(މިއީ) މުޝްރިކުންގެ ތެރެއިން ތިޔަބައިމީހުން މުޢާހަދާއެއްކޮށް އެ މުޢާހަދާ އުވާލާފައިވާ ބަޔަކުގެ ކިބައިން ﷲ އާއި އެ އިލާހުގެ ރަސޫލާ ބަރީއަވެގެންވާކަމުގެ އެންގެވުމެކެވެ.
ފަހެ ތިޔަބައިމީހުން (އެބަހީ: މުޝްރިކުން) ހަތަރު މަސްވަންދެން ބިމުގައި ހިނގާބިނގާ އުޅޭށެވެ! އަދި ހަމަކަށަވަރުން ތިޔަބައިމީހުންނަށް ﷲ، ނުކުޅައްދައި ނުލެވޭނެކަމާއި، ހަމަކަށަވަރުން ﷲ، ކާފިރުތަކުން ދެރަކޮށްލައްވާހުށިކަން، ތިޔަބައިމީހުން ދަންނާށެވެ.
އަދި މިއީ ބޮޑުވެގެންވާ ހައްޖުގެ ދުވަހު، ﷲ އާއި އެ އިލާހުގެ ރަސޫލާގެ ކިބައިން، މީސްތަކުންނަށް އޮތް އެންގެވުމެކެވެ. (މިއަދަށް ފަހު) ހަމަކަށަވަރުން ﷲ އާއި އެ އިލާހުގެ ރަސޫލާ ވަނީ، މުޝްރިކުންގެ ކިބައިން ބަރީއަވެގެންނެވެ. ފަހެ ތިޔަބައިމީހުން (މުޝްރިކުން) ތައުބާ ވެއްޖެނަމަ (ދަންނާށެވެ.) ފަހެ އެ ގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އަދި ތިޔަބައިމީހުން ފުރަގަސްދީފިނަމަ، ފަހެ ތިޔަބައިމީހުންނަށް ﷲ ނުކުޅައްދައެއް ނުލެވޭނެކަން ތިޔަބައިމީހުން ދަންނާށެވެ. ކާފިރުވި މީހުންނަށް ވޭންދެނިވި އަޒާބު ހުރިކަމުގެ ޚަބަރު، ކަލޭގެފާނު ދެއްވާށެވެ.
އެއީ މުޝްރިކުންގެ ތެރެއިން އެ ބަޔަކާ ތިޔަބައިމީހުން އަހުދުވުމަށް ފަހު، ދެން އެ މީހުން (އަހުދުގެ) އެއްވެސް ކަމެއްގައި ތިޔަބައިމީހުންނަށް އުނިކަން ނުގެނެސް، އަދި ތިޔަބައިމީހުންނާ ދެކޮޅަށް އެކަކަށް ވެސް އެހީވެ ނުދޭ ބަޔަކު މެނުވީއެވެ. ފަހެ އެ މީހުންނަށް ލިބިގެންވާ މުއްދަތާ ހަމައަށް، ތިޔަބައިމީހުން އެ މީހުންގެ އަހުދު ފުރިހަމަކުރާށެވެ. ހަމަކަށަވަރުން ތަގްވާވެރިން ދެކެ ﷲ ލޯބިވެ ވޮޑިގެންވެއެވެ.
ހުރުމަތްތެރި މައްސަރުތައް ވޭތުވުމުން، ފަހެ ތިޔަބައިމީހުންނަށް މުޝްރިކުން ފެނުނު ކޮންމެ ތަނަކުން، ތިޔަބައިމީހުން އެ މީހުން ގަތުލުކުރާށެވެ! އަދި ތިޔަބައިމީހުން އެ މީހުން ހިފާށެވެ! އަދި އެ މީހުން ހިސާރުކުރާށެވެ! އަދި (އެ މީހުން އަތުލައިގަނެވޭނެ) ކޮންމެތަނެއްގައި އެ މީހުން އަތުލައިގަތުމަށް ޓަކައި، ހުޝިޔާރުވެ ފިލައިތިބޭށެވެ! ފަހެ އެ މީހުން ތައުބާވެ، ނަމާދު ގާއިމުކޮށް، ޒަކާތް ދީ އުޅެފިނަމަ، ދެން އެ މީހުން މިނިވަންކަމާއެކު ދޫކޮށްލާށެވެ! ހަމަކަށަވަރުން ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ އިލާހެވެ.
އަދި މުޝްރިކުންގެ ތެރެއިން މީހަކު، ކަލޭގެފާނުގެ އަރިހުން ރައްކާތެރިކަމަކަށް އެދިއްޖެނަމަ، ފަހެ އޭނާ ﷲ ގެ ބަސްފުޅު އިވުމަށް ޓަކައި، އެ މީހަކަށް ރައްކާތެރިކަން ދެއްވާށެވެ. އެއަށްފަހު އޭނާއަށް އަމާންކަން ލިބިގެންވާ ތަނަކާ ހަމައަށް އޭނާ އަނބުރާ ފޮނުވާދެއްވާށެވެ. އެއީ ހަމަކަށަވަރުން އެ މީހުންނަކީ ނޭނގޭ ބަޔަކަށް ވާތީއެވެ.
ﷲ ގެ ހަޒްރަތުގައްޔާއި، އެ އިލާހުގެ ރަސޫލާގެ އަރިހުގައި، މުޝްރިކުންނަށް އަހުދެއް އޮންނާނީ، ކޮންފަދައަކުންހެއްޔެވެ؟ ހުރުމަތްތެރި މިސްކިތުގެ ކައިރީގައި ތިޔަބައިމީހުން އެބަޔަކާ އަހުދުކުރި މީހުންނަށް މެނުވީއެވެ. ފަހެ އެ މީހުން ތިޔަބައިމީހުންނަށް ސީދާވެގެން ތިބިހާ ހިނދަކު ތިޔަބައިމީހުންވެސް އެ މީހުންނަށް ސީދާވާށެވެ. ހަމަކަށަވަރުން ތަގުވާވެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ.
(އެ މީހުންނަށް އެފަދަ އަހުދެއް އޮންނާނީ) ކިހިނަކުންހެއްޔެވެ؟ އެހެނީ ތިޔަބައިމީހުންގެ މައްޗަށް އެ މީހުން ގަދަވެގެންފިނަމަ، ގާތްތިމާގެކަމުގެ ގުޅުމަކަށް ވެސް، އަދި އަހުދަކަށް ވެސް، ތިޔަބައިމީހުންނާމެދު އެ މީހުން ނުބަލާނެއެވެ. އެ މީހުންގެ އަނގައިން ތިޔަބައިމީހުން ރުއްސާނެއެވެ. އެ މީހުންގެ ހިތްތައް ނުރުހިގެންވާ ހާލުގައެވެ. އޭގެ ތެރެއިން ގިނަމީހުންނީ ފާސިގުންނެވެ.
އެ މީހުން ﷲ ގެ އާޔަތްތަކަށް ކުޑަ އަގެއް ގަތެވެ. ފަހެ އެ މީހުން އެ އިލާހުގެ މަގުން (މީސްތަކުން) އެއްކިބާކުޅައެވެ. ހަމަކަށަވަރުން އެ މީހުން ކޮށްއުޅުނު ކަންތައް ހާދަހާ ނުބައިވެގެންވެއެވެ.
ގާތްތިމާގެކަމުގެ ގުޅުމަކަށް ވެސް، އަދި އަހުދަކަށް ވެސް، އެ މީހުން މުއުމިނަކާމެދު ނުބަލާނެއެވެ. އަދި އެ މީހުންނީ ހަމަ ހައްދުފަހަނަޅައިދާ މީހުންނެވެ.
ފަހެ އެ މީހުން ތައުބާވެ، ނަމާދު ގާއިމުކޮށް، ޒަކާތް ދީފިނަމަ، ފަހެ އެ މީހުންނަކީ، ދީނުގައި ތިޔަބައިމީހުންގެ އަޚުންނެވެ. އެނގޭބަޔަކަށް ތިމަން އިލާހުގެ އާޔަތްތައް ތަފްސީލު ކޮށްދެއްވަމެވެ.
އަދި އެ މީހުން އަހުދުވުމަށް ފަހު، އެ މީހުންގެ ހުވާތައް އުވާލާ، އަދި ތިޔަބައިމީހުންގެ ދީނަށް ބަދުބަސް ބުނެފިނަމަ، ފަހެ ތިޔަބައިމީހުން ކާފަރުކަމުގެ ބޮޑުންނާ ހަނގުރާމަކުރާށެވެ. ހަމަކަށަވަރުން އެ މީހުންނަކަށް އެއްވެސް އަހުދެއް ނުވެއެވެ. (އެ ގޮތުން ހަނގުރާމަކުރަންވީ) އެ މީހުން އެ ކަން ހުއްޓާލާތޯއެވެ.
އެ މީހުންގެ ހުވާތައް އުވާލައި، ރަސޫލާ (ރަށުން) ބޭރުކޮށްލުމަށް ރޭވި ބަޔަކާ ތިޔަބައިމީހުން ހަނގުރާމަ ނުކުރާންވީ ކީއްވެގެންހެއްޔެވެ؟ ފުރަތަމަ ތިޔަބައިމީހުންނަށް ހަމަލާ ދިނީ އެ މީހުންނެވެ. ތިޔަބައިމީހުން، އެ މީހުން ދެކެ ބިރުގަންނަނީހެއްޔެވެ؟ ފަހެ ތިޔަބައިމީހުން މުއުމިނުން ކަމުގައިވާނަމަ، ތިޔަބައިމީހުން ބިރުވެތިވުން ހައްގުކަން ބޮޑީ، ﷲ އަށެވެ.
