އަލްއަޢުރާފް

Al-A'raf

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
އަލިފް ލާމް މީމް ޞާދު. (މި އަކުރުތަކުގެ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.)
2
(މި ގުރްއާނަކީ) ކަލޭގެފާނަށް ބާވައިލެއްވި ފޮތެކެވެ. ފަހެ އެ ފޮތުން އިންޒާރުކުރެއްވުމަށް، ކަލޭގެފާނުގެ ހިތްޕުޅުގައި އެއްވެސް ދަތިކަމެއް އޮތަނުދެއްވާށެވެ. އަދި އެއީ، މުއުމިނުންނަށް ހުރި ހަނދާންކޮށްދިނުމެކެވެ.
3
ތިޔަބައިމީހުންގެ ރައްބުގެ ހަޒްރަތުން، ތިޔަބައިމީހުންނަށް ބާވައިލެއްވި ފޮތަށް ތިޔަބައިމީހުން ތަބާ ވާށެވެ. އަދި އެ އިލާހު ފިޔަވާ، އެހެން އެހީތެރިންތަކަކަށް ތަބާ ނުވާށެވެ. ތިޔަބައިމީހުން ހަނދުމަކުރަނީ، ވަރަށް ވެސް މަދުންނެވެ.
4
އަދި ތިމަން އިލާހު ހަލާކު ކުރެއްވީ ކިތައްކިތައް ރަށްހެއްޔެވެ؟ ފަހެ ރޭގަނޑުގައި، ނުވަތަ މެންދުރު އެ މީހުން ނިދާފާ ތިއްބާ އެ ރަށްތަކަށް ތިމަން އިލާހުގެ އަޒާބު އައެވެ.
5
ފަހެ ތިމަން އިލާހުގެ ބާރުގަދަކަން އެ މީހުންގެ ގާތަށް އައި ހިނދު، ހަމަކަށަވަރުން ތިމަންމެން އަނިޔާވެރިން ކަމުގައި ވެއްޖައީމުއޭ ބުނުން ނޫން އެހެން ބުނުމެއް، އެ މީހުންގެ ނެތެވެ.
6
ހަމަކަށަވަރުން، އެ މީހުންގެ ގާތަށް ރަސޫލުން ފޮނުއްވި މީހުންނާ ތިމަން އިލާހު ސުވާލު ކުރައްވާ ހުށީމެވެ. އަދި ރަސޫލުންނާވެސް، ހަމަކަށަވަރުން ތިމަން އިލާހު ސުވާލު ކުރައްވާ ހުށީމެވެ.
7
އަދި (އެ މީހުން ކުރި ހުރިހާކަމެއް) ދެނެވޮޑިގެންވާ ހާލުގައި، ހަމަކަށަވަރުން ތިމަން އިލާހު އެ މީހުންނަށް ކިޔައިދެއްވާ ހުށީމެވެ. އަދި (މި ކަމުގައި) ތިމަން އިލާހު ދުރުވެވޮޑިގެނެއް ނުވަމެވެ.
8
އެ ދުވަހުން (މީސްތަކުންގެ އަމަލުތައް) ކިރައި ވަޒަން ކުރައްވާހުށީ ހައްގު ގޮތުގައެވެ. ފަހެ އެ މީހެއްގެ (ހެޔޮ އަމަލުތަކުގެ) ތިލަފަތްތައް ބަރުވެއްޖެ މީހާ (ދަންނާށެވެ.) ފަހެ އެ މީހުންނަކީ ހަމަ ކާމިޔާބުވާނެ މީހުންނެވެ.
9
އަދި އެ މީހެއްގެ ތިލަފަތްތައް ލުއިވެއްޖެ މީހާ (ދަންނާށެވެ.) ފަހެ އެ މީހުންނަކީ، ތިމަން އިލާހުގެ އާޔަތްތަކަށް އިންކާރު ކޮށްއުޅުމުގެ ސަބަބުން އެ މީހުންގެ އަމިއްލަ ނަފްސުތަކަށް ގެއްލުންދިން މީހުންނެވެ.
10
ހަމަކަށަވަރުން ތިމަން އިލާހު ތިޔަބައިމީހުންނަށް ބިމުގައި ކަންތައްތައް ފަހިކޮށްދެއްވާ ބާރުވެރިކޮށްދެއްވީމެވެ. އަދި އެ ތާނގައި، ތިޔަބައިމީހުންނަށް ދިރިއުޅެވޭނެ ގޮތްތަކެއް ލެއްވީމެވެ. (އެހެނެއްކަމަކު) ތިޔަބައިމީހުން ޝުކުރުކުރަނީ ވަރަށް ވެސް މަދުންނެވެ.
11
އަދި ހަމަކަށަވަރުން ތިމަން އިލާހު ތިޔަބައިމީހުން (އެބަހީ: ތިޔަބައިމީހުންގެ އަސްލުކަމުގައިވާ އާދަމުގެފާނު) ހެއްދެވީމެވެ. ދެން ތިޔަބައިމީހުން (އެބަހީ: އާދަމުގެފާނު)ސޫރަކުރެއްވީމެވެ. ދެން މަލާއިކަތުންނަށް ވަހީ ކުރެއްވީމެވެ. އާދަމުގެފާނަށް ތިޔަބައިމީހުން ސަޖިދަކުރާށެވެ! ދެން އިބްލީސް ފިޔަވާ، އެ މީހުން ސަޖިދަކުރިއެވެ. ސަޖިދަކުރި މީހުންގެ ތެރެއިން އޭނާ ނުވެއެވެ.
12
އެ އިލާހު ވަހީކުރެއްވިއެވެ: ތިމަން އިލާހު ކަލެއަށް އަމުރުކުރެއްވި ހިނދު ސަޖިދަކުރުން ކަލެއަށް މަނާކުރީ ކޮންކަމެއްހެއްޔެވެ؟ އެކަލޭގެ ދެންނެވިއެވެ: އެކަލޭގެފާނަށްވުރެ ތިމަން މާމޮޅެވެ. އިބަ އިލާހު ތިމަން ހެއްދެވީ އަލިފާނުންނެވެ. އަދި އިބަ އިލާހު އެކަލޭގެފާނު ހެއްދެވީ މަށީންނެވެ.
13
އެ އިލާހު ވަހީކުރެއްވިއެވެ: ތިޔަތަނުން (އެބަހީ: ސުވަރުގެއިން) ކަލޭ ފައިބާށެވެ! ފަހެ ތިޔަތާނގައި ހުރެ ކަލެޔަކަށް ބޮޑާވެގަތުމެއް ނެތެވެ. ފަހެ ކަލޭ ނިކުންނާށެވެ! ހަމަކަށަވަރުން ކަލޭވަނީ ދެރަވެ ނިކަމެތިވެގެންވާ މީހުންގެ ތެރެއިންނެވެ.
14
އެކަލޭގެ ދެންނެވިއެވެ: އެ މީހުން ދިރުއްވައި، އަލުން ފޮނުއްވާނޭ ދުވަހާ ހަމައަށް ތިމަން ލަހައްޓަވާނދޭވެ.
15
އެ އިލާހު ވަހީކުރެއްވިއެވެ: ހަމަކަށަވަރުން ކަލޭވަނީ، ލަހައްޓަވާފައިވާ މީހުންގެ ތެރެއިންނެވެ.
16
އެކަލޭގެ ދެންނެވިއެވެ: އިބަ އިލާހު ތިމަންނާ ތެދުމަގުން އެއްކިބާ ކުރައްވާ، ލެހެއްޓެވިކަމުގެ ސަބަބުން، ހަމަކަށަވަރުން އެ މީހުން އިބަ އިލާހުގެ ތެދުމަގަށް ވާސިލު ވުމަށް ހުރަސް އަޅާހުށީމެވެ.
17
ދެން އެ މީހުންގެ ކުރިމަތިންނާއި، ފަހަތުންނާއި، އެ މީހުންގެ ކަނާތްފަރާތުންނާއި ވާތްފަރާތުން (ވަސްވާސްދިނުމަށް) އެ މީހުންގެ ގާތަށް ތިމަން އަންނަ ހުށީމެވެ. އަދި އޭގެ ގިނަމީހުންނަކީ، ޝުކުރުކުރާ މީހުން ކަމުގައި އިބަ އިލާހު ދެކެވޮޑިއެއް ނުގަންނަވާނެއެވެ.
18
އެ އިލާހު ވަހީކުރެއްވިއެވެ: މަލާމާތް ލިބި، ރަހުމަތުން ދުރުކުރައްވާފައިވާ ހާލު، ތިޔަތަނުން ކަލޭ ނުކުންނާށެވެ! އެ މީހުންގެ ތެރެއިން ކަލެއަށް ތަބާވީ މީހުންނާއި، ތިޔަ އެންމެން އަޅުއްވާ، ތިމަން އިލާހު ނަރަކަ ފުރުއްވާހުށީމެވެ.
19
އޭ އާދަމުގެފާނެވެ. ކަލޭގެފާނާއި، ކަލޭގެފާނުގެ އަނބިކަނބަލުން ސުވަރުގޭގައި އުޅުއްވާށެވެ. ފަހެ ތިޔަ ދެކަނބަލުން ބޭނުން އެއްޗަކުން ފަރިއްކުޅުއްވާށެވެ. (އެކަމަކު) ތިޔަ ދެކަނބަލުން، މިހިރަ ގަހާ ކައިރިވެވަޑައިނުގަންނަވާހުށިކަމެވެ. ފަހެ (ކައިރިވެވަޑައިގެންފިނަމަ) އޭރުން ތިޔަ ދެކަނބަލުން ވާހުށީ، އަނިޔާވެރިންގެ ތެރެއިންނެވެ.
20
ދެންފަހެ އެ ދެކަނބަލުންގެ އައުރަ އިން އެ ދެކަނބަލުންނަށް ނިވައިވެގެންވާ ތަން ފާޅުކުރުމަށް ޓަކައި، އެ ދެކަނބަލުންނަށް ޝައިތާނާ ވަސްވާސްދިނެވެ. އަދި އެކަލޭގެ ދެންނެވިއެވެ: ތިޔަ ދެކަނބަލުން ދެ މަލާއިކަތުން ކަމުގައި ވެދާނެ ކަމަށް ޓަކައި، ނުވަތަ އަބަދަށް ދެމިތިބެނިވި މީހުންގެ ތެރެއިން ތިޔަ ދެކަނބަލުން ވެދާނެކަމަށް ޓަކައި މެނުވީ ތިޔަ ދެކަނބަލުންގެ ރައްބު ތިޔަ ދެކަނބަލުން އެގަހާ ކައިރިވެވަޑައިގަތުން މަނާއެއް ނުކުރައްވައެވެ.
21
އަދި އެކަލޭގެ ހުވާކޮށް، އެ ދެކަނބަލުންނަށް ދެންނެވިއެވެ: ހަމަކަށަވަރުން ތިމަންނާވަނީ، ތިޔަ ދެކަނބަލުންނަށް ހެޔޮ ނަސޭހަތް ދޭ މީހުންގެ ތެރެއިންކަން ކަށަވަރެވެ.
22
މަކަރުވެރިކަމުން އެކަލޭގެ އެ ދެކަނބަލުން ހަލާކުގެ ތެރެއަށް ވައްޓާލިއެވެ. ދެންފަހެ އެ ދެކަނބަލުން، އެ ގަހުން ރަހަބެއްލެވިހިނދު، އެ ދެކަނބަލުންގެ އައުރަ އެ ދެކަނބަލުންނަށް ފާޅުވެއްޖެއެވެ. އަދި އެ ދެކަނބަލުން ސުވަރުގޭގެ (ގަހުގެ) ފަތްތަކުން (އައުރަ) ނިވާކުރެއްވުމަށް އަވަސްވެވަޑައިގަތެވެ. އަދި އެ ދެކަނބަލުންގެ ރައްބު، އެ ދެކަނބަލުންނަށް ނިދާ އިއްވެވިއެވެ. އެގަހާ ކައިރިވެވަޑައިގަތުން ތިމަން އިލާހު ތިޔަ ދެކަނބަލުންނަށް ނަހީ ނުކުރައްވަންހެއްޔެވެ؟ އަދި ހަމަކަށަވަރުން ޝައިތާނާއީ، ތިޔަ ދެކަނބަލުންނަށް ބަޔާން ވެގެންހުރި އަދާވާތްތެރިއެއް ކަމަށް ވަހީ ނުކުރައްވަންހެއްޔެވެ؟
23
އެ ދެކަނބަލުން ދެންނެވިއެވެ: އަޅަމެންގެ ރައްބެވެ. އަޅަމެންގެ އަމިއްލަ ނަފްސުތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިބަ އިލާހު ފާފަ ނުފުއްސަވައިފިނަމަ، އަދި ރަހުމަތް ނުލައްވައިފިނަމަ، އަޅަމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.
24
އެ އިލާހު ވަހީކުރެއްވިއެވެ: ތިޔަބައިމީހުންގެ އެއްބަޔަކު އަނެއް ބަޔަކާ އަދާވާތްތެރިން ކަމުގައިވާ ހާލު، ތިޔަބައިމީހުން (ބިމަށް) ފައިބާށެވެ! އަދި ބިމުގައި ތިޔަބައިމީހުންނަށް ޓަކައި، ގަރާރުވެ ތިބެނިވި ތަނަކާއި، ހިނދުކޮޅަކަށް ދުނިޔޭގެ ވަގުތީ އުފަލެއްވެއެވެ.
25
އެ އިލާހު ވަހީކުރެއްވިއެވެ: ތިޔަބައިމީހުން ދިރިއުޅޭހުށީ، އެތާނގައެވެ. އަދި މަރުވާހުށީވެސް އެތާނގައެވެ. އަދި (ގިޔާމަތް ދުވަހުން ދިރުއްވައި) ނެރުއްވާހުށީވެސް އެ ތަނުންނެވެ.
26
އޭ އާދަމުގެ ދަރިންނޭވެ. ތިޔަބައިމީހުންގެ އައުރަތައް ނިވައިކުރަނިވި ހެދުމާއި، ޒީނަތްތެރި ފޭރާން، ތިމަން އިލާހު ތިޔަބައިމީހުންނަށް ދެއްވީމެވެ. އަދި ތަގުވާގެ ފޭރާން މާހެޔޮކަން ބޮޑެވެ. އެ ކަންތައްތައްވަނީ، ﷲ ގެ އާޔަތްތަކުގެ ތެރެއިންނެވެ. (އެއީ) އެ މީހުން ހަނދުމަ ކުރުމަށް ޓަކައެވެ.
27
އޭ އާދަމުގެ ދަރިންނޭވެ. ތިޔަބައިމީހުންގެ މައިންބަފައިން ކަމުގައިވި (އާދަމުގެފާނާއި ޙައްވާގެފާނާއި) ދެކަނބަލުންގެ އައުރަ އެ ދެކަނބަލުންނަށް ދެއްކުމަށް ޓަކައި، އެ ދެކަނބަލުންގެ ފޭރާން ބާލައި، އެ ދެކަނބަލުން ސުވަރުގެއިން ނެރެލިފަދައިން، ޝައިތާނާ ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނަށް އެ ޝައިތާނުން ނުފެންނަހިނދުގައި، އެ ޝައިތާނާއާއި، އޭނާގެ ލަޝްކަރަށް ތިޔަބައިމީހުން ފެނެއެވެ. ހަމަކަށަވަރުން އީމާން ނުވާ މީހުންނަށް، ވާގިވެރިވާ ބަޔަކު ކަމުގައި، ތިމަން އިލާހު ޝައިތާނުން ލެއްވީމެވެ.
28
އެ މީހުން ފާހިޝްކަމެއް ކޮށްފިނަމަ، ބުނެއެވެ. ތިމަންމެންގެ ކާބަފައިންވެސް އެ ކަން ކުރުންމަތީވަނިކޮށް ތިމަންމެން ދުށީމުއެވެ. އަދި އެ ކަމަށް ﷲ ވަނީ، ތިމަންމެންނަށް އަމުރުކުރައްވާފައެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ފާހިޝްކަމަކަށް ހަމަކަށަވަރުން ﷲ އަމުރެއް ނުކުރައްވައެވެ. ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް ﷲ އާމެދު ތިޔަބައިމީހުން ބުނަނީހެއްޔެވެ؟
29
ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނުގެ ރައްބު އަމުރުކުރެއްވީ އަދުލުވެރި ވުމަށެވެ. އަދި ތިޔަބައިމީހުން ނަމާދުކުރާ ކޮންމެ ހިނދަކު، ތިޔަބައިމީހުންގެ މޫނުތައް (ގިބްލަށް) ސީދާ ކުރާށެވެ! އަދި ތިޔަބައިމީހުން، އެ އިލާހަށް އަޅުކަން ޚާލިސްކުރާ ހާލު، އެ އިލާހަށް އަޅުކަންކޮށް ދުއާކުރާށެވެ! އެ އިލާހު ތިޔަބައިމީހުން ފުރަތަމަ އުފެއްދެވި ފަދައިން، ތިޔަބައިމީހުން އަލުން އެނބުރި އަންނަހުއްޓެވެ.
30
އެއްބަޔަކަށް، އެ އިލާހު ތެދުމަގު ދެއްކެވިއެވެ. އަދި އަނެއް ބަޔެއްގެ މައްޗަށް ވަނީ މަގުފުރެދުން ހައްގު ވެފައެވެ. ހަމަކަށަވަރުން އެ މީހުން ﷲ ފިޔަވާ ޝައިތާނުންނަކީ، އެހީތެރިން ކަމުގައި ބެލިއެވެ. އަދި އެ މީހުންނީ ތެދުމަގު ލިބިގެންވާ ބަޔަކު ކަމުގައި އެ މީހުން ހީކުރެއެވެ.
