ހަމްދު ހުރީ އުޑުތަކާއި ބިންހައްދަވައި އަނދިރިކަމާއި، އަލިކަންލެއްވި ﷲ އަށެވެ. ދެންވެސް ކާފިރުވި މީހުން އެ މީހުންގެ ރައްބާއި، އެހެންތަކެއްޗާ ހަމަހަމަކޮށް ޝަރީކުކުރެއެވެ.
އެ އިލާހީ، މަށިން ތިޔަބައިމީހުން ހެއްދެވި އިލާހެވެ. ދެން (ތިޔަބައިމީހުން މަރުވުމަށް) އަޖަލެއް ކަނޑައަޅުއްވާ، ނިޔާކުރެއްވިއެވެ. އަދި (ތިޔަބައިމީހުން އަލުން ދިރުއްވުމަށް) އެ އިލާހުގެ ހަޒްރަތުގައި ކަނޑައަޅުއްވާފައިވާ އަޖަލެއް ވެއެވެ. ދެން އެއަށް ފަހު (ވެސް) ތިޔަބައިމީހުން ޝައްކުކުރަމުއެވެ.
އެ އިލާހީ، އުޑުތަކާއި ބިމުގައި (އަޅުކަންވެވުން ހައްގު ވެގެން) ވާ، ﷲ އެވެ. ތިޔަބައިމީހުން ސިއްރުކުރާ ކަންތަކާއި، ތިޔަބައިމީހުން ފާޅުކުރާ ކަންތައް އެ އިލާހު ދެނެވޮޑިގެންވެއެވެ. އަދި ތިޔަބައިމީހުން، ހޯދައިގަންނަ ކަންތައް އެ އިލާހު ދެނެވޮޑިގެންވެއެވެ.
އެ އާޔަތްތަކަށް އެ މީހުން ފުރަގަސްދޭކަމުގައިވި އާޔަތްތަކެއް މެނުވީ، އެ މީހުންގެ ރައްބުގެ އާޔަތްތަކުގެ ތެރެއިން އެއްވެސް އާޔަތެއް އެ މީހުންގެ ގާތަކަށް ނާދެއެވެ.
ފަހެ ހަމަކަށަވަރުން ހައްގު ބަސްފުޅު އެ މީހުންގެ ގާތަށް އައި ހިނދު، އެ މީހުން އެބަސް ދޮގުކުޅައެވެ. ފަހެ އެ މީހުން އެ ކަމަކަށް ފުރައްސާރަކޮށް އުޅުނު ކަންތަކުގެ ޚަބަރުތައް އަދި ފަހުން އެ މީހުންގެ ގާތަށް އަންނާނެއެވެ.
އެ މީހުންގެ ކުރިން ތިމަން އިލާހު ހަލާކު ކުރައްވާ ނެތިކުރެއްވީ ކިތައްކިތައް އުއްމަތުގެ މީހުންކަން އެ މީހުންނަށް ނޭނގެނީހެއްޔެވެ؟ ތިޔަބައިމީހުންނަށް، ތިމަން އިލާހު ނުދެއްވާ ތަނަވަސްކަމާއި، ބާރު، ތިމަން އިލާހު އެ މީހުންނަށް ބިމުގައި ދެއްވީމެވެ. އަދި ބޯކޮށްވެހޭ ވާރޭ އެ މީހުންނަށް އުޑުން ތިމަން އިލާހު ފޮނުއްވީމެވެ. އަދި އެ މީހުންގެ ދަށުން ހިނގަހިނގާ ހުންނަ ފެންކޯރުތައް ތިމަން އިލާހު ލެއްވީމެވެ. ދެން އެ މީހުންގެ ފާފަތަކުގެ ސަބަބުން ތިމަން އިލާހު އެ މީހުން ހަލާކު ކުރައްވާ ނެތިކުރެއްވީމެވެ. އަދި އެ މީހުންގެ ފަހުން ތިމަން އިލާހު އެހެން ޖީލެއްގެ ބަޔަކު އުފެއްދެވީމެވެ.
އަދި ކަރުދާހެއްގައި ލިޔުއްވާފައިވާ ފޮތެއް، ކަލޭގެފާނަށް ތިމަން އިލާހު ބާވައިލެއްވިޔަސް ދެން އެ މީހުންގެ އަތްތަކުން އެފޮތުގައި ބީހުނަސް، ފާޅުވެގެންވާ ޖާދޫއެއްކަމުގައި މެނުވީ ތިޔަފޮތް ނުވެޔޭ ކާފިރުވީ މީހުން ބުނީހެވެ.
އަދި އެ މީހުން ބުނެފިއެވެ. އެކަލޭގެފާނުގެ އަރިހަށް މަލާއިކަތަކު ބާވައިލައްވާފައި ނުވަނީ ކީއްވެގެންބާވައެވެ؟ (ދަންނާށެވެ.) ތިމަން އިލާހު މަލާއިކަތަކު ބާވައިލެއްވިނަމަ، ކަންތަކުގެ ނިޔާކަނޑައެޅި ނިމިއްޖައީހެވެ. (އެބަހީ: ކޯފާލައްވައި އެންމެން ނެތިކުރައްވާފީހެވެ.) ދެން (އެއަށް ފަހު) އެ މީހުންނަކަށް މުހުލަތެއް ނުދެއްވާ ހުއްޓެވެ.
ތިމަން އިލާހުގެ ރަސޫލަކީ، މަލާއިކަތަކު ކަމުގައި ލެއްވިނަމަ، އެ މަލާއިކަތަކު، ފިރިހެން އިންސާނެއްގެ ސިފައިގައި ލެއްވީމުހެވެ. އަދި އެ މީހުން އޮޅުވައިލާކަންތައް (އޭރުންވެސް) އެ މީހުންނަށް އޮޅުވައިލާގޮތް ތިމަން އިލާހު ހެއްދެވީމުހެވެ. (ނޯޓު: މި އާޔަތުން އެ އަންގަވަނީ ﷲ، ރަސޫލުކަމާއިގެން މަލާއިކަތަކު ފޮނުއްވިނަމަ އެ މަލާއިކަތަކު ފޮނުއްވީހީ، ފިރިހެން އިންސާނެއްގެ ސިފައިގައެވެ. އެހެނީ މަލާއިކަތެއްގެ އަސްލު ސޫރައިގައި ފޮނުއްވިނަމަ، އެ މަލާއިކަތަކާ ބައްދަލުކޮށް ވާހަކަދައްކައި އުޅުމަކީ، އާދަމުގެ ދަރިންނަށް ކުޅަދާނަވެގެންވާ ކަމެއްކަމުގައި ނުވީހެވެ. އެހެންކަމުން، އެ މީހުން އޮޅުވައިލަން އުޅުނު އޮޅުން އެ މީހުންނަށް އޮޅޭނޭގޮތް ﷲ ހެއްދެވީއެވެ.)
އަދި ހަމަކަށަވަރުން ކަލޭގެފާނުގެ ކުރީގެ ރަސޫލުންނަށް ވެސް ފުރައްސާރަ ކުރެވުނެވެ. ފަހެ އެ (މީސްތަކުންގެ) ތެރެއިން އެ ރަސޫލުންނަށް ފުރައްސާރަކޮށް އުޅުނު މީހުން، އެ ފުރައްސާރަކޮށް އުޅުނު ކަންތައް (އެބަހީ: އަޒާބު) އެ މީހުން ވަށައިލިއެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ! ދެން އެއަށް ފަހު ދޮގުކުރި މީހުންގެ ނަތީޖާ އޮތީ ކިހިނަކުންކަން ތިޔަބައިމީހުން ދެކޭށެވެ!
ކަލޭގެފާނު ވިދާޅުވާށެވެ: އުޑުތަކާއި ބިމުގައިވާ ތަކެތި މިލްކުވެގެންވަނީ ކާކަށްހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ: ﷲ އަށެވެ. އެ އިލާހުގެ ނަފްސުފުޅުގެ މައްޗަށް ރަހުމަތް ކަނޑައަޅުއްވާ ލިޔުއްވާފައިވެއެވެ. (އެބަހީ: އަޅުތަކުންނަށް ރަހުމަތްވަންތަވެ ވޮޑިގަތުމަކީ އެ އިލާހު ލާޒިމު ކުރައްވާފައިވާ ކަމެކެވެ.) ހަމަކަށަވަރުން އެ އިލާހު ތިޔަބައިމީހުން ގިޔާމަތް ދުވަހަށް އެއް ކުރައްވާނެއެވެ. އެ ކަމާމެދު ޝައްކެއް ނެތެވެ. އެ މީހުންގެ އަމިއްލަ ނަފްސުތައް ނަގައިލި މީހުން (ދަންނާށެވެ.) ފަހެ އެ މީހުން އީމާނެއް ނުވާނެއެވެ.
ރެއާއި ދުވާލުގެ ތެރޭ އުޅޭހައި ތަކެތި، މިލްކުވެގެންވަނީ އެ އިލާހަށެވެ. އެ އިލާހީ، މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. އެހީތެރިޔަކު ކަމުގައި ތިމަންކަލޭގެފާނު ހިއްޕަވަންވީ، އިސްވެދިޔަ މިސާލެއް ނެތި އުޑުތަކާއި ބިންހެއްދެވި ﷲ ނޫން އެހެން ފަރާތެއްހެއްޔެވެ؟ ރިޒްގު ދެއްވަނީ އެ އިލާހެވެ. ރިޒްގު ލިބުމަކަށް އެ އިލާހު ބޭނުންވެވޮޑިގެނެއް ނުވެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އިސްލާމްވީ އެންމެ ފުރަތަމަ މީހާ ކަމުގައިވުމަށް ހަމަކަށަވަރުން ތިމަންކަލޭގެފާނަށް އަމުރުކުރައްވާފައިވެއެވެ. އަދި ހަމަކަށަވަރުން ޝަރީކުކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނުގެ ރައްބަށް ތިމަންކަލޭގެފާނު އުރެދިއްޖެނަމަ، ބޮޑުވެގެންވާ ދުވަހެއްގެ އަޒާބަށް ހަމަކަށަވަރުން ތިމަންކަލޭގެފާނު ބިރުފުޅުގަނެއެވެ.
އެ ދުވަހުން، އެ މީހެއްގެ ކިބައިން އެ އަޒާބު ދުރުކުރައްވާފައިވާ މީހާ (ދަންނަށާވެ!) ފަހެ ހަމަކަށަވަރުން އެ މީހަކަށް އެ އިލާހު ރަހުމަތް ލައްވައިފިއެވެ. އަދި ބަޔާން ވެގެންވާ ނަސީބު ލިބުމަކީ އެއީއެވެ.
އަދި ﷲ، ތިބާއަށް ގެއްލުމެއް މެދުވެރި ކުރައްވާނަމަ، އެ އިލާހު މެނުވީ އެ ކަން ފިއްލަވާނެ އެހެން ފަރާތެއް ނުވެއެވެ. އަދި އެ އިލާހު ތިބާއަށް ހެޔޮގޮތެއް މެދުވެރި ކުރައްވާނަމަ، (އެ ކަން ދުރުކުރާނޭ އެހެން ފަރާތެއް ނުވެއެވެ.) ފަހެ އެ އިލާހީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހެވެ.
އަދި އެ އިލާހީ، އެ އިލާހުގެ އަޅުތަކުންގެ މަތީގައި ވޮޑިގެންވާ، އެ އަޅުތަކުންގެ މައްޗަށް ގަދަވެވޮޑިގެންވާ އިލާހެވެ. އަދި އެ އިލާހީ، މޮޅަށް ދެނެވޮޑިގެންވާ، ޙަކީމްވަންތަ އިލާހެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. ހެކިބަހެއްގެ ގޮތުން އެންމެބޮޑީ، ކޮން އެއްޗެއްހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނާއި ތިޔަބައިމީހުންނާ ދެމެދު ﷲ ހެކިވެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަށާއި، އެ މީހަކާ ހަމައަށް ފޯރިމީހަކަށް އެއިން ތިމަންކަލޭގެފާނު އިންޒާރުކުރެއްވުމަށް ތިމަންކަލޭގެފާނަށް މި ގުރްއާން، ވަހީކުރެއްވިއެވެ: ހަމަކަށަވަރުން ﷲ އާއެކުގައި އެހެން އިލާހުންތަކެއް ވާކަމަށް ތިޔަބައިމީހުން ހެކިވަނީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނު (އެ ކަމަކަށް) ހެއްކެއް ނުވަމެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އެ އިލާހީ، ހަމަކަށަވަރުން އެއްކައުވަންތަ އިލާހެވެ. އަދި ހަމަކަށަވަރުން ތިމަންކަލޭގެފާނު ވަނީ، ތިޔަބައިމީހުން ޝަރީކުކުރާ ތަކެތިން ބަރީއަވެގެންނެވެ.
ތިމަން އިލާހު އެ މީހުންނަށް ފޮތް ދެއްވި މީހުން، އެ މީހުންގެ ދަރިން ދަންނަ ފަދައިން އެ މީހުން އެކަލޭގެފާނު (އެބަހީ: މުޙައްމަދުގެފާނު) ދަނެތެވެ. (އެބަހީ: ތައުރާތާއި، އިންޖީލުގެ އަހުލުވެރިން، މުޙައްމަދުގެފާނަކީ ރަސޫލަކުކަން ރަނގަޅަށް ދަނެތެވެ.) އެ މީހުންގެ ނަފްސުތައް ގެއްލެނި ކުޅަމީހުން (ދަންނާށެވެ.) ފަހެ އެ މީހުން އީމާނެއް ނުވާނެއެވެ.
ﷲ އާމެދު ހަދާގެން ދޮގުބުނި މީހަކަށްވުރެ ނުވަތަ، އެ އިލާހުގެ އާޔަތްތައް ދޮގުކުރި މީހަކަށްވުރެ، އަނިޔާވެރިކަންބޮޑީ ކާކުހެއްޔެވެ؟ ހަމަކަށަވަރުން އަނިޔާވެރިންނެއް ކާމިޔާބެއް ނުވާނެއެވެ.
ތިމަން އިލާހު އެ މީހުން އެންމެން އެއްތަނަކަށް އެއް ކުރައްވާދުވަސް (ހަނދުމަކުރާށެވެ!) ދެން، ޝަރީކުކުރި މީހުންނަށް ތިމަން އިލާހު ވަހީ ކުރައްވާހުށީމެވެ. ތިޔަބައިމީހުން ޝަރީކުން ކަމުގައި ހީކޮށްގެން އުޅުނު ތަކެތި ކޮބައިހެއްޔެވެ؟
ދެން ތިމަންމެންގެ ވެރި ﷲ ގަންދީ ބުނަމުއޭ، ޝަރީކުކުރި ބަޔަކު ކަމުގައި ތިމަންމެން ނުވަމުއޭ، އެ މީހުން ބުނުން ނޫން ބަހަނާއެއް އެ މީހުން ދައްކާކަށް ނެތެވެ.
އެ މީހުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ދޮގުހެދީ ކިހިނެއްކަން އަދި އެ މީހުން ދޮގުން އުފައްދައި އުޅުނު ތަކެތި އެ މީހުންގެ ކިބައިން ގެއްލިގެންދިޔައީ ކިހިނަކުންކަން ތިބާ ދެކޭށެވެ!
އަދި ކަލޭގެފާނަށް ކަނުލާއަހާ މީހުން، އެ މީހުންގެ ތެރެއިންވެއެވެ. އަދި އެ މީހުންނަށް އެ ވިދާޅުވާ އެއްޗެއް ނުވިސްނުމަށް ޓަކައި، އެ މީހުންގެ ހިތްތަކުގެ މަތީގައި ފަރުދާއެއް ލެއްވީމެވެ. އަދި އެ މީހުންގެ ކަންފަތްތަކުގައި ބީރުކަމެއްލެއްވީމެވެ. އަދި އެ މީހުންނަށް ކޮންމެ އާޔަތެއް ފެނުނަސް، އެ މީހުން އެއަކަށް އީމާނެއް ނުވެއެވެ. އެހެންކަމާއެކު، އެ މީހުން ކަލޭގެފާނާ ޖަދަލުކުރުމަށް ކަލޭގެފާނުގެ އަރިހަށް އަތުވެއްޖެހިނދަކު ކާފިރުވި މީހުން ބުނެއެވެ. ތިޔައީ އެވޭލާ މީހުންގެ ފުލޯކު ވާހަކަތަކެއް ކަމުގައި މެނުވީ ނުވެއެވެ.