ތިޔަބައިމީހުން އެ މީހުންނާ ހަނގުރާމަ ކުރާ ހުށިކަމެވެ. އޭރުން ﷲ އެ މީހުންނަށް ތިޔަބައިމީހުންގެ އަތްތަކުން އަޒާބު ދެއްވާނެއެވެ. އަދި އެ މީހުން ނިކަމެތި ކޮށްލައްވާނެއެވެ. އަދި ތިޔަބައިމީހުންނަށް، އެ މީހުންގެ މައްޗަށް ނަސްރު ދެއްވާނެއެވެ. އަދި މުއުމިނު ބަޔެއްގެ ހިތްތަކަށް ޝިފާ ދެއްވާނެއެވެ.
އަދި އެ މީހުންގެ (އެބަހީ: މުއުމިނުންގެ) ހިތްތަކުގައިވާ ރުޅިވެރިކަން ފިއްލަވާނެއެވެ. ﷲ އިރާދަކުރައްވާ ބަޔެއްގެ މައްޗަށް ތައުބާ ލައްވާނެއެވެ. ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ ޙަކީމްވަންތަ އިލާހެވެ.
ތިޔަބައިމީހުންކުރެ ޖިހާދުކޮށް، ﷲ އާއި އެ އިލާހުގެ ރަސޫލާއާއި، މުއުމިނުން ފިޔަވާ، އެކުވެރިން ބޭނުންނުކުރާ މީހުން، ﷲ ދެނެވޮޑިގެންވާކަން އެންގެވުމުގެ ގޮތުން، އިމްތިހާނު ކުރެއްވުމަކާނުލާ، ތިޔަބައިމީހުން ދޫކޮށްލައްވާނެކަމަށް ތިޔަބައިމީހުން ހީކުރީހެއްޔެވެ؟ ﷲ އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
އެ މީހުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ކާފިރުކަމަށް ހެކިވެތިބޭ ހާލު، ﷲ ގެ މިސްކިތްތައް ފަޅުފިލުވައި ބެލެހެއްޓުމަކީ، މުޝްރިކުންނަށް އޮތްކަމެއް ނޫނެވެ. އެ މީހުންނަކީ، އެ މީހުންގެ އަމަލުތައް ބާތިލު ވެފައިވާ މީހުންނެވެ. އަދި އެ މީހުން ދެމިތިބޭނީ ހަމަ ނަރަކައިގައެވެ.
ﷲ ގެ މިސްކިތްތައް ފަޅުފިލުވައި ބަލަހައްޓާނީ، ﷲ އަށާއި، އާޚިރަތް ދުވަހަށް އީމާންވެ، ނަމާދު ގާއިމުކޮށް، ޒަކާތް ދީ، ﷲ އަށް މެނުވީ ބިރުނުގަންނަ މީހުންކަން ކަށަވަރެވެ. ފަހެ އެ މީހުންނަކީ، ތެދުމަގު ލިބިގެންވާ މީހުން ކަމުގައިވުން ގާތްބަޔެކެވެ.
ހައްޖުވެރިންނަށް ބޯފެންދީ، ހުރުމަތްތެރިވެގެންވާ މިސްކިތް ފަޅުފިލުވައި، ބަލަހައްޓައިއުޅޭ މީހަކާއި، ﷲ އަށާއި، އާޚިރަތް ދުވަހަށް އީމާންވެ، ﷲ ގެ މަގުގައި ޖިހާދުކޮށްއުޅޭ މީހަކާ ދެ މީހުން، އެއްފަދަކަމަށް ތިޔަބައިމީހުން ހަދަނީހެއްޔެވެ؟ ﷲ ގެ ހަޒްރަތުގައި އެ ދެބައިމީހުން، ހަމަހަމައެއް ނުވާނެއެވެ. އަނިޔާވެރި ބަޔަކަށް، ﷲ ތެދުމަގެއް ނުދައްކަވާނެއެވެ.
އީމާންވެ، ހިޖުރަ ކޮށް، ﷲ ގެ މަގުގައި އެ މީހުންގެ މުދާތަކާއި، ނަފްސުތަކުން ޖިހާދުކޮށްއުޅުނު މީހުންނީ، ﷲ ގެ ހަޒްރަތުގައި ދަރަޖަ އެންމެ މަތިވެރިވެގެންވާ މީހުންނެވެ. އަދި އެ މީހުންނީ، ހަމަ، ނަސީބު ލިބިގެންވާ މީހުންނެވެ.
އެ މީހުންގެ ރައްބު، އެ އިލާހުގެ ހަޒްރަތުން އެ މީހުންނަށް ރަހުމަތާއި، ރުހިވޮޑިގަތުމާއި، ސުވަރުގެތައް ހުރިކަމުގެ އުފާވެރި ޚަބަރު، އެ މީހުންނަށް ދެއްވައެވެ. އެ ތާނގައި، އެ މީހުންނަށް އަބަދަށް ދެމިހުންނަނިވި ނިއުމަތްތައް ވެއެވެ.
އެ ތާނގައި، އެ މީހުން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. ހަމަކަށަވަރުން ﷲ ގެ ހަޒްރަތުގައި ބޮޑުވެގެންވާ ދަރުމަހުއްޓެވެ.
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުންގެ މައިންބަފައިންނާއި، އެއްބަނޑުއެއްބަފާ މީހުން (ވިޔަސް) އެ މީހުން އީމާންކަމަށްވުރެ ބޮޑަށް، ކާފިރުކަމަށް ލޯބިކުރާނަމަ، އެއީ ތިޔަބައިމީހުންގެ އެހީތެރި، އެކުވެރިން ކަމުގައި ނުހިފާށެވެ! އަދި އެ މީހުންނަކީ، އެހީތެރި އެކުވެރިން ކަމުގައި، ތިޔަބައިމީހުންގެ ތެރެއިން ބަލާމީހުން (ދަންނާށެވެ.) ފަހެ އެ މީހުންނީ، ހަމަ، އަނިޔާވެރިންނެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުންގެ މައިންބަފައިންނާއި، ދަރިންނާއި، އަޚުންނާއި، އަނބިންނާއި، ގާތްތިމާގެ މީހުންނާއި، ތިޔަބައިމީހުން ހޯދާފައިވާ މުދާތަކާއި، ނުހިނގައިފާނެކަމަށް އަދި ގެއްލުންވެދާނެކަމަށް ތިޔަބައިމީހުން ބިރުގަންނަ ވިޔަފާރިއާއި، ތިޔަބައިމީހުން ހިތްރުހޭ ގެދޮރާއި (މި ހުރިހާ ތަކެތި) ﷲ އާއި އެ އިލާހުގެ ރަސޫލާއާއި، އެ އިލާހުގެ މަގުގައި ޖިހާދުކުރުމަށްވުރެ، ތިޔަބައިމީހުންނަށް ލޯބިވެތި ކަމުގައިވާނަމަ، ﷲ ގެ އަމުރުފުޅު އަތުވެއްޖައުމަށް ދާންދެން ތިޔަބައިމީހުން ބަލަބަލައި ތިބޭށެވެ! ފާސިގުވީ މީހުންނަށް، ﷲ ތެދުމަގެއް ނުދައްކަވާނެއެވެ.
ހަމަކަށަވަރުން އެތައްއެތައް ތަނެއްގައި، ﷲ ތިޔަބައިމީހުންނަށް ނަސްރު ދެއްވިއެވެ. އަދި ޙުނައިނު (ހަނގުރާމައިގެ) ދުވަހު، ތިޔަބައިމީހުންގެ ބައިގިނަކަމުގެ ސަބަބުން، ތިޔަބައިމީހުން ހެއްލުންތެރިވީހިނދު، ހަނދުމަކުރާށެވެ! ފަހެ އެ ބައިގިނަކަން، ތިޔަބައިމީހުންނަށް އެއްވެސްކަމެއް ފުއްދައެއްނުދިނެވެ. އަދި (އެ ހިނދު) ތަނަވަސްކޮށް އޮތް ބިން، ތިޔަބައިމީހުންނަށް ދަތިވެގެންދިޔައެވެ. ދެން ތިޔަބައިމީހުން، ފުރަގަސްދީ، ފިލާން ދުއްވައިގަތީމުއެވެ.
ދެން ﷲ އެ އިލާހުގެ ރަސޫލާއަށާއި، އީމާންވި މީސްތަކުންގެ މައްޗަށް އެ އިލާހު (ހަޒްރަތުން) ހިތްހަމަޖެހުން ބާވައިލައްވައި، އަދި ތިޔަބައިމީހުންނަށް ނުފެންނަ ލަޝްކަރެއް ބާވައިލެއްވިއެވެ. އަދި ކާފިރުވި މީހުންނަށް އެ އިލާހު އަޒާބު ދެއްވިއެވެ. އެއީ ކާފިރުންގެ ޖަޒާއެވެ.
ދެން އޭގެފަހުން، ﷲ، އެ އިލާހު އިރާދަކުރައްވާ މީހަކަށް ތައުބާ ލައްވައެވެ. ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ އިލާހެވެ.
އޭ އީމާންވެއްޖެ މީސްތަކުންނެވެ. މުޝްރިކުންނަކީ، ނަޖިސް ބަޔެއްކަން ކަށަވަރެވެ. ފަހެ މިއަހަރަށް ފަހު، ހުރުމަތްތެރިވެގެންވާ މިސްކިތާ އެ މީހުން، ކައިރިވިޔަ ނުދޭހުށިކަމެވެ. އަދި ތިޔަބައިމީހުން، ފަގީރު ވެދާނޭކަމަށް ބިރުގަންނަނަމަ، ފަހެ ﷲ އިރާދަކުރައްވާފިއްޔާ، އެ އިލާހުގެ ފަޟްލުވަންތަކަމުން، ތިޔަބައިމީހުން މުއްސަނދި ކުރައްވާފާނެތެވެ. ހަމަކަށަވަރުން ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ، ޙަކީމްވަންތަ އިލާހެވެ.
