އެ ކަންވާނޭކަމާމެދު އިންކާރު ކޮށްދޮގުކުރާނޭ ފަރާތެއް ނުވެއެވެ.
އެއްބަޔަކު ދަށްކުރަމުން، އަނެއް ބަޔަކު މަތިކުރަމުންނެވެ. (އެބަހީ: އަބާއްޖަވެރިން ދަށް ކުރައްވާ، ބާއްޖަވެރިން މަތިވެރިކުރައްވާ ދުވަހެއްގެ ގޮތުގައެވެ.)
ބިންގަނޑު ގަދަފަދައަށް ހެލިގެންފިހިނދެވެ.
އަދި ފަރުބަދަތައް ފުނޑުފުނޑުވެ، ހިމުންވެއްޖެހިނދެވެ.
ފަހެ ވަޔާ ބުރަބުރައިގެންދާ ކުނޑިތަކެއްކަމުގައި އެ ފަރުބަދަތައް ވެއްޖެހިނދެވެ.
އަދި ތިޔަބައިމީހުން (އެ ދުވަހުން) ތިންބާވަތަކަށް ވެދެއެވެ.
ފަހެ ކަނާތްފަރާތުގެ މީހުންނެވެ. ކަނާތްފަރާތުގެ މީހުންނީ، ކޮންބަޔެއްހެއްޔެވެ؟
އަދި ވާތްފަރާތުގެ މީހުންނެވެ. ވާތްފަރާތުގެ މީހުންނީ، (ދަރަޖައިގެ ގޮތުން) ކޮންބަޔެއްހެއްޔެވެ؟
އަދި ކުރިއަރައިދިޔަ މީހުންނީ، (ދަރަޖައިގެ ގޮތުން) ކުރިއަރައިދިޔަ މީހުންނެވެ.
ކުއްތަން ކުރައްވާފައިވާ މީހުންނީ، އެ މީހުންނެވެ.
ނިއުމަތުގެ ސުވަރުގެތަކުގައެވެ.
އިސްވެދިޔަމީހުންގެ ތެރެއިން (އެބަހީ: އިސްވެދިޔަ އުއްމަތްތަކުގެ މީހުންގެ ތެރެއިން) ގިނަ ބަޔެކެވެ.
އަދި ފަހުގެ މީހުންގެ ތެރެއިން (އެބަހީ: އިސްވެދިޔަ އުއްމަތްތަކާ އަޅައިބަލާއިރު، މުޙައްމަދު ނަބިއްޔާގެ އުއްމަތުގެ މީހުންގެ ތެރެއިން) މަދު ބަޔެކެވެ.
ރަނާއި، ޖަވާހިރުން އަތްކަން އަޅުއްވާފައިވާ ދާންތަކެއްގެ މަތީގައެވެ.
އެ ދާންތަކުގެ މަތީގައި، އެކަކު އަނެކަކާ ކުރިމަތިލައި، ލެނގިގެންވާ ހާލުގައެވެ.
ޒުވާންކަންމަތީ ދެމިތިބޭ ޒުވާން ފިރިހެންކުދިން، އެ މީހުންގެ ޚިދުމަތުގައި ބުރުޖަހާނެތެވެ.
ތަށިތަކަކާއި، ކުރާތަކަކާއިގެންނެވެ. އަދި ހިނގަހިނގާ ހުންނަ އާރަކުން ނެގޭ ރާތަށިތަކަކާއިގެންނެވެ.
އޭގެ ސަބަބުން އެ މީހުންނަށް ބޮލުގެ ރިހުމެއް ނުލިބޭނެއެވެ. އަދި މަސްތުވުމެއްވެސް ނުމެލިބޭނޭމެއެވެ.
އަދި އެ މީހުން ބޭނުންގޮތަކަށް ނަގާނޭ މޭވާތަކާއިގެންނެވެ.
އަދި އެ މީހުން ހިތްއެދޭ ބާވަތްތަކުގެ ދޫނިސޫފާސޫފީގެ މަހާއިގެންނެވެ.
އަދި ކަޅިރަވަ ރީތި، ޙޫރުލްޢީނުން ތިބޭނެއެވެ.
(އެ ކަނބަލުން) ރައްކާތެރިކުރައްވާފައިވާ ރަންމުތްތަކަކާ އެއްފަދަވެގެންވެއެވެ.
(އެއީ) އެ މީހުން ކޮށްއުޅުނު އަމަލުތަކަށް ޖަޒާއެއް ކަމުގައެވެ.
ބޭކާރު ބަސްތަކެއްވެސް، އަދި ކުށްވެރިކުރަނިވި ބަސްތަކެއްވެސް، އެތާކު އެ މީހުންނަކަށް ނީވޭނެއެވެ.
އެހެނެއްކަމަކު (އެ މީހުންނަށް އިވޭނީ) ސަލާމް ހުށްޓޭ، ސަލާމް ހުށްޓޭ، ބުނެވޭ އަޑެވެ.
ކަނާތްފަރާތުގެ މީހުންނެވެ. ކަނާތްފަރާތުގެ މީހުންނީ، ކޮންބަޔެއްހެއްޔެވެ؟
(އެ މީހުން ވަނީ) ކަށިނެތް، ކުންނާރު ގަސްތަކުގެ ތެރޭގައެވެ.
ކެޔޮވައްތައް އެތުރިފައިވާ ފަތްކެޔޮ ގަސްތަކުގެ ތެރޭގައެވެ.
އަދި ފެތުރިގެންވާ ހިޔަލުގައެވެ.
އަދި އަބަދަށް އޮހިއޮހިހުންނަ ފެން، އެ މީހުންނަށް ލިބޭނެއެވެ.
އަދި ގިނަގުނަވެގެންވާ މޭވާތައްވެސްމެއެވެ.
ހުސްވުމެއްނުވާ، އަދި މަނާވުމެއްނުވާ މޭވާއެވެ.
އަދި އުފުލިގެންވާ ދާންތަކެވެ.
ހަމަކަށަވަރުން އަލުން އާ އުފެއްދެވުމަކުން ތިމަން އިލާހު އެ ކަނބަލުން (އެބަހީ: ސުވަރުގޭގެ އަންހެނުން) އުފެއްދެވީމެވެ.
ފަހެ ބިކުރުވެރި ބަޔަކު ކަމުގައި ތިމަން އިލާހު އެ ކަނބަލުން ލެއްވީމެވެ.
ފިރިންދެކެ ލޯބިވާ، އެއްފުރާގެ ބަޔަކު ކަމުގައެވެ.
ކަނާތްފަރާތުގެ މީހުންނަށް ޓަކައެވެ.
އިސްވެދިޔަ މީހުންގެ ތެރެއިން (އެބަހީ: އިސްވެދިޔަ އުއްމަތްތަކުގެ މީހުންގެ ތެރެއިން) ގިނަބަޔެކެވެ.
އަދި ފަހުގެ މީހުންގެ ތެރެއިންވެސް (އެބަހީ: މުޙައްމަދު ނަބިއްޔާގެ އުއްމަތުގެ މީހުންގެ ތެރެއިންވެސް) ގިނަބަޔެކެވެ.
ވާތްފަރާތުގެ މީހުންނެވެ. ވާތްފަރާތުގެ މީހުންނީ، ކޮންބަޔެއްހެއްޔެވެ؟
(އެ މީހުން ވަނީ، ލޯލިތަކުގެ ބުޑުތައް ފޫވައްޓައިފަނިވި) ހޫނު ވައިގެ ތެރޭގައެވެ. އަދި ކެކިކެކިހުންނަ ހޫނުފެނުގެ ތެރޭގައެވެ.
އަދި ކަޅުކުލައިގެ ދުމަކުން އުފެދޭ ހިޔަނިގަނޑެއްގެ ތެރޭގައެވެ.
ފިންޏެއްވެސް ނޫނެވެ. އަދި އަރާމެއްވެސް ނޫނެވެ.
ހަމަކަށަވަރުން އޭގެ ކުރިން އެ މީހުން ވީ، ތަނަވަސްކަމުގައި ހައްދުފަހަނަޅައިފައިވާ ބަޔަކު ކަމުގައެވެ.