އަދި އެ މީހުން އެ ގުރްއާނަށް ތަބާ ވުން (މީސްތަކުންނަށް) މަނާކުރެއެވެ. އަދި އެ މީހުން އެއިން ދުރުވެގަނެއެވެ. (އެ ކަމުން) އެ މީހުންނަށް ނޭނގިތިބެ އަމިއްލަ ނަފްސުތައް މެނުވީ އެ މީހުން ހަލާކެއް ނުކުރެއެވެ.
އެ މީހުން ނަރަކައިގެ ކުރިމަތީގައި ބައިތިއްބަވާހިނދު ކަލޭގެފާނު ދެކެވަޑައިގަންނަވާނެ ނަމައެވެ. ދެން އެ މީހުން ބުނާނެއެވެ. އޭ ސަހަރޯއެވެ! ތިމަންމެން (ދުނިޔެއަށް) އަނބުރާ ފޮނުއްވާނެނަމަ ކޮންފަދަހެއްޔެވެ؟ އޭރުން ތިމަންމެންގެ ރައްބުގެ އާޔަތްތައް ދޮގެއް ނުކުރާނެއެވެ. އަދި އީމާންވި މީހުންގެ ތެރެއިން ތިމަންމެން ވާނެއެވެ.
އަދި ކިއެއް! އެ މީހުން ކުރިން ވަންހަނާކޮށްގެން އުޅުނު ކަންތައް އެ މީހުންނަށް ފާޅުވިއެވެ. އަދި އެ މީހުން (ދުނިޔެއަށް) އަލުން ފޮނުއްވިނަމަ، އެ މީހުންނަށް ނަހީކުރެއްވި ކަންތަކަށް އެ މީހުން އެނބުރި ހިނގައްޖައީހެވެ. އަދި ހަމަކަށަވަރުން އެ މީހުންނަކީ ދޮގުހަދާ ބަޔަކުކަން ކަށަވަރެވެ.
އަދި އެ މީހުން ބުނެފިއެވެ. ތިމަންމެންގެ ދުނިޔޭގެ ދިރިތިބުން މެނުވީ، އެހެން ދިރިތިބުމެއް ނެތެވެ. އަދި އަލުން ދިރުއްވައި ފޮނުއްވާނެ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ.
އެ މީހުންގެ ރައްބުގެ ހަޒްރަތުގައި އެ މީހުން ބައިތިއްބަވާހިނދު ކަލޭގެފާނު ދެކެވަޑައިގަންނަވާނެ ނަމައެވެ. (އެ ހިނދު) އެ އިލާހު ވަހީ ކުރައްވާނެއެވެ. މިއީ ތެދު ހަގީގަތްކަމުގައި ނުވޭހެއްޔެވެ؟ އެ މީހުން ދަންނަވާނެއެވެ. ތިމަންމެންގެ ރައްބު ގަންދީ ބުނަމެވެ. ނޫނެކެވެ. އެ އިލާހު ވަހީ ކުރައްވާނެއެވެ. ފަހެ ތިޔަބައިމީހުން ކާފިރުވެ އުޅުނުކަމުގެ ސަބަބުން ތިޔަބައިމީހުން އަޒާބުގެ ރަހަ ލިބިގަންނާށެވެ!
ﷲ އާ ބައްދަލުވާނެ ކަމާމެދު އިންކާރު ކޮށް، ދޮގުކުރި މީހުން ގެއްލި ހަލާކުވެއްޖެކަން ކަށަވަރެވެ. ގިޔާމަތުގެ ވަގުތު ކުއްލިއަކަށް އެ މީހުންގެ ގާތަށް އަންނަހިނދު އެ މީހުން ބުނާނެއެވެ. އަހުރެމެން އެ ދުވަހާމެދު ކުރި އިހުމާލުގެ މައްޗަށް އަހުރެމެންނަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. އެ މީހުން އެ ހިނދު ތިބޭނީ އެ މީހުންގެ ފާފަތައް އެ މީހުންގެ ބުރިކަށިތަކުގެ މަތީގައި އުފުލައިގެންނެވެ. ދަންނާށެވެ. އެ މީހުން އުފުލާ ކުށްތަކުގެ ނުބައިކަމާއެވެ.
ދުނިޔޭގެ ދިރިއުޅުމަކީ ކުޅިވަރެއްކަމުގައްޔާއި، މަޖަލެއްކަމުގައި މެނުވީ ނުވެއެވެ. ތަގުވާވެރިވާ މީހުންނަށް އާޚިރަތުގެ ގޮވަތި ހެޔޮކަން މާ ބޮޑެވެ. ފަހެ ތިޔަބައިމީހުންނަކަށް ނުވިސްނޭހެއްޔެވެ؟
އެ މީހުން (އެބަހީ: ކާފިރުން) ބުނާބުނުމުގެ ސަބަބުން ކަލޭގެފާނަށް މޮޅިވެރިކަން ލިބިވަޑައިގަންނަވަމުންދާކަން ތިމަން އިލާހު ދެނެވޮޑިގެންވަމެވެ. ފަހެ އެ މީހުންނަށް އެ ދޮގުކުރެވެނީ ކަލޭގެފާނެއް ނޫންކަން ކަށަވަރެވެ. އެހެނެއްކަމަކު އަނިޔާވެރިން ދެކޮޅުހަދަނީ ﷲ ގެ އާޔަތްތަކާމެދުގައެވެ.
ހަމަކަށަވަރުން ކަލޭގެފާނުގެ ކުރިންވެސް ރަސޫލުންތަކެއް ދޮގުކޮށްފައިވެއެވެ. ދެން އެ ދޮގުކުރިކަމުގެ މައްޗަށް އެ ރަސޫލުން ކެތްކުރެއްވިއެވެ. އަދި ތިމަން އިލާހުގެ ނަސްރުވެރިކަން އެ ބޭކަލުންނާ ހަމައަށް އަތުވެއްޖައުމަށް ދާންދެން އެ ބޭކަލުންނަށް ދުއްތުރާ ކުރިއެވެ. އަދި ﷲ ގެ ކަލިމަފުޅުތަކަށް (އެބަހީ: އެ އިލާހުގެ ރަސޫލުންނަށް ނަސްރު ދެއްވާނެކަމަށް ކުރައްވާފައިވާ ވައުދުގެ ބަސްފުޅުތަކަށް) ބަދަލެއް ގެންނާނެ އެއްވެސް ފަރާތެއްނެތެވެ. ހަމަކަށަވަރުން ކުރީގެ ރަސޫލުންގެ ޚަބަރުތައް ކަލޭގެފާނާ ހަމައަށް އައިސްފައިވާކަން ކަށަވަރެވެ.
އެ މީހުން އެނބުރި ފުރަގަސްދިނުން ކަލޭގެފާނަށް ބޮޑުކަމަކަށް ވެއްޖެނަމަ، އެ މީހުންނަށް މުއުޖިޒާތެއް ގެނެސް ދެއްވުމަށް ޓަކައި ބިމުގެ އަޑީގައި ބިންގަރާހެއް ނުވަތަ އުޑަށް އަރާނެ ސިޑިއެއް ހޯއްދެވުމަށް ކަލޭގެފާނަށް ކުޅަދާނަވެގެންވާނަމަ، އެ ކަން ކުރައްވާ ބައްލަވާށެވެ. (އެބަހީ: ކަލޭގެފާނަކަށް އެ ކަމެއް ނުކުރެއްވޭނެއެވެ. ކަލޭގެފާނަށް އޮތްކަމަކީ ﷲ ގެ ހުކުމްފުޅު އަތުވެއްޖައުމަށް ދާންދެން ކެތް ކުރެއްވުމެވެ.) ﷲ އިރާދަ ކުރެއްވިނަމަ، ތެދުމަގުގެ މައްޗަށް އެ މީހުން އެއް ކުރައްވާފީހެވެ. ފަހެ ހަމަކަށަވަރުން ޖާހިލުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ.
ހަމަކަށަވަރުން (ކަލޭގެފާނުގެ ގޮވައިލެއްވުމަށް) އިޖާބަދެނީ (ވިސްނުމާއެކު) އަޑުއަހާ މީހުންނެވެ. އަދި ﷲ، މަރުވެފައިވާ މީހުން އަލުން ދިރުއްވާހުއްޓެވެ. ދެން އެ މީހުން އަނބުރާ ރުޖޫއަ ކުރައްވާހުށީ އެ އިލާހުގެ ހަޒްރަތަށެވެ.
އެ މީހުން ބުންޏެވެ: އެކަލޭގެފާނުގެ ރައްބުގެ ހަޒްރަތުން އެކަލޭގެފާނަށް މުއުޖިޒާތެއް ބާވައިލައްވާފައި ނުވަނީ ކީއްވެގެން ބާވައެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ: ހަމަކަށަވަރުން މުއުޖިޒާތެއް ބާވައިލެއްވުމަށް ވެސް ﷲ ކުޅަދުންވަންތައެވެ. އެހެނެއްކަމަކު އެ މީހުން ކުރެ ގިނަމީހުން (އެ ކަމެއް) ނުދަނެއެވެ.
ބިމުގައި ހިނގާބިނގާއުޅޭ ދިރޭ ކޮންމެ އެއްޗެއްވިޔަސް، އަދި އޭގެ ދެފިޔައިން އުދުހޭ ދޫންޏެއްވިޔަސް، ތިޔަބައިމީހުން ފަދަ އުއްމަތްތަކެއް ކަމުގައި ނޫނީނުވެއެވެ. ފޮތުގައި (ނުލިޔުއްވާ) ތިމަން އިލާހު އެއްވެސް އެއްޗެއް ދުލެއް ނުކުރައްވަމެވެ. ދެން އެ ތަކެތި (ގިޔާމަތް ދުވަހުން) އެއް ކުރައްވާހުށީ އެ ތަކެތީގެ ރައްބުގެ ހަޒްރަތަށެވެ.
ތިމަން އިލާހުގެ އާޔަތްތައް ދޮގުކުރި މީހުންވަނީ، އަނދިރިތަކެއްގެ ތެރޭގައިވާ، ބީރު އަދި މަންމަން ބަޔަކު ކަމުގައެވެ. ﷲ އިރާދަކުރައްވާ މީހަކު މަގު ފުރައްދަވައެވެ. އަދި އެ އިލާހު އިރާދަކުރައްވާ މީހަކު ސީދާ ވެގެންވާ ތެދުމަގެއްގައި ލަހައްޓަވައެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުންނީ، ތެދުބުނާ މީހުން ކަމުގައިވާނަމަ، ނިކަން ތިޔަބައިމީހުން ބުނެބަލާށެވެ! ތިޔަބައިމީހުންގެ ގާތަށް ﷲ ގެ އަޒާބު އަތުވެއްޖެނަމަ، ނުވަތަ ގިޔާމަތުގެ ވަގުތު ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެނަމަ، ﷲ ނޫންފަރާތަކަށް ތިޔަބައިމީހުން ދުއާކުރާނެހެއްޔެވެ؟
އަދި ކިއެއް! ތިޔަބައިމީހުން ދުއާކުރާނީ ހަމައެކަނި އެ އިލާހަށެވެ. ދެން ތިޔަބައިމީހުން ދުއާ ކޮށް(ފިއްލެވުންއެދި) ދެންނެވިކަމެއް އެ އިލާހު އިރާދަކުރައްވާފިނަމަ، ފިއްލަވާނެއެވެ. އަދި ތިޔަބައިމީހުން ޝަރީކުކުރި ފަރާތްތައް ތިޔަބައިމީހުން ހަނދާން ނައްތައިލާނެއެވެ.
ހަމަކަށަވަރުން ކަލޭގެފާނުގެ ކުރީގެ އުއްމަތްތަކަށް ވެސް ތިމަން އިލާހު ރަސޫލުން ފޮނުއްވީމެވެ. ދެން (އެ މީހުން ކާފިރު ވީހިނދު) ދަތި އުނދަގޫކަމާއި ގެއްލުން، ތިމަން އިލާހު އެ މީހުންނަށް ޖެއްސެވީމެވެ. (އެއީ) އެ މީހުން ކިޔަމަންވެ މަޑުމޮޅިވުމަށް ޓަކައެވެ.
ފަހެ ތިމަން އިލާހުގެ ބާރުގަދަކަން އެ މީހުންނާ ހަމައަށް އައި ހިނދުވެސް، އެ މީހުން ކިޔަމަންވެ މަޑުމޮޅިނުވީ ކީއްވެގެންބާވައެވެ؟ އެހެނެއްކަމަކު އެ މީހުންގެ ހިތްތައް ހަރުކަށިވެފައިވެއެވެ. އަދި އެ މީހުން ކޮށްއުޅުނު ކަންތައް އެ މީހުންނަށް ޝައިތާނާ ޒީނަތްތެރި ކޮށްދެއްކިއެވެ.
ދެން އެ މީހުންނަށް ހަނދާންކޮށްދެއްވި ކަންތައް، އެ މީހުން ހަނދާންނައްތައިފި ހިނދު (އިމްތިހާނެއްގެ ގޮތުން) ހުރިހާކަމެއްގެ ދޮރުތައް ތިމަން އިލާހު އެ މީހުންނަށް ހުޅުއްވައިދެއްވީމެވެ. (އެބަހީ: ހުރިހާ ގޮތަކުން ތަނަވަސްކަމާއި ތިޔާގިކަން ދެއްވީމެވެ.) ދެން އެ މީހުންނަށް ދެއްވި ކަންތަކާމެދު އެ މީހުން އުފަލުގައި ތިއްބާ ކުއްލިއަކަށް ތިމަން އިލާހު އެ މީހުން ހިއްޕެވީމެވެ. އެ ހިނދު އުއްމީދު ކެނޑިފައިތިބި ބަޔަކު ކަމުގައި އެ މީހުން ވިއެވެ.
ދެން އަނިޔާވެރިވީ މީހުންގެ އެންމެފަހު މީހާއަށްދާންދެން ނެތި ކުރެއްވިއެވެ. ހަމްދު ހުރީ، އާލަމްތަކުގެ ވެރި ﷲ އަށެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން ނިކަން ބުނެބަލާށެވެ! ﷲ ތިޔަބައިމީހުންގެ އިވުމާއި، ފެނުން ގެންދަވައި އަދި ތިޔަބައިމީހުންގެ ހިތްތަކުގައި ސިއްކަޖައްސަވައިފިނަމަ، އެ ކަންތައްތައް ތިޔަބައިމީހުންނަށް އަލުން ގެނެސްދޭނީ ﷲ ފިޔަވާ ކޮން އިލާހަކުހެއްޔެވެ؟ ތިމަން އިލާހުގެ އާޔަތްތައް އެކިގޮތްގޮތަށް ބަޔާންކޮށްދެއްވަނީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ. ދެން އެއަށް ފަހުވެސް، އެ މީހުން އެ އާޔަތްތަކުން ދުރުހެލިވެގަނެއެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން ނިކަން ބުނެބަލާށެވެ! ﷲ ގެ އަޒާބު ކުއްލިއަކަށް ނުވަތަ ފާޅުގައި ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެނަމަ، އަނިޔާވެރިވީ މީހުން ފިޔަވާ އެހެން ބަޔަކު ހަލާކުވެގެންދާނޭހެއްޔެވެ؟
އަދި އުފާވެރިކަމުގެ ޚަބަރު ދެއްވާ، ބޭކަލުން ކަމުގައްޔާއި، އިންޒާރުކުރައްވާ ބޭކަލުން ކަމުގައިމެނުވީ، ތިމަން އިލާހު ރަސޫލުން ނުފޮނުއްވަމެވެ. ފަހެ އީމާންވެ އިސްލާހުކުރި މީހުން (ދަންނާށެވެ.) ފަހެ އެ މީހުންގެ މައްޗަކަށް އެއްވެސް ބިރެއް ނެތެވެ. އަދި އެ މީހުންނަކީ ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ.
