ހަމަކަށަވަރުން އެ ކަނބުލޭގެ ފިރިމީހާއާމެދު ކަލޭގެފާނާ ޖަދަލުކޮށް، އަދި ﷲ ގެ ހަޒްރަތަށް ޝަކުވާ ދަންނަވާ ކަނބުލޭގެ ބަސް، ﷲ އައްސަވާވޮޑިގެންފިއެވެ. އަދި ތިޔަ ދެފަރާތުގެ ވާހަކަތައް ﷲ އައްސަވާވޮޑިގަންނަވައެވެ. ހަމަކަށަވަރުން ﷲ އައްސަވާވޮޑިގަންނަވާ، ބައްލަވާވޮޑިގަންނަވައެވެ.
ތިޔަބައިމީހުންކުރެ އަނބިންނަށް ޡިހާރު ކުރާ މީހުން (ދަންނާށެވެ.) އެ ކަނބަލުންނަކީ، ތިޔަބައިމީހުންގެ މައިންނެއް ނޫނެވެ. އެ މީހުން ވިހޭ ކަނބަލުން މެނުވީ، އެ މީހުންގެ މައިންކަމުގައި ނުވެއެވެ. އަދި ހަމަކަށަވަރުން އެ މީހުން އެ ބުނަނީ މުންކަރު ބަހެކެވެ. އަދި ދޮގެކެވެ. އަދި ހަމަކަށަވަރުން ﷲ އީ، ގިނަގިނައިން އަފޫކުރައްވާ، ގިނަގިނައިން ފާފަ ފުއްސަވާ އިލާހެވެ.
އަދި އެ މީހުންގެ އަނބިންނަށް ޡިހާރުކޮށް، ދެން އެ މީހުން ބުނި ބަސް އަނބުރައި ގެނައުމަށް އެދޭމީހުން، އެ ކަނބަލުންގައި ބީހުމުގެ ކުރީގައި (އެބަހީ: އެއްދާންކުރުމުގެ ކުރީގައި) އަޅަކު މިނިވަންކުރާހުށިކަމެވެ. އެއީ ތިޔަބައިމީހުންނަށް އެ ކަމަށް ނަސޭހަތް ދެއްވާގޮތެވެ. އަދި ﷲ އީ، ތިޔަބައިމީހުންކުރާ އަމަލުތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
ފަހެ އަޅަކު މިނިވަންކުރަން ނުލިބުނުމީހާ، އެ ދެމަފިރިން އެއްދާންކުރުމުގެ ކުރީގައި ވިދިވިދެގެން ދެމަސްދުވަހު ރޯދަހިފާހުށިކަމެވެ. ފަހެ ރޯދަހިފުމަށް ނުކުޅެދިއްޖެ މީހާ ފަސްދޮޅަސް މިސްކީނުންނަށް ކާންދޭހުށިކަމެވެ. އެއީ ތިޔަބައިމީހުން ﷲ އާއި އެ އިލާހުގެ ރަސޫލާއަށް އީމާން ވުމަށް ޓަކައެވެ. އަދި އެއީ ﷲ ކަނޑައަޅުއްވާފައިވާ އިންތަކެވެ. އަދި ކާފިރުންނަށް ވޭންދެނިވި އަޒާބު ހުއްޓެވެ.
ހަމަކަށަވަރުން ﷲ އާއި އެ އިލާހުގެ ރަސޫލާއަށް ދެކޮޅުވެރިވާ މީހުން (ދަންނާށެވެ.) އެ މީހުންގެކުރިން އުޅުނު (އެފަދަ) މީހުން ނިކަމެތިކޮށްލެއްވި ފަދައިން، އެ މީހުން ނިކަމެތިކޮށްލައްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން ބަޔާންވެގެންވާ އާޔަތްތައް ތިމަން އިލާހު ބާވައިލެއްވީމެވެ. އަދި ކާފިރުންނަށް ހުރީ، އިހާނަތްތެރިކަންދެނިވި އަޒާބެވެ.
އެއީ ﷲ، އެ މީހުން އެންމެން މަހުޝަރަށް ފޮނުއްވާ ދުވަހެވެ. ފަހެ އެ މީހުން ކޮށްއުޅުނު އަމަލުތަކުގެ ވާހަކައިން އެ އިލާހު އެ މީހުންނަށް ޚަބަރު އަންގަވާނެއެވެ. ﷲ އެ ކަންތައްތައް ހިމަނުއްވައި ލިޔުއްވިއެވެ. އަދި އެ މީހުން އެ ކަންތައްތައް ހަނދާން ނައްތައިލޫއެވެ. އަދި ﷲ އީ ކޮންމެ ކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ އިލާހެވެ.