ފޮތް ލިބުނު މީހުންކުރެ، ﷲ އަށާއި އާޚިރަތް ދުވަހަށް އީމާން ނުވާ، އަދި ﷲ އާއި އެ އިލާހުގެ ރަސޫލާ ހަރާމްކުރެއްވި ކަންތައް ހަރާމް ނުކުރާ، އަދި ހައްގު ދީނަށް ތަބާ ނުވާ މީހުންނާ ތިޔަބައިމީހުން ހަނގުރާމަ ކުރާށެވެ! (އެއީ) އެ މީހުން ނިކަމެތިވެ، ދެރަވެގެންވާ ހާލު، އަމިއްލައަތުން ޖިޒުޔަ ދީފުމަށް ދާންދެނެވެ.
ޔަހޫދީން ބުންޏެވެ. ޢުޒައިރުގެފާނަކީ، ﷲ ގެ ދަރިކަލުންނެވެ. އަދި ނަސާރާއިން ބުންޏެވެ. އަލްމަސީޙު (ޢީސާގެފާނު) އަކީ، ﷲ ގެ ދަރިކަލުންނެވެ. އެއީ (ހަމައެކަނި) އެ މީހުންގެ އަނގައިން ބުނެލާ ބަހެކެވެ. އެ މީހުން އެ ތަގުލީދުކުރަނީ، އެ މީހުންގެ ކުރިން ކާފިރުވި މީހުން ބުނެއުޅުނުފަދަ ބަހަކަށެވެ. ﷲ، އެ މީހުންނަށް ލައުނަތް ލައްވާހުއްޓެވެ. އެ މީހުން ހައްގުން އެއްކިބާވަނީ، ކޮންފަދައަކުންހެއްޔެވެ؟
އެ މީހުންގެ އިލްމުވެރިންނާއި، ފާދިރީންނާއި، މަރިޔަމްގެފާނުގެ ދަރިކަލުން އަލްމަސީޙު (ޢީސާގެފާނު) އަކީ، ﷲ ފިޔަވާ އިލާހުން ކަމުގައި އެ މީހުން ހެދޫއެވެ. (ނަމަވެސް) އެއްކައުވަންތަ އިލާހަށް، އަޅުކަން ކުރުމަށް މެނުވީ އެ މީހުންނަށް އަމުރުކުރައްވާފައި ނުވެއެވެ. އެ އިލާހު މެނުވީ (އަޅުކަންކުރުން ހައްގުވާ) އިލާހަކު ނުވެއެވެ. އެ މީހުން އެ ޝަރީކުކުރާ ތަކެތިން، އެ އިލާހު ހުސްތާހިރުވެ ވޮޑިގެންވެއެވެ.
އެ މީހުން އެދެނީ، ﷲ ގެ ނޫރުފުޅު (އެބަހީ: އިސްލާމް ދީން) އެ މީހުންގެ އަނގަތަކުން ފުމެ، ނިއްވާލުމަށެވެ. ނަމަވެސް، ކާފިރުން ކިތަންމެ ނުރުހުނަސް، ﷲ، އެ އިލާހުގެ ނޫރުފުޅު ފުރިހަމަ ކުރެއްވުމަށް މެނުވީ، އެ އިލާހު އިރާދައެއް ނުކުރައްވައެވެ.
އެ އިލާހީ، ތެދުމަގާއި، ހައްގު ދީނާއިގެން އެ އިލާހުގެ ރަސޫލާ ފޮނުއްވި އިލާހެވެ. (އެއީ) މުޝްރިކުން ނުރުހުނު ކަމުގައިވިޔަސް، އެންމެހާ ދީންތަކުގެ މައްޗަށް އެ ދީން ފާޅު ކުރެއްވުމަށް ޓަކައެވެ.
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ހަމަކަށަވަރުން (ޔަހޫދީންގެ) އިލްމުވެރިންގެ ތެރެއިންނާއި (ނަސާރާއިންގެ) ފާދިރީންގެ ތެރެއިން، ގިނަ މީހުން، މީސްތަކުންގެ މުދާތައް ބާތިލު ގޮތުގައި (އަތުލައި) ކައިއުޅެތެވެ. އަދި ﷲ ގެ މަގުން (މީސްތަކުން) ދުރުކުރެއެވެ. އަދި ރަނާއި ރިހި ޚަޒާނާ ކޮށް، ﷲ ގެ މަގުގައި އެ ތަކެތި ހޭދަނުކޮށް ތިބޭ މީހުން (ދަންނާށެވެ.) ފަހެ ވޭންދެނިވި އަޒާބު ހުރިކަމުގެ ޚަބަރު، އެ މީހުންނަށް ކަލޭގެފާނު ދެއްވާށެވެ.
(އެ ގޮތުގެމަތިން) އޭނާ، އެއްކޮށް ޚަޒާނާކުޅަ، ރަންރިހި، އެ ދުވަހުން ނަރަކައިގެ އަލިފާނުން ދޮން ކުރައްވާ، އެ ތަކެތިން، އެ މީހުންގެ ނިތްކުރިތަކުގައްޔާއި، އަރިކަށިތަކުގައްޔާއި، ބުރިކަށިތަކުގައި، ފާހަގަލައްވަމުން ގެންދަވާނެއެވެ. (އަދި އަންގަވާނެއެވެ.) މިހިރީ، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށްޓަކައި، ތިޔަބައިމީހުން އެއްކޮށް ޚަޒާނާކުޅަތަކެއްޗެވެ. ފަހެ ތިޔަބައިމީހުން ޚަޒާނާ ކޮށްއުޅުނު ތަކެތީގެ ރަހަ ދެކެބަލާށެވެ!
ހަމަކަށަވަރުން އުޑުތަކާއި ބިން ހެއްދެވި ދުވަހުއްސުރެން، ﷲ ކަނޑައަޅުއްވާފައިވާ ގޮތުގައި (އަހަރެއްގެ) މައްސަރުތަކުގެ އަދަދަކީ، ﷲ ގެ ހަޒްރަތުގައި ބާރަ މަހެވެ. އޭގެ ތެރެއިން، ހަތަރު މަސް، ހުރުމަތްތެރި ވެގެންވެއެވެ. އެއީ ހައްގު ތެދު ދީނެވެ. ފަހެ އެ މައްސަރުތަކުގައި، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ތިޔަބައިމީހުން އަނިޔާ ނުކުރާހުށިކަމެވެ. އަދި އެންމެހާ މުޝްރިކުންނާ ތިޔަބައިމީހުން ހަނގުރާމަ ކުރާށެވެ. އެ މީހުން ވެސް އެންމެން އެކުގައި ތިޔަބައިމީހުންނާ ހަނގުރާމަ ކުރާ ފަދައިންނެވެ. އަދި ހަމަކަށަވަރުން ﷲ ވަނީ ތަގުވާވެރިންނާ އެކުގައިކަން ތިޔަބައިމީހުން ދަންނާށެވެ.
ހަމަކަށަވަރުން (ހުރުމަތްތެރި މައްސަރެއް) ފަސްކޮށްލުމަކީ، ކާފިރު ކަން އިތުރު ކުރުމެކެވެ. ކާފިރުވި މީހުން އެ ކަމުގެ ސަބަބުން (އިތުރަށް) މަގުފުރެދިގެންދެތެވެ. އެ މީހުން އެއްއަހަރު އެއްމައްސަރެއްގެ ހުރުމަތް ކަނޑައި، އަނެއްއަހަރު އެ މައްސަރެއް ހުރުމަތްތެރި ކުރެއެވެ. އެއީ ﷲ، ހުރުމަތްތެރި ކުރައްވާފައިވާ މައްސަރުތަކުގެ އަދަދު ހަމަކުރުމަށް ޓަކައެވެ. ފަހެ އެ ގޮތުން، ﷲ ހުރުމަތްތެރި ކުރައްވާފައިވާ މައްސަރުތަކުގެ ހުރުމަތް ކަނޑަތެވެ. އެ މީހުންގެ ނުބައި އަމަލުތައް، އެ މީހުންނަށް ޒީނަތްތެރި ކުރެއްވިއެވެ. ކާފިރުވި މީހުންނަކަށް، ﷲ ތެދުމަގެއް ނުދައްކަވައެވެ.
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ﷲ ގެ މަގުގައި ހަނގުރާމަ ކުރުމަށް ނުކުންނާށޭ ތިޔަބައިމީހުންނަށް އެންގެވިހިނދު، ތިޔަބައިމީހުން ބިމަށް ބަރުހެލިވެގަތީ ކީއްވެގެންހެއްޔެވެ؟ އާޚިރަތަށްވުރެ ދުނިޔޭގެ ދިރިހުރުމަށް ތިޔަބައިމީހުން ރުހުނީހެއްޔެވެ؟ ދުނިޔޭގެ އުފަލާއި، އަރާމަކީ އާޚިރަތާ އަޅައިބަލާއިރު، މަދުއެތިކޮޅެއް ކަމުގައި ނޫނީ ނުވެއެވެ.
