އައްތަޣާބުން

At-Taghabun

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
އުޑުތަކާއި، ބިމުގައި ވާހާ ތަކެއްޗެއް ﷲ އަށް ތަސްބީހަ ކިޔަތެވެ. ވެރިކަންވަނީ އެ އިލާހަށެވެ. އަދި ހަމްދު ހުރީވެސް އެ އިލާހަށެވެ. އަދި އެ އިލާހީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހެވެ.
2
އެ އިލާހީ، ތިޔަބައިމީހުން ހެއްދެވި އިލާހެވެ. ފަހެ ތިޔަބައިމީހުންގެ ތެރެއިން ކާފިރުން ވެއެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން މުއުމިނުންވެސް ވެއެވެ. އަދި ﷲ އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.
3
އެ އިލާހު އުޑުތަކާއި، ބިން ހައްގު ގޮތުގައި ހެއްދެވިއެވެ. އަދި ތިޔަބައިމީހުންސޫރަ ކުރައްވާ، ދެން ތިޔަބައިމީހުންގެސޫރަތައް ރިވެތިކުރެއްވިއެވެ. އަދި އެނބުރި ދިޔުން ވަނީ، އެ އިލާހުގެ ހަޒްރަތަށެވެ.
4
އުޑުތަކާއި، ބިމުގައި ވާހާކަމެއް އެ އިލާހު ދެނެވޮޑިގެންވެއެވެ. އަދި ތިޔަބައިމީހުން ސިއްރުކުރާ ކަންތަކާއި، ފާޅުކުރާ ކަންތައް އެ އިލާހު ދެނެވޮޑިގެންވެއެވެ. އަދި ﷲ އީ، ހިތްތަކުގައި ވާހާކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
5
މީގެކުރިން ކާފިރު ވިމީހުންގެ ޚަބަރު، ތިޔަބައިމީހުންނާ ހަމަޔަކަށް ނާދޭހެއްޔެވެ؟ ފަހެ އެ މީހުން ކުރި ކަންތަކުގެ ނުބައި ނަތީޖާގެ ރަހަ، އެ މީހުން ލިބިގަތޫއެވެ. އަދި އެ މީހުންނަށް ވޭންދެނިވި އަޒާބު ހުއްޓެވެ.
6
އެއީ އެ މީހުންގެ ގާތަށް އެ މީހުންގެ ރަސޫލުން ފާޅުވެގެންވާ ހެކިތަކާއިގެން ވަޑައިގަތުމުން، ފަހެ ތިމަންމެންނަށް ތެދުމަގު ދައްކަނީ، އާދަމުގެ ދަރިންތަކެއް ހެއްޔޭ، އެ މީހުން ބުނެ، އެ މީހުން ކާފިރުވެ، ފުރަގަސްދިނީތީއެވެ. އަދި ﷲ ފުދިވޮޑިގެންވެއެވެ. ﷲ އީ، ފުދިވޮޑިގެންވާ، ހަމްދު ލިބިވޮޑިގެންވާ އިލާހެވެ.
7
ކާފިރުވި މީހުން އަލުން ނުދިރުއްވޭނެކަމަށް އެ މީހުން ހީކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ: އެހެންނަކުން ނޫނެވެ. ތިމަންކަލޭގެފާނުގެ ރައްބު ގަންދެއްވާ ވިދާޅުވަމެވެ. ހަމަކަށަވަރުން ތިޔަބައިމީހުން އަލުން ދިރުއްވޭނެއެވެ. ދެން ހަމަކަށަވަރުން ތިޔަބައިމީހުން ކުރި އަމަލުތަކުގެ ޚަބަރު، ތިޔަބައިމީހުންނަށް އެންގެވޭނެއެވެ. އަދި އެ ކަންތަކަކީ ﷲ އަށް ދާދިފަސޭހަ ކަމެކެވެ.
8
ފަހެ ތިޔަބައިމީހުން ﷲ އަށާއި، އެ އިލާހުގެ ރަސޫލާއަށާއި، ތިމަން އިލާހު ބާވައިލެއްވި ނޫރަށް (އެބަހީ: ގުރްއާނަށް) އީމާން ވާށެވެ. ﷲ އީ، ތިޔަބައިމީހުންކުރާ ކަންތައް، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
9
އެއް ކުރެއްވުމުގެ ދުވަހަށް، އެ އިލާހު ތިޔަބައިމީހުން އެއް ކުރައްވާ ދުވަސް (ހަނދުމަކުރާށެވެ!) އެއީ ތަޣާބުނުގެ ދުވަހެވެ. (އެބަހީ: ގިޔާމަތް ދުވަހެވެ.) ﷲ އަށް އީމާންވެ، ސާލިހު އަމަލުކުރާ މީހާއަށް އޭނާގެ ކުށްތައް އެ އިލާހު އޭނާގެ ކިބައިން ފުއްސަވާނެއެވެ. އަދި އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް އެ އިލާހު އޭނާ ވައްދަވާނެއެވެ. އެ ތާނގައި، އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. ބޮޑުވެގެންވާ ނަސީބު ލިބުމަކީ އެއީއެވެ.
