ކަށަވަރުވެގެންވާ ގިޔާމަތް ދުވަހެވެ.
ކަށަވަރުވެގެންވާ ގިޔާމަތް ދުވަހަކީ، ކޮންދުވަހެއްހެއްޔެވެ؟
ކަށަވަރުވެގެންވާ ގިޔާމަތް ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
ޘަމޫދު ބާގައިމީހުންނާއި، ޢާދު ބާގައިމީހުން ގިޔާމަތް ދުވަސް ދޮގުކުރިއެވެ.
ފަހެ ޘަމޫދު ބާގައިމީހުން ދަންނާށެވެ. ފަހެ ބިރުވެރި، ގަދަފަދަ އަޑުން އެ މީހުން ހަލާކު ކުރެއްވިއެވެ.
އަދި ޢާދު ބާގައިމީހުން ދަންނާށެވެ. ފަހެ ގަދަފަދަ ފިނިވަޔަކުން އެ މީހުން ހަލާކު ކުރެއްވިއެވެ.
އެ އިލާހު އެ މީހުންގެ މައްޗަށް ހަތްރެއާއި، އަށްދުވާ ވަންދެން ވިދިވިދިގެން އެ ވައި ފޮނުއްވިއެވެ. ފަހެ އެ ގައުމުގެ މީހުން ހޭނެތިގެން ވެއްޓިފައިވާތީ ތިބާ ދެކޭނެއެވެ. އެ މީހުންނެކޭ، ހޮއިހެދިފައިވާ ކަދުރު ރުކުގެ ބުޑުތަކެކޭ އެއްފަދައެވެ.
ފަހެ އެ މީހުންގެ ތެރެއިން ސަލާމަތްވި އެކަކުވެސް ތިބާއަށް ފެނޭހެއްޔެވެ؟
އަދި ފިރްޢައުނާއި، އޭނާގެ ކުރީގެ މީހުންނާއި، ބަންޑުންޖެއްސެވި ރަށްތަކުގެ މީހުން ފާފަކުރިއެވެ.
ފަހެ އެ މީހުންގެ ރައްބު ފޮނުއްވި ރަސޫލާއަށް އެ މީހުން އުރެދުނެވެ. ފަހެ އެ އިލާހު ގަދަފަދަވެގެންވާ އަޒާބުގެ ހިއްޕެވުމަކުން އެ މީހުން ހިއްޕެވިއެވެ.
ފެންގަނޑު ހައްދުފަހަނަޅައި އެރިހިނދު، ހަމަކަށަވަރުން ތިމަން އިލާހު، ނައުކޮޅުގައި ތިޔަބައިމީހުން އުފުއްލެވީމެވެ.
އެއީ ތިމަން އިލާހު އެ ކަންތައްތައް ތިޔަބައިމީހުންނަށް ހަނދާންކޮށްދެއްވުމެއް ކަމުގައި ލެއްވުމަށް ޓަކައެވެ. އަދި ކަނުލާ އަހާ ކަންފަތްތަކެއް އެވާހަކަ ކަނުލާ އެހުމަށް ޓަކައެވެ.
ފަހެ ތާޅަފިލި އެއްފަހަރު ފުމެލައްވާ ހިނދެވެ.
އަދި ބިމާއި، ފަރުބަދަތައް (އެ ތަކެތި ހުރިތަނުން) އުފުލި އެއްފަހަރުން ޖެހި، ކުނޑި ކުނޑި ވެގެންދާ ހިނދެވެ.
ފަހެ އެ ދުވަހުން ގިޔާމަތްވާ ހުއްޓެވެ.
އަދި އުޑު ފަޅަފަޅައިގެންދާނެއެވެ. ފަހެ އެ ދުވަހުން އެ އުޑުވާހުށީ، ބަލިކަށިވެގެންނެވެ.
އަދި މަލާއިކަތުން، އެ އުޑުގެ ކަންކޮޅުތަކުގައި ތިއްބަވާނެއެވެ. އެ ދުވަހުން ކަލޭގެފާނުގެ ރައްބުގެ ޢަރްޝު، އެ މީހުންގެ މަތީގައި އުފުއްލަވާނީ، އަށް މަލާއިކަތުންނެވެ.
އެ ދުވަހުން (ހިސާބު ބެއްލެވުމަށް) ތިޔަބައިމީހުން ހުށަހަޅުއްވާނެއެވެ. ތިޔަބައިމީހުންގެ އެއްވެސްކަމެއް ވަންހަނާއެއް ނުވާނެއެވެ.
ފަހެ އެ މީހެއްގެ ފަތް، އެ މީހެއްގެ ކަނާތަށް ލިބުނުމީހާ ދަންނާށެވެ. ފަހެ އެ މީހާ ބުނާނެއެވެ. މިއޮތީއެވެ. ތިޔަބައިމީހުން ތިމަންގެ ފަތް ކިޔައިބަލާށެވެ!
ހަމަކަށަވަރުން ތިމަންގެ ހިސާބުކުރިމަތިލާންޖެހޭނެކަން ތިމަންނާއަށް ޔަގީން ވިއެވެ.
ފަހެ އޭނާ ވާހުށީ، ރުހިގެންވާ ދިރިއުޅުމެއްގައެވެ.
މަތިވެރިވެގެންވާ ސުވަރުގެޔެއްގައެވެ.
އެތާނގެ މޭވާތައް ކައިރިވެގެންވެއެވެ.
(އަންގަވާނެއެވެ.) އަރާމުލިބެނިވިގޮތުގައި، ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! ދުނިޔޭގައި ތިޔަބައިމީހުން ހޭދަކުރި ދުވަސްތަކުގައި ތިޔަބައިމީހުންކުރި ހެޔޮ އަމަލުތަކުގެ ޖަޒާއެއްގެ ގޮތުންނެވެ.
އަދި އެ މީހެއްގެ ފަތް، އެ މީހެއްގެ ވާތަށް ލިބުނުމީހާ ދަންނާށެވެ. ފަހެ އެ މީހާ ބުނާނެއެވެ. އޭ ސަހަރޯއެވެ! ތިމަންގެ ފަތް ތިމަންގެ އަތަށް ނުދެއްވެވިނަމަ ކިހާ ރަނގަޅުވީސްހެއްޔެވެ!
އަދި ތިމަންގެ ހިސާބު ތިމަންނާއަށް ނޭނގުނުނަމަ ކޮންފަދަހެއްޔެވެ!
އޭ ސަހަރޯއެވެ! އެ މަރު އެއީ، ތިމަންނާގެ ނިމުންކަމުގައިވީނަމަ، ކޮންފަދަހެއްޔެވެ!
ތިމަންގެ މުދާ، ތިމަންނާއަށް އެއްވެސްކަމެއް ފުއްދައެއް ނުދިނެވެ.
ތިމަންގެ އާރާއި ބާރު، ތިމަންގެ ކިބައިން ފިލައިހިނގައްޖެއެވެ.
(ޒަބާނިއްޔަ މަލާއިކަތުންނަށް ﷲ އަންގަވާނެއެވެ.) އޭނާ ހިފައި ކަސްތޮޅު އަޅާށެވެ!
ދެން އޭނާ ނަރަކައަށް ވައްދާށެވެ!
ދެން ހަތްދިހަ މުށުގެ ދިގުމިންހުރި ހިލިހިލާއެއްގައި އޭނާ ހިލިހިލާ ޖަހާށެވެ!
ހަމަކަށަވަރުން އޭނާ މަތިވެރި ﷲ އަށް އީމާން ވާކަމުގައެއް ނުވެއެވެ.
އަދި މިސްކީނުންނަށް ކާންދިނުމަކަށް އޭނާ ބާރުއަޅާކަމުގައެއް ނުވެއެވެ.
ފަހެ މިއަދު މިތާކު އޭނާއަކަށް ރަހުމަތްތެރިޔަކު ނުވެއެވެ.
އަދި ޣިސްލީނު މެނުވީ (އެބަހީ: ނަރަކައިގެ އަހުލުވެރިންގެ ގައިން އޮހޮރޭ ފާ ދިޔަ މެނުވީ) އޭނާޔަކަށް ކާއެއްޗެއް ނުވެއެވެ.
ކުށްވެރިން މެނުވީ އެޔެއް ނުކާނެއެވެ.
ފަހެ ތިޔަބައިމީހުންނަށް ފެންނަ ތަކެތި ގަންދެއްވަމެވެ.
އަދި ތިޔަބައިމީހުންނަށް ނުފެންނަ ތަކެތި ވެސް ގަންދެއްވަމެވެ.
ހަމަކަށަވަރުން އެއީ މާތްވެގެންވާ ރަސޫލަކު (އެބަހީ: ޖިބްރީލުގެފާނު ﷲ ގެ ހަޒްރަތުން) ގެންނެވި ބަސްފުޅެއްކަން ކަށަވަރެވެ.
އެއީ ޅެންވެރިޔެއްގެ ބަހެއްނޫނެވެ. ތިޔަބައިމީހުން އީމާން ވަނީ ވަރަށް ވެސް ކުޑަކޮށެވެ.
އަދި އެއީ ކާހިނެއްގެ ބަހެއްވެސްނޫނެވެ. ތިޔަބައިމީހުން ހަނދުމަކުރަނީ ވަރަށް ވެސް މަދުންނެވެ.
(އެއީ) އާލަމްތަކުގެ ރައްބުގެ ހަޒްރަތުން ބާވައިލެއްވި ފޮތެކެވެ.
އަދި އެކަލޭގެފާނު ތިމަން އިލާހަށް ނިސްބަތްކޮށް ހަދާގެން ބައެއް ވާހަކަ ދައްކަވައިފިނަމަ،
(އެކަލޭގެފާނުގެ) ކަނާތްޕުޅުން ތިމަން އިލާހު އެކަލޭގެފާނު ހިއްޕެވީމުހެވެ.
ދެން ތިމަން އިލާހު، އެކަލޭގެފާނުގެ ހިތްޕުޅުގެ ނާރު ކެނޑުއްވީމުހެވެ.
ފަހެ ތިޔަބައިމީހުންކުރެ އެކަކަށް ވެސް ތިމަން އިލާހުގެ އަޒާބުން އެކަލޭގެފާނު ދުރެއް ނުކުރެވޭނެއެވެ.
ހަމަކަށަވަރުން އެ ގުރްއާނަކީ، ތަގުވާވެރިންނަށް އޮތް ހަނދާންކޮށްދިނުމެއްކަން ކަށަވަރެވެ.
އަދި ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން ދޮގުކުރާ ބަޔަކުވާކަން ތިމަން އިލާހު ދެނެވޮޑިގެންވަމެވެ.
އަދި ހަމަކަށަވަރުން އެ ގުރްއާނަކީ، ކާފިރުންގެ މައްޗަށްހުރި ހިތާމައެއްކަން ކަށަވަރެވެ.
އަދި ހަމަކަށަވަރުން އެ ގުރްއާނަކީ، ޔަގީން ވެގެންވާ ހައްގު ތެދުކަން ކަށަވަރެވެ.
ފަހެ ކަލޭގެފާނުގެ މަތިވެރިވަންތަ ރައްބުގެ އިސްމުފުޅުން ތަސްބީހަ ވިދާޅުވާށެވެ.