އަދި ބޮޑުވެގެންވާ ފާފަވެރިކަމުގެ މަތީގައި ދެމިތިބޭ ބަޔަކު ކަމުގައި އެ މީހުން ވިއެވެ.
އަދި އެ މީހުން ބުނާކަމުގައިވިއެވެ. ތިމަންމެން މަރުވެ، ވެއްޔަށާއި ކަށިތަކަކަށް ވެއްޖެހިނދު، އަލުން ދިރުމަކަށް ފޮނުއްވާނޭ ބަޔަކު ކަމުގައި ހަމަކަށަވަރުން ތިމަންމެން ވޭހެއްޔެވެ؟
އަދި ތިމަންމެންގެ އިސްވެދިޔަ ކާބަފައިންވެސްހެއްޔެވެ؟
ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން އިސްވެދިޔަ މީހުންނާއި، ފަހުން އަންނާނޭ މީހުންނީ،
އެނގިގެންވާ ދުވަހެއްގެ ކަނޑައަޅުއްވާފައިވާ ވަގުތަކަށް އެއް ކުރައްވާނޭ ބަޔަކުކަން ކަށަވަރެވެ.
އޭ މަގުފުރެދިގެންވާ، އަދި ދޮގުކުރާ މީހުންނެވެ. ދެން ހަމަކަށަވަރުން ތިޔަބައިމީހުން ޒައްގޫމު ގަހުން ކާނޭކަން ކަށަވަރެވެ.
އޭ މަގުފުރެދިގެންވާ، އަދި ދޮގުކުރާ މީހުންނެވެ. ދެން ހަމަކަށަވަރުން ތިޔަބައިމީހުން ޒައްގޫމު ގަހުން ކާނޭކަން ކަށަވަރެވެ.
ފަހެ އެއިން ބަނޑުތައް ފުރައިލާނޭމެއެވެ.
ފަހެ އޭގަމައްޗަށް ކެކިކެކިހުންނަ ހޫނުފެން ބޯނޭމެއެވެ.
ފަހެ ފެންބޮވައިގެންފައިވާ ޖަމަލުތައް ފެންބޯފަދައިންނެވެ.
ގިޔާމަތް ދުވަހުން އެ މީހުންގެ މެހުމާންދާރީއަކީ މިއެވެ.
ތިޔަބައިމީހުން ހެއްދެވީ ތިމަންއިލާހެވެ. ފަހެ ތިޔަބައިމީހުން ތެދުނުކުރަނީ ކީއްވެހެއްޔެވެ؟
ތިޔަބައިމީހުން ބޭރުކުރާ މަންޏާމެދު، ތިޔަބައިމީހުން ފަހެ ވިސްނައި ބެލީމުހެއްޔެވެ؟
އެ ތަކެތި ހަދަނީ، ތިޔަބައިމީހުންހެއްޔެވެ؟ ނުވަތަ ހައްދަވާ ފަރާތަކީ ތިމަން އިލާހުހެއްޔެވެ؟
ތިމަން އިލާހު ތިޔަބައިމީހުންގެ މެދުގައި މަރު މިންވަރު ކުރެއްވީމެވެ. ތިޔަބައިމީހުންގެ ބަދަލުގައި، ތިޔަބައިމީހުންފަދަ އެހެންބަޔަކު ގެންނެވުމުގެ މައްޗަށާއި، ތިޔަބައިމީހުން ނުދަންނަ ސިފައެއްގައި، ތިޔަބައިމީހުން އަލުން އުފެއްދެވުމަށް ނުކުޅެދިގެންވާ އިލާހަކު ކަމުގައި ތިމަން އިލާހު ނުވަމެވެ.
ތިޔަބައިމީހުންގެ މެދުގައި ތިމަން އިލާހު މަރު، މިންވަރުކުރެއްވީމެވެ. ތިޔަބައިމީހުންގެ ބަދަލުގައި، ތިޔަބައިމީހުންފަދަ އެހެންބަޔަކު ގެންނެވުމުގެ މައްޗަށާއި، ތިޔަބައިމީހުން ނުދަންނަ ސިފައެއްގައި، ތިޔަބައިމީހުން އަލުން އުފެއްދެވުމަށް ނުކުޅެދިގެންވާ އިލާހަކު ކަމުގައި ތިމަން އިލާހު ނުވަމެވެ.