10
އަދި ކާފިރުވެ، ތިމަން އިލާހުގެ އާޔަތްތައް ދޮގުކުޅަމީހުން (ދަންނާށެވެ.) އެ މީހުންނީ، ނަރަކައިގެ އަހުލުވެރިންނެވެ. އެ ތާނގައި އެ މީހުން ދެމިތިބެނިވި ގޮތުގައެވެ. އަދި އެއީ ހާދަހާ ނުބައިވެގެންވާ ނިމިދިޔުމެކެވެ.
11
ﷲ ގެ އިޒުނަފުޅަށް މެނުވީ، އެއްވެސް މުސީބަތެއް ނުޖެހެއެވެ. އަދި ﷲ އަށް އީމާން ވާމީހާ (ދަންނާށެވެ.) އެ އިލާހު އެ މީހާގެ ހިތަށް ތެދުމަގު ދައްކަވައެވެ. ﷲ އީ، ކޮންމެ ކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
12
ތިޔަބައިމީހުން ﷲ އަށް ކިޔަމަންވާށެވެ. އަދި ތިޔަބައިމީހުން ރަސޫލާއަށް ކިޔަމަންވާށެވެ. ފަހެ ތިޔަބައިމީހުން (އެ ކަމަށް) ފުރަގަސްދީފިނަމަ، ފަހެ ތިމަން އިލާހުގެ ރަސޫލާގެ މައްޗަށް އޮތްކަން ކަށަވަރީ، ބަޔާން ވެގެންވާ އިއްވެވުމެވެ.
13
ﷲ އީ، އެ އިލާހު ފިޔަވާ (އަޅުކަންކުރުން ހައްގުވާ) އިލާހަކު ނުވާ އިލާހެވެ. ފަހެ މުއުމިނުތަކުން، ހަމައެކަނި ﷲ އަށް ވަކީލުކުރާ ހުށިކަމެވެ.
14
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ އަނބީންނާއި، ތިޔަބައިމީހުންގެ ދަރިންގެ ތެރެއިން، ތިޔަބައިމީހުންނަށް އަދާވާތްތެރިންވެއެވެ. ފަހެ އެ މީހުންނަށް ތިޔަބައިމީހުން ރައްކާތެރިވެ ތިބޭށެވެ! ތިޔަބައިމީހުން އަފޫ ކޮށް، މާފުކޮށް، އަދި ކުށަކަށް ނުހަދައިފިނަމަ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ އިލާހެވެ.
15
ތިޔަބައިމީހުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ދަރިންތައް ވާކަންކަށަވަރީ، އިމްތިހާނެއް ކަމުގައެވެ. އަދި ބޮޑުވެގެންވާ ދަރުމަހުރީ، ﷲ ގެ ހަޒްރަތުގައެވެ.
16
ފަހެ، ތިޔަބައިމީހުންނަށް ކުޅަދާނަވީ ވަރަކުން ﷲ އަށް ތަގްވާވެރިވާށެވެ. އަދި ތިޔަބައިމީހުން އަހާށެވެ! އަދި ތިޔަބައިމީހުން ކިޔަމަންވާށެވެ. އަދި ތިޔަބައިމީހުން ހޭދަކުރާށެވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް އެ ގޮތް ހެޔޮކަން ބޮޑުވެގެންވެއެވެ. އަދި އެ މީހެއްގެ އަމިއްލަ ނަފްސުގެ ދަހިވެތިކަމުން މިންޖުވެއްޖެ މީހާ (ދަންނާށެވެ.) ފަހެ އެ މީހުންނަކީ ހަމަ ކާމިޔާބުވާނެ މީހުންނެވެ.
17
ހެޔޮވެގެންވާ ދަރަންޏަކުން ﷲ އަށް ތިޔަބައިމީހުން ދަރަންޏެއް ދޭނަމަ (އެބަހީ: ﷲ އަށްޓަކައި ހޭދަކުރާނަމަ) އެ އިލާހު ތިޔަބައިމީހުންނަށް ޓަކައި، އެ ތަކެތި ގިނަގުނަ ކުރައްވާނެއެވެ. އަދި އެ އިލާހު ތިޔަބައިމީހުންނަށް ފާފަ ފުއްސަވާނެއެވެ. ﷲ އީ، ގިނަގިނައިން ޝުކުރުވެރިވެ ވޮޑިގަންނަވާ، ޙަލީމްވަންތަ އިލާހެވެ.
18
(އެ އިލާހީ) ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ އިލާހެވެ. ޢަޒީޒުވަންތަ، ޙަކީމްވަންތަ އިލާހެވެ.