31
އޭ އާދަމުގެ ދަރިންނޭވެ. ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ! އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފު ނުކުރާށެވެ! ހަމަކަށަވަރުން އިސްރާފުކުރާ މީހުންދެކެ އެ އިލާހު ލޯބިވެވޮޑިގެނެއް ނުވެއެވެ.
32
ކަލޭގެފާނު ވިދާޅުވާށެވެ. ﷲ، އެ އިލާހުގެ އަޅުތަކުންނަށް ނެރުއްވައިދެއްވި، ﷲ ގެ ޒީނަތާއި، ރިޒްގުގެ ތެރެއިން ރަނގަޅު ތަކެތި ހަރާމްކުޅައީ ކާކުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ. އެ ތަކެތި ވަނީ އީމާން ވީ، މީހުންނަށް ދުންޔަވީ ހަޔާތުގައި ދެއްވާފައެވެ. ގިޔާމަތް ދުވަހުން އެ ތަކެތި (މުއުމިނުންނަށް) ޚާލިސް ވެގެންވާ ހާލުގައެވެ. އެނގޭބަޔަކަށް އެފަދައިން ތިމަން އިލާހުގެ އާޔަތްތައް ތަފްސީލު ކޮށްދެއްވަމެވެ.
33
ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނުގެ ރައްބު ހަރާމްކުރެއްވިކަން ކަށަވަރީ، ފާހިޝް ކަންތައްތަކެވެ. އޭގެ ތެރެއިން ފާޅުވެގެންވާ ކަންތަކާއި ވަންހަނާ ވެގެންވާ ކަންތަކެވެ. އަދި ފާފަކުރުމާއި، ހައްގަކާ ނުލާ (މީސްތަކުންނަށް) އަނިޔާވެރިވުމެވެ. އަދި އެ އެއްޗަކަށް އެއްވެސް ހުއްޖަތެއް ދެއްވާފައި ނުވާ އެއްޗެއް، ތިޔަބައިމީހުން، ﷲ އަށް ޝަރީކުކުރުމެވެ. އަދި ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް، ﷲ އާމެދު ތިޔަބައިމީހުން ބުނުމެވެ.
34
ކޮންމެ އުއްމަތަކަށްމެ އަޖަލެއް ވެއެވެ. ފަހެ އެ މީހުންގެ އަޖަލު އައުމުން، އެންމެ ހިނދުކޮޅަކަށް ވެސް އެ މީހުންނަކަށް ލަހެއްނު ކުރައްވާ ހުއްޓެވެ. އަދި އަވަހެއްވެސް ނުމެ ކުރައްވާ ހުއްޓެވެ.
35
އޭ އާދަމުގެ ދަރިންނޭވެ. ތިމަން އިލާހުގެ އާޔަތްތައް، ތިޔަބައިމީހުންނަށް ކިޔައިދެއްވާ ރަސޫލުންތަކެއް، ތިޔަބައިމީހުންގެ ތެރެއިން ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިނަމަ، ފަހެ ތަގުވާވެރިވެ، އަދި (އަމަލުތައް) އިސްލާހު ކޮށްފިމީހާ (ދަންނާށެވެ.) ފަހެ އެ މީހުންގެ މައްޗަކަށް އެއްވެސް ބިރެއް ނެތެވެ. އަދި އެ މީހުންނީ، ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ.
36
އަދި ތިމަން އިލާހުގެ އާޔަތްތައް ދޮގުކޮށް، އަދި އެއާމެދު ކިބުރުވެރިވެގަތް މީހުން އެއީ، ނަރަކައިގެ އަހުލުވެރިންނެވެ. އެ މީހުންނީ އެ ތާނގައި ދެމިތިބޭނޭ މީހުންނެވެ.
37
ﷲ އާމެދު ހަދާގެން ދޮގުބުނި މީހަކަށްވުރެ، ނުވަތަ އެ އިލާހުގެ އާޔަތްތައް ދޮގުކުރި މީހަކަށްވުރެ، އަނިޔާވެރިކަން ބޮޑީ ފަހެ ކާކުހެއްޔެވެ؟ އެ މީހުންނަށް ޓަކައި ލިޔުއްވާފައިވާ މިންވަރު އެ މީހުންނަށް ލިބޭނެއެވެ. އެ މީހުންގެ މަރު ހިއްޕެވުމަށް، ތިމަން އިލާހު ފޮނުއްވާ މަލާއިކަތުން ވަޑައިގެންފުމަށް ދާންދެނެވެ. އެ ހިނދު އެ ބޭކަލުން ވިދާޅުވާނެއެވެ. ﷲ ފިޔަވާ ތިޔަބައިމީހުން އަޅުކަންކޮށް އުޅުނު ތަކެތި ކޮބައިހެއްޔެވެ؟ އެ މީހުން ދަންނަވާނެއެވެ. އެ ތަކެތި ތިމަންމެންނަށް ގެއްލިއްޖެއެވެ. އަދި އެ މީހުންނީ ކާފިރުން ކަމުގައި އެ މީހުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް އެ މީހުން ހެކިވެއްޖެއެވެ.
38
އެ އިލާހު ވަހީ ކުރައްވާނެއެވެ. ޖިންނީންނާއި، އިންސީންގެ ތެރެއިން ތިޔަބައިމީހުންގެ ކުރިން އިސްވެގޮސްފައިވާ (އަނިޔާވެރި) ބައިގަނޑަކާއެކު ތިޔަބައިމީހުން ނަރަކައަށް ވަންނާށެވެ! އޭގެ ތެރެއިން ބަޔަކު (ނަރަކައަށް) ވަންނަ ކޮންމެފަހަރަކު، އެބަޔަކު އެފަދަ އަނެއް ބަޔަކަށް ލައުނަތް ދެއެވެ. އެ އެންމެން ނަރަކައަށް ޖަމާވެ ނިމުމުން އެ މީހުން ކުރެ ފަހުގެ މީހުން ކުރީގެ މީހުންނާމެދު ބުނާނެއެވެ. އަޅަމެންގެ ރައްބެވެ. އަޅަމެން މަގުފުރެއްދީ މިތިބަ މީހުންނެވެ. ފަހެ އެ މީހުންނަށް ނަރަކައިގެ އަޒާބު ދެގުނައަށް ދެއްވާނދޭވެ. އެ އިލާހު ވަހީ ކުރައްވާނެއެވެ. ތިޔައިން ކޮންމެ ބަޔަކަށް ވެސް ދެގުނައަށް (އަޒާބު) ހުއްޓެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންނަކަށް ނޭނގެއެވެ.
39
އަދި އެ މީހުން ކުރެ ކުރީގެ މީހުން ފަހުގެ މީހުންނަށް ބުނާނެއެވެ. ފަހެ ތިމަންމެންގެ މައްޗަށް ތިޔަބައިމީހުންނަކަށް އިތުރު ކަމެއް ނެތެވެ. ފަހެ ތިޔަބައިމީހުން ހޯދައި އުޅުނު (ނުބައި) އަމަލުތަކުގެ ސަބަބުން ތިޔަބައިމީހުން އަޒާބުގެ ރަހަ ލިބިގަންނާށެވެ!
40
ހަމަކަށަވަރުން ތިމަން އިލާހުގެ އާޔަތްތައް ދޮގުކޮށް، އަދި އެ އާޔަތްތަކާމެދު ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ.) އެ މީހުންނަށް ޓަކައި، އުޑުގެ ދޮރުތައް ހުޅުވިގެން ނުދާހުއްޓެވެ. އަދި ތިނޯހުގެ ފަގަޔަށް ޖަމަލު ވަދެއްޖައުމަށް ދާންދެން އެ މީހުން ސުވަރުގެ ނުވަންނަހުއްޓެވެ. ކުށްވެރިންނަށް ތިމަން އިލާހު ޖަޒާ ދެއްވަނީ އެފަދައިންނެވެ.
41
އެ މީހުންނަށް ނަރަކައިގެ ދާނެއްވެއެވެ. އަދި އެ މީހުންގެ ގައިމަތީ (އަލިފާނުގެ) ސާލުތަކެއްވެއެވެ. އަނިޔާވެރިންނަށް ތިމަން އިލާހު ޖަޒާ ދެއްވަނީ އެފަދައިންނެވެ.
42
އަދި އީމާންވެ، ސާލިހު އަމަލުކުޅަމީހުން (ދަންނާށެވެ.) ތިމަން އިލާހު އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ކުޅަދާނަ ވެގެންވާ މިންވަރަކަށް މެނުވީ ތަކުލީފެއް ނުޖައްސަވަމެވެ. އެ މީހުންނީ، ސުވަރުގޭގެ އަހުލުވެރިންނެވެ. އެ މީހުންނީ، އެ ތާނގައި ދެމިތިބެނިވި ބަޔެކެވެ.
43
އަދި އެ މީހުންގެ ހިތްތަކުގައިވާ ހަސަދަވެރިކަން، ތިމަން އިލާހު ވަނީ ވަކިކުރައްވާފައެވެ. އެ މީހުންގެ ދަށުން ފެންއާރުތައް ހިނގައެވެ. އަދި އެ މީހުން ބުނާނެއެވެ. ހަމްދު ހުރީ ތިމަންމެންނަށް މިކަމަށް ތެދުމަގު ދެއްކެވި ﷲ އަށެވެ. އަދި ﷲ، ތިމަންމެންނަށް ތެދުމަގު ދައްކަވައިފިއްޔާ މެނުވީ، ތިމަންމެންނަކަށް ތެދުމަގެއް ނުފެނުނީހެވެ. ތިމަންމެންގެ ރައްބު ފޮނުއްވި ރަސޫލުން، ހައްގު ދީނާއިގެން ވަޑައިގަތްކަން ކަށަވަރެވެ. ދެން އެ މީހުންނަށް ގޮވައި އަންގަވާނެއެވެ. އެހެރީ ސުވަރުގެއެވެ. ތިޔަބައިމީހުން ކޮށްއުޅުނު އަމަލުތަކުގެ ސަބަބުން އެ ތަން ތިޔަބައިމީހުންނަށް ލިބިދެއްވިއެވެ.
44
ސުވަރުގޭގެ އަހުލުވެރިން، ނަރަކައިގެ އަހުލުވެރިންނަށް ގޮވައި ބުނާނެއެވެ. ތިމަންމެންގެ ރައްބު ތިމަންމެންނަށް ވައުދު ކުރެއްވި ކަންތައް، ހައްގު ގޮތުގައި ހަމަކަށަވަރުންވެސް ތިމަންމެންނަށް ފެނިއްޖެއެވެ. ފަހެ ތިޔަބައިމީހުންގެ ރައްބު ވައުދު ކުރެއްވި ކަންތައް، ހައްގު ގޮތުގައި ތިޔަބައިމީހުންނަށް ފެނިއްޖެހެއްޔެވެ؟ އެ މީހުން ބުނާނެއެވެ. އާނއެކެވެ! ފަހެ (އެ ހިނދު) ގޮވައިލައްވާ ބޭކަލަކު އެ މީހުންގެ މެދުގައި ގޮވައިލައްވާނެއެވެ. އަނިޔާވެރިންގެ މައްޗަށް ﷲ ގެ ލައުނަތް ހުއްޓެވެ.
45
އެ މީހުންނީ، ﷲ ގެ މަގުން (މީސްތަކުން) އެއްކިބާކުރާ މީހުންނެވެ. އަދި އެ މަގު ގުދު މަގަކަށްވުމަށް އެދޭ މީހުންނެވެ. އަދި އެ މީހުންނީ، އާޚިރަތް ދުވަހަށް ކާފިރު ވެގެންވާ މީހުންނެވެ.
46
އެ ދެބައިމީހުންގެ ދެމެދުގައި، ފަރުދާއެއްވެއެވެ. އަޢުރާފް މަތީގައި (އެބަހީ: ސުވަރުގޭގެ ފާރުމަތީގައި) މީހުންތަކެއް ވެއެވެ. އެ މީހުންނަށް އެ ދެބައިމީހުންގެ އަލާމަތްތަކުން، އެ ދެބައިމީހުން އެނގެއެވެ. އަދި އެ މީހުން ސުވަރުގޭގެ އަހުލުވެރިންނަށް ގޮވައިލާނެތެވެ. ތިޔަބައިމީހުންގެ މައްޗަށް ސަލާމް ހުއްޓެވެ. އެ މީހުން ތިބޭނީ ސުވަރުގެއަށް ނުވަދެވި، އެ ކަމުގެ ދަހިވެތިކަމުގައެވެ.
47
އަދި އެ މީހުންގެ ލޯތައް ނަރަކައިގެ އަހުލުވެރިންނާ ދިމާއަށް އަނބުރައިލާހިނދު، އެ މީހުން ބުނާނެއެވެ. އަޅަމެންގެ ރައްބެވެ. އަނިޔާވެރިވީ މީހުންނާ އެކުގައި އަޅަމެން ނުލައްވާނދޭވެ.
48
އަދި އަޢުރާފްގެ އަހުލުވެރިން، އެބަޔެއްގެ އަލާމާތުން އެ މީހުން ދަންނަ މީހުންތަކަކަށް ގޮވައި ބުނާނެއެވެ. ތިޔަބައިމީހުންގެ ބައިގިނަކަމާއި، ތިޔަބައިމީހުން ކިބުރުވެރިވެ އުޅުނުކަން (ނަރަކައިގެ އަޒާބުން) ތިޔަބައިމީހުން މިންޖެއް ނުކުރިތާއެވެ.
49
އެ މީހުންނަށް ﷲ ރަހުމަތެއް ނުލައްވާނޭކަމަށް ތިޔަބައިމީހުން ހުވާކުރި މީހުންނަކީ މި ތިބީހެއްޔެވެ؟ (އެ މީހުންނަށް އަންގަވާނެއެވެ.) ސުވަރުގެއަށް ތިޔަބައިމީހުން ވަންނާށެވެ! ތިޔަބައިމީހުންގެ މައްޗަކަށް އެއްވެސް ބިރެއްނެތެވެ. އަދި ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ތިޔަބައިމީހުން ނުވަމުއެވެ.
50
ނަރަކައިގެ އަހުލުވެރިން، ސުވަރުގޭގެ އަހުލުވެރިންނަށް ގޮވައި ބުނާނެއެވެ. ތިމަންމެންނަށް ފެންފޮދަކުން، ނުވަތަ ﷲ، ތިޔަބައިމީހުންނަށް ރިޒްގުކުރެއްވި އެއްޗަކުން އެހީވާށެވެ. އެ މީހުން ބުނާނެއެވެ. އެ ތަކެތި ވަނީ، ކާފިރުވި މީހުންނަށް ﷲ، ހަރާމް ކުރައްވާފައެވެ.
51
އެ މީހުންނީ، އެ މީހުންގެ ދީން، ފޫހިފިލުވުމެއް ކަމުގައްޔާއި، ކުޅިވަރެއް ކަމުގައި ހަދާ، ދުނިޔޭގެ ދިރިއުޅުން އެ މީހުން ހެއްލުންތެރި ކޮށްފައިވާ މީހުންނެވެ. ފަހެ އެ މީހުން މިދުވަހާ ބައްދަލުވާނެކަން ހަނދާން ނައްތާލި ފަދައިން، އަދި ތިމަން އިލާހުގެ އާޔަތްތަކާ ދެކޮޅު ހަދާ އުޅުނުކަމަށް ޓަކައި އަދު ތިމަން އިލާހު އެ މީހުންގެ މަތީން ހަނދުމަނެތި ކުރައްވާ ހުށީމެވެ.
52
ހަމަކަށަވަރުން ތިމަން އިލާހު އެ މީހުންނަށް ފޮތެއް ދެއްވާ، ދެނެވޮޑިގަތުމާއެކު، ތިމަން އިލާހު އެ ފޮތް ތަފްސީލު ކޮށްބަޔާންކޮށްދެއްވީމެވެ. އެއީ އީމާންވާ ބަޔަކަށް ތެދުމަގެއް ކަމުގައްޔާއި، ރަހުމަތެއް ކަމުގައެވެ.
53
އެންމެފަހުގެ ނަތީޖާއަށް މެނުވީ، އެ މީހުން އިންތިޒާރުކުރޭހެއްޔެވެ؟ އެންމެފަހުގެ ނަތީޖާ (ފެނިގެން) އަންނަ ދުވަހު (އެބަހީ: ގިޔާމަތް ދުވަހު) ކުރިން އެ ކަންތައް ހަނދާން ނައްތާލި މީހުން ބުނާނެއެވެ. ހަމަކަށަވަރުން ތިމަންމެންގެ ރައްބު ފޮނުއްވި ރަސޫލުން، ހައްގު ދީނާއިގެން ވަޑައިގަތެވެ. ފަހެ ތިމަންމެންނަށް ޝަފާއަތްތެރިންތަކެއް ވޭބާވައެވެ؟ ނުވަތަ (ދުނިޔޭގައި) ތިމަންމެން އަމަލު ކޮށްއުޅުނުގޮތް ނޫންގޮތަކަށް އަމަލުކުރުމަށް ޓަކައި، ތިމަންމެން އެނބުރި (ދުނިޔެއަށް) ފޮނުއްވާނެ ބާވައެވެ؟ ހަމަކަށަވަރުން އެ މީހުން، އެ މީހުންގެ ނަފްސުތައް ނަގާލައިފިއެވެ. އަދި އެ މީހުން ދޮގުން އުފައްދައި އުޅުނު އިލާހުންތައް، އެ މީހުންނަށް ގެއްލިހިނގައްޖެއެވެ.
54
ހަމަކަށަވަރުން ތިޔަބައިމީހުންގެ ރައްބަކީ، ހަ ދުވަހުގެ ތެރޭގައި އުޑުތަކާއި ބިން ހެއްދެވި ﷲ އެވެ. ދެން އެ އިލާހު ޢަރްޝުގެ މައްޗަށް އިސްތަވާވެ އަރައިވޮޑިގެންނެވިއެވެ. އަދި އެ އިލާހު ރޭގަނޑުން ދުވާލު ފޮރުއްވާލައްވައެވެ. (އެއިން ކޮންމެ އެއްޗެއް) އަވަސްކަމާއެކު (އަނެކައްޗެއް) ހޯދައިގަނެއެވެ. އަދި އިރާއި، ހަނދާއި، ތަރިތައް، އެ އިލާހުގެ އަމުރުފުޅަށް ކިޔަމަން ކުރައްވާފައިވާ ގޮތުގައި ހެއްދެވިއެވެ. ދަންނާށެވެ. ޚަލްގުކުރެއްވުމާއި، އަމުރުކުރެއްވުން މިލްކުވެގެން ވަނީ އެ އިލާހަށެވެ. އާލަމްތަކުގެ ރައްބު ﷲ، ބަރަކާތްތެރިވެ މަތިވެރިވެ ވޮޑިގެންވެއެވެ.
55
މަޑުމޮޅިކަމާއި، ވަންހަނާ ގޮތުގައި، ތިޔަބައިމީހުންގެ ރައްބަށް ދުއާކުރާށެވެ! ހަމަކަށަވަރުން ހައްދުފަހަނަޅައިދާ މީހުންދެކެ އެ އިލާހު ލޯބިވެވޮޑިގެނެއް ނުވެއެވެ.
56
ބިން އިސްލާހު ކުރެއްވުމަށް ފަހު، ތިޔަބައިމީހުން އެ ބިމުގައި ފަސާދަ ނުކުރާށެވެ! އަދި ބިރުވެތިވެ، އެދުންވެ ތިބޭ ހާލު، އެ އިލާހަށް ތިޔަބައިމީހުން ދުއާކުރާށެވެ! ހަމަކަށަވަރުން ﷲ ގެ ރަހުމަތްފުޅުވަނީ، އިހްސާންތެރިންނާ ގާތުގައެވެ.
57
އަދި އެ އިލާހުގެ ރަހުމަތުގެ ކުރިއަށް، (އެބަހީ: ވާރޭގެ ކުރިއަށް) އުފާވެރި ޚަބަރެއްގެ ގޮތުގައި، ވައިރޯޅިތައް ފޮނުއްވަނީ އެ އިލާހެވެ. އަދި އެ ރޯޅިތައް، ފެނުން ބަރުވެފައިވާ ވިލާގަނޑެއް އުފުލައިގަތުމުން، މަރުވެފައިވާ ރަށަކަށް ތިމަން އިލާހު އެ ވިލާގަނޑު ފޮނުއްވަމެވެ. ދެން އެއިން ފެންވެއްސަވައި، ހުރިހާ ބާވަތެއްގެ މޭވާއިން ގަސް ފަޅުއްވަމެވެ. މަރުވެފައިވާ މީހުން (އަލުން ދިރުއްވައި) ނެރުއްވާހުށީ، ހަމަ އެފަދައިންނެވެ. (އެއީ) ތިޔަބައިމީހުން ހަނދުމަކުރޭތޯއެވެ.
58
(ބިމާއި ފެން) ރަނގަޅު ރަށްރަށުން، އެރަށްތަކުގެ ރައްބުގެ އިޒުނަފުޅާއެކު، އެރަށުގެ ގަސްގަހާގެހި ފަޅައެވެ. (ބިން) ނުބައި ރަށްރަށުން ފައިދާއެއްނެތް މަދު ގަސްކޮޅެއް މެނުވީ ނުފަޅައެވެ. ޝުކުރުކުރާ ބަޔަކަށް ތިމަން އިލާހުގެ އާޔަތްތައް އެކިގޮތްގޮތަށް ބަޔާންކޮށްދެއްވަނީ އެފަދައިންނެވެ.
59
ހަމަކަށަވަރުން ތިމަން އިލާހު ނޫޙުގެފާނު، އެކަލޭގެފާނުގެ ގައުމުގެ މީހުންގެ ގާތަށް ރަސޫލުކަމާއިގެން ފޮނުއްވީމެވެ. ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ: އޭ އަހަރެންގެ ގައުމުގެ މީހުންނެވެ. ތިޔަބައިމީހުން ﷲ އަށް އަޅުކަން ކުރާށެވެ! އެ އިލާހު ފިޔަވާ އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. ހަމަކަށަވަރުން ބޮޑުވެގެންވާ ދުވަހެއްގެ އަޒާބު ތިޔަބައިމީހުންނަށް ލިބިދާނެކަމަށް އަހަރެން ބިރުގަނެއެވެ.
60
އެކަލޭގެފާނުގެ ގައުމުގެ ބޮޑުން ބުންޏެވެ. ހަމަކަށަވަރުން އަހުރެމެންނަށް ފެންނަނީ، ފާޅުވެގެންވާ ފުރެދުމެއްގައި ކަލޭގެފާނު ވާތީއެވެ.
61
އެކަލޭގެފާނު ވިދާޅުވިއެވެ: އޭ އަހަރެންގެ ގައުމުގެ މީހުންނެވެ. އަހަރެންގެ ކިބައިގައި އެއްވެސް ފުރެދުމެއް ނެތެވެ. އަދި ކީއްހެއްޔެވެ؟ އަހަރެންނީ، އާލަމްތަކުގެ ރައްބުގެ ހަޒްރަތުން އައި ރަސޫލަކީމެވެ.
62
އަހަރެންގެ ރައްބުގެ ރަސޫލުކަން ތިޔަބައިމީހުންނަށް އަހަރެން އިއްވަމެވެ. އަދި ތިޔަބައިމީހުންނަށް ނަސޭހަތްތެރިވަމެވެ. އަދި ތިޔަބައިމީހުންނަށް ނޭނގޭ ކަންތައްތައް ﷲ ގެ ހަޒްރަތުން އަހަރެންނަށް އެނގެއެވެ.
63
އަދި ތިޔަބައިމީހުންގެ ތެރެއިން ފިރިހެނަކަށް، ތިޔަބައިމީހުންގެ ރައްބުގެ ހަޒްރަތުން ހަނދުމަކޮށްދިނުމެއް، ތިޔަބައިމީހުންނަށް އައުމުން ހައިރާން ވީހެއްޔެވެ؟ އެއީ ތިޔަބައިމީހުންނަށް އިންޒާރުކުރެއްވުމަށާއި، ތިޔަބައިމީހުން ތަގުވާވެރިވުމަށެވެ. އަދި ތިޔަބައިމީހުންނަށް ރަހުމަތް ލައްވާތޯއެވެ.
64
ފަހެ އެ މީހުން އެކަލޭގެފާނު ދޮގުކުރިއެވެ. ދެން ތިމަން އިލާހު އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަރިހުގައި ނާކޮޅުގައިވާ އެންމެން ސަލާމަތް ކުރެއްވީމެވެ. އަދި ތިމަން އިލާހުގެ އާޔަތްތައް ދޮގުކުރި މީހުން ޣަރަގުކުރެއްވީމެވެ. ހަމަކަށަވަރުން އެ މީހުންވީ (ހައްގުގެ މަގު ނުފެންނަ) ކަނު ބަޔަކު ކަމުގައެވެ.
65
އަދި ތިމަން އިލާހު ޢާދު ބާގައިމީހުންގެ ގާތަށް އެ މީހުންގެ އަޚު، ހޫދުގެފާނު (ފޮނުއްވީމެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ: އޭ އަހަރެންގެ ގައުމުގެ މީހުންނެވެ. ތިޔަބައިމީހުން ﷲ އަށް އަޅުކަން ކުރާށެވެ! އެ އިލާހު ފިޔަވާ، އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. ފަހެ ތިޔަބައިމީހުން (އެ އިލާހަށް) ތަގުވާވެރި ނުވަނީހެއްޔެވެ؟
66
އެކަލޭގެފާނުގެ ގައުމުގެ މީހުންކުރެ ކާފިރުވި ބޮޑުން ބުންޏެވެ. ހަމަކަށަވަރުން ކަލޭގެފާނުވަނީ، މޮޔަކަމެއްގެ ތެރޭގައިކަމަށް ތިމަންމެންނަށް ފެނެއެވެ. އަދި ހަމަކަށަވަރުން ތިމަންމެންނަށް ހީވަނީ، ކަލޭގެފާނަކީ، ދޮގުވެރިންގެ ތެރެއިންވާ މީހެއް ކަމުގައެވެ.
67
އެކަލޭގެފާނު ވިދާޅުވިއެވެ: އޭ އަހަރެންގެ ގައުމުގެ މީހުންނެވެ. އަހަރެންގެ ކިބައިގައި އެއްވެސް މޮޔަކަމެއް ނެތެވެ. އަދި ކީއްހެއްޔެވެ؟ އަހަރެންނީ، އާލަމްތަކުގެ ރައްބުގެ ހަޒްރަތުން އައި ރަސޫލަކީމެވެ.
68
އަހަރެންގެ ރައްބުގެ ރަސޫލުކަން ތިޔަބައިމީހުންނަށް އަހަރެން އިއްވަމެވެ. އަދި އަހަރެންނީ، ތިޔަބައިމީހުންނަށްވާ އަމާނަތްތެރި ނަސޭހަތްތެރިޔަކީމެވެ.
69
އަދި ތިޔަބައިމީހުންގެ ތެރެއިން ފިރިހެނަކަށް، ތިޔަބައިމީހުންގެ ރައްބުގެ ހަޒްރަތުން ހަނދުމަކޮށްދިނުމެއް، ތިޔަބައިމީހުންނަށް އައުމުން ހައިރާން ވީހެއްޔެވެ؟ އެއީ ތިޔަބައިމީހުންނަށް އިންޒާރުކުރެއްވުމަށެވެ. އަދި ނޫޙުގެފާނުގެ ގައުމަށް ފަހުގައި، ޚަލީފާއިން ކަމުގައި ތިޔަބައިމީހުން ލެއްވިކަމާއި، ހެއްދެވުމުގައި ތިޔަބައިމީހުންގެ އިސްކޮޅާއި ބާރު އިތުރުކުރެއްވިކަން ތިޔަބައިމީހުން ހަނދުމަކުރާށެވެ. ފަހެ ﷲ ގެ ނިއުމަތްތައް ތިޔަބައިމީހުން ހަނދުމަކުރާށެވެ. (އެއީ) ތިޔަބައިމީހުން ކާމިޔާބުވޭތޯއެވެ.
70
އެ މީހުން ބުންޏެވެ. ކަލޭގެފާނު އަހުރެމެންގެ ގާތަށް ތިޔަވަޑައިގަތީ، ހަމައެކަނި ﷲ އަށް އަހުރެމެން އަޅުކަން ކުރުމަށާއި، އަހުރެމެންގެ ކާބަފައިން އަޅުކަންކޮށް އުޅުނު ތަކެތި އަހުރެމެން ދޫކޮށްލުމަށް އެންގެވުމަށްތޯއެވެ؟ ފަހެ ކަލޭގެފާނުވަނީ، ތެދުވެރިންގެ ތެރެއިން ކަމަށްވާނަމަ، ކަލޭގެފާނު އަހުރެމެންނަށް ތިޔަ ވައުދު ކުރައްވާ ކަމެއް، އަހުރެމެން ގާތަށް ނިކަން ގެންނަވައި ބައްލަވާށެވެ.
71
އެކަލޭގެފާނު ވިދާޅުވިއެވެ: ތިޔަބައިމީހުންގެ ރައްބުގެ ހަޒްރަތުން އަޒާބާއި ކޯފާ އައިސް، ތިޔަބައިމީހުންގެ މައްޗަށް ހުށަހެޅިއްޖެކަން ކަށަވަރެވެ. ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ ކާބަފައިން، ނަންދީފައިވާ ބުދުތަކާމެދު، ތިޔަބައިމީހުން ތިމަންކަލޭގެފާނާ ޖަދަލުކުރަނީހެއްޔެވެ؟ އެ ތަކެއްޗަށް (އަޅުކަން ކުރުމަށް) އެއްވެސް ހުއްޖަތެއް ﷲ ބާވައެއް ނުލައްވައެވެ. ފަހެ ތިޔަބައިމީހުން އިންތިޒާރުކުރާށެވެ! ތިމަންކަލޭގެފާނުވެސް ތިޔަބައިމީހުންނާއެކު އިންތިޒާރުކުރާ މީހުންގެ ތެރެއިން ވާހުށީމެވެ.
72
ދެން (އަޒާބު އައި ހިނދު) ތިމަން އިލާހުގެ ރަހުމަތްފުޅުން، އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަރިހުގައިވާ ބަޔަކު، ތިމަން އިލާހު ސަލާމަތްކުރެއްވީމެވެ. އަދި ތިމަން އިލާހުގެ އާޔަތްތައް ދޮގުކުރި މީހުންގެ އެންމެފަހު މީހާއަށް ދާންދެން، ހަލާކު ކުރައްވާ، ނެތިކުރެއްވީމެވެ. އަދި އެ މީހުން އީމާންވި ބަޔަކު ކަމުގައި ނުވެއެވެ.
73
އަދި ތިމަން އިލާހު ޘަމޫދު ބާގައިމީހުންގެ ގާތަށް އެ މީހުންގެ އަޚު، ޞާލިޙުގެފާނު (ފޮނުއްވީމެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ: އޭ އަހަރެންގެ ގައުމުގެ މީހުންނެވެ. ތިޔަބައިމީހުން، ﷲ އަށް އަޅުކަންކުރާށެވެ! އެ އިލާހު ފިޔަވާ، އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. ތިޔަބައިމީހުންގެ ރައްބުގެ ހަޒްރަތުން ބަޔާންވެގެންވާ މުއުޖިޒާތެއް ތިޔަބައިމީހުންނަށް އަތުވެއްޖެކަން ކަށަވަރެވެ. މުއުޖިޒާތެއްގެ ގޮތުން މިއޮތީ ތިޔަބައިމީހުންނަށް ޓަކައި ﷲ ފޮނުއްވި ޖަމަލެވެ. ފަހެ ﷲ ގެ ބިމުން އޭތި ކައިއުޅުމަށް ތިޔަބައިމީހުން ދޫކުރާށެވެ! އަދި އެއަށް އެއްވެސް ގޯނާއެއް ތިޔަބައިމީހުން ނުކުރާށެވެ! ފަހެ (އެ ކަން ކޮށްފިނަމަ) ވޭންދެނިވި އަޒާބެއް ތިޔަބައިމީހުންނަށް ލިބޭނެއެވެ.
74
އަދި ޢާދު ބާގައިމީހުންގެ ފަހުން، ޚަލީފާއިން ކަމުގައި އެ އިލާހު ތިޔަބައިމީހުން ލެއްވިކަމާއި، ބިމުގައި ތިޔަބައިމީހުން ވަޒަންވެރި ކުރެއްވިކަން ހަނދުމަކުރާށެވެ! އެތާނގެ ހަމަބިންތަކުން ގަނޑުވަރުތައް ތިޔަބައިމީހުން ހަދަމުއެވެ. އަދި ފަރުބަދަތައް ކަނޑައިގެން، ގެތައްވެސް ތިޔަބައިމީހުން ހަދަމުއެވެ. ފަހެ ﷲ ގެ ނިއުމަތްތައް ތިޔަބައިމީހުން ހަނދުމަކުރާށެވެ! އަދި ފާސިދުން ކަމުގައިވެތިބެ، ތިޔަބައިމީހުން ބިމުގައި ފަސާދަ ނުކުރާހުށިކަމެވެ.
75
އެކަލޭގެފާނުގެ ގައުމުގެ މީހުންގެ ތެރެއިން ކިބުރުވެރިވެގަތް ބޮޑުން، އޭގެ ތެރެއިން އީމާންވެ، ނިކަމެތިކޮށްހިތުނު މީހުންނަށް ބުންޏެވެ. ޞާލިޙުގެފާނަކީ، އެކަލޭގެފާނުގެ ރައްބުގެ ހަޒްރަތުން ފޮނުއްވި ރަސޫލަކުކަން ތިޔަބައިމީހުން ދެނެތިބީމުހެއްޔެވެ؟ އެ މީހުން ބުންޏެވެ. ހަމަކަށަވަރުން އެކަލޭގެފާނު އެކަމަކާއިގެން ފޮނުއްވި ކަމަކަށް، ތިމަންމެން މި ތިބީ އީމާންވެގެންނެވެ.
76
ކިބުރުވެރިވިމީހުން ބުންޏެވެ. ތިޔަބައިމީހުން، އީމާންވި ކަންތަކަށް ހަމަކަށަވަރުން އަހުރެމެން މި ތިބީ ކާފިރު ވެގެންނެވެ.
77
ފަހެ އެ މީހުން އެ ޖަމަލު މަރައިލޫއެވެ. އަދި އެ މީހުންގެ ރައްބުގެ އަމުރުފުޅަށް ނުކިޔަމަންތެރިވިއެވެ. އަދި އެ މީހުން ބުންޏެވެ. އޭ ޞާލިޙުގެފާނެވެ. ކަލޭގެފާނުވަނީ، ރަސޫލުންގެ ތެރެއިން ކަމަށްވާނަމަ، ކަލޭގެފާނު އަހުރެމެންނަށް ތިޔަ ވައުދު ކުރައްވާ ކަމެއް (އެބަހީ: އަޒާބު) އަހުރެމެންނަށް ނިކަން ގެންނަވައި ބައްލަވާށެވެ.
78
ދެންފަހެ ބިރުވެރި ބިންހެލުމެއް އެ މީހުންނަށް އައިސްޖެހުނެވެ. އަދި އެ މީހުންގެ ގެތަކުގައި، ކަކޫމައްޗަށް ތިރިވެ، މަރުވެފައިތިބި ބަޔަކު ކަމުގައި އެ މީހުން ވެއްޖެއެވެ.
79
ދެން އެކަލޭގެފާނު، އެ މީހުންގެ ކިބައިން ދުރުހެލިވެވަޑައިގަތެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ: އޭ އަހަރެންގެ ގައުމުގެ މީހުންނެވެ. ހަމަކަށަވަރުން އަހަރެންގެ ރައްބުގެ ރަސޫލުކަން ތިޔަބައިމީހުންނަށް އިއްވީމެވެ. އަދި ތިޔަބައިމީހުންނަށް އަހަރެން ނަސޭހަތްތެރިވީމެވެ. އެހެނެއްކަމަކު، ތިޔަބައިމީހުން ނަސޭހަތްތެރިވާ މީހުންދެކެ ލޯތްބެއް ނުވަމުއެވެ.
80
އަދި ލޫޠުގެފާނު، އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް ވިދާޅުވި ހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުންގެ ކުރިން، އާލަމްތަކުގެ ތެރެއިން އެކަކުވެސް ކޮށްފައިނުވާ ފާހިޝް އަމަލު ތިޔަބައިމީހުން ކުރަނީހެއްޔެވެ؟
81
ހަމަކަށަވަރުން ތިޔަބައިމީހުން ޝަހްވާނީ ގޮތުން، އަންހެނުން ދޫކޮށް، ފިރިހެނުންނާ ގާތްވަމުއެވެ. އަދި ކިއެއް! ތިޔަބައިމީހުންނީ (ފާފަކުރުމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކީމުއެވެ.
82
އެކަލޭގެފާނުގެ (އެބަހީ: ލޫޠުގެފާނުގެ) ގައުމުގެ މީހުންގެ ޖަވާބު ކަމުގައި އެ މީހުންގެ މި ބުނުން ނޫނީ ނުވެއެވެ. ތިޔަބައިމީހުންގެ ރަށުން، އެ މީހުން (އެބަހީ: ލޫޠުގެފާނާއި، އެކަލޭގެފާނަށް އީމާން ވެގެން ތިބިމީހުން) ބޭރުކޮށްލާށެވެ! ހަމަކަށަވަރުން އެ މީހުންނަކީ، ތާހިރު ވެގަންނަ ބަޔެކެވެ.
83
ފަހެ އެކަލޭގެފާނުގެ އަނބިކަނބަލުން ފިޔަވާ، އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަހުލުވެރިން، ތިމަން އިލާހު ސަލާމަތްކުރެއްވީމެވެ. އެ ކަނބުލޭގެވީ، ހަލާކުވެދިޔަ މީހުންގެ ތެރެއިންނެވެ.
84
އަދި ތިމަން އިލާހު އެ މީހުންގެ މައްޗަށް (ހިލައިގެ) ވާރެއެއް ވެއްސެވީމެވެ. ފަހެ ކުށްވެރިންގެ ނިމުންހުރީ ކިހިނަކުންކަން، ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ.
85
އަދި މަދްޔަންގެ މީހުންގެ ގާތަށް ތިމަން އިލާހު އެ މީހުންގެ އަޚު، ޝުއައިބުގެފާނު (ފޮނުއްވީމެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ: އޭ އަހަރެންގެ ގައުމުގެ މީހުންނެވެ. ތިޔަބައިމީހުން، ﷲ އަށް އަޅުކަން ކުރާށެވެ! އެ އިލާހު ފިޔަވާ، އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. ތިޔަބައިމީހުންގެ ރައްބުގެ ހަޒްރަތުން، ބަޔާންވެގެންވާ ހެއްކެއް ތިޔަބައިމީހުންނަށް އަތުވެއްޖެކަން ކަށަވަރެވެ. ފަހެ ތިޔަބައިމީހުން، މިނުމާއި، ކިރުން ފުރިހަމަ ކުރާށެވެ! އަދި މީސްތަކުންނަށް އެ މީހުންގެ ތަކެތި ތިޔަބައިމީހުން އުނިނުކުރާށެވެ! އަދި އެ ބިން އިސްލާހުކުރުމަށް ފަހު، ތިޔަބައިމީހުން ބިމުގައި ފަސާދަ ނުކުރާށެވެ! ތިޔަބައިމީހުންނީ، އީމާންވާ ބަޔަކު ކަމުގައިވާނަމަ، އެ ގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ.
86
އަދި ބިރުދައްކައި، ފޭރުމަށާއި، ﷲ އަށް އީމާންވި މީހުން އެ އިލާހުގެ މަގުން އެއްކިބާކުރުމަށާއި، އެމަގު ގުދުމަގަކަށް ހެދުމަށް އެދި، އެއްވެސް މަގެއްގައި ތިޔަބައިމީހުން ނުތިބޭށެވެ! އަދި ތިޔަބައިމީހުން، މަދު ބަޔަކު ކަމުގައި ތިއްބާ އެ އިލާހު، ތިޔަބައިމީހުން ގިނަކުރެއްވިކަން ހަނދުމަކުރާށެވެ! އަދި ފަސާދަކުރާ މީހުންގެ ނިމުންހުރީ ކިހިނަކުންކަން، ތިޔަބައިމީހުން ދެކޭށެވެ!
87
އަދި ތިޔަބައިމީހުންކުރެ އެއްބަޔަކު، ތިމަންކަލޭގެފާނު އެކަމަކާއިގެން ފޮނުއްވެވިކަމަކަށް އީމާން ވެފައި، އަނެއް ބަޔަކު އީމާން ނުވިނަމަ، ތިމަންމެންގެ މެދުގައި ﷲ ހުކުމް ކުރައްވާފުމަށް ދާންދެން، ތިޔަބައިމީހުން ކެތްކުރާށެވެ! އެ އިލާހީ، ހުކުމް ކުރައްވާ އެންމެ ހެޔޮ އިލާހެވެ.
88
އެކަލޭގެފާނުގެ ގައުމުގެ މީހުންގެ ތެރެއިން ކިބުރުވެރިވެގަތް ބޮޑުން ބުންޏެވެ. އޭ ޝުއައިބުގެފާނެވެ. ކަލޭގެފާނާއި، ކަލޭގެފާނުގެ އަރިހުގައި އީމާން ވެގެން ތިބިމީހުން، ތިމަންމެންގެ ރަށުން ބޭރުކޮށްލައިފާހުށީމެވެ. ނުވަތަ ތިމަންމެންގެ ދީނަށް ކަލޭގެފާނު އެނބުރި ވަޑައިގަންނަވާށެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ތިމަންމެން (އެ ކަމަށް) ނުރުހޭ ހާލުގައި ވީނަމަވެސްހެއްޔެވެ؟
89
ތިޔަބައިމީހުންގެ ދީނަށް، ތިމަންމެން އެނބުރި ހިނގައްޖެނަމަ، ހަމަކަށަވަރުން ތިމަންމެންވާހުށީ، ﷲ، ތިމަންމެން އެ ދީނުން މިންޖު ކުރެއްވުމަށް ފަހުގައި، ﷲ އާމެދު، ދޮގެއްހެދި ބަޔަކު ކަމުގައެވެ. އަދި ތިމަންމެންގެ ވެރި ﷲ އިރާދަކުރައްވާފިއްޔާ މެނުވީ، ތިމަންމެންނަކަށް އެ ދީނަށް އެނބުރިއެއް ނުދެވޭނެއެވެ. ތިމަންމެންގެ ރައްބުގެ ދެނެވޮޑިގަތުން، ހުރިހާ އެއްޗަކަށް ތަނަވަސްވެގެންވެއެވެ. ތިމަންމެން ވަކީލުކުރަނީ، ﷲ އަށެވެ. އަޅަމެންގެ ރައްބެވެ. އަޅަމެންނާއި، އަޅަމެންގެ ގައުމުގެ މީހުންނާ ދެމެދު، ހައްގު ގޮތުގައި ހުކުމް ކުރައްވާނދޭވެ. އިބަ އިލާހީ، ހުކުމް ކުރައްވާ އެންމެހެޔޮ އިލާހެވެ.
90
އެކަލޭގެފާނުގެ ގައުމުގެ މީހުންގެ ތެރެއިން، ކާފިރު ވެގަތް ބޮޑުން ބުންޏެވެ. ޝުއައިބުގެފާނަށް ތިޔަބައިމީހުން ތަބާ ވެއްޖެނަމަ، ހަމަކަށަވަރުން ތިޔަބައިމީހުން ވާހުށީ، ގެއްލެނިވެގެންވާ ބަޔަކު ކަމުގައެވެ.
91
ދެންފަހެ ބިރުވެރި ބިންހެލުމެއް، އެ މީހުންނަށް އައިސްޖެހުނެވެ. އަދި އެ މީހުންގެ ގެތަކުގައި ކަކޫމައްޗަށް ތިރިވެ، މަރުވެފައިތިބި ބަޔަކު ކަމުގައި އެ މީހުން ވެއްޖެއެވެ.
92
ޝުއައިބުގެފާނު ދޮގުކުރި މީހުން، އެގެތަކުގައި ދިރިނޫޅޭފަދައެވެ. ޝުއައިބުގެފާނު ދޮގުކުރި މީހުންވީ، ހަމަ، ގެއްލެނިވެގެންވާ ބަޔަކު ކަމުގައެވެ.
93
ދެން އެކަލޭގެފާނު، އެ މީހުންގެ ކިބައިން ދުރުހެލިވެ ވަޑައިގަތެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ: އޭ އަހަރެންގެ ގައުމުގެ މީހުންނެވެ. ހަމަކަށަވަރުން އަހަރެންގެ ރައްބުގެ ރަސޫލުކަން ތިޔަބައިމީހުންނަށް އިއްވީމެވެ. އަދި ތިޔަބައިމީހުންނަށް އަހަރެން ނަސޭހަތްތެރިވީމެވެ. ފަހެ ކާފިރުވި ބަޔަކުގެ މައްޗަށް އަހަރެން ހިތާމަކުރާނީ ކޮންފަދައަކުންހެއްޔެވެ؟
94
އެ ރަށެއްގެ އަހުލުވެރިންނަށް ދަތި އުނދަގޫކަމާއި ގެއްލުން ނުޖައްސަވާ އެއްވެސް ރަށަކަށް ތިމަން އިލާހު ނަބިއްޔަކު ނުފޮނުއްވަމެވެ. އެއީ އެ މީހުން މަޑުމޮޅިވުމަށެވެ.
95
ދެން ނުބައި ހާލަތް، ރަނގަޅު ހާލަތަށް ތިމަން އިލާހު ބަދަލު ކުރެއްވީމެވެ. (އެއީ) އެ މީހުން ގިނަވެ، ތަނަވަސްވެއްޖައުމަށް ދާންދެނެވެ. ދެން އެ މީހުން ބުންޏެވެ. ހަމަކަށަވަރުން ތިމަންމެންގެ ކާބަފައިންނަށް ތަދުމަޑުކަމާއި، ތިޔާގިކަން ލިބުނެވެ. ދެން އެ މީހުންނަށް ނޭނގި ތިއްބާ، ކުއްލިއަކަށް ތިމަން އިލާހު (އަޒާބުން) އެ މީހުން ހިއްޕެވީމެވެ.
96
ރަށްތަކުގެ އަހުލުވެރިން އީމާންވެ ތަގުވާވެރިވީނަމަ، ހަމަކަށަވަރުން އުޑުންނާއި، ބިމުން ތިމަން އިލާހު އެ މީހުންގެ މައްޗަށް ބަރަކާތުގެ މަގުތައް ހުޅުއްވައިދެއްވީމުހެވެ. އެހެނެއްކަމަކު އެ މީހުން ދޮގުކުރިއެވެ. ދެން އެ މީހުން ހޯދައި އުޅުނު އަމަލުތަކަށްޓަކައި، ތިމަން އިލާހު (އަޒާބުން) އެ މީހުން ހިއްޕެވީމެވެ.
97
ފަހެ ރަށްތަކުގެ އަހުލުވެރިން އެ މީހުން ރޭގަނޑުގައި ނިދާފާ ތިއްބާ، އެ މީހުންގެ ގާތަށް ތިމަން އިލާހުގެ ބާރުގަދަކަން އަތުވެދާނެކަމާމެދު (ބިރެއްނެތި) އަމާންވެ ތިބީހެއްޔެވެ؟
98
ނުވަތަ ރަށްތަކުގެ އަހުލުވެރިން، އެ މީހުން ކުޅެކުޅެ ތިއްބާ ދުވާލުގެ ޟުޙާ ވަގުތުގައި، އެ މީހުންގެ ގާތަށް ތިމަން އިލާހުގެ ބާރުގަދަކަން އަތުވެދާނެ ކަމާމެދަކު (ބިރެއްނެތި) އަމާންވެ ތިބީހެއްޔެވެ؟
99
ފަހެ ﷲ ގެ ރޭއްވެވުމާމެދު އެ މީހުން (ބިރެއްނެތި) އަމާންވެ ތިބީހެއްޔެވެ؟ ފަހެ ގެއްލެނިވެގެންވާ މީހުން މެނުވީ، ﷲ ގެ ރޭއްވެވުމާމެދު (ބިރެއްނެތި) އަމާންވެގެންނެއް ނުތިބޭނެތެވެ.
100
ބިމުގެ އަހުލުވެރިންނަށް ފަހު، އެ ބިން ވާރުތަވާ މީހުންނަށް ތިމަން އިލާހު އިރާދަކުރައްވާނަމަ، އެ މީހުންގެ ފާފަތަކުގެ ސަބަބުން ތިމަން އިލާހު އެ މީހުންނަށް އަޒާބު ދެއްވާފާނެކަމާއި، އެ މީހުންނީ، އަޑުނީވޭ ބަޔަކު ކަމުގައި ވާނޭގޮތުން، އެ މީހުންގެ ހިތްތަކުގައި ސިއްކަޖައްސަވައިފާނޭކަން ނޭނގެނީހެއްޔެވެ؟
101
އެއީ ރަށްތަކެވެ. އެ ރަށްތަކުގެ ޚަބަރުތައް، ކަލޭގެފާނަށް ތިމަން އިލާހު ކިޔައިދެއްވަމެވެ. ހަމަކަށަވަރުން އެ މީހުންގެ ގާތަށް، ބަޔާންވެގެންވާ ހެކިތަކާއިގެން އެ މީހުންގެ ރަސޫލުން ވަޑައިގަތެވެ. ފަހެ ކުރިން (ﷲ ގެ އިލްމުފުޅުގައި) އެ މީހުން ދޮގުކުރި އެއްޗަކަށް އީމާން ވާނެ ބަޔަކު ކަމުގައި އެ މީހުން ނުވިއެވެ. ކާފިރުންގެ ހިތްތަކުގައި ﷲ ސިއްކަޖައްސަވަނީ އެފަދައިންނެވެ.
102
އަދި އެ މީހުން ކުރެ ގިނަމީހުން، އެއްވެސް އަހުދެއްގައި (ހިފަހައްޓައިގެން) ވާތީ، ތިމަން އިލާހު ދެކެވޮޑިއެއް ނުގަންނަވަމެވެ. އަދި ހަމަކަށަވަރުން އެ މީހުން ކުރެ ގިނަމީހުންނީ، ފާސިގުން ކަމުގައިވާތީ ތިމަން އިލާހު ދެކެވޮޑިގެންވަމެވެ.
103
ދެން އެ ބޭކަލުންނަށް ފަހުގައި ފިރްޢައުނާއި އޭނާގެ ބޮޑުންގެ ގާތަށް ތިމަން އިލާހުގެ ހެކިތަކާއިގެން މޫސާގެފާނު ފޮނުއްވީމެވެ. ދެން އެ މީހުން އެ ހެކިތަކާ ދެކޮޅުހެދޫއެވެ. ފަހެ ފަސާދަކުރާ މީހުންގެ ނިމުންހުރީ، ކިހިނަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ.
104
މޫސާގެފާނު ވިދާޅުވިއެވެ: އޭ ފިރްޢައުނެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނީ، އާލަމްތަކުގެ ރައްބުގެ ހަޒްރަތުން ފޮނުއްވި ރަސޫލަކީމެވެ.
105
ތިމަންކަލޭގެފާނަށް ހައްގު ވެގެންވަނީ، ހައްގު ތެދުފިޔަވާ (އެހެން އެއްވެސް އެއްޗެއް) ﷲ އާމެދު ތިމަންކަލޭގެފާނު ވިދާޅުނުވުމެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ ގާތަށް ތިމަންކަލޭގެފާނު މިވަޑައިގަތީ، ތިޔަބައިމީހުންގެ ރައްބުގެ ހަޒްރަތުން ބަޔާންވެގެންވާ ހެއްކަކާއިގެންނެވެ. ފަހެ އިސްރާއީލުގެ ދަރިން ތިމަންކަލޭގެފާނާ އެކުގައި ފޮނުވާށެވެ.
106
އޭނާ ދެންނެވިއެވެ: ކަލޭގެފާނު ތިޔަވަޑައިގަތީ، ހެއްކަކާއިގެން ކަމުގައިވާނަމަ (އަދި) ތެދުވެރިންގެ ތެރެއިން ކަލޭގެފާނު ވާނަމަ، ފަހެ އެ ހެއްކެއް ނިކަން ގެންނަވައި ބައްލަވާށެވެ.
107
ދެން އެކަލޭގެފާނުގެ އަސާކޮޅު އެކަލޭގެފާނު އެއްލެވިއެވެ. ފަހެ އެ ހިނދު، އެ އަސާކޮޅު ފާޅުވެގެންވާ ހަރުފަޔަކަށް ވެއްޖެއެވެ.
108
އަދި އެކަލޭގެފާނުގެ އަތްޕުޅު ނެރުއްވިއެވެ. ފަހެ އެ ހިނދު، ބަލަން ތިބި މީހުންނަށް އެ އަތްޕުޅު ފެންނަންއޮތީ، ވިދަވިދައިއޮތް ހުދު އަތްޕުޅެއްކަމުގައެވެ.
109
ފިރްޢައުނުގެ ގައުމުގެ ބޮޑުން ބުންޏެވެ. ހަމަކަށަވަރުން މިއީ މޮޅަށްދަންނަ ޖާދޫގަރެއްކަން ކަށަވަރެވެ.
110
އެކަލޭގެފާނު އެދިވަޑައިގަންނަވަނީ، ތިޔަބައިމީހުންގެ ބިމުން ތިޔަބައިމީހުން ނެރެލެއްވުމަށެވެ. ވީމާ، ތިޔަބައިމީހުން އަމުރުކުރާ ގޮތަކީ ކޮބައިހެއްޔެވެ؟
111
އެ މީހުން ބުންޏެވެ. އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަޚު، އިހަށް ބައިތިއްބާށެވެ! އަދި (މީހުން) އެއްކުރުމަށް ގޮވާބަޔަކު، ރަށުތެރެއަށް ފޮނުވާށެވެ.
112
އޭރުން، އެ މީހުން (ގޮސް) މޮޅަށް ދަންނަ ހުރިހާ ޖާދޫގަރުން ކަލޭގެ ގާތަށް ގެނެސް ދޭނެއެވެ.
113
ފިރްޢައުނުގެ ގާތަށް ޖާދޫގަރުން އަތުވެއްޖެއެވެ. އެ މީހުން ބުންޏެވެ. ތިމަންމެން މޮޅުވެއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނަށް އުޖޫރައެއް އޮންނަންވާނެއެވެ.
114
އޭނާ ބުންޏެވެ. އާނއެކެވެ! އަދި ހަމަކަށަވަރުން ތިޔަބައިމީހުންވާހުށީ، ގާތްކުރެވިގެންވާ މީހުންގެ ތެރެއިންނެވެ.
115
އެ މީހުން ދެންނެވިއެވެ: އޭ މޫސާގެފާނެވެ. ކަލޭގެފާނު (ކުރިން) އެއްލަވާނީއެވެ. ނޫންނަމަ (ކުރިން) އެއްލާ މީހުންކަމުގައި ތިމަންމެން ވެދާނެއެވެ.
116
އެކަލޭގެފާނު ވިދާޅުވިއެވެ: ތިޔަބައިމީހުން އެއްލާށެވެ! ދެންފަހެ އެ މީހުން އެއްލިހިނދު، މީސްތަކުންގެ ލޯތަކަށް ޖާދޫދައްކައި، އެ މީހުން ބިރުގެންނެވިއެވެ. އަދި ބޮޑުވެގެންވާ ޖާދޫއެއް އެ މީހުން ގެނައެވެ.
117
ތިމަން އިލާހު މޫސާގެފާނަށް ވަހީ ކުރެއްވީމެވެ. ކަލޭގެފާނުގެ އަސާކޮޅު އެއްލަވާށެވެ. ދެން (އެކަލޭގެފާނުގެ އަސާކޮޅު އެއްލެވީމާ) އެހާރުން އެ އަސާކޮޅު އެ މީހުން ދޮގުން ހަދާގެން ދެއްކި ތަކެތި ކައި ދިރުވައިފިއެވެ.
118
ފަހެ ހައްގު ތެދު ފާޅުވެއްޖެއެވެ. އަދި އެ މީހުން ކޮށްއުޅުނު ކަންތައް ބާތިލު ވެގެން ހިނގައްޖެއެވެ.
119
ފަހެ އެ ތާނގައި އެ މީހުން ދެރަވެ ބަލިވެއްޖެއެވެ. އަދި އެ މީހުން ނިކަމެތީންކަމުގައި ވެގެން ހިނގައްޖެއެވެ.
120
އަދި އެ ޖާދޫގަރުން ސަޖިދަށް ތިރިވެއްޖެއެވެ.
121
އެ މީހުން ބުނެފިއެވެ. އާލަމްތަކުގެ ރައްބަށް ތިމަންމެން އީމާން ވެއްޖައީމުއެވެ.
122
(އެއީ) މޫސާގެފާނާއި، ހާރޫނުގެފާނުގެ ރައްބެވެ.
123
ފިރްޢައުނު ބުންޏެވެ. ތިޔަބައިމީހުންނަށް ތިމަން އިޒުނަ ނުދެނީސް، ތިޔަބައިމީހުން އެކަލޭގެފާނަށް އީމާން ވީހެއްޔެވެ؟ ހަމަކަށަވަރުން މިއީ ރަށުގެ އަހުލުވެރިން ރަށުން ނެރެލުމަށް ޓަކައި ތިޔަބައިމީހުން ރަށުތެރޭގައި ރޭވި ރޭވުމެއްކަން ކަށަވަރެވެ. ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެއެވެ.
124
ތިޔަބައިމީހުންގެ އަތްތަކާއި، ފައިތައް ތަފާތުވާގޮތަށް (އެބަހީ: ކަނާތާއި ވާތުފައި ނުވަތަ ވާތާއި ކަނާތުފައި) ތިމަން ބުރިކުރާހުށީމެވެ. ދެން ހަމަކަށަވަރުން ތިޔަހުރިހާ އެންމެން ސަލީބަށް އަރުވާހުށީމެވެ.
125
އެ މީހުން ބުންޏެވެ. ހަމަކަށަވަރުން ތިމަންމެން އެނބުރިދާހުށީ ތިމަންމެންގެ ރައްބުގެ ހަޒްރަތަށެވެ.
126
ތިމަންމެންގެ ކިބައިން ތިޔަބަދަލުހިފަނީ، ތިމަންމެންގެ ރައްބުގެ އާޔަތްތައް ތިމަންމެންނަށް އައުމުން، އެއަށް ތިމަންމެން އީމާން ވުން ފިޔަވާ އެހެން ކަމަކަށްޓަކައެއްނޫނެވެ. އަޅަމެންގެ ރައްބެވެ. އަޅަމެންގެ މައްޗަށް ކެތްތެރިކަން އޮއްސަވާނދޭވެ. އަދި މުސްލިމުން ކަމުގައި އަޅަމެން މަރުގަންނަވާނދޭވެ.
127
ފިރްޢައުނުގެ ގައުމުގެ ބޮޑުން ބުންޏެވެ. މޫސާގެފާނާއި، އެކަލޭގެފާނުގެ ގައުމުގެ މީހުން، ކަލެޔާއި ކަލޭގެ އިލާހުންތައް ދޫކޮށް، ބިމުގައި ފަސާދަ އުފެއްދުމަށް ތިޔަ ދޫކޮށްލަނީހެއްޔެވެ؟ އޭނާ ބުންޏެވެ. ތިމަންމެން އެ މީހުންގެ ފިރިހެން ދަރިން މަރާނަމެވެ. އަދި އެ މީހުންގެ އަންހެންވެރިން (ނުމަރައި ޚިދުމަތްކުރަން) ބައިތިއްބާނަމެވެ. ހަމަކަށަވަރުން ތިމަންމެންނީ އެ މީހުންގެ މައްޗަށް ގަދަކަން ލިބިގެންވާ ބަޔަކީމުއެވެ.
128
މޫސާގެފާނު، އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް ވިދާޅުވިއެވެ: ތިޔަބައިމީހުން، ﷲ ގެ ހަޒްރަތުން ވާގިއެދޭށެވެ! އަދި ތިޔަބައިމީހުން ކެތްކުރާށެވެ! ހަމަކަށަވަރުން ބިން މިލްކު ވެގެންވަނީ ﷲ އަށެވެ. އެ އިލާހުގެ އަޅުންގެ ތެރެއިން އެ އިލާހު އިރާދަކުރައްވާ މީހަކަށް، އެ ބިން ވާރުތަކޮށްދެއްވައެވެ. އަދި ހެޔޮ ނިމުންވަނީ، ތަގުވާވެރިންނަށެވެ.
129
އެ މީހުން ދެންނެވިއެވެ: ތިމަންމެންގެ ގާތަށް ކަލޭގެފާނު ވަޑައިގަތުމުގެ ކުރިންނާއި، ތިމަންމެންގެ ގާތަށް ކަލޭގެފާނު ވަޑައިގަތުމުގެ ފަހުންވެސް، ތިމަންމެންނަށް އުނދަގޫ ލިބެމުންދިޔައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ތިޔަބައިމީހުންގެ ރައްބު ތިޔަބައިމީހުންގެ އަދާވާތްތެރިޔާ ހަލާކު ކުރައްވާ، ތިޔަބައިމީހުން ބިމުގައި ވެރިކުރައްވާފާ ހުއްޓެވެ. ދެން ތިޔަބައިމީހުން އަމަލުކުރަނީ ކިހިނަކުންކަން، އެ އިލާހު ބައްލަވާވޮޑިގެން ވާނެއެވެ.
130
ހަމަކަށަވަރުން ތަދުމަޑު އަހަރުތަކާއި، މޭވާތަކުގެ އުނިކަން މެދުވެރި ކުރައްވާ، ތިމަން އިލާހު ފިރްޢައުނުގެ މީހުން ހިއްޕެވީމެވެ. (އެއީ) އެ މީހުން ހަނދުމަކުރުމަށް ޓަކައެވެ.
131
ފަހެ އެ މީހުންނާ ހަމައަށް ހެޔޮގޮތް އަތުވެއްޖެނަމަ، މިއީ ތިމަންމެންނަށް އޮތްކަމެކޭ އެ މީހުން ބުނެއެވެ. އަދި އެ މީހުންނަށް ނުބައިކަމެއް ޖެހިއްޖެނަމަ، މޫސާގެފާނާއި، އެކަލޭގެފާނުގެ އަރިހުގައިވާ މީހުންގެ ސުންޕާކަމުން ޖެހުނުކަމެއްކަމުގައި އެ މީހުން ހަދައެވެ. ދަންނާށެވެ. އެ މީހުންނަށް ސުންޕާގޮތް މެދުވެރިވުންވަނީ، ﷲ ގެ ހަޒްރަތުގައެވެ. އެހެނެއްކަމަކު، އެ މީހުން ކުރެ ގިނަމީހުންނަކަށް ނޭނގެއެވެ.
132
އެ މީހުން ދެންނެވިއެވެ: ތިމަންމެން، އޭގެ ޖާދޫގައި ޖެއްސެވުމަށް ޓަކައި އާޔަތްތަކުގެ ތެރެއިން ކޮންމެފަދަ އާޔަތެއް ކަލޭގެފާނު ތިމަންމެންނަށް ގެނެސްދެއްވި ކަމުގައިވިޔަސް، ކަލޭގެފާނަށް އީމާންވާ ބަޔަކު ކަމުގައި ތިމަންމެން ނުވާހުށީމުއެވެ.
133
ދެން ކަނޑައެޅި، ބަޔާންވެގެންހުރި އާޔަތްތަކެއް ކަމުގައި (ފެންބޮޑުވުމުގެ) ޠޫފާނާއި، ގޮއްފުޅަންގާއި، އުކުނާއި، ބޮކާއި، ލޭ، ތިމަން އިލާހު އެ މީހުންގެ މައްޗަށް ފޮނުއްވީމެވެ. ދެންވެސް އެ މީހުން ބޮޑާވެގަތޫއެވެ. އަދި އެ މީހުން ކުށްވެރި ބަޔަކު ކަމުގައިވިއެވެ.
134
އެ މީހުންގެ މައްޗަށް މި އަޒާބު އައިސްޖެހުނު ހިނދު އެ މީހުން ދެންނެވިއެވެ: އޭ މޫސާގެފާނެވެ. ކަލޭގެފާނުގެ ރައްބުގެ ހަޒްރަތަށް ތިމަންމެންނަށް ޓަކައި، ދުއާ ކޮށްދެއްވާށެވެ. ކަލޭގެފާނަށް އެ އިލާހު އަހުދު ކުރައްވާ އަންގަވާފައިވާ ގޮތުގެ މަތިންނެވެ. ހަމަކަށަވަރުން ތިމަންމެންގެ ކިބައިން މި އަޒާބު ފިއްލަވައިފިނަމަ، ހަމަކަށަވަރުން ކަލޭގެފާނަށް ތިމަންމެން އީމާން ވާހުށީމެވެ. އަދި ކަލޭގެފާނުގެ އަރިހުގައި އިސްރާއީލުގެ ދަރިން ފޮނުވާހުށީމެވެ.
135
ފަހެ ތިމަން އިލާހު އެ މީހުންގެ ކިބައިން އެ މުއްދަތެއް ހަމަވަނިވި މުއްދަތަކަށް، އެ އަޒާބު ފިއްލެވިހިނދު، އެހާރުން އަހުދު އުވާލާ ބަޔަކު ކަމުގައި އެ މީހުން ވިއެވެ.
136
ދެން ތިމަން އިލާހު އެ މީހުންގެ ކިބައިން ބަދަލު ހިއްޕެވީމެވެ. އަދި ކަނޑުގެ ތެރެއަށް އެ މީހުން ޣަރަގުކުރެއްވީމެވެ. އެއީ ތިމަން އިލާހުގެ އާޔަތްތައް އެ މީހުން ދޮގުކޮށް، އެ އާޔަތްތަކާމެދު ޣާފިލުވީ ބަޔަކު ކަމުގައި ވީކަމަށް ޓަކައެވެ.
137
ނިކަމެތިކޮށް ހިތެމުންދިޔަ ގައުމުގެ މީހުންނަށް، ބިމުގެ އިރުމައްޗާއި، އެ ބިމުގެ ހުޅަނގު، ތިމަން އިލާހު ވާރުތަކޮށްދެއްވީމެވެ. އެއީ ތިމަން އިލާހު އެ ތަންތާނގައި ބަރަކާތް ލައްވާފައިވާ ތަންތަނެވެ. އަދި ކަލޭގެފާނުގެ ރައްބު އިސްރާއީލުގެ ދަރިންނަށް ދެއްވާފައިވާ (ވައުދުގެ) ހެޔޮބަސްފުޅު، އެ މީހުން ކެތްތެރިވުމުގެ ސަބަބުން ފުރިހަމަވެގެންދިޔައެވެ. އަދި ތިމަން އިލާހު، ފިރްޢައުނާއި، އޭނާގެ ގައުމުގެ މީހުން ހަދަމުންގެންދިޔަތަކެއްޗާއި، އެ މީހުން ބިނާކުރަމުން ގެންދިޔަ އިމާރާތްތައް ހަލާކު ކުރައްވާ، ނެތިކުރެއްވީމެވެ.
138
އަދި ކަނޑު ހުރަސް ކުރައްވާ، ތިމަން އިލާހު އިސްރާއީލުގެ ދަރިން ގެންދެވީމެވެ. ދެން އެ މީހުން ގައުމެއްގެ މީހުންނާހަމައަށް އައެވެ. އެ މީހުން ތިބީ، އެ މީހުންގެ ބުދުތަކަށް އަޅުކަންކުރުން މަތީގައެވެ. އެ މީހުން (އެބަހީ: އިސްރާއީލުގެ ދަރިން) ދެންނެވިއެވެ: އޭ މޫސާގެފާނެވެ. އެ މީހުންނަށް އިލާހުންތަކެއް ވާފަދައިން، ތިމަންމެންނަށް ވެސް އިލާހެއް ލައްވައި ދެއްވާށެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ހަމަކަށަވަރުން ތިޔަބައިމީހުންނީ ހަމަ ޖާހިލު ބަޔެކެވެ.
139
ހަމަކަށަވަރުން އެ ގޮތެއްގެ މަތީގައި އެ މީހުން ތިބި ގޮތަކީ، ހަލާކުވެ އުވިގެންދާނޭ ގޮތެކެވެ. އަދި އެ މީހުން ކޮށްއުޅުނު އަމަލުތައް، ބާތިލު ވެގެންވެއެވެ.
140
އެކަލޭގެފާނު ވިދާޅުވިއެވެ: އާލަމްތަކުގެ މައްޗަށް ތިޔަބައިމީހުން މާތްކުރެއްވީ، އެ އިލާހު ކަމުގައިވާ ހާލު، ތިޔަބައިމީހުންނަށް އިލާހަކު ކަމުގައި ﷲ ނޫން އެހެން ފަރާތެއް ތިމަންކަލޭގެފާނު އެދިވަޑައިގަންނަވަންވީހެއްޔެވެ؟
141
ފިރްޢައުނުގެ މީހުންގެ ކިބައިން ތިމަން އިލާހު ތިޔަބައިމީހުން މިންޖުކުރެއްވި ހިނދު، ހަނދުމަކުރާށެވެ! އެ މީހުން ތިޔަބައިމީހުންނަށް ގަދަފަދަވެގެންވާ އަޒާބުގެ ރަހަ ދައްކަމުން ގެންދެތެވެ. އެ މީހުން ތިޔަބައިމީހުންގެ ފިރިހެން ދަރިން މަރައި، އަދި ތިޔަބައިމީހުންގެ އަންހެންވެރިން (ނުމަރައި ޚިދުމަތްކުރަން) ބައިތިއްބައެވެ. އެ ކަންތައްތަކުގައި، ތިޔަބައިމީހުންގެ ރައްބުގެ ހަޒްރަތުން އައިސްފައިވާ ބޮޑު އިމްތިހާނެއްވެއެވެ.
142
(ބަސް ވަހީ ކުރެއްވުމަށާއި، ތައުރާތު ބާވައިލެއްވުމަށް) ތިރީސް ރޭގެ މުއްދަތެއް ތިމަން އިލާހު މޫސާގެފާނަށް ކަނޑައަޅުއްވާ ދެއްވީމެވެ. އަދި އެއަށް ދިހަޔެއް އިތުރުކުރައްވާ، ފުރިހަމަ ކުރެއްވީމެވެ. ފަހެ އެކަލޭގެފާނުގެ ރައްބު ކަނޑައަޅުއްވާފައިވާ މުއްދަތު ސާޅީސް ރޭ ފުރިހަމަވިއެވެ. އަދި މޫސާގެފާނު އެކަލޭގެފާނުގެ އަޚު، ހާރޫނުގެފާނަށް ވިދާޅުވިއެވެ: ތިމަންކަލޭގެފާނުގެ ގައުމުގެ މީހުންގެ ތެރޭގައި ތިމަންކަލޭގެފާނުގެ ބަދަލުގައި ހުންނަވާށެވެ. އަދި އިސްލާހު ކުރައްވާށެވެ. އަދި ފަސާދަކުރާ މީހުންގެ މަގަށް ތަބާ ވެވަޑައިނުގަންނަވާށެވެ.
143
އަދި ތިމަން އިލާހު ކަނޑައަޅުއްވާފައިވާ ވަގުތާއި ތަނަށް މޫސާގެފާނު ވަޑައިގަންނަވައި، އެކަލޭގެފާނުގެ ރައްބު އެކަލޭގެފާނަށް ވާހަކަފުޅު ދައްކަވާ (ބަސް ވަހީކުރެއްވި) ހިނދު، އެކަލޭގެފާނު ދެންނެވިއެވެ: އަޅުގެ ރައްބެވެ. އިބަ އިލާހަށް މި އަޅާ ބަލައިލުމަށް ޓަކައި، މި އަޅާއަށް ދައްކަވައިފާނދޭވެ. އެ އިލާހު ވަހީކުރެއްވިއެވެ: ކަލޭގެފާނަކަށް ތިމަން އިލާހު ފެނިވަޑައެއް ނުގަންނަވާނެއެވެ. އެހެނެއްކަމަކު ފަރުބަދަޔަށް ބައްލަވާށެވެ. ފަހެ އެ ފަރުބަދަ އެ ހުރިތާ ހަރުލައިހުރެއްޖެ ނަމަ، ކަލޭގެފާނަށް ތިމަން އިލާހު ފެނިވަޑައިގެންފާނެއެވެ. ފަހެ އެކަލޭގެފާނުގެ ރައްބު ފަރުބަދައަށް ފާޅުވެވޮޑިގެންނެވި ހިނދު، އެ ފަރުބަދަ ކުނޑިކުނޑިވެ ބިމާ ހަމަވެގެންވާ އެއްޗެއް ކަމުގައި ލެއްވިއެވެ. އަދި މޫސާގެފާނު ހޭފުޅުނެތިގެން ވެއްޓިވަޑައިގެންފިއެވެ. ފަހެ އެކަލޭގެފާނު ހޭފުޅުއެރި ހިނދު ވިދާޅުވިއެވެ: އިބަ އިލާހުގެ ހުސްތާހިރުވަންތަކަމާއެވެ. މި އަޅާ އިބަ އިލާހަށް ތައުބާ ވެއްޖައީމެވެ. އަދި އީމާންވި މީހުންކުރެ ފުރަތަމަ މީހަކީ މި އަޅާއެވެ.
144
އެ އިލާހު ވަހީކުރެއްވިއެވެ: އޭ މޫސާގެފާނެވެ. ތިމަން އިލާހުގެ ރަސޫލުކަމާއި، އަދި ބަސް ވަހީ ކުރެއްވުމުން މީސްތަކުންގެ މައްޗަށް ހަމަކަށަވަރުން ތިމަން އިލާހު ކަލޭގެފާނު ޚިޔާރުކުރައްވާފީމެވެ. ފަހެ ތިމަން އިލާހު ކަލޭގެފާނަށް ދެއްވި ކަންކަމުގައި ހިފަހައްޓަވާށެވެ. އަދި ޝުކުރުކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ.
145
(ދީން އާބެހޭ) ކޮންމެ ކަމެއް (ތައުރާތުގެ) ފިލާތަކުގައި ތިމަން އިލާހު އެކަލޭގެފާނަށް ލިޔެދެއްވީމެވެ. ވައުޒެއްގެ ގޮތުގައެވެ. އަދި އެންމެހާ ކަންތައް ބަޔާންކޮށްދެއްވުމެއްގެ ގޮތުގައި މެއެވެ. ފަހެ ބާރާއެކު ކަލޭގެފާނު އޭގައި ހިއްޕަވާށެވެ. އަދި އޭގައިވާ އެންމެ މޮޅުގޮތުގައި ހިފުމަށް، ކަލޭގެފާނުގެ ގައުމުގެ މީހުންނަށް އަމުރުކުރައްވާށެވެ. ފާސިގު ވިމީހުންގެ ގޯތިގެދޮރު (އިބްރަތެއްގެ ގޮތުގައި) ތިމަން އިލާހު ތިޔަބައިމީހުންނަށް ދައްކަވާހުށީމެވެ.
146
ހައްގަކާނުލާ ބިމުގައި ބޮޑާވެގެން އުޅޭ މީހުން، ތިމަން އިލާހުގެ އާޔަތްތަކުން އެއްކިބާކުރައްވާހުށީމެވެ. އެ މީހުންނަށް ކޮންމެ އާޔަތެއް ފެނުނަސް، އެއަކަށް އެ މީހުންނެއް އީމާނެއް ނުވެއެވެ. ރަނގަޅު ގޮތުގެ މަގު އެ މީހުންނަށް ފެނުނަސް، އެއީ މަގެއްކަމުގައި އެ މީހުން ނުހިފަތެވެ. އަދި ފުރެދުމުގެ މަގު އެ މީހުންނަށް ފެނިއްޖެނަމަ، އެއީ މަގެއްކަމުގައި އެ މީހުން ހިފަތެވެ. އެއީ އެ މީހުން ތިމަން އިލާހުގެ އާޔަތްތައް ދޮގުކޮށް، އަދި އެ އާޔަތްތަކާމެދު ޣާފިލު ވެގެންވާ ބަޔަކު ކަމުގައި އެ މީހުން ވީކަމަށް ޓަކައެވެ.
147
އަދި ތިމަން އިލާހުގެ އާޔަތްތަކާއި، އަދި އާޚިރަތާ ބައްދަލުވާނެކަން ދޮގުކުރި މީހުންގެ އަމަލުތައް، ބާތިލު ވެގެން ހިނގައްޖެއެވެ. އެ މީހުން ކޮށްއުޅުނު ކަންތަކަށްމެނުވީ، އެ މީހުންނަށް ޖަޒާ ލިބޭނެހެއްޔެވެ؟
148
މޫސާގެފާނުގެ ގައުމުގެ މީހުން، އެކަލޭގެފާނު ވަކިވެވަޑައިގަތުމަށް ފަހު، ޅަގެރިޔެއްގެ ސިފާގައިވާ، އަދި އޭގެ އަޑުކަހަލަ އަޑެއްވާ ހަށިގަނޑެއް އެ މީހުންގެ ގަހަނާތަކުން ހެދޫއެވެ. އެ ގެރި، އެ މީހުންނާ ވާހަކަނުދައްކާކަމާއި، އަދި އެއްވެސް މަގަކަށް އެ މީހުންނަށް މަގުނުދައްކާކަން އެ މީހުން ނުދެކެނީހެއްޔެވެ؟ އެ މީހުން އެގެރި (އިލާހެއްކަމުގައި) ހިފައިފިއެވެ. އަދި އަނިޔާވެރިންކަމުގައި އެ މީހުން ވިއެވެ.
149
އެ މީހުން (އެކުރި ކަންތަކާމެދު) ދެރަވެ، ހިތާމަލިބި، އަދި އެ މީހުންނަށް މަގު އޮޅިއްޖެކަމަށް ފެނުނު ހިނދު، އެ މީހުން ބުންޏެވެ. ތިމަންމެންގެ ރައްބު، ތިމަންމެންނަށް ރަހުމަތް ނުލެއްވިނަމަ، އަދި ތިމަންމެންނަށް ފާފަ ފުއްސަވައި ނުދެއްވިނަމަ، ހަމަކަށަވަރުން ތިމަންމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.
150
އަދި މޫސާގެފާނު ކޯފާވެ، ހިތާމަ ކުރައްވާ ހާލު، އެކަލޭގެފާނުގެ ގައުމުގެ މީހުންގެ ގާތަށް ވަޑައިގަތްހިނދު، ވިދާޅުވިއެވެ: ތިމަންކަލޭގެފާނު ތިޔަބައިމީހުންނާ ވަކިވެގެން ދިޔުމަށް ފަހު، ތިމަންކަލޭގެފާނުގެ ފަހަތުން ތިޔަބައިމީހުން ކުޅަކަންތަކުގެ ނުބައިކަމާއެވެ. ތިޔަބައިމީހުންގެ ރައްބުގެ އަމުރުފުޅު އައުމަށް ތިޔަބައިމީހުން އަވަސްވެގަތީހެއްޔެވެ؟ އަދި އެކަލޭގެފާނު (ތައުރާތުގެ) ފިލާތައް އުއްކަވައިލެއްވިއެވެ. އަދި އެކަލޭގެފާނުގެ އަޚުގެ އިސްތަށިފުޅުގައި ހިއްޕަވައި އެކަލޭގެފާނުގެ އަރިހަށް ދަންމަވައިގެންނެވިއެވެ. އެކަލޭގެފާނު (އެބަހީ: ހާރޫނުގެފާނު) ވިދާޅުވިއެވެ: މަންމަގެ ދަރިކަލުންނޭވެ. ހަމަކަށަވަރުން ގައުމުގެ މީހުން ތިމަން ނިކަމެތިކޮށްފިއެވެ. އަދި އެ މީހުން ތިމަން ގަތުލުކުރުމާ ގާތްކޮށްފިއެވެ. ފަހެ ތިމަންކަލޭގެފާނަށް ލިބިވަޑައިގެންނެވި ދެރަޔަށް އަދާވާތްތެރިން އުފާކުރިޔަ ނުދެއްވާށެވެ. އަދި އަނިޔާވެރިވީ މީހުންނާއެކުގައި، ތިމަން ނުލައްވާށެވެ.
151
އެކަލޭގެފާނު (އެބަހީ: މޫސާގެފާނު) ވިދާޅުވިއެވެ: އަޅުގެ ރައްބެވެ. މި އަޅާއަށާއި، މި އަޅާގެ އަޚާއަށް ފާފަ ފުއްސަވާނދޭވެ. އަދި އިބަ އިލާހުގެ ރަހުމަތުގެ ތެރެއަށް އަޅަމެން ވައްދަވައިފާނދޭވެ. އިބަ އިލާހީ، ރަހުމަތް ލައްވާ އެންމެ ރަހުމަތްވަންތަ އިލާހެވެ.
152
ހަމަކަށަވަރުން ގެރިޔަކީ، އިލާހެއްކަމުގައި ހަދާގެން އުޅުނުމީހުންނަށް، އެ މީހުންގެ ރައްބުގެ ހަޒްރަތުން ކޯފާއާއި، ދުނިޔޭގެ ދިރިއުޅުމުގައި ނިކަމެތިކަން ލިބޭހުއްޓެވެ. އަދި ދޮގު އުފައްދާ މީހުންނަށް ތިމަން އިލާހު ޖަޒާ ދެއްވަނީ އެފަދައިންނެވެ.
153
އަދި ނުބައިކަންތައްކޮށް ދެން އެއަށް ފަހު، ތައުބާވެ، އީމާންވި މީހުން (ދަންނާށެވެ.) ހަމަކަށަވަރުން ކަލޭގެފާނުގެ ރައްބަކީ، އޭގެފަހުންވެސް ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ އިލާހުކަން ކަށަވަރެވެ.
154
މޫސާގެފާނުގެ ކިބައިން ކޯފާމަޑުވި ހިނދު (ތައުރާތުގެ) ފިލާތައް ނެންގެވިއެވެ. އަދި އެ މީހުންގެ ރައްބަށް ބިރުވެތިވާ މީހުންނަށް ޓަކައި ހުރި ތެދުމަގާއި، ރަހުމަތް އެ ފިލާތަކުގެ ލިޔުމުގައި ވެއެވެ.
155
އަދި ތިމަން އިލާހު ކަނޑައަޅުއްވާފައިވާ ވަގުތަށްޓަކައި މޫސާގެފާނު އެކަލޭގެފާނުގެ ގައުމުގެ މީހުންގެ ތެރެއިން ހަތްދިހަ ފިރިހެނުން ހޮއްވެވިއެވެ. ފަހެ ގަދަފަދަވެގެންވާ ބިންހެލުން އެ މީހުންނަށް ޖެހުނު ހިނދު، އެކަލޭގެފާނު ދެންނެވިއެވެ: އަޅުގެ ރައްބެވެ. އިބައިލާހު އިރާދަ ކުރެއްވިނަމަ، މީގެކުރިންވެސް އެ މީހުންނާއި މި އަޅާ ހަލާކު ކުރައްވާފީހެވެ. އަޅަމެންގެ ތެރެއިން ހަމަބުއްދި ނުވާމީހުން ކުޅަކަންތަކުގެ ސަބަބުން، އަޅަމެން ހަލާކު ކުރައްވަނީތޯއެވެ؟ އިބަ އިލާހު ފޮނުއްވި އިމްތިހާނެއްކަމުގައި ނޫނީ އެ ކަންތައް ނުވެއެވެ. އެ ކަމުގެ ސަބަބުން، އިބައިލާހު އިރާދަކުރައްވާ މީހަކު ފުރައްދަވަމުއެވެ. އަދި އިރާދަކުރައްވާ މީހަކަށް ތެދުމަގު ދައްކަވަމުއެވެ. އިބަ އިލާހީ، އަޅަމެންގެ އެހީތެރިވަންތަ އިލާހެވެ. ފަހެ އަޅަމެންނަށް ފާފަ ފުއްސަވާނދޭވެ. އަދި އަޅަމެންނަށް ރަހުމަތް ލައްވައިފާނދޭވެ. އިބަ އިލާހީ، ފާފަ ފުއްސަވާ، އެންމެހެޔޮ އިލާހެވެ.
156
އަދި އަޅަމެންނަށް ޓަކައި މި ދުނިޔޭގައިވެސް، އަދި އާޚިރަތުގައި ވެސް ހެޔޮގޮތް ލިޔުއްވައިފާނދޭވެ. ހަމަކަށަވަރުން އިބަ އިލާހުގެ ހަޒްރަތަށް އަޅަމެން ރުޖޫއަ ވެއްޖައީމުއެވެ. އެ އިލާހު ވަހީކުރެއްވިއެވެ: ތިމަން އިލާހުގެ އަޒާބެވެ. ތިމަން އިލާހު އިރާދަކުރައްވާ މީހަކަށް އެ އަޒާބުކުރިމަތި ކުރައްވަމެވެ. އަދި ތިމަން އިލާހުގެ ރަހުމަތް ކޮންމެ އެއްޗަކަށްމެ ތަނަވަސް ވެގެންވެއެވެ. ފަހެ ތަގުވާވެރިވެ، ޒަކާތް ދީ އުޅޭ މީހުންނަށާއި، ތިމަން އިލާހުގެ އާޔަތްތަކަށް އީމާންވާ މީހުންނަށް ތިމަން އިލާހު އެ ރަހުމަތް ލިޔުއްވާހުށީމެވެ.
157
އެ މީހުންނީ، އުއްމީ ނަބިއްޔާ ކަމުގައިވާ ރަސޫލާއަށް ތަބާވާ މީހުންނެވެ. އެ ރަސޫލާއި، އެ މީހުންގެ ގާތުގައިވާ ތައުރާތާއި، އިންޖީލުގައި (ރަސޫލާގެ ސިފަފުޅުތައް) ލިޔެވިގެންވާތީ، އެ މީހުން ދެކޭ ރަސޫލެވެ. އެކަލޭގެފާނު، އެ މީހުންނަށް ހެޔޮކަންތަކަށް އަމުރު ކުރައްވައެވެ. އަދި ނުބައިކަންތައް އެ މީހުންނަށް ނަހީކުރައްވައެވެ. އަދި ރަނގަޅު ތަކެތި އެ މީހުންނަށް ހަލާލު ކުރައްވައެވެ. އަދި ނުބައިވެގެންވާ ތަކެތި އެ މީހުންނަށް ހަރާމް ކުރައްވައެވެ. އަދި އެ މީހުންގެ މައްޗަށްހުރި ބުރަތަކާއި، އެޅިފައިވާ ކަސްތޮޅުތައް ނެތިކުރައްވާ، ލުއިކުރައްވައެވެ. ފަހެ އެކަލޭގެފާނަށް އީމާންވެ، އެކަލޭގެފާނަށް ވާގިވެރިވެ، ނަސްރުވެރިވެ، އެކަލޭގެފާނާއެކުގައި ބާވައިލެއްވި ނޫރަށް ތަބާވީ މީހުން (ދަންނާށެވެ.) އެ މީހުންނަކީ ހަމަ ކާމިޔާބުވާނެ މީހުންނެވެ.
158
ކަލޭގެފާނު ވިދާޅުވާށެވެ: އޭ މީސްތަކުންނެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނީ، ތިޔަބައިމީހުން އެންމެންގެ ގާތަށް ފޮނުއްވި ރަސޫލާއެވެ. އެ އިލާހީ، އުޑުތަކާއި ބިމުގެ ވެރިކަން އެ އިލާހަށް މިލްކު ވެގެންވާ އިލާހެވެ. އެ އިލާހު މެނުވީ (އަޅުކަންކުރުން ހައްގުވާ) އިލާހަކު ނުވެއެވެ. ދިރުއްވަނީވެސް އަދި މަރުގަންނަވަނީވެސް އެ އިލާހެވެ. ފަހެ ﷲ އަށާއި އުއްމީ ނަބިއްޔާ ކަމުގައިވާ އެ އިލާހުގެ ރަސޫލާއަށް ތިޔަބައިމީހުން އީމާންވާށެވެ. އެކަލޭގެފާނީ ﷲ އަށާއި އެ އިލާހުގެ ބަސްފުޅުތަކަށް އީމާންވާ ނަބިއްޔާއެވެ. އަދި ތިޔަބައިމީހުން އެކަލޭގެފާނަށް ތަބާ ވާށެވެ. (އެއީ) ތިޔަބައިމީހުންނަށް ހިދާޔަތް ލިބޭތޯއެވެ.
159
ހައްގު ގޮތުގައި ތެދުމަގު ދައްކައި، އަދި ހައްގު ގޮތުގައި އިންސާފު ކޮށްއުޅޭ ބަޔަކު، މޫސާގެފާނުގެ ގައުމުގެ މީހުންގެ ތެރެއިންވެއެވެ.
160
އަދި ބާރަ ގަބީލާއަށް، ޖަމާއަތްތަކަކަށް، ތިމަން އިލާހު އެ މީހުން ބައިކުރެއްވީމެވެ. އަދި މޫސާގެފާނުގެ ގައުމުގެ މީހުން އެކަލޭގެފާނުގެ އަރިހުން ފެނަށް އެދުނު ހިނދު، ތިމަން އިލާހު މޫސާގެފާނަށް ވަހީ ކުރެއްވީމެވެ. ކަލޭގެފާނުގެ އަސާކޮޅުން ހިލައިގައި ޖައްސަވާށެވެ. ދެން (އެކަލޭގެފާނު އެ ހިލައިގައި ޖެއްސެވި ހިނދު) އެ ހިލައިން ބާރަ ފެންއާރު އަރައިގެންފިއެވެ. ހަމަކަށަވަރުން ކޮންމެބަޔަކު، އެބަޔަކު ފެންބޯންވީ ޖާގަ ދެނެގެންފިއެވެ. އަދި ވިލާގަނޑުން، އެ މީހުންގެ މައްޗަށް ތިމަން އިލާހު ހިޔާއެޅުއްވީމެވެ. އަދި އެ މީހުންގެ މައްޗަށް، ތިމަން އިލާހު މައްނާއި ސަލްވާ ބާވައިލެއްވީމެވެ. (އަދި އެންގެވީމެވެ.) ތިޔަބައިމީހުންނަށް ތިމަން އިލާހު ދެއްވި ރަނގަޅު ތަކެތިން، ތިޔަބައިމީހުން ކައިއުޅޭށެވެ! އެ މީހުން ތިމަން އިލާހަކަށް އަނިޔާވެރިއެއް ނުވެއެވެ. އެހެނެއްކަމަކު، އެ މީހުންގެ އަމިއްލަ ނަފްސުތަކަށް، އަނިޔާވެރިވާ ކަމުގައި އެ މީހުން ވިއެވެ.
161
އެ މީހުންނަށް އެންގެވިހިނދު ހަނދުމަކުރާށެވެ! ތިޔަބައިމީހުން، މިރަށުގައި ވަޒަންވެރިވެ ތިބޭށެވެ! އަދި އެރަށުން ތިޔަބައިމީހުން އެދޭފަދަޔަކުން ކައިއުޅޭށެވެ! އަދި އަޅަމެންގެ އެދުމަކީ، ކުށްފާފަތައް ފުއްސަވައި، އަފޫކުރެއްވުމޭ ދަންނަވާށެވެ. އަދި ސަޖިދަކުރާ ހާލު، ތިޔަބައިމީހުން (އެރަށުގެ) ދޮރޯށިން ވަންނާށެވެ! އޭރުން، ތިމަން އިލާހު ތިޔަބައިމީހުންނަށް ޓަކައި، ތިޔަބައިމީހުންގެ ކުށްފާފަތައް ފުއްސަވާހުށީމެވެ. އިހްސާންތެރިންނަށް ތިމަން އިލާހު (ހެޔޮކަން) އިތުރުކުރައްވާ ހުށީމެވެ.
162
ދެން އޭގެ ތެރެއިން އަނިޔާވެރިވި މީހުން، އެ މީހުންނަށް ކިޔާށޭ އެންގެވި ބަސް، އެނޫންބަހަކަށް ބަދަލުކޮށްފިއެވެ. ދެން އެ މީހުން އަނިޔާވެރިވެ އުޅުނުކަމުގެ ސަބަބުން، ތިމަން އިލާހު އެ މީހުންގެ މައްޗަށް އުޑުން އަޒާބެއް ފޮނުއްވީމެވެ.
163
އަދި ކަނޑުގެ އައްސޭރީގައިއޮތް ރަށާމެދު، ކަލޭގެފާނު އެ މީހުންނާ ސުވާލު ކުރައްވާށެވެ. (އެއީ) ހޮނިހިރާމެދު އެ މީހުން އަދާވާތްތެރިވަމުން ދިޔަ ހިނދެވެ. އެ މީހުންގެ މަސްތައް، އެ މީހުންގެ ހޮނިހިރުދުވަހު ފާޅުވެ، ފެނިގެން އެ މީހުންނާ ހަމައަށް އަންނަހިނދެވެ. އަދި އެ މީހުން ހޮނިހިރު ނުކުރާދުވަހު، އެ މަސްތައް އެ މީހުންނާ ހަމަޔަކަށް ނާދެއެވެ. އެފަދައިން ތިމަން އިލާހު އެ މީހުން އިމްތިހާނު ކުރައްވަމެވެ. (އެއީ) އެ މީހުން ފާސިގުވެ އުޅުނުކަމަށް ޓަކައެވެ.
164
އޭގެ ތެރެއިން އެއްބަޔަކު ބުނިހިނދެވެ. ﷲ، އެބަޔަކު ހަލާކު ކުރައްވަން، ނުވަތަ ގަދަވެގެންވާ އަޒާބަކުން އަޒާބު ދެއްވަންވެފައިވާ ބަޔަކަށް، ތިޔަބައިމީހުން ވައުޒު އިއްވަނީ ކީއްވެގެންހެއްޔެވެ؟ އެ މީހުން ބުންޏެވެ. ތިޔަބައިމީހުންގެ ރައްބުގެ ހަޒްރަތަށް އުޒުރު ހުށަހެޅުމުގެ ގޮތުންނެވެ. އަދި އެ މީހުން ތަގުވާވެރި ވުމަށް ޓަކައެވެ.
165
ފަހެ އެ މީހުންނަށް ހަނދުމަކޮށްދެއްވި ކަންތައް އެ މީހުން ހަނދާންނައްތައިލި ހިނދު، ނުބައިކަންތައް ނަހީކޮށް އުޅޭ މީހުން، ތިމަން އިލާހު މިންޖުކުރެއްވީމެވެ. އަދި ތިމަން އިލާހު ގަދަފަދަވެގެންވާ އަޒާބަކުން އަނިޔާވެރިވީ މީހުން ހިއްޕެވީމެވެ. (އެއީ) އެ މީހުން ފާސިގުވެ އުޅުނުކަމަށް ޓަކައެވެ.
166
ފަހެ އެ މީހުންނަށް ނަހީކުރެއްވި ކަންތަކާމެދު، އެ މީހުން ބޮޑާވެގަތްހިނދު، ތިމަން އިލާހު އެ މީހުންނަށް ވަހީ ކުރެއްވީމެވެ. ދެރަވެ، ނިކަމެތިވެގެންވާ ރާމާމަކުނުތަކެއް ކަމުގައި ތިޔަބައިމީހުންވާށެވެ.
167
އަދި ކަލޭގެފާނުގެ ރައްބު އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން އެ މީހުންނަށް ނުބައިވެގެންވާ އަޒާބުގެ ރަހަ ދައްކާނޭ ބަޔަކު ގިޔާމަތް ދުވަހަށް ދާންދެން އެ އިލާހު އެ މީހުންގެ މައްޗަށް ފޮނުއްވާހުއްޓެވެ. ހަމަކަށަވަރުން ކަލޭގެފާނުގެ ރައްބަކީ، އުގޫބާތް ދެއްވުން އަވަސްވެވޮޑިގެންވާ އިލާހެވެ. އަދި ހަމަކަށަވަރުން އެ އިލާހީ، ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ އިލާހެވެ.
168
އަދި ބިމުގައި ތިމަން އިލާހު އެ މީހުން އުއްމަތްތަކަކަށް ބައިބައިކުރެއްވީމެވެ. އެ މީހުންގެ ތެރެއިން ހެޔޮލަފާ މީހުންވެއެވެ. އަދި އެނޫންމީހުންވެސް އެ މީހުންގެ ތެރެއިންވެއެވެ. ހެޔޮގޮތްތަކާއި، ނުބައިގޮތްތައް މެދުވެރި ކުރެއްވުމުން، ތިމަން އިލާހު އެ މީހުން އިމްތިހާނުކުރެއްވީމެވެ. (އެއީ) އެ މީހުން (ހެޔޮމަގަށް) އެނބުރި އައުމަށް ޓަކައެވެ.
169
ފަހެ ފޮތް ވާރުތަވީ ބަޔަކު އެ މީހުންގެ ފަހުން އައެވެ. އެ މީހުން މި ދުނިޔޭގެ މުދަލުގައި ހިފަތެވެ. އަދި އެ މީހުން ބުނެއެވެ. ތިމަންމެންނަށް ފާފަ ފުއްސަވާނެއެވެ. އަދި ހަމައެފަދަ މުދަލެއް، އެ މީހުންނާ ހަމައަށް އަޔަސް އޭގައި އެ މީހުން ހިފަތެވެ. ﷲ އާމެދު ހައްގު ބަސްމެނުވީ އެ މީހުން ނުބުނުމަށް، ފޮތުގެ ކަށަވަރުވެގެންވާ އަހުދު އެ މީހުންގެ މައްޗަށް ނުހިއްޕަވާހެއްޔެވެ؟ އަދި އެފޮތުގައިވާގޮތް އެ މީހުން އުނގެނި ދަސްކުރިއެވެ. އަދި ތަގުވާވެރިވާ މީހުންނަށް އާޚިރަތުގެ ގޮވަތި މާހެޔޮކަން ބޮޑެވެ. ފަހެ ތިޔަބައިމީހުންނަކަށް ނުވިސްނޭހެއްޔެވެ؟
170
ފޮތުގައި ހިފަހައްޓައި، ނަމާދު ގާއިމުކޮށްއުޅުނު މީހުން (ދަންނާށެވެ.) ހަމަކަށަވަރުން އިސްލާހުކުރާ މީހުންގެ ދަރުމަ، ތިމަން އިލާހު ގެއްލެނި ނުކުރައްވާހުށީމެވެ.
171
އަދި ތިމަން އިލާހު އެ މީހުންގެ މައްޗަށް ފަރުބަދަ އުފުއްލެވިހިނދު، ހަނދުމަކުރާށެވެ! އެ ފަރުބަދަ އެ މީހުންގެ މައްޗަށް އޮތް ހިޔާވައްސެއް ކަހަލައެވެ. އެ ފަރުބަދަ އެ މީހުންގެ މައްޗަށް ވެއްޓިދާނެކަމަށް އެ މީހުން ހީކުރިއެވެ. (ތިމަން އިލާހު ވަހީ ކުރެއްވީމެވެ.) ތިމަން އިލާހު ތިޔަބައިމީހުންނަށް ދެއްވި ފޮތުގައި، ބާރާއެކު ތިޔަބައިމީހުން ހިފަހައްޓާށެވެ! އަދި އެ ފޮތުގައިވާ ކަންތައް ތިޔަބައިމީހުން ހަނދުމަކުރާށެވެ! (އެއީ) ތިޔަބައިމީހުން ތަގުވާވެރިވޭތޯއެވެ.
172
އަދި ކަލޭގެފާނުގެ ރައްބު އާދަމުގެ ދަރިންގެ ކިބައިން އެ މީހުންގެ ބުރިކަށިތަކުން އެ މީހުންގެ ދަރިފަސްކޮޅު ނެރުއްވައި އެ މީހުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް އެ މީހުން ހެކިކުރެއްވި ހިނދު ހަނދުމަކުރާށެވެ! (އެ އިލާހު ވަހީކުރެއްވިއެވެ:) ތިޔަބައިމީހުންގެ ރައްބު ކަމުގައި، ތިމަން އިލާހު ވޮޑިގެން ނުވަންހެއްޔެވެ؟ އެ މީހުން ދެންނެވިއެވެ: ނޫނެކެވެ. (އިބަ އިލާހީ، އަޅަމެންގެ ރައްބެވެ.) އެ ކަމަށް އަޅަމެން ހެކިވެއްޖައީމުއެވެ. (އެ ކަން އެހެންވީ) މިކަމާމެދު ޣާފިލު ވެގެންވާ ބަޔަކު ކަމުގައި ހަމަކަށަވަރުން ތިމަންމެންވީމުއޭ، ގިޔާމަތް ދުވަހުން ތިޔަބައިމީހުން ބުނާނެކަމަށް ޓަކައެވެ.
173
ނުވަތަ ތިޔަބައިމީހުން ބުނާނެކަމަށް ޓަކައެވެ. ޝަރީކު ކޮށްއުޅުނުކަން ކަށަވަރީ، މީގެކުރިން ތިމަންމެންގެ ކާބަފައިންނެވެ. ތިމަންމެންވީ، އެ މީހުންގެ ފަހުން އައި ދަރިފަސްކޮޅެއްކަމުގައެވެ. ފަހެ ބާތިލު ގޮތަށް އުޅުނުމީހުން ކުޅަކަންތަކަށްޓަކައި، ތިމަންމެން ހަލާކު ކުރައްވަނީތޯއެވެ؟
174
ތިމަން އިލާހުގެ އާޔަތްތައް ބަޔާންކޮށްދެއްވަނީ، އެފަދައިންނެވެ. އަދި އެ މީހުން (ހައްގުގެ މަގަށް) އެނބުރި އައުމަށް ޓަކައެވެ.
175
ތިމަން އިލާހުގެ އާޔަތްތައް އެ މީހާއަށް ލިބިދެއްވުމުން، އެއިން ވަކިވެގަތް މީހާގެ ޚަބަރު ކަލޭގެފާނު އެ މީހުންނަށް ކިޔައިދެއްވާށެވެ. ދެން ޝައިތާނާ އޭނާގެ ފަހަތުން ދިޔައެވެ. ފަހެ މަގުފުރެދިގެންވާ މީހުންގެ ތެރެއިން އޭނާ ވިއެވެ.
176
ތިމަން އިލާހު އިރާދަ ކުރެއްވިނަމަ، އެ އާޔަތްތަކުގެ ސަބަބުން އޭނާ މަތިވެރި ކުރެއްވީމުހެވެ. އެހެނެއްކަމަކު، އޭނާ ބިމަށް ލެނބިގަތެވެ. އަދި އޭނާގެ އަމިއްލަ އެދުމަށް ތަބާ ވިއެވެ. ފަހެ އޭނާގެ މިސާލު، ކުއްތާގެ މިސާލު ފަދައެވެ. އެއަށް ހަމަލާ ދިނަސް، ދޫނެރެގެން އޮވެ މާނޭވާލައެވެ. ނުވަތަ އޭތިދޫކޮށްލިޔަސް، ދޫނެރެގެން އޮވެ މާނޭވާލައެވެ. ތިމަން އިލާހުގެ އާޔަތްތައް ދޮގުކުޅަމީހުންގެ މިސާލަކީ އެއީއެވެ. ފަހެ ކަލޭގެފާނު ވާހަކަތައް ކިޔައިދެއްވާށެވެ. (އެއީ) އެ މީހުން ފިކުރުކުރުމަށް ޓަކައެވެ.
177
ތިމަން އިލާހުގެ އާޔަތްތައް ދޮގުކޮށް، އަދި ހަމަ އެ މީހުންގެ އަމިއްލަ ނަފްސުތަކަށް އަނިޔާވެރިވެ އުޅުނުމީހުން، މިސާލެއްގެ ގޮތުން ނުބައިކަމާއެވެ.
178
ﷲ ތެދުމަގު ދެއްކެވި މީހާ (ދަންނާށެވެ.) ފަހެ އެ މީހަކީ ތެދުމަގު ލިބިގެންވާ މީހެކެވެ. އަދި އެ އިލާހު މަގުފުރައްދަވާ މީހާ (ދަންނާށެވެ.) ފަހެ އެ މީހުންނީ، ހަމަ ގެއްލެނިވެގެންވާ މީހުންނެވެ.
179
ހަމަކަށަވަރުން ތިމަން އިލާހު ޖިންނީންނާއި، އިންސީންގެ ތެރެއިން ގިނަބަޔަކު ނަރަކައަށްޓަކައި ހެއްދެވީމެވެ. އެ ހިތްތަކުން (ހައްގު ގޮތް) ނުވިސްނޭ ހިތްތަކެއް އެ މީހުންނަށްވެއެވެ. އަދި އެ ލޯތަކުން (ހައްގު މަގު) ނުދެކޭ ލޯތަކެއް އެ މީހުންނަށްވެއެވެ. އަދި އެ ކަންފަތްތަކުން (ހައްގު އަޑު) ނާހާ ކަންފަތްތަކެއްވެސް، އެ މީހުންނަށްވެއެވެ. އެ މީހުން ގެރިބަކަރި ޖަމަލު ފަދައެވެ. އަދި ކިއެއް! އެ ތަކެއްޗަށް ވުރެވެސް އެ މީހުން މަގުފުރެދުންބޮޑެވެ. އެ މީހުންނަކީ ހަމަ ޣާފިލު ވެގެންވާ ބަޔެކެވެ.
180
އެންމެ ރިވެތި ނަންފުޅުތައް ލިބިގެން ވަނީ ﷲ އަށެވެ. ފަހެ އެ ނަންފުޅުތަކުން ތިޔަބައިމީހުން އެ އިލާހަށް ނަންދޭށެވެ. އަދި އެ އިލާހުގެ ނަންފުޅުތަކާމެދު އިލްހާދުކޮށް އެއްކިބާވެ އުޅޭ މީހުން، ތިޔަބައިމީހުން ދޫކޮށްލާށެވެ. އެ މީހުން ކޮށްއުޅުނު ކަންތަކަށް އެ މީހުންނަށް ޖަޒާ ދެއްވާހުއްޓެވެ.
181
ހައްގު ގޮތުގެމަތިން މަގުދައްކައި، އަދި އެ ގޮތުގެމަތީން އަދުލުވެރިވެއުޅޭ ބަޔަކު، ތިމަން އިލާހު ހެއްދެވި މީހުންގެ ތެރެއިންވެއެވެ.
182
ތިމަން އިލާހުގެ އާޔަތްތައް ދޮގުކުޅަމީހުން، އެ މީހުންނަށް ނޭނގޭނޭގޮތުން (އަޒާބުގެ ތެރެއަށް) ތިމަން އިލާހު އެ މީހުން ގެންދަވާހުށީމެވެ.
183
އަދި އެ މީހުންނަށް ތިމަން އިލާހު ލަސް ކުރައްވަމެވެ. ހަމަކަށަވަރުން ތިމަން އިލާހު ރޭއްވެވުން ގަދަފަދަވެގެންވެއެވެ.
184
އަދި އެ މީހުން ފިކުރުވެސް ނުކުރަނީހެއްޔެވެ؟ އެ މީހުންގެ އެކުވެރިޔާގެ ކިބައިގައި (އެބަހީ: މުޙައްމަދުގެފާނުގެ ކިބައިގައި) އެއްވެސް މޮޔަކަމެއްނެތެވެ. ބަޔާންވެގެން ހުންނެވި އިންޒާރުކުރައްވާ ބޭކަލަކު ކަމުގައި މެނުވީ، އެކަލޭގެފާނު ނުވެއެވެ.
185
އަދި އުޑުތަކާއި ބިމުގެ ވެރިކަމާމެދުގައްޔާއި، ﷲ ހައްދަވާފައިވާ އެންމެހާތަކެއްޗާ މެދުގައްޔާއި، އެ މީހުންގެ އަޖަލު ގާތްވެއްޖެކަމާ މެދުގައި، އެ މީހުން ވިސްނައި ނުބަލަނީހެއްޔެވެ؟ އެއަށް ފަހު، އެ މީހުން އީމާން ވަނީ ފަހެ ކޮންވާހަކައަކަށްހެއްޔެވެ؟
186
ﷲ މަގުފުރައްދަވާމީހާ (ދަންނާށެވެ.) ފަހެ އެ މީހަކަށް ތެދުމަގުދައްކާނޭ ފަރާތެއް ނުވެއެވެ. އަދި ދެވޭ ނުދެވޭ ތަނެއްނޭނގި ތިބޭ ހާލުގައި، ފުރެދުމުގެ ތެރެއަށް އެ އިލާހު އެ މީހުން ދޫކުރައްވައެވެ.
187
ގިޔާމަތުގެ ވަގުތާމެދު، އެ މީހުން ކަލޭގެފާނާ ސުވާލުކުރެއެވެ. އެދުވަސް ލައިގަންނާނީ ކޮން އިރަކުންތޯއެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ. އެ ކަން ދެނެވޮޑިގަތުންވަނީ، ހަމައެކަނި ތިމަންކަލޭގެފާނުގެ ރައްބުގެ ހަޒްރަތުގައެވެ. އެ އިލާހު މެނުވީ، އެ ކަމުގެ ވަގުތަށް އެ ކަން ފާޅުނު ކުރައްވާ ހުއްޓެވެ. އުޑުތަކާއި، ބިމުގައި އެ ކަން ބުރަކަމަކަށް ވެފައިވެއެވެ. ކުއްލިއަކަށްމެނުވީ، އެ ކަން ތިޔަބައިމީހުންނާ ހަމަޔަކަށް ނާންނަހުއްޓެވެ. (އެކަމާމެދު) ކަލޭގެފާނާ އެ މީހުން ސުވާލުކުރާއިރު، އެ ކަމުގެ ހުރިހާ ޚަބަރެއް، ކަލޭގެފާނު ދެނެވަޑައިގަންނަވާ ކަހަލައެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އެ ކަން ދެނެވޮޑިގަތުންވަނީ، ހަމައެކަނި ﷲ ގެ ހަޒްރަތުގައެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުންނަކަށް (އެ ކަމެއް) ނޭނގެތެވެ.
188
ކަލޭގެފާނު ވިދާޅުވާށެވެ. ﷲ އިރާދަ ކުރެއްވި ކަމެއްމެނުވީ ތިމަންކަލޭގެފާނުގެ އަމިއްލަ ނަފްސަށް މަންފާއެއް، ނުވަތަ ގެއްލުމެއް ލިބިގަތުމުގެ ބާރު، ތިމަންކަލޭގެފާނަށް މިލްކު ވެގެނެއް ނުވެއެވެ. އަދި ތިމަންކަލޭގެފާނަށް ޣައިބު އެނގިވަޑައިގަންނަވާ ކަމުގައި ވީނަމަ، ތިމަންކަލޭގެފާނު ހެޔޮކަންތައް ގިނަކުރެއްވީމުހެވެ. އަދި ނުބައިކަމެއް ތިމަންކަލޭގެފާނުންގައި ނުބީހުނީހެވެ. ބިރުވެރިކަމުގެ ޚަބަރު ދެއްވާ ބޭކަލަކު ކަމުގައްޔާއި، އީމާންވާ ބަޔަކަށް އުފާވެރިކަމުގެ ޚަބަރު ދެއްވާ ބޭކަލަކު ކަމުގައި މެނުވީ، ތިމަންކަލޭގެފާނު ނުވަމެވެ.
189
އެ އިލާހީ، އެންމެ ނަފްސަކުން ތިޔަބައިމީހުން ހެއްދެވި އިލާހެވެ. އަދި އެ ނަފްސުން، އެ ނަފްސުގެ އަނބި ހެއްދެވިއެވެ. (އެއީ) އެ ކަނބުލޭގެ ގާތަށްގޮސް، ހިތްހަމަޖެހުމާއި ހަމަހިމޭންކަން ލިބިގަތުމަށެވެ. ފަހެ އޭނާ އެ ކަނބުލޭގެއާ އެއްދާންކުރި ހިނދު، ލުއިގޮތެއްގައި ހައްޔަރުގައި އިނދެ އެކަމުގައި ދުވަސްތަކެއް ވޭތުވިއެވެ. ދެންފަހެ (އެ ކަމުން) ބުރަވިހިނދު، އެ ދެ މީހުންގެ ވެރި ﷲ އަށް އެ ދެ މީހުން ދުއާކުރިއެވެ. އިބަ އިލާހު އަޅަމެންނަށް ސާލިހު ދަރިއަކު ދެއްވާފިނަމަ، ޝުކުރުކުރާ މީހުންގެ ތެރެއިން ހަމަކަށަވަރުން އަޅަމެން ވާހުށީމެވެ.
190
ފަހެ އެ ދެ މީހުންނަށް ސާލިހު ދަރިއަކު ދެއްވިހިނދު، އެ އިލާހު އެ ދެ މީހުންނަށް ދެއްވި ދެއްވުމާމެދު، އެ ދެ މީހުން (އެބަހީ: އާދަމުގެފާނުގެ ދަރިކޮޅުގެ މީހުންކުރެ ކާފިރު ވިމީހުން) އެ އިލާހަށް ޝަރީކުންތަކެއް ލައިފިއެވެ. ފަހެ އެ މީހުން ޝަރީކުކުރާ ތަކެތި ފިޔަވާ، ﷲ މަތިވެރިވެ ވޮޑިގެންވެއެވެ.
191
އެއްވެސް އެއްޗެއް ހެދުމަށް ކުޅަދާނަވެގެންނުވާ ތަކެތި، އެ މީހުން (އެ އިލާހަށް) ޝަރީކުކުރަނީހެއްޔެވެ؟ ޚުދު އެ ތަކެއްޗަކީ، ހައްދަވާފައިވާތަކެއްޗެވެ.
192
އަދި އެ މީހުންނަށް އެއްވެސް ނަސްރެއް ދިނުމަކަށް އެ ތަކެއްޗަކަށް ކުޅަދާނަވެގެނެއް ނުވެއެވެ. އަދި އެ ތަކެތީގެ އަމިއްލަ ޒާތަށް ވެސް، ނަސްރެއް ނުދެވޭނޭމެއެވެ.
193
ތިޔަބައިމީހުން އެ ތަކެއްޗަށް ތެދުމަގަށް ގޮވިޔަސް، އެ ތަކެއްޗެއް ތިޔަބައިމީހުންނަކަށް ތަބައެއް ނުވާނެއެވެ. އެ ތަކެއްޗަށް ތިޔަބައިމީހުން ގޮވިޔަސް، ނުވަތަ ނުގޮވައި ހަނުތިއްބަސް، ތިޔަބައިމީހުންނަށް ހަމަހަމަވެގެންވެއެވެ.
194
ހަމަކަށަވަރުން ﷲ ފިޔަވާ ތިޔަބައިމީހުން ދުއާ ކޮށްއަޅުކަން ކޮށްއުޅޭ ފަރާތްތަކަކީ، ތިޔަބައިމީހުންނާ އެއްފަދަ އަޅުންތަކެކެވެ. ފަހެ ތިޔަބައިމީހުންނީ ތެދުބުނާ މީހުން ކަމުގައިވާނަމަ، ތިޔަބައިމީހުންނަށް އެ ފަރާތްތައް އިޖާބަދޭތޯ ނިކަން ތިޔަބައިމީހުން އެ ފަރާތްތަކަށް ގޮވައިބަލާށެވެ!
195
އެއިން ހިނގާނޭ ފައިތަކެއް އެ ފަރާތްތަކަށް ވޭހެއްޔެވެ؟ ނުވަތަ އެއިން ބާރުދައްކައި އުޅޭނޭ އަތްތަކެއް އެ ފަރާތްތަކަށް ވޭހެއްޔެވެ؟ ނުވަތަ އެއިން ދެކޭނޭ ލޯތަކެއް އެ ފަރާތްތަކަށް ވޭހެއްޔެވެ؟ ނުވަތަ އެއިން އަހާނޭ ކަންފަތްތަކެއް އެ ފަރާތްތަކަށް ވޭހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުންގެ ބައިވެރިންތަކަށް ތިޔަބައިމީހުން ނިކަން ގޮވައިބަލާށެވެ! ދެން ތިމަންކަލޭގެފާނާމެދު މަކަރުވެރި ރޭވުން ރާވަމުން ގެންގޮސްބަލާށެވެ! އަދި ތިމަންކަލޭގެފާނަށް ޓަކައި ލަސްނުކުރާށެވެ!
196
ހަމަކަށަވަރުން ތިމަންގެ އެހީތެރި ފަރާތަކީ، ﷲ އެވެ. އެ އިލާހީ، ފޮތް ބާވައިލެއްވި އިލާހެވެ. އަދި އެ އިލާހީ، ސާލިހުންނަށް އެހީތެރިވެ ވޮޑިގަންނަވާ އިލާހެވެ.
197
އަދި އެ އިލާހު ފިޔަވާ ތިޔަބައިމީހުން އަޅުކަންކޮށް އުޅޭ ފަރާތްތަކަށް، ތިޔަބައިމީހުންނަށް ނަސްރު ދިނުމަކަށް ކުޅަދާނަވެގެނެއް ނުވެއެވެ. އަދި އެ ފަރާތްތަކުގެ އަމިއްލަ ނަފްސުތަކަށް ވެސް ނަސްރެއް ނުދެވޭނެއެވެ.
198
ތިޔަބައިމީހުން އެ ތަކެއްޗަށް ތެދުމަގަށް ގޮވިޔަސް، އެ ފަރާތްތަކަކަށް ނީވެއެވެ. އަދި އެ ފަރާތްތައް ކަލޭގެފާނަށް ބަލާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. ނަމަވެސް (ހަގީގަތުގައި) އެ ފަރާތްތަކަކަށް (ކަލޭގެފާނެއް) ނުފެނެއެވެ.
199
ކަލޭގެފާނު އަފޫކުރެއްވުމުގައި ހިއްޕަވާށެވެ. އަދި ހެޔޮކަންތަކަށް އަމުރުކުރައްވާށެވެ. އަދި ޖާހިލުންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ.
200
އަދި ހަމަކަށަވަރުން ޝައިތާނާގެ ފަރާތުން ވަސްވާސްތެރިކަމެއް އައިސް ކަލޭގެފާނުގެ ހިތްޕުޅަށް ވަންނަނަމަ، ﷲ ގެ ރައްކާތެރިކަމަށް އެދިވަޑައިގަންނަވާށެވެ. ހަމަކަށަވަރުން އެ އިލާހީ، މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގަންނަވާ އިލާހެވެ.
201
ހަމަކަށަވަރުން ތަގުވާވެރިވި މީހުންގައި ޝައިތާނާގެ ފަރާތުން އަންނަ އައުމެއް ބީހިއްޖެނަމަ، އެ މީހުން (ﷲ) ހަނދުމަކުރެއެވެ. ފަހެ އެ ހިނދު ލޯހުޅުވިފައިވާ ބަޔަކު ކަމުގައި އެ މީހުން ވެއެވެ.
202
އަދި އެ ޝައިތާނުންގެ އަޚުން، އެ މީހުން މަގު ފުރެއްދުމުގެ ތެރޭގައި ދަމަހައްޓައެވެ. ދެން އެ ކަންތަކުގައި އެ މީހުން ދުލެއް ނުކުރެއެވެ.
203
އަދި ކަލޭގެފާނު އެ މީހުންނާ ހަމައަށް އާޔަތެއް ނުގެންނަވައިފިނަމަ، އެ މީހުން ދަންނަވާނެއެވެ. ކަލޭގެފާނު (އަމިއްލަފުޅަށް) އެ ކަން އިޚްތިޔާރު ނުކުރެއްވީ ކީއްވެގެންތޯއެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނު ތަބާ ވާކަން ކަށަވަރީ، ތިމަންކަލޭގެފާނުގެ ރައްބުގެ ހަޒްރަތުން ތިމަންކަލޭގެފާނަށް އިއްވަވާ ވަހީއަށެވެ. މިއީ (އެބަހީ: މި ގުރްއާނަކީ) ތިޔަބައިމީހުންގެ ރައްބުގެ ހަޒްރަތުން އައި ހެކިތަކެކެވެ. އަދި އީމާންވާ ބަޔަކަށް ތެދުމަގެކެވެ. އަދި ރަހުމަތެއްމެއެވެ.
204
އަދި ގުރްއާން ކިޔަވާ ހިނދު ތިޔަބައިމީހުން ހަނުތިބެ، އެއަށް ކަނުލާ އަހާށެވެ. (އެއީ) ތިޔަބައިމީހުންނަށް ރަހުމަތް ލައްވާތޯއެވެ.
205
އަދި ކަލޭގެފާނުގެ ހިތްޕުޅުން ކަލޭގެފާނުގެ ރައްބު ހަނދުމަ ކުރައްވާށެވެ. މަޑުމޮޅިވެ، ބިރުވެތިވާ ހާލުގައެވެ. ބަސްބުނުމުގެ ތެރެއިން އަޑުހަރުކުރުމަށްވުރެ މަޑުންނެވެ. ހެނދުނާއި ހަވީރުގެ ވަގުތު ތަކުގައެވެ. އަދި ޣާފިލު ވެގެންވާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ.
206
ހަމަކަށަވަރުން ކަލޭގެފާނުގެ ރައްބުގެ ހަޒްރަތުގައިވާ މަލާއިކަތުން، އެ އިލާހަށް އަޅުކަން ކުރެއްވުމަށް ބޮޑާވެއެއް ނުގަނެއެވެ. އަދި އެ ބޭކަލުން އެ އިލާހަށް ތަސްބީހަ ދަންނަވައެވެ. އަދި އެ ބޭކަލުން ސަޖިދަ ކުރައްވަނީ އެ އިލާހަށެވެ.