ހަމަކަށަވަރުން ފުރަތަމަ އުފެއްދެވުން ތިޔަބައިމީހުންނަށް އެނގިފައިވެއެވެ. ފަހެ ތިޔަބައިމީހުން ހަނދުމަނުކުރަނީ ކީއްވެހެއްޔެވެ؟
ތިޔަބައިމީހުން ގޮވާންކުރާތަކެއްޗާމެދު، ފަހެ ތިޔަބައިމީހުން ވިސްނައި ބެލީމުހެއްޔެވެ؟
އެ ތަކެތި ބިމުން ފަޅުވަނީ، ތިޔަބައިމީހުންހެއްޔެވެ؟ ނުވަތަ އެ ތަކެތި ބިމުން ފަޅުއްވާ ފަރާތަކީ، ތިމަން އިލާހުހެއްޔެވެ؟
ތިމަން އިލާހު އިރާދަކުރައްވާނަމަ، ހިކި ކުނޑި ހުއިތަކެއް ކަމުގައި އެ ތަކެތި ލައްވައިފީމުސްކަން ކަށަވަރެވެ. ދެން އެކަމާމެދު ތިޔަބައިމީހުން ހައިރާން ވެފައި ތިބެއްޖައީހެވެ.
(ތިޔަބައިމީހުން ބުނާނެއެވެ.) ހަމަކަށަވަރުން ތިމަންމެންނީ، ގެއްލުންވެގެންވާ ބަޔަކީމުއެވެ.
އަދި ކިއެއް! ތިމަންމެންނީ (އެ ތަކެތިން) މަހްރޫމު ވެގެންވާ ބަޔަކީމުއެވެ.
ތިޔަބައިމީހުން ބޯ ފެނާމެދު، ތިޔަބައިމީހުން ފަހެ ވިސްނާ ބެލީމުހެއްޔެވެ؟
ވާރޭވިލާތަކުން އެ ފެން ވެއްސީ، ތިޔަބައިމީހުންހެއްޔެވެ؟ ނުވަތަ އެ ފެން ބާވައިލެއްވި ފަރާތަކީ، ތިމަން އިލާހުހެއްޔެވެ؟
ތިމަން އިލާހު އިރާދަކުރައްވާނަމަ، އެ ފެން ބޯން ނުކެރޭފަދަ ލޮނު ފެނެއް ކަމުގައި ލައްވައިފީމުހެވެ. ފަހެ ތިޔަބައިމީހުން ޝުކުރު ނުކުރަނީ ކީއްވެހެއްޔެވެ؟
ތިޔަބައިމީހުން ރޯކުރާ އަލިފާނާމެދު، ތިޔަބައިމީހުން ފަހެ ވިސްނައި ބެލީމުހެއްޔެވެ؟
އޭގެ ގަސް އުފެއްދީ ތިޔަބައިމީހުންހެއްޔެވެ؟ ނުވަތަ އެ އުފެއްދެވި ފަރާތަކީ ތިމަން އިލާހުހެއްޔެވެ؟
ހަނދުމަކުރުމެއް ކަމުގައްޔާއި، ދަތުރުފަތުރުކުރާ މީހުންނަށާއި، ދަތުރުނުކޮށް ގާއިމު ވެތިބޭ މީހުންނަށް ބޭނުންހިފޭ އެއްޗެއް ކަމުގައި، ތިމަން އިލާހު އެ އަލިފާން ލެއްވީމެވެ.
ފަހެ ކަލޭގެފާނުގެ މަތިވެރި އިލާހުގެ އިސްމުފުޅުން ކަލޭގެފާނު ތަސްބީހަ ވިދާޅުވާށެވެ.
ފަހެ ހަމަކަށަވަރުން ތަރިތައް އޮސްފުހޭ ތަންތަން ގަންދެއްވާ ތިމަން އިލާހު ހުވާ ވަހީ ކުރައްވަމެވެ.
