮށްފިނަމަ) އަދި އެ އަނތްބަށް (ރަނުގެ ގޮތުން) ކިތަންމެ ގިނަ މުދާތަކެއް ދީފައިވިޔަސް އޭގެ ތެރެއިން އެއްޗެއް ތިޔަބައިމީހުން އަތުނުލާ ހުށިކަމެވެ. ބާތިލު ގޮތުގައި، އަދި ފާޅުވެގެންވާ ފާފައެއް ކުރުމުގެ ގޮތުގައި، ތިޔަބައިމީހުން އެ ތަކެތި އަތުލަނީހެއްޔެވެ؟
21
ތިޔަބައިމީހުން އެ ތަކެތި އަތުލަނީ ކޮންފަދަޔަކުންހެއްޔެވެ؟ ތިޔަބައިމީހުންގެ ތެރެއިން އެއްބަޔަކުވަނީ އަނެއް ބަޔަކާއެކު އެއްދާންކޮށްފައެވެ. އަދި އެ ކަނބަލުންވަނީ، ތިޔަބައިމީހުންގެ ކިބައިން ގަދަވެގެންވާ އަހުދު ހިފާފައެވެ.
22
އަންހެނުންގެ ތެރެއިން ތިޔަބައިމީހުންގެ ބަފައިން ކާވެނިކުރި އަންހެނަކާ، ތިޔަބައިމީހުން ކާވެނި ނުކުރާހުށިކަމެވެ. އިސްވެދިޔަތާނގައި މެނުވީއެވެ. (އެބަހީ: ޖާހިލީ ޒަމާނުގައި ހިނގާދިޔަ ކަންތައްވަނީ އަފޫކުރައްވާފައެވެ.) ހަމަކަށަވަރުން އެކަމަކީ، ހުތުރުކަންބޮޑު ފާފައެއް ކަމުގައްޔާއި، އަދި ނުރުއްސަވާ ކަމެއްކަމުގައިވިއެވެ. އަދި އެއީ، ހާދަހާ ނުބައިވެގެންވާ މަގެކެވެ.
23
ތިޔަބައިމީހުންގެ މައިންނާއި، އަންހެން ދަރިންނާއި، އުޚްތުންނާއި، ބަފައިފުށުގެ ބޮޑުދައިތައިންނާއި، މައިފުށުގެ ބޮޑުދައިތައިންނާއި، އަޚުގެ އަންހެން ދަރިންނާއި، އުޚްތުގެ އަންހެން ދަރިންނާއި، ތިޔަބައިމީހުންނަށް ކިރުދިން މައިންނާއި، ކިރުބުއިމުގެ ގޮތުން ތިޔަބައިމީހުންގެ އުޚްތުންނާއި، ތިޔަބައިމީހުންގެ އަނބިންގެ މައިންނާއި، ތިޔަބައިމީހުން އެ ކަނބަލުންގެ ގާތުގައި ރޭކޮށްފައިވާ އަނބިންގެ ފަރާތުން އައިސް ތިޔަބައިމީހުންގެ އުނގުގައިވާ، (އެބަހީ: ބެލުމުގެ ދަށުގައިވާ) ތިޔަބައިމީހުންގެ ދޮންދަރިންނާއި، (މިމީސްމީހުންނާ) ކާވެނިކުރުން ހަރާމްކުރެއްވިއެވެ. އެ ކަނބަލުންގެ ގާތުގައި ތިޔަބައިމީހުން ރޭކޮށްފައިނުވާ އަނބިންގެ އަންހެން ދަރިންނާ ކާވެނިކުރުމަކުން، ފަހެ ތިޔަބައިމީހުންގެ މައްޗަކަށް ކުށެއް ނެތެވެ. އަދި ތިޔަބައިމީހުންގެ ބުރިކަށިތަކުން އުފެދިފައިވާ ތިޔަބައިމީހުންގެ އުފަންދަރިން އިން މީހުންވެސް ހަރާމްކުރެއްވިއެވެ. އަދި ވޭތުވެދިޔަ ޒަމާނުގައި މެނުވީ ދެ އުޚްތުން ދެމެދު އެއްކުރުން (އެބަހީ: އެއްފަހަރާ ދެ އުޚްތުންނާ އިނުން) ވެސް ހަރާމްކުރެއްވިއެވެ. ހަމަކަށަވަރުން ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ އިލާހު ކަމުގައިވެއެވެ.
24
ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅު އަންހެނުން ފިޔަވާ، އަންހެނުންގެ ތެރެއިން ކާވެނީގެ ރައްކާތެރިކަން ލިބި (މީހުންނާ އިނދެގެން) ތިބި އަންހެނުންވެސް ތިޔަބައިމީހުންގެ މައްޗަށް ހަރާމްކުރެއްވިއެވެ. (އެއީ) ﷲ ތިޔަބައިމީހުންގެ މައްޗަށް ކަނޑައަޅުއްވާ ލިޔުއްވާފައިވާ ގޮތެވެ. ކާވެނީގެ ރައްކާތެރިކަން ލިބޭގޮތުގައި، އަދި ޒިނޭނުކުރާ ގޮތުގައި، ތިޔަބައިމީހުންގެ މުދަލުން ކާވެނީގެ ރަން ދީގެން، އެނޫން އަންހެނުންނާ އިނުން، ތިޔަބައިމީހުންނަށް ހުއްދަކުރެއްވިއެވެ. ފަހެ އެ ކަނބަލުންގެ ތެރެއިން ތިޔަބައިމީހުން ކާވެނިކޮށް އެ ކަމުގެ އުފާ ތިޔަބައިމީހުން އެބަޔެއްގެ ކިބައިން ލިބިގަތް ބަޔަކަށް ރަނުގެ ގޮތުގައި އެ ކަނބަލުންނަށް ކަނޑައަޅުއްވާފައިވާ އުޖޫރަ ތިޔަބައިމީހުން އެ ކަނބަލުންނަށް ދޭށެވެ! ރަން ކަނޑައެޅުމަށް ފަހު، ތިޔަބައިމީހުންގެ ދެފަރާތް ރުހި އެއްބަސްވީ ގޮތަކާމެދު، ތިޔަބައިމީހުންގެ މައްޗަކަށް ކުށެއް ނެތެވެ. ހަމަކަށަވަރުން ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ ޙަކީމްވަންތަ އިލާހު ކަމުގައިވެއެވެ.
25
އީމާން ވެގެން ތިބި މިނިވަން އަންހެނުންނާ ކާވެނިކުރުމަށް، ތިޔަބައިމީހުންގެ ތެރެއިން އަތްމަތި ތަނަވަސްކަމުގެ ގޮތުން ކުޅަދާނަނުވި މީހާ، ތިޔަބައިމީހުންގެ އީމާން ވެގެން ތިބި އަންހެންކުދިންކުރެ، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުއަންހެނުންގެ ތެރެއިން މީހުންނާ، ކާވެނިކުރުން ހުއްޓެވެ. ތިޔަބައިމީހުންގެ އީމާންކަން ހުރިގޮތް ﷲ ދެނެވޮޑިގަތުން ބޮޑެވެ. ތިޔަބައިމީހުންގެ އެއްބަޔަކުވަނީ އަނެއް ބަޔެއްގެ ތެރެއިންނެވެ. (އެބަހީ: ދީނުގެ ގޮތުން ތިޔަބައިމީހުންނެކޭ، އެ އަޅުއަންހެނުންނެކޭ އެއްގޮތެވެ.) ފަހެ އެ ކަނބަލުންގެ ސާހިބުންގެ އިޒުނައާއެކު، އެ ކަނބަލުންނާ ތިޔަބައިމީހުން ކާވެނިކުރާށެވެ! އަދި އެ ކަނބަލުންގެ ރަން، ހިތްހެޔޮކަމާއެކު ހެޔޮގޮތުގައި އެ ކަނބަލުންނަށް ދޭށެވެ! ކާވެނީގެ ރައްކާތެރިކަންލިބި، އެ ކަނބަލުން އިއްފަތްތެރިވެގެންވާ ގޮތުގައެވެ. ޒިނޭކުރާ ގޮތުގައެއް ނޫނެވެ. އަދި ވަންހަނާގޮތުގައި ޒިނޭކުރާ އެކުވެރިން ގެންގުޅޭ ގޮތުގައެއްވެސް ނޫނެވެ. ފަހެ އެ ކަނބަލުން ކާވެނިކުރުމަށް ފަހު، ހުތުރުކަން ބޮޑުވެގެންވާ ފާފަޔެއް ގެނެސްގެންފިނަމަ، (އެބަހީ: ޒިނޭކޮށްފިނަމަ) މިނިވަން އަންހެނުންގެ މައްޗަށް އޮތް އަދަބުގެ ދެބައިކުޅަ އެއްބައި އެ ކަނބަލުންގެ މައްޗަށް ހުއްޓެވެ. އެ ކަން، (އެބަހީ: އަޅުއަންހެނުންނާ ކާވެނިކުރުން) އޮތީ ތިޔަބައިމީހުންގެ ތެރެއިން ޒިނޭކުރެވިދާނެކަމަށް ބިރުގެންފި މީހަކަށެވެ. ތިޔަބައިމީހުން ކެތްތެރިވުން، ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ އިލާހެވެ.
26
ﷲ އިރާދަ ކުރައްވަނީ، ތިޔަބައިމީހުންނަށް (މަސްލަހަތު ހުރިގޮތް) ބަޔާން ކޮށްދެއްވުމަށެވެ. އަދި ތިޔަބައިމީހުންގެ ކުރިން އުޅުނު (ރަނގަޅު) މީހުންގެ މަގުތަކަށް ތިޔަބައިމީހުންނަށް މަގުދެއްކެވުމަށެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ތައުބާ ލެއްވުމަށެވެ. ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ ޙަކީމްވަންތަ އިލާހެވެ.
27
އަދި ﷲ އިރާދަ ކުރައްވަނީ، ތިޔަބައިމީހުންގެ މައްޗަށް ތައުބާ ލެއްވުމަށެވެ. އަދި އަމިއްލަ އެދުންތަކަށް ތަބާވާ މީހުން އެދެނީ (ހައްގުގެ މަގު ފިޔަވާ ބާތިލުގެ މަގަށް) ބޮޑުވެގެންވާ ލެނބުމަކުން ތިޔަބައިމީހުން ލެނބިގަތުމަށެވެ.
28
ﷲ އިރާދަ ކުރައްވަނީ، ތިޔަބައިމީހުންނަށް ލުއިކޮށް ދެއްވުމަށެވެ. އަދި އިންސާނާ ހައްދަވާފައިވަނީ، (އެދުންތަކުގެ ކުރިމަތީގައި) ނިކަމެތިވެގެންވާ މީހެއް ކަމުގައެވެ.
29
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ބާތިލު ގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށްވުން މެނުވީއެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް ތިޔަބައިމީހުން ގަތުލު ނުކުރާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށް ރަޙީމްވަންތަ އިލާހު ކަމުގައި ﷲ ވޮޑިގެންވެއެވެ.
30
ދެކޮޅުވެރިކަމާއި، އަނިޔާވެރިކަމުގެ ގޮތުން އެ ކަންތައް ކުރާމީހާ (ދަންނާށެވެ.) ފަހެ ތިމަން އިލާހު އެ މީހަކު ނަރަކައަށް ވައްދަވާހުށީމެވެ. އަދި އެ ކަންތައް އެއީ، ﷲ އަށް ދާދި ފަސޭހަކަމެއް ކަމުގައިވެއެވެ.
31
ތިޔަބައިމީހުންނަށް އެ ކަންކަން ނަހީކުރައްވާފައިވާ ބޮޑެތި ފާފަތަކުން ތިޔަބައިމީހުން ދުރުހެލިވެ ތިބޭނަމަ، ތިޔަބައިމީހުންގެ ކުދިކުދި ފާފަތައް ތިޔަބައިމީހުންގެ ކިބައިން، ތިމަން އިލާހު ފުއްސަވާ ހުށީމެވެ. އަދި މާތްވެގެންވާ ތަނަކަށް، (އެބަހީ: ސުވަރުގެއަށް) ތިމަން އިލާހު، ތިޔަބައިމީހުން ވައްދަވާހުށީމެވެ.
32
ތިޔަބައިމީހުންގެ ތެރެއިން އެއްބަޔެއްގެ މައްޗަށް އަނެއް ބަޔަކު މާތް ކުރައްވާ، މޮޅުކުރެއްވި ކަންތަކަށް ތިޔަބައިމީހުން ނޭދޭށެވެ! ފިރިހެނުންނަށް ވެސް، އެ މީހުން ހޯދި ކަމެއްގެ ޖަޒާ ވެއެވެ. އަދި އަންހެނުންނަށް ވެސް، އެ ކަނބަލުން ހޯދި ކަމެއްގެ ޖަޒާ ވެއެވެ. އަދި ﷲ ގެ ފަޟްލުވަންތަކަމުގެ ތެރެއިން، (ދެއްވުމަށް) ތިޔަބައިމީހުން އެދޭށެވެ! ހަމަކަށަވަރުން ﷲ އީ، ކޮންމެ ކަމެއްމެ މޮޅަށް ދެނެވޮޑިގެންވާ އިލާހު ކަމުގައިވެއެވެ.
33
މައިންބަފައިންނާއި، ގާތްތިމާގެ މީހުން ދޫކޮށްފައިވާ މުދަލުން ވާރުތަވެގެން ލިބޭނެ ބަޔަކު، ކޮންމެ މީހަކަށްމެ ތިމަން އިލާހު ލެއްވީމެވެ. އަދި މުދަލުން ވާރުތަވުމަށް ތިޔަބައިމީހުން އަހުދުވެ، އެއްބަސްވެފައިވާ މީހުންނަށް އެ މީހުންގެ ބައި، ތިޔަބައިމީހުން ދޭށެވެ! ހަމަކަށަވަރުން ﷲ އީ، ކޮންމެ ކަމެއްގެ މައްޗަށް ހެކިވެ ވޮޑިގެންވާ އިލާހު ކަމުގައިވެއެވެ.
34
ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށްވާ ގައްވާމުންނެވެ. (އެބަހީ: އެ ކަނބަލުންގެ މައްޗަށް އިސްވެ، ބާރުވެރިވެ، އެ ކަނބަލުން އަދަބުވެރިކޮށް ސީދާކުރުމާއި ރައްކާތެރިކޮށް ބެލެހެއްޓުމައިގެން އަބަދުމެ ގާއިމުވެ ތިބޭ ބަޔެކެވެ.) އެއީ ﷲ، އޭގެ އެއް ބަޔަކު (އެބަހީ: ފިރިހެނުން)، އަނެއް ބަޔެއް (އެބަހީ: އަންހެނުން) ގެ މައްޗަށް މާތްކުރައްވާ މޮޅުކުރައްވާފައިވާ ކަމަށް ޓަކައެވެ. އަދި އެ މީހުންގެ މުދަލުން (އަންހެނުންނަށް) ހޭދަކޮށްފައިވާ ކަމަށް ޓަކައެވެ. ފަހެ ހެޔޮލަފާ އަންހެނުންނަކީ، ކިޔަމަންތެރި އަންހެނުންނެވެ. ރައްކާތެރި ކުރުމަށް ﷲ އެންގެވި ކަންތައް، ސިއްރުގައިވެސް ރައްކާތެރިކުރާ އަންހެނުންނެވެ. އެ ކަނބަލުން ނުކިޔަމަންތެރިވެދާނެކަމަށް ތިޔަބައިމީހުން ބިރުގަންނަނަމަ، ފަހެ އެ ކަނބަލުންނަށް ނަސޭހަތް ދޭށެވެ. އަދި އެ ކަނބަލުންނާއެކު އެއްދާންކުރުން ދޫކޮށްލާށެވެ. (އެބަހީ: އެއް ތަނަކު ނުނިދާށެވެ.) އަދި އެ ކަނބަލުންގެ ގައިގައި ޖަހާށެވެ. ފަހެ ތިޔަބައިމީހުންނަށް އެ ކަނބަލުން ކިޔަމަންވެއްޖެނަމަ، ދެން އެ ކަނބަލުންނަށް (އަދަބު ދޭނެ އިތުރު) ގޮތެއް ތިޔަބައިމީހުން ނޭދޭށެވެ. ހަމަކަށަވަރުން ﷲ އީ މަތިވެރިވަންތަ، ބޮޑުވެގެންވާ އިލާހު ކަމުގައިވެއެވެ.
