ޙާ މީމް. (މި އަކުރުތަކުގެ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.)
މިއީ އައްރަޙްމާން، އައްރަޙީމްގެ ހަޒްރަތުން ބާވައިލެއްވި ފޮތެކެވެ.
އެފޮތުގެ އާޔަތްތައް ތަފްސީލު ކޮށްދެއްވާފައިވާ ފޮތެކެވެ. އަރަބި ބަހުންވާ ގުރްއާނެއްގެ ގޮތުގައެވެ. (އެއީ އެ ކަން) ދަންނަ ބަޔަކަށްޓަކައެވެ.
އުފާވެރިކަމުގެ ޚަބަރު ދޭ، އަދި ބިރުވެރިކަމުގެ ޚަބަރު ދޭ ފޮތެއްކަމުގައެވެ. ފަހެ އެ މީހުން ކުރެ ގިނަމީހުން ފުރަގަސްދީ އެނބުރިގަތޫއެވެ. ފަހެ އެ މީހުން އަޑެއް ނާހަތެވެ.
އަދި އެ މީހުން ބުންޏެވެ. ތިމަންމެންގެ ހިތްތައްވަނީ، ކަލޭގެފާނު ތިޔަ ގޮވައިލައްވާ އެއްޗަކަށް ބަންދުކަމެއްގައެވެ. އަދި ތިމަންމެންގެ ކަންފަތްތަކުގައި ބީރުކަމެއްވެއެވެ. އަދި ތިމަންމެންނާއި، ކަލޭގެފާނާ ދެމެދުގައި ފަރުދާއެއްވެއެވެ. ފަހެ (ކަލޭގެފާނުގެ ގޮތުގައި) ކަލޭގެފާނު މަސައްކަތް ކުރައްވާށެވެ. ހަމަކަށަވަރުން ތިމަންމެންވެސް (ތިމަންމެންގެ ގޮތުގައި) މަސައްކަތް ކުރާނެއެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނު ވާކަންކަށަވަރީ، ތިޔަބައިމީހުންކަހަލަ އާދަމުގެ ދަރިޔަކު ކަމުގައެވެ. ތިމަންކަލޭގެފާނަށް ވަހީ އިއްވަވަނީ، ތިޔަބައިމީހުންގެ އިލާހަކީ، އެއް އިލާހެއްކަމުގައެވެ. ފަހެ ތިޔަބައިމީހުން އެ އިލާހަށް ސީދާވާށެވެ. އަދި ފާފަ ފުއްސެވުން އެދި، އެ އިލާހަށް ދަންނަވާށެވެ. އަދި ޝަރީކުކުރާ މީހުންނަށް ހަލާކުހުއްޓެވެ.
އެ މީހުންނީ ޒަކާތް ނުދޭ މީހުންނެވެ. އަދި އެ މީހުންނީ (ހަމަ) އާޚިރަތް ދުވަހަށް ކާފިރުވާ މީހުންނެވެ.
ހަމަކަށަވަރުން އީމާންވެ ސާލިހު އަމަލުތައް ކުޅަމީހުންނަށް ކެނޑިގެންނުދާނޭ ދަރުމަހުއްޓެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން ދެދުވަހުގެ ތެރޭގައި، ބިން ހެއްދެވި އިލާހަށް ތިޔަބައިމީހުން ކާފިރުވެ، އަދި އެ އިލާހަށް ތިޔަބައިމީހުން ޝަރީކުންތަކެއް ލަނީހެއްޔެވެ؟ އެ އިލާހީ، އާލަމްތަކުގެ ރައްބެވެ.
އަދި އެ އިލާހު، ފުރިހަމަ ހަތަރު ދުވަހުގެ ތެރޭގައި، އެ ބިމުގެ މަތީގައި އުފުލިފައިވާ، ހަރުލައިހުންނަ ފަރުބަދަތައް ލައްވައި، އަދި އެ ބިމުގައި ބަރަކާތްލައްވައި، އަދި އެ ބިމުގައި ވާހާ ތަކެތީގެ ރިޒްގު މިންވަރުކުރެއްވިއެވެ. (އެއީ) ސުވާލުކުރާ މީހުންނަށް ޓަކައެވެ.