ތިމަން އިލާހުގެ އާޔަތްތައް ދޮގުކުރި މީހުން (ދަންނާށެވެ.) އެ މީހުން ފާސިގުވެ އުޅުނު ކަމަށް ޓަކައި އަޒާބު އެ މީހުންގެ (ގައިގައި) ބީހޭނެއެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނުގެ ގާތުގައި ﷲ ގެ ޚަޒާނާތައް ވާކަމަކަށް، ނުވަތަ ތިމަންކަލޭގެފާނަށް ޣައިބު އެނގޭކަމަކަށް ތިޔަބައިމީހުންގެ ގާތަކު ތިމަންކަލޭގެފާނު ވިދާޅެއް ނުވަމެވެ. އަދި ތިމަންކަލޭގެފާނީ މަލާއިކަތެކޭވެސް ތިޔަބައިމީހުންގެ ގާތަކު ވިދާޅެއްނުވަމެވެ. ތިމަންކަލޭގެފާނަށް ވަހީ އިއްވަވާގޮތަށް މެނުވީ ތިމަންކަލޭގެފާނު ތަބާ ވެވަޑައެއް ނުގަންނަވަމެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ކަނުމީހަކާ، ލޮލަށްފެންނަ މީހަކާ ހަމަހަމަވާނޭހެއްޔެވެ؟ ފަހެ ތިޔަބައިމީހުން ފިކުރު ނުކުރަނީހެއްޔެވެ؟
އަދި އެ މީހުންގެ ރައްބުގެ ހަޒްރަތަށް އެ މީހުން އެއް ކުރައްވާނޭ ކަމާމެދު ބިރުވެތިވެއުޅޭ މީހުންނަށް އެ ގުރްއާނުން ކަލޭގެފާނު އިންޒާރުކުރައްވާށެވެ. އެ އިލާހު ފިޔަވާ އެހީތެރިޔަކުވެސް، ޝަފާއަތްތެރިޔަކުވެސް އެ މީހުންނަކަށް ނުވެއެވެ. (އެއީ) އެ މީހުން ތަގުވާވެރި ވުމަށް ޓަކައެވެ.
އަދި އެ މީހުން އެ އިލާހުގެ ވަޖުހުފުޅު އެދިގެން ހެނދުނާއި، ހަވީރު އެ މީހުންގެ ރައްބަށް ދުއާ ކޮށްއުޅޭ މީހުން ކަލޭގެފާނު ދުރުކޮށް ނުލައްވާށެވެ. އެ މީހުންގެ ހިސާބު ބެއްލެވުމުގެ ތެރެއިން ކަމެއް ކަލޭގެފާނަކަށް ނެތެވެ. އަދި ކަލޭގެފާނުގެ ހިސާބު ބެއްލެވުމުގެ ތެރެއިން ކަމެއް އެ މީހުންނަކަށް ވެސް ނެތެވެ. ފަހެ ކަލޭގެފާނު އެ މީހުން ދުރުކޮށްލައްވައިފިނަމަ، އަނިޔާވެރިންގެ ތެރެއިން ކަލޭގެފާނު ވެދާނެއެވެ.
އެ މީހުންގެ އެއްބަޔަކު އަނެއް ބަޔަކު މެދުވެރި ކުރައްވާ އިމްތިހާނު ކުރައްވަމުން ތިމަން އިލާހު ގެންދެވީ އެފަދައިންނެވެ. އެއީ އަހުރެމެންގެ ތެރެއިން ﷲ ނިއުމަތް ދެއްވާފައިވާ ބަޔަކީ މިބައިމީހުންހޭ؟ އެ މީހުން ބުނުމަށް ޓަކައެވެ. ޝުކުރުވެރިވާ މީހުން އެންމެބޮޑަށް ދެނެވޮޑިގެންވަނީ، ﷲކަމުގައިނުވޭހެއްޔެވެ؟
ތިމަން އިލާހުގެ އާޔަތްތަކަށް އީމާންވާ މީހުން ކަލޭގެފާނުގެ އަރިހަށް އަތުވެއްޖެ ނަމަ، ފަހެ ކަލޭގެފާނު ވިދާޅުވާށެވެ: ތިޔަބައިމީހުންގެ މައްޗަށް ސަލާމް ހުއްޓެވެ. ތިޔަބައިމީހުންގެ ރައްބު އެ އިލާހުގެ ނަފްސުފުޅުގެ މައްޗަށް ރަހުމަތް ކަނޑައަޅުއްވާ ލިޔުއްވާފައިވެއެވެ. (އެބަހީ: އަޅުތަކުންނަށް ރަހުމަތްވަންތަވެ ވޮޑިގަތުމަކީ އެ އިލާހު ލާޒިމު ކުރައްވާފައިވާ ކަމެކެވެ.) ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން ނޭނގުމާއެކު ނުބައި ކަމެއްކޮށް، ދެން އެއަށް ފަހު ތައުބާވެ (އަމަލުތައް) އިސްލާހުކޮށްފި މީހާ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން އެ އިލާހީ، ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ އިލާހެވެ.
ތިމަން އިލާހުގެ އާޔަތްތައް ބަޔާން ކުރައްވަނީ އެފަދައިންނެވެ. އެއީ ކުށްވެރިންގެ މަގު ބަޔާންވެ އޮތުމަށް ޓަކައެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. ﷲ ފިޔަވާ ތިޔަބައިމީހުން ދުއާ ކޮށްއުޅޭ ފަރާތްތަކަށް އަޅުކަންކުރުން ތިމަންކަލޭގެފާނަށް ހަމަކަށަވަރުން ނަހީކުރެއްވިއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުންގެ އެދުންތަކަކަށް ތިމަންކަލޭގެފާނު ތަބައެއް ނުވާނަމެވެ. އެހެންވެއްޖެނަމަ، ތިމަންކަލޭގެފާނު މަގުފުރެދުނީސްކަން ކަށަވަރެވެ. އަދި އޭރުން ތެދުމަގު ލިބިގެންވާ މީހުންގެ ތެރެއިން ތިމަންކަލޭގެފާނު ނުވީހެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނު ވަނީ ތިމަންކަލޭގެފާނުގެ ރައްބުގެ ހަޒްރަތުން ބަޔާންވެ އެނގިގެންވާ ކަންތައްތަކެއްގެ މަތީގައެވެ. އަދި ތިޔަބައިމީހުން އެ އިލާހު ދޮގުކުޅައީމުއެވެ. އެ ކަމެއް އަވަސްވުންއެދި ތިޔަބައިމީހުން އުޅޭކަންތައް (އެބަހީ: ﷲ ގެ އަޒާބު ފޮނުއްވުން) ތިމަންކަލޭގެފާނުގެ ކިބަޔަކު ނުވެއެވެ. ހުކުމް ކުރެއްވުން ﷲ އަށް މެނުވީ ނުވެއެވެ. އެ އިލާހު ހައްގު ބަސްފުޅު ވަހީ ކުރައްވައެވެ. އެ އިލާހީ، ހުކުމް ކުރައްވާ އެންމެ ހެޔޮ އިލާހެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. އެ ކަމެއް އަވަސްވުންއެދި، ތިޔަބައިމީހުން އުޅޭކަންތައް ތިމަންކަލޭގެފާނުގެ ކިބައިގައިވާނަމަ، ތިމަންކަލޭގެފާނާ ތިޔަބައިމީހުންނާ ދެމެދުގައިވާ ކަންތަކުގެ ނިޔާކަނޑައަޅުއްވާ ނިންމަވައިފީސްކަން ކަށަވަރެވެ. އަނިޔާވެރިން ދެނެވޮޑިގަތުންބޮޑީ، ﷲ އެވެ.
އަދި ޣައިބުގެ ތަޅުދަނޑިތައްވަނީ، އެ އިލާހުގެ ހަޒްރަތުގައެވެ. އެ އިލާހު މެނުވީ، އެ ކަންތައްތައް ދެނެވޮޑިގެންނުވެއެވެ. އެއްގަމާއި، ކަނޑުގައިވާ ކަންތައްތައް އެ އިލާހު ދެނެވޮޑިގެންވެއެވެ. އެ އިލާހު ދެނެވޮޑިގެން މެނުވީ ގަހެއްގެ ފަތެއްވެސް ނުވެއްޓެއެވެ. އަދި ބިމުގެ އަނދިރިކަމުގެ ތެރޭގައިވާ އޮށްޓަރެއްވިޔަސް، އަދި ރޯއެއްޗެއްވިޔަސް، ހިކިއެއްޗެއްވިޔަސް، ބަޔާންވެގެންވާ ފޮތެއްގައި (ލިޔުއްވާފައި) މެނުވީ ނުވެއެވެ.
އަދި ރޭގަނޑަށް ތިޔަބައިމީހުންގެ ފުރާނަ ހިއްޕަވަނީ (އެބަހީ: ނިދޭގޮތް މެދުވެރި ކުރައްވަނީ) އެ އިލާހެވެ. އަދި ދުވާލު ތިޔަބައިމީހުން ހޯދައިގަތް ކަމެއް އެ އިލާހު ދެނެވޮޑިގެންވެއެވެ. ދެން އެއަށް ފަހު ދުވާލުގެ ތެރެއަށް ތިޔަބައިމީހުން އަލުން ފޮނުއްވައެވެ. (އެބަހީ: ހޭލައްވަވައެވެ. އެއީ) ކަނޑައަޅުއްވާފައިވާއަޖަލު ހަމަވުމަށް ޓަކައެވެ. ދެން އެއަށް ފަހު، ތިޔަބައިމީހުން އެނބުރި ރުޖޫއަ ވުންވަނީ، އެ އިލާހުގެ ހަޒްރަތަށެވެ. ދެން އެއަށް ފަހު، ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ ޚަބަރު، ތިޔަބައިމީހުންނަށް އެ އިލާހު އަންގަވާނެއެވެ.
އަދި އެ އިލާހީ، އެ އިލާހުގެ އަޅުތަކުންގެ މަތީގައި ވޮޑިގެންވާ، އެ އަޅުތަކުންގެ މައްޗަށް ގަދަވެވޮޑިގެންވާ އިލާހެވެ. އެ އިލާހު ތިޔަބައިމީހުންގެ މައްޗަށް ރައްކާތެރިކުރަނިވި މަލާއިކަތުން ފޮނުއްވަވައެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކުގެ ގާތަށް މަރު އަތުވެއްޖެނަމަ، އެ ހިނދު ތިމަން އިލާހު ފޮނުއްވަވާ މަލާއިކަތުން އެ މީހަކުގެ ފުރާނަ ހިއްޕަވައެވެ. އެ މަލާއިކަތުން (އެކަމުގައި) ލަހެއް ފަހެއް ނުކުރައްވާނެއެވެ.
ދެން އެ މީހުންގެ އެހީތެރިވަންތަ، ހައްގުވަންތަ ﷲ ގެ ހަޒްރަތަށް އެ މީހުން ރައްދު ކުރައްވާނެއެވެ. ދަންނާށެވެ. ހުކުމް ކުރެއްވުންއޮތީ، އެ އިލާހަށެވެ. އެ އިލާހީ، ހިސާބު ބެއްލެވުމުގައި އެންމެ އަވަސް އިލާހެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. އެއްގަމާއި، ކަނޑުގެ އަނދިރިތަކުގެ ތެރެއިން (އެބަހީ: އެއްގަމާއި، ކަނޑުގެ ބިރުވެރިކަމުގެ ތެރެއިން) ތިޔަބައިމީހުން މިންޖުކުރާނީ ކާކުހެއްޔެވެ؟ މަޑުމޮޅިކަމާއި، ވަންހަނާ ގޮތުގައި، ތިޔަބައިމީހުން އެ އިލާހަށް ދުއާ ކޮށްދަންނަވަމުއެވެ. ހަމަކަށަވަރުން އެ އިލާހު ތިމަންމެން މިކަމުން ސަލާމަތް ކުރައްވާފިނަމަ، ޝުކުރުވެރިވާ މީހުންގެ ތެރެއިން ހަމަކަށަވަރުން ތިމަންމެން ވާހުށީމެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. އެ ކަމުންވެސް އަދި ކޮންމެ ހިތާމައަކުންވެސް ތިޔަބައިމީހުން ސަލާމަތް ކުރައްވާނީ ﷲ އެވެ. ދެން އެއަށް ފަހުވެސް، ތިޔަބައިމީހުން ޝަރީކުކުރަމުއެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. އެ އިލާހީ، ތިޔަބައިމީހުންގެ (ބޯ) މަތިން ނުވަތަ ތިޔަބައިމީހުންގެ ފައިތަކުގެ ދަށުން، ތިޔަބައިމީހުންގެ މައްޗަށް އަޒާބެއް ފޮނުއްވުމަށް، ނުވަތަ ތިޔަބައިމީހުން ބައިބަޔަށް ވަކިކުރައްވާ ތިޔަބައިމީހުންގެ ތެރެއިން އެއްބަޔެއްގެ ބާރުގެ ރަހަ، އަނެއް ބަޔަކަށް ދެއްކެވުމަށް ކުޅަދުންވަންތަ އިލާހެވެ. ތިމަން އިލާހުގެ އާޔަތްތައް އެކިގޮތްގޮތަށް ބަޔާންކޮށް ދެއްވަނީ، ކޮންފަދަޔަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ. (އެއީ) އެ މީހުން ވިސްނުމަށް ޓަކައެވެ.
އެއީ ހައްގު ތެދުބަސްފުޅުކަމަށް ވުމާއެކުވެސް، ކަލޭގެފާނުގެ ގައުމުގެ މީހުން އެ ގުރްއާން ދޮގުކުރިއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުންގެ ކަންތަކާ ހަވާލު ވެގެންހުރި ވަކީލަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ.
ކޮންމެ ޚަބަރަކަށްމެ، ކަނޑައަޅުއްވާފައިވާ ވަގުތެއްވެއެވެ. އަދި ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެއެވެ.
ތިމަން އިލާހުގެ އާޔަތްތަކާމެދު ދޮގުވާހަކަ ދައްކައިއުޅޭ މީހުން ކަލޭގެފާނަށް ފެނިވަޑައިގެންފިނަމަ، އެ މީހުން އެ ނޫން ވާހަކައެއް ދައްކައިފުމަށް ދާންދެން އެ މީހުންގެ ކިބައިން ވަކިވެވަޑައިގަންނަވާށެވެ. އަދި ޝައިތާނާ ކަލޭގެފާނު ހަނދުމަނެތި ކޮށްފިނަމަ (އެ ކަން) ހަނދުމަވުމަށް ފަހު، އަނިޔާވެރިވީ މީސްތަކުންނާއެކު ފަހެ ކަލޭގެފާނު ނީންނަވާށެވެ.
އަދި އެ (ދޮގުވާހަކަ ދައްކާ) މީހުންގެ އެއްވެސް ކަމެއްގެ ޒިންމާއެއް، ތަގުވާވެރިންގެ މައްޗަކަށް ނެތެވެ. އެހެނެއްކަމަކު، އޮތްކަމަކީ ހަނދާންކޮށްދިނުމެވެ. އެއީ އެ މީހުން (އެފަދަ ވާހަކަތަކުން) ރައްކާތެރިވުމަށް ޓަކައެވެ.
