އަލްޤަލަމް

Al-Qalam

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
ނޫން. (މި އަކުރުތަކުގެ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.) ގަލަމާއި (އެ ގަލަމުން) އެ މީހުން ލިޔާ ތަކެތި ގަންދެއްވަމެވެ.
2
ކަލޭގެފާނުގެ ރައްބުގެ ނިއުމަތުން ކަލޭގެފާނީ މޮޔަޔަކު ކަމުގައި ވެވަޑައިނުގަންނަވަމުއެވެ.
3
އަދި ހަމަކަށަވަރުން ނިމުމެއް ނުވާ ދަރުމައެއް ކަލޭގެފާނަށް ހުއްޓެވެ.
4
އަދި ހަމަކަށަވަރުން ކަލޭގެފާނު ވަނީ މަތިވެރި ޚުލްގުފުޅެއްގެ މަތީގައިކަން ކަށަވަރެވެ.
5
ފަހެ ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެއެވެ. އަދި އެ މީހުންނަށް ވެސް ފެންނާނެއެވެ.
6
އެއީ ތިޔަބައިމީހުން ކުރެ މޮޔަވެފައިވަނީ ކާކުކަން ކަމުގައެވެ.
7
ހަމަކަށަވަރުން ކަލޭގެފާނުގެ ރައްބު އެ އިލާހުގެ މަގުން އެއްކިބާވެގެންވާ މީހުން މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި ތެދުމަގު ލިބިގެންވާ މީހުންވެސް މޮޅަށް ދެނެވޮޑިގެންވަނީ އެ އިލާހެވެ.
8
ފަހެ ދޮގުކުރާ މީހުންނަށް ކަލޭގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ.
9
ކަލޭގެފާނު އެ މީހުންނަށް ދުލެއް ދެއްވާނެނަމަ، ކޮންފަދަހޭ ހިތައި، އެ ކަމަށް އެ މީހުން އެދުނެވެ. އެއީ އެ މީހުން ވެސް ކަލޭގެފާނަށް ދުލެއް ދިނުމަށް ޓަކައެވެ.
10
އަދި ގިނަގިނައިން ހުވާކޮށްހަދާ، އިހާނަތްތެރިކަން ލިބިގެންވާ ކޮންމެ މީހަކަށް ކަލޭގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ.
11
(އެއީ) ޣީބަ ބުނެހަދާ، ދެބައޮޑުވަމުން ހިނގައިއުޅޭ މީހާއެވެ.
12
ހެޔޮކަންތައް މަނާކުރުންގިނަ، ހައްދުފަހަނަޅައިފައިވާ، ފާފަކުރުންގިނަ މީހާއެވެ.
13
ހިތްހަރު މީހާއެވެ. އެހުރިހާ ކަމަކަށް ފަހުގައި، ބަފާ ނުކަށަވަރު ދަރިޔެކެވެ.
14
އޭނާއީ މުދާވެރި، އަދި ދަރިން ތިބި މީހަކަށްވީތީއެވެ.
15
ތިމަން އިލާހުގެ އާޔަތްތައް އޭނާއަށް ކިޔައިދެއްވާހިނދު، އޭނާ ބުނެއެވެ. (ތިޔައީ) އެވޭލާ މީހުން ދައްކައިއުޅުނު ފުލޯކު ވާހަކަތަކެވެ.
16
ނިކަންހުރެ އޭނާގެ ނޯށްމަތީގައި ތިމަން އިލާހު ފާހަގަލައްވާހުށީމެވެ.
17
ހަމަކަށަވަރުން ތިމަން އިލާހު އެ މީހުން އިމްތިހާނުކުރެއްވީމެވެ. ތިމަން އިލާހު ބަގީޗާގެ އަހުލުވެރިން އިމްތިހާނުކުރެއްވި ފަދައިންނެވެ. އެ މީހުން ހެނދުނު ހެނދުނާ މޭވާ ބިންނާނޭކަމަށް ހުވާކުރިހިނދެވެ.
18
އަދި އެ މީހުން އިސްތިސްނާއެއް ނުކުރެއެވެ. (އެބަހީ: އިން ޝާއަ ﷲ އޭ ނުބުނެއެވެ.)
19
ފަހެ (އެރޭ) އެ މީހުން ނިދާފާ ތިއްބާ، ކަލޭގެފާނުގެ ރައްބުގެ ހަޒްރަތުން ބަލާއެއް، އެ ބަގީޗާގެ މައްޗަށް އައެވެ.
20
ދެން އެ ބަގީޗާގެ ގަސްތައް އަނދައި، ކަޅުއަނދިރި ރޭގަނޑެއް ފަދައިންވިއެވެ.
21
ފަހެ އެ މީހުން ހެނދުނު އެކަކު އަނެކަކަށް ގޮވައިހެދޫއެވެ.
22
ތިޔަބައިމީހުން އިންދި ތަކެތީގެ މޭވާ ބިންނަން ތިބިނަމަ، ދަނޑުތަކަށް ހެނދުނާ އަވަހަށް ހިނގާށެވެ!