ތިޔަބައިމީހުން (ހަނގުރާމައަށް) ނުނިކުންނަނަމަ، ވޭންދެނިވި އަޒާބަކުން އެ އިލާހު ތިޔަބައިމީހުންނަށް އަޒާބު ދެއްވާނެއެވެ. އަދި ތިޔަބައިމީހުންގެ ބަދަލުގައި، އެހެންބަޔަކު ގެންނަވައިފާނެތެވެ. އަދި ތިޔަބައިމީހުންނަކަށް، އެއްވެސް ކަމަކުން އެ އިލާހަށް ގެއްލުމެއް ނުދެވޭނެއެވެ. ﷲ އީ ކޮންމެ ކަމެއްގެމައްޗަށް ކުޅަދުންވަންތަ އިލާހެވެ.
ތިޔަބައިމީހުން އެކަލޭގެފާނަށް ނަސްރު ނުދިނަސް، ހަމަކަށަވަރުން ﷲ އެކަލޭގެފާނަށް ނަސްރު ދެއްވިއެވެ. ދެ މީހުންކުރެ އެކަކު ކަމުގައިވާ ހާލު، ކާފިރުވި މީހުން އެކަލޭގެފާނު ނެރެލި ހިނދުގައެވެ. އޭގެ ދެކަލުން (ޘައުރު ފަރުބަދައިގެ) ހޮހަޅައިގައި ތިއްބެވި ހިނދުގައެވެ. އެކަލޭގެފާނުގެ އެކުވެރިޔާއަށް ވިދާޅުވި ހިނދުގައެވެ: ހިތާމަ ނުކުރައްވާށޭ، ހަމަކަށަވަރުން ﷲ ވަނީ ތިމަންމެންނާ އެކުގައެވެ. އެ ހިނދު އެކަލޭގެފާނަށް ހިތްޕުޅު ހަމަޖެހުމާއި، އަމާންކަން ﷲ ބާވައިލެއްވިއެވެ. އަދި ތިޔަބައިމީހުންނަށް ނުފެންނަ ލަޝްކަރުތަކަކުން އެކަލޭގެފާނަށް އެ އިލާހު ގަދަކަން ދެއްވިއެވެ. އަދި ކާފިރުވި މީހުންގެ ބަސް، އެންމެ ދަށްވެގެންވާ ބަސްކަމުގައި ލެއްވިއެވެ. ﷲ ގެ ބަސްފުޅު އެއީ، އެންމެ މަތިވެރިވެގެންވާ ބަސްފުޅުކަމުގައި ލެއްވިއެވެ. ﷲ އީ ޢަޒީޒުވަންތަ، ޙަކީމްވަންތަ އިލާހެވެ.
ލުއިކަމާއެކުގައްޔާއި، ބުރަކަމާއެކުގައި، ތިޔަބައިމީހުން (ހަނގުރާމައަށް) ނުކުންނާށެވެ! އަދި ތިޔަބައިމީހުންގެ މުދާތަކާއި، ނަފްސުތަކުން ﷲ ގެ މަގުގައި ޖިހާދުކުރާށެވެ! ތިޔަބައިމީހުންނަށް ޓަކައި، އެ ގޮތް ހެޔޮކަން ބޮޑެވެ. ތިޔަބައިމީހުންނަށް (އެ ކަން) އެނގޭކަމުގައި ވާނަމައެވެ.
ގާތުގައި އޮތް ދުނިޔަވީ މަންފާއެއް ކަމުގައި، ނުވަތަ ލުއިފަސޭހަ ދަތުރެއް ކަމުގައިވީނަމަ، އެ މީހުން ކަލޭގެފާނުގެ ފަހަތްޕުޅުން ހިނގައްޖައީސްކަން ކަށަވަރެވެ. އެހެނެއްކަމަކު، ދަތުރުކުރާންއޮތް މަގު، އެ މީހުންނަށް ދުރުވީއެވެ. އަދި ތިމަންމެންނަށް ކުޅަދާނަވެގެންވީނަމަ، ތިޔަބައިމީހުންނާއެކު ނުކުތީމުހޭ ކިޔައި، އެ މީހުން ﷲ ގަންދީ ހުވާކޮށް ހަދާނެއެވެ. އެ މީހުން (އެ ކަމުން) އެ މީހުންގެ އަމިއްލަ ނަފްސުތައް ހަލާކުކުރެއެވެ. ހަމަކަށަވަރުން އެ މީހުންނީ ދޮގުވެރިންކަން ﷲ ދެނެވޮޑިގެންވެއެވެ.
ﷲ، ކަލޭގެފާނަށް އަފޫކުރައްވާފިއެވެ. ތެދުބުނި މީހުން، ކަލޭގެފާނަށް ބަޔާންވެ ފާޅުވެ، ދޮގުވެރިން އެނގިވަޑައިގެންފުމަށްދާންދެން (ހަނގުރާމައަށް ނުގޮސްތިބުމަށް) އެ މީހުންނަށް، ކަލޭގެފާނު އިޒުނަ ދެއްވީ ކީއްވެގެންތޯއެވެ؟
ﷲ އަށާއި، އާޚިރަތް ދުވަހަށް އީމާންވާ މީހުން، އެ މީހުންގެ މުދާތަކާއި، ނަފްސުތަކުން ޖިހާދުކުރުމުން އެއްކިބާވެތިބުމަށް ކަލޭގެފާނުގެ އަރިހުން އިޒުނަކަށް ނޭދޭނެތެވެ. ﷲ އީ، ތަގުވާވެރިން މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
(ހަނގުރާމައަށް ނުގޮސް ތިބުމަށް) ކަލޭގެފާނުގެ އަރިހުން އިޒުނަށް އެދެނީ، ﷲ އަށާއި، އާޚިރަތް ދުވަހަށް އީމާން ނުވާ މީހުންކަން ކަށަވަރެވެ. އަދި އެ މީހުންގެ ހިތްތަކުގައި، ޝައްކު ހިނގާ މީހުންނެވެ. ފަހެ އެ މީހުންގެ ޝައްކުކަމުގެ ތެރޭގައި، އެ މީހުން ދެއަތަށް ކިރިކިރި ތިބެތެވެ.
އެ މީހުން (ހަނގުރާމައަށް) ނުކުތުމަށް އެދޭނަމަ، އެ ކަމަށް ހަތިޔާރާއި، ތަކެތި އެ މީހުން ތައްޔާރުކުރީހެވެ. އެހެނެއްކަމަކު (ކަލޭގެފާނުގެ އަރިހުގައި) އެ މީހުން ނުކުތުމަށް، ﷲ ނުރުއްސަވައިފިއެވެ. ދެން އެ މީހުންގެ ހިތްވަރު ދެރަ ކުރައްވާ، ކަންނެތް ކުރެއްވިއެވެ. އަދި (ހަނގުރާމައަށް ނުގޮސް) އިށީނދެ ތިބޭ މީހުންނާއެކު، ތިޔަބައިމީހުން ތިބޭށޭ އެންގެވިއެވެ.
އެ މީހުން ތިޔަބައިމީހުންގެ ތެރޭގައި (ހަނގުރާމައަށް) ނުކުތްނަމަ، ފަސާދަވެރިކަން ނޫންކަމެއް ތިޔަބައިމީހުންނަށް އެ މީހުން އިތުރެއް ނުކުޅައީހެވެ. އަދި ތިޔަބައިމީހުންނަށް ފިތުނަވެރިކަން އެދިގެން ތިޔަބައިމީހުންގެ ތެރޭގައި މަސައްކަތް ކުރުމަށް އަވަސްވެގަތީހެވެ. އެ މީހުން ދައްކާ ވާހަކަ އަހާ މީހުންވެސް ތިޔަބައިމީހުންގެ ތެރޭގައިވެއެވެ. ﷲ އީ، އަނިޔާވެރިން މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
ކުރިންވެސް އެ މީހުން ފިތުނަވެރިކަމަށް އެދިގެން އުޅުނުކަން ކަށަވަރެވެ. އަދި ﷲ ގެ އަމުރުފުޅު ފާޅުވެ، ހައްގު ބަސްފުޅު އަތުވެއްޖައުމަށްދާންދެން، އެ މީހުން (އެ ކަމަށް) ނުރުހޭ ހާލުގައި، ކަލޭގެފާނަށް ކެހިދިނުމުގެ ކަންތައް އެ މީހުން ރާވައި އުޅުނެވެ.
އަދި (ހަނގުރާމައަށް ނުގޮސްހުރުމުގެ) އިޒުނަ ތިމަންނާއަށް ދެއްވާށޭ، އަދި ތިމަން ފިތުނަވެރި ނުކުރައްވާށޭ ބުނާ މީހަކު، އެ މީހުންގެ ތެރެއިން ވެއެވެ. ދަންނާށެވެ. އެ މީހުން ވެއްޓިގެން އެދިޔައީ، ހަމަ، ފިތުނައިގެ ތެރެއަށެވެ. އަދި ހަމަކަށަވަރުން ނަރަކަ ވަނީ، ކާފިރުން ވަށާލައިފައެވެ.