އެ މީހުންގެ ދީނުގެ ކަންތަކަކީ، ކުޅިވަރެއް ކަމުގައްޔާއި، ފޫހިފިލުވުމެއް ކަމުގައި ބަލައިގެން އުޅުނު، އަދި ދުނިޔޭގެ ދިރިއުޅުން އެ މީހުން ހެއްލުންތެރި ކޮށްފައިވާ މީހުން ކަލޭގެފާނު ދޫކޮށްލައްވާށެވެ. އަދި ކަލޭގެފާނު އެ ގުރްއާނުން ހަނދާންކޮށް ދެއްވާށެވެ. ނަފްސެއްކުރި އަމަލުތަކުގެ ސަބަބުން، އެ ނަފްސެއް ހަލާކުގެ ތެރެއަށް ހުށަހެޅިދާނެ ކަމަށް ޓަކައެވެ. ﷲ ފިޔަވާ އެ ނަފްސަށް އެހީތެރިވާނޭ ފަރާތެއް ނުވެއެވެ. އަދި ޝަފާއަތްތެރިވާނޭ ފަރާތެއްވެސް ނުވެއެވެ. އަދި ކޮންމެ ފިދުޔަކުން އެ ނަފްސެއް ފިދުޔަ ދިނަސް، އެ ފިދުޔެއް ނުހިއްޕަވާނެއެވެ. އެ މީހުންނަކީ އެ މީހުން ކުރި އަމަލުތަކުގެ ސަބަބުން ހަލާކަށް ހުށަހެޅުނު މީހުންނެވެ. އެ މީހުންނަށް ކެކިކެކިހުރި ހޫނުފެނުގެ ބުއިމާއި ވޭންދެނިވި އަޒާބު ހުއްޓެވެ. (އެއީ) އެ މީހުން ކާފިރުވެ އުޅުނުކަމަށް ޓަކައެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. ﷲ ފިޔަވާ އަހަރެމެންނަށް މަންފާއެއް ނުދޭ، އަދި އަހަރެމެންނަށް ގެއްލުމެއްވެސް ނުދޭ އެއްޗެހިތަކަކަށް އަހަރެމެން ދުއާކުރާނެހެއްޔެވެ؟ އަދި ﷲ އަހަރެމެންނަށް ތެދުމަގު ދެއްކެވުމަށް ފަހުގައި (ޝިރުކުގެ ތެރެއަށް) ފަހަށް އެނބުރިދާނޭހެއްޔެވެ؟ (އޭރުން ވާނީ) ބިމުގައި ޝައިތާނުންނަށް ހެއްލި، ދެވޭ ނުދެވޭ ތަނެއްނޭނގި، ހައިރާން ވެފައިވާ މީހަކު ފަދައިންނެވެ. އެ މީހާއަށް ތެދުމަގަށްގޮވައި ތިމަންމެންގެ ކައިރިއަށް އަންނާށޭ ބުނާ އެކުވެރިންތަކެއް އޭނާއަށް ވެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ތެދުމަގަކީ، ﷲ ގެ ތެދުމަގުކަން ކަށަވަރެވެ. އަދި އަހަރެމެންނަށް އަމުރުކުރައްވާފައިވަނީ އާލަމްތަކުގެ ރައްބަށް ކިޔަމަންވުމަށެވެ.
އަދި ނަމާދު ގާއިމުކުރުމަށާއި، އެ އިލާހަށް ތަގުވާވެރިވުމަށް އަންގަވާފައިވެއެވެ. ތިޔަބައިމީހުން (ގިޔާމަތް ދުވަހުން) އެއް ކުރައްވާހުށީ ހަމަ އެ އިލާހުގެ ހަޒްރަތަށެވެ.
އެ އިލާހީ، ހައްގު ގޮތުގައި އުޑުތަކާއި ބިން ހެއްދެވި އިލާހެވެ. އެ އިލާހު ވާށޭ ވަހީ ކުރައްވާ ދުވަސް (ހަނދުމަކުރާށެވެ.) ފަހެ (އެ ހިނދުން) އެ ކަމެއް ވެގެންދާނެއެވެ. އެ އިލާހުގެ ބަސްފުޅަކީ ހައްގު ތެދެވެ. އަދި ތާޅަފިލި ފުމެލައްވާ ދުވަހު، ވެރިކަންވަނީ އެ އިލާހަށެވެ. އެ އިލާހީ ނުފެންނަކަންތަކާއި، ފެންނަކަންތައް ދެނެވޮޑިގެންވާ އިލާހެވެ. އަދި އެ އިލާހީ މޮޅަށް ދެނެވޮޑިގެންވާ ޙަކީމްވަންތަ އިލާހެވެ.
އިބްރާހީމްގެފާނު އެކަލޭގެފާނުގެ ބައްޕަ އާޒަރަށް ވިދާޅުވި ހިނދު ހަނދުމަކުރާށެވެ! ކަލޭގެފާނު ބުދުތަކެއް އިލާހުން ކަމުގައި ހައްދަވަނީތޯއެވެ؟ ހަމަކަށަވަރުން ތިމަންކަލޭގެފާނަށް ފެނިވަޑައިގަންނަވަނީ ކަލޭގެފާނާއި، ކަލޭގެފާނުގެ ގައުމުގެ މީހުން ފާޅުވެގެންވާ މަގުފުރެދުމެއްގައި ވާތީއެވެ.
އަދި ހަމަ އެފަދައިން، ތިމަން އިލާހު އިބްރާހީމްގެފާނަށް އުޑުތަކާއި، ބިމުގެ މަލަކޫތީވެރިކަން ދެއްކެވީމެވެ. އެއީ ޔަގީންކުރާ މީހުންގެ ތެރެއިން އެކަލޭގެފާނު ވުމަށް ޓަކައެވެ.
ދެންފަހެ ރޭގަނޑުގެ އަނދިރިކަން އެކަލޭގެފާނުގެ މައްޗަށް ފެތުރުނު ހިނދު، އެކަލޭގެފާނަށް ތަރިއެއް ފެނިވަޑައިގެން (އެކަލޭގެފާނުގެ ގައުމަށް) ވިދާޅުވިއެވެ: (ތިޔަބައިމީހުން ހީކުރާގޮތުގައި) މިއީ އަހަރެންގެ ރައްބެވެ. ދެންފަހެ އެތަރި އޮސްފުހުނު ހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ: އޮސްފުހިދާތަކެއްޗަކަށް އަހަރެން ލޯތްބެއްނުކުރަމެވެ.
ދެންފަހެ ހަނދު އަރައިގެން އަންނަތަން އެކަލޭގެފާނަށް ފެނިވަޑައިގަތްހިނދު (އެ މީހުންނަށް) އެކަލޭގެފާނު ވިދާޅުވިއެވެ: (ތިޔަބައިމީހުން ހީކުރާގޮތުގައި) މިއީ އަހަރެންގެ ރައްބެވެ. ދެންފަހެ އެ ހަނދު އޮސްފުހުނު ހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ: އަހަރެންގެ ރައްބު ތެދުމަގުގައި އަހަރެން ސާބިތު ނުކުރެއްވިނަމަ، މަގުގެއްލި، ފުރެދިގެންވާ މީހުންގެ ތެރެއިން އަހަރެން ވެއްޖައީސްކަން ކަށަވަރެވެ.
ދެންފަހެ އިރުއަރައިގެން އަންނަތަން އެކަލޭގެފާނަށް ފެނިވަޑައިގަތްހިނދު (އެ މީހުންނަށް) އެކަލޭގެފާނު ވިދާޅުވިއެވެ: (ތިޔަބައިމީހުން ހީކުރާ ގޮތުގައި) މިއީ އަހަރެންގެ ރައްބެވެ. (ހަނދަށްވުރެ) މި، މާ ބޮޑެވެ. ދެންފަހެ އެ އިރު އޮސްފުހުނު ހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ: އޭ އަހަރެންގެ ގައުމުގެ މީހުންނެވެ. ތިޔަބައިމީހުން ޝަރީކު ކޮށްތިޔައުޅޭ (ބުދުތަކާއި، އިރު ހަނދުފަދަ) ތަކެތިން، ހަމަކަށަވަރުން އަހަރެން ބަރީއަވެގެންވަމެވެ.
ހަމަކަށަވަރުން (އަޅުކަންކުރުމުގެ ގަސްދުގައި) އަޅުގެ މޫނު ކުރިމަތިކުރަނީ، ބާތިލު ގޮތުން އެއްކިބާވެ، ހައްގުގެ ފަރާތަށް ލެނބިހުރި ހާލުގައި، އިސްވެދިޔަ ނަމޫނާއެއްނެތި، އުޑުތަކާއި ބިންހެއްދެވި އިލާހަށެވެ. އަދި މިއަޅާ މުޝްރިކުންގެ ތެރެއަކުން ނުވަމެވެ.
އެކަލޭގެފާނުގެ ގައުމުގެ މީހުން (ދީނާމެދު) އެކަލޭގެފާނާ ޖަދަލު ކޮށްހަދައިފިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: އެ އިލާހު ތިމަންކަލޭގެފާނަށް ތެދުމަގު ދައްކަވާފައި ވަނިކޮށް، ﷲ އާމެދުގައި ތިޔަބައިމީހުން ތިމަންކަލޭގެފާނާ ޖަދަލުކުރަނީހެއްޔެވެ؟ ތިޔަބައިމީހުން އެ އިލާހަށް ޝަރީކު ކޮށްއުޅޭތަކެއްޗަކަށް ތިމަންކަލޭގެފާނު ބިރުފުޅެއް ނުގަނެއެވެ. އެހެނެއްކަމަކު، ތިމަންކަލޭގެފާނުގެ ރައްބު އިރާދަކުރައްވާފި ކަމެއް އައިސް ޖެހޭނެތެވެ. ތިމަންކަލޭގެފާނުގެ ރައްބުގެ ދެނެވޮޑިގަތުން ހުރިހާ ތަކެއްޗަކަށް ތަނަވަސް ވެގެންވެއެވެ. ތިޔަބައިމީހުން ފަހެ ހަނދާންވެސް ނުކުރަނީހެއްޔެވެ؟
އަދި ތިޔަބައިމީހުން (ﷲ އަށް) ޝަރީކުކުޅަތަކެއްޗަށް ތިމަންކަލޭގެފާނު ބިރުފުޅު ގަންނާނީ ކޮންފަދަ އަކުންހެއްޔެވެ؟ ތިޔަބައިމީހުންގެ މައްޗަށް އެއާމެދު އެއްވެސް ހުއްޖަތެއް ބާވައިލައްވާފައި ނުވާތަކެތި، ތިޔަބައިމީހުން ﷲ އަށް ޝަރީކުކުޅަކަމާމެދު ތިޔަބައިމީހުން ބިރެއްނުގަންނަމުއެވެ. ފަހެ މި ދެބައިމީހުންކުރެ (އަޒާބުން ސަލާމަތްވެ) އަމާންކަން ލިބުން ހައްގުކަންބޮޑީ، ކޮންބަޔެއްހެއްޔެވެ؟ ތިޔަބައިމީހުންނަށް (އެބަޔަކު) އެނގޭނަމަ (ނިކަންބުނެދީ ބަލާށެވެ!)
އެ މީހުންނަކީ، އީމާން ވެތިބެ، އެ މީހުންގެ އީމާންކަމުގެ ތެރެއަށް (ޝިރުކުގެ) އަނިޔާވެރިކަމެއް ނުލާ މީހުންނެވެ. އަމާންކަންހުރީ، އެ މީހުންނަށެވެ. އަދި އެ މީހުންނީ ތެދުމަގު ލިބިގެންވާ މީހުންނެވެ.
އެ ހުރިހާކަމަކީ، ތިމަން އިލާހުގެ (ހަޒްރަތުން އައި) ހުއްޖަތްތަކެވެ. އެ ހުއްޖަތްތައް، ތިމަން އިލާހު އިބްރާހީމްގެފާނަށް ދެއްވީ، އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް ހުށަހެޅުއްވުމަށެވެ. ތިމަން އިލާހު އިރާދަކުރައްވާ ބަޔަކު، ދަރަޖަ މަތިވެރިކުރައްވަމެވެ. ހަމަކަށަވަރުން ކަލޭގެފާނުގެ ރައްބަކީ، ޙަކީމްވަންތަ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
ތިމަން އިލާހު، އެކަލޭގެފާނަށް (އެބަހީ: އިބްރާހީމްގެފާނަށް) އިސްޙާގުގެފާނާއި، ޔައުގޫބުގެފާނު ދެއްވީމެވެ. އެއިން ކޮންމެ ބޭކަލަކަށް ތެދުމަގު ދެއްކެވީމެވެ. އަދި އޭގެ ކުރިން ނޫޙުގެފާނަށް ތެދުމަގު ދެއްކެވީމެވެ. އަދި އެކަލޭގެފާނުގެ ދަރިކޮޅުން، ދާވޫދުގެފާނާއި، ސުލައިމާނުގެފާނާއި، އައްޔޫބުގެފާނާއި، ޔޫސުފުގެފާނާއި، މޫސާގެފާނާއި، ހާރޫނުގެފާނަށް ތެދުމަގު ދެއްކެވީމެވެ. އަދި އިހްސާންތެރިންނަށް ތިމަން އިލާހު ޖަޒާދެއްވަނީ އެފަދައިންނެވެ.
އަދި ޒަކަރިއްޔާގެފާނާއި، ޔަޙްޔާގެފާނާއި، ޢީސާގެފާނާއި، އިލްޔާސްގެފާނަށް ތެދުމަގު ދެއްކެވީމެވެ. އެއިން ކޮންމެ ބޭކަލަކުމެވަނީ، ސާލިހުންގެ ތެރެއިންނެވެ.
އަދި އިސްމާޢީލުގެފާނާއި، އަލްޔަސަޢުގެފާނާއި، ޔޫނުސްގެފާނާއި، ލޫޠުގެފާނަށް ތެދުމަގު ދެއްކެވީމެވެ. އަދި ތިމަން އިލާހު އެއިން ކޮންމެ ބޭކަލަކު އާލަމްތަކުގެ މައްޗަށް މާތް ކުރައްވާ އިތުރުކުރެއްވީމެވެ.
އަދި އެ ބޭކަލުންގެ ކާބަފައިކަލުންނާއި، އެ ބޭކަލުންގެ ދަރިފަސްކޮޅުތަކާއި، އެ ބޭކަލުންގެ އިޚްވާނުންގެ ތެރެއިން ބަޔަކަށް ތެދުމަގު ދެއްކެވީމެވެ. އަދި ތިމަން އިލާހު އެ ބޭކަލުން ޚިޔާރުކުރައްވާ، އެ ބޭކަލުންނަށް ސީދާވެގެންވާ ތެދުމަގަށް މަގުދެއްކެވީމެވެ.
އެއީ ﷲ ގެ ތެދުމަގެވެ. އެ އިލާހުގެ އަޅުންގެ ތެރެއިން އެ އިލާހު އިރާދަކުރައްވާ ބަޔަކަށް އެއިން ތެދުމަގު ދައްކަވައެވެ. އެ ބޭކަލުން ވެސް (ﷲ އާ) ޝަރީކުކުރެއްވިނަމަ، އެ ބޭކަލުން ކޮށްއުޅުއްވި އަމަލުތައް ބާތިލުވެގެން ދިޔައީސްކަން ކަށަވަރެވެ.
އެ ބޭކަލުންނަކީ، ތިމަން އިލާހު އެ ބޭކަލުންނަށް ފޮތާއި، ހިކުމަތާއި، ނަބީކަންދެއްވި ބޭކަލުންނެވެ. މިތިބަމީހުން އެ ކަންތަކަށް ކާފިރު ވާނަމަ، އެ ކަންތައްތަކަށް ކާފިރު ނުވާނެ ބަޔަކާ އެ ކަންތައް ހަވާލު ކުރައްވާފާހުށީމެވެ.
އެ ބޭކަލުންނީ، ﷲ، ތެދުމަގު ދެއްކެވި ބޭކަލުންނެވެ. ފަހެ އެ ބޭކަލުންގެ ތެދުމަގާ ކަލޭގެފާނު ތަބާ ވެވަޑައިގަންނަވާށެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އެ ގުރްއާނުގެ މައްޗަށް އުޖޫރައެއް ދިނުމަކަށް، ތިޔަބައިމީހުންގެ ކިބަޔަކުން އަހަރެން ނޭދެމެވެ. އެ ގުރްއާނަކީ، އާލަމްތަކަށްވާ ހަނދާން ކޮށްދިނުމެއް ކަމުގައި މެނުވީ ނުވެއެވެ.