ދެން، އެ އިލާހު އުޑަށް އިސްތިވާވެ ވޮޑިގެންވިއެވެ. އެއީ ދުމެއްގެ ގޮތުގައި އެ އުޑު ވަނިކޮށެވެ. ދެން އެ އިލާހު އެ އުޑަށާއި ބިމަށް ވަހީކުރެއްވިއެވެ: ރުހުމުގައި ނުވަތަ ނުރުހުމުގައިވިޔަސް އަންނާށެވެ. އެ އުޑާއި ބިން ދެންނެވިއެވެ: ތިމަންމެން ރުހުމުގައި އަތުވެއްޖައީމުއެވެ.
ފަހެ ދެ ދުވަހުގެ ތެރޭގައި އެ އިލާހު ހަތް އުޑު ހެއްދެވިއެވެ. އަދި ކޮންމެ އުޑަކަށް، އެ އުޑެއްގެ ކަންތައް (ތަދްބީރުކުރައްވާ) އެންގެވިއެވެ. އަދި ބައްތިތަކަކުން ތިމަން އިލާހު އެންމެ ގާތް އުޑު ޒީނަތްތެރި ކުރައްވާ، އަދި އެ އުޑު ރައްކާތެރި ކުރެއްވީމެވެ. އެއީ ޢަޒީޒުވަންތަ، މޮޅަށް ދެނެވޮޑިގެންވާ އިލާހު މިންވަރުކުރައްވާފައިވާ ގޮތެވެ.
ފަހެ އެ މީހުން ފުރަގަސްދީ އެނބުރިގެންފިނަމަ، ފަހެ ކަލޭގެފާނު (އެ މީހުންނަށް) ވިދާޅުވާށެވެ. ޢާދު ބާގައިމީހުންނާއި ޘަމޫދު ބާގައިމީހުންނަށް އައި ހޮނުގުގުރީގެ އަޒާބު ފަދަ އަޒާބެއް، ތިޔަބައިމީހުންނަށް އަތުވެދާނެކަމަށް އިންޒާރު ކުރައްވަމެވެ.
އެ މީހުންގެ ގާތަށް، އެ މީހުންގެ ކުރިމަތިންނާއި، އެ މީހުންގެ ފަހަތުން ރަސޫލުން ވަޑައިގެން ﷲ އަށް މެނުވީ އަޅުކަން ނުކުރުމަށް އެންގެވިހިނދު، އެ މީހުން ބުންޏެވެ. ތިމަންމެންގެ ރައްބު (ރަސޫލުން ފޮނުއްވެވުމަށް) އިރާދަ ކުރެއްވިނަމަ، ފޮނުއްވީހީ މަލާއިކަތުންނެވެ. ފަހެ ހަމަކަށަވަރުން ތިޔަބޭކަލުން އެ ކަންތަކާއިގެން ފޮނުއްވެވި ކަންތަކަށް، ތިމަންމެން ކާފިރު ވަމުއެވެ.
ފަހެ ޢާދު ބާގައިމީހުން ދަންނާށެވެ. އެ މީހުން ހައްގަކާ ނުލާ ބިމުގައި ބޮޑާވެގަތޫއެވެ. އަދި އެ މީހުން ބުންޏެވެ. ތިމަންމެންނަށްވުރެ ބާރުގަދައީ ކާކުހެއްޔެވެ؟ އެ މީހުން ހެއްދެވި ﷲ، އެ މީހުންނަށްވުރެ ބާރުގަދަކަން އެ މީހުންނަށް ނޭނގެނީހެއްޔެވެ؟ އަދި ތިމަން އިލާހުގެ އާޔަތްތަކަށް ދެކޮޅުހަދާ ބަޔަކު ކަމުގައި އެ މީހުން ވިއެވެ.