ކަލޭގެފާނަށް ހެޔޮގޮތެއް މެދުވެރިވެއްޖެނަމަ، އެ ކަން އެ މީހުންނަށް ހިތާމައަކަށް ވެއެވެ. އަދި ކަލޭގެފާނަށް މުސީބަތެއް މެދުވެރިވެއްޖެނަމަ، އެ މީހުން ބުނެއެވެ. ހަމަކަށަވަރުން ތިމަންމެން ކުރިއްސުރެން މި ތިބީ، ރައްކާތެރިކަމުގައި ހިފައިގެންނެވެ. އަދި އުފަލުންތިބެ، އެ މީހުން އެނބުރި ހިނގައިދާނެއެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. ﷲ އަޅަމެންނަށް ލިޔުއްވާފައިވާކަމެއް މެނުވީ، އަޅަމެންނަކަށް ނުޖެހޭނެތެވެ. އެ އިލާހީ، އަޅަމެންގެ އެހީތެރިވަންތަ އިލާހެވެ. ފަހެ މުއުމިނުން ހަމައެކަނި، ﷲ އަށް ވަކީލުކުރާހުށިކަމެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. ހެޔޮދެގޮތުން އެއްގޮތްނޫނީ، އަހަރެމެންނާމެދު ތިޔަބައިމީހުން އިންތިޒާރުކުރަމުހޭ؟ އަދި ތިމަންމެން ތިޔަބައިމީހުންނާމެދު އިންތިޒާރު ކޮށްކޮށް ތިބެނީ، އެ އިލާހުގެ ހަޒްރަތުން، ނުވަތަ ތިމަންމެންގެ އަތްމަތިން، ﷲ ތިޔަބައިމީހުންނަށް އަޒާބެއް ފޮނުއްވައިފާނެ ކަމަށެވެ. ފަހެ ތިޔަބައިމީހުން އިންތިޒާރު ކޮށްކޮށް ތިބޭށެވެ! ހަމަކަށަވަރުން ތިމަންމެންނީވެސް ތިޔަބައިމީހުންނާއެކު އިންތިޒާރުކުރާ ބަޔަކީމުއެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން ރުހުމުގައި، ނުވަތަ ނުރުހުމުގައި ހޭދަކުރިޔަސް، ތިޔަބައިމީހުންގެ ކިބަޔަކުން އެ ކަން ގަބޫލެއް ނުކުރައްވާ ހުއްޓެވެ. އެހެނީ ހަމަކަށަވަރުން ތިޔަބައިމީހުންވީ، ފާސިގު ބަޔަކު ކަމުގައެވެ.
އަދި ހަމަކަށަވަރުން އެ މީހުން ﷲ އަށާއި، އެ އިލާހުގެ ރަސޫލާއަށް ކާފިރު ވިކަމާއި، އެ މީހުން ކަންނެތް ބަޔަކު ކަމުގައި ތިބެގެން މެނުވީ، ނަމާދަށް ނާންނަކަމާއި، ނުރުހިތިބި ބަޔަކު ކަމުގައިވާ ހާލުގައި މެނުވީ، ހޭދަނުކުރާކަމާއި، މިކަންކަން ފިޔަވާ އެ މީހުންގެ ހޭދަތައް އެ މީހުންގެ ކިބައިން ގަބޫލު ކުރެއްވުން މަނާކުރާކަމެއް ނެތެވެ.
އެ މީހުންގެ މުދާތަކާއި، އެ މީހުންގެ ދަރިންތައް ކަލޭގެފާނު އަޖާއިބުކުރުވިޔަ ނުދޭހުށިކަމެވެ. ހަމަކަށަވަރުން ﷲ އިރާދަ ކުރައްވަނީ، ދުނިޔޭގެ ދިރިއުޅުމުގައި، އެ ތަކެތިން އެ މީހުންނަށް އަޒާބު ދެއްވުމަށެވެ. އަދި އެ މީހުން ކާފިރުން ކަމުގައިވާ ހާލު، އެ މީހުންގެ ފުރާނަ ދިޔުމަށެވެ.
ހަމަކަށަވަރުން އެ މީހުންނީ، ތިޔަބައިމީހުންގެ ތެރެއިންވާ ބަޔަކު ކަމަށް، ﷲ ގަންދީ އެ މީހުން ހުވާކުރާނެތެވެ. އެ މީހުންނީ، ތިޔަބައިމީހުންގެ ތެރެއިންވާ ބަޔަކު ކަމުގައި ނުވެއެވެ. އެހެނެއްކަމަކު އެ މީހުންނީ ބިރުގަންނަ ބަޔެކެވެ.
އެ މީހުން ފިލަންދާނޭ ކިއްލާއެއް، ނުވަތަ ހޮހަޅަތަކެއް، ނުވަތަ ވަންނާނޭ އެހެންތަނެއްވެސް، އެ މީހުންނަށް ފެންނާނޭނަމަ، އަވަސްވެގަނެގެން އެތަނަކަށް އެ މީހުން އެނބުރި ހިނގައްޖައީހެވެ.
ސަދަގާތް ބެއްސެވުމާމެދު، ކަލޭގެފާނަށް ކުޑައިމީސްބަސް ބުނާ މީހުން އެ މީހުންގެ ތެރެއިންވެއެވެ. ފަހެ އެއިން، އެ މީހުންނަށް ދެއްވާފިނަމަ، އެ މީހުން ރުހެތެވެ. އެއިން އެ މީހުންނަށް ނުދެއްވާފިނަމަ، އެހާރުން އެ މީހުން ރުޅި އަރަތެވެ.
އަދި ﷲ އާއި އެ އިލާހުގެ ރަސޫލާ އެ މީހުންނަށް ދެއްވި ތަކެއްޗަށް އެ މީހުން ރުހި، އަދި އެ މީހުން ބުނިނަމައެވެ. ﷲ ތިމަންމެންނަށް ފުދެއެވެ. ﷲ ގެ ފަޟްލުވަންތަކަމުގެ ތެރެއިން އެ އިލާހު ތިމަންމެންނަށް ދެއްވާނެއެވެ. އަދި އެ އިލާހުގެ ރަސޫލާވެސް މެއެވެ. ހަމަކަށަވަރުން ތިމަންމެންވަނީ، ﷲ ގެ ހަޒްރަތަށް އެދިއެދި ތިބޭ ބަޔަކު ކަމުގައެވެ.
ސަދަގާތުގެ ތަކެތި ވަނީ (އެބަހީ: ޒަކާތް ލިބުން ވަނީ) ހަމައެކަނި ފަގީރުންނަށާއި، މިސްކީނުންނަށާއި، އެ ކަމުގެ (މައްޗަށް ދައުލަތުން އައްޔަން ކުރެވޭ) ޢާމިލުންނަށާއި، އެ މީހުންގެ ހިތްތައް އެކުވެރިކުރައްވާ މީހުންނަށާއި، (އެބަހީ: އަލަށް އިސްލާމްވީ މީހުންނަށާއި) އަޅުން މިނިވަންކުރުމުގައްޔާއި، ދަރަނިވެރިންނަށާއި، ﷲ ގެ މަގުގައްޔާއި (އެބަހީ: ޖިހާދުގައްޔާއި)، (ހާލުގައި ޖެހިފައިވާ) ދަތުރުވެރިންނަށެވެ. ﷲ ގެ ހަޒްރަތުން ކަނޑައަޅުއްވާފައިވާ ފަރުޟެއްގެ ގޮތުގައެވެ. ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ، ޙަކީމްވަންތަ އިލާހެވެ.
ނަބިއްޔާއަށް އުނދަގޫކުރާ މީހުން، އެ މީހުންގެ ތެރެއިންވެއެވެ. އަދި އެ މީހުން ބުނެއެވެ. އެކަލޭގެފާނީ، ހަމައެކަނި އައްސަވާ ބޭކަލެކެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އެއީ ތިޔަބައިމީހުންނަށް ޓަކައި، ހެޔޮބަސް އައްސަވާ ނަބިއްޔެކެވެ. އެ ނަބިއްޔާ، ﷲ އަށް އީމާންވެ ވަޑައިގަނެއެވެ. އަދި މުއުމިނުންގެ ބަސް ތެދު ކުރައްވައެވެ. އަދި އެ ނަބިއްޔާއީ، ތިޔަބައިމީހުންގެ ތެރެއިން އީމާންވި މީހުންނަށްވާ ރަހުމަތެކެވެ. އަދި ﷲ ގެ ރަސޫލާއަށް އުނގަދޫކުރާ މީހުންނަށް، ވޭންދެނިވި އަޒާބު ހުއްޓެވެ.
އެ މީހުން ތިޔަބައިމީހުން ރުއްސުމަށް ޓަކައި، ﷲ ގަންދީ ތިޔަބައިމީހުން ކައިރީގައި ހުވާކޮށް ހަދައެވެ. އެ މީހުންނީ މުއުމިނުން ކަމުގައި ވާނަމަ، އެ މީހުންނަށް ހައްގުކަން ބޮޑީ، ﷲ އާއި އެ އިލާހުގެ ރަސޫލާ ރުއްސުމެވެ.
ހަމަކަށަވަރުން ﷲ އާއި އެ އިލާހުގެ ރަސޫލާއަށް ދެކޮޅުވެރިވާ މީހާ، ފަހެ އެ ތާނގައި ދެމިހުންނަ ގޮތުގައި، އެ މީހާއަށް ނަރަކައިގެ އަލިފާން ހުރިކަން އެ މީހުން ނުދަންނަނީހެއްޔެވެ؟ ބޮޑުވެގެންވާ ނިކަމެތިކަމަކީ އެއީއެވެ.
މުނާފިގުން އެ މީހުންގެ ހިތްތަކުގައިވާގޮތުގެ ޚަބަރުތައް އަންގައިދޭ ސޫރަތެއް، އެ މީހުންނާމެދު ބާވައިލައްވައިފާނެތީ ބިރުގަނެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން ފުރައްސާރަކޮށް އުޅޭށެވެ! ހަމަކަށަވަރުން ތިޔަބައިމީހުން ބިރުގަންނަ ކަންތައް، ﷲ ނެރުއްވައި ހާމަ ކުރައްވާ ހުއްޓެވެ.