ﷲ އަށް ގަދަރުކުރުން ހައްގު ވެގެންވާ ގޮތުގައި އެ މީހުން (އެބަހީ: ޔަހޫދީން) އެ އިލާހަށް ގަދަރެއް ނުކުރެއެވެ. އެހެނީ، އެ މީހުން ބުނީ، އާދަމުގެ ދަރިޔަކަށް ﷲ އެއްވެސް އެއްޗެއް ބާވައެއް ނުލައްވައެވެ. ކަލޭގެފާނު ވިދާޅުވާށެވެ. (ތިޔަހެންވިއްޔާ) މީސްތަކުންނަށް ނޫރެއް ކަމުގައްޔާއި، ހިދާޔަތެއް ކަމުގައި، މޫސާގެފާނު އެ ގެންނެވި ފޮތް ބާވައިލެއްވީ ކާކުހެއްޔެވެ؟ ތިޔަބައިމީހުން އެ ފޮތް ހަދާގެން އުޅެނީ (ވަކިވަކި) ކަރުދާސްތަކެއް ކަމުގައެވެ. އެއިން ބައެއް ފާޅުކޮށް، އޭގެ ގިނަބައި، ތިޔަބައިމީހުން ވަންހަނާ ކުރަމުއެވެ. އަދި ތިޔަބައިމީހުންނަށާއި، ތިޔަބައިމީހުންގެ ކާބަފައިންނަށް ވެސް އެނގިފައިނުވާ ތަކެތި (ގުރްއާނުން) ތިޔަބައިމީހުންނަށް ވަނީ އަންގަވައި ދެއްވާފައެވެ. ކަލޭގެފާނު ވިދާޅުވާށެވެ. (އެ ތަކެތި ބާވައިލެއްވީ) ﷲ އެވެ. ދެން އެ މީހުންގެ ބާތިލު ވާހަކަތަކުގެ ތެރޭގައި ކުޅެކުޅެ ތިބެން އެ މީހުން ދޫކޮށްލައްވާށެވެ.
މި ގުރްއާނަކީ، ތިމަން އިލާހު ބާވައިލެއްވި ފޮތެކެވެ. ބަރަކާތްތެރި ފޮތެކެވެ. ކުރީގެ ފޮތްތައް ތެދުކުރާ ފޮތެކެވެ. (އެ ފޮތް ބާވައިލެއްވީ) މައިރަށުގެ (އެބަހީ: މައްކާގެ) އަހުލުވެރިންނާއި، އެތާނގެ ވަށައިގެންވާ މީހުންނަށް ކަލޭގެފާނު އިންޒާރުކުރެއްވުމަށް ޓަކައެވެ. އަދި އާޚިރަތް ދުވަހަށް އީމާންވާ މީހުން އެ ފޮތަށް އީމާންވާނެއެވެ. އަދި އެ މީހުން އެ މީހުންގެ ނަމާދަށް ރައްކާތެރިވާނެއެވެ.
ﷲ އާމެދު ހަދާގެން ދޮގެއްބުނި މީހަކަށްވުރެ، ނުވަތަ އެ މީހަކަށް އެއްވެސް އެއްޗެއް ވަހީ ނުކުރައްވަނީސް، ތިމަންނާއަށް ވަހީ ކުރައްވާފިއޭ ބުނި މީހަކަށްވުރެ އަދި ﷲ ބާވައިލެއްވި ފަދަތަކެތި ތިމަންވެސް ބާވައިލައިފާނަމޭ ބުނި މީހަކަށްވުރެ ބޮޑު އަނިޔާވެރިޔަކީ ކާކުހެއްޔެވެ؟ އަނިޔާވެރިން މަރުގެ ސަކަރާތުގައި އުޅޭ ހިނދު، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެ ނަމައެވެ. މަލާއިކަތުން އެ ހިނދު ތިއްބަވާނީ އެ ބޭކަލުންގެ އަތްޕުޅު ދިއް ކުރައްވާގެންނެވެ. (އަދި ވިދާޅުވާނެއެވެ.) ތިޔަބައިމީހުންގެ ފުރާނަތައް ނެރޭށެވެ! މިއަދު ތިޔަބައިމީހުންނަށް އިހާނަތްތެރި އަޒާބުން ޖަޒާ ދެއްވާނެއެވެ. (އެއީ) ތިޔަބައިމީހުން، ﷲ އާމެދު ބުނެއުޅުނު ހައްގު ނޫން ބަސްތަކުގެ ސަބަބުންނާއި، އެ އިލާހުގެ އާޔަތްތަކަށް (އީމާން ނުވެ) ބޮޑާވެގަނެގެން އުޅުނުކަމުގެ ސަބަބުންނެވެ.
އަދި (މަހުޝަރަށް ފޮނުއްވާހިނދު، އެ މީހުންނަށް އަންގަވާނެއެވެ.) ތިޔަބައިމީހުން، ތިމަން އިލާހުގެ ހަޒްރަތަށް ތިޔައައީ، އެކަހެރީންގެ ގޮތުގައެވެ. ފުރަތަމަފަހަރު ތިމަން އިލާހު ތިޔަބައިމީހުން ހެއްދެވި ފަދައިންނެވެ. އަދި ތިޔަބައިމީހުންނަށް، ތިމަން އިލާހު ދެއްވި ތަކެތި ތިޔަބައިމީހުންގެ ފަހަތަށް ދޫކޮށްފައެވެ. ތިޔަބައިމީހުންނާއެކު، ތިޔަބައިމީހުންގެ ޝަފާއަތްތެރިން ވަނިކޮށެއް ނުފެނެއެވެ. އެ ތަކެއްޗަކީ، ތިޔަބައިމީހުންގެ ތެރޭގައި ޝަރީކުން ކަމަށް ތިޔަބައިމީހުން ހީކޮށްގެން އުޅުނުތަކެއްޗެވެ. ތިޔަބައިމީހުންނާ އެ ތަކެއްޗާ ދެމެދުގައިވާ ގުޅުންތައް ކެނޑި، ވަކިވަކިވެއްޖެކަން ކަށަވަރެވެ. އަދި (ޝަފާއަތްތެރިވާނެކަމަށް) ތިޔަބައިމީހުން ހީކޮށްއުޅުނު ތަކެތި، ތިޔަބައިމީހުންގެ ކިބައިން ގެއްލިއްޖެއެވެ.
ހަމަކަށަވަރުން ﷲ އީ، އޮށްޓަރާއި، އޮށުން ގަސް ފަޅުއްވާ އިލާހެވެ. އެ އިލާހީ، މަރުވެފައިވާ ތަކެތިން ދިރޭ ތަކެތި ނެރުއްވާ އިލާހެވެ. އަދި ދިރޭ ތަކެތިން، މަރުވެފައިވާ ތަކެތި ނެރުއްވާ އިލާހެވެ. އެއީ ﷲ އެވެ. ފަހެ ތިޔަބައިމީހުން (އީމާންކަމުން) އެއްކިބާވެގަންނަނީ ކޮންފަދައަކުންހެއްޔެވެ؟
އެ އިލާހީ، ފަތިހުގެ އަލިކަން ނެރުއްވި އިލާހެވެ. އަދި ހަމަހިމޭންކަމުގެ ވަގުތެއް ކަމުގައި، ރޭގަނޑު ލެއްވި އިލާހެވެ. އަދި (ވަގުތު ދެނެގަތުމަށް ޓަކައި) ހިސާބެއްކަމުގައި އިރާއި، ހަނދު ލެއްވި އިލާހެވެ. އެއީ، މޮޅަށް ދެނެވޮޑިގެންވާ، ގަދަފަދަވަންތަ އިލާހުގެ މިންވަރުކުރެއްވުމެވެ.
އަދި އެ އިލާހީ، ތިޔަބައިމީހުންނަށް ޓަކައި ތަރިތައް ލެއްވި އިލާހެވެ. (އެއީ) ތިޔަބައިމީހުން، އެއިން އެއްގަމާއި، ކަނޑުގައި (ރޭގަނޑުގެ) އަނދިރިކަމުގެ ތެރޭގައި، މަގު ދެނެގަތުމަށް ޓަކައެވެ. ހަމަކަށަވަރުން ތިމަން އިލާހުގެ އާޔަތްތައް ވަކިވަކިން ބަޔާންކޮށްދެއްވީ، ދަންނަ ބަޔަކަށެވެ.
އަދި އެ އިލާހީ، އެންމެ ނަފްސަކުން (އެބަހީ: އާދަމުގެފާނުގެ ކިބައިން) ތިޔަބައިމީހުން އުފެއްދެވި އިލާހެވެ. ފަހެ ގަރާރުވެ ތިބެވޭނެ ތަނަކާއި، ރައްކާކުރަން ލެވޭތަނެއް (އެބަހީ: ކަށްވަޅު ތިޔަބައިމީހުންނަށް) ވެއެވެ. ހަމަކަށަވަރުން ތިމަން އިލާހުގެ އާޔަތްތައް ވަކިވަކިން ބަޔާންކޮށްދެއްވީ ވިސްނާ ބަޔަކަށެވެ.
އަދި އެ އިލާހީ، އުޑުން ފެންވެއްސެވި އިލާހެވެ. އެފެނުން ތިމަން އިލާހު ހުރިހާ ބާވަތެއްގެ ގަސް ފެޅުއްވީމެވެ. އަދި އެ ގަސްގަހާގެހިން ރޯ ފެހިކުލައިގެ ގޮފިތައް ނެރުއްވައި، އެއިން މަތިމައްޗަށް ހުންނަ އޮށްޓަރުތައް ނެރުއްވަމެވެ. އަދި ކަދުރުރުކުގެ އެތްތަކުން ގާތްގާތުން އިހާތައް ނެރުއްވަމެވެ. އަދި މޭބިސްކަދުރާއި، ޒައިތޫންޏާއި، އަންނާރުގެ ބަގީޗާތައް ނެރުއްވަމެވެ. (އެ ތަކެތި) އެއްވައްތަރުވެގެންވާ ހާލުގައްޔާއި، އެއްވައްތަރު ވެގެންނުވާ ހާލުގައެވެ. ތިޔަބައިމީހުން އޭގެ މޭވާ ނުކުންނަހިނދު އެ މޭވާއަށާއި، އެ މޭވާ ފައްކާވާ ފައްކާވުމަށް (އިބްރަތުގެ ނަޒަރަކުން) ބަލާށެވެ! ހަމަކަށަވަރުން އީމާންވާ ބަޔަކަށް އެ ކަންތަކުގައި ދަލީލުތަކެއް ވެއެވެ.
ޖިންނީންނަކީ، ﷲ އަށްވާ ޝަރީކުންތަކެއްކަމުގައި ހަދާގެން އެ މީހުން އުޅުނެވެ. އެ ޖިންނީންވެސް ހެއްދެވީ އެ އިލާހެވެ. އަދި އެއްވެސް އެނގުމަކާ ނުލާ، އެ އިލާހަށް ދަރިދަރިކަލުންނާއި، ދަރިދަރިކަނބަލުން ވާކަމަށް ހަދާގެން އެ މީހުން އުޅުނެވެ. އެ މީހުން އެ ސިފަކުރާ ކަންތަކުން، އެ އިލާހު ހުސްތާހިރުވެ މަތިވެރިވެ ވޮޑިގެންވެއެވެ.
(އެ އިލާހީ) އިސްވެދިޔަ މިސާލެއްނެތި، އުޑުތަކާއި ބިންހެއްދެވި އިލާހެވެ. އެ އިލާހަށް، ދަރިކަލަކު ވާނީ ކިހިނަކުންހެއްޔެވެ؟ އެ އިލާހަށް އަނބިކަނބަލަކުވެސް ނުވެއެވެ. އަދި ހުރިހާ ތަކެއްޗެއް ހެއްދެވީ، އެ އިލާހެވެ. އަދި އެ އިލާހީ، ހުރިހާ ތަކެއްޗެއް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
އެއީ ﷲ އެވެ. ތިޔަބައިމީހުންގެ ރައްބެވެ. އެ އިލާހު މެނުވީ (އަޅުކަންކުރުން ހައްގުވާ) އިލާހަކު ނުވެއެވެ. (އެ އިލާހީ) ހުރިހާ ތަކެއްޗެއް ހެއްދެވި އިލާހެވެ. ފަހެ ތިޔަބައިމީހުން އެ އިލާހަށް އަޅުކަން ކުރާށެވެ! އަދި އެ އިލާހީ، ހުރިހާ ތަކެއްޗެއް ރައްކާތެރި ކުރައްވާ ބަލަހައްޓަވާ އިލާހެވެ.
އެ އިލާހު (ދުނިޔެ މަތީގައި) ލޯތަކަކަށް ނުފެންނާނެއެވެ. އަދި އެ އިލާހު، އެ ލޯތައް ދެކެވޮޑިގެންވެއެވެ. އަދި އެ އިލާހީ އޯގާވަންތަކަން ބޮޑު، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
(ކަލޭގެފާނު ވިދާޅުވާށެވެ.) ތިޔަބައިމީހުންގެ ރައްބުގެ ހަޒްރަތުން، ތިޔަބައިމީހުންގެ ގާތަށް ދަލީލުތަކެއް އަތުވެއްޖެކަން ކަށަވަރެވެ. ފަހެ އެ ދަލީލުތައް ދެކެފިމީހާ (ދަންނާށެވެ.) އެ ކަމުގެ މަންފާހުރީ، ހަމަ އެ މީހާގެ އަމިއްލަ ނަފްސަށެވެ. އަދި އެ ދަލީލުތައް ނުދެކި، ކަނުވެގެންފި މީހާ، އެ ގެއްލުންދެނީވެސް ހަމަ އެ މީހާގެ އަމިއްލަ ނަފްސަށެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ހުރި ފާރަވެރިޔަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ.
ހަމަ އެފަދައިން، ތިމަން އިލާހުގެ އާޔަތްތައް އެކިގޮތްގޮތަށް ބަޔާންކޮށް ދެއްވަމެވެ. އެންމެފަހުން އެ ކާފިރުވި މީހުން ބުނެއެވެ. ކަލޭގެފާނު (އެ އާޔަތްތައް އިހުގެ ފޮތްފޮތުން) ދަސްފުޅު ކުރެއްވީއެވެ. އަދި ތިމަން އިލާހު އެ އާޔަތްތައް (ބަޔާންކޮށްދެއްވަނީ) ދަންނާނޭ ބަޔަކަށް ހާމަކޮށްދެއްވުމަށެވެ.
ކަލޭގެފާނުގެ ރައްބުގެ ހަޒްރަތުން ކަލޭގެފާނަށް ވަހީކުރެއްވި ތަކެއްޗަށް ތަބާ ވެވަޑައިގަންނަވާށެވެ. އެ އިލާހު މެނުވީ (އަޅުކަންކުރުން ހައްގުވާ) އިލާހަކު ނުވެއެވެ. އަދި ކަލޭގެފާނު މުޝްރިކުންނާ އެއްކިބާވެވަޑައި ގަންނަވާށެވެ.
އަދި ﷲ އިރާދަ ކުރެއްވިނަމަ، އެ މީހުން ޝަރީކެއް ނުކުޅައީހެވެ. އަދި އެ މީހުންގެ މައްޗަށް ފާރަވެރިޔަކު ކަމުގައި ތިމަން އިލާހު ކަލޭގެފާނު ނުލައްވަމެވެ. އަދި ކަލޭގެފާނަކީ، އެ މީހުންގެ ކަންތައްތައް ހަވާލު ކުރައްވާފައިވާ ވަކީލަކު ކަމުގައިވެސް ނުވެއެވެ.