ފަހެ ތިމަން އިލާހު އެ މީހުންގެ މައްޗަށް ސުންޕާދުވަސްތަކެއްގައި، ގަދަ އަޑާއި، ގަދަ ފިނީގެ ވަޔެއް ފޮނުއްވީމެވެ. ދުނިޔޭގެ ހަޔާތުގައި ނިކަމެތިކަމުގެ އަޒާބުގެ ރަހަ، ތިމަން އިލާހު އެ މީހުންނަށް ދެއްކެވުމަށް ޓަކައެވެ. އަދި ހަމަކަށަވަރުން އާޚިރަތުގެ އަޒާބުގެ ނިކަމެތިކަން މާ ބޮޑެވެ. އަދި އެ މީހުންނަކަށް ނަސްރެއް ނުލިބޭނެއެވެ.
އަދި ޘަމޫދު ބާގައިމީހުން ދަންނާށެވެ. ފަހެ ތިމަން އިލާހު އެ މީހުންނަށް ތެދުމަގު ދެއްކެވީމެވެ. ފަހެ އެ މީހުން ތެދުމަގު ލިބުމުގެ ބަދަލުގައި، ކަނުކަން (އެބަހީ: މަގު ފުރެދުން) އިޚްތިޔާރުކުރިއެވެ. އެ މީހުން ހޯދައިއުޅުނު އަމަލުތަކުގެ ސަބަބުން، އިހާނަތްތެރި އަޒާބުގެ ހޮނުގުގުރި (އައިސް) އެ މީހުންގެ (ގައިގައި) ހިފިއެވެ.
އަދި އީމާންވެ، ތަގުވާވެރިވާކަމުގައިވިމީހުން، ތިމަން އިލާހު ސަލާމަތް ކުރެއްވީމެވެ.
އަދި ﷲ ގެ އަދުއްވުން އެންމެން އެކުގައި ނަރަކައަށް އެއް ކުރައްވާދުވަސް ހަނދުމަކުރާށެވެ!
އެ ނަރަކައަށް އެ މީހުން ހާޒިރު ވެއްޖައުމަށް ދާންދެނެވެ. އެ ހިނދު އެ މީހުންގެ ކަންފަތާއި، އެ މީހުންގެ ލޯތަކާއި، އެ މީހުންގެ ހަންތައް، އެ މީހުން ކޮށްއުޅުނު އަމަލުތަކަށް ހެކިދޭނެތެވެ.
އަދި އެ މީހުންގެ ހަންތަކަށް އެ މީހުން ބުނާނެއެވެ. ކަލޭމެން ތިމަންމެންގެ މައްޗަށް ހެކިދިނީ ކީއްވެގެންހެއްޔެވެ؟ އެ ތަކެތި ބުނާނެއެވެ. ކޮންމެ އެއްޗަކަށް ވެސް ބަސްމޮށުންދެއްވި ﷲ، ތިމަންމެންނަށް ބަސްމޮށުންދެއްވީއެވެ. އަދި އެ އިލާހީ، ފުރަތަމަ ފަހަރަށް ތިޔަބައިމީހުން ހެއްދެވި އިލާހެވެ. އަދި ތިޔަބައިމީހުން އެނބުރި ރުޖޫއަ ކުރައްވާހުށީ އެ އިލާހުގެ ހަޒްރަތަށެވެ.
ތިޔަބައިމީހުންގެ ކަންފަތާއި، ތިޔަބައިމީހުންގެ ލޯތަކާއި، ތިޔަބައިމީހުންގެ ހަންތައް، ތިޔަބައިމީހުންގެ މައްޗަށް ހެކިދީފާނެކަމަށް ތިޔަބައިމީހުން (އެއްވެސްކަމެއް) ވަންހަނާކޮށެއް ނޫޅެމުއެވެ. އެހެނެއްކަމަކު ތިޔަބައިމީހުންހީކުރީ، ތިޔަބައިމީހުން ކޮށްއުޅޭ އަމަލުތަކުން ގިނަކަންތައް ﷲ ދެނެވޮޑިގެންނުވާނޭ ކަމަށެވެ.