އަދި ހަމަކަށަވަރުން އިބަ ނަބިއްޔާ އެ މީހުންނާ ސުވާލު ކުރައްވާފި ނަމަ، އެ މީހުން ބުނާނެކަން ކަށަވަރެވެ: ހަމަކަށަވަރުން ތިމަންމެން އުޅުނީ ހަމައެކަނި ވާހަކަ ދައްކާލާ، ކުޅިވަރު ކުޅުމަށެވެ. އިބަ ނަބިއްޔާ ވިދާޅުވާށެވެ: ތިޔަބައިމީހުން ތިޔަ މަލާމާތްކޮށް އުޅުނީ ﷲ އަދި، އެ އިލާހުގެ އާޔަތްތަކާއި، އެ އިލާހުގެ ރަސޫލާއަށްހެއްޔެވެ؟
ތިޔަބައިމީހުން އުޒުރު ނުދައްކާށެވެ. ތިޔަބައިމީހުންގެ އީމާންކަމަށް ފަހު ތިޔަބައިމީހުން ކާފަރުވެއްޖެކަން ކަށަވަރެވެ. ތިމަން އިލާހު ތިޔަބައިމީހުންގެ ތެރެއިން ބަޔަކަށް އަފޫ ކުރެއްވިޔަސް، އަނެއް ބަޔަކަށް އަޒާބު ދެއްވާނަމެވެ. އެއީ ހަމަކަށަވަރުން އެ މީހުން މުޖުރިމުން ކަމުގައި ވީކަމަށް ޓަކައެވެ.
މުނާފިގު ފިރިހެނުންނާއި، މުނާފިގު އަންހެނުންނީ، އޭގެ އެއްބަޔަކު އަނެއް ބަޔެއްގެ ތެރެއިންވާ ބަޔެކެވެ. އެ މީހުން ނުބައިކަންތަކަށް އަމުރުކުރެއެވެ. އަދި އެ މީހުން ހެޔޮކަންތައް ނަހީކުރެއެވެ. އަދި އެ މީހުންގެ އަތްތައް ލައްޕަތެވެ. (އެބަހީ: ހޭދަކުރުމުން އެއްކިބާވެ، މުށްބާރުކުރެއެވެ.) އެ މީހުން، ﷲ ހަނދުމަނެތި ކުރިއެވެ. ދެން ﷲ އެ މީހުންގެ މަތިން ހަނދުމަނެތި ކުރެއްވިއެވެ. ހަމަކަށަވަރުން މުނާފިގުންނަކީ، ހަމަ ފާސިގުންނެވެ.
މުނާފިގު ފިރިހެނުންނާއި، މުނާފިގު އަންހެނުންނާއި، ކާފިރުންނަށް ﷲ ވައުދު ކުރައްވާފައިވަނީ، ނަރަކައިގެ އަލިފާނެވެ. އެ ތާނގައި އެ މީހުން ދެމިތިބޭ ހާލުގައެވެ. އެ ނަރަކަ އެ މީހުންނަށް ފުދިގެންވެއެވެ. އަދި ﷲ އެ މީހުންނަށް ލައުނަތް ލެއްވިއެވެ. އަދި ދެމިހުންނަނިވި އަޒާބު އެ މީހުންނަށް ހުއްޓެވެ.
(ތިޔަބައިމީހުން) ތިޔަބައިމީހުންގެ ކުރީގެ މީހުން ފަދައެވެ. އެ މީހުން ތިޔަބައިމީހުންނަށްވުރެ ބާރުގަދަ ބަޔަކު ކަމުގައި، އަދި މުދާތަކާއި، ދަރިންތައް ގިނަބަޔަކު ކަމުގައިވިއެވެ. ފަހެ (ދުނިޔެއިން) އެ މީހުންގެ ނަސީބުން އެ މީހުން އަރާމު ލިބިގަތެވެ. ފަހެ ތިޔަބައިމީހުންވެސް ތިޔަބައިމީހުންގެ ކުރީގެ މީހުން އެ މީހުންގެ ނަސީބުން އަރާމު ލިބިގަތްފަދައިން، ތިޔަބައިމީހުންގެ ނަސީބުން އަރާމު ލިބިގެންފީމުއެވެ. އަދި ބާތިލު ވާހަކަތައް އެ މީހުން ދައްކަމުން ދިޔަފަދައިން، ތިޔަބައިމީހުންވެސް ބާތިލު ވާހަކަތައް ދައްކަމުން ދިޔައީމުއެވެ. އެ މީހުންނީ، ދުނިޔެއާއި އާޚިރަތުގައި، އެ މީހުންގެ އަމަލުތައް ބާތިލު ވެގެންވާ މީހުންނެވެ. އަދި ހަމަ، އެ މީހުންނީ، ގެއްލެނިވެގެންވާ މީހުންނެވެ.
އެ މީހުންގެ ކުރީގެ މީހުންގެ ޚަބަރު، އެ މީހުންނާ ހަމައަށް ނާންނަނީހެއްޔެވެ؟ (އެއީ) ނޫޙުގެފާނުގެ ގައުމުގެ މީހުންނާއި، ޢާދު ބާގައިމީހުންނާއި، ޘަމޫދު ބާގައިމީހުންނާއި، އިބްރާހީމްގެފާނުގެ ގައުމުގެ މީހުންނާއި، މަދްޔަންގެ އަހުލުވެރިންނާއި، ބަންޑުންޖެއްސެވި ރަށްތަކުގެ އަހުލުވެރިންގެ ޚަބަރެވެ. އެ މީހުންގެ ރަސޫލުން އެ މީހުންގެ ގާތަށް ފާޅުވެގެންވާ ހެކިތަކާއިގެން ވަޑައިގެންނެވިއެވެ. ފަހެ ﷲ އެ މީހުންނަށް އަނިޔާކުރައްވާ އިލާހަކު ކަމުގައި ނުވެއެވެ. އެހެނެއްކަމަކު، އެ މީހުން، އެ މީހުންގެ އަމިއްލަ ނަފްސުތަކަށް އަނިޔާކުރާ ކަމުގައި ވިއެވެ.
މުއުމިނު ފިރިހެނުންނާއި، މުއުމިނު އަންހެނުންނީ، އޭގެ އެއްބަޔަކު އަނެއް ބަޔެއްގެ އެހީތެރިން ކަމުގައިވާ މީހުންނެވެ. އެ މީހުން ހެޔޮކަންތަކަށް އަމުރުކުރެއެވެ. އަދި އެ މީހުން ނުބައިކަންތައް ނަހީކުރެއެވެ. އަދި އެ މީހުން ނަމާދު ގާއިމުކޮށް، ޒަކާތް ދީ، ﷲ އާއި އެ އިލާހުގެ ރަސޫލާއަށް ކިޔަމަންވެއެވެ. އެ މީހުންނަށް ﷲ ރަހުމަތް ލައްވާހުއްޓެވެ. ހަމަކަށަވަރުން ﷲ އީ، ޢަޒީޒުވަންތަ ޙަކީމްވަންތަ އިލާހެވެ.
މުއުމިނު ފިރިހެނުންނާއި، މުއުމިނު އަންހެނުންނަށް، ﷲ ވައުދު ކުރައްވާފައިވަނީ އެތާނގެ ދަށުން ކޯރުތައް ހިނގައިހިނގާ ހުންނަ ސުވަރުގެތަކެވެ. އެ ތަންތާނގައި، އެ މީހުން ދެމިތިބޭ ގޮތުގައެވެ. އަދި ޢަދްނޭ ކިޔުނު ސުވަރުގެތަކުގައި ތިބޭނޭ ރަނގަޅު ގޮވަތިގެދޮރުވެސް މެއެވެ. އަދި ﷲ ގެ ހަޒްރަތުން ލިބޭ ރުއްސެވުން މާ ބޮޑެވެ. ބޮޑުވެގެންވާ ނަސީބު ލިބުމަކީ ހަމަ އެއީއެވެ.
އޭ ނަބިއްޔާއެވެ. ކާފިރުންނާއި، މުނާފިގުންނާ ދެކޮޅަށް ކަލޭގެފާނު ޖިހާދު ކުރައްވާށެވެ. އަދި އެ މީހުންގެ މައްޗަށް ކަލޭގެފާނު ހަރުކަށިވެ ވަޑައިގަންނަވާށެވެ. އަދި (އާޚިރަތް ދުވަހުން) އެ މީހުން ތިބެނިވި ތަނަކީ ނަރަކައެވެ. އަދި (އެއީ) ހާދަހާ ނުބައިވެގެންވާ ނިމިދިޔުމެކެވެ.
އެ މީހުން (ބުނި ނުބައި ބަސްތައް) ނުބުނާކަމަށް، ﷲ ގަންދީ އެ މީހުން ހުވާކުރެއެވެ. ހަމަކަށަވަރުން ކުފުރުގެ ބަސް އެ މީހުން ބުނެފައިވެއެވެ. އަދި އިސްލާމް ވުމަށް ފަހު، އެ މީހުން ކާފިރު ވިއެވެ. އަދި އެ މީހުންނަށް ކާމިޔާބު ނުކުރެވުނު ކަންތައް ކުރުމަށް (އެބަހީ: ރާވައިގެން ރަސޫލާ އަވަހާރަކޮށްލުމަށް) ގަސްދުކޮށްއުޅުނެވެ. ﷲ ގެ ފަޟްލުވަންތަކަމުން، ﷲ އާއި އެ އިލާހުގެ ރަސޫލާ، އެ މީހުން (އެބަހީ: މުއުމިނުން) މުއްސަނދި ކޮށްދެއްވިކަން ނޫން އެހެން ކަމަކާމެދު އެ މީހުން ރުޅިއެއް ނާދެއެވެ. ފަހެ އެ މީހުން ތައުބާ ވާނަމަ، އެ މީހުންނަށް އެ ގޮތް ހެޔޮކަން ބޮޑުވެގެންވެއެވެ. އަދި އެ މީހުން އެނބުރި ފުރަގަސްދޭނަމަ، ދުނިޔެއާއި، އާޚިރަތުގައި ވޭންދެނިވި އަޒާބަކުން، ﷲ އެ މީހުންނަށް އަޒާބު ދެއްވާނެއެވެ. އަދި ބިމުގައި އެ މީހުންނަށް އެއްވެސް އެހީތެރިޔަކު، އަދި ނަސްރު ދޭނޭ މީހަކުވެސް ނުވެއެވެ.