އަދި ތިޔަބައިމީހުން ދަންނަނީނަމަ، ހަމަކަށަވަރުން އެއީ ބޮޑުވެގެންވާ ހުވަޔެއްކަން ކަށަވަރެވެ.
ހަމަކަށަވަރުން އެއީ ގުރްއާނުލް ކަރީމްކަން ކަށަވަރެވެ.
ރައްކާތެރިކުރައްވާފައިވާ ފޮތެއްގައެވެ.
ތާހިރު ވެގެންވާ މީހުން މެނުވީ، އެ ފޮތުގައި ނުބީހޭނެއެވެ.
(އެއީ) އާލަމްތަކުގެ ރައްބުގެ ހަޒްރަތުން ބާވައިލެއްވި ފޮތެކެވެ.
ތިޔަބައިމީހުން ދޮގުކޮށް ފަރުވާކުޑަކުރަނީ، މިވާހަކައާމެދުގައި (އެބަހީ: މި ގުރްއާނާ މެދުގައި)ހެއްޔެވެ؟
އަދި ތިޔަބައިމީހުންނަށް ރިޒްގު ދެއްވިކަމުގެ މައްޗަށްކުރާ ޝުކުރަކީ (އެ ރިޒްގު ދެއްވި އިލާހު) ދޮގުކުރުން ކަމުގައި ތިޔަބައިމީހުން ހަދަމުއެވެ.
ފަހެ މަރުވުމުގެ ވަގުތުގައި، ކަރާހަމައަށް ފުރާނައައިސް ނޭވާހޮޅިޔަށް އެޅިއްޖެހިނދެވެ.
އަދި އެ ހިނދު، ތިޔަބައިމީހުން ބަލަބަލައި ތިބެމުއެވެ.
އަދި ތިޔަބައިމީހުންނަށްވުރެ އެ މީހާއާ (އެބަހީ: މަރުވާ މީހާއާ) ގާތްކަންބޮޑީ، ތިމަންއިލާހެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންނަކަށް ނުފެންނާނެއެވެ.
ފަހެ ތިޔަބައިމީހުންނީ، އަމަލުތަކަށް ޖަޒާ ނުލިބޭނެ ބަޔަކު ކަމުގައި ވަނީނަމަ،
ތިޔަބައިމީހުން އެ ފުރާނަ އަނބުރައި ގެންނާށެވެ. އެއީ ތިޔަބައިމީހުންނީ ތެދުވެރިން ކަމުގައި ވާނަމައެވެ.
ފަހެ އެ (މަރުވި) މީހާ ކުއްތަން ކުރައްވާފައިވާ މީހުންގެ ތެރެއިންވާނަމަ، ދަންނާށެވެ.
ފަހެ އެ މީހަކަށް އަރާމާއި، ތަނަވަސްވެގެންވާ ރިޒްގާއި، ނިއުމަތުގެ ސުވަރުގެ ހުއްޓެވެ.
އަދި އެ މީހަކު ކަނާތްފަރާތުގެ މީހުންގެ ތެރެއިންވާނަމަ، ދަންނާށެވެ.
ފަހެ (އެ މީހަކަށް އަންގަވާނެއެވެ.) ކަނާތްފަރާތުގެ މީހުންގެ ކިބައިން ތިބާއަށް ސަލާމް ހުއްޓެވެ.
އަދި ދޮގުކޮށް، މަގުފުރެދޭ މީހުންގެ ތެރެއިން އެ މީހަކުވާނަމަ، ދަންނާށެވެ.
ފަހެ އެ މީހަކަށްހުރީ، ކެކިކެކިހުންނަ ހޫނުފެނުގެ މެހުމާންދާރީއެކެވެ.
އަދި ނަރަކައަށް ވެއްދެވުމެކެވެ.
ހަމަކަށަވަރުން މިއީ ޔަގީން ވެގެންވާ ހައްގު ތެދުކަން ކަށަވަރެވެ.
ފަހެ ކަލޭގެފާނުގެ މަތިވެރިވަންތަ ރައްބުގެ އިސްމުފުޅުން ތަސްބީހަ ވިދާޅުވާށެވެ.