އަލްބުރޫޖު

Al-Buruj

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
ބުރުޖު ތަކުގެ ވެރި އުޑު ގަންދެއްވަމެވެ.
2
އަދި ވައުދު ކުރައްވާފައިވާ ދުވަސް ވެސް ގަންދެއްވަމެވެ.
3
އަދި ހެކިދޭ ފަރާތާއި، ހެކިދެވޭ ފަރާތް ވެސް ގަންދެއްވަމެވެ.
4
ވަޅުގަނޑުގެ އެކުވެރިންނަށް ލައުނަތް ލެއްވިއެވެ.
5
(އެ ވަޅުގަނޑަކީ) ދަރުއަޅައި ރޯކޮށްފައިވާ އަލިފާންގަނޑެވެ.
6
އެ މީހުން އޭގެކައިރީގައި އިށީނދެ ތިބިހިނދެވެ.
7
މުއުމިނުންނަށް އެ މީހުން ކަންތައްކުރާ ގޮތް، އެ މީހުން ދެކޭން ތިބި ހާލުގައެވެ.
8
އަދި ޢަޒީޒުވަންތަ، ގިނަގިނައިން ހަމްދު ލިބިވޮޑިގެންވާ ﷲ އަށް އެ މީހުން އީމާން ވާކަމަށް ޓަކައި މެނުވީ، އެ ކާފިރުން އެ މީހުންނާމެދު ނުރުހުންތެރިއެއް ނުވެއެވެ.
9
އެ އިލާހީ، އުޑުތަކާއި، ބިމުގެ ވެރިކަން އެ އިލާހަށް މިލްކުވެގެންވާ އިލާހެވެ. ﷲ އީ، ކޮންމެ ކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ އިލާހެވެ.
10
ހަމަކަށަވަރުން މުއުމިނު ފިރިހެނުންނާއި، މުއުމިނު އަންހެނުން، ދީނުން އެއްކިބާކުރުމަށް އަނިޔާދީ އުނދަގޫކޮށް، ދެން ތައުބާ ނުވި މީހުން (ދަންނާށެވެ.) ފަހެ އެ މީހުންނަށް ނަރަކައިގެ އަޒާބު ހުއްޓެވެ. އަދި އެ މީހުންނަށް އަނދައަނދާ ހުންނަ އަލިފާނުގެ އަޒާބު ހުއްޓެވެ.
11
ހަމަކަށަވަރުން އީމާންވެ ސާލިހު އަމަލުތައްކުޅަ މީހުންނަށް، އެތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް ހުއްޓެވެ. ބޮޑުވެގެންވާ ނަސީބު ލިބުމަކީ އެއީއެވެ.
12
ހަމަކަށަވަރުން ކަލޭގެފާނުގެ ރައްބުގެ ހިއްޕެވުމަކީ، ގަދަފަދަވެގެންވާ ހިއްޕެވުމެއްކަން ކަށަވަރެވެ.
13
ހަމަކަށަވަރުން ފުރަތަމަ އުފައްދަވަނީވެސް، އަދި އަލުން (ދިރުއްވައި) އިއާދަ ކުރައްވާނީވެސް ހަމަ އެ އިލާހެވެ.
14
އަދި އެ އިލާހީ، ގިނަގިނައިން ފާފަ ފުއްސަވާ، ނުހަނު އޯގާވަންތަ އިލާހެވެ.
15
ޢަރްޝުގެ ވެރި، މަތިވެރި އިލާހެވެ.
16
އިރާދަކުރައްވާ ކޮންމެ ކަމެއް ކުރައްވާ އިލާހެވެ.
17
ލަޝްކަރުތަކުގެ ވާހަކަ، ކަލޭގެފާނާ ހަމައަށް އައިސްފައިވޭތޯއެވެ؟
18
އެއީ ފިރްޢައުނާއި، ޘަމޫދު ބާގައިގެ (ލަޝްކަރުގެ ވާހަކައެވެ.)
19
އަދި ކިއެއް! ކާފިރު ވިމީހުން ވަނީ، ދޮގުކުރުމެއްގައެވެ.
20
ﷲ އެ މީހުންގެ ހުރިހާކަމެއް ފުރިހަމައަށް ދެނެވޮޑިގެންވެއެވެ.
21
އަދި ކިއެއް! އެއީ ގުރްއާނުލް މަޖީދެވެ.
22
(އެ ގުރްއާން) ވަނީ ލައުޙުލް މަޙްފޫޡުގައެވެ.