އެއީ ތިޔަބައިމީހުންގެ ރައްބާމެދު ތިޔަބައިމީހުން ހީކުރި ހީކުރުމެވެ. އެ ހީކުރުން ތިޔަބައިމީހުން ހަލާކުކޮށްލައިފިއެވެ. އަދި ގެއްލެނިވެގެންވާ މީހުންގެ ތެރެއިން ތިޔަބައިމީހުން ވެއްޖައީމުއެވެ.
ފަހެ އެ މީހުން ކެތްކުރާނަމަވެސް، އެ މީހުން ތިބެނިވިތަނަކީ، ނަރަކައެވެ. އެ މީހުން އުޒުރު ދެއްކުމަށް އެދޭނަމަ، ފަހެ އުޒުރު ގަބޫލު ކުރައްވާނެ މީހުންގެ ތެރެޔަކުން އެ މީހުން ނުވެއެވެ.
އަދި ތިމަން އިލާހު އެ މީހުންނަށް އެކުވެރިންތަކެއް ލެއްވީމެވެ. ފަހެ އެ އެކުވެރިން އެ މީހުންނަށް، އެ މީހުންގެ ކުރިމަތީގައިވާ ކަންތަކާއި، އެ މީހުންގެ ފަހަތުގައިވާ ކަންތައް ޒީނަތްތެރި ކޮށްދިނެވެ. އަދި އެ މީހުންގެކުރިން އިސްވެ ގޮސްފައިވާ (ފުރެދުނު) ޖިންނީންނާއި، އިންސީންގެ އުއްމަތްތަކުގެ ތެރޭގައި އެ މީހުންގެ މައްޗަށް (އަޒާބުގެ) ބަސްފުޅު ހައްގު ވެއްޖެއެވެ. ހަމަކަށަވަރުން އެ މީހުން ވީ ގެއްލެނިވިގެންވާ މީހުން ކަމުގައެވެ.
އަދި ކާފިރުވި މީހުން ބުންޏެވެ. ތިޔަބައިމީހުން މި ގުރްއާން އަޑުނާހާށެވެ. (އަދި ގުރްއާން ކިޔެވޭ ހިނދު) އެއަށް ހަޅޭލަވާ އަޑުގަދަކުރާށެވެ. އެއީ ތިޔަބައިމީހުން ގަދަވޭތޯއެވެ.
ފަހެ ހަމަކަށަވަރުން ކާފިރު ވިމީހުންނަށް ތިމަން އިލާހު ގަދަވެގެންވާ އަޒާބުގެ ރަހަ ދައްކަވާހުށީމެވެ. އަދި ހަމަކަށަވަރުން ތިމަން އިލާހު އެ މީހުން ކޮށްއުޅުނު ނުބައި އަމަލުތަކަށް ޖަޒާ ދެއްވާހުށީމެވެ.
އެއީ ﷲ ގެ އަދާވާތްތެރިންގެ ޖަޒާއެވެ. (އެއީ) ނަރަކައެވެ. އެ ތާނގައި އެ މީހުންނަށް ދެމިތިބެނިވި ގޮވައްޗެއްވެއެވެ. ތިމަން އިލާހުގެ އާޔަތްތަކަށް އެ މީހުން ދެކޮޅުހަދައި އުޅުނުކަމުގެ ޖަޒާއެއްގެގޮތުގައެވެ.
ކާފިރު ވިމީހުން ބުނާނެއެވެ. އަޅަމެންގެ ރައްބެވެ. ޖިންނީންނާއި، އިންސީންގެ ތެރެއިން އަޅަމެން މަގުފުރެއްދި ދެބައިމީހުން އަޅަމެންނަށް ދައްކަވާނދޭވެ. އެ ދެބައިމީހުން އަޅަމެންގެ ފައިތިލަތަކުގެ ދަށަށް ލާހުށީމެވެ. (އެއީ) އެ ދެބައިމީހުން (އަޒާބުގެ) އެންމެއަޑީގައި ވުމަށް ޓަކައެވެ.