ހަމަކަށަވަރުން އެ އިލާހުގެ ފަޟްލުވަންތަކަމުގެ ތެރެއިން ތިމަންމެންނަށް ދެއްވާފިނަމަ، ހަމަކަށަވަރުން ތިމަންމެން ސަދަގާތްކުރާ ހުށީމުއޭ، އަދި ހަމަކަށަވަރުން ތިމަންމެން ސާލިހުންގެ ތެރެއިން ވާހުށީމުއޭ ކިޔައި، ﷲ އަށް އަހުދު ކޮށްއުޅުނު މީހުންވެސް، އެ މީހުންގެ ތެރެއިން ވެއެވެ.
ފަހެ އެ އިލާހުގެ ފަޟްލުވަންތަކަމުގެ ތެރެއިން، އެ މީހުންނަށް ދެއްވިހިނދު، އެ ތަކެއްޗަށް އެ މީހުން ދަހިވެތިވިއެވެ. އަދި އެ މީހުން ފުރަގަސްދޭ ހާލު، އެނބުރި ދިޔައެވެ.
ދެން އެކަމާވިދިގެން އެ އިލާހު އެ މީހުންގެ ހިތްތަކުގައި މުނާފިގުކަން ލެއްވިއެވެ. އެ އިލާހާ އެ މީހުން ބައްދަލުކުރާ ދުވަހަށް ދާންދެނެވެ. (އެއީ) އެ މީހުން ﷲ އަށް ވައުދު ކުރި ކަންތަކާމެދު، ﷲ އަށް އެ މީހުން ޚިލާފު ވީކަމަށް ޓަކައެވެ. އަދި އެ މީހުން ދޮގުހަދައި އުޅުނުކަމަށް ޓަކައެވެ.
ހަމަކަށަވަރުން އެ މީހުންގެ (ހިތްތަކުގައިވާ) ސިއްރުތަކާއި، އެ މީހުންގެ ސިއްރު ސައްލާތައް ﷲ ދެނެވޮޑިގެންވާކަމާއި، ހަމަކަށަވަރުން ﷲ އީ، ޣައިބުތައް މޮޅަށް ދެނެވޮޑިގެންވާ އިލާހުކަން އެ މީހުން ނުދަންނަނީހެއްޔެވެ؟
އެ މީހުންނީ، މުއުމިނުންގެ ތެރެއިން ތަޠައްވުޢުގެ ގޮތުން ސަދަގާތް ދޭ މީހުންގެ ސަދަގާތާމެދު، ކުޑައިމީސްބަސް ބުނާ މީހުންނެވެ. އަދި އެ މީހުންނީ (އެބަހީ: މުއުމިނުންނީ) އެ މީހުންނަށް ކިރިޔާ ފުދޭމިންވަރު ނޫނީ ނުލިބޭ މީހުންނެވެ. ފަހެ އެ މީހުންނަށް އެ މީހުން (އެބަހީ: މުނާފިގުން) މަލާމާތް ކުރެއެވެ. ﷲ އެ މީހުންނަށް މަލާމާތް ރައްދުކުރެއްވިއެވެ. އަދި އެ މީހުންނަށް ވޭންދެނިވި އަޒާބު ހުއްޓެވެ.
އެ މީހުންނަށް ފާފަ ފުއްސެވުމަށް ކަލޭގެފާނު އެދިވަޑައިގަންނަވާށެވެ. ނުވަތަ އެ މީހުންނަށް ފާފަ ފުއްސެވުމަށް ކަލޭގެފާނު އެދިވަޑައިނުގަންނަވާށެވެ. އެ މީހުންނަށް ފާފަ ފުއްސެވުމަށް ހަތްދިހަ ފަހަރު ކަލޭގެފާނު އެދިވަޑައިގަތަސް، ﷲ އެ މީހުންނަކަށް ފާފައެއް ނުފުއްސަވާނެއެވެ. އެއީ އެ މީހުން ﷲ އާއި އެ އިލާހުގެ ރަސޫލާއަށް ކާފިރުވި ކަމަށް ޓަކައެވެ. އަދި ފާސިގު ވެގެންވާ ބަޔަކަށް ﷲ ތެދުމަގެއް ނުދައްކަވާނެއެވެ.
ފަސްޖެހުނު މީހުން، ﷲ ގެ ރަސޫލާއާ ޚިލާފަށް ހަނގުރާމައަށް ނުގޮސް ތިބިތިބުމަށް އުފާކުރިއެވެ. އަދި ﷲ ގެ މަގުގައި، އެ މީހުންގެ މުދާތަކާއި، ނަފްސުތަކުން ޖިހާދުކުރުމަށް އެ މީހުން ނުރުހުންވިއެވެ. އަދި އެ މީހުން ބުނެފިއެވެ. ހޫނުގެ ތެރޭގައި ތިޔަބައިމީހުން ހަނގުރާމައަށް ނުނިކުންނާށެވެ! ކަލޭގެފާނު ވިދާޅުވާށެވެ. ނަރަކައިގެ އަލިފާނުގެ ހޫނުކަން މާގަދައެވެ. އެ މީހުންނަށް (އެ ކަން) ވިސްނޭކަމުގައި ވާނަމައެވެ.
ފަހެ އެ މީހުން މަދުން ހޭހުށިކަމެވެ. އަދި އެ މީހުން ގިނައިން ރޯހުށިކަމެވެ. (އެއީ) އެ މީހުން ހޯދައިއުޅުނު އަމަލުތަކުގެ ޖަޒާއެއްގެ ގޮތުގައެވެ.
އެ މީހުންގެ ތެރެއިން، ބަޔެއްގެ ގާތަށް ﷲ، ކަލޭގެފާނު އަނބުރާ ފޮނުއްވައިފިނަމަ، އަދި އެ މީހުން (ހަނގުރާމައަށް) ނުކުތުމަށް އިޒުނަށް އެދި ކަލޭގެފާނަށް ދަންނަވައިފިނަމަ، ފަހެ ކަލޭގެފާނު ވިދާޅުވާށެވެ. ދުވަހަކުވެސް ތިޔަބައިމީހުން، ތިމަންކަލޭގެފާނާ އެކުގައި (ހަނގުރާމައަށް) ނުކުމެގެން ނުވާނެއެވެ. އަދި ތިމަންކަލޭގެފާނާ އެކުގައި، ތިޔަބައިމީހުން ދުޝްމަނަކާ ހަނގުރާމަކޮށްގެން ނުވާނެއެވެ. ހަމަކަށަވަރުން ފުރަތަމަ ފަހަރުވެސް (ހަނގުރާމައަށް ނުގޮސް) ތިބުމަށް، ތިޔަބައިމީހުން ރުހުނީމުއެވެ. ދެންވެސް (ހަނގުރާމައަށް ނުގޮސް) ފަސްޖެހިތިބޭ މީހުންނާއެކު ތިޔަބައިމީހުން ތިބޭށެވެ!
އެ މީހުންގެ ތެރެއިން މަރުވި އެއްވެސް މީހެއްގެ މައްޗަށް ކަލޭގެފާނު ދުވަހަކުވެސް ކަށުނަމާދު ނުކުރައްވާށެވެ. އަދި އެ މީހެއްގެ މަހާނަދޮށުގައިވެސް ކަލޭގެފާނު ހުއްޓިވަޑައިގެން ނުހުންނަވާށެވެ. ހަމަކަށަވަރުން އެ މީހުން ﷲ އަށާއި، އެ އިލާހުގެ ރަސޫލާއަށް ކާފިރުވިއެވެ. އަދި އެ މީހުން މަރުވީ، ފާސިގުން ކަމުގައިވާ ހާލުގައެވެ.
އަދި އެ މީހުންގެ މުދާތަކާއި، އެ މީހުންގެ ދަރިންތައް ކަލޭގެފާނު އަޖާއިބުކުރުވިޔަ ނުދޭހުށިކަމެވެ. ހަމަކަށަވަރުން ﷲ އިރާދަ ކުރައްވަނީ، އެ ތަކެތީގެ ސަބަބުން، އެ މީހުންނަށް، ދުނިޔޭގައި އަޒާބު ދެއްވުމަށެވެ. އަދި އެ މީހުންނީ ކާފިރުން ކަމުގައިވާ ހާލު، އެ މީހުންގެ ފުރާނަތައް ނިކުމެގެން ދިއުމަށެވެ.
ތިޔަބައިމީހުން، ﷲ އަށް އީމާން ވުމަށާއި، އެ އިލާހުގެ ރަސޫލާގެ އަރިހުގައި ޖިހާދުކުރުމަށް އަންގަވާފައިވާ ސޫރަތެއް ބާވައިލައްވައިފިނަމަ، އެ މީހުންގެ ތެރެއިން ތަނަވަސްކަމާއި، ބާރުވެރިކަމުގެ އަހުލުވެރިން (ހަނގުރާމައަށް ނުގޮސް ތިބުމަށް) ކަލޭގެފާނުގެ އަރިހުން އިޒުނަށް އެދޭނެތެވެ. އަދި އެ މީހުން ބުނާނެއެވެ. (ހަނގުރާމައަށް ނުގޮސް) ތިބޭ މީހުންނާއެކުގައި ވުމަށް، ތިމަންމެން ދޫކޮށްލައްވާށެވެ.
