އަލްއިންސާން

Al-Insan

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
ނަންގަނެވިގެންވާ އެއްޗެއް ކަމުގައި އިންސާނާ ނުވާ ޒަމާންތަކެއް، އެ އިންސާނާގެ މައްޗަށް އައިކަން ކަށަވަރެވެ.
2
ހަމަކަށަވަރުން އެއް ކުރައްވާފައިވާ މަނިތިއްކަކުން، ތިމަން އިލާހު އިންސާނާ ހެއްދެވީމެވެ. (އެއީ) އޭނާ އިމްތިހާނު ކުރެއްވުމަށް ޓަކައެވެ. ފަހެ ކަންފަތަށް އިވޭ، ލޮލަށް ފެންނަ މީހަކު ކަމުގައި ތިމަން އިލާހު އޭނާ ލެއްވީމެވެ.
3
ހަމަކަށަވަރުން ތިމަން އިލާހު އޭނާއަށް މަގުދެއްކެވީމެވެ. (އެއީ) އޭނާ ޝުކުރުވެރިވުމަށް ޓަކައެވެ. ނޫނީ އޭނާ ދެކޮޅުވެރިވެ، ކާފިރު ވުމަށް ޓަކައެވެ.
4
ހަމަކަށަވަރުން ތިމަން އިލާހު ކާފިރުންނަށް ޓަކައި ހިލިހިލާތަކާއި، ކަސްތޮޅުތަކާއި، އަނދައަނދާ ހުންނަ ނަރަކަ، ތައްޔާރު ކުރެއްވީމެވެ.
5
ހަމަކަށަވަރުން ހެޔޮލަފާ މީހުން ރާތަށްޓަކުން ބޯނެތެވެ. އެއާ އެއް ކުރައްވާފައިވާ އެއްޗަކީ، ކާފޫރުކަމުގައިވިއެވެ.
6
އެއީ ﷲ ގެ (ހެޔޮލަފާ) އަޅުން އެއިން ބުއިމަށްވާ ފެންއާރެކެވެ. އެ މީހުން ބޭނުންގޮތަކަށް އެއިން ފެންއަރުވާނެއެވެ.
7
އެ މީހުން ނަދުރު ފުއްދައެވެ. އަދި އެ ދުވަހެއްގެ ނުރައްކާތެރިކަން ފެތުރިގެންދާ ދުވަހަކަށް (އެބަހީ: ގިޔާމަތް ދުވަހަށް) އެ މީހުން ބިރުވެތިވެއެވެ.
8
އަދި އެ ތަކެއްޗަށް ލޯބި ހުރުމާއެކުވެސް، މިސްކީނުންނާއި، ޔަތީމުންނާއި، ހައްޔަރުވެފައިވާ މީހުންނަށް އެ މީހުން ކާތަކެތި ކާންދެތެވެ.
9
(ބުނަމުންނެވެ.) ހަމަކަށަވަރުން ތިމަންމެން ތިޔަބައިމީހުންނަށް ކާން މި ދެނީ، ހަމައެކަނި ﷲ ގެ ވަޖުހުފުޅަށް ޓަކައެވެ. ތިޔަބައިމީހުންގެ ފަރާތުން އެއްވެސް ބަދަލަކަށް ނުވަތަ ޝުކުރަކަށް ތިމަންމެން ނޭދެމުއެވެ.
10
ހަމަކަށަވަރުން އެ ދުވަހެއްގައި، މޫނުތައް ގަދަފަދަގޮތެއްގައި ފުސްވެގެންވާ ދުވަހަކާމެދު، ތިމަންމެންގެ ރައްބަށް ތިމަންމެން ބިރުވެތިވަމުއެވެ.
11
ފަހެ އެ ދުވަހުގެ ނުބައިކަމުން ﷲ، އެ މީހުން ރައްކާތެރި ކުރެއްވިއެވެ. އަދި މޫނު އަލިކަމާއި، އުފާވެރިކަން އެ މީހުންނަށް ދެއްވިއެވެ.
12
އެ މީހުން ކެތްތެރިވިކަމަށް ޓަކައި، ޖަޒާއެއްގެ ގޮތުގައި އެ މީހުންނަށް ސުވަރުގެއާއި، ފަށުއި ފޭރާން ދެއްވިއެވެ.
13
އެ ތާނގައި އެ މީހުން ދާންތަކުގެ މަތީގައި ލެނގިލައިގެން ތިބޭ ހާލުގައެވެ. އެ ތާނގައި އަވީގެ ހޫނެއް، ނުވަތަ ގަދަފިންޏެއްވިޔަސް އެ މީހުން ނުދެކޭނެއެވެ.
14
އެތާނގެ ގަސްގަހުގެ ހިޔާތައް، އެ މީހުންނަށް ގާތްވެގެންވެއެވެ. އަދި ގަސްގަހުގެ މޭވާތައް ބިނުމަށް ފަހިކުރައްވާ ފަސޭހަ ކުރައްވާފައިވެއެވެ.
15
އަދި ރިހިންވާ ކަންވާރުތަކާއި، ފެންބޯ ތަށިތަކާއިގެން އެ މީހުންގެ މެދުގައި ބުރުޖެހޭނެތެވެ. އެ ތަކެތި ބިއްލޫރި ފަދައިންވެއެވެ.
16
ރިހީގެ ބިއްލޫރިތަކެކެވެ. އެ މީހުން އަދަދު ކޮށް، އެ ތަކެތި މިންވަރު ކުރާނެތެވެ. (އެބަހީ: އެ ތަށިތަކުގެ ބޮޑުކުޑަމިނާއި އެ ތަށިތަށްޓަށް އަޅާފައިވާ ތަކެތި، އެ މީހުން ބޭނުންގޮތަކަށް ކަނޑައަޅާނެތެވެ.)