ހަމަކަށަވަރުން ތިމަންމެންގެ ރައްބަކީ ﷲ އޭ ބުނެ، ދެން ސީދާމަގުގައި ދެމިތިބިމީހުން (ދަންނާށެވެ.) އެ މީހުންގެ މައްޗަށް މަލާއިކަތުން ފައިބައިވަޑައިގަންނަވާނެއެވެ. ވިދާޅުވަމުންނެވެ. ތިޔަބައިމީހުން ބިރުނުގަންނާށެވެ! އަދި ހިތާމަނުކުރާށެވެ! އަދި ތިޔަބައިމީހުންނަށް ވައުދު ކުރައްވާކަމުގައިވާ ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ލިބިގަންނާށެވެ!
ތިމަންބޭކަލުންނީ ދުނިޔޭގެ ހަޔާތުގައްޔާއި، އާޚިރަތުގައި ތިޔަބައިމީހުންގެ އެހީތެރިންނެވެ. ތިޔަބައިމީހުންގެ ނަފްސުތައް އެދޭހާކަމެއް އެ ދުވަހުން، ތިޔަބައިމީހުންނަށް ޓަކައިވެއެވެ. އަދި (އުފަލާއި، އަރާމުގެ ތެރެއިން) ތިޔަބައިމީހުން ދަންނަވާހާކަމެއް ތިޔަބައިމީހުންނަށްވެއެވެ.
ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ ކަލެއްގެ މެހުމާންދާރީއެއްގެ ގޮތުގައެވެ.
ﷲ ގެ ހަޒްރަތަށް (އައުމަށް) ގޮވާލައި، އަދި ސާލިހު އަމަލު ކޮށް، އަދި ހަމަކަށަވަރުން ތިމަންނާވަނީ (ﷲ އަށް) ކިޔަމަންވާމީހުންގެ ތެރެއިންނޭ ބުނާމީހަކަށްވުރެ ރަނގަޅު ބަސްބުނާ މީހަކީ ކާކުހެއްޔެވެ؟
ރަނގަޅު ކަންތަކާއި، ނުބައިކަންތައް ހަމަހަމަވެގެނެއް ނުވެއެވެ. އެންމެހެޔޮ، ރިވެތިގޮތުން ތިބާ (ނުބައިކަންތައް) ދުރުކުރާށެވެ. ފަހެ އެހާރުން ތިބާއާ އޭނާއާ ދެމެދުގައި އަދާވާތްތެރިކަމެއްވާ މީހާ، ގާތް ރަހުމަތްތެރިޔަކު ފަދައިން ވެދާނެއެވެ.
އަދި ކެތްތެރިވި މީހުންނަށް މެނުވީ، އެ (ސިފަ) ލިބިއެއް ނުގަނެވޭނެއެވެ. އަދި ބޮޑުވެގެންވާ ނަސީބުވެރިޔަކަށް މެނުވީ، އެ (ސިފަ) ލިބިއެއް ނުގަނެވޭނެއެވެ.
އަދި ހަމަކަށަވަރުން ޝައިތާނާގެ ފަރާތުން ވަސްވާސްތެރިކަމެއްއައިސް ކަލޭގެފާނުގެ ހިތްޕުޅަށް ވަންނަނަމަ، ﷲ ގެ ރައްކާތެރިކަމަށް އެދިވަޑައިގަންނަވާށެވެ. ހަމަކަށަވަރުން އެ އިލާހީ، މޮޅަށްއައްސަވާވޮޑިގެންވާ، މޮޅަށްދެނެވޮޑިގެންވާ އިލާހެވެ.
އަދި އެ އިލާހުގެ (ކުޅަދުންވަންތަކަމުގެ) ހެކިތަކުގެ ތެރެއިން ރޭގަނޑާއި ދުވާލާއި، އިރާއި ހަނދު ހިމެނެއެވެ. ތިޔަބައިމީހުން އިރަށާއި ހަނދަށް ސަޖިދަ ނުކުރާށެވެ. އަދި އެ ތަކެތި ހެއްދެވި ﷲ އަށް ސަޖިދަކުރާށެވެ. (އެއީ) ތިޔަބައިމީހުން އަޅުކަންކުރަނީ ހަމައެކަނި އެ އިލާހަށް ކަމުގައި ވާނަމައެވެ.