(ހަނގުރާމައަށް ނުގޮސް) ގޭގައި ތިބޭ އަންހެނުންނާ އެކުގައި ވުމަށް، އެ މީހުން ރުހުނެވެ. އަދި އެ މީހުންގެ ހިތްތަކުގައި ސިއްކަޖައްސަވައި ބަންދު ކުރައްވާފައިވެއެވެ. ފަހެ އެ މީހުންނަށް ނުވިސްނެނީއެވެ.
އެހެނެއްކަމަކު، ރަސޫލާއާއި، އެކަލޭގެފާނުގެ އަރިހުގައި އީމާން ވެގެން ތިބިމީހުން، އެ މީހުންގެ މުދާތަކާއި، ނަފްސުތަކުން ޖިހާދުކުރިއެވެ. އެ މީހުންނަށް ހެޔޮ ދަރުމަތައް ހުއްޓެވެ. އަދި އެ މީހުންނަކީ ހަމަ ކާމިޔާބުވާނެ މީހުންނެވެ.
އެތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް، ﷲ، އެ މީހުންނަށް ޓަކައި، ތައްޔާރުކުރައްވާފައިވެއެވެ. އެ ސުވަރުގެތަކުގައި އެ މީހުން ދެމިތިބެނިވި ގޮތުގައެވެ. ބޮޑުވެގެންވާ ނަސީބު ލިބުމަކީ އެއީއެވެ.
އަޢުރާބީންގެ ތެރެއިން އުޒުރުވެރިވެގަންނަ މީހުން (ހަނގުރާމައަށް ނުގޮސް ތިބުމަށް) އެ މީހުންނަށް އިޒުނަ ލިބުމަށް ޓަކައި އައެވެ. އަދި ﷲ އަށާއި، އެ އިލާހުގެ ރަސޫލާއަށް ދޮގުހެދި މީހުން ނައިސް ތިބެއްޖެއެވެ. އެ މީހުންގެ ތެރެއިން ކާފިރުވި މީހުންނަށް، ވޭންދެނިވި އަޒާބު އައިސް ޖެހޭހުއްޓެވެ.
ނިކަމެތިންގެ މައްޗަކަށް، އަދި ބަލިމީހުންގެ މައްޗަކަށް ވެސް، އަދި (ހަނގުރާމައަށްޓަކައި) ހޭދަކުރާނޭ އެއްޗެއް ނުލިބޭ މީހުންގެ މައްޗަކަށް ވެސް ކުށްފާފައެއް ނެތެވެ. ﷲ އަށާއި، އެ އިލާހުގެ ރަސޫލާއަށް އެ މީހުން ތެދުވެރިވެ، އިޚްލާސް ތެރި ވީނަމައެވެ. އިހްސާންތެރިންގެ މައްޗަކަށް (އެ މީހުން ކުށްވެރި ކުރާކަށް) އެއްވެސް މަގެއްނެތެވެ. ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ އިލާހެވެ.
އަދި ކަލޭގެފާނުގެ އަރިހުގައި ގެންދެވުމަށް (އެދި) ކަލޭގެފާނުގެ އަރިހަށް އައި މީހުންގެ މައްޗަކަށްވިޔަސް ކުށްފާފައެއް ނެތެވެ. ކަލޭގެފާނު (އެ މީހުންނަށް) ވިދާޅުވީމުއެވެ. އޭގެ މަތީގައި ތިޔަބައިމީހުން އުފުއްލަވާނޭ ސަވާރީއެއް ތިމަންކަލޭގެފާނަކަށް ލިބިވަޑައިގެންފައެއް ނުވެއެވެ. (އެ ހިނދު) އެ މީހުން އެނބުރިދިޔައީ، އެ މީހުންގެ ލޯތައް ކަރުނައިން ފުރި އޮހޭ ހާލުގައެވެ. އެ މީހުން ހޭދަކުރާނޭ އެއްޗެއް އެ މީހުންނަށް ނުލިބުނުކަމުގެ ހިތާމައިގައެވެ.
(ކުށްވެރިކުރުމުގެ) މަގު އޮތްކަން ކަށަވަރީ، މުއްސަނދިން ކަމުގައިވުމާއެކު (ހަނގުރާމައަށް ނުގޮސްތިބުމަށް) ކަލޭގެފާނުގެ އަރިހުން އިޒުނަށް އެދޭ މީހުންގެ މައްޗަށެވެ. (ހަނގުރާމައަށް) ނުގޮސްތިބޭ އަންހެނުންނާ އެކުގައި ވުމަށް އެ މީހުން ރުހުނެވެ. އަދި ﷲ އެ މީހުންގެ ހިތްތަކުގައި ސިއްކަޖައްސަވައި ބަންދުކުރެއްވިއެވެ. ފަހެ އެ މީހުންނަކަށް ނޭނގެތެވެ.
ތިޔަބައިމީހުން އެ މީހުންނާ ހަމައަށް އެނބުރި އަތުވެއްޖެހިނދު، އެ މީހުން ތިޔަބައިމީހުންނަށް އުޒުރު ދައްކައި އުޅޭނެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން އުޒުރު ނުދައްކާށެވެ! ތިމަންމެން ތިޔަބައިމީހުންގެ ބަސް ތެދެއްނުކުރާނަމެވެ. ހަމަކަށަވަރުން ﷲ، ތިޔަބައިމީހުންގެ ޚަބަރުތައް ތިމަންމެންނަށް އަންގަވައިފިއެވެ. އަދި ﷲ، ތިޔަބައިމީހުންގެ އަމަލުތައް ދެކެވޮޑިގެންވާނެއެވެ. އަދި އެ އިލާހުގެ ރަސޫލާވެސް ދެކެވަޑައިގަންނަވާނެއެވެ. ދެން ތިޔަބައިމީހުން، ރައްދު ކުރައްވާހުށީ، ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ އިލާހުގެ ހަޒްރަތަށެވެ. ފަހެ އޭރުން ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ ޚަބަރު، ތިޔަބައިމީހުންނަށް އެ އިލާހު އަންގަވާނެއެވެ.
ތިޔަބައިމީހުން އެ މީހުންގެ ގާތަށް އެނބުރި އަތުވެއްޖެނަމަ، އެ މީހުންގެ ކިބައިން ތިޔަބައިމީހުން ދުރުހެލިވެގަތުމަށް، ﷲ ގަންދީ އެ މީހުން ތިޔަބައިމީހުން ގާތުގައި ހުވާކޮށް ހަދާނެއެވެ. ފަހެ ތިޔަބައިމީހުން އެ މީހުންނާ ދުރުހެލިވާށެވެ. ހަމަކަށަވަރުން އެ މީހުންނަކީ ނަޖިސް ބަޔެކެވެ. އަދި އެ މީހުން ތިބެނިވި ތަނަކީ ނަރަކައެވެ. (އެއީ) އެ މީހުން ހޯދައިއުޅުނު އަމަލުތަކުގެ ޖަޒާއެއްގެ ގޮތުގައެވެ.
އެ މީހުންނަށް ތިޔަބައިމީހުން ރުހުމަށް ޓަކައި، އެ މީހުން ތިޔަބައިމީހުން ގާތުގައި ހުވާކޮށް އުޅޭނެއެވެ. ފަހެ އެ މީހުންނަށް ތިޔަބައިމީހުން ރުހުނަސް، ހަމަކަށަވަރުން ފާސިގު ވެގެންވާ ބަޔަކަށް ﷲ ރުހިވޮޑިގެން ނުވާނެއެވެ.
ކާފިރުކަމާއި، މުނާފިގުކަމުގައި އަޢުރާބީން މާހަރުކަށިކަން ބޮޑެވެ. އަދި ﷲ، އެ އިލާހުގެ ރަސޫލާއަށް ބާވައިލެއްވި ތަކެތީގެ އިންތައް ނޭނގުން އައުލާ ކަން ބޮޑެވެ. ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ، ޙަކީމްވަންތަ އިލާހެވެ.
އަދި (ﷲ ގެ މަގުގައި) ހޭދަކުރާ އެއްޗެއް އެއީ، ގެއްލުމެއްކަމުގައި ބަލައި، ތިޔަބައިމީހުންނަށް ދެރަގޮތްތައް މެދުވެރިވުން އެދި ބަލަބަލާތިބޭ މީހުން، އަޢުރާބީންގެ ތެރެއިންވެއެވެ. ނުބައިގޮތް ދިމާވުންއޮތީ އެ މީހުންގެ މައްޗަށެވެ. ﷲ އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
ﷲ އަށާއި، އާޚިރަތް ދުވަހަށް އީމާންވެ، އަދި (ﷲ ގެ މަގުގައި) ހޭދަކުރާތަކެއްޗަކީ، ﷲ ގެ ހަޒްރަތަށް ކުއްތަންވުމުގެ ސަބަބެއް ކަމުގައްޔާއި، ރަސޫލާގެ ހެޔޮދުއާތައް ލިބުމުގެ ސަބަބެއް ކަމުގައި ބަލާ މީހުންވެސް އަޢުރާބީންގެ ތެރެއިންވެއެވެ. ދަންނާށެވެ. ހަމަކަށަވަރުން އެ ކަންތައްތައް އެ މީހުންނަށް ވާހުށީ، ކުއްތަންވުމެއް ކަމުގައެވެ. ﷲ، އެ އިލާހުގެ ރަހުމަތުގެ ތެރެއަށް އެ މީހުން ވައްދަވާނެއެވެ. ހަމަކަށަވަރުން ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ އިލާހެވެ.
މުހާޖިރުންނާއި، އަންސާރުންގެ ތެރެއިން ކުރިