އަލްމުޠައްފިފީން

Al-Mutaffifin

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
މިނެކިރުމުގައި އުނިކުރާ މީހުންނަށް، ގެއްލުމާއި ހަލާކު ހުއްޓެވެ.
2
އެ މީހުންނީ، އެހެންމީހުންގެ ކިބައިން މިނާނަމަ، ހަމަކުރަން އެދޭމީހުންނެވެ.
3
އަދި އެހެންމީހުންނަށް މިނެދޭނަމަ، ނުވަތަ އެހެންމީހުންނަށް ކިރައިދޭނަމަ، ގެއްލުންކުރާ މީހުންނެވެ.
4
ހަމަކަށަވަރުން އެ މީހުން މަހުޝަރު ކުރެވޭނެ ކަމުގައި އެ މީހުން ޔަގީން ނުކުރަނީހެއްޔެވެ؟
5
އެއީ ބޮޑުވެގެންވާ ދުވަހަކަށެވެ.
6
(އެއީ) އާލަމްތަކުގެ ރައްބުގެ ހަޒްރަތުގައި މީސްތަކުން ގާއިމުވެ ތިބޭނޭ ދުވަހެވެ.
7
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން ނުލަފާ ކާފިރުންގެ އަމަލުތަކުގެ ފަތްވަނީ ސިއްޖީނުގައިކަން ކަށަވަރެވެ.
8
ސިއްޖީނަކީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
9
(އެއީ) ލިޔުއްވައި، ފާހަގަ ކުރައްވާފައިވާ ފޮތެކެވެ.
10
ދޮގުކުރާ މީހުންނަށް އެ ދުވަހުން ގެއްލުމާއި ހަލާކު ހުއްޓެވެ.
11
އެ މީހުންނީ، ގިޔާމަތް ދުވަސް ދޮގުކުރާ މީހުންނެވެ.
12
ހައްދުފަހަނަޅައިފައިވާ، ފާފަކުރުންގިނަ ކޮންމެ މީހަކު މެނުވީ، އެދުވަސް ދޮގެއް ނުކުރާނެތެވެ.
13
ތިމަން އިލާހުގެ އާޔަތްތައް އޭނާއަށް ކިޔައިދެއްވާހިނދު، އޭނާ ބުނެއެވެ. (ތިޔައީ) އެވޭލާ މީހުން ދައްކައިއުޅުނު ފުލޯކު ވާހަކަތަކެވެ.
14
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކީއްހެއްޔެވެ؟ އެ މީހުން ހޯދައިއުޅުނު އަމަލުތަކުގެ ސަބަބުން އެ މީހުންގެ ހިތްތަކުގައި ދަބަރުޖަހާފައިވެއެވެ.
15
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން އެ މީހުންގެ ރައްބުގެ ހަޒްރަތުން އެ ދުވަހު، އެ މީހުން ފަރުދާ ކުރެވިގެންވާނޭކަން ކަށަވަރެވެ.
16
ދެން ހަމަކަށަވަރުން އެ މީހުން ނަރަކައަށް ވަންނާނެކަން ކަށަވަރެވެ.
17
ދެން (އެ މީހުންނަށް) އަންގަވާނެއެވެ. ތިޔަބައިމީހުން ދޮގުކޮށްއުޅުނު ކަންތަކަކީ މިއީއެވެ.
18
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން ހެޔޮލަފާ މީހުންގެ އަމަލުތަކުގެ ފަތްވަނީ ޢިއްލިއްޔޫންގައި ކަންކަށަވަރެވެ.
19
ޢިއްލިއްޔޫނަކީ، ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
20
(އެއީ) ލިޔުއްވައި ފާހަގަ ކުރައްވާފައިވާ ފޮތެކެވެ.
21
ކުއްތަން ކުރައްވާފައިވާ މަލާއިކަތުން އެ ފޮތް ދެކެވަޑައިގަންނަވާނެއެވެ.
22
ހަމަކަށަވަރުން ހެޔޮލަފާ މީހުންވަނީ، ނިއުމަތުގެ ސުވަރުގޭގައިކަން ކަށަވަރެވެ.
23
ދާންތަކުގެ މަތީގައި (ނިއުމަތްތަކަށް) ބަލަންތިބޭ ހާލުގައެވެ.
24
އެ މީހުންގެ މޫނުތަކުގެމަތިން، ނިއުމަތުގެ އުފާވެރިކަން ތިބާއަށް އެނގޭނެއެވެ.
25
ސިއްކަޖައްސަވައި ބަންދު ކުރައްވާފައިވާ (މަސްތުވުމެއްނެތް) ސާފު ރާގެ ބުއިމަކުން، އެ މީހުންނަށް ބޯންދެއްވާނެއެވެ.
26
އެބުއިން ނިމޭހުށީ، ކަސްތޫރި ވަހުންނެވެ. ވާދަކޮށް ކުރިއަރައިދާ މީހުން އެއާމެދުގައި ވާދަކޮށް ކުރިއަރައިދާ ހުށިކަމެވެ.
27
އެއާ އެއް ކުރައްވާފައިވަނީ ތަސްނީމެވެ.
28
(އެއީ) ކުއްތަންވެގެންވާ އަޅުން އެއިން ބޯނޭ އާރެކެވެ.
29
ހަމަކަށަވަރުން ކުށްވެރި، ފާފަވެރިން (ދުނިޔޭގައި) އީމާންވި މީހުންނާ ދިމާޔަށް (މަލާމާތުގެ ގޮތުން) ހީނއުޅޭ ކަމުގައިވިއެވެ.
30
އަދި އެ މީހުން އެ މުއުމިނުންގެ ކައިރިންދާހިނދު، ލޮލުގެ އިޝާރަތުން ފުރައްސާރަ ކުރެއެވެ.
31
އަދި އެ މީހުންގެ އަހުލުވެރިންގެ ގާތަށް އެނބުރިދާހިނދު، ހީނސަމާސާ ކުރަމުންދެއެވެ.
32
އަދި އެ މީހުން މުއުމިނުން ދެކޭ ހިނދު ބުނެއެވެ. ހަމަކަށަވަރުން މިބައިމީހުންނީ، މަގު ގެއްލިފައިވާ ބަޔެއްކަން ކަށަވަރެވެ.
33
އަދި މުއުމިނުންގެ މައްޗަށް ރައްކާތެރިވެ، ބަލަހައްޓާ ބަޔަކު ކަމުގައި އެ ކާފިރުން ފޮނުއްވާފައެއް ނުވެއެވެ.
34
ފަހެ އީމާންވި މީހުން މިއަދު ކާފިރުންނާ ދިމާޔަށް ހޭނެތެވެ.
35
ދާންތަކުގެ މަތީގައި (ނިއުމަތްތަކަށް) ބަލަބަލައެވެ.
36
ކާފިރުންނަށް އެ މީހުން ކޮށްއުޅުނު ކަންތަކަށް ޖަޒާ ލިބިއްޖެހެއްޔެވެ؟