އުޑުތަކާއި ބިމުގައި ވާހާ ތަކެއްޗާއި، ވާހާކަމެއް ﷲ ދެނެވޮޑިގެންވާކަން ކަލޭގެފާނު ދެނެވަޑައިނުގަންނަވަމުތޯއެވެ؟ ތިން މީހަކު ސިއްރު ސައްލާއެއް ކުރާ ހިނދު، އެ މީހުންގެ ހަތަރުވަނަޔަށް އެ އިލާހު ނުވާ އެއްވެސް ސައްލާއެއް ނުވެއެވެ. އަދި ފަސްމީހަކު ސައްލާ ކުރާ ހިނދު، ހަވަނަޔަށް އެ އިލާހު ނުވާ އެއްވެސް ސައްލާއެއް ނުވެއެވެ. އަދި އެއަށްވުރެ މަދު، ނުވަތަ ގިނަ އަދަދަކަށް ކޮންމެ ތަނެއްގައި އެ މީހުން ވިޔަސް، އެ މީހުންނާއެކު ﷲ ނުވާ ތަނެއް ނުވެއެވެ. ދެން އެ މީހުން ކޮށްއުޅުނު އަމަލުތަކުގެ ވާހަކައިން ގިޔާމަތް ދުވަހުން އެ މީހުންނަށް އެ އިލާހު ޚަބަރު އަންގަވާނެއެވެ. ހަމަކަށަވަރުން ﷲ އީ، ކޮންމެ ކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
ސިއްރު ސައްލާކޮށްއުޅުން އެ މީހުންނަށް ނަހީކުރައްވާފައިވާ މީހުން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ ދެން އެ މީހުންނަށް ނަހީކުރެއްވި ކަންތައް ކުރުމަށް އެ މީހުން އެނބުރި އާދެއެވެ. އަދި ފާފަވެރިކަމާއި، އަދާވާތްތެރިކަމާއި، ރަސޫލާއަށް ނުކިޔަމަންތެރިވުމަށް އެ މީހުން ސިއްރު ސައްލާ ކުރެއެވެ. އަދި އެ މީހުން ކަލޭގެފާނުގެ އަރިހަށް އަންނަހިނދު، ކަލޭގެފާނަށް ﷲ ސަލާމް ވަހީ ނުކުރައްވާ ބަހަކުން އެ މީހުން ކަލޭގެފާނަށް ސަލާމް ދަންނަވައެވެ. އަދި އެ މީހުންގެ އަމިއްލަ ނަފްސުތަކަށް އެ މީހުން ބުނެއެވެ. ތިމަންމެން މިކިޔާ އެއްޗަކަށްޓަކައި ﷲ ތިމަންމެންނަށް އަޒާބު ނުދެއްވަނީ ކީއްވެގެންހެއްޔެވެ؟ ނަރަކަ އެ މީހުންނަށް ފުދެއެވެ. އެތަނަށް އެ މީހުން ވަންނާނެއެވެ. ފަހެ އެއީ ހާދަހާ ނުބައިވެގެންވާ ނިމިދިޔުމެކެވެ.
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުން ސައްލާއެއް ކުރާ ހިނދު ފަހެ ފާފަވެރިކަމާއި، އަދާވާތްތެރިކަމާއި، ރަސޫލާއަށް ނުކިޔަމަންތެރިވުމަށް ތިޔަބައިމީހުން ސައްލާނުކުރާ ހުށިކަމެވެ. އަދި ހެޔޮކަންތައް ކުރުމާއި، ތަގުވާވެރިވުމަށް ތިޔަބައިމީހުން ސައްލާކުރާށެވެ! އަދި ތިޔަބައިމީހުން ﷲ އަށް ތަގުވާވެރިވާށެވެ. ތިޔަބައިމީހުން މަހުޝަރުކުރައްވާހުށީ، ހަމަ އެ އިލާހުގެ ހަޒްރަތަށެވެ.
އީމާންވި މީހުންނަށް ހިތާމަ ދިނުމަށް ޓަކައި ސިއްރު ސައްލާކޮށް އުޅުމަކީ ޝައިތާނާގެ ކިބައިން ވާކަމެއްކަން ކަށަވަރެވެ. އަދި ﷲ ގެ އިޒުނަފުޅާލައިގެން މެނުވީ، އެ ޝައިތާނާއަކަށް އެއްވެސްކަމަކުން އެ މީހުންނަކަށް ގެއްލުމެއް ނުދެވޭނެއެވެ. ފަހެ މުއުމިނުތަކުން ހަމައެކަނި ﷲ އަށް ވަކީލުކުރާހުށިކަމެވެ.
އޭ އީމާންވެއްޖެ މީސްތަކުންނެވެ. މަޖްލިސްތަކުގައި ތަން ދިނުމަށް ތިޔަބައިމީހުންނަށް ބުނެފިނަމަ، ފަހެ ތިޔަބައިމީހުން ތަންދޭށެވެ. އޭރުން ﷲ ތިޔަބައިމީހުންނަށް ތަނަވަސްކަން ދެއްވާނެއެވެ. އަދި ތިޔަބައިމީހުންގެ ގާތުގައި ތެދުވާށޭ ބުނެފިނަމަ، ފަހެ ތިޔަބައިމީހުން (މަޖިލިހުން) ތެދުވާށެވެ. ތިޔަބައިމީހުންގެ ތެރެއިން އީމާންވި މީހުންނާއި، އިލްމު ލިބިގެންވާ މީހުން ދަރަޖަތަކަކަށް ﷲ މަތިވެރިކުރައްވާނެއެވެ. އަދި ތިޔަބައިމީހުން ކުރާ ކަންތައް ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ.
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުން ރަސޫލާއަށް މުނާޖާއެއް ދަންނަވާނަމަ، ތިޔަބައިމީހުން މުނާޖާ ދެންނެވުމުގެ ކުރީގައި (ފަގީރުންނަށް) ސަދަގާތެއް ކުރިމަތިކުރާހުށިކަމެވެ. އެ ގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އަދި ތާހިރު ކަންބޮޑުމެއެވެ. ފަހެ ތިޔަބައިމީހުންނަށް ސަދަގާތެއް ކުރާނޭ އެއްޗެއް ނުލިބުނުނަމަ، ފަހެ ހަމަކަށަވަރުން ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ އިލާހެވެ.
ތިޔަބައިމީހުން ރަސޫލާއަށް މުނާޖާއެއް ދެންނެވުމުގެކުރިން ސަދަގާތެއް ކުރިމަތިކުރުމަށް ތިޔަބައިމީހުން ބިރުގަތީހެއްޔެވެ؟ ފަހެ ތިޔަބައިމީހުންނަށް އެ ކަންތައް ނުކުރެވުނު ހިނދު، އަދި ﷲ ތިޔަބައިމީހުންގެ މައްޗަށް ތައުބާ ލައްވައިފިހިނދު، ފަހެ ތިޔަބައިމީހުން ނަމާދު ގާއިމުކުރާށެވެ! އަދި ޒަކާތް ދޭށެވެ! އަދި ﷲ އާއި އެ އިލާހުގެ ރަސޫލާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ. ﷲ އީ ތިޔަބައިމީހުން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
ﷲ، އެ މީހުންގެ މައްޗަށް ކޯފާވެ ވޮޑިގެންވާ ބަޔަކު އެކުވެރި ރަހުމަތްތެރިން ކަމުގައި ހެދިމީހުންނަށް ކަލޭގެފާނު ނުބައްލަވަމުތޯއެވެ؟ އެއީ ތިޔަބައިމީހުންގެ ތެރެއިންވާ ބަޔެއްނޫނެވެ. އަދި އެ މީހުންގެ ތެރެއިންވެސް ހިމެނޭ ބަޔެއްނޫނެވެ. އަދި އެ މީހުން ދެނެދެނެތިބެ، ދޮގުގެ މައްޗަށް ހުވާކުރެއެވެ.
ﷲ، އެ މީހުންނަށް ޓަކައި ގަދަވެގެންވާ އަޒާބެއް ތައްޔާރު ކުރެއްވިއެވެ. ހަމަކަށަވަރުން އެ މީހުން ކޮށްއުޅުނު ކަންތަކުގެ ނުބައިކަމާއެވެ.
އެ މީހުންގެ ހުވާތަކަކީ އައްޑަނަތަކެއްކަމުގައި އެ މީހުން ހެދޫއެވެ. ފަހެ އެ މީހުން ﷲ ގެ މަގުން (މީސްތަކުން) އެއްކިބާކުރިއެވެ. ފަހެ އެ މީހުންނަށް އިހާނަތްތެރިކަންދެނިވި އަޒާބު ހުއްޓެވެ.