ފަހެ އެ މީހުން (ﷲ އަށް ސަޖިދަކުރުމަށް) ބޮޑާވެގެންފި ނަމަ، ފަހެ ކަލޭގެފާނުގެ ރައްބުގެ ހަޒްރަތުގައިވާ މަލާއިކަތުން، ރެއާއިދުވާލު އެ އިލާހަށް ތަސްބީހަ ދަންނަވައެވެ. އަދި އެ މަލާއިކަތުން ފޫހިވެގެން ނުދެއެވެ.
ގަހެއްނެތި ހިކިފައިވާ ބިން، ތިބާ ދެކޭނެއެވެ. ފަހެ އެ ބިމުގެ މައްޗަށް ތިމަން އިލާހު ވާރޭ ވެއްސަވައިފިހިނދު، އެބިމުގެ ގަސްތަކުގެ ހަރަކާތް ފެށި، ގަސްތައް އިތުރުވެއެވެ. އެއީ އެ އިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. ހަމަކަށަވަރުން އެ ބިންގަނޑު ދިރުއްވި އިލާހަކީ، މަރުވެފައިވާ ތަކެތި ދިރުއްވާ އިލާހެވެ. ހަމަކަށަވަރުން އެ އިލާހީ، ކޮންމެ ކަމެއްގެ މައްޗަށްމެ ކުޅަދުންވަންތަ އިލާހެވެ.
ހަމަކަށަވަރުން ތިމަން އިލާހުގެ އާޔަތްތަކާމެދުގައި ދެކޮޅުހަދައި، އެއްކިބާވާމީހުން ތިމަން އިލާހަށް ވަންހަނާވެގެންނެއްނުވެއެވެ. ފަހެ ހެޔޮކަންބޮޑީ ނަރަކައަށް އެއްލައިލެވޭ މީހާހެއްޔެވެ؟ ނުވަތަ ގިޔާމަތް ދުވަހު އަމާންކަމާއެކުގައި އަންނަމީހާހެއްޔެވެ؟ ތިޔަބައިމީހުން އެދޭކަމެއްކުރާށެވެ! ހަމަކަށަވަރުން އެ އިލާހީ، ތިޔަބައިމީހުން ކުރާކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.
ހަމަކަށަވަރުން އެ މީހުންގެ ގާތަށް ގުރްއާން އައި ހިނދު، އެ ގުރްއާނަށް ކާފިރު ވިމީހުންނަށް (ގަދަވެގެންވާ އަޒާބު ހުއްޓެވެ.) ހަމަކަށަވަރުން އެއީ ބާރުގަދަ ފޮތެއްކަން ކަށަވަރެވެ.
އެ ފޮތުގެ ކުރިމައްޗަކުންވެސް، އަދި އޭގެފަހަތަކުންވެސް އެފޮތަކަށް ބާތިލުކަމެއް ނާންނާނެއެވެ. (އެއީ) ހަމްދު ލިބިވޮޑިގެންވާ، ޙަކީމްވަންތަ އިލާހުގެ ހަޒްރަތުން ބާވައިލެއްވި ފޮތެކެވެ.
ކަލޭގެފާނުގެ ކުރިންފޮނުއްވި ރަސޫލުންނަށް ވެސް ދެންނެވުނު ބަސްތަކެއް މެނުވީ، ކަލޭގެފާނަކަށް ނުދެންނެވެއެވެ. ހަމަކަށަވަރުން ކަލޭގެފާނުގެ ރައްބަކީ، ފާފަ ފުއްސެވުމުގެ ވެރި، އަދި ވޭންދެނިވި އަޒާބުގެ ވެރި ރައްބުކަން ކަށަވަރެވެ.
އަދި އެއީ އަޖަމީ (އެބަހީ: އަރަބި ނޫން) ގުރްއާނެއް ކަމުގައި ތިމަން އިލާހު ލެއްވިނަމަ، ހަމަކަށަވަރުން އެ މީހުން ބުނީހެވެ: (އަރަބިން) އޭގެ އާޔަތްތައް ބަޔާން ކުރެވުނުނަމައެވެ. އަޖަމީ (ގުރްއާނަކާއި) އަރަބި (ނަބިއްޔެއް) ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ: އެ ފޮތަކީ، އީމާންވި މީހުންނަށްވާ ތެދުމަގެކެވެ. އަދި ޝިފާއެއްވެސްމެއެވެ. އަދި އީމާން ނުވާމީހުންގެ ކަންފަތްތަކުގައި ބީރުކަމެއްވެއެވެ. އަދި އެ ފޮތަކީ، އެ މީހުންގެ މައްޗަށްވާ ކަނުކަމެކެވެ. އެ މީހުން ދުރުތަނަކުން ގޮވައިލެވޭ ބަޔެއްފަދައެވެ.
ހަމަކަށަވަރުން ތިމަން އިލާހު މޫސާގެފާނަށް ފޮތް ދެއްވީމެވެ. ފަހެ އެ ފޮތާމެދު ޚިލާފު ވެވުނެވެ. ކަލޭގެފާނުގެ ރައްބުގެ ހަޒްރަތުން އިސްވެދިޔަ ބަސްފުޅެއް ނުވާނަމަ، އެ މީހުންގެ މެދުގައި ނިޔާކުރެއްވީސްކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން އެ މީހުން ވަނީ އެކަމާމެދު ވަސްވާސްތެރިކަމުން ފުރިގެންވާ، ޝައްކެއްގައިކަން ކަށަވަރެވެ.
ސާލިހު އަމަލެއްކޮށްފިމީހާ (ދަންނާށެވެ.) ފަހެ އެ ކަމުގެ ދަރުމަހުރީ އެ މީހާގެ އަމިއްލަ ނަފްސަށެވެ. އަދި ނުބައި އަމަލެއްކޮށްފިމީހާ (ދަންނާށެވެ.) ފަހެ އެ ކަމުގެ ހަލާކުހުރީ، ހަމަ އެ ނަފްސުގެ މައްޗަށެވެ. އަދި ކަލޭގެފާނުގެ ރައްބަކީ، އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ އިލާހަކު ކަމުގައެއް ނުވެއެވެ.
ގިޔާމަތް ދުވަސް އައުމުގެ ވަގުތު ދެނެވޮޑިގަތުންވަނީ ހަމައެކަނި އެ އިލާހަށެވެ. އެ އިލާހުގެ ދެނެވޮޑިގަތުމާ އެކުގައި މެނުވީ، އެއްވެސް މޭވާއެއް އޭގެ ބޮށިގަނޑަކުން ނުނިކުންނާނެއެވެ. އަދި އަންހެނަކު މާބަނޑެއް ނުވާނެއެވެ. އަދި ނުވެސް ވިހާނެތެވެ. އަދި ތިމަން އިލާހަށް ޝަރީކުކުރިމީހުން ކޮބައިހޭ އެ އިލާހު ގޮވައިލައްވައި ވަހީ ކުރައްވާ ދުވަހު، އެ މީހުން ބުނާނެއެވެ. (އިބަ އިލާހަށް ޝަރީކަކުވާކަމަށް) ހެކިވާ ހަމައެކަކުވެސް، ތިމަންމެންގެ ތެރޭގައި ނުވާކަމަށް އިބަ އިލާހަށް ތިމަންމެން މިދެންނެވީއެވެ.
އަދި މީގެކުރިން އެ މީހުން ދުއާ ކޮށް، އަޅުކަންކޮށް އުޅުނު ތަކެތި އެ މީހުންގެ ކިބައިން ގެއްލިހިނގައްޖެއެވެ. އަދި (އަޒާބުން) އެ މީހުން ފިލަންދާނެތަނެއް ނެތްކަން، އެ މީހުންނަށް ޔަގީން ވެއްޖެއެވެ.
ހެޔޮކަންތަކަށް ދުއާކުރުމަކަށް އިންސާނާ ފޫއްސެއް ނުވާނެއެވެ. އަދި އޭނާއަށް ނުބައިކަމެއް ޖެހިއްޖެނަމަ، ފަހެ އުއްމީދުކެނޑި، ހިތްމަރުވެފައިވާ މީހަކަށް އޭނާ ވެދެއެވެ.
އަދި ހަމަކަށަވަރުން އެ އިންސާނާއަށް ދަތި ހާލެއް ޖެހިއްޖައުމަށް ފަހު، ތިމަން އިލާހުގެ ހަޒްރަތުން ރަހުމަތެއްގެ ރަހަ އޭނާއަށް ދައްކަވައިފިނަމަ، މިއީ ތިމަންނާއަށްހުރިތަކެއްޗޭ ބުނާނެކަން ކަށަވަރެވެ. އަދި ގިޔާމަތް ވާނެކަމަކަށް ތިމަންނާ ހީއެއްނުކުރަމެވެ. އަދި ހަމަކަށަވަރުން ތިމަންގެ ރައްބުގެ ހަޒްރަތަށް ތިމަން ރުޖޫއަކުރެއްވިއަސް ހަމަކަށަވަރުން އެ އިލާހުގެ ހަޒްރަތުގައި ތިމަންނައަށްހުރީ ހެޔޮކަމެވެ. ފަހެ ހަމަކަށަވަރުން ކާފިރު ވިމީހުންނަށް ތިމަން އިލާހު އެ މީހުން ކުރި އަމަލުތަކުގެ ޚަބަރު އަންގަވާހުށީމެވެ. އަދި ހަމަކަށަވަރުން ގަދަފަދަވެގެންވާ އަޒާބަކުން އެ މީހުންނަށް ތިމަން އިލާހު އަޒާބުގެ ރަހަ ދައްކަވާހުށީމެވެ.
އަދި އިންސާނާއަށް ތިމަން އިލާހު ނިއުމަތް ދެއްވާފިނަމަ، އަނެއްފަރާތަށް އެނބުރި ބޮޑާވެގަނެއެވެ. އަދި އޭނާއަށް، ނުބައިކަމެއް ޖެހިއްޖެނަމަ، ފަހެ ދުއާކުރުން ގިނަމީހަކަށް އޭނާ ވެދެއެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން ނިކަންބުނެބަލާށެވެ! ﷲ ގެ ހަޒްރަތުންއައި އެއްޗެއްކަމަށް އެ (ގުރްއާން) ވެފައި، ދެން ތިޔަބައިމީހުން އެއަށް ކާފިރު ވެއްޖެނަމަ (ތިޔަބައިމީހުންގެ ހާލު ވާނީ ކޮންފަދައަކުންހެއްޔެވެ؟ ހައްގާ) ދުރުވެގެންވާ، ދެކޮޅުވެރިކަމެއްގައިވާ މީހަކަށްވުރެ ފުރެދުންބޮޑީ ކާކުހެއްޔެވެ؟
އުދަރެސްތަކުގައްޔާއި، އެ މީހުންގެ އަމިއްލަ ނަފްސުތަކުގައިވާ، ތިމަން އިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތައް، ތިމަން އިލާހު އެ މީހުންނަށް ނިކަންހުރެ ދައްކަވާހުށީމެވެ. އެއީ ހައްގު ތެދުކަން އެ މީހުންނަށް ބަޔާންވެ އެނގިއްޖައުމަށް ދާންދެނެވެ. ކަލޭގެފާނުގެ ރައްބަކީ ކޮންމެ ކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ އިލާހަކު ކަމުގައި ނުފުދޭހެއްޔެވެ؟
ދަންނާށެވެ. ހަމަކަށަވަރުން އެ މީހުންގެ ރައްބާ ބައްދަލުވާނެ ކަމާމެދު އެ މީހުން ވަނީ ޝައްކުކަމެއްގައެވެ. ދަންނާށެވެ. ހަމަކަށަވަރުން އެ އިލާހީ، ކޮންމެ ކަމެއް ފުރިހަމައަށް ދެނެވޮޑިގެންވާ އިލާހެވެ.