ހަމަކަށަވަރުން ތިމަން އިލާހު، ނޫޙުގެފާނު އެކަލޭގެފާނުގެ ގައުމުގެ މީހުންގެ ގާތަށް ރަސޫލުކަމާއިގެން ފޮނުއްވީމެވެ. ކަލޭގެފާނުގެ ގައުމުގެ މީހުންނަށް އިންޒާރުކުރައްވާށޭ އަންގަވަމުންނެވެ. (އެއީ) އެ މީހުންނަށް ވޭންދެނިވި އަޒާބު އައުމުގެ ކުރިންނެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ: އޭ، އަހަރެންގެ ގައުމުގެ މީހުންނެވެ. ހަމަކަށަވަރުން އަހަރެންނީ، ތިޔަބައިމީހުންނަށް ބަޔާންވެގެންހުރި އިންޒާރުކުރާ މީހަކީމެވެ.
(ވިދާޅުވަމުންނެވެ.) ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށެވެ! އަދި ތިޔަބައިމީހުން، އެ އިލާހަށް ތަގުވާވެރިވާށެވެ. އަދި ތިޔަބައިމީހުން އަހަރެންނަށް ކިޔަމަންވާށެވެ.
(އޭރުން) އެ އިލާހު، ތިޔަބައިމީހުންގެ ފާފަތައް ތިޔަބައިމީހުންނަށް ޓަކައި ފުއްސަވައިދެއްވާނެއެވެ. އަދި ކަނޑައަޅުއްވާފައިވާ މުއްދަތަކަށް ތިޔަބައިމީހުން ފަސް ކުރައްވާނެއެވެ. ހަމަކަށަވަރުން ﷲ ކަނޑައަޅުއްވާފައިވާ އަޖަލު އަތުވެއްޖެނަމަ، ލަހެއް ނުކުރައްވާނެއެވެ. ތިޔަބައިމީހުންނަށް (އެ ކަން) އެނގޭކަމުގައި ވާނަމައެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ: އަޅުގެ ރައްބެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ގައުމުގެ މީހުންނަށް (އީމާން ވުމަށް) ރެއާއި، ދުވާލު ތިމަންކަލޭގެފާނު ގޮވައިލެއްވީމެވެ.
ފަހެ ތިމަންކަލޭގެފާނުގެ ގޮވައިލެއްވުން، ފިލާންދިޔުން ނޫންކަމެއް އެ މީހުންނަކަށް އިތުރެއް ނުކުރިއެވެ. (އެބަހީ: އެކަލޭގެފާނު ތެދުމަގަށް ގޮވައިލެއްވިވަރަކަށް، އެ މީހުން ދަނީ، އެކަލޭގެފާނުގެ ދައުވާއާ ދުރަށެވެ.)
އަދި ހަމަކަށަވަރުން އިބަ އިލާހު އެ މީހުންގެ ފާފަ ފުއްސެވުމަށް ޓަކައި، ތިމަންކަލޭގެފާނު އެ މީހުންނަށް (އީމާން ވުމަށް) ގޮވައިލައްވާ ކޮންމެ ފަހަރަކު، އެ މީހުންގެ އިނގިލިތައް، އެ މީހުންގެ ކަންފަތްތަކުގައި އަޅަތެވެ. އަދި އެ މީހުންގެ ފޭރާމުން، އެ މީހުން ނިވާވެގަނެއެވެ. އަދި އެ މީހުން (ކުފުރުވެރިކަންމަތީ) ދެމިތިބެތެވެ. އަދި ނުހަނު ބޮޑާވެގަނެއެވެ.
ދެން ހަމަކަށަވަރުން ތިމަންކަލޭގެފާނު އެ މީހުންނަށް ހަރުއަޑުން ގޮވައިލެއްވީމެވެ.
ދެން ހަމަކަށަވަރުން ތިމަންކަލޭގެފާނު އެ މީހުންނަށް ފާޅުގައި ގޮވައިލެއްވީމެވެ. އަދި ތިމަންކަލޭގެފާނު ވަންހަނާކޮށް ސިއްރުކުރައްވާ، އެ މީހުންނަށް ގޮވައިލެއްވީމެވެ.
ފަހެ ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ރައްބުގެ ހަޒްރަތުގައި ފާފަ ފުއްސެވުމަށްއެދި، ތިޔަބައިމީހުން ދަންނަވާށެވެ. ހަމަކަށަވަރުން އެ އިލާހީ، ގިނަގިނައިން ފާފަ ފުއްސަވާ އިލާހު ކަމުގައިވެއެވެ.
(އޭރުން) އެ އިލާހު ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެއެވެ.
އަދި މުދާތަކާއި، ދަރިންގެ ގޮތުން، އެ އިލާހު ތިޔަބައިމީހުންނަށް މަދަދު ދެއްވާނެއެވެ. އަދި އެ އިލާހު ތިޔަބައިމީހުންނަށް ޓަކައި ބަގީޗާތައް ލައްވާނެއެވެ. އަދި އެ އިލާހު ތިޔަބައިމީހުންނަށް ޓަކައި ކޯރުތައްވެސް ލައްވާނެއެވެ.
ﷲ ގެ މަތިވެރިކަން ތިޔަ ގަބޫލު ނުކުރަނީ، ތިޔަބައިމީހުންނަށް ކިހިނެއްވެގެންހެއްޔެވެ؟
ހަމަކަށަވަރުން އެ އިލާހު ތިޔަބައިމީހުން ހެއްދެވީ، ތަފާތު މަރުޙަލާތަކަކުންނެވެ.
މަތިމައްޗަށް ﷲ، ހަތް އުޑުހެއްދެވީ ކިހިނަކުންކަން ތިޔަބައިމީހުން ބަލައި ނުވިސްނަނީހެއްޔެވެ؟
އަދި އެ އިލާހު އެ އުޑުތަކުގައި ހަނދު ނޫރެއްކަމުގައި ލެއްވިއެވެ. އަދި އެ އިލާހު އިރު، ވޮށެއްގެ ގޮތުގައި ލެއްވިއެވެ.
އަދި ﷲ ތިޔަބައިމީހުން ބިމުން އުފައްދަވައި ހެއްދެވިއެވެ.
ދެން އެ އިލާހު ތިޔަބައިމީހުން އެ ބިމަށް އިއާދަ ކުރައްވާނެއެވެ. އަދި އެ އިލާހު ތިޔަބައިމީހުން (އެ ބިމުން) ނެރުއްވާނެއެވެ.
އަދި ﷲ، ތިޔަބައިމީހުންނަށް ޓަކައި ފެތުރިގެންވާ ދޫލައެއްގެ ގޮތުގައި ބިންގަނޑުލެއްވިއެވެ.
(އެއީ) އެބިމުން ތިޔަބައިމީހުން ތަނަވަސް މަގުތައް ހޯދައިގަތުމަށް ޓަކައެވެ.
ނޫޙުގެފާނު ވިދާޅުވިއެވެ: އަޅުގެ ރައްބެވެ. ހަމަކަށަވަރުން އެ މީހުން މިއަޅާއަށް އުރެދިއްޖެއެވެ. އަދި އެ މީހުންގެ މުދަލުންނާއި، ދަރިންގެ ފަރާތުން އެ މީހުންނަށް ގެއްލުމެއްނޫން އެހެންކަމެއް ނުލިބޭ މީހުނާ އެ މީހުން ތަބާ ވެއްޖެއެވެ.
އަދި އެ މީހުން ބޮޑުވެގެންވާ މަކަރުވެރި ރޭވުމެއް ރޭވިއެވެ.
އަދި އެ މީހުން ބުންޏެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ އިލާހުންތައް ތިޔަބައިމީހުން ދޫނުކުރާހުށިކަމެވެ. އަދި ހަމަކަށަވަރުން ތިޔަބައިމީހުން ވައްދާއި، ސުވާޢާއި، ޔަޣޫޘާއި، ޔަޢޫގާއި، ނަސްރާއި (މި ހުރިހާ ބުދުތައް) ދޫކޮށްނުލާހުށިކަމެވެ.
އަދި ހަމަކަށަވަރުން އެ މީހުން ގިނަބަޔަކު މަގުފުރެއްދޫއެވެ. އަނިޔާވެރިންނަށް މަގުފުރެދުން ނޫން އެހެންކަމެއް އިތުރު ނުކުރައްވާނދޭވެ.
އެ މީހުންގެ ފާފަތަކުގެ ސަބަބުން އެ މީހުން ޣަރަގުކުރެއްވިއެވެ. ދެން އެ މީހުން އަލިފާނަށް ވެއްދެވިއެވެ. ފަހެ ﷲ ފިޔަވާ ނަސްރު ދޭނޭ ބަޔަކު އެ މީހުންނަކަށް ނުފެނުނެވެ.
އަދި ނޫޙުގެފާނު ވިދާޅުވިއެވެ: އަޅުގެ ރައްބެވެ. ކާފިރުންގެ ތެރެއިން ހަމައެކަކުވެސް އިބަ އިލާހު މި ބިންމަތީގައި ނުބަހައްޓަވާނދޭވެ.
ހަމަކަށަވަރުން އިބަ އިލާހު އެ މީހުން ދޫކުރައްވާފިނަމަ، އެ މީހުން އިބަ އިލާހުގެ އަޅުތަކުން މަގުފުރައްދާނެއެވެ. އަދި އެ މީހުން ފާޖިރު، ކުފުރުވެރިކަން ބޮޑު ދަރިޔަކުމެނުވީ ނުވެސް ވިހާނެތެވެ.
އަޅުގެ ރައްބެވެ. މިއަޅާޔާއި، މިއަޅާގެ މައިންބަފައިންނާއި، އީމާން ވެގެންހުރެ މިއަޅާގެ ގެޔަށް ވަދެއްޖެ މީހަކާއި، މުއުމިނު ފިރިހެނުންނާއި، މުއުމިނު އަންހެނުންނަށް ފާފަ ފުއްސަވާނދޭވެ. އަދި އަނިޔާވެރިންނަށް ހަލާކުނޫން އެހެންކަމެއް އިތުރު ނުކުރައްވާނދޭވެ.