އެ މީހުންގެ މުދަލެއްވެސް، އަދި އެ މީހުންގެ ދަރިންނެއްވެސް ﷲ ގެ ހަޒްރަތުން އެއްވެސްކަމެއް އެ މީހުންނަކަށް ފުއްދައެއް ނުދޭނެތެވެ. އެ މީހުންނީ، ނަރަކައިގެ އަހުލުވެރިންނެވެ. އެ މީހުން އެ ތާނގައި ދެމިތިބޭނެތެވެ.
ﷲ، އެ މީހުން އެންމެން މަހުޝަރަށް ފޮނުއްވާ ދުވަހު، އެ މީހުން ތިޔަބައިމީހުންގެ ގާތުގައި (މިއަދު) ހުވާކޮށްއުޅޭ ފަދައިން އެ އިލާހުގެ ހަޒްރަތުގައި ވެސް އެ މީހުން ހުވާކުރާނެތެވެ. އަދި (ފައިދާކުރާނޭ) އެއްޗެއްގެ މަތީގައި އެ މީހުން ވާކަމަށް އެ މީހުން ހީކުރެއެވެ. ދަންނާށެވެ. ހަމަކަށަވަރުން އެ މީހުންނީ ހަމަ، ދޮގުވެރިންނެވެ.
ޝައިތާނާ ވަނީ އެ މީހުންގެ މައްޗަށް ވެރިވެގެންފައެވެ. ފަހެ އެ ޝައިތާނާ، އެ މީހުން ﷲ ހަނދުމަ ކުރުން ހަނދާންނެތި ކޮށްލިއެވެ. އެ މީހުންނީ، ޝައިތާނާގެ ޖަމާއަތުގެ މީހުންނެވެ. ދަންނާށެވެ. ހަމަކަށަވަރުން ޝައިތާނާގެ ޖަމާއަތުގެ މީހުންނީ ހަމަ ގެއްލެނިވެގެންވާ މީހުންނެވެ.
ހަމަކަށަވަރުން ﷲ އާއި އެ އިލާހުގެ ރަސޫލާއަށް ދެކޮޅުވެރިވާ މީހުން (ދަންނާށެވެ.) އެ މީހުން ވަނީ، އެންމެ ދެރަ ނިކަމެތި މީހުންގެ ތެރޭގައެވެ.
ﷲ ކަނޑައަޅުއްވާ ލިޔުއްވާފައިވެއެވެ. ހަމަކަށަވަރުން ތިމަން އިލާހާއި، ތިމަން އިލާހުގެ ރަސޫލުން (އެ މީހުންގެ މައްޗަށް) ގަދަވެގަންނަ ހުށީމުއެވެ. ހަމަކަށަވަރުން ﷲ އީ ބާރުގަދަ، ޢަޒީޒުވަންތަ އިލާހެވެ.
ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހުން، ﷲ އާއި އެ އިލާހުގެ ރަސޫލާއަށް ދެކޮޅުވެރިވާ މީހުންނަށް ލޯބިކުރާ ތަން އިބަ ނަބިއްޔާ ނުދެކޭނެއެވެ. އެއީ އެ މީހުންގެ މައިންބަފައިން، ނުވަތަ ދަރިން، ނުވަތަ އަޚުން، ނުވަތަ ގާތްތިމާގެ މީހުންކަމުގައި ވިޔަސްމެއެވެ. އެ މީހުންގެ ހިތްތަކުގައި އެ އިލާހު އީމާންކަން ލިޔުއްވި މީހުންނަކީ އެއީއެވެ. އަދި އެ އިލާހުގެ ހަޒްރަތުން ލިބިފައިވާ ރޫހަކުން، އެ މީހުންނަށް ގަދަކަންދެއްވި މީހުންނަކީ ވެސް އެއީއެވެ. އަދި އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް އެ އިލާހު އެ މީހުން ވައްދަވާނެއެވެ. އެ ތާނގައި އެ މީހުން ދެމިތިބެނިވި ގޮތުގައެވެ. ﷲ އެ މީހުންނަށް ރުއްސެވިއެވެ. އަދި އެ މީހުން އެ އިލާހާމެދު ރުހިގެންވެއެވެ. ﷲ ގެ ޖަމާއަތަކީ އެއީއެވެ. ދަންނާށެވެ. ހަމަކަށަވަރުން ﷲ ގެ ޖަމާއަތުގެ މީހުންނަކީ ހަމަ ކާމިޔާބުވާނެ މީހުންނެވެ.