އަދި ﷲ ފިޔަވާ، އެ މީހުން އަޅުކަންކުރާ ތަކެއްޗަށް ތިޔަބައިމީހުން އެއްޗެހި ގޮވާ ނަހަދާށެވެ. އޭރުން އެ މީހުން ވެސް ނޭނގި ތިބެ އަދާވާތްތެރިކަމުގެ ގޮތުން ﷲ އަށް އެއްޗެހި ގޮވައިފާނެއެވެ. ހަމަ އެފަދައިން، ކޮންމެ އުއްމަތަކަށްމެ އެބަޔެއްގެ އަމަލު، ތިމަން އިލާހު ޒީނަތްތެރި ކޮށްދެއްކެވީމެވެ. ދެން އެއަށް ފަހު، އެ މީހުން ރުޖޫއަ ވާހުށީ، އެ މީހުންގެ ރައްބުގެ ހަޒްރަތަށެވެ. ދެން އެ މީހުން ކޮށްއުޅުނު އަމަލުތަކުގެ ވާހަކައިން، އެ އިލާހު އެ މީހުންނަށް ޚަބަރު އަންގަވާނެއެވެ.
އެ (ކާފިރުވި) މީހުންގެ ގާތަށް އާޔަތެއް (އެބަހީ: މުއުޖިޒާތެއް) އަތުވެއްޖެނަމަ، އެއަށް ހަމަކަށަވަރުން އީމާން ވާނެކަމަށް އެ މީހުންނަށް ވެވުނުހައި ގަދައެއްކޮށް ﷲ ގަންދީ ހުވާކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން އާޔަތްތައް ވަނީ، ﷲ ގެ ހަޒްރަތުގައެވެ. އެ އާޔަތްތައް އަތުވެއްޖެނަމަ، (އެ މީހުން އަމަލުކުރާނޭ ގޮތެއް) ތިޔަބައިމީހުންނަށް އަންގައިދެނީ ކޮން އެއްޗެއްހެއްޔެވެ؟ އެ މީހުން އީމާނެއް ނުވާނެއެވެ.
ތިމަން އިލާހު އެ މީހުންގެ ހިތްތަކާއި، ލޯތައް (ހައްގުގެ މަގުން) އެއްކިބާކުރައްވަމެވެ. އެ މީހުން އެ އާޔަތްތަކަށް ފުރަތަމަ ފަހަރުވެސް، އީމާން ނުވި ފަދައިން (އީމާނެއް ނުވާނެއެވެ.) އަދި ދެފުށުއެޅި ތިބޭ ހާލެއްގައި، އެ މީހުންގެ ފުރެދުމުގެ ތެރެއަށް، ތިމަން އިލާހު އެ މީހުން ދޫކޮށްލައްވާހުށީމެވެ.
އަދި ތިމަން އިލާހު އެ މީހުންގެ ގާތަށް މަލާއިކަތުން ބާވައިލެއްވި ނަމަވެސް، އަދި މަރުވެފައިވާ މީހުން އެ މީހުންނާ ވާހަކަ ދެއްކި ނަމަވެސް، އަދި (އެ މީހުން އެދުނު) ހުރިހާ އެއްޗެއް އެ މީހުންގެ ކުރިމައްޗަށް ޖަމާކޮށްދެއްވި ނަމަވެސް، ﷲ އިރާދަ ކުރެއްވިއްޔާ މެނުވީ، އެ މީހުން އީމާން ވާނެ ބަޔަކު ކަމުގައެއް ނުވެއެވެ. އަދި އެހެނެއްކަމަކު، އޭގެ ގިނަމީހުން (އެ ކަމެއް) ނުދަނެއެވެ.
ހަމަ އެފަދައިން، ތިމަން އިލާހު، ކޮންމެ ނަބީބޭކަލަކަށް އިންސީންނާއި، ޖިންނީންގެ ޝައިތާނުން އަދާވާތްތެރިން ކަމުގައި ލެއްވީމެވެ. އޭގެ އެއްބަޔަކު އަނެއް ބަޔަކަށް ހެއްލުންތެރި ކުރުމަށް މަތިއޮމާންކޮށްފައިވާ ބާތިލު ބަސްތަކުން ވަސްވާސްދީ އުޅެތެވެ. ކަލޭގެފާނުގެ ރައްބު އިރާދަ ކުރެއްވިނަމަ، އެ މީހުން އެ ކަންތަކެއް ނުކުރީހެވެ. ފަހެ އެ މީހުން ހަދާ ދޮގުތަކާއެކު، ކަލޭގެފާނު އެ މީހުން ދޫކޮށްލައްވާށެވެ.
އަދި (އެ ޝައިތާނުން ވަސްވާސްދީ އުޅެނީ) އާޚިރަތް ދުވަހަށް އީމާން ނުވާ މީހުންގެ ހިތްތައް އެ ވަސްވާހަށް ލެނބުމަށާއި، އެ މީހުން އެ ކަމަށް ރުހި ގަބޫލު ވުމަށާއި، އެ މީހުން އެ އަރައަރައިގަންނަ ފާފަތަކަށް އަރައިގަތުމަށް ޓަކައެވެ.
(ކަލޭގެފާނު ވިދާޅުވާށެވެ.) ހުކުމްކުރާ މީހަކު ކަމުގައި ﷲ ނޫންފަރާތެއް އަހަރެން އެދޭނެހެއްޔެވެ؟ އެ އިލާހީ، (ހައްގާއި ބާތިލު) ތަފްސީލު ކޮށްބަޔާން ކުރައްވާފައިވާ ގޮތުގައި، ތިޔަބައިމީހުންނަށް ފޮތް ބާވައިލެއްވި އިލާހެވެ. އަދި އެއީ، ކަލޭގެފާނުގެ ރައްބުގެ ހަޒްރަތުން ހައްގު ގޮތާއިގެން ބާވައިލެއްވި ފޮތެއްކަން، ތިމަން އިލާހު އެ މީހުންނަށް ފޮތްދެއްވި މީހުން ދަނެތެވެ. ފަހެ ޝައްކުކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާހުށިކަމެވެ.
އަދި ކަލޭގެފާނުގެ ރައްބުގެ ކަލިމަފުޅު ތެދުވެރިކަމާއި، އަދުލުވެރި ކަމުގައި ފުރިހަމަވެއްޖެއެވެ. އެ އިލާހުގެ ކަލިމަފުޅުތައް ބަދަލުކުރެވޭނެ އެއްވެސް ފަރާތެއް ނުވެއެވެ. އަދި އެ އިލާހީ، މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
އަދި ބިމުގައިވާ ގިނަ މީހުންނަށް ކަލޭގެފާނު ކިޔަމަންވެ ވަޑައިގެންފިނަމަ، އެ މީހުން ﷲ ގެ މަގުން ކަލޭގެފާނު ފުރައްދައިފާނެތެވެ. އެ މީހުން ހީއަކަށް ނޫނީ ތަބައެއް ނުވެއެވެ. އަދި ދޮގުހަދާ ބަޔަކު ކަމުގައި މެނުވީ، އެ މީހުން ނުވެއެވެ.
ހަމަކަށަވަރުން ކަލޭގެފާނުގެ ރައްބުގެ މަގު ދޫކޮށް، ފުރެދިގަންނަ މީހުން، އެންމެ ބޮޑަށް ދެނެވޮޑިގެންވަނީ ހަމަ އެ އިލާހެވެ. އަދި ތެދުމަގު ލިބިގަންނަ މީހުން، އެންމެ ބޮޑަށް ދެނެވޮޑިގެންވަނީ ވެސް، ހަމަ އެ އިލާހެވެ.
ތިޔަބައިމީހުން، އެ އިލާހުގެ އާޔަތްތަކަށް އީމާންވާ ކަމުގައިވަނީނަމަ، އެ އެއްޗެއްގެ މައްޗަށް ﷲ ގެ އިސްމުފުޅު ނަންގަނެފައިވާ ތަކެތިން (އެބަހީ: ﷲ ގެ އިސްމުފުޅު ނަންގަނެ ކަތިލާފައިވާ ތަކެތިން) ތިޔަބައިމީހުން ކައިއުޅޭށެވެ!
ތިޔަބައިމީހުންގެ މައްޗަށް އެ އިލާހު ހަރާމްކުރެއްވި ތަކެތި، ތަފްސީލު ކޮށްބަޔާންކޮށްދެއްވާފައިވާއިރު، އެއެއްޗެއްގެ މައްޗަށް ﷲ ގެ އިސްމުފުޅު ނަންގަނެ ކަތިލާ ތަކެތިން، ތިޔަބައިމީހުން ނުކާންވީ ކީއްވެގެންހެއްޔެވެ؟ ތިޔަބައިމީހުން އެ އެއްޗަކަށް ކޮންމެހެން ބޭނުންވެ، މަޖުބޫރުވެގެން ކާންޖެހިއްޖެ އެއްޗެއް މެނުވީއެވެ. ހަމަކަށަވަރުން ވަރަށް ގިނަމީހުން ނުދެނެތިބެ، އެ މީހުންގެ އަމިއްލަ އެދުންތަކުން (މީހުން) މަގުފުރައްދަތެވެ. ހަމަކަށަވަރުން ކަލޭގެފާނުގެ ރައްބަކީ، ހައްދުފަހަނަޅައިދާ މީހުން މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
ތިޔަބައިމީހުން، ބޭރުފުށުގެ ފާފަޔާއި، އެތެރެފުށުގެ ފާފަދޫކޮށްލާށެވެ! ހަމަކަށަވަރުން ފާފަތައް ހޯދައިގަންނަ މީހުންނަށް، އެ މީހުން ކޮށްއުޅުނު ފާފަތަކުގެ ސަބަބުން ޖަޒާ ލިބޭނެއެވެ.
(ކަތިލާހިނދު) އެ އެއްޗެއްގެ މައްޗަށް، ﷲ ގެ އިސްމުފުޅު ނަންނުގަންނަ އެއްޗަކުން ތިޔަބައިމީހުން ނުކާށެވެ! ހަމަކަށަވަރުން އެ ތަކެތިން ކެއުމަކީ، އުރެދުމެއްކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން ތިޔަބައިމީހުންނާ ޖަދަލުކުރުމަށް ޝައިތާނުން އެ މީހުންގެ ވާގިވެރިންނަށް ވަސްވާސް ދޭނެއެވެ. ތިޔަބައިމީހުން، އެ މީހުންނަށް ކިޔަމަންވެއްޖެނަމަ ހަމަކަށަވަރުން ތިޔަބައިމީހުންނަކީ ވެސް، މުޝްރިކުންކަން ކަށަވަރެވެ.
(ކާފިރުކަމުން) މަރުވެފައިވަނިކޮށް (ތެދުމަގު ދެއްކެވުމުން) ތިމަން އިލާހު އެ މީހަކު ދިރުއްވައި، މީސްތަކުންގެ ތެރޭގައި އެނޫރެއްގެ އަލީގައި ހިނގާނޭ ނޫރެއްލެއްވި މީހަކާއި، އަނދިރީގެ ތެރޭގައި ނުނިކުމެހުންނަ މީހަކާ އެއްފަދަވާނޭހެއްޔެވެ؟ އެފަދައިން، ކާފިރުންނަށް އެ މީހުން ކޮށްއުޅުނު އަމަލުތައް ޒީނަތްތެރި ކޮށްދެއްވިއެވެ.
އަދި ހަމަ އެފަދައިން، ކޮންމެރަށެއްގައި، އެރަށުގެ މުޖުރިމުންނަކީ، ބޮޑުން ކަމުގައި ލެއްވީމެވެ. (އެއީ) އެ ތާނގައި، އެ މީހުން މަކަރުވެރި ރޭވުންތައް ރާވައި އުޅުމަށެވެ. އެ މީހުންގެ އަމިއްލަ ނަފްސުތަކަށް މެނުވީ، އެ މީހުން މަކަރު ހަދާ ކަމުގައި ނުވެއެވެ. އަދި އެ މީހުންނަކަށް އެ ކަމެއް ނުވިސްނެއެވެ.
އެ މީހުންގެ ގާތަށް އާޔަތެއް އަތުވެއްޖެނަމަ، އެ މީހުން ބުނެއެވެ. ﷲ ގެ ރަސޫލުންނަށް ދެއްވިފަދަ ތަކެތި، ތިމަންމެންނަށް ވެސް ދެއްވާފުމަށް ދާންދެން، ތިމަންމެން އީމާނެއް ނުވާނެއެވެ. ﷲ، އެ އިލާހުގެ ރަސޫލުކަން ދެއްވާނެ މީހުން މޮޅަށް ދެނެވޮޑިގެންވެއެވެ. ފާފަވެރިވީ މީހުންނަށް، އެ މީހުން މަކަރުހަދައި އުޅުނުކަމުގެ ސަބަބުން، ﷲ ގެ ހަޒްރަތުގައި ނިކަމެތިކަމާއި، ގަދަވެގެންވާ އަޒާބު އައިސްޖެހޭހުއްޓެވެ.
ﷲ ގެ ތެދުމަގު ދެއްކެވުމަށް އެ އިލާހު އިރާދަކުރައްވާ މީހަކަށް، އިސްލާމް ދީނަށް އެ މީހެއްގެ ހިތް ތަނަވަސްކޮށްދެއްވައެވެ. އަދި އެ އިލާހު މަގުފުރެއްދެވުމަށް އިރާދަކުރައްވާ މީހާ، އުޑާދިމާއަށް (މައްޗަށް) އަރައިގެންދާ މީހެކޭ އެއްފަދައިން އެ އިލާހު އެ މީހެއްގެ ހިތުގައި ދަތިކަމާއި، ނުތަނަވަސްކަން ލައްވައެވެ. ހަމަ އެފަދައިން، އީމާން ނުވާ މީހުންގެ މައްޗަށް، ﷲ ގެ އަޒާބާއި ކޯފާ ލައްވައެވެ.
މިއީ ކަލޭގެފާނުގެ ރައްބުގެ ސީދާވެގެންވާ ތެދުމަގެވެ. ހަމަކަށަވަރުން ތިމަން އިލާހުގެ އާޔަތްތައް ތަފްސީލު ކޮށްބަޔާންކޮށްދެއްވީ ނަސޭހަތް ލިބިގަންނަ ބަޔަކަށެވެ.
އެ މީހުންގެ ރައްބުގެ ހަޒްރަތުގައި، އަމާންކަމުގެ ގޮވަތި (ކަމުގައިވާ ސުވަރުގެ) އެ މީހުންނަށް ހުއްޓެވެ. އަދި އެ އިލާހީ، އެ މީހުން ކޮށްއުޅުނު އަމަލުތަކުގެ ސަބަބުން، އެ މީހުންނަށް ނަސްރު ދެއްވާ، ވާގިދެއްވާ އިލާހެވެ.
އެ އިލާހު، އެ މީހުން އެންމެން އެއް ކުރައްވާ ދުވަސް ހަނދުމަކުރާށެވެ! (އެ ދުވަހުން، އެ އިލާހު ވަހީ ކުރައްވާނެއެވެ.) އޭ ޖިންނީންގެ ޖަމާއަތުގެ މީހުންނެވެ. ތިޔަބައިމީހުން އިންސީންގެ ވަރަށްގިނަ މީހުންނަށް މަގުއޮޅުވައިލީމުއެވެ. ދެން އިންސީންގެ ތެރެއިން އެ މީހުންގެ އެކުވެރިން ދަންނަވާނެއެވެ. އަޅަމެންގެ ރައްބެވެ. އަޅަމެންގެ އެއްބަޔަކު އަނެއް ބަޔެއްގެ ކިބައިން ފައިދާ ހޯދީމުއެވެ. އަދި އިބަ އިލާހު، އަޅަމެންނަށް ކަނޑައަޅުއްވާދެއްވާފައިވާ އަޖަލަށް އަޅަމެން ފޯރައްޖައީމުއެވެ. އެ އިލާހު ވަހީ ކުރައްވާނެއެވެ. ތިޔަބައިމީހުން ތިބޭނެ ތަނަކީ ނަރަކައެވެ. ﷲ އިރާދަ ކުރެއްވި ވަގުތަކަށް މެނުވީ، އެ މީހުން އެ ތާނގައި ދެމިތިބެނިވި ގޮތުގައެވެ. ހަމަކަށަވަރުން ކަލޭގެފާނުގެ ރައްބަކީ، ޙަކީމްވަންތަ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
ހަމަ އެފަދައިން އެ މީހުން ހޯދައިގަތް ކަމުގައިވީ ކަންތަކުގެ ސަބަބުން، ތިމަން އިލާހު އަނިޔާވެރިންގެ އެއްބަޔަކު އަނެއް ބަޔަކާ މަތިކުރެއްވީމެވެ.
އޭ ޖިންނީންނާއި އިންސީންގެ ޖަމާއަތުގެ މީހުންނެވެ. ތިޔަބައިމީހުންގެ ތެރެއިން ތިމަން އިލާހުގެ އާޔަތްތަކުގެ ވާހަކަ ތިޔަބައިމީހުންނަށް ކިޔައިދެއްވާ، ތިޔަބައިމީހުންގެ މިދުވަހާ ބައްދަލުވާނެކަމުގެ އިންޒާރުކުރައްވާނެ ރަސޫލުންތަކެއް، ތިޔަބައިމީހުންގެ ގާތަށް ވަޑައިނުގަންނަވާހެއްޔެވެ؟ އެ މީހުން ދަންނަވާނެއެވެ. އަޅަމެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް އަޅަމެން ހެކިދީފީމުއެވެ. ދުނިޔޭގެ ދިރިއުޅުން އެ މީހުން ހެއްލުންތެރި ކުރުވީއެވެ. އަދި އެ މީހުން ކާފިރުން ކަމުގައި ވީކަމަށް އެ މީހުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް، އެ މީހުން ހެކިދީފިއެވެ.
ކަންހުރީ އެހެންނެވެ. ރަށްތަކުގެ އަހުލުވެރިން ޣާފިލު ވެފައި ތިއްބާ، އަނިޔާވެރިކަމުގެ ގޮތުން އެރަށްރަށް ހަލާކު ކުރައްވާ އިލާހަކު ކަމުގައި، ކަލޭގެފާނުގެ ރައްބު ނުވެއެވެ.
އަދި ކޮންމެ ބަޔަކަށްމެ އެބަޔަކު ކުރި އަމަލުތަކާ އެއްގޮތަށް ދަރަޖަތަކެއް ހުއްޓެވެ. އަދި އެ މީހުން ކުރާ އަމަލުތަކާމެދު، ކަލޭގެފާނުގެ ރައްބު ޣާފިލުވެ ވޮޑިގެނެއްނުވެއެވެ.
ކަލޭގެފާނުގެ ރައްބަކީ ފުދިވޮޑިގެންވާ، ރަހުމަތުގެ ވެރި ރައްބެވެ. އެ އިލާހު އިރާދަކުރައްވާނަމަ، ތިޔަބައިމީހުން ނެތިކުރައްވާ، ތިޔަބައިމީހުންގެ ފަހަށް، އެ އިލާހު އިރާދަކުރައްވާ ބަޔަކު ފޮނުއްވައިފާހުއްޓެވެ. އެއީ އެހެން ގައުމެއްގެ ދަރިކޮޅުން ތިޔަބައިމީހުން އުފެއްދެވި ފަދައިންނެވެ.
ހަމަކަށަވަރުން ތިޔަބައިމީހުންނަށް ވައުދު ކުރައްވާ ކަންތަކަކީ، އަންނާނެކަން ކަށަވަރު ކަންތަކެވެ. އަދި ތިޔަބައިމީހުންނަކީ، (ތިމަން އިލާހު) ނުކުޅައްދައި، ރެކިގެންދާނޭ ބަޔަކު ކަމުގައި ނުވެއެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. އޭ އަހަރެންގެ ގައުމުގެ މީހުންނެވެ. ތިޔަބައިމީހުން، ތިޔަބައިމީހުންގެ ގޮތުގައި ތިބެގެން އަމަލު ކޮށްބަލާށެވެ! ހަމަކަށަވަރުން އަހަރެން، އަހަރެންގެ ގޮތުގައި އަމަލުކުރާނަމެވެ. އާޚިރަތް ދުވަހުން ތައުރީފު ލިބިގެންވާ ނިމުމެއް ލިބޭނީ، ކޮންބަޔަކަށްކަން ތިޔަބައިމީހުންނަށް ނިކަންހުރެ އެނގޭނެއެވެ. ހަމަކަށަވަރުން އަނިޔާވެރިންނެއް ކާމިޔާބެއް ނުވާނެއެވެ.
އެ (ކާފިރުވި) މީހުން، ﷲ އަށް އެ އިލާހު އުފެއްދެވި ތަކެތީގެ ތެރެއިން، ދަނޑުގޮވާމާއި، ނައަމްސޫފީން ބައެއް އެޅިއެވެ. އެ މީހުންގެ ބާތިލު ހީއާއެއްގޮތަށް، އެ މީހުން ބުނީ، މިބައި މިއީ ﷲ އަށެވެ. އަދި މިހިރަ ބައި އެއީ، ތިމަންމެންގެ ޝަރީކުންނަށެވެ. ފަހެ އެ މީހުންގެ ޝަރީކުންނަށްވީ ބައިގެ އެއްޗެއް، ﷲ ގެ ފަރާތަކަށް ނުލިބެއެވެ. ﷲ އަށް އެޅިބައި، އެ މީހުންގެ ޝަރީކުންނަށް ލިބެއެވެ. އެ މީހުން ކުރާ ހުކުމް ހާދަހާ ނުބައިވެގެންވެއެވެ.
ހަމަ އެފަދައިން، މުޝްރިކުންގެ ގިނަ މީހުންނަށް އެ މީހުންގެ ދަރިން މެރުމަށް، އެ މީހުންގެ ޝަރީކުން، ޒީނަތްތެރި ކޮށްދެއްކިއެވެ. އެއީ އެ މީހުން ހަލާކުގެ ތެރެއަށް ފޮނުވުމަށެވެ. އަދި އެ މީހުންނަށް އެ މީހުންގެ ދީން އޮޅުވާލުމަށެވެ. ﷲ އިރާދަ ކުރެއްވިނަމަ، އެ މީހުން އެ ކަމެއް ނުކުރީހެވެ. ފަހެ ކަލޭގެފާނު އެ މީހުން ހަދާ ދޮގުތަކާއެކު، އެ މީހުން ދޫކޮށްލައްވާށެވެ.
އެ މީހުން ބުނެފިއެވެ. މިހިރީ، މަނާކޮށްފައިވާ ނައަމްސޫފިތަކާއި ދަނޑުގޮވާންތަކެވެ. އެ މީހުން ހީކުރާ ގޮތުގައި، އެ މީހުން އެދޭ ބަޔަކު މެނުވީ، އެ ތަކެތި ކައިގެން ނުވާނެއެވެ. އަދި މި ތިބީ އޭގެ ބުރިކަށިތައް ހަރާމް ކޮށްފައިވާ ނައަމްސޫފިތަކެވެ. އަދި މި ތިބީ، (ކަތިލާހިނދު) އޭގެ މައްޗަށް އެ މީހުން، ﷲ ގެ އިސްމުފުޅު ނަންނުގަންނަ ނައަމްސޫފިތަކެވެ. (މި ހުރިހާ ކަމެއް އެ މީހުން ކުރަނީ) އެ އިލާހަށް ދޮގުހެދުމުގެ ގޮތުންނެވެ. އެ މީހުން ހަދާ އުޅުނު ދޮގުތަކުގެ ސަބަބުން، އެ އިލާހު އެ މީހުންނަށް ޖަޒާ ދެއްވާހުއްޓެވެ.
އަދި އެ މީހުން ބުނެފިއެވެ. މި ނައަމްސޫފިތަކުގެ ބަނޑުތެރޭގައިވާ ތަކެތި، ހަލާލު ވެގެންވަނީ، އަހުރެމެންކުރެ ފިރިހެނުންނަށެވެ. އަދި އެ ތަކެތި ވަނީ، އަހުރެމެންގެ އަންހެނުންގެ މައްޗަށް ހަރާމް ވެގެންނެވެ. އެ ތަކެތި މަރުވެފައިވާނަމަ، އެކެއުމުގައި އެންމެން ހަމަހަމައެވެ. އެ މީހުން (އެ ތަކެއްޗަށް ހަލާލު ނުވަތަ ހަރާމްކަމުގެ) ސިފަދިނުމުގެ ސަބަބުން، އެ މީހުންނަށް އެ އިލާހު އުގޫބާތް ދެއްވާނެއެވެ. ހަމަކަށަވަރުން އެ އިލާހީ، ޙަކީމްވަންތަ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
އެއްވެސް އިލްމަކާނުލާ، ޖާހިލުކަމުން އެ މީހުންގެ ދަރިން ގަތުލުކޮށް، އެ މީހުންނަށް ﷲ ދެއްވި ތަކެތި، ﷲ އަށް ދޮގުހެދުމުގެ ގޮތުން، ހަރާމްކުރި މީހުން، ގެއްލި ހަލާކުވެއްޖެކަން ކަށަވަރެވެ. އެ މީހުން މަގުފުރެދިއްޖެކަން ޔަގީނެވެ. އަދި އެ މީހުންނަކީ، ތެދުމަގު ލިބިގެންވާ ބަޔަކު ކަމުގައިވެސް ނުވެއެވެ.
އެ އިލާހީ، ފެތުރޭ ވެޔޮތަކާއި، ވެޔޮނޫން ގަސްތަކުގެ ބަގީޗާތަކާއި، އޭގެ މޭވާއާއި، އޮށްޓަރު ތަފާތުވެގެންވާ ހާލު، ކަދުރުރުކާއި، ގޮވާމާއި، އެއްވައްތަރު ވެގެންވާ ހާލުގައްޔާއި، އެއްވައްތަރުވެގެން ނުވާ ހާލުގައި، ޒައިތޫންޏާއި، އަންނާރު އުފެއްދެވި އިލާހެވެ. އެ ގަސްތަކުން މޭވާ އަތުވެއްޖެނަމަ، އެ މޭވާއިން ތިޔަބައިމީހުން ކާށެވެ! އަދި ގޮވާންކަނޑާ ދުވަހަކުން، އޭގެ ޒަކާތް ދޭށެވެ! އަދި ތިޔަބައިމީހުން އިސްރާފު ނުކުރާށެވެ! އެހެނީ ހަމަކަށަވަރުން އިސްރާފުކުރާ މީހުންދެކެ އެ އިލާހު ލޯބިވެވޮޑިގެނެއް ނުވެއެވެ.
އަދި ނައަމްސޫފީގެ ތެރެއިން، އެއްޗެތި އުފުލާ އުސްތަކެއްޗާއި، އަދި (އެ ކަމަށް ކުޅަދާނަވެގެން ނުވާ) ބިމަށްތިރި ތަކެތި، އެ އިލާހު އުފެއްދެވިއެވެ. ތިޔަބައިމީހުންނަށް ﷲ ދެއްވި ތަކެތިން ތިޔަބައިމީހުން ކާށެވެ! އަދި ޝައިތާނާގެ ފިޔަވަޅުތަކަށް، ތިޔަބައިމީހުން ތަބާ ނުވާށެވެ. ހަމަކަށަވަރުން އެ ޝައިތާނާއަކީ، ތިޔަބައިމީހުންނަށް ކަނޑައެޅި ބަޔާންވެގެންހުރި އަދާވާތްތެރިއެކެވެ.
އަންހެން ފިރިހެން، އަށެތި އުފައްދަވާފައިވެއެވެ. އެއީ ޟައުނު ބަކަރީގެ ދެޖޯޑާއި، މަޢިޒު ބަކަރީގެ ދެޖޯޑެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އެ އިލާހު ހަރާމް ކުރައްވާފައި ވަނީ، އެ ފިރިހެން ދޭތިހެއްޔެވެ؟ ނުވަތަ އެ އަންހެން ދޭތިހެއްޔެވެ؟ ނުވަތަ އެ އަންހެން ދޭތީގެ ރަހިމުގައިވާ ދަރިންހެއްޔެވެ؟ ތިޔަބައިމީހުންނަކީ، ތެދުވެރިން ކަމުގައިވާނަމަ، (ތިޔަބައިމީހުންނަށް ލިބިފައިވާ) އިލްމަކާއެކު، ތިމަންކަލޭގެފާނަށް ޚަބަރު ދީބަލާށެވެ!
އަދި ޖަމަލުގެ ދެ ޖޯޑާއި، ގެރީގެ ދެ ޖޯޑެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އެ އިލާހު ހަރާމްކުރެއްވީ އެ ފިރިހެން ދޭތިހެއްޔެވެ؟ ނުވަތަ އެ އަންހެން ދޭތިހެއްޔެވެ؟ ނުވަތަ އެއަންހެން ދޭތީގެ ރަހިމުގައިވާ ދަރިންހެއްޔެވެ؟ ނުވަތަ ތިޔަބައިމީހުންނަށް، ﷲ މި ވަސިއްޔަތްކުރެއްވިއިރު، ހެކިންގެ ގޮތުގައި ތިޔަބައިމީހުން ހާޒިރުވެ ތިބީމުހެއްޔެވެ؟ އިލްމަކާނުލާ، މީސްތަކުން މަގުފުރެއްދުމަށް ޓަކައި، ﷲ އާމެދު، ހަދާގެން ދޮގުބުނި މީހަކަށްވުރެ، އަނިޔާވެރިކަން ބޮޑުމީހަކީ ފަހެ ކާކުހެއްޔެވެ؟ ހަމަކަށަވަރުން އަނިޔާވެރި ބަޔަކަށް ﷲ ތެދުމަގެއް ނުދަންކަވައެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. ކާ މީހަކަށް ކެއުން ހަރާމް ކުރައްވާފައިވާ އެއްޗެއް، ތިމަންކަލޭގެފާނަށް އިއްވެވި ވަހީގެ ތެރޭގައި ވާތީ ދެކެވަޑައެއް ނުގަންނަވަމެވެ. އެ އެއްޗަކީ މަރުވެފައިވާ އެއްޗެއް ކަމުގައި، ނުވަތަ އޮހޮރޭ ލޭ ކަމުގައި، ނުވަތަ އޫރުމަސްކަމުގައި ވެއްޖެ އެއްޗެއް މެނުވީއެވެ. ހަމަކަށަވަރުން އެ އޫރު މަހަކީ، ހަޑިމުޑުދާރު އެއްޗެކެވެ. ނުވަތަ ﷲ ނޫންފަރާތަކަށް ކަތިލާފައިވާ ފާސިގެއްޗެއްކަމުގައި ވެއްޖެ އެއްޗެއް މެނުވީއެވެ. (އެބަހީ: މިހަތަރު ބާވަތް ހަރާމް ވެގެންވެއެވެ.) ފަހެ ނުކިޔަމަންތެރިވެ ދެކޮޅުވެރިވުމެއް އަދި ހައްދުފަހަނަޅައިދިޔުމެއް ނެތި، މަޖޫބުރުވެއްޖެ މީހާ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން ކަލޭގެފާނުގެ ރައްބަކީ، ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ އިލާހެވެ.
ނިޔަފަތިހުރި ކޮންމެ ސޫތްޕެއް، ޔަހޫދީންގެ މައްޗަށް ތިމަން އިލާހު ހަރާމްކުރެއްވީމެވެ. އަދި ގެރިއާއި، ބަކަރީން އޭގެ ބުރިކަށީގައިވާ ސަރުބީއާއި، އޭގެ ގޮހޮރުގައިވާ ސަރުބީއާއި، ކަށްޓާ އެކުވެފައިވާ ސަރުބީފިޔަވާ، އެދޭތީގެ ސަރުބީ، އެ މީހުންގެ މައްޗަށް ހަރާމްކުރެއްވީމެވެ. އެ ގޮތުން، ތިމަން އިލާހު އެ މީހުންނަށް ޖަޒާދެއްވީ، އެ މީހުންގެ ދެކޮޅުވެރިކަމާއި، އަނިޔާވެރިކަމުގެ ސަބަބުންނެވެ. ހަމަކަށަވަރުން ތިމަން އިލާހީ، ތެދު ވަހީ ކުރައްވާ އިލާހުކަން ކަށަވަރެވެ.