17
އަދި އެ ތާނގައި އެ މީހުންނަށް ރާތަށްޓެއް ބުއިމަށް ދެއްވާނެއެވެ. އެއާ އެއް ކުރައްވާފައިވާ އެއްޗެއް ކަމުގައި ވަނީ، ޒަންޖަބީލެވެ.
18
(އެއީ) އެ ތާނގައިވާ ސަލްސަބީލު އޭ ނަމަކަށް ކިޔޭ އާރެކެވެ.
19
އަދި ޒުވާންކަންމަތީ ދެމިތިބޭ ޒުވާން ފިރިހެންކުދިން، އެ މީހުންގެ ޚިދުމަތުގައި ބުރުޖަހާނެތެވެ. ތިބާއަށް އެކުދިން ފެނިއްޖެނަމަ، އެކުދިންނީ، އެ ތަންމިތަނަށް ވިހުރުވައިލާފައިވާ ރަން މުތްތަކެއްހެން ތިބާއަށް ހީވާނެއެވެ.
20
އަދި ތިބާއަށް އެ ތަން ފެނިއްޖެނަމަ (ސިފަނުކުރެވޭފަދަ) ނިއުމަތާއި، ބޮޑުވެގެންވާ ވެރިކަމެއް ތިބާއަށް އެ ތަނުން ފެންނާނެއެވެ.
21
ފެހި ކުލައިގެ ސުންދުސް ފޭރާމާއި، އިސްތަބްރަގު ފޭރާމުން އެ މީހުންނަށް ފޭރާން ލެއްވޭނެއެވެ. އަދި ރިހި އުޅާތަކުން އެ މީހުން ގަހަނާ އަޅުއްވާނެއެވެ. އަދި އެ މީހުންގެ ރައްބު، އެ މީހުންނަށް ސާފު ތާހިރު ބުއިމެއް ބޯންދެއްވާނެއެވެ.
22
(އަދި އެ މީހުންނަށް އަންގަވާނެއެވެ.) ހަމަކަށަވަރުން މި ކަންތައްވަނީ، ތިޔަބައިމީހުންނަށް (ހެޔޮ) ޖަޒާއެއް ކަމުގައެވެ. އަދި ތިޔަބައިމީހުންނީ، ތިޔަބައިމީހުން ކުރި މަސައްކަތައް ޝުކުރު ލިބިގެންވާ މީހުން ކަމުގައި ވެއެވެ.
23
ހަމަކަށަވަރުން ތިމަން އިލާހު ކަލޭގެފާނުގެ މައްޗަށް ގުރްއާން ވަކިވަކިކޮށް ބާވައިލެއްވީމެވެ.
24
ފަހެ ކަލޭގެފާނުގެ ރައްބުގެ ހުކުމްފުޅަށް، ކަލޭގެފާނު ކެތްތެރިވެވަޑައިގަންނަވާށެވެ. އަދި އެ މީހުންގެ ތެރެއިން ފާފަވެރިޔަކަށް، ނުވަތަ ކާފިރަކަށް ކަލޭގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ.
25
އަދި ހެނދުނާއި، ހަވީރު، ކަލޭގެފާނުގެ ރައްބުގެ އިސްމުފުޅު ހަނދުމަ ކުރައްވާށެވެ.
26
އަދި ރޭގަނޑުން ބައެއްގައި، އެ އިލާހަށް ކަލޭގެފާނު ސަޖިދަ ކުރައްވާށެވެ. އަދި ރޭގަނޑުގެ ދިގު ވަގުތުތަކުގައި، ކަލޭގެފާނު އެ އިލާހަށް ތަސްބީހަ ވިދާޅުވާށެވެ.
27
ހަމަކަށަވަރުން މިބައިމީހުން ދުނިޔޭގެ ދިރިއުޅުމަށް ލޯބިކުރެއެވެ. އަދި ބަރުދަންހުރި ދުވަހެއް އެ މީހުންގެ ފަހަތަށް ދޫކޮށްލަތެވެ.
28
ތިމަން އިލާހު އެ މީހުން ހެއްދެވީމެވެ. އަދި އެ މީހުންގެ ހެއްދެވުން ވަރުގަދަކުރެއްވީމެވެ. އަދި ތިމަން އިލާހު އިރާދަކުރައްވާފިނަމަ، އެ މީހުން ފަދަ އެހެންބަޔަކު ގެންނަވައި، ފުރިހަމައަށް އެ މީހުން ބަދަލު ކުރައްވާފީމުހެވެ.
29
ހަމަކަށަވަރުން މި ގުރްއާނަކީ، ހަނދާންކޮށްދިނުމެކެވެ. ފަހެ ބޭނުންމީހަކު، އެ މީހާގެ ރައްބުގެ ހަޒްރަތަށް މަގެއް ހިފައިފާހުށިކަމެވެ.
30
އަދި ﷲ އިރާދަ ކުރެއްވުމުން މެނުވީ، ތިޔަބައިމީހުންނަކަށް (އެއްވެސްކަމެއް) ނޭދެވޭނެއެވެ. ހަމަކަށަވަރުން މޮޅަށް ދެނެވޮޑިގެންވާ، ޙަކީމްވަންތަ އިލާހު ކަމުގައި ﷲ ވޮޑިގެންވެއެވެ.
31
އެ އިލާހު އިރާދަކުރައްވާ މީހަކު، އެ އިލާހުގެ ރަހުމަތުގެ ތެރެއަށް ވައްދަވައެވެ. އަދި އަނިޔާވެރިންނަށް ޓަކައި، ވޭންދެނިވި އަޒާބު އެ އިލާހު ތައްޔާރުކުރައްވާފައިވެއެވެ.