ކަލޭގެފާނު ވިދާޅުވާށެވެ. ޖިންނީންގެ ތެރެއިން ބަޔަކު (ގުރްއާނުގެ) އަޑު އަހައިފިކަމަށް، ތިމަންކަލޭގެފާނަށް ވަހީ އިއްވަވައިފިއެވެ. ފަހެ (އެ މީހުންގެ ގައުމުގެ މީހުންނަށް) އެ މީހުން ބުންޏެވެ. ހަމަކަށަވަރުން ތިމަންމެން އަޖާއިބު ވާފަދަ ގުރްއާނެއްގެ އަޑު އަހައިފީމުއެވެ.
އެ ގުރްއާން މަގުދައްކަނީ، ހައްގު ތެދުމަގަށެވެ. ފަހެ ތިމަންމެން އެ ގުރްއާނަށް އީމާން ވެއްޖައީމުއެވެ. އަދި ތިމަންމެންގެ ރައްބާ އެއްވެސް އެއްޗެއް ތިމަންމެން ޝަރީކެއް ނުކުރާނަމެވެ.
އަދި ހަމަކަށަވަރުން އެ އިލާހު، -އަޅަމެންގެ ރައްބުގެ މާތްކަން މަތިވެރިވެގެންވެއެވެ- (އެ އިލާހު) އަނބިކަނބަލަކުވެސް، އަދި ދަރިކަލަކުވެސް ނުހިއްޕަވައެވެ.
އަދި ތިމަންމެންގެ ތެރެއިން ޖާހިލު ކަންބޮޑު މީހާ، ﷲ އާމެދު ހައްގުން އެއްކިބާވެ، ހައްދުފަހަނަޅައިފައިވާ ބަސްބުނާކަމުގައިވިއެވެ.
އަދި ﷲ އާމެދު އިންސިޔަކުވެސް، އަދި ޖިންނިޔަކުވެސް އެއްވެސް ދޮގެއް ނުބުނާނެކަމަށް ތިމަންމެން ހީކުރީމުއެވެ.
އަދި އިންސީންގެ ތެރެއިން ފިރިހެންބަޔަކު، ޖިންނީންގެ ތެރެއިން ފިރިހެންބަޔެއްގެ ކިބައިން ރައްކާތެރިކަމަށް އެދޭކަމުގައިވިއެވެ. ފަހެ (އެ ކަމުގެ ސަބަބުން) އެ މީހުންނަށް (އެބަހީ: ޖިންނީންނަށް) އެ މީހުން (އެބަހީ: އިންސީން) ކާފިރުކަމާއި ބޮޑާކަން އިތުރުކުރިއެވެ.
އަދި ތިޔަބައިމީހުން (އެބަހީ: ޖިންނީން) ހީކުރިފަދައިން އެ މީހުން ވެސް (އެބަހީ: އިންސީންވެސް) ހީކުރީ، ﷲ، އެއްވެސް މީހަކު އަލުން ދިރުމަކަށް ނުފޮނުއްވާނެކަމަށެވެ.
އަދި ތިމަންމެން އުޑުގެ ޚަބަރު ހޯދަން އުޅުނީމުއެވެ. ފަހެ ތިމަންމެންނަށް އެ ތަންފެނުނީ، ބަލަހައްޓަވާ، ގަދަފަދަ މަލާއިކަތުންނާއި، ގިނިހިލަތަކުން ފުރިފައިވާތީއެވެ.
އަދި ތިމަންމެން އެ އުޑުގެ ތަންތަނުގައި އަޑުއަހަން އިށީނދެ ތިބޭކަމުގައިވީމުއެވެ. ފަހެ މިހާރު އެ އަޑު އަހަންއުޅޭމީހަކަށް ފެންނަހުށީ ފާރަލައިގެންވާ ގިނިހިލަޔެކެވެ.
އަދި ބިމުގައިވާ މީހުންނަށް އިރާދަވެގެންވަނީ ނުބަޔަކަށް ކަން، ނުވަތަ އެ މީހުންގެ ރައްބު، އެ މީހުންނަށް އިރާދަކުރައްވާފައިވަނީ ތެދުމަގަކަށް ކަން ތިމަންމެންނަކަށް ނޭނގެއެވެ.
އަދި ތިމަންމެންގެ ތެރެއިން ހެޔޮލަފާ މީހުންނާއި، އެނޫން މީހުންވެއެވެ. ތިމަންމެންވަނީ، ތަފާތު ބައިބަޔަށެވެ.
އަދި ތިމަންމެންނަށް ބިމުގައި ﷲ ނުކުޅައްދައި ނުލެވޭނެކަމާއި، އަދި އެ އިލާހަށް ފިލައިގެން ދިޔުމުގައިވެސް ނުކުޅައްދައި ނުލެވޭނެކަން ތިމަންމެން ޔަގީންކުރަމުއެވެ.
އަދި ތިމަންމެން ތެދުމަގުގެ އަޑު (އެބަހީ: ގުރްއާނުގެ އަޑު) އެހިހިނދު، ތިމަންމެން އެއަށް އީމާން ވެއްޖައީމުއެވެ. ފަހެ އެ މީހެއްގެ ރައްބަށް އީމާންވާ މީހާ (ދަންނާށެވެ.) ފަހެ ދަރުމަ އުނިކުރައްވާފާނެކަމަކަށް، އަދި އަނިޔާލިބިދާނެކަމަކަށް އެ މީހާ ބިރެއްނުގަންނާނެއެވެ.
އަދި ތިމަންމެންގެ ތެރެއިން މުސްލިމުންވެއެވެ. އަދި ތިމަންމެންގެ ތެރެއިން ތެދުމަގުން އެއްކިބާވެފައިވާ މީހުންވެއެވެ. ފަހެ އިސްލާމްވި މީހުން (ދަންނާށެވެ.) ފަހެ އެ މީހުން ތެދުމަގު އިޚްތިޔާރު ކޮށްފިއެވެ.
އަދި ތެދުމަގުން އެއްކިބާވި މީހުން ދަންނާށެވެ. ފަހެ ނަރަކައިގެ ދަރު ކަމުގައި އެ މީހުން ވިއެވެ.
އެ މީހުން ތެދުމަގުގައި ސީދާވެ ތިބެއްޖެނަމަ، ތިމަން އިލާހު، ހަމަކަށަވަރުން އެ މީހުންނަށް ގިނަވެގެންވާ ފެން (އެބަހީ: ރިޒްގު ތަނަވަސް ކުރެއްވުން) ދެއްވާހުށީމެވެ.
(އެއީ) ތިމަން އިލާހު، އެ މީހުން އެކަމުގައި އިމްތިހާނު ކުރެއްވުމަށް ޓަކައެވެ. އަދި އެ މީހާގެ ރައްބު ހަނދުމަކުރުމުން އެއްކިބާވެއްޖެ މީހާ (ދަންނާށެވެ.) ގަދަފަދަވެގެންވާ އަޒާބަކަށް އެ އިލާހު އެ މީހާ ވައްދަވާހުއްޓެވެ.
އަދި ހަމަކަށަވަރުން މިސްކިތްތައް ވަނީ (ހަމައެކަނި) ﷲ އަށެވެ. ފަހެ ތިޔަބައިމީހުން ﷲ އާއެކު އެހެން އެއްވެސް ފަރާތަކަށް ދުއާކޮށް ނަހަދާށެވެ.
އަދި ހަމަކަށަވަރުން ﷲ ގެ އަޅާ، އެ އިލާހަށް އަޅުކަން ކުރެއްވުމަށް ތެދުވެވަޑައިގަތްހިނދު (އެ ޖިންނީންގެ) ޖަމާއަތްތައް އެކަލޭގެފާނުގެ އަރިހަށް (އެކަލޭގެފާނު ކިޔަވައި ވިދާޅުވާ އަޑު އެހުމަށް) ބޮނޑިވެގަތުމާ ގާތްވިއެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނު އަޅުކަން ކުރައްވާކަން ކަށަވަރީ، ތިމަންކަލޭގެފާނުގެ ރައްބަށެވެ. އަދި ތިމަންކަލޭގެފާނު އެއްވެސް ފަރާތެއް އެ އިލާހާ ޝަރީކެއް ނުކުރައްވަމެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނަށް ގެއްލުމެއް ދިނުމެއްވެސް، އަދި ތެދުމަގެއް ދެއްކުމެއްވެސް، ތިމަންކަލޭގެފާނަކަށް މިލްކުވެގެނެއް ނުވެއެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. (ތިމަންކަލޭގެފާނު އުރެދިއްޖެނަމަ) ހަމަކަށަވަރުން ﷲ ގެ އަޒާބުން، ތިމަންކަލޭގެފާނު މިންޖުކުރާނޭ ހަމައެކަކުވެސް ނުވެއެވެ. އަދި އެ އިލާހު ފިޔަވާ ސަލާމަތްވުމަށްދާނޭ އެހެން ފަރާތެއް ތިމަންކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެއެވެ.
އެހެނެއްކަމަކު (ތިމަންކަލޭގެފާނަށްއޮތީ) ﷲ ގެ ހަޒްރަތުން އަންގަވާ އެންގެވުމަކާއި، އެ އިލާހުގެ ރިސާލަތްތައް އިއްވެވުމެވެ. ﷲ އަށާއި، އެ އިލާހުގެ ރަސޫލާއަށް އުރެދޭ މީހާ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން އެ މީހަކަށްހުރީ، ނަރަކައިގެ އަލިފާނެވެ. އެ ތާނގައި އެ މީހުން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ.
އެ މީހުންނަށް ވައުދު ކުރައްވާފައިވާ އަޒާބު ފެނިއްޖައުމަށް ދާންދެނެވެ. ފަހެ އެ ހިނދު ނަސްރު ދޭ މީހުންގެ ގޮތުން ނިކަމެތި، އަދި އަދަދުގެ ގޮތުން މަދީ ކޮންބަޔެއްކަން ނިކަންހުރެ އެ މީހުންނަށް އެނގޭނެއެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުންނަށް ވައުދު ކުރައްވާ އަޒާބު ގާތްވެއްޖެކަމެއްވެސް، ނުވަތަ ތިމަންކަލޭގެފާނުގެ ރައްބު އެ ކަމަކަށް ދިގުމުއްދަތެއް ލައްވާނެކަމެއްވެސް ތިމަންކަލޭގެފާނަކަށް އެނގިވަޑައެއް ނުގަނެއެވެ.
(އެ އިލާހީ) ޣައިބު ދެނެވޮޑިގެންވާ އިލާހެވެ. ފަހެ އެ އިލާހުގެ ޣައިބެއްވެސް މީހަކަށް ފާޅެއް ނުކުރައްވައެވެ.
އެ އިލާހު ރުހިވޮޑިގެންވާ ރަސޫލަކަށް މެނުވީއެވެ. ފަހެ ހަމަކަށަވަރުން އެ އިލާހު އެ ރަސޫލެއްގެ ކުރިފުޅުމަތިންނާއި، ފަހަތްޕުޅުން ބަލަހައްޓަވާ މަލާއިކަތުން ފޮނުއްވައެވެ.
(އެއީ) އެ ބޭކަލުންގެ ރައްބުގެ ރިސާލަތްތައް އެ ބޭކަލުން އިއްވެވިކަން ދެނެވޮޑިގެންވެ، އެ ކަން ހާމަވުމަށް ޓަކައެވެ. އަދި އެ ބޭކަލުންގެ މެދުގައި ވާހާ ކަމެއް އެ އިލާހު ދެނެވޮޑިގެންވެއެވެ. އަދި އެ އިލާހު ހުރިހާ އެއްޗެއްގެ އަދަދު ދެނެވޮޑިގެންވެއެވެ.