އަލްމުރްސަލާތު

Al-Mursalat

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
ވިދިވިދިގެން އަންނަ ވައިރޯޅިތައް ގަންދެއްވަމެވެ.
2
އަދި ގަދަޔަށް އަންނަ ބާރު ވައިރޯޅިތައް ވެސް ގަންދެއްވަމެވެ.
3
އަދި ވިލާތައް ފަރާތްފަރާތަށް ފަތުރާ ވައިރޯޅިތައް ވެސް ގަންދެއްވަމެވެ.
4
އަދި ހައްގާއި ބާތިލު ވަކިކުރާ (ގުރްއާނުގެ) އާޔަތްތައް ވެސް ގަންދެއްވަމެވެ.
5
އަދި ހަނދުމަކޮށްދޭ އާޔަތްތައް (ރަސޫލުންނަށް) ގެނެސްދެއްވާ މަލާއިކަތުން ވެސް ގަންދެއްވަމެވެ.
6
އެއީ އުޒުރު ނެތި ކުރެއްވުމަށާއި، އިންޒާރުކުރެއްވުމަށެވެ.
7
ހަމަކަށަވަރުން ތިޔަބައިމީހުންނަށް ވައުދު ކުރައްވާ ކަންތަކީ، ވާނޭކަންތައްކަން ކަށަވަރެވެ.
8
ފަހެ ތަރިތަކުން އޭގެ އަލިކަން ފުއްސަވައިފިހިނދެވެ.
9
އަދި އުޑު ފަޅައިގެން ހިނގައްޖެހިނދެވެ.
10
އަދި ފަރުބަދަތައް ކުނޑިކުނޑިވެގެން ހިނގައްޖެހިނދެވެ.
11
އަދި ރަސޫލުން ކަނޑައެޅިގެންވާ ވަގުތަށް އެއް ކުރައްވާފިހިނދެވެ.
12
އެ ކަންތައްތައް ފަސް ކުރައްވާފައިވަނީ، ކޮންދުވަހަކަށްހެއްޔެވެ؟
13
ނިޔާކުރައްވާ ދުވަހަށެވެ.
14
އަދި ނިޔާކުރައްވާ ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
15
ދޮގުކުރާ މީހުންނަށް އެ ދުވަހުން ގެއްލުމާއި ހަލާކު ހުއްޓެވެ.
16
ތިމަން އިލާހު، އިސްވެދިޔަ މީހުން ހަލާކު ނުކުރައްވަންހެއްޔެވެ؟
17
ދެން ތިމަން އިލާހު އެ މީހުންގެ ފަހަތުން ފަހުގެ މީހުން ގެންދަވާހުށީމެވެ.
18
ކުށްވެރިންނާމެދު، ތިމަން އިލާހު ކަންތައް ކުރައްވަނީ އެފަދައިންނެވެ.
19
ދޮގުކުރާ މީހުންނަށް އެ ދުވަހުން ގެއްލުމާއި، ހަލާކު ހުއްޓެވެ.
20
ދެރަވެގެންވާ ފެނަކުން (އެބަހީ: މަނިފޮދަކުން) ތިމަން އިލާހު ތިޔަބައިމީހުން ނަހައްދަވަންހެއްޔެވެ؟
21
ފަހެ ރައްކާތެރިވެގެންވާ ތަނެއްގައި، (އެބަހީ: ރަހިމުގައި) ތިމަން އިލާހު އެ ފެން ލެއްވީމެވެ.
22
އެނގިގެންވާ މުއްދަތަކަށެވެ.
23
ފަހެ ތިމަން އިލާހު (އެހުރިހާކަމެއް) މިންވަރު ކުރެއްވީމެވެ. ފަހެ މިންވަރުކުރައްވާ އިލާހުގެ މޮޅުކަމާއެވެ.
24
ދޮގުކުރާ މީހުންނަށް އެ ދުވަހުން ގެއްލުމާއި ހަލާކުހުއްޓެވެ.
25
އެއްވާނޭ ތަނެއް ކަމުގައި، ތިމަން އިލާހު ބިން ނުލައްވަންހެއްޔެވެ؟
26
އެއީ ދިރިތިބި މީހުންނާއި، މަރުވެފައިވާ މީހުންނަށް ޓަކައެވެ.
27
އަދި ތިމަން އިލާހު އެ ބިމުގައި ހަރުލައިހުންނަ އުސްފަރުބަދަތައް ލެއްވީމެވެ. އަދި ތިމަން އިލާހު ތިޔަބައިމީހުންނަށް މީރުފެން ބޯންދެއްވީމެވެ.
28
ދޮގުކުރާ މީހުންނަށް އެ ދުވަހުން ގެއްލުމާއި ހަލާކު ހުއްޓެވެ.
29
(އެ މީހުންނަށް އަންގަވާނެއެވެ.) ތިޔަބައިމީހުން ދޮގުކޮށްއުޅުނު ކަންތަކަށް ތިޔަބައިމީހުން ހިނގައިދާށެވެ!
30
ތިންކަތްޕަށް ކަފިވެފައިވާ ހިޔަންޏެއްގެ ތެރެއަށް (އެބަހީ: ނަރަކައިގެ އަލިފާންގަނޑުގެ ދުމުގެ ތެރެއަށް) ތިޔަބައިމީހުން ހިނގައިދާށެވެ!
31
(އެއިން) ހިޔަލެއްވެސް ނުދެތެވެ. އަދި ހުޅުގަނޑުގެ ހޫނުން ސަލާމަތްކޮށެއްވެސް ނުމެދޭމެއެވެ.
32
ހަމަކަށަވަރުން ބޮޑެތި ގަނޑުވަރުފަދަ ކަނިތައް، އެ ހުޅުގަނޑު އުކައެވެ.
33
އެ ކަނިތައް، ރީނދޫކުލައިގެ ޖަމަލުތަކެއް ފަދައެވެ.
34
ދޮގުކުރާ މީހުންނަށް އެ ދުވަހުން ގެއްލުމާއި ހަލާކު ހުއްޓެވެ.
35
މިއީ އެ މީހުންނަށް ބަސްނުމޮށެވޭނޭ ދުވަހެވެ.
36
އަދި އެ މީހުން އުޒުރު ދެއްކުމަކަށް، އެ މީހުންނަކަށް އިޒުނައެއް ނުމެދެއްވާނޭމެއެވެ.
37
ދޮގުކުރާ މީހުންނަށް އެ ދުވަހުން ގެއްލުމާއި، ހަލާކު ހުއްޓެވެ.
38
(ވަހީ ކުރައްވާނެއެވެ.) މިއީ ނިޔާކުރެއްވުމުގެ ދުވަހެވެ. ތިމަން އިލާހު ތިޔަބައިމީހުންނާއި، އަދި ކުރީގެ މީހުން އެއްކުރެއްވީމެވެ.
39
ފަހެ ތިޔަބައިމީހުންނަށް ހަދާނޭ ހީލަތެއް ލިބިގެންވާނަމަ، ފަހެ ތިމަން އިލާހާމެދު ތިޔަބައިމީހުން (ނިކަން) ހީލަތް ހަދާބަލާށެވެ!
40
ދޮގުކުރާ މީހުންނަށް އެ ދުވަހުން ގެއްލުމާއި، ހަލާކު ހުއްޓެވެ.
41
ހަމަކަށަވަރުން ތަގުވާވެރިންވަނީ، ހިޔާތަކާއި، ފެން އާރުތަކުގެ ނިއުމަތްގައެވެ.
42
އަދި އެ މީހުން ހިތްއެދޭ މޭވާތަކުގެ ތެރޭގައެވެ.
43
(އަދި އަންގަވާނެއެވެ.) ތިޔަބައިމީހުން ކޮށްއުޅުނު އަމަލުތަކުގެ ސަބަބުން، އަރާމު ލިބެނިވިގޮތުގައި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ!
44
އިހްސާންތެރިންނަށް ހަމަކަށަވަރުން ތިމަން އިލާހު ޖަޒާ ދެއްވަނީ އެފަދައިންނެވެ.
45
ދޮގުކުރާ މީހުންނަށް އެ ދުވަހުން ގެއްލުމާއި، ހަލާކު ހުއްޓެވެ.
46
(ދުނިޔޭގައި) ކުޑަހިނދުކޮޅަކަށް ތިޔަބައިމީހުން ކައި، އަރާމުކޮށް އުޅޭށެވެ! ހަމަކަށަވަރުން ތިޔަބައިމީހުންނީ، ކުށްވެރިންނެވެ.
47
ދޮގުކުރާ މީހުންނަށް އެ ދުވަހުން ގެއްލުމާއި، ހަލާކު ހުއްޓެވެ.
48
ތިޔަބައިމީހުން (ނަމާދުކޮށް) ރުކޫކޮށް އުޅޭށޭ އެ މީހުންނަށް ބުނެފިނަމަ، އެ މީހުން ރުކޫކޮށެއް ނޫޅެތެވެ.
49
ދޮގުކުރާ މީހުންނަށް އެ ދުވަހުން ގެއްލުމާއި، ހަލާކުހުއްޓެވެ.
50
ފަހެ އެ ގުރްއާނަށް ފަހު، އެ މީހުން އީމާން ވަނީ، ކޮން ވާހަކައަކަށްހެއްޔެވެ؟