އުޑު ފަޅަފަޅައިގެންދާ ހިނދެވެ.
އަދި ތަރިތައް ވެރި، ބުރައިގެންދާ ހިނދެވެ.
އަދި ކަނޑުތައް ހުޅުވި، އެއްކަނޑު އަނެއްކަނޑާ ގުޅޭ ހިނދެވެ.
އަދި ކަށްވަޅުތައް އެފުށްމިފުށަށްޖެހި، ކަށްތައް ނެރެލައްވާހިނދެވެ.
(އެ ހިނދު) ކޮންމެ ނަފްސަކަށް، އެ ނަފްސެއް އިސްކުޅަހާ ކަމަކާއި، ފަސްކުޅަހާ ކަމެއް އެނގޭނެއެވެ.
އޭ އިންސާނާއެވެ. ތިބާގެ ވެރި، ދީލަތިވަންތަ އިލާހާމެދު ތިބާ ހެއްލުންތެރިކުޅައީ ކޮންއެއްޗެއްހެއްޔެވެ؟
އެ އިލާހީ، ތިބާ ހައްދަވައި، އަދި ތިބާގެ ގުނަންތައް ފުރިހަމަ ކުރައްވާ، އިސްކޮޅާ ރޫފަ ގުޅޭގޮތަށް ތިބާ ލެއްވި އިލާހެވެ.
އެ އިލާހު އިރާދަ ކުރެއްވި ކޮންމެ ސިފަޔަކަށް ތިބާ ތަރުކީބުކުރެއްވިއެވެ.
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކިއެއް! (ގިޔާމަތް ދުވަހުން) ޖަޒާ ދެއްވާނޭކަން ތިޔަބައިމީހުން ދޮގުކުރަމުއެވެ.
އަދި ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށް ރައްކާތެރިވެ ބަލަހައްޓަވާ މަލާއިކަތުން ވެއެވެ.
(އެއީ) މާތްވެގެންވާ، ލިޔުއްވާ މަލާއިކަތުންނެވެ.
ތިޔަބައިމީހުން ކުރާ ކަންތައް އެ މަލާއިކަތުން ދެނެވަޑައިގެންވެއެވެ.
ހަމަކަށަވަރުން ހެޔޮލަފާ މީހުންވަނީ، ނިއުމަތުގެ ސުވަރުގޭގައިކަން ކަށަވަރެވެ.
އަދި ހަމަކަށަވަރުން ކާފިރުންވަނީ، ނަރަކައިގައިކަން ކަށަވަރެވެ.
ގިޔާމަތް ދުވަހު އެ މީހުން އެ ނަރަކައަށް ވަންނާނެއެވެ.
އެ މީހުން އެ ނަރަކައިން ނުކުންނާނޭ ބަޔަކު ކަމުގައެއް ނުވެއެވެ.
ގިޔާމަތް ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
ދެންވެސް ގިޔާމަތް ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
(އެއީ) އެއްވެސް ނަފްސެއް، އަނެއް ނަފްސަކަށް އެއްވެސްކަމެއް ކޮށްދިނުން މިލްކުވެގެންނުވާ ދުވަހެވެ. އަދި އެ ދުވަހުން، އަމުރުވެރިކަން މިލްކުވެގެންވަނީ (ހަމައެކަނި) ﷲ އަށެވެ.