23
ފަހެ އެ މީހުން ސިއްރުސިއްރުން ވާހަކަދައްކަމުން (އެތަނަށް) ދިޔައެވެ.
24
މިއަދު ތިޔަބައިމީހުންގެ ގާތަށް އެ ބަގީޗާއަށް އެއްވެސް މިސްކީނަކު ވަނަދީގެނެއް ނުވާނެއެވެ.
25
އަދި ފަގީރުންނަށް ނުދިނުމަށް ކުޅަދާނަކަން ލިބިގެންވާކަމަށްހީކޮށް، އެ ކަމުގެ ގަސްދުގައި ހެނދުނާ އެ މީހުން ދިޔައެވެ.
26
ފަހެ އެ މީހުންނަށް އެ ބަގީޗާގެ ގަސްތަކަށް ޖެހިފައިވާ ހާލު ފެނުނު ހިނދު އެ މީހުން ބުންޏެވެ. ހަމަކަށަވަރުން ތިމަންމެންނީ، މަގުއޮޅިގެންވާ ބަޔަކީމުއެވެ.
27
އަދި ކިއެއް! ތިމަންމެންނީ (އެ ބަގީޗާގެ މޭވާތަކުން) މަހްރޫމު ވެގެންވާ ބަޔަކީމުއެވެ.
28
އެ މީހުން ކުރެ އެންމެ ބުއްދިވެރި މީހާ ބުންޏެވެ. ތިޔަބައިމީހުން (ﷲ ހަނދުމަކޮށް) ތަސްބީހަ ނުކިޔަނީ ކީއްވެހޭ، ތިމަން ތިޔަބައިމީހުންނަށް ނުބުނަންހެއްޔެވެ؟
29
އެ މީހުން ބުންޏެވެ. ތިމަންމެންގެ ރައްބުގެ ހުސްތާހިރުވަންތަކަމާއެވެ. ހަމަކަށަވަރުން ތިމަންމެންވީ އަނިޔާވެރިންކަމުގައެވެ.
30
ފަހެ އެ މީހުން އެއްބަޔަކު އަނެއް ބަޔަކާ ކުރިމަތިލައި އެއްބަޔަކު އަނެއް ބަޔަކަށް މަލާމާތްކުރެއެވެ.
31
އެ މީހުން ބުންޏެވެ. އޭ ތިމަންމެންނަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ. ހަމަކަށަވަރުން ތިމަންމެންވީ (ފުރެދުމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކު ކަމުގައެވެ.
32
އަޅަމެންގެ ރައްބު އޭގެ ބަދަލުގައި، އެއަށްވުރެ ހެޔޮވެގެންވާ ނިއުމަތެއް އަޅަމެންނަށް ދެއްވަފާނެއެވެ. ހަމަކަށަވަރުން ތިމަންމެންވަނީ، ތިމަންމެންގެ ރައްބުގެ ހަޒްރަތަށް އެދިއެދި ތިބޭ ބަޔަކު ކަމުގައެވެ.
33
އަޒާބު ހުރީ އެފަދައިންނެވެ. އަދި އާޚިރަތުގެ އަޒާބު (އެއަށްވުރެ) މާ ބޮޑުކަން ކަށަވަރެވެ. އެ ކަން އެ މީހުންނަށް އެނގޭނެނަމައެވެ.
34
ހަމަކަށަވަރުން ތަގުވާވެރިންނަށް އެ މީހުންގެ ރައްބުގެ ހަޒްރަތުގައި ނިއުމަތުގެ ސުވަރުގެތައްވެއެވެ.
35
ފަހެ ތިމަން އިލާހު (ކިޔަމަންތެރި) މުސްލިމުން (ކާފިރުވި) ކުށްވެރިންނާ އެއްފަދަ ކުރައްވާނޭހެއްޔެވެ؟
36
ތިޔަބައިމީހުންނަށް ތިޔަތިބީ ކީއްވެފައިހެއްޔެވެ؟ ތިޔަބައިމީހުން ތިޔަ ހުކުމްކުރަނީ ކޮންފަދައަކުންހެއްޔެވެ؟
37
އަދި ކިއެއް! ތިޔަބައިމީހުން އެފޮތުން ކިޔަވާނޭ ފޮތެއް ތިޔަބައިމީހުންނަށް ވޭހެއްޔެވެ؟
38
ހަމަކަށަވަރުން އެފޮތުގައި ތިޔަބައިމީހުން އިޚްތިޔާރުކުރަން ބޭނުން ގޮތްތައް ވޭހެއްޔެވެ؟
39
ނުވަތަ ގިޔާމަތް ދުވަހާ ޖެހެންދެން ކަށަވަރުވެ، ދެމިއޮންނަ އަހުދުތަކެއް ތިމަން އިލާހުގެ ހަޒްރަތުން ތިޔަބައިމީހުންނަށް ވަނީހެއްޔެވެ؟ ހަމަކަށަވަރުން ތިޔަބައިމީހުން ހުކުމްކުރާ ގޮތްތައްހުރީ، ހަމަ ތިޔަބައިމީހުންނަށެވެ.
40
ކަލޭގެފާނު އެ މީހުންނާ ސުވާލު ކުރައްވާ ބައްލަވާށެވެ. އެ މީހުން ކުރެ އެ ކަމަށް ޖާމިނުވާހުށީ ކާކުހެއްޔެވެ؟
41
ނުވަތަ އެ މީހުންނަށް ބައިވެރިންތަކެއް ވަނީހެއްޔެވެ؟ އެ މީހުންނީ ތެދުވެރިންކަމުގައިވާނަމަ، ފަހެ އެ މީހުންގެ ބައިވެރިން ގޮވައިގެން އެ މީހުން އަންނަހުށިކަމެވެ.
42
ކަށިމަތިފުޅު ހާމަވާ ދުވަސް ހަނދުމަކުރާށެވެ! (އެ ދުވަހުން) އެ މީހުންނަށް ސަޖިދަކުރުމަށް ގޮވައިލައްވާނެއެވެ. ފަހެ އެ މީހުންނަކަށް (އެ ކަމަކަށް) ކުޅަދާނަވެގެނެއްނުވާނެއެވެ.
43
(އެ މީހުން ތިބޭހުށީ) އެ މީހުންގެ ލޯތައް ތިރިވެ، އެ މީހުންގެ މައްޗަށް ނިކަމެތިކަން ވެރިވެފައެވެ. ހަމަކަށަވަރުން އެ މީހުން ސަލާމަތުން ތިބިއިރު، ސަޖިދަކުރުމަށް ގޮވައިލައްވާ ކަމުގައިވިއެވެ.
44
ފަހެ މި ގުރްއާން ދޮގުކުރާ މީހުން، ކަލޭގެފާނު ތިމަން އިލާހަށް ދޫކޮށްލައްވާށެވެ. އެ މީހުންނަށް ނޭނގޭނޭގޮތުން (އަޒާބުގެ ތެރެއަށް) ތިމަން އިލާހު، އެ މީހުން ނިކަންހުރެ ގެންދަވާހުށީމެވެ.
45
އަދި އެ މީހުންނަށް ތިމަން އިލާހު ލަސް ކުރައްވަމެވެ. ހަމަކަށަވަރުން ތިމަންގެ އިލާހު ރޭއްވެވުން ގަދަފަދަވެގެންވެއެވެ.
46
އަދި ކިއެއް! އެ މީހުންގެ ކިބައިން އުޖޫރައަކަށް ކަލޭގެފާނު އެދިވަޑައިގަންނަވަނީތޯއެވެ؟ ފަހެ އެ މީހުން އެ އުޖޫރަ ދޭންޖެހުމުގެ ސަބަބުން އެ މީހުންނަށް ބުރަކަމެއް ލިބެނީތޯއެވެ؟
47
ނުވަތަ އެ މީހުން (އެއިން) ލިޔުމަށް އެ މީހުންގެ ގާތުގައި ޣައިބުގެ އިލްމު ވަނީހެއްޔެވެ؟
48
ފަހެ ކަލޭގެފާނުގެ ރައްބުގެ ހުކުމްފުޅަށް ކަލޭގެފާނު ކެތް ކުރައްވާށެވެ. އަދި ބޮޑުމަހުގެ އެކުވެރިޔާ (އެބަހީ: ޔޫނުސްގެފާނު) ފަދައިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ. އެކަލޭގެފާނު، ބޮޑުވެގެންވާ ހިތާމައިގައިވާ ހާލު، ދުއާކުރެއްވި ހިނދުގައެވެ.
49
އެކަލޭގެފާނުގެ ރައްބުގެ ހަޒްރަތުން ފޮނުއްވި ނިއުމަތެއް، އެކަލޭގެފާނާ ހަމައަށް ވާސިލު ނުވިނަމަ، އެކަލޭގެފާނަށް މަލާމާތް ލިބިގެންވާ ހާލު (މަހުގެ ބަނޑުން، ކަނޑުގެ) އައްސޭރިޔަށް އެކަލޭގެފާނު އެއްލައިލެއްވީހެވެ.
50
ދެން އެކަލޭގެފާނުގެ ރައްބު، އެކަލޭގެފާނު ޚިޔާރުކުރެއްވިއެވެ. އަދި ސާލިހު އަޅުންގެ ތެރެއިން އެކަލޭގެފާނު ލެއްވިއެވެ.
51
ކާފިރުވި މީހުން ގުރްއާނުގެ އަޑު އެހިހިނދު، އެ މީހުންގެ ބެލުންތަކުން ކަލޭގެފާނު ކައްސުވާލައި، ވައްޓައިލުމާ ގާތްކުރެއެވެ. އަދި އެ މީހުން ބުނެއެވެ. ހަމަކަށަވަރުން އެކަލޭގެފާނީ މޮޔައެކެވެ.
52
އާލަމްތަކަށް ހަނދާންކޮށްދިނުމެއްކަމުގައި މެނުވީ އެ ގުރްއާން ނުވެއެވެ.