ފަހެ އެ މީހުން ކަލޭގެފާނު ދޮގުކޮށްފިނަމަ، ވިދާޅުވާށެވެ. ތިޔަބައިމީހުންގެ ރައްބަކީ، ތަނަވަސްވެގެންވާ ރަހުމަތުގެ ވެރި ރައްބެވެ. އަދި ކުށްވެރިވީ މީހުންގެ ކިބައިން، އެ އިލާހުގެ ބާރުގަދަކަން ރައްދު ނުކުރެވޭހުއްޓެވެ.
ޝަރީކުކުރި މީހުން ބުނާނެއެވެ. ﷲ އިރާދަ ކުރެއްވިނަމަ ތިމަންމެން، އަދި ތިމަންމެންގެ ކާބަފައިންވެސް، ޝަރީކެއް ނުކުޅައީހެވެ. އަދި ތިމަންމެން އެއްވެސް އެއްޗެއް ހަރާމް ކޮށެއްވެސް ނުހެދީމުހެވެ. އެ މީހުންގެ ކުރީގެ މީހުން ވެސް، ތިމަން އިލާހުގެ ބާރުގަދަކަމުގެ ރަހަ ލިބިއްޖައުމަށް ދާންދެން (ރަސޫލުން) ދޮގުކުރީ ހަމަ ހަމަ އެފަދައިންނެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން، އަހުރެމެންނަށް ނެރެދައްކައިދޭނޭ އެއްވެސް އިލްމެއް، ތިޔަބައިމީހުންގެ ކިބައިގައި ވޭހެއްޔެވެ؟ ތިޔަބައިމީހުން ތަބާ ވަނީ، ހީއަކަށް ކަމުގައި މެނުވީ ނުވެއެވެ. އަދި ތިޔަބައިމީހުންނީ ދޮގުހަދާ ބަޔަކު ކަމުގައި މެނުވީ ނުވެއެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. ފަހެ އެންމެ ފުރިހަމަ ހުއްޖަތް ވަނީ ﷲ އަށެވެ. ފަހެ އެ އިލާހު އިރާދަ ކުރެއްވިނަމަ، ތިޔަބައިމީހުން އެންމެންނަށް ތެދުމަގު ދައްކަވައިފީސްކަން ކަށަވަރެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. ﷲ މި ތަކެތި ހަރާމްކުރެއްވިކަމަށް ހެކިވާނެ ހެކިން ތިޔަބައިމީހުން ގެންނާށެވެ! ދެން އެ މީހުން، ހެކިދިން ނަމަވެސް، ކަލޭގެފާނު އެ މީހުންނާ އެކުގައި ހެކިވެވަޑައިނުގަންނަވާށެވެ. އަދި އެ މީހުންގެ ރައްބަށް، ޝަރީކުކުރާ ހާލު، ތިމަން އިލާހުގެ އާޔަތްތައް ދޮގުކޮށް، އާޚިރަތް ދުވަހަށް އީމާން ނުވާ މީހުން، ހިތް އެދޭ ގޮތްތަކަށް ކަލޭގެފާނު ތަބާ ވެވަޑައިނުގަންނަވާށެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން އަންނާށެވެ! ތިޔަބައިމީހުންގެ މައްޗަށް، ތިޔަބައިމީހުންގެ ރައްބު ހަރާމްކުރެއްވި ކަންތައް ކިޔައިދެއްވާ ހުށީމެވެ. ތިޔަބައިމީހުން، އެ އިލާހަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާށެވެ! އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ! އަދި ފަގީރުކަމުގެ ސަބަބުން ތިޔަބައިމީހުން ދަރިން ނުމަރާށެވެ! ތިޔަބައިމީހުންނަށާއި، އެ ދަރިންނަށް ރިޒްގު ދެއްވަނީ، ތިމަންއިލާހެވެ. އަދި ފާހިޝް ކަންތައްތަކާ ތިޔަބައިމީހުން ކައިރި ނުވާށެވެ. އޭގެ ތެރެއިން ފާޅުވެގެންވާ ކަންތަކާއި، ވަންހަނާ ވެގެންވާ ކަންތަކެވެ. އަދި ﷲ ހުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް، ހައްގަކާ ނުލާ ނުމަރާށެވެ! އެ އިލާހު ތިޔަބައިމީހުންނަށް ވަސިއްޔަތްކުރެއްވީ އެފަދައިންނެވެ. (އެއީ) ތިޔަބައިމީހުން ވިސްނައި ދެނެގަނެވޭތޯއެވެ.
ރަނގަޅު ގޮތުން މެނުވީ، ތިޔަބައިމީހުން ޔަތީމުންގެ މުދަލާ ގާތްނުވާށެވެ. އެކުދިން ބޮޑުވެ ތަސައްރަފު ފުދިއްޖައުމަށް ދާންދެނެވެ. އަދި ތިޔަބައިމީހުން، މިނުމާއި، ކިރުން އިންސާފުވެރި ގޮތުން ފުރިހަމަ ކުރާށެވެ! ތިމަން އިލާހު އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ކުޅަދާނަ ވެގެންވާ މިންވަރަށް މެނުވީ، ތަކުލީފެއް ނުޖައްސަވަމެވެ. އަދި ތިޔަބައިމީހުން ބަސްބުނާނަމަ، ގާތްތިމާގެ މީހަކާ މެދުގައި ނަމަވެސް، އަދުލަށް (ތެދަށް) ބުނާށެވެ! އަދި ﷲ ގެ އަހުދުތައް ތިޔަބައިމީހުން ފުއްދާށެވެ! އެ އިލާހު ތިޔަބައިމީހުންނަށް ވަސިއްޔަތްކުރެއްވީ އެފަދައިންނެވެ. (އެއީ) ތިޔަބައިމީހުން ހަނދުމަކުރޭތޯއެވެ.
އަދި މިއީ ތިމަން އިލާހުގެ ސީދާވެގެންވާ ތެދުމަގެވެ. ފަހެ އެ މަގަށް ތިޔަބައިމީހުން ތަބާ ވާށެވެ. (އެނޫން) މަގުމަގަށް ތިޔަބައިމީހުން ތަބާ ނުވާށެވެ. (އޭރުން) އެ އިލާހުގެ މަގުން ތިޔަބައިމީހުން ވަކިވަކިވެގެން ހިނގައިދާނެއެވެ. އެ އިލާހު ތިޔަބައިމީހުންނަށް ވަސިއްޔަތްކުރެއްވީ އެފަދައިންނެވެ. (އެއީ) ތިޔަބައިމީހުން ތަގުވާވެރިވޭތޯއެވެ.
ދެން ހެޔޮ އަމަލުކުރި މީހާއަށް (ނިއުމަތް) ފުރިހަމަކޮށް ދެއްވުމަށާއި، ކޮންމެ ކަމެއް ތަފްސީލު ކޮށްބަޔާންކޮށްދެއްވުމަށާއި، ހިދާޔަތެއް ކަމުގައްޔާއި، ރަހުމަތެއް ކަމުގައި، ތިމަން އިލާހު މޫސާގެފާނަށް ފޮތް ދެއްވީމެވެ. (އެއީ) އެ މީހުންގެ ރައްބާ ބައްދަލުވާނެކަމަށް، އެ މީހުން އީމާން ވުމަށް ޓަކައެވެ.
މި ގުރްއާނަކީ، ތިމަން އިލާހު ބާވައިލެއްވި، ފޮތެކެވެ. ބަރަކާތްތެރި ފޮތެކެވެ. ފަހެ ތިޔަބައިމީހުން، އެފޮތަށް ތަބާ ވާށެވެ. އަދި ތިޔަބައިމީހުން ތަގުވާވެރިވާށެވެ. (އެއީ) ތިޔަބައިމީހުންނަށް ރަހުމަތް ލައްވާތޯއެވެ.
ފޮތް ބާވައިލެއްވިކަން ކަށަވަރީ، ތިމަންމެންގެ ކުރީގައިވާ ދެބަޔެއްގެ މައްޗަށޭ، އަދި ތިމަންމެން، ހަމަކަށަވަރުންވެސް ތިބީ، އެ މީހުން ކުރި ދިރާސާއާމެދު ޣާފިލު ވެގެންނޭ، ތިޔަބައިމީހުން ބުނެފާނެތީއެވެ.
ނުވަތަ ތިމަންމެންގެ މައްޗަށް ފޮތް ބާވައިލެއްވިނަމަ، އެ މީހުންނަށްވުރެ ތިމަންމެން މާ ބޮޑަށް ތެދުމަގުގައި ވީހޭ ބުނެފާނެތީއެވެ. ފަހެ ތިޔަބައިމީހުންގެ ރައްބުގެ ހަޒްރަތުން ސާފު ހެއްކަކާއި، ތެދުމަގަކާއި، ރަހުމަތެއް ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެކަން ކަށަވަރެވެ. ﷲ ގެ އާޔަތްތައް ދޮގުކޮށް، އެ އާޔަތްތަކަށް ފުރަގަސްދީފި މީހަކަށްވުރެ އަނިޔާވެރިކަންބޮޑީ ފަހެ ކާކުހެއްޔެވެ؟ ތިމަން އިލާހުގެ އާޔަތްތަކަށް ފުރަގަސްދޭ މީހުންނަށް، އެ މީހުން އެ އާޔަތްތަކަށް ފުރަގަސް ދިނުމުގެ ސަބަބުން، ތިމަން އިލާހު ގަދަ އަޒާބުން ޖަޒާދެއްވާނަމެވެ.
އެ މީހުންގެ ގާތަށް، މަލާއިކަތުން ވަޑައިގަތުމަށް މެނުވީ، ނުވަތަ ކަލޭގެފާނުގެ ރައްބު ވަޑައިގަތުމަށް މެނުވީ، ނުވަތަ ކަލޭގެފާނުގެ ރައްބުގެ އާޔަތްތަކުގެ ތެރެއިން ބައެއް އާޔަތް އައުމަށް މެނުވީ، އެ މީހުން އިންތިޒާރުކުރޭހެއްޔެވެ؟ ކަލޭގެފާނުގެ ރައްބުގެ، ބައެއް އާޔަތް (އެބަހީ: ގިޔާމަތުގެ އަލާމަތްތައް) އަންނަ ދުވަހު، އޭގެ ކުރިން އީމާން ވެފައި ނުވާނަމަ، ނުވަތަ އީމާންވެ ހެޔޮ އަމަލު ކޮށްފައި ނުވާނަމަ، އެއްވެސް ނަފްސަކަށް އެ ނަފްސެއްގެ އީމާނަކުން މަންފާއެއް ނުކުރާނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން އިންތިޒާރުކުރާށެވެ! ހަމަކަށަވަރުން ތިމަންމެންވެސް އިންތިޒާރުކުރާނެއެވެ.
ހަމަކަށަވަރުން އެ މީހުންގެ ދީން ބައިބައިކޮށް، ބައިތަކެއް ކަމުގައިވީ މީހުންގެ ތެރެއިން، އެއްވެސް ކަމެއްގައި، ކަލޭގެފާނު ނުވަމުއެވެ. އެ މީހުންގެ ކަންތައް އޮންނާނެކަން ކަށަވަރީ، ﷲ ގެ ހަޒްރަތަށެވެ. ދެން އެ މީހުން ކޮށްއުޅުނު ކަންތަކުގެ ވާހަކައިން، އެ އިލާހު، އެ މީހުންނަށް ޚަބަރު އަންގަވާނެއެވެ.
ހެޔޮ ކަމެއްކޮށްފި މީހާ (ދަންނާށެވެ.) ފަހެ އެ މީހަކަށް އެފަދަ ދިހަ ހެޔޮކަމުގެ ސަވާބު ހުއްޓެވެ. އަދި ނުބައި ކަމެއްކޮށްފި މީހާ (ދަންނާށެވެ.) ފަހެ އެފަދަ ކަމެއްގެ ޖަޒާ މެނުވީ، އެ މީހަކަށް ނުލިބޭހުއްޓެވެ. އަދި އެ މީހުންނަކަށް ބޭއިންސާފެއް ނުކުރައްވާހުއްޓެވެ.
ކަލޭގެފާނު ވިދާޅުވާށެވެ: ހަމަކަށަވަރުން ތިމަންގެ ރައްބު، ސީދާވެގެންވާ ތެދުމަގަށް ތިމަންކަލޭގެފާނަށް މަގު ދެއްކެވިއެވެ. އެއީ ސީދާވެގެންވާ ދީނެވެ. އެއީ ބާތިލުގެ މަގުން އެއްކިބާވެ، ހައްގުގެ މަގަށް ތަބާ ވެގެންވާ އިބްރާހީމްގެފާނުގެ ދީނެވެ. އަދި މުޝްރިކުންގެ ތެރެއިން އެކަލޭގެފާނު ނުވެއެވެ.
ކަލޭގެފާނު ވިދާޅުވާށެވެ: ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ނަމާދާއި، ތިމަންކަލޭގެފާނުގެ ގުރުބާން ކުރެއްވުމާއި، ތިމަންކަލޭގެފާނުގެ ދިރިހުންނެވުމާއި، ތިމަންކަލޭގެފާނުގެ އަވަހާރަވުންވަނީ، އާލަމްތަކުގެ ވެރި ﷲ އަށެވެ.
އެ އިލާހަށް އެއްވެސް ޝަރީކަކު ނުވެއެވެ. އަދި ތިމަންކަލޭގެފާނަށް އަމުރުކުރައްވާފައި ވަނީ އެ ގޮތަށެވެ. އަދި ތިމަންކަލޭގެފާނީ (މި އުއްމަތުގެ) މުސްލިމުންކުރެ، އެންމެ ފުރަތަމަ މީހާއެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. އެ އިލާހީ، ހުރިހާ ތަކެއްޗެއްގެ ރައްބު ކަމުގައިވާ ހާލު، އިލާހަކު ކަމުގައި، ﷲ ފިޔަވާ އެހެން ފަރާތެއް ތިމަންކަލޭގެފާނު އެދޭނޭހެއްޔެވެ؟ ކޮންމެ ނަފްސެއްމެ، އެ ނަފްސެއް ހޯދައިގަތް ކަމެއް މެނުވީ، އެ ނަފްސެއްގެ މައްޗަކަށް ނުވެއެވެ. އަދި ފާފަވެރި އެއްވެސް ނަފްސެއް، އެހެން ނަފްސެއްގެ ފާފައެއް ނުއުފުލާނެތެވެ. ދެން ތިޔަބައިމީހުން އެނބުރި ރުޖޫއަ ވުންހުރީ، ތިޔަބައިމީހުންގެ ރައްބުގެ ހަޒްރަތަށެވެ. އޭރުން، ތިޔަބައިމީހުން، އެ ކަންކަމާމެދު ޚިލާފުވެ އުޅުނު ކަންތަކުގެ ޚަބަރު ތިޔަބައިމީހުންނަށް، އެ އިލާހު އަންގަވާނެއެވެ.
އެ އިލާހީ، ބިމުގެ ޚަލީފާއިން ކަމުގައި، ތިޔަބައިމީހުން ލެއްވި އިލާހެވެ. އަދި ތިޔަބައިމީހުން ކުރެ، އެއްބަޔަކު އަނެއް ބަޔެއްގެ މައްޗަށް ދަރަޖަ މަތިވެރި ކުރެއްވިއެވެ. (އެއީ) ތިޔަބައިމީހުންނަށް، އެ އިލާހު ދެއްވި ތަކެއްޗާމެދު، ތިޔަބައިމީހުން އިމްތިހާނު ކުރެއްވުމަށް ޓަކައެވެ. ހަމަކަށަވަރުން ކަލޭގެފާނުގެ ރައްބަކީ، އުގޫބާތް ދެއްވުން އަވަސްވެވޮޑިގެންވާ އިލާހެވެ. އަދި ހަމަކަށަވަރުން އެ އިލާހީ، ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ އިލާހުކަން ކަށަވަރެވެ.