އަލްމުނާފިޤޫން

Al-Munafiqun

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
ކަލޭގެފާނުގެ އަރިހަށް މުނާފިގުން އަތުވެއްޖެހިނދު، އެ މީހުން ބުނެއެވެ. ހަމަކަށަވަރުން ކަލޭގެފާނީ، ﷲ ގެ ރަސޫލާކަމަށް ތިމަންމެން ހެކިވަމުއެވެ. ހަމަކަށަވަރުން ކަލޭގެފާނީ، އެ އިލާހުގެ ރަސޫލާކަން ﷲ ދެނެވޮޑިގެންވެއެވެ. އަދި ހަމަކަށަވަރުން މުނާފިގުންނީ، ދޮގުވެރިންކަމަށް ﷲ ހެކިވެވޮޑިގެންވެއެވެ.
2
އެ މީހުންގެ ހުވާތަކަކީ، އައްޑަނަތަކެއް ކަމުގައި އެ މީހުން ހެދޫއެވެ. ފަހެ އެ މީހުން ﷲ ގެ މަގުން (މީސްތަކުން) އެއްކިބާކުރިއެވެ. ހަމަކަށަވަރުން އެ މީހުން ކޮށްއުޅުނު ކަންތަކުގެ ނުބައިކަމާއެވެ.
3
އެއީ އެ މީހުން އީމާންވެ، ދެން އެއަށް ފަހު ކާފިރު ވީކަމުގެ ސަބަބުންނެވެ. ފަހެ އެ މީހުންގެ ހިތްތަކުގައިވަނީ ސިއްކަޖައްސަވައިފައެވެ. ފަހެ އެ މީހުންނަކަށް ނުވިސްނެތެވެ.
4
އަދި ކަލޭގެފާނަށް އެ މީހުން ފެނިވަޑައިގެންފިނަމަ، އެ މީހުންގެ ހަށިތައް ކަލޭގެފާނު އަޖާއިބުކުރުވައެވެ. އަދި އެ މީހުން ވާހަކަ ދައްކާނަމަ، އެ މީހުން ދައްކާ ވާހަކަ ކަލޭގެފާނު އައްސަވަމުއެވެ. އެ މީހުންނީ (ފާރެއްގައި) ލައްގާފައިވާ ލަކުޑިތަކެއްފަދަ ބަޔެކެވެ. އެ މީހުން ހީކުރަނީ، ކޮންމެ ހަޅޭކެއް އެއީ އެ މީހުންގެ މައްޗަށް އަންނަ ހަމަލާއެއް ކަމުގައެވެ. އެ މީހުންނީ، ހަމަ އަދާވާތްތެރިންނެވެ. ފަހެ ކަލޭގެފާނު އެ މީހުންނާމެދު ރައްކާތެރިވެވަޑައިގަންނަވާށެވެ. ﷲ، އެ މީހުންނަށް ލައުނަތް ލައްވާހުއްޓެވެ. އެ މީހުން ހައްގުން އެއްކިބާވަނީ ކޮންފަދައަކުންހެއްޔެވެ؟
5
އަދި ﷲ ގެ ރަސޫލާ ތިޔަބައިމީހުންނަށް ފާފަ ފުއްސެވުމަށް ދުއާ ކޮށްދެއްވުމަށް ޓަކައި، ތިޔަބައިމީހުން އަންނާށޭ އެ މީހުންގެ ގާތުގައި ބުނެފިނަމަ، އެ މީހުންގެ ބޯތައް ހޫރުވައިލައެވެ. އަދި އެ މީހުން ކިބުރުވެރިވެގެންވާ ހާލުގައި، އެ މީހުން ފުރަގަސްދީ ދާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ.
6
އެ މީހުންނަށް ފާފަ ފުއްސެވުމަށް ކަލޭގެފާނު ދުއާކުރެއްވިޔަސް، ނުވަތަ އެ މީހުންނަށް ފާފަ ފުއްސެވުމަށް ކަލޭގެފާނު ދުއާ ނުކުރެއްވިޔަސް، އެ މީހުންގެ މައްޗަށް ހަމަހަމަވެގެންވެއެވެ. ﷲ، އެ މީހުންނަކަށް ފާފައެއް ނުފުއްސަވާނެއެވެ. އަދި ހަމަކަށަވަމުން، ފާސިގުވީ މީހުންނަށް ﷲ ތެދުމަގެއް ނުދައްކަވާނެއެވެ.
7
އެ މީހުން (ﷲ ގެ ރަސޫލާގެ އަރިހުން) ވަކިވެ ހިނގައްޖައުމަށް ދާންދެން ﷲ ގެ ރަސޫލާ އަރިހުގައި ތިބިބަޔަކަށް ތިޔަބައިމީހުން ހޭދަނުކުރާށޭ ބުނާމީހުންނީ، އެ މީހުންނެވެ. އަދި އުޑުތަކާއި، ބިމުގައިވާ ޚަޒާނާތައް މިލްކުވެގެންވަނީ، ﷲ އަށެވެ. އެހެނެއްކަމަކު މުނާފިގުންނަކަށް (އެ ކަމެއް) ނުވިސްނެތެވެ.
8
އެ މީހުން ބުނެއެވެ. ހަމަކަށަވަރުން ތިމަންމެން އެނބުރި މަދީނާއަށް އަތުވެއްޖެނަމަ، ހަމަކަށަވަރުން އެންމެ އިއްޒަތްތެރި މީހާ، އެންމެ ދެރަ ނިކަމެތި މީހާ އެ ތަނުން ބޭރުކޮށްލާނެތެވެ. (އެހެންނަކުން ނޫނެވެ.) އިއްޒަތް ވަނީ، ﷲ އަށެވެ. އަދި އެ އިލާހުގެ ރަސޫލާއަށާއި، މުއުމިނުންނަށެވެ. އެހެނެއްކަމަކު މުނާފިގުންނަކަށް (އެ ކަމެއް) ނޭނގެތެވެ.
9
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ދަރިންތައް ﷲ ހަނދުމަކުރުމުން ތިޔަބައިމީހުން މަޝްޣޫލު ކޮށްދުރުކުރިޔަ ނުދޭހުށިކަމެވެ. އަދި އެ ކަންތައްކުރާ މީހާ (ދަންނާށެވެ.) ފަހެ ގެއްލެނިވެގެންވާ މީހުންނީ، ހަމަ އެ މީހުންނެވެ.
10
އަދި ތިޔަބައިމީހުންކުރެ މީހެއްގެ ގާތަށް މަރު އައުމުގެ ކުރީގައި، ތިމަން އިލާހު ތިޔަބައިމީހުންނަށް ދެއްވި ތަކެތިން ތިޔަބައިމީހުން ހޭދަކުރާށެވެ! ފަހެ (އެ ހިނދު) އޭނާ ބުނާނެއެވެ. އަޅުގެ ރައްބެވެ. ކައިރި އަޖަލަކަށް އިބަ އިލާހު މިއަޅާ ފަސް ކުރައްވާނެނަމަ ކޮންފަދަތޯއެވެ؟ ފަހެ އޭރުން މި އަޅާ ސަދަގާތް ކޮށް، ސާލިހު އަޅުންގެ ތެރެއިން ވާހުށީމެވެ.
11
އަދި ﷲ، އެއްވެސް ނަފްސެއް، އޭގެ އަޖަލު އަންނަހިނދު، ފަހެއް ނުކުރައްވާނެއެވެ. އަދި ﷲ އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.