35
އެ ދެ މީހުންގެ ދެމެދުގައި ދެކޮޅުވެރިކަމެއް އުފެދި، އެކަމާމެދު ތިޔަބައިމީހުން ބިރުގެންފިނަމަ، އޭނާގެ އަހުލުވެރިންގެ ތެރެއިން ނިޔާވެރިޔަކާއި، އެ ކަނބުލޭގެ އަހުލުވެރިންގެ ތެރެއިން ނިޔާވެރިޔަކު ތިޔަބައިމީހުން ފޮނުވާށެވެ. ސުލްހަކުރުމަށް އެ ދެ މީހުން ގަސްދުކުރާނަމަ، ﷲ، އެ ދެ މީހުން ސުލްހަ ކުރައްވާ، އެއްބަސް ކުރައްވާފާނެތެވެ. ހަމަކަށަވަރުން ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ ޚަބީރުވަންތަ އިލާހު ކަމުގައިވެއެވެ.
36
އަދި ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށެވެ. އަދި އެ އިލާހާ އެއްވެސް އެއްޗެއް ޝަރީކު ނުކުރާށެވެ. އަދި މައިންބަފައިންނަށާއި، ގާތްތިމާގެ މީހުންނަށާއި، ޔަތީމުންނަށާއި، މިސްކީނުންނަށާއި، ގާތްތިމާގެކަމުގެ ގުޅުން ހުރި އަވައްޓެރިޔާއަށާއި، ތިމާގެކަމުގެ ގުޅުމެއް ނެތް އަވައްޓެރިޔާއަށާއި، ކައިރި އެކުވެރިޔާއަށާއި، ދަތުރުވެރިޔާއަށާއި، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް ހެޔޮކޮށް ހިތާށެވެ. ހަމަކަށަވަރުން ތިމާގެ މޮޅުކަން ތިމާޔަށް ފެނި، ބޮޑާވެގެން އުޅޭ މީހަކުކަމުގައި ވެއްޖެ މީހަކުދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެއެވެ.
37
އެ މީހުންނީ، ދަހިވެތިވާ މީހުންނެވެ. އަދި ދަހިވެތިވުމަށް މީސްތަކުންނަށް އަމުރުކުރާ މީހުންނެވެ. އަދި ﷲ، އެ އިލާހުގެ ފަޟްލުވަންތަކަމުގެ ތެރެއިން އެބަޔަކަށް ދެއްވާފައިވާތަކެއްޗާއި ކަންތައް ވަންހަނާކުރާ މީހުންނެވެ. ކާފިރުންނަށް ޓަކައި، އިހާނަތްތެރި އަޒާބު ތިމަން އިލާހު ތައްޔާރު ކުރެއްވީމެވެ.
38
އަދި އެ މީހުންނަކީ، މީސްތަކުންނަށް ދެއްކުމަށް ޓަކައި އެ މީހުންގެ މުދާތައް ހޭދަކޮށް އުޅޭ މީހުންނެވެ. އަދި ﷲ އަށާއި، އާޚިރަތް ދުވަހަށް އީމާން ނުވާ މީހުންނެވެ. ޝައިތާނާ، އެ މީހެއްގެ އެކުވެރިޔަކު ކަމުގައިވާ މީހާ، (ދަންނާށެވެ.) ފަހެ އެކަލޭގެއީ، ހާދަހާ ނުބައިވެގެންވާ އެކުވެރިއެކެވެ.
39
އެ މީހުން ﷲ އަށާއި، އާޚިރަތް ދުވަހަށް އީމާންވެ، އެ މީހުންނަށް ﷲ ދެއްވި ތަކެތިން އެ މީހުން ހޭދަކޮށްއުޅުނުނަމަ، އެ މީހުންގެ މައްޗަށް އޮތީ ކޮންކަމެއްހެއްޔެވެ؟ އެ މީހުންގެ ކަންތައް، މޮޅަށް ދެނެވޮޑިގެންވާ އިލާހު ކަމުގައި ﷲ ވޮޑިގެންވެއެވެ.
40
ﷲ، (އެއްވެސް މީހަކަށް) ޒައްރެއްގެ މިންވަރުވިޔަސް ބޭއިންސާފެއް ނުކުރައްވާނެކަން ކަށަވަރެވެ. އެއީ، ހެޔޮކަމެއް ކަމުގައިވާނަމަ، އެ ކަންތައް (އެބަހީ: އޭގެ ސަވާބު) ގިނަގުނަ ކުރައްވައެވެ. އަދި އެ އިލާހުގެ ހަޒްރަތުން ބޮޑުވެގެންވާ ދަރުމަ ދެއްވައެވެ.
41
ފަހެ ތިމަން އިލާހު ކޮންމެ އުއްމަތަކުން ހެކިވެރިޔަކު، (އެބަހީ: އެ މީހުންގެ މައްޗަށް ހެކިވުމަށް ޓަކައި އެ އުއްމަތެއްގެ ނަބިއްޔަކު) ގެންނަވައި، އަދި މިބައިމީހުންގެ މައްޗަށް ހެކިވެރިޔެއްގެ ގޮތުގައި ތިމަން އިލާހު ކަލޭގެފާނު ގެންނަވާހިނދު، (ކާފިރުންގެ ހާލު) ކޮންފަދަތޯއެވެ؟
42
ކާފިރުވެ، ރަސޫލާއަށް ނުކިޔަމަންތެރިވި މީހުން އެ މީހުން ބިމާ ހަމަހަމަވެގެން ދާނެނަމައޭ ހީކޮށް، އެ ގޮތްވުމަށް އެ ދުވަހު އެދޭނެތެވެ. އަދި (އެ ދުވަހުން) އެ މީހުންނަކަށް ﷲ އަށް އެއްވެސް ކަމެއް ވަންހަނާއެއް ނުކުރެވޭނެއެވެ.
43
އޭ އީމާންވެއްޖެ މީސްތަކުންނެވެ. (ނަމާދުގައި) ކިޔާ އެއްޗެއް ތިޔަބައިމީހުންނަށް އެނގިއްޖައުމަށް ދާންދެން، މަސްތުވެގެން ތިބޭ ހާލު ތިޔަބައިމީހުން ނަމާދާ ގާތްނުވާށެވެ. އަދި މަގު ހުރަސްކޮށް ދަތުރުކުރާ ދަތުރުވެރިން މެނުވީ، ޖުނުބުވެރިވެގެންވާ ހާލު ވެސް، ތިޔަބައިމީހުން ހިނައިގެންފުމަށް ދާންދެން، (ނަމާދާ ގާތްނުވާށެވެ.) އަދި ބަލިމީހުން ކަމުގައި ތިޔަބައިމީހުން ވާނަމަ، ނުވަތަ، ދަތުރެއްގެ މަތީގައިވާނަމަ، ނުވަތަ، ތިޔަބައިމީހުންކުރެ މީހަކު ހަނޑަހުން އައިނަމަ، (އެބަހީ: ކުޑަކަމު ނުވަތަ ބޮޑުކަމު ހިނގައްޖެނަމަ) ނުވަތަ، އަންހެނުންގައި ތިޔަބައިމީހުން ބީހިއްޖެނަމަ، ދެން، ތިޔަބައިމީހުންނަށް ފެން ނުލިބިއްޖިއްޔާ، ތާހިރު ވެލިން ތިޔަބައިމީހުން ތަޔައްމަމުކުރާށެވެ! ފަހެ ތިޔަބައިމީހުންގެ މޫނުތަކާއި، އަތްތަކުގައި، (އެ ވެލިން) ފުހޭށެވެ! ހަމަކަށަވަރުން ﷲ އީ، ގިނަގިނައިން އަފޫކުރައްވާ، ގިނަގިނައިން ފާފަ ފުއްސަވާ އިލާހު ކަމުގައިވެއެވެ.
44
ފޮތުގެ ތެރެއިން ބައެއް އެ މީހުންނަށް ލިބުނު މީހުން، ކަލޭގެފާނު ދެކެވަޑައެއް ނުގަންނަވަމުތޯއެވެ؟ އެ މީހުން މަގުފުރެދުން ގަނެއެވެ. އަދި ތިޔަބައިމީހުން މަގުފުރެދުމަށް ވެސް އެ މީހުން އެދެތެވެ.
45
ﷲ ތިޔަބައިމީހުންގެ އަދާވާތްތެރިން ދެނެވޮޑިގަތުން ބޮޑެވެ. އަދި އެހީތެރިޔަކުކަމުގައި ﷲ ފުދެއެވެ. އަދި ނަސްރުވެރިޔަކު ކަމުގައިވެސް ﷲ ފުދެއެވެ.
46
ޔަހޫދީންގެ ތެރޭގައި، (ބާވައިލެއްވި) ބަސްތައް ހުންނަންވީ ތަންތަނުން ބަދަލުކޮށް އޮޅުވާލާ މީހުން ވެއެވެ. އަދި އެ މީހުން ބުނެއެވެ: ތިމަންމެން އަހައިފީމުއޭ، އަދި ތިމަންމެން އުރެދިއްޖައީމުއޭ، އަދި ނީވޭ މީހެއްގެ ގޮތުގައި އައްސަވާށޭ، އަދި ތިމަންމެންނަށް ރިއާޔަތް ކުރައްވާށެވެ. (އެ މީހުން އެފަދަ ބަސްތައް ބުނަނީ) އެ މީހުންގެ ދޫތަކުން ބަސްތައް އޮޅުވާލުމުގެ ގޮތުންނެވެ. އަދި ދީނާ މެދުގައި ފުރައްސާރަ ކުރުމުގެ ގޮތުންނެވެ. އަދި (އޭގެ ބަދަލުގައި) ތިމަންމެން އަހައިފީމުއޭ، އަދި ކިޔަމަން ވެއްޖައީމުއޭ، އަދި އައްސަވާށޭ، އަދި ތިމަންމެންނަށް ބައްލަވާ އިންތިޒާރުކުރައްވާށޭ (މިހެން) އެ މީހުން ބުނިނަމަ، އެ މީހުންނަށް ހެޔޮކަން މާ ބޮޑުވީހެވެ. އަދި ސީދާކަންވެސް މާ ބޮޑުވީހެވެ. އެހެނެއްކަމަކު އެ މީހުން ކާފިރުވުމުގެ ސަބަބުން، ﷲ އެ މީހުންނަށް ލައުނަތް ލެއްވިއެވެ. ފަހެ (އޭގެ ތެރެއިން) މަދު ބަޔަކު މެނުވީ އީމާނެއް ނުވާނެއެވެ.
47
އޭ ފޮތް ލިބުނު މީހުންނެވެ. ތިޔަބައިމީހުންނާ އެކުގައިވާ ފޮތް ތެދުކުރާގޮތުގައި، ތިމަން އިލާހު ބާވައިލެއްވި ފޮތަށް (އެބަހީ: ގުރްއާނަށް) ތިޔަބައިމީހުން އީމާން ވާށެވެ. (އެއީ) މޫނުތަކެއް ބަދަލު ކުރައްވާ، ތިމަން އިލާހު އެ މޫނުތައް ފުރަގަހަށް ރައްދު ކުރެއްވުމުގެ ކުރިންނެވެ. (އެބަހީ: އެ މީހުންގެ މައްޗަށް އަޒާބެއް ފޮނުއްވުމުގެ ކުރިންނެވެ.) ނުވަތަ، ހޮނިހިރުގެ އަހުލުވެރިންނަށް، ތިމަން އިލާހު ލައުނަތް ލެއްވިފަދައިން، އެ މީހުންނަށް ލައުނަތް ލެއްވުމުގެ ކުރިންނެވެ. ﷲ ގެ އަމުރުފުޅު އެއީ، ހިނގަނިވިކަމެއް ކަމުގައިވެއެވެ.
48
ހަމަކަށަވަރުން ﷲ، އެ އިލާހަށް ޝަރިކުކުރުމުގެ ފާފައެއް ނުފުއްސަވައެވެ. އަދި އެ ނޫން ފާފަތައް، އެ އިލާހު އިރާދަކުރައްވާ މީހަކަށް ފުއްސަވައެވެ. އަދި ﷲ އަށް ޝަރީކުކުރާ މީހާ، ފަހެ ބޮޑުވެގެންވާ ދޮގު ފާފައެއް އުފައްދައިފިކަން ކަށަވަރެވެ.
49
ތިމާމެންގެ އަމިއްލަ ނަފްސުތަކަށް ތާރީފުކުރާ މީހުން، ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟ އަދި ކިއެއް! ﷲ އިރާދަ ކުރެއްވި މީހަކަށް އެ އިލާހު ތާރީފު ކުރައްވައެވެ. އަދި ކިތަންމެކުޑަ މިންވަރަކުން ވިޔަސް، އެ މީހުންނަށް ބޭއިންސާފެއް ނުކުރައްވާނެއެވެ.
50
ﷲ އާމެދު، އެ މީހުން ދޮގު ހަދާގޮތް ކަލޭގެފާނު ދެކެވަޑައިގެން ބައްލަވާށެވެ. ބަޔާން ވެގެންވާ ފާފައެއްކަމުގައި އެ ކަންތައް ފުދެއެވެ.
51
ފޮތުގެ ތެރެއިން ބައެއް އެ މީހުންނަށް ލިބުނު މީހުން، ކަލޭގެފާނު ދެކެވަޑައެއް ނުގަންނަވަމުތޯއެވެ؟ އެ މީހުން ސިހުރާއި ޠާޣޫތަށް އީމާން ވެއެވެ. އަދި ކާފިރުވި މީހުންނަށް އެ މީހުން ބުނެއެވެ: އީމާންވެގެން ތިބި މީހުންނަށްވުރެ، މިބައިމީހުން ވަނީ މާ ބޮޑަށް ތެދުމަގުގައެވެ.
52
އެ މީހުންނަކީ، ހަމަ ﷲ، ލައުނަތް ލައްވާފައިވާ މީހުންނެވެ. ﷲ، ލައުނަތް ލައްވާ މީހާ، (ދަންނާށެވެ.) ފަހެ އެ މީހަކަށް ނަސްރުވެރިވާނޭ މީހަކު ތިބާޔަކަށް ނުފެންނާނެއެވެ.
53
ނުވަތަ، ވެރިކަމުގެ ތެރެއިން ބައެއް އެ މީހުންނަށް ލިބިގެންވަނީހެއްޔެވެ؟ ފަހެ އެހެންވެއްޖިއްޔާ އެ މީހުން މީސްތަކުންނަށް ކިތަންމެ ކުޑަމިންވަރެއްވިޔަސް ނުދޭނެތެވެ.
54
ނުވަތަ، ﷲ ގެ ފަޟްލުވަންތަކަމުގެ ތެރެއިން، އެ އިލާހު މީސްތަކުންނަށް ދެއްވާފައިވާ ކަންތަކާމެދު އެ މީހުން (އެބަހީ: ޔަހޫދީން) މީސްތަކުންނަށް ހަސަދަވެރި ވަނީހެއްޔެވެ؟ ފަހެ ހަމަކަށަވަރުން އިބްރާހީމްގެފާނުގެ އާލުވެރިންނަށް، ފޮތާއި ހިކުމަތް، ތިމަން އިލާހު ދެއްވީމެވެ. އަދި ބޮޑުވެގެންވާ ވެރިކަމެއް، ތިމަން އިލާހު އެ މީހުންނަށް ދެއްވީމެވެ.
55
ފަހެ އެކަލޭގެފާނަށް (އެބަހީ: މުޙައްމަދުގެފާނަށް) އީމާންވި މީހުން އެ މީހުންގެ ތެރެއިންވެއެވެ. އަދި އެކަލޭގެފާނަށް ފުރަގަސްދިން މީހުންވެސް އެ މީހުންގެ ތެރެއިންވެއެވެ. (އެ މީހުންނަށް ޓަކައި) އަނދައަނދާ ހުންނަ އަލިފާންގަނޑެއް ކަމުގައި ޖަހައްނަމަ ފުދެއެވެ.
56
ހަމަކަށަވަރުން ތިމަން އިލާހުގެ އާޔަތްތަކަށް ކާފިރުވި މީހުން ނިކަންހުރެ ތިމަން އިލާހު އެ މީހުން ނަރަކައަށް ވައްދަވާ ހުށީމެވެ. އެ މީހުންގެ ހަންތައް ރޯފިލައްޖެ ކޮންމެހިނދަކު، އެ މީހުންގެ ހަންތައް އެނޫން ހަންތަކަކަށް ބަދަލު ކުރައްވަމެވެ. އެއީ، އެ މީހުން އަޒާބުގެ ރަހަ ލިބިގަތުމަށް ޓަކައެވެ. ހަމަކަށަވަރުން ﷲ އީ، ޢަޒީޒުވަންތަ ޙަކީމްވަންތަ އިލާހު ކަމުގައިވެއެވެ.
57
އަދި އީމާންވެ، ސާލިހު އަމަލުކުޅަމީހުން، އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް، ތިމަން އިލާހު އެ މީހުން ވައްދަވާހުށީމެވެ. އެ ސުވަރުގެތަކުގައި، އެ މީހުން، އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. އެ ތާނގައި އެ މީހުންނަށް ތާހިރުކުރައްވާފައިވާ އަނބިންތަކެއް ވެއެވެ. އަދި ހިޔާދެނިވި ހިޔަލަކަށް، ތިމަން އިލާހު އެ މީހުން ވައްދަވާހުށީމެވެ.
58
ހަމަކަށަވަރުން އަމާނަތްތައް، އޭގެ އަހުލުވެރިންނަށް އަދާކުރުމަށް، ﷲ ތިޔަބައިމީހުންނަށް އަމުރު ކުރައްވައެވެ. އަދި މީސްތަކުންގެ މެދުގައި ތިޔަބައިމީހުން ހުކުމްކުރާނަމަ، އަދުލަށް ހުކުމްކުރުމަށް ވެސް، އަމުރު ކުރައްވައެވެ. ހަމަކަށަވަރުން ﷲ އެކަމަކާމެދު، ތިޔަބައިމީހުންނަށް ވައުޒު އިއްވަވާކަމެއްގެ މޮޅުކަމާއެވެ. ހަމަކަށަވަރުން ﷲ އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ އިލާހަކު ކަމުގައިވެއެވެ.
59
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުން ﷲ އަށް ކިޔަމަންވާށެވެ. އަދި ރަސޫލަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށް ވެސް ކިޔަމަންވާށެވެ. ފަހެ ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، ﷲ އާއި ރަސޫލާއަށް އެ ކަމެއް ރައްދުކުރާށެވެ. (އެބަހީ: އެކަމާމެދު ﷲ އާއި އެ އިލާހުގެ ރަސޫލާގެ ހުކުމް އޮތްގޮތެއް ބަލައި އެ ގޮތަށް އަމަލުކުރާށެވެ.) ތިޔަބައިމީހުން ﷲ އާއި އާޚިރަތް ދުވަހަށް އީމާންވާ ކަމުގައި ވާނަމައެވެ. އެ ގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އަދި ނިމުމެއްގެ ގޮތުން ރީތިކަންވެސް ބޮޑުމެއެވެ.
60
ކަލޭގެފާނަށް ބާވައިލައްވާފައިވާ ފޮތަށާއި، ކަލޭގެފާނުގެ ކުރިން ބާވައިލައްވާފައިވާ ފޮތްތަކަށް، އީމާންވެގެން ތިބިކަމަށް ބުނާ މީހުން ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟ އެ މީހުން އެދެނީ ޠާޣޫތުގެ ފަރާތުން ހުކުމް ހޯދުމަށެވެ. އެއީ ހަމަކަށަވަރުން އެ ފަރާތަށް ކާފިރު ވުމަށް އެ މީހުންނަށް އަމުރުކުރައްވާފައިވާ ހާލުގައެވެ. އަދި ޝައިތާނާ އެދެނީ (ހައްގު މަގުން) ދުރުވެގެންވާ މަގުފުރެދުމަކުން، އެ މީހުން މަގުފުރެއްދުމަށެވެ.
61
އަދި ﷲ ބާވައިލައްވާފައިވާ ފޮތަށާއި، ރަސޫލާ އަންގަވާ ގޮތަށް ތަބާ ވާން ތިޔަބައިމީހުން އަންނާށޭ ބުނެފިނަމަ، މުނާފިގުން، (ނަފުރަތުވެ) ކަލޭގެފާނަށް ފުރަގަސްދޭތީ ދެކެވަޑައިގަންނަވާނެއެވެ.
62
އަދި އެ މީހުންގެ އަތްތަކުން އިސްކުރި އަމަލުތަކެއްގެ ސަބަބުން އެ މީހުންނަށް މުސީބަތެއް ޖެހިއްޖިއްޔާ ކޮންފަދަތޯއެވެ؟ ދެން، އެ މީހުން އިހްސާންތެރިވުމާއި، އެކުވެރިކުރުން މެނުވީ ތިމަންމެން ގަސްދެއް ނުކުރަމުއޭ ދަންނަވައި، ﷲ ގަންދީ ހުވާކުރަމުން ކަލޭގެފާނުގެ އަރިހަށް އާދެއެވެ.
63
އެ މީހުންނަކީ، އެ މީހުންގެ ހިތްތަކުގައިވާ ގޮތްތައް، ﷲ ދެނެވޮޑިގެންވާ މީހުންނެވެ. ފަހެ (ކަލޭގެފާނު އެ މީހުންނާ އުގޫބާތް ދެއްވުން ފިޔަވާ) ކަލޭގެފާނު ދުރުހެލިވެވަޑައި ގަންނަވާށެވެ. އަދި އެ މީހުންނަށް ވައުޒާއި ނަސޭހަތް އިއްވަވާށެވެ. އަދި އެ މީހުންގެ ނަފްސުތަކާމެދު އަސަރުކުރާފަދަ ބަލާޣަތްތެރި ބަސްފުޅަކުން އެ މީހުންނާ ވާހަކަފުޅު ދައްކަވާށެވެ.
64
ﷲ ގެ އިޒުނަފުޅާއެކު، ކިޔަމަންވުމަށް ޓަކައި މެނުވީ، ތިމަން އިލާހު އެއްވެސް ރަސޫލަކު ނުފޮނުއްވަމެވެ. އަދި އެ މީހުން އެ މީހުންގެ އަމިއްލަ ނަފްސުތަކަށް އަނިޔާވެރިވީހިނދު، ކަލޭގެފާނުގެ އަރިހަށް އެ މީހުން އައިސް، ފާފަ ފުއްސެވުމަށް ﷲ ގެ ހަޒްރަތަށް ދަންނަވައި އެދުނުނަމަ، އަދި ރަސޫލާ އެ މީހުންނަށް ފާފަ ފުއްސެވުމަށް އެދިވަޑައިގެން ދުއާކުރެއްވިނަމަ، ގިނަގިނައިން ތައުބާ ގަބޫލު ކުރައްވާ ރަޙީމްވަންތަ އިލާހަކު ކަމުގައި އެ މީހުން ﷲ ދެކޭނެކަން ކަށަވަރެވެ.
65
ފަހެ އެހެނަކުން ނޫނެވެ. ކަލޭގެފާނުގެ ރައްބު ގަންދެއްވަމެވެ. އެ މީހުންގެ މެދުގައި އުފެދޭ ޚިލާފުތަކުގައި، ހުކުމްކުރާ ފަރާތަކީ ކަލޭގެފާނު ކަމުގައި އެ މީހުން ހަދާ، ދެން ކަލޭގެފާނު ނިޔާކުރައްވާ ގޮތާމެދު އެ މީހުންގެ ހިތްތަކުގައި އެއްވެސް އުނދަގޫކަމެއް ނުވާ ހާލު، ފުރިހަމަ ކިޔަމަންތެރިކަމަކުން އެ މީހުން ކިޔަމަންތެރިނުވާހާ ހިނދަކު، އެ މީހުން އީމާންވި ކަމުގައި ނުވާނެއެވެ.
66
އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް ގަތުލުކުރާށޭ ނުވަތަ ތިޔަބައިމީހުންގެ ގޯތިގެދޮރުން ނުކުންނާށޭ އަންގަވައި، އެ ކަން އެ މީހުންގެ މައްޗަށް ތިމަން އިލާހު ފަރުޟުކުރެއްވިނަމަ، އޭގެ ތެރެއިން މަދުބަޔަކު މެނުވީ އެ ކަންތަކެއް ނުކުޅައީހެވެ. އަދި އެ މީހުންނަށް އެކަމާމެދު ވައުޒު އިއްވަވާ ކަންތައް އެ މީހުން ކުޅަނަމަ، އެ މީހުންނަށް ހެޔޮކަން މާ ބޮޑުވީހެވެ. އަދި ސާބިތުވެ ތިބުމުގައި ގަދަފަދަކަން ބޮޑުވީސްމެއެވެ.
67
އަދި އެހެންވީނަމަ، ތިމަން އިލާހުގެ ހަޒްރަތުން އެ މީހުންނަށް ބޮޑުވެގެންވާ ދަރުމައެއް ދެއްވީމުހެވެ.
68
އަދި ސީދާވެގެންވާ ތެދުމަގަކަށް އެ މީހުންނަށް މަގު ދެއްކެވީމުހެވެ.
69
ﷲ އަށާއި، ރަސޫލާއަށް ކިޔަމަންވާ މީހުން (ދަންނާށެވެ.) ފަހެ އެ މީހުން ވަނީ، ﷲ އެބަޔެއްގެ މައްޗަށް ނިއުމަތް ދެއްވި މީހުންކަމުގައިވާ ނަބިއްޔުންނާއި، ސިއްދީގުންނާއި، ޝަހީދުންނާއި، ސާލިހުންނާ އެކުގައެވެ. އެ ބޭކަލުންނީ އެކުވެރިން ކަމުގައިވުމަށް ހާދަ ރަނގަޅު ބަޔެކެވެ.
70
އެ ފަޟްލުވަންތަކަން ވަނީ، ﷲ ގެ ހަޒްރަތުންނެވެ. މޮޅަށް ދެނެވޮޑިގެންވާ އިލާހަކު ކަމުގައި ﷲ ފުދެއެވެ.
71
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުން (އަދުއްވުންނާ ހަނގުރާމަ ކުރުމުގައި) ރައްކާތެރި ކަމުގައި ހިފާށެވެ! އަދި ބައިބަޔަށް ތިޔަބައިމީހުން ހަނގުރާމައަށް ނުކުންނާށެވެ! ނުވަތަ، އެންމެން އެކުގައި ތިޔަބައިމީހުން ހަނގުރާމައަށް ނުކުންނާށެވެ!
72
ހަމަކަށަވަރުން ހަނގުރާމައަށް ނުކުތުމުގައި ފަސްޖެހި، އަދި އެހެން މީހުން ފަސްޖެހުމަށް ބާރުއަޅާ މީހަކު، ތިޔަބައިމީހުންގެ ތެރެއިން ވާކަން ކަށަވަރެވެ. ފަހެ ތިޔަބައިމީހުންނަށް މުސީބަތެއް ޖެހިއްޖެނަމަ، އެ މީހަކު ބުނެއެވެ. ހަމަކަށަވަރުން ﷲ ތިމަންނާޔަށްވަނީ ނިއުމަތް ދެއްވާފައެވެ. އެހެނީ، ތިމަން އެ މީހުންނާއެކު ހަނގުރާމައަށް ހާޒިރުވީ މީހަކު ކަމުގައި ނުވަމެވެ.
73
އަދި ﷲ ގެ ހަޒްރަތުން، ތިޔަބައިމީހުންނަށް ފަޟްލުވަންތަކަމެއް ލިބިއްޖެނަމަ، ހަމަކަށަވަރުން އެ މީހަކު ބުނާނެއެވެ. އޭ ސަހަރޯއެވެ! އެ މީހުންނާ އެކުގައި ތިމަންވެސް ހަނގުރާމައިގައި ވީނަމަ ކިހާރަނގަޅުވީސްހެއްޔެވެ؟ ފަހެ އޭރުން ބޮޑުވެގެންވާ ނަސީބަކުން ތިމަންނާއަށް ނަސީބު ލިބޭނެއެވެ. (މިފަދައިން ބުނާއިރު) އެ މީހަކާ ތިޔަބައިމީހުންނާ ދެމެދުގައި އެކުވެރިކަމެއް ރައްޓެހި ކަމެއްވެސް ނުވާކަހަލައެވެ.
74
އާޚިރަތަށް ދުނިޔޭގެ ދިރިއުޅުން ދޫކޮށްލާ މީހުން، ﷲ ގެ މަގުގައި ހަނގުރާމަ ކުރާ ހުށިކަމެވެ. ﷲ ގެ މަގުގައި ހަނގުރާމަކޮށް، ގަތުލު ވާމީހާ، ނުވަތަ ދުޝްމަނުން ބަލިކުރާމީހާ (ދަންނާށެވެ.) ފަހެ ތިމަން އިލާހު އެ މީހަކަށް ބޮޑުވެގެންވާ ދަރުމައެއް ދެއްވާހުށީމެވެ.
75
އަދި ﷲ ގެ މަގުގައްޔާއި، އަދި ފިރިހެނުންނާއި، އަންހެނުންނާއި، ކުޑަކުދިންގެ ތެރެއިން، ނިކަމެތި ވެގެންވާ މީހުން ސަލާމަތްކުރުމުގެ މަގުގައި، ތިޔަބައިމީހުން ހަނގުރާމަ ނުކުރާންވީ ކީއްވެގެންހެއްޔެވެ؟ އެ މީހުންނަކީ، (މިފަދައިން) ދުއާކުރާ މީހުންނެވެ. އަޅަމެންގެ ރައްބެވެ. އެރަށުގެ އަހުލުވެރިން އަނިޔާވެރިވެގެންވާ މި ރަށުން އަޅަމެން ނެރުއްވައިފާނދޭވެ. އަދި އިބަ އިލާހުގެ ހަޒްރަތުން ވާގިވެރިޔަކު އަޅަމެންނަށް ލައްވައިފާނދޭވެ. އަދި އިބަ އިލާހުގެ ހަޒްރަތުން ނަސްރުވެރިޔަކު އަޅަމެންނަށް ލައްވައިފާނދޭވެ.
76
އީމާންވި މީހުން ﷲ ގެ މަގުގައި ހަނގުރާމަ ކުރެއެވެ. އަދި ކާފިރުވި މީހުން ޠާޣޫތުގެ މަގުގައި ހަނގުރާމަ ކުރެއެވެ. ފަހެ ތިޔަބައިމީހުން ޝައިތާނާގެ ވާގިވެރިންނާ ހަނގުރާމަ ކުރާށެވެ. ހަމަކަށަވަރުން ޝައިތާނާގެ ކެހިވެރިކަންވަނީ ނިކަމެތިވެގެންނެވެ.
77
ތިޔަބައިމީހުންގެ އަތްތައް (ހަނގުރާމައިން) އެއްކިބާކުރާށޭ، އަދި ތިޔަބައިމީހުން ނަމާދު ގާއިމުކޮށް، ޒަކާތް ދީ، އުޅޭށޭ އަންގަވާފައިވާ މީހުން، ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟ ދެންފަހެ ހަނގުރާމަކުރުން އެ މީހުންގެ މައްޗަށް ފަރުޟުކުރެއްވި ހިނދު، އެހާރުން އޭގެ ތެރެއިން ބަޔަކު ﷲ އަށް ބިރުވެތިވާފަދައިން، ނުވަތަ، އެއަށްވުރެވެސް ގަދަ ބިރުވެތިވުމަކުން، މީސްތަކުންދެކެ ބިރުވެތިވެއެވެ. އަދި އެ މީހުން ބުނެއެވެ. އަޅަމެންގެ ރައްބެވެ. އިބަ އިލާހު އަޅަމެންގެ މައްޗަށް ހަނގުރާމަކުރުން ފަރުޟުކުރެއްވީ ކީއްވެގެންތޯއެވެ؟ ކައިރި މުއްދަތަކަށް އަޅަމެންނަށް ފަސްކޮށްދެއްވިނަމަ، ކޮންފަދަތޯއެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ. ދުނިޔޭގެ އުފަލަކީ ކުޑަވަގުތުކޮޅެއްގެ ކަމެކެވެ. އަދި ތަގުވާވެރިވި މީހަކަށް އާޚިރަތް ހެޔޮކަން ބޮޑެވެ. އަދި ތިޔަބައިމީހުންނަށް ކިތަންމެ ކުޑަމިންވަރަކުންވެސް ބޭއިންސާފެއް ނުކުރައްވާހުއްޓެވެ.
78
އުސްވެގެންވާ ގަދަފަދަ ކިއްލާތަކެއްގެ ތެރޭގައި ތިޔަބައިމީހުން ތިބިކަމުގައިވިޔަސް، ތިޔަބައިމީހުން ތިބި ކޮންމެ ތަނަކުން މަރު، ތިޔަބައިމީހުން އަތުލާނެތެވެ. އެ މީހުންނަށް ހެޔޮގޮތެއް މެދުވެރިވެއްޖެނަމަ، މިއީ، ﷲ ގެ ހަޒްރަތުން އައިކަމެކޭ އެ މީހުން ބުނެއެވެ. އަދި އެ މީހުންނަށް ދެރަގޮތެއް މެދުވެރިވެއްޖެނަމަ، މިއީ، ކަލޭގެފާނުގެ ފަރާތުން އައިކަމެކޭ އެ މީހުން ބުނެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ކޮންމެކަމަކީވެސް، ﷲ ގެ ހަޒްރަތުން އަންނަ ކަމެކެވެ. ފަހެ މިބައިމީހުންނަށް އެއްވެސް ވާހަކައެއް ވިސްނޭން ގާތްވެސްނުވެ އެތިބީ ކީއްވެފައި ބާވައެވެ؟
79
ތިބާއަށް ލިބިއްޖެ ހެޔޮ ކަމަކީ، ފަހެ ﷲ ގެ ހަޒްރަތުން އައިކަމެކެވެ. އަދި ތިބާއަށް ލިބިއްޖެ ދެރަކަމަކީ، ފަހެ ތިބާގެ އަމިއްލަ ނަފްސުގެ ފަރާތުން އައިކަމެކެވެ. ތިމަން އިލާހު ކަލޭގެފާނު މީސްތަކުންގެ ގާތަށް ފޮނުއްވާފައިވަނީ، ރަސޫލަކު ކަމުގައެވެ. ހެކިވެރިޔަކު ކަމުގައި ﷲ ފުދެއެވެ.
80
ރަސޫލާއަށް ކިޔަމަންވާ މީހާ، ފަހެ ހަމަކަށަވަރުން ﷲ އަށް ކިޔަމަންވެއްޖެއެވެ. އަދި ފުރަގަސް ދީފި މީހާ (ދަންނާށެވެ.) ފަހެ އެ މީހުންގެ ކަންތައްތައް ބަލަހައްޓަވަން ހުންނެވި ބޭކަލަކު ކަމުގައި ތިމަން އިލާހު ކަލޭގެފާނު ނުފޮނުއްވަމެވެ.
81
އެ މީހުން ބުނެއެވެ. ތިމަންމެން ކިޔަމަންވަމުއެވެ. ފަހެ އެ މީހުން ކަލޭގެފާނުގެ އަރިހުން ނުކުމެއްޖެނަމަ، އޭގެ ތެރެއިން ބަޔަކު ކަލޭގެފާނު ވިދާޅުވާގޮތް ނޫންގޮތަކަށް ރާވައެވެ. އެ މީހުން ރާވާގޮތް ﷲ ލިޔުއްވައެވެ. ފަހެ ކަލޭގެފާނު އެ މީހުންނާ ދުރުހެލިވެ ވަޑައިގަންނަވާށެވެ. އަދި ﷲ އަށް ވަކީލު ކުރައްވާށެވެ. ވަކީލަކު ކަމުގައި ﷲ ފުދެއެވެ.
82
ފަހެ ގުރްއާނާމެދު އެ މީހުން ވިސްނައި ފިކުރު ނުކުރަނީހެއްޔެވެ؟ އެ ގުރްއާނަކީ، ﷲ ނޫން އެހެން ފަރާތަކުން އައި އެއްޗެއް ކަމުގައިވީނަމަ، ގިނަވެގެންވާ ތަފާތުތައް އެއިން އެ މީހުންނަށް ފެނުނީހެވެ.
83
އަދި އެ މީހުންގެ ގާތަށް އަމާންކަމުގެ ތެރެއިން، ނުވަތަ ބިރުވެރިކަމުގެ ތެރެއިން ކަމެއް އަތުވެއްޖެނަމަ (އެބަހީ: ހަނގުރާމައިގައި ނަސްރު ލިބުން ނުވަތަ ބަލިވުން ފަދަ ޚަބަރެއް އެ މީހުންނަށް ލިބިއްޖެނަމަ) އެ ކަމެއް (އެންމެންގެ ތެރެއަށް) ފަތުރާލައެވެ. އަދި ރަސޫލާގެ އަރިހަށާއި އެ މީހުންގެ ތެރެއިން އަމުރުވެރިންގެ ގާތަށް އެ ކަމެއް ރައްދުކުޅަނަމަ، އޭގެ ތެރެއިން، އެފަދަ ކަންތަކުގެ ހަގީގަތްތައް ހޯދައިގަންނަ މީހުންނަށް، އެ ކަމެއް އެނގުނީސްކަން ކަށަވަރެވެ. ﷲ ގެ ފަޟްލުވަންތަކަމާއި، އެ އިލާހުގެ ރަހުމަތް ނުވާނަމަ، ތިޔަބައިމީހުންގެ ތެރެއިން މަދުބަޔަކު މެނުވީ ޝައިތާނާއަށް ތަބާ ވެއްޖައީހެވެ.
84
ފަހެ ﷲ ގެ މަގުގައި ކަލޭގެފާނު ހަނގުރާމަ ކުރައްވާށެވެ. ކަލޭގެފާނުގެ އަމިއްލަ ނަފްސަށް މެނުވީ ކަލޭގެފާނަކަށް ތަކުލީފެއް ނުޖައްސަވާހުއްޓެވެ. އަދި (ހަނގުރާމަކުރުމުގެ މައްޗަށް) މުއުމިނުންނަށް ކަލޭގެފާނު ހިތްވަރު ދެއްވާށެވެ. ކާފިރުވި މީހުންގެ ބާރު، ﷲ ނެތި ކުރެއްވުން ގާތެވެ. އަދި ބާރުގަދަކަމުގައި ﷲ މާ ގަދަފަދަވަންތަކަން ބޮޑެވެ. އަދި އަޒާބު ދެއްވުމުގައިވެސް މާ ގަދަފަދަވަންތަކަން ބޮޑުމެއެވެ.
85
ހެޔޮ ޝަފާއަތަކުން ޝަފާއަތްތެރިވާ މީހާއަށް އޭގެ (ދަރުމައިން) ބައެއްވެއެވެ. އަދި ނުބައި ޝަފާއަތަކުން ޝަފާއަތްތެރިވާ މީހާއަށް އޭގެ (ފާފައިން) ބައެއްވެއެވެ. ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.
86
އަދި ތިޔަބައިމީހުންނަށް ސަލާމަކުން ސަލާމްކުރެވިއްޖެ ނަމަ، ފަހެ އެ އަށްވުރެ ރަނގަޅަށް، ނުވަތަ އެއާއި އެއްވަރަށް ސަލާމް ދޭށެވެ. ނުވަތަ އެ ސަލާމް ރައްދުކުރާށެވެ! ހަމަކަށަވަރުން ކޮންމެ ކަމެއްގެ ހިސާބު ބައްލަވާ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.
87
ﷲ އީ، އެ އިލާހު ފިޔަވާ (އަޅުކަންކުރުން ހައްގުވާ) އިލާހަކުނުވާ އިލާހެވެ. ގިޔާމަތް ދުވަހުން، އެ އިލާހު ތިޔަބައިމީހުން އެއް ކުރައްވާނެކަން ކަށަވަރެވެ. އެކަމާމެދަކު ޝައްކެއް ނެތެވެ. ބަސްބުނުމުގައި ﷲ އަށްވުރެ ތެދުވެރިކަންބޮޑީ ކާކުހެއްޔެވެ؟
88
ފަހެ މުނާފިގުންނާމެދުގައި، ތިޔަބައިމީހުން ދެބަޔަކަށް ބެހިގެންދާންވީ ކީއްވެގެންހެއްޔެވެ؟ އެ މީހުން ކުރި އަމަލުތަކުގެ ސަބަބުން، ﷲ އެ މީހުން ކާފިރުކަމުގެ ތެރެއަށް ރައްދު ކުރައްވާފައިވެއެވެ. ﷲ މަގުފުރައްދަވާފައިވާ މީހަކަށް ތެދުމަގު ދައްކަން ތިޔަބައިމީހުން އެދެނީހެއްޔެވެ؟ ﷲ މަގުފުރައްދަވާ މީހާ، (ދަންނާށެވެ.) ފަހެ އެ މީހަކަށް ތެދުމަގު ދައްކަވާނެ މަގެއް ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެއެވެ.
89
އެ މީހުން ކާފިރުވި ފަދައިން، ތިޔަބައިމީހުންވެސް ކާފިރު ވާނެ ނަމައޭ ހިތައި އެ ކަމަށް އެ މީހުން އެދުނެވެ. އޭރުން ތިޔަބައިމީހުން (އެ މީހުންނާ) ހަމަހަމަވެދާނެއެވެ. ފަހެ އެ މީހުންގެ ތެރެއިން އެހީތެރިން ތިޔަބައިމީހުން ނުހިފާށެވެ! (އެއީ) އެ މީހުން ﷲ ގެ މަގުގައި ހިޖުރަ ކޮށްފުމަށް ދާންދެނެވެ. ފަހެ އެ މީހުން ފުރަގަސްދީފިނަމަ، ތިޔަބައިމީހުންނަށް އެ މީހުން ފެނުނު ކޮންމެ ތަނަކުން އެ މީހުން އަތުލާށެވެ! އަދި އެ މީހުން ގަތުލުކުރާށެވެ! އަދި އެ މީހުންގެ ތެރެއިން އެހީތެރިޔަކުވެސް އަދި ނަސްރުވެރިޔަކުވެސް ތިޔަބައިމީހުން ނުހިފާށެވެ!
90
ތިޔަބައިމީހުންނާ އެބަޔަކާ މެދުގައި އަހުދެއް އޮތް ބަޔެއްގެ ގާތަށް ހިމާޔަތްތެރިކަން އެދި ދާބަޔަކު މެނުވީއެވެ. ނުވަތަ، ތިޔަބައިމީހުންނާ ހަނގުރާމަކުރުމަށް ނުވަތަ އެ މީހުންގެ ގައުމުގެ މީހުންނާ ހަނގުރާމަކުރުމަށް އެ މީހުންގެ ހިތްތައް ދަތިވެގެން ތިޔަބައިމީހުންގެ ގާތަށް އައިބަޔަކު މެނުވީއެވެ. ﷲ އިރާދަ ކުރެއްވިނަމަ، އެ އިލާހު ތިޔަބައިމީހުންގެ މައްޗަށް އެ މީހުން ފާކުރައްވާފީސްކަން ކަށަވަރެވެ. އަދި ތިޔަބައިމީހުންނާ ހަނގުރާމަކުރީސްކަން ކަށަވަރެވެ. ފަހެ އެ މީހުން ތިޔަބައިމީހުންނާ ވަކިވެ، ތިޔަބައިމީހުންނާ ހަނގުރާމަނުކޮށް އަދި ތިޔަބައިމީހުންނަށް އެ މީހުން ތަސްލީމް ކޮށްފިނަމަ، ފަހެ އެ މީހުންގެ މައްޗަށް ތިޔަބައިމީހުންނަކަށް ﷲ މަގެއް ލައްވާފައެއް ނުވެއެވެ.
91
ތިޔަބައިމީހުންގެ ކިބައިން އަމާންކަން ލިބިގަތުމަށާއި، އެ މީހުންގެ ގައުމުގެ މީހުންގެ ކިބައިން އަމާންކަން ލިބިގަތުމަށް އެދޭ އެހެން ބަޔަކު، ތިޔަބައިމީހުންނަށް ފެންނާނެއެވެ. އެ މީހުން ފިތުނައަށް (އެބަހީ: ޝިރުކުގެ ތެރެއަށް) އެނބުރި ދިޔުމަށް (ގޮވާލެވިއްޖެ) ކޮންމެ ހިނދެއްގައި، އެ މީހުން އެ ކަމުގެ ތެރެއަށް ވެއްޓިގަނެއެވެ. ފަހެ އެ މީހުން ތިޔަބައިމީހުން ދޫކޮށްފައި ނުދާނަމަ، އަދި ތިޔަބައިމީހުންނަށް އަމާންކަން ނުދޭނަމަ، އަދި އެ މީހުންގެ އަތްތައް ހަނގުރާމައިން އެއްކިބާ ނުކުރާނަމަ، ފަހެ އެ މީހުން ފެނުނު ކޮންމެތާކުން އަތުލައި ގަތުލުކުރާށެވެ. އަދި އެ މީހުންގެ މައްޗަށް ތިޔަބައިމީހުންނަށް ބަޔާންވެގެންވާ ބާރުވެރިކަމެއް ތިމަން އިލާހު ލެއްވީމެވެ.
92
ކުށަކުން، އޮޅިގެންމެނުވީ މުއުމިނަކު މެރުމަކީ، މުއުމިނަކަށް އޮތްކަމެއް ނޫނެވެ. އަދި ކުށަކުން އޮޅިގެން މުއުމިނަކު މަރައިފިމީހާ (ދަންނާށެވެ.) ފަހެ އޭނާއަށްހުރީ، މުއުމިނު އަޅަކު މިނިވަންކުރުމާއި، އެ މަރުވިމީހާގެ އަހުލުވެރިންނާ ހަވާލުކުރެވޭގޮތުގައި، މަރުގެދިޔަ ދިނުމެވެ. އެއީ، އެ މީހުން (މާފުކުރުމަކުން) އެއިން ސަދަގާތްކުރިއްޔާ މެނުވީއެވެ. އަދި މަރުވި މީހާއީ މުއުމިނަކުކަމުގައި ވުމާއެކު، ތިޔަބައިމީހުންނާ އަދާވާތްތެރި ގައުމެއްގެ މީހަކު ކަމުގައިވާނަމަ ފަހެ މުއުމިނު އަޅަކު މިނިވަންކުރުން ހުއްޓެވެ. އަދި އެބަޔަކާ ތިޔަބައިމީހުންނާ ދެމެދުގައި އަހުދެއް ކުރެވިފައިވާ ބަޔެއްގެ ތެރެއިންވާ މީހަކުނަމަ، ފަހެ އެ މީހެއްގެ އަހުލުވެރިންނާ ހަވާލުކުރެވޭގޮތުގައި މަރުގެދިޔަ ދިނުމާއި، މުއުމިނު އަޅަކު މިނިވަންކުރުން ހުއްޓެވެ. ފަހެ (މިނިވަންކުރާނެ އަޅަކު) ނުލިބުނުމީހާ ފަހެ ވިދިވިދިގެން ދެމަސްދުވަހު ރޯދަހިފުން ހުއްޓެވެ. (އެއީ) ﷲ ގެ ހަޒްރަތުން ތައުބާ ލިބިގަތުމެއްގެ ގޮތުގައެވެ. މޮޅަށް ދެނެވޮޑިގެންވާ ޙަކީމްވަންތަ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.
93
އަދި ގަސްދުގައި މުއުމިނަކު މަރާ މީހާ (ދަންނާށެވެ.) ފަހެ އެ މީހާގެ ޖަޒާއަކީ ނަރަކައެވެ. އެ ތާނގައި ދެމިހުންނަނިވި ގޮތުގައެވެ. އަދި ﷲ އެ މީހާގެ މައްޗަށް ކޯފާވެ ވޮޑިގަންނަވާ އޭނާއަށް ލައުނަތް ލެއްވުމެވެ. އަދި ބޮޑުވެގެންވާ އަޒާބު އެ މީހާއަށް ތައްޔާރު ކުރެއްވިއެވެ.
94
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުން ﷲ ގެ މަގުގައި ދަތުރުފަތުރުކޮށް އުޅޭ ހިނދު، ފަހެ (ކަންކަމުގެ) ހަގީގަތް ބަލައި އޮޅުންފިލުވާށެވެ. އަދި ދުނިޔޭގެ ދިރިއުޅުމުގައި ލިބޭ ފައިދާއާއި، މުދަލަށް ތިޔަބައިމީހުން އެދޭ ހާލުގައި (އިސްލާމް ދީނުގެ ސަލާމުން) ތިޔަބައިމީހުންނަށް ސަލާމް ކޮށްފިމީހަކަށް ތިބާއަކީ މުއުމިނެއް ނޫނޭ ތިޔަބައިމީހުން ނުބުނާހުށިކަމެވެ. ފަހެ ގިނަވެގެންވާ ފައިދާތައް ވަނީ ﷲ ގެ ހަޒްރަތުގައެވެ. ތިޔަބައިމީހުން މީގެކުރިން ތިބިފަދައިންނެވެ. ދެން ﷲ، ތިޔަބައިމީހުންގެ މައްޗަށް ދަރުމަވަންތަވެ ވޮޑިގަތެވެ. ފަހެ ތިޔަބައިމީހުން (ކަންކަމުގެ) ހަގީގަތް ބަލައި އޮޅުންފިލުވާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ކުރާ އަމަލުތައް މޮޅަށް ދެނެވޮޑިގެންވާ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.
95
މުއުމިނުންގެ ތެރެއިން (ޖިހާދު ނުކުރެވޭފަދަ) އުޒުރުތަކުގެ ވެރިން ފިޔަވާ، ހަނގުރާމައަށް ނުގޮސްތިބޭ މީހުން ﷲ ގެ މަގުގައި އެ މީހުންގެ މުދާތަކާއި، ނަފްސުތަކުން ޖިހާދުކުރާ މީހުންނާ ހަމަހަމަ ވެގެނެއްނުވެއެވެ. އެ މީހުންގެ މުދާތަކާއި، ނަފްސުތަކުން ޖިހާދުކުރާ މީހުން، ހަނގުރާމައަށް ނުގޮސްތިބޭ މީހުންނަށްވުރެ ދަރަޖައިގެ ގޮތުން ﷲ މާތް ކުރައްވާފައިވެއެވެ. އެއިން ކޮންމެ ބަޔަކަށްމެ، ހެޔޮދަރުމަ ދެއްވުމަށް ﷲ ވައުދު ވެވޮޑިގެންފައިވެއެވެ. ހަނގުރާމައަށް ނުގޮސްތިބޭ މީހުންނަށްވުރެ ޖިހާދުކުރާ މީހުން ބޮޑުވެގެންވާ ދަރުމަ ދެއްވުމަށް ﷲ މާތްކުރެއްވިއެވެ.
96
(އެއީ) އެ އިލާހުގެ ހަޒްރަތުން ލިބޭ ދަރަޖަތަކެކެވެ. އަދި ފާފަ ފުއްސެވުމެކެވެ. އަދި ރަހުމަތެކެވެ. އަދި ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.
97
ހަމަކަށަވަރުން އަމިއްލަ ނަފްސުތަކަށް އަނިޔާވެރިވެގަތް މީހުންގެ މަރު ހިއްޕަވަމުން، މަލާއިކަތުން ވިދާޅުވާނެއެވެ: ތިޔަބައިމީހުން ތިބީ ކޮން (ހާލެއްގައި)ހެއްޔެވެ؟ އެ މީހުން ބުނާނެއެވެ: ތިމަންމެން ވީ ބިމުގައި ބަލި ނިކަމެތިވެފައި ތިބި ބަޔަކު ކަމުގައެވެ. އެ (މަލާއިކަތުން) ވިދާޅުވާނެއެވެ: ތިޔަބައިމީހުން އެ ބިމުގައި ހިޖުރަ ކުރުމަށް ޓަކައި، ﷲ ގެ ބިން ތަނަވަސްވެގެން ނުވޭހެއްޔެވެ؟ ފަހެ (ގިޔާމަތް ދުވަހުން) އެ މީހުން ތިބޭނެ ތަނަކީ ނަރަކައެވެ. އަދި އެއީ ހާދަހައި ނުބައިވެގެންވާ ނިމިދިޔުމެކެވެ.
98
އެއީ (ހަގީގަތުގައިވެސް ހިޖުރަ ކުރާނެ) ގޮތެއްގެ ކުޅަދާނަކަން ލިބިގެން ނުވާ، އަދި (ހިޖުރައަށް) ދާނެ މަގެއް ފެނިފައި ނުވާ ބަލި ނިކަމެތިވެފައި ތިބި ފިރިހެނުންނާއި، އަންހެނުންނާއި، ކުޑަކުދިން މެނުވީއެވެ.
99
ފަހެ ﷲ އެ މީހުންގެ ކިބައިން އަފޫ ކުރެއްވުން ގާތްވެގެން ވެއެވެ. އަދި ގިނަގިނައިން އަފޫ ކުރައްވާ، ފާފަ ފުއްސަވާ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.
100
ﷲ ގެ މަގުގައި ހިޖުރަކުރާ މީހަކަށް، ބިމުގައި ހިޖުރަ ކޮށްއުޅޭނެ ގިނަތަންތަނާއި، ތަނަވަސްކަން ފެންނާނެއެވެ. އަދި ﷲ އާއި އެ އިލާހުގެ ރަސޫލާއަށް ހިޖުރަކުރާ ހާލު، އެ މީހެއްގެ ގެއިން ނުކުންނަ މީހާ، ދެން މަރުއައިސް އެ މީހަކު އަތުލާމީހާ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން އެ މީހެއްގެ ދަރުމަ ﷲ ގެ ހަޒްރަތުގައި ސާބިތު ވެއްޖެއެވެ. ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.
101
ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭއިރު، ކާފިރުވި މީހުން ތިޔަބައިމީހުންނަށް ގެއްލުމެއް ދީފާނެކަމަށް ބިރުގެންފިނަމަ، ނަމާދު ގަސްރުކުރުމަކުން ތިޔަބައިމީހުންގެ މައްޗަކަށް ކުށެއް ނެތެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނަށް ފާޅުވެގެންވާ އަދާވާތްތެރިން ކަމުގައި ކާފިރުން ވިއެވެ.
102
އަދި އެ މީހުންގެ ތެރޭގައި ކަލޭގެފާނު ހުންނަވައި އެ މީހުންނާއިގެން ނަމާދު ގާއިމު ކުރައްވާފިނަމަ، އެ މީހުންގެ ތެރެއިން ބަޔަކު ކަލޭގެފާނާއެކުގައި ނަމާދަށް ގާއިމު ވާހުށިކަމެވެ. އަދި އެ މީހުންގެ ހަތިޔާރުތައް އެ މީހުން ހިފާހުށިކަމެވެ. (އެބަހީ: ހަތިޔާރު އަޅައިގެންތިބެ ނަމާދުކުރާ ހުށިކަމެވެ.) ދެން، އެ މީހުން ސަޖިދަ ކޮށްފިނަމަ (އެބަހީ: ފުރަތަމަ ރަކުއަތް ފުރިހަމަކޮށްފުމަށް ދާންދެން) ނަމާދު ނުކޮށް ފާރަޔަށް ތިބިމީހުން އެ މީހުންގެ ފަހަތުގައި ތިބޭހުށިކަމެވެ. އަދި ނަމާދު ނުކޮށް ތިބިމީހުން އައިސް، ކަލޭގެފާނާއެކުގައި ނަމާދުކުރާ ހުށިކަމެވެ. އަދި އެ މީހުން ހަތިޔާރުތަކާއި، ރައްކާތެރިކަމުގައި ހިފާހުށިކަމެވެ. ތިޔަބައިމީހުން ގެންގުޅޭތަކެއްޗާއި، ހަތިޔާރުތަކާމެދު، ތިޔަބައިމީހުން ޣާފިލު ވާނެނަމައޭ ހިތައި، ކާފިރުވި މީހުން (އެ ކަމަށް) އެދުނެވެ. އޭރުން، އެއްފަހަރާ ލެނބިގަންނަ ލެނބިގަތުމަކުން ތިޔަބައިމީހުންގެ މައްޗަށް އެ މީހުން ލެނބިގެންފާނެތެވެ. (އެބަހީ: އެއްފަހަރާ އައިސް ހަމަލާ ދީފާނެތެވެ.) ވާރެއިން ތިޔަބައިމީހުންނަށް އުނދަގުލެއް ލިބިފައިވާނަމަ، ނުވަތަ، ތިޔަބައިމީހުން ބަލިވެއުޅޭ ބަޔަކު ކަމުގައިވާނަމަ، ތިޔަބައިމީހުންގެ ހަތިޔާރުތައް (ނާޅައި) ބެހެއްޓުމަކުން ތިޔަބައިމީހުންގެ މައްޗަކަށް ކުށެއް ނެތެވެ. އަދި ތިޔަބައިމީހުން ރައްކާތެރިކަމުގައި ހިފާށެވެ! ހަމަކަށަވަރުން ކާފިރުންނަށް، އިހާނަތްތެރި އަޒާބު، ﷲތައްޔާރު ކުރެއްވިއެވެ.
103
އަދި ތިޔަބައިމީހުން ނަމާދުކޮށް އަވަދިވެއްޖިއްޔާ، ތިޔަބައިމީހުން ﷲ ހަނދުމަކޮށް އުޅޭށެވެ! ކޮޅަށްތިބޭ ހާލުގައްޔާއި، އިށީނދެތިބޭ ހާލުގައްޔާއި، އޮށޯވެތިބޭ ހާލުގައެވެ. އަދި ތިޔަބައިމީހުންނަށް އަމާންކަން ލިބިއްޖެ ހިނދަކު، ނަމާދު (ފުރިހަމަކޮށް) ގާއިމުކުރާށެވެ! ހަމަކަށަވަރުން ނަމާދަކީ މުއުމިނުތަކުންގެ މައްޗަށް ވަގުތު ކަނޑައެޅިގެންއޮތް ފަރުޟެއްކަމުގައި ވެއެވެ.
104
ތިޔަބައިމީހުން ދުޝްމަނުން އަތުލައިގަތުމުގައި ފިނޑިވެ ނިކަމެތިނުވާހުށިކަމެވެ. (ޒަޚަމުގެ ސަބަބުން) ތިޔަބައިމީހުންނަށް ވޭންލިބޭ ނަމަ، ފަހެ ތިޔަބައިމީހުންނަށް ވޭންލިބޭ ފަދައިން، ހަމަ އެ މީހުންނަށް ވެސް ވޭންލިބޭނެކަން ކަށަވަރެވެ. އެހެނަސް ﷲ ގެ ހަޒްރަތުން އެ މީހުން އުންމީދު ނުކުރާ ކަންތައްތަކަށް ތިޔަބައިމީހުން އުންމީދުކުރަމުއެވެ. އަދި މޮޅަށް ދެނެވޮޑިގެންވާ ޙަކީމްވަންތަ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.
105
ހަމަކަށަވަރުން ހައްގު ގޮތުގައި ތިމަން އިލާހު ކަލޭގެފާނަށް ފޮތް ބާވައިލެއްވީ، ކަލޭގެފާނަށް ﷲ އަންގަވާފައިވާ ގޮތުގެމަތިން، މީސްތަކުންގެ މެދުގައި ހުކުމް ކުރެއްވުމަށެވެ. ޚިޔާނަތްތެރިންގެ ދިފާއުގައި މަސައްކަތް ކުރައްވާ ބޭކަލަކުކަމުގައި ކަލޭގެފާނު ވެވަޑައި ނުގަންނަވާށެވެ.
106
އަދި ފާފަ ފުއްސެވުން އެދި، ﷲ ގެ ހަޒްރަތަށް ކަލޭގެފާނު ދަންނަވާށެވެ. ހަމަކަށަވަރުން ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.
107
އެ މީހުންގެ އަމިއްލަ ނަފްސުތަކަށް ޚިޔާނަތްތެރިވާ މީހުންގެ ފަރާތުން، ކަލޭގެފާނު ޖަދަލު ނުކުރައްވާށެވެ. ހަމަކަށަވަރުން ފާފަވެރިވެ ޚިޔާނަތްތެރިވާ މީހަކު ދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެއެވެ.
108
އެ މީހުން މީސްތަކުންނަށް ވަންހަނާވެގަނެއެވެ. ނަމަވެސް ﷲ ގެ ހަޒްރަތަށް އެ މީހުންނަކަށް ވަންހަނާވެއެއް ނުގަނެވެއެވެ. އަދި އެ މީހުން ރޭގަނޑުގެ ވަގުތުގައި، އެ އިލާހު ރުހިވޮޑިގެންނުވާ ބަސްތައް ތަދްބީރު ކުރަމުން ދިޔައިރު، އެ އިލާހު ވަނީ އެ މީހުންނާ އެކުގައެވެ. އެ މީހުން ކުރާ އަމަލުތައް، ފުރިހަމައަށް ދެނެވޮޑިގެންވާ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.
109
ދުނިޔޭގެ ހަޔާތުގައި އެ މީހުންގެ ފަރާތުން، ތިޔަބައިމީހުން ތިޔަ ޖަދަލު ކުރީއެވެ. ގިޔާމަތް ދުވަހުން އެ މީހުންގެ ފަރާތުން ﷲ އާ ޖަދަލުކުރާނީ ފަހެ ކާކުހެއްޔެވެ؟ ނުވަތަ، އެ މީހުންގެ ކަންތަކާ ހަވާލުވެ ދިފާއުކުރާނޭ ވަކީލަކަށްވާނީ ފަހެ ކާކުހެއްޔެވެ؟
110
ނުބައިކަމެއްކޮށް، ނުވަތަ، އެ މީހެއްގެ އަމިއްލަ ނަފްސަށް އަނިޔާވެރިވެ، ދެން (އެއަށް ފަހު) ފާފަ ފުއްސެވުން އެދި ﷲ ގެ ހަޒްރަތަށް ދަންނަވާމީހާ (ދަންނާށެވެ.) ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ އިލާހަކު ކަމުގައި އޭނާ ދެކޭނެއެވެ.
111
އަދި ފާފައެއް ލިބިގަންނަމީހާ، އެ ކަން އެ ލިބިގަންނަނީ، ހަމަ އެ މީހާގެ އަމިއްލަ ނަފްސުގެ މައްޗަށްކަން ކަށަވަރެވެ. މޮޅަށް ދެނެވޮޑިގެންވާ ޙަކީމްވަންތަ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.
112
އަދި ކުށެއް ނުވަތަ ފާފައެއްކޮށް (އެ ކަމުގެ) ކުށެއް ނެތް މީހެއްގެ ބޮލުގައި އެ ކަން އަޅުވާމީހާ (ދަންނާށެވެ.) ފަހެ އެ މީހާ ބޮޑުވެގެންވާ ދޮގަކާއި، ފާޅުވެގެންވާ ފާފައެއް އުފުލައިފިކަން ކަށަވަރެވެ.
113
ކަލޭގެފާނުގެ މައްޗަށް ﷲ ގެ ފަޟްލުވަންތަކަމާއި، އެ އިލާހުގެ ރަހުމަތް ނުވާނަމަ، ކަލޭގެފާނަށް އޮޅުވައިލުމަށް އެ މީހުންގެ ތެރެއިން ބަޔަކު އުޅެފީހެވެ. ނަމަވެސް އެ މީހުންގެ އަމިއްލަ ނަފްސުތަކަށް މެނުވީ، އެ މީހުންނަށް އޮޅުވަޔެއް ނުލެވެއެވެ. އަދި އެއްވެސް ކަމަކުން އެ މީހުންނަށް ކަލޭގެފާނަކަށް ގެއްލުމެއް ނުދެވޭނެއެވެ. އަދި ﷲ، ކަލޭގެފާނަށް ފޮތާއި ހިކުމަތް ބާވައިލައްވާފައި ވެއެވެ. އަދި ކަލޭގެފާނު އިހަށް ދެނެވަޑައިނުގަންނަވާ ކަންތައް ކަލޭގެފާނަށް އެ އިލާހު އުނގަންނައި ދެއްވިއެވެ. އަދި ކަލޭގެފާނުގެ މައްޗަށް ﷲ ގެ ފަޟްލުވަންތަކަން ބޮޑުވެގެންވެއެވެ.
114
އެ މީހުން ސިއްރުން އެއްވެ ދައްކާ ގިނަ ވާހަކަތަކުގައި އެއްވެސް ހެވެއް ނެތެވެ. ސަދަގާތެއް ކުރުމަށް، ނުވަތަ ހެޔޮކަމެއް ކުރުމަށް، ނުވަތަ މީސްތަކުންގެ މެދުގައި ސުލްހަކުރުމަށް އަމުރުކުރި މީހެއްގެ ވާހަކަ ފިޔަވައެވެ. އަދި ﷲ ރުއްސެވުން އެދިގެން އެ ކަން ކުރާ މީހާ، ފަހެ ތިމަން އިލާހު އެ މީހަކަށް ބޮޑުވެގެންވާ އަޖުރެއް ދެއްވާނަމެވެ.
115
އަދި އެ މީހަކަށް ތެދުމަގު ބަޔާން ވުމަށް ފަހު، ރަސޫލާއާ ދެކޮޅުވެރިވެ، މުއުމިނުންގެ މަގު ނޫން މަގަކަށް ތަބާ ވާމީހާ (ދަންނާށެވެ.) އެ މީހާ އިޚްތިޔާރުކުރި މަގަކަށް ތިމަން އިލާހު އެ މީހާ ދޫކޮށްލައްވާ ހުށީމެވެ. އަދި ތިމަން އިލާހު އެ މީހާ ނަރަކައަށް ވައްދަވާ ހުށީމެވެ. އެއީ، ނުބައިވެގެންވާ ނިމިދިޔުމެކެވެ.
116
ހަމަކަށަވަރުން ﷲ، އެ އިލާހަށް ޝިރްކު ކުރުމުގެ ފާފައެއް ނުފުއްސަވައެވެ. އަދި އެ ނޫން ފާފަތައް، އެ އިލާހު އިރާދަކުރައްވާ މީހަކަށް ފުއްސަވައެވެ. އަދި ﷲ އަށް ޝިރްކު ކުރާ މީހާ، ފަހެ ދުރުވެގެންވާ މަގުފުރެދުމަކުން ފުރެދިއްޖެކަން ކަށަވަރެވެ.
117
އެ އިލާހު ފިޔަވާ އަންހެން (ނަންތަކެއް ކީގެންވާ) ބުދުތަކަކަށް މެނުވީ، އެ މީހުން އަޅުކަމެއް ނުކުރެއެވެ. އަދި ނުބައިކަމާއި ނުކިޔަމަންތެރިކަން ބޮޑުވެގެންވާ ޝައިތާނާއަށް މެނުވީ، އެ މީހުން އަޅުކަމެއް ނުކުރެއެވެ.
118
ﷲ، އެ ޝައިތާނާއަށް ލައުނަތް ލައްވާފައިވެއެވެ. އެ ޝައިތާނާ ބުންޏެވެ. އިބަ އިލާހުގެ އަޅުތަކުންގެ ތެރެއިން ކަނޑައެޅިގެންވާ ބަޔެއް، ހަމަކަށަވަރުން ތިމަން ހިފާހުށީމެވެ.
119
އަދި ތިމަން ހަމަކަށަވަރުން އެ މީހުން މަގުފުރައްދާހުށީމެވެ. އަދި ތިމަން އެ މީހުން ލައްވައި، ހަގީގަތެއްނެތް އުއްމީދުތަކެއްވެސް ކުރުވާހުށީމެވެ. އަދި ގެރި، ބަކަރި، ޖަމަލުގެ ކަންފަތްތައް ކެނޑުމަށް ވެސް އެ މީހުންނަށް ތިމަން އަމުރުކުރާހުށީމެވެ. އަދި ﷲ ގެ ދީން ބަދަލުކުރުމަށް ވެސް އެ މީހުންނަށް ތިމަން އަމުރުކުރާހުށީމެވެ. ﷲ ފިޔަވާ ޝައިތާނާ އެއީ އެހީތެރިޔަކު ކަމުގައި ހަދާފިމީހާ (ދަންނާށެވެ.) ފަހެ ބަޔާން ވެގެންވާ ގެއްލެނިވުމަކުން އެ މީހާ ގެއްލެނިވެއްޖެކަން ކަށަވަރެވެ.
120
ޝައިތާނާ އެ މީހުންނަށް ވައުދު ކުރެއެވެ. އަދި އެ މީހުން ލައްވައި ބާތިލު އުއްމީދު ކުރުވައެވެ. އަދި ހެއްލުންތެރިކަން މެނުވީ ޝައިތާނާ އެ މީހުންނަކަށް ވައުދެއް ނުކުރެއެވެ.
121
އެ މީހުން ތިބެނިވި ތަނަކީ، ނަރަކައެވެ. އަދި އެ ތަނުން އެ މީހުން ފިލައިގެން ދާނެތަނެއް ނުމެފެންނާނޭމެއެވެ.
122
އަދި އީމާންވެ، ސާލިހު އަމަލުކުޅަމީހުން، އެ ސުވަރުގެތަކުގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް، ތިމަން އިލާހު އެ މީހުން ވައްދަވާހުށީމެވެ. އެ ތާނގައި އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. ﷲ، ވައުދު ކުރައްވާފައިވަނީ ހައްގު ތެދެވެ. ބަސްބުނުމުގައި ﷲ އަށްވުރެ ތެދުވެރިކަންބޮޑީ ކާކުހެއްޔެވެ؟
123
(އެ ކަން ލިބުންވަނީ) ތިޔަބައިމީހުންގެ އެދުންތަކަކުން ނޫނެވެ. އަދި ފޮތުގެ އަހުލުވެރިންގެ އެދުންތަކަކުންވެސް ނޫނެވެ. ނުބައިކަމެއް ކުރާމީހާއަށް އެ ކަމުގެ ޖަޒާ ލިބޭނެއެވެ. އަދި ﷲ ފިޔަވާ އެހީތެރިޔަކުވެސް އަދި ނަސްރުވެރިޔަކުވެސް އެ މީހަކަށް ނުފެންނާނެއެވެ.
124
އަދި މުއުމިނަކު ކަމުގައި ވެގެންހުރެ، ފިރިހެނުންނާއި، އަންހެނުންގެ ތެރެއިން ހެޔޮ އަމަލުކުރާމީހާ (ދަންނާށެވެ.) ފަހެ އެ މީހުން ސުވަރުގެއަށް ވަންނާނެއެވެ. އަދި ކިތަންމެ ކުޑަ މިންވަރަކުންވިޔަސް އެ މީހުންނަށް އަނިޔާއެއް ނުކުރައްވާހުއްޓެވެ.
125
ހެޔޮކަންތައްކުރާ މީހަކުކަމުގައިވާ ހާލު، އެ މީހެއްގެ އެންމެހާ ކަންތައް ﷲ އަށް ކިޔަމަންކޮށް، އަދި ބާތިލު މަގުން އެއްކިބާވެ، ހައްގުގެ މަގަށް ތަބާ ވެގެންވާ އިބްރާހީމްގެފާނުގެ ދީނަށް ތަބާވި މީހަކަށްވުރެ، ދީނުގެ ގޮތުން ހެޔޮކަންބޮޑީ ކާކުހެއްޔެވެ؟ ﷲ، މިތުރަކު ކަމުގައި އިބްރާހީމްގެފާނު ހިއްޕެވިއެވެ.
126
އަދި އުޑުތަކާއި، ބިމުގައި ވާހައި އެއްޗެއް މިލްކުވެގެންވަނީ ﷲ އަށެވެ. އަދި ކޮންމެ އެއްޗަކާއި، ކޮންމެ ކަމެއްމެ، ފުރިހަމައަށް ދެނެވޮޑިގެންވާ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.
127
އަންހެނުންނާމެދު، ކަލޭގެފާނުގެ އަރިހުން އެ މީހުން ފަތުވާއަށް އެދި ދަންނަވައެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ﷲ ތިޔަބައިމީހުންނަށް އެ ކަނބަލުންނާމެދު ބަޔާން ކޮށްދެއްވައެވެ. އަދި ފޮތުން ތިޔަބައިމީހުންނަށް ކިޔަވައިދެއްވާ އާޔަތްތައްވެސް ބަޔާން ކޮށްދެއްވައެވެ. އެ ކަނބަލުންނަށް ޓަކައި ކަނޑައަޅުއްވާފައިވާ ރަން، ތިޔަބައިމީހުން އެ ކަނބަލުންނަށް ނުދޭ، އަދި އެ ކަނބަލުންނާ ކާވެނިވުމަށް ތިޔަބައިމީހުން އެދޭ ޔަތީމު އަންހެނުންނާ މެދުގައެވެ. އަދި ކުޑަކުދިންގެ ތެރެއިން ނިކަމެތިވެފައިވާ ކުދިންނާ މެދުގައެވެ. އަދި ޔަތީމުންނާމެދު އަދުލު އިންސާފުގެ ގޮތުގައި ކަންތައް ކުރުމަށެވެ. ހެޔޮކަމުގެ ތެރެއިން ތިޔަބައިމީހުން ކުރާ ކަންތައް، ފަހެ ހަމަކަށަވަރުން އެ ކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.
128
ފިރިމީހާ ދުރުހެލިވެ، ނުވަތަ ވާހަކަ ނުދައްކައި ހުރެދާނެކަމަށް އަންހެނަކަށް ބިރު ހީވެއްޖެނަމަ، އެ ދެ މީހުންގެ މެދުގައި އެކުވެރިކަމުގެ ސުލްހަ ވުމަކުން ސުލްހަ ވުމާމެދު، އެ ދެ މީހުންގެ މައްޗަކަށް ކުށެއް ނެތެވެ. ސުލްހަ ވުން ހެޔޮކަން ބޮޑެވެ. އަދި (ތިމާގެގާތުން ކުރަންޖެހޭ ހޭދަޔަކާމެދު، އަދި ތިމާޔަށް ލިބެންވީ ލިބުމަކާމެދު) ދަހިވެތިވުން ހިތްތަކުގައި ލައްވާފައިވެއެވެ. އަދި ތިޔަބައިމީހުން އިހްސާންތެރިވެ އަދި ތަގުވާވެރިވާނަމަ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން ތިޔަބައިމީހުން ކަންތައްކުރާ ގޮތް މޮޅަށް ދެނެވޮޑިގެންވާ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.
129
އަދި ތިޔަބައިމީހުން ކިތަންމެ ގަދައަޅައި މަސައްކަތް ކުރިކަމުގައި ވިޔަސް، (ފުރިހަމަ ގޮތުގައި، ހުރިހާ ކަމެއްގައި) އަނބިންގެ މެދުގައި ހަމަހަމަކުރުމަށް ތިޔަބައިމީހުންނަކަށް ކުޅަދާނައެއް ނުވާނެއެވެ. (އެބަހީ: ވާ ލޯތްބާއި، އެ މީހަކަށް އޮންނަ ނަފްސުގެ ހިތްހަމަޖެހުން ފަދަ ކަންކަމުގައެވެ.) ފަހެ ތިޔަބައިމީހުން (އެކެއްގެ ފަރާތް ދޫކޮށް) މުޅިން ލެނބުމަކުން ނުލެނބޭށެވެ! އެލުވާފައިވާ މީހެއް ފަދައިން އެ ކަނބުލޭގެ ދޫކޮށްލާ ގޮތުގައެވެ. (އެބަހީ: ވަރިވެސް ނުކޮށް، ސުލްހަ ވުމެއްވެސްނެތި އިނދެގެންމެ، ނީނދެ އުޅޭގޮތަށް އެއް އަނތްބަކާ އަޅައިނުލާ، އަނެއް އަނތްބެއްގެ ފަރާތަށް މުޅިން ލެނބިގެން ނުދާށެވެ!) އަދި ތިޔަބައިމީހުން (އެ ކަން) އިސްލާހު ކޮށްތަގުވާވެރިވާނަމަ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.
130
އަދި އެ ދެ މީހުން ވަކިވާނަމަ، ﷲ ގެ ތަނަވަސްކަމުގެ ތެރެއިން، އެ ދެ މީހުންކުރެ ކޮންމެ މީހަކަށްމެ، ފުއްދަވާ ދެއްވާނެއެވެ. ތަނަވަސްވަންތަ ޙަކީމްވަންތަ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.
131
އަދި އުޑުތަކާއި، ބިމުގައި ވާހައި އެއްޗެއް މިލްކުވެގެންވަނީ، ﷲ އަށެވެ. އަދި ހަމަކަށަވަރުން ﷲ އަށް ތަގުވާވެރިވުމަށް ތިޔަބައިމީހުންގެ ކުރިން ފޮތް ލިބުނު މީހުންނަށާއި، ތިޔަބައިމީހުންނަށް، ތިމަން އިލާހު ވަސިއްޔަތް ކުރައްވާ އެންގެވީމެވެ. ތިޔަބައިމީހުން ކާފިރު ވާނަމަ (ދަންނާށެވެ.) ހަމަކަށަވަރުން އުޑުތަކުގައި ވާހައިތަކެއްޗާއި، ބިމުގައި ވާހައިތަކެއްޗެއް މިލްކުވެގެންވަނީ ﷲ އަށެވެ. ފުދިވޮޑިގެންވާ ހަމްދު ލިބިވޮޑިގެންވާ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.
132
އަދި އުޑުތަކާއި، ބިމުގައި ވާހައި އެއްޗެއް މިލްކުވެގެންވަނީ ﷲ އަށެވެ. ވަކީލަކުކަމުގައި ﷲ ފުދެއެވެ.
133
އޭ މީސްތަކުންނެވެ. އެ އިލާހު އިރާދަކުރައްވާނަމަ، ތިޔަބައިމީހުން ނެތިކުރައްވާފީހެވެ. އަދި (ތިޔަބައިމީހުންގެ ބަދަލުގައި) އެހެންބަޔަކު އުފައްދަވައިފީހެވެ. އެ ކަމުގެ މައްޗަށް ކުޅަދުންވަންތަ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.
134
ދުނިޔޭގެ ސަވާބު އެދޭކަމުގައިވާ މީހާ (ދަންނާށެވެ.) ފަހެ ދުނިޔެއާއި އާޚިރަތުގެ ސަވާބު ވަނީ، ﷲ ގެ ހަޒްރަތުގައެވެ. މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.
135
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުން އަދުލު އިންސާފު ގާއިމުކުރުމުގައި ދެމިތިބޭ ބަޔަކު ކަމުގައިވާށެވެ. (އަދި) ﷲ އަށްޓަކައި ހެކިބަސް އަދާކުރާ ބަޔަކު ކަމުގައި ތިޔަބައިމީހުންވާށެވެ. ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ކަމުގައިވިޔަސް، ނުވަތަ މައިންބަފައިންނާއި، ގާތްތިމާގެ މީހުންގެ މައްޗަށް ކަމުގައިވިޔަސް މެއެވެ. އެ މީހަކީ (އެބަހީ: އެ މީހެއްގެ މައްޗަށް ހެކިދެވޭ މީހަކީ) މުއްސަންޖަކު ކަމުގައި، ނުވަތަ ފަގީރަކު ކަމުގައިވިޔަސް، ފަހެ އެ ދެ މީހުންނަށްމެ، ﷲ، އައުލާ ކަން ބޮޑެވެ. ތިޔަބައިމީހުން އަދުލުވެރިވުން ދޫކޮށް އަމިއްލަ އެދުމަށް ތަބާ ނުވާށެވެ. އަދި ތިޔަބައިމީހުން ހެކިބަސް ބަދަލުކުޅަނަމަ، ނުވަތަ ހެކިބަސް އަދާކުރުމުން އެއްކިބާވާނަމަ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން ތިޔަބައިމީހުން ކުރާ އަމަލުތައް މޮޅަށް ދެނެވޮޑިގެންވާ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.
136
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ﷲ އަށާއި، އެ އިލާހުގެ ރަސޫލާއަށާއި، އެ އިލާހުގެ ރަސޫލާއަށް ބާވައިލެއްވި ފޮތަށާއި، އަދި ކުރިން ބާވައިލެއްވި ފޮތަށް އީމާން ވުންމަތީ ތިޔަބައިމީހުން ދެމިތިބޭށެވެ! އަދި ﷲ އަށާއި، އެ އިލާހުގެ މަލާއިކަތުންނަށާއި، އެ އިލާހު (ބާވައިލެއްވި) ފޮތްތަކަށާއި، އެ އިލާހު (ފޮނުއްވި) ރަސޫލުންނަށާއި، އާޚިރަތް ދުވަހަށް ކާފިރު ވާމީހާ (ދަންނާށެވެ.) ފަހެ އޭނާ ދުރުވެގެންވާ މަގުފުރެދުމަކުން މަގުފުރެދިއްޖެކަން ކަށަވަރެވެ.
137
ހަމަކަށަވަރުން އީމާން ވެފައި، ދެން ކާފިރު ވެފައި، ދެން އީމާން ވެފައި، ދެން ކާފިރު ވެފައި، ދެން ކާފިރު ކަން އިތުރުވެއްޖެ މީހުންނީ، ﷲ އެ މީހުންގެ ފާފަ ފުއްސަވާނޭ ބަޔެއް ނޫނެވެ. އަދި އެ މީހުންނަކީ ތެދުމަގު ދައްކަވާނޭ ބަޔެއްވެސް ނުމެނޫންމެއެވެ.
138
ހަމަކަށަވަރުން މުނާފިގުންނަށް ވޭންދެނިވި އަޒާބު ހުރިކަމުގެ ޚަބަރު ކަލޭގެފާނު އެ މީހުންނަށް ދެއްވާށެވެ.
139
އެ މީހުންނީ، މުއުމިނުން ފިޔަވާ، ކާފިރުން އެއީ އެހީތެރިން ކަމުގައި ބަލައިގެން އުޅޭ މީހުންނެވެ. އެ ކާފިރުންގެ ގާތުން އިއްޒަތް ލިބިގަތުމަށް އެ މީހުން އެދެނީހެއްޔެވެ؟ ފަހެ ހަމަކަށަވަރުން އެންމެހާ އިއްޒަތް މިލްކުވެގެންވަނީ ﷲ އަށެވެ.
140
ހަމަކަށަވަރުން ފޮތުގައި ތިޔަބައިމީހުންގެ މައްޗަށް ބާވައިލައްވާފައިވެއެވެ. ﷲ ގެ އާޔަތްތަކަށް ކާފިރުވެ، އެ އާޔަތްތަކަށް މަލާމާތްކުރާ އަޑު ތިޔަބައިމީހުންނަށް އިވޭ ހިނދު، އެ މީހުން އެހެން ވާހަކައެއް ދައްކަން ފަށައިފުމަށް ދާންދެން، އެ މީހުންނާއެކު، ތިޔަބައިމީހުން ނުތިބޭށެވެ! އެހެން ތިޔަބައިމީހުން ތިބެނީނަމަ، ހަމަކަށަވަރުން ތިޔަބައިމީހުންނަކީ ވެސް އެ މީހުން ފަދަ ބަޔެކެވެ. ހަމަކަށަވަރުން ﷲ، މުނާފިގުންނާއި ކާފިރުންގެ އެންމެން ނަރަކައަށް އެއް ކުރައްވާނެއެވެ.
141
އެ މީހުންނީ ތިޔަބައިމީހުންނާމެދު، ބަލަބަލައި ތިބޭ މީހުންނެވެ. ފަހެ ﷲ ގެ ހަޒްރަތުން، ތިޔަބައިމީހުންނަށް ފަތަހައެއް ލިބިއްޖެނަމަ އެ މީހުން ބުނެއެވެ. ތިމަންމެން ތިޔަބައިމީހުންނާ އެކުގައި ނުވަންހޭ؟ އަދި ކާފިރުންނަށް ނަސީބެއް ލިބިއްޖެނަމަ އެ މީހުން ބުނެއެވެ. ތިޔަބައިމީހުންގެ މައްޗަށް ތިމަންމެން ގަދަވެ ނުގަންނަންހޭ؟ އަދި މުއުމިނުންގެ ކިބައިން ތިޔަބައިމީހުން ރައްކާތެރި ކޮށްނުދެންހޭ؟ ގިޔާމަތް ދުވަހުން ތިޔަބައިމީހުންގެ މެދުގައި ހުކުމް ކުރައްވާހުށީ ﷲ އެވެ. އަދި މުއުމިނުންގެ މައްޗަށް ކާފިރުންނަކަށް އެއްވެސް މަގެއް ﷲ ނުލައްވާނެއެވެ.
142
ހަމަކަށަވަރުން މުނާފިގުން، ﷲ އަށް އޮޅުވައިލަތެވެ. (އެބަހީ: އޮޅުވައިލުމަށްކުރާ ކަހަލަ އަމަލުތައް ކުރެއެވެ.) އެ އިލާހު އެ މީހުންގެ މައްޗަށް އެ އޮޅުވައިލުން ރައްދު ކުރައްވާ ހުއްޓެވެ. އަދި އެ މީހުން ނަމާދަށް ތެދުވާއިރު، މީސްތަކުންނަށް ކަންދައްކަމުން ކަންނެތްވެ ތިބެ ތެދުވެއެވެ. އަދި ވަރަށް މަދުންމެނުވީ، އެ މީހުން ﷲ ހަނދުމައެއް ނުކުރެއެވެ.
143
އެ ދެމެދުގައި (އެބަހީ: އީމާންކަމާއި ކާފިރުކަމާ ދެމެދުގައި) ދެއަތަށް ކިރިކިރިތިބޭ ހާލުގައެވެ. މިބަޔަކަށް ވެސް ނޫނެވެ. އަދި އެބަޔަކަށް ވެސް ނޫނެވެ. (އެބަހީ: މުއުމިނުންގެ ޖަމާއަތަކަށް ވެސް، އަދި ކާފިރުންގެ ޖަމާއަތަކަށް ވެސް އެ މީހުން ނިސްބަތެއް ނުވެއެވެ.) ﷲ، މަގުފުރައްދަވާ މީހާ (ދަންނާށެވެ.) ފަހެ އެ މީހަކަށްޓަކައި އެއްވެސްމަގެއް ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެއެވެ.
144
އޭއީމާންވެއްޖެ މީސްތަކުންނެވެ. މުއުމިނުން ފިޔަވާ، ކާފިރުން އެއީ އެހީތެރިން ކަމުގައި ތިޔަބައިމީހުން ނުހިފާށެވެ! (ފަހެ) ބަޔާން ވެގެންވާ ހުއްޖަތެއް ތިޔަބައިމީހުންނާ ދެކޮޅަށް، ތިޔަބައިމީހުން ﷲ ގެ ހަޒްރަތަށް ހުށަހެޅުމަށް އެދެނީހެއްޔެވެ؟
145
ހަމަކަށަވަރުން މުނާފިގުން ވާހުށީ، ނަރަކައިގެ އެންމެ ދަށުވަތްގަނޑުގައެވެ. އަދި އެ މީހުންނަށް ނަސްރުވެރިވާނޭ އެއްވެސް ފަރާތެއް ކަލޭގެފާނު ދެކެވަޑައެއް ނުގަންނަވާނެއެވެ.
146
އެ މީހުން ތައުބާވެ، އަދި އަމަލުތައް އިސްލާހު ކޮށް، އަދި ﷲ ގެ ދީނުގައި ގަދަޔަށް ހިފަހައްޓައި، އެ މީހުންގެ ދީން، ﷲ އަށް ޚަލާސްކުރި މީހުން މެނުވީއެވެ. ފަހެ އެ މީހުން ވަނީ މުއުމިނުންގެ ތެރެއިންނެވެ. އަދި މުއުމިނުންނަށް ބޮޑުވެގެންވާ ދަރުމަ، ﷲ ދެއްވާނެއެވެ.
147
ތިޔަބައިމީހުން ޝުކުރު ކޮށް، އީމާން ވީނަމަ، ތިޔަބައިމީހުންނަށް އަޒާބު ދެއްވުމުން ﷲކުރައްވާނީ ކޮންކަމެއްހެއްޔެވެ؟ (އެބަހީ: އެފަދަ މީހުންނަށް ﷲ އަޒާބު ނުދެއްވާނެކަން ކަނޑައެޅުއްވުމެވެ.) ޝުކުރު ގަބޫލު ކުރައްވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.
148
އަނިޔާ ލިބިގެންވާމީހާ މެނުވީ، ނުބައިބަސްބުނެ، ފާޅުކުރުމަކަށް ﷲ ލޯބިވެވޮޑިގެނެއް ނުވެއެވެ. އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.
149
ތިޔަބައިމީހުން ހެޔޮކަމެއް ފާޅުކުރާނަމަ، ނުވަތަ ހެޔޮކަމެއް ވަންހަނާކުރާނަމަ، ނުވަތަ ނުބައިކަމަކުން އަފޫކުރާނަމަ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން ގިނަގިނައިން އަފޫކުރައްވާ ކުޅަދުންވަންތަ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.
150
ހަމަކަށަވަރުން ﷲ އާއި އެ އިލާހުގެ ރަސޫލުންނަށް ކާފިރުވާ މީހުންނާއި، ﷲ އާއި އެ އިލާހުގެ ރަސޫލުންނާ ދެމެދު (އީމާން ވުމުގައި) ތަފާތުކުރަން އެދޭމީހުންނާއި، ތިމަންމެން އެއްބަޔަކަށް އީމާންވެ އަދި އަނެއް ބަޔަކަށް ކާފިރު ވަމޭ ބުނެ، އެ ދެމެދުން މަގެއް ހިފުމަށް އެދޭމީހުން (ދަންނާށެވެ.)
151
އެ މީހުންނަކީ ކަނޑައެޅިގެން އެނގޭ ގޮތުގައި ތިބި ކާފިރުންނެވެ. އަދި ކާފިރުންނަށް އިހާނެތި އަޒާބު، ތިމަން އިލާހު ތައްޔާރު ކުރެއްވީމެވެ.
152
އަދި ﷲ އާއި އެ އިލާހުގެ ރަސޫލުންނަށް އީމާންވެ، އެ ރަސޫލުންކުރެ އެކަކާމެދުވެސް ތަފާތުނުކޮށްއުޅުނުމީހުން (ދަންނާށެވެ.) އެ މީހުންނަށް އެ އިލާހު އެ މީހުންގެ ދަރުމަ ނިކަންހުރެ ދެއްވާނެއެވެ. ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.
153
ފޮތުގެ އަހުލުވެރިން (އެބަހީ: ޔަހޫދީން) އެ މީހުންގެ މައްޗަށް ކަލޭގެފާނު އުޑުން ފޮތެއް ބާވައިލައްވައި ދެއްވުމަށް ކަލޭގެފާނުގެ އަރިހުން އެދި ދަންނަވައެވެ. ފަހެ ހަމަކަށަވަރުން އެއަށްވުރެ ބޮޑުކަމަކަށް މޫސާގެފާނުގެ އަރިހުން އެ މީހުން އެދި ދަންނަވާފައިވެއެވެ. ފަހެ އެ މީހުން ދެންނެވިއެވެ: ތިމަންމެންނަށް، ފާޅުގައި ﷲ ދައްކަވާށެވެ. ދެން، އެ މީހުންގެ ނުކިޔަމަންތެރިކަމުގެ ސަބަބުން ހޮނުގުގުރި (އައިސް) އެ މީހުން (ގެ ގައިގައި) ހިފިއެވެ. ދެން، އެއަށް ފަހު، ބަޔާން ވެގެންވާ ހެކިތައް އެ މީހުންގެ ގާތަށް އައުމަށް ފަހު، (އަޅުކަންކުރުމަށް އިލާހެއްގެ ގޮތުގައި) އެ މީހުން ގެރި ބޭނުންކުރިއެވެ. ދެންވެސް، ތިމަން އިލާހު އެ ކަމުގެ ކުށް އަފޫކުރެއްވީމެވެ. އަދި ބަޔާން ވެގެންވާ ބާރު، މޫސާގެފާނަށް ތިމަން އިލާހު ދެއްވީމެވެ.
154
އަދި ތިމަން އިލާހު، އެ މީހުންގެ (ބޮލާދިމާ) މައްޗަށް ޠޫރު ފަރުބަދަ އުފުއްލެވީމެވެ. (އެއީ) އެ މީހުންގެ ކަށަވަރުވެގެންވާ އަހުދުގެ ސަބަބުންނެވެ. (އެބަހީ: ތައުރާތުގެ ހުކުމްތަކަށް އަމަލުކުރަން، އެ މީހުން ވެފައިވާ އަހުދު އުވައިލުމުގެ ސަބަބުންނެވެ.) އަދި ތިމަން އިލާހު އެ މީހުންނަށް އެންގެވީމެވެ. ތިޔަބައިމީހުން ކިޔަމަންތެރިވެގެން ތިބެ (ރަށުގެ) ދޮރޯށިން ވަންނާށެވެ! އަދި ތިމަން އިލާހު އެ މީހުންނަށް އެންގެވީމެވެ. ތިޔަބައިމީހުން ހޮނިހިރު ދުވަހާމެދު، ދެކޮޅުވެރިވެ ނުކިޔަމަންތެރި ވުމުގައި ހައްދުފަހަނަޅައި ނުދާށެވެ! އަދި ގަދަވެގެންވާ މީޘާގު، އެ މީހުންގެ ކިބައިން ތިމަން އިލާހު ހިއްޕެވީމެވެ.
155
ފަހެ އެ މީހުންގެ އަހުދު އުވާލައި، އަދި އެ މީހުން ﷲ ގެ އާޔަތްތަކަށް ކާފިރުވެ، އަދި ހައްގަކާނުލާ ނަބީބޭކަލުން ގަތުލުކޮށް، އަދި ތިމަންމެންގެ ހިތްތަކަކީ ބަންދުވެފައިވާ ހިތްތަކެކޭ ބުނެ އުޅުމުގެ ސަބަބުން، (ތިމަން އިލާހު އެ މީހުންނަށް ލައުނަތް ލެއްވީމެވެ.) އަދި ކިއެއް! އެ މީހުން ކާފިރު ވުމުގެ ސަބަބުން އެ ހިތްތަކުގައި ﷲ ސިއްކަޖައްސަވާފައިވެއެވެ. ފަހެ އެ މީހުން ކުރެ މަދުބަޔަކު މެނުވީ އީމާނެއް ނުވާނެއެވެ.
156
އަދި އެ މީހުން ކާފިރު ވުމުގެ ސަބަބުންނާއި، އަދި އެ މީހުން މަރިޔަމްގެފާނުގެ މައްޗަށް ބޮޑުވެގެންވާ ބުހުތާނު ދޮގެއް ބުނުމުގެ ސަބަބުންމެއެވެ.
157
އަދި ހަމަކަށަވަރުން ތިމަންމެން ﷲ ގެ ރަސޫލު، މަރިޔަމްގެފާނުގެ ދަރިކަލުން އަލްމަސީޙު ޢީސާގެފާނު، ގަތުލުކޮށްފީމުއޭ އެ މީހުން ބުނުމުގެ ސަބަބުންމެއެވެ. އެ މީހުން އެކަލޭގެފާނު ގަތުލެއް ނުކުރެއެވެ. އަދި އެ މީހުން އެކަލޭގެފާނު ސަލީބަކަށް ވެސް ނާރުވައެވެ. އެހެނެއްކަމަކު (އެ މީހުން ގަތުލުކޮށްސަލީބަށް އެރުވީ އެހެންމީހެކެވެ.) އެ މީހާ، އެކަލޭގެފާނާ އެއްސިފަ ޖައްސަވާފައިވާތީ، އެ މީހުންނަށް ފެނުނީއެވެ. ހަމަކަށަވަރުން އެކަލޭގެފާނާމެދު ޚިލާފުވީ މީހުންވަނީ، އެކަމާމެދު ޝައްކެއްގައިކަން ކަށަވަރެވެ. ހީޔަކަށް ތަބާ ވުން މެނުވީ، އެކަމާމެދު އެ މީހުންނަކަށް އެނގުމެއްނެތެވެ. އަދި ހަމަ ޔަގީނުން، އެ މީހުން އެކަލޭގެފާނު ގަތުލެއް ނުކުރެއެވެ.
158
އަދި ކިއެއް! ﷲ، އެ އިލާހުގެ ހަޒްރަތަށް އެކަލޭގެފާނު އުފުއްލެވީއެވެ. ޢަޒީޒުވަންތަ، ޙަކީމްވަންތަ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.
159
އެ މީހަކު މަރުވުމުގެކުރިން (ނުވަތަ އެކަލޭގެފާނު އަވަހާރަވުމުގެ ކުރިން) އެކަލޭގެފާނަށް ހަމަކަށަވަރުންވެސް އީމާން ވާނެ މީހަކުކަމުގައި މެނުވީ، ފޮތުގެ އަހުލުވެރިންގެ ތެރެއިން އެކަކުވެސް ނުވެއެވެ. އަދި ގިޔާމަތް ދުވަހުން އެ މީހުންގެ މައްޗަށް ހެކިވަނިވި ބޭކަލަކު ކަމުގައި އެކަލޭގެފާނު ވާނެއެވެ.
160
ޔަހޫދީން ކަމުގައިވީ މީހުންނަށް ހަލާލު ކުރައްވާފައިވާ ރަނގަޅު ތަކެތި، އެ މީހުންގެ މައްޗަށް ތިމަން އިލާހު ހަރާމްކުރެއްވީ، އެ މީހުން އަނިޔާވެރިވުމުގެ ސަބަބުންނެވެ. އަދި އެ މީހުން ﷲ ގެ މަގުގައި ގިނަގިނައިން ހުރަސްއަޅައި އުޅުމުގެ ސަބަބުންވެސް މެއެވެ.
161
އަދި އެ މީހުންނަށް އެ ކަންތައް ނަހީކުރައްވާފައިވާ ހާލުގައި، އެ މީހުން ރިބާ ހިފިކަމުގެ ސަބަބުންނެވެ. އަދި މީސްތަކުންގެ މުދާތައް ބާތިލު ގޮތުގައި އެ މީހުން ކެއުމުގެ ސަބަބުންނެވެ. އެ މީހުންގެ ތެރެއިން ކާފިރުކަމުގައި ދެމިތިބިމީހުންނަށް، ވޭންދެނިވި އަޒާބު ތިމަން އިލާހު ތައްޔާރު ކުރެއްވީމެވެ.
162
އެހެނެއްކަމަކު އެ މީހުންގެ ތެރެއިން އިލްމުވެރިކަމުގައި ސާބިތުވެ ހަރުލައިތިބި މީހުންނާއި، މުއުމިނުން ކަލޭގެފާނަށް ބާވައިލެއްވި ފޮތަށާއި، ކަލޭގެފާނުގެ ކުރިން ބާވައިލެއްވި ފޮތްތަކަށް އީމާން ވެއެވެ. (އެ މީހުންނާއި) އަދި ޚާއްސަ ކޮށްނަމާދު ގާއިމުކުރާ މީހުންނާއި، ޒަކާތް ދޭ މީހުންނާއި، ﷲ އަށާއި، އާޚިރަތް ދުވަހަށް އީމާންވާ މީހުން (ދަންނާށެވެ.) އެ މީހުންނަށް ތިމަން އިލާހު ބޮޑުވެގެންވާ ދަރުމަ ދެއްވާހުށީމެވެ.
163
ހަމަކަށަވަރުން ނޫޙުގެފާނަށާއި، އެކަލޭގެފާނުގެ ފަހުން ވަޑައިގެންނެވި ނަބީބޭކަލުންނަށް ތިމަން އިލާހު ވަހީ އިއްވެވި ފަދައިން، ތިމަން އިލާހު ކަލޭގެފާނަށް ވެސް ވަހީ އިއްވެވީމެވެ. އަދި އިބްރާހީމްގެފާނަށާއި، އިސްމާޢީލުގެފާނަށާއި، އިސްޙާގުގެފާނަށާއި، ޔައުގޫބުގެފާނަށާއި، (ބާރަ ނަބިއްޔުން ކަމުގައިވި) އެކަލޭގެފާނުގެ ދަރިކަލުންނަށާއި، ޢީސާގެފާނަށާއި، އައްޔޫބުގެފާނަށާއި، ޔޫނުސްގެފާނަށާއި، ހާރޫނުގެފާނަށާއި، ސުލައިމާނުގެފާނަށް ވެސް، ތިމަން އިލާހު ވަހީ އިއްވެވީމެވެ. އަދި ދާވޫދުގެފާނަށް ތިމަން އިލާހު ޒަބޫރު ދެއްވީމެވެ.
164
އަދި ކުރިން އެ ބޭކަލުންގެ ވާހަކަ، ތިމަން އިލާހު ކަލޭގެފާނަށް ކިޔައިދެއްވާފައިވާ ރަސޫލުންނާއި، އެ ބޭކަލުންގެ ވާހަކަ ކަލޭގެފާނަށް ކިޔައިދެއްވާފައި ނުވާ ރަސޫލުން (ފޮނުއްވީމެވެ.) އަދި (ކަނޑައެޅިގެންވާ) ވާހަކަފުޅު ދެއްކެވުމަކުން މޫސާގެފާނަށް ﷲ ވާހަކަފުޅު ދައްކަވާ (ބަސް ވަހީކުރެއްވިއެވެ:)
165
އުފާވެރިކަމުގެ ޚަބަރު ދެއްވާ، އަދި އިންޒާރުކުރައްވާ ރަސޫލު ބޭކަލުންނެވެ. (އެއީ) ރަސޫލުން ފޮނުއްވުމަށް ފަހު، ﷲ ގެ މައްޗަށް މީސްތަކުން ދައްކާނޭ ހުއްޖަތެއް ލިބިގެން ނުވުމަށް ޓަކައެވެ. އަދި ޢަޒީޒުވަންތަ ޙަކީމްވަންތަ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.
166
އެހެނެއްކަމަކު ކަލޭގެފާނަށް، ﷲ ބާވައިލެއްވި ފޮތާމެދު ﷲ ހެކިވެވޮޑިގެންވެއެވެ. އެ ފޮތް ބާވައިލެއްވީ، އެ އިލާހުގެ ދެނެވޮޑިގަތުމާއެކުގައެވެ. އަދި މަލާއިކަތުން ވެސް (އެ ކަމަށް) ހެކިވެވަޑައިގަންނަވައެވެ. ހެކިވެރިޔަކު ކަމުގައި ﷲ ފުދެއެވެ.
167
ހަމަކަށަވަރުން ކާފިރުވެ، ﷲ ގެ މަގުން (މީސްތަކުން) އެއްކިބާކުރި މީހުން (ހައްގުގެ މަގުން) ދުރުވެގެންވާ މަގުފުރެދުމަކުން މަގުފުރެދިއްޖެކަން ކަށަވަރެވެ.
168
ހަމަކަށަވަރުން ކާފިރުވެ އަދި އަނިޔާވެރިވި މީހުންނަށް، ﷲ ފާފައެއް ނުފުއްސަވާނެއެވެ. އަދި އެއްވެސް މަގަކަށް އެ މީހުންނަށް އެ އިލާހު މަގެއް ނުދައްކަވާނެއެވެ.
169
ނަރަކައިގެ މަގަށް މެނުވީއެވެ. އެ މީހުން އެ ތާނގައި އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. އެ ކަންތައް ﷲ އަށް ދާދި ފަސޭހަކަމެއް ކަމުގައިވެއެވެ.
170
އޭ މީސްތަކުންނެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ ރައްބުގެ ހަޒްރަތުން ހައްގު ދީނާއިގެން ރަސޫލާ ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ. ފަހެ ތިޔަބައިމީހުން އީމާން ވާށެވެ. އެ ގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އަދި ތިޔަބައިމީހުން ކާފިރު ވާނަމަ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން އުޑުތަކާއި ބިމުގައިވާހައިތަކެއްޗެއް މިލްކުވެގެންވަނީ ﷲ އަށެވެ. މޮޅަށް ދެނެވޮޑިގެންވާ ޙަކީމްވަންތަ އިލާހު ކަމުގައި ﷲ ވޮޑިގެންވެއެވެ.
171
އޭ ފޮތުގެ އަހުލުވެރިންނެވެ. ތިޔަބައިމީހުންގެ ދީނާމެދު ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ! އަދި ﷲ އާމެދު ހައްގު ބަސްމެނުވީ، ތިޔަބައިމީހުން ނުބުނާށެވެ! މަރިޔަމްގެފާނުގެ ދަރިކަލުން އަލްމަސީޙު ޢީސާގެފާނީ ހަމައެކަނި ﷲ ގެ ރަސޫލާއެވެ. އަދި އެ އިލާހު އެ ކަމަނާއަށް ފޮނުއްވި ކަލިމަފުޅެވެ. (އެބަހީ: ވާށޭ! މި ކަލިމަފުޅެވެ.) އަދި އެ އިލާހުގެ ހަޒްރަތުންވާ ރޫހުފުޅެކެވެ. ފަހެ ﷲ އާއި އެ އިލާހުގެ ރަސޫލުންނަށް ތިޔަބައިމީހުން އީމާން ވާށެވެ. އަދި (އިލާހުން) ތިނެކޭ ތިޔަބައިމީހުން ނުބުނާހުށިކަމެވެ. އެ ބުނުން ތިޔަބައިމީހުން ހުއްޓައިލާށެވެ! އެ ގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. ހަމަކަށަވަރުން ﷲ ވާކަން ކަށަވަރީ އެއްކައުވަންތަ އިލާހު ކަމުގައެވެ. އެ އިލާހަށް ދަރިކަލަކުވުމުން އެ އިލާހު ހުސްތާހިރުވަންތައެވެ. އުޑުތަކުގައި ވާހައި ތަކެއްޗާއި ބިމުގައި ވާހައި ތަކެތި، އެ އިލާހަށް މިލްކުވެގެންވެއެވެ. އަދި ވަކީލަކު ކަމުގައި ﷲ ފުދެއެވެ.
172
ﷲ ގެ އަޅަކަށް ވުމާމެދު ޢީސާގެފާނު ބޮޑާވެވަޑައެއް ނުގަނެއެވެ. އަދި ކުއްތަން ކުރައްވާފައިވާ މަލާއިކަތުން ވެސް ﷲ ގެ އަޅުންނަށް ވުމާމެދު، ބޮޑާވެވަޑައެއް ނުގަނެއެވެ. އެ އިލާހަށް އަޅުކަން ކުރުމުން މަނާވެގަނެ، ކިބުރުވެރިވާ އެންމެން އެކުގައި، އެ އިލާހުގެ ހަޒްރަތަށް ގިޔާމަތް ދުވަހުން އެއް ކުރައްވާނެއެވެ.
173
ފަހެ އީމާންވެ، ސާލިހު އަމަލުކުޅަ މީހުން ދަންނާށެވެ. ފަހެ އެ މީހުންގެ އުޖޫރަ އެ މީހުންނަށް ހަމައަށް އެ އިލާހު ފުއްދަވާ ދެއްވާނެއެވެ. އަދި އެ އިލާހުގެ ފަޟްލުވަންތަކަމުގެ ތެރެއިން، އެ މީހުންނަށް އިތުރުކޮށްދެއްވާނެއެވެ. އަދި ކިބުރުވެރިވެ، ބޮޑާވެގަތްމީހުން ދަންނާށެވެ. ފަހެ ވޭންދެނިވި އަޒާބުން އެ އިލާހު އެ މީހުންނަށް އަޒާބު ދެއްވާނެއެވެ. އަދި ﷲ ފިޔަވާ އެހީތެރިޔަކުވެސް، އަދި ނަސްރުވެރިޔަކުވެސް، އެ މީހުންނަކަށް ނުފެންނާނެއެވެ.
174
އޭ މީސްތަކުންނެވެ. ތިޔަބައިމީހުންގެ ރައްބުގެ ހަޒްރަތުން ހުއްޖަތެއް، ހަމަކަށަވަރުން ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެއެވެ. އަދި ފާޅުވެ ބަޔާން ވެގެންވާ ނޫރެއް ތިޔަބައިމީހުންނަށް ތިމަން އިލާހު ބާވައިލެއްވީމެވެ.
175
ފަހެ ﷲ އަށް އީމާންވެ، އެ އިލާހުގެ ރައްކާތެރި ކަމުގައި ހިފަހައްޓައިގެން ތިބިމީހުން ދަންނާށެވެ. ފަހެ އެ އިލާހުގެ ރަހުމަތާއި ފަޟްލުވަންތަކަމުގެ ތެރެއަށް އެ މީހުން ވައްދަވާނެއެވެ. އަދި އެ މަގަށް ދިޔުމަށް ސީދާވެގެންވާ ތެދުމަގެއް އެ މީހުންނަށް އެ އިލާހު ދައްކަވާނެއެވެ.
176
(ކަލާލަތާމެދު) ކަލޭގެފާނުގެ އަރިހުން، އެ މީހުން ފަތުވާއަށް އެދި ދަންނަވައެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ކަލާލަތާމެދު (އެބަހީ: އަސްލެއް ފަރުއެއް ނެތި މަރުވާމީހާގެ ތަރިކަޔާމެދު) ﷲ ތިޔަބައިމީހުންނަށް ބަޔާން ކޮށްދެއްވައެވެ. އެ މީހަކަށް ދަރިޔަކު (ނުވަތަ ބަފަޔަކު) ނެތި، އަދި އެ މީހަކަށް (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަފާ) އުޚްތަކުވާ ހާލު، މީހަކު މަރުވެއްޖެނަމަ، ފަހެ އެ މީހާ ދޫކުރި މުދަލުގެ ދެބައިކުޅައެއްބައި، އެ އުޚްތަށެވެ. އަދި އެ އުޚްތަށް ދަރިޔަކު ނުވާނަމަ، އެ މީހާ އެ އުޚްތު ވާރުތަކުރާނެއެވެ. (މަރުވިމީހާގެ ވާރިސުންނަށް ތިބި) ދެ އުޚްތުން ކަމުގައިވާނަމަ، ފަހެ އެ ދެ އުޚްތުންނަށް (އެ އަޚު) ދޫކުރި މުދަލުގެ ތިންބައިކުޅަ ދެބަޔެވެ. (ވާރިސުންނަށް ތިބީ) އަންހެން ފިރިހެން، އެއްބަނޑު އެއްބަފާ ބަޔަކު ކަމުގައިވާނަމަ، ދެ އަންހެނުންގެ ބައިފަދަ ބަޔެއް ފިރިހެނަކަށެވެ. ތިޔަބައިމީހުންނަށް މަގު އޮޅިދާނެކަމަށް ޓަކައި، ތިޔަބައިމީހުންނަށް ﷲ، ބަޔާން ކޮށްދެއްވައެވެ. ﷲ އީ، ކޮންމެ ކަމެއްމެ، މޮޅަށްދެނެވޮޑިވެގެންވާ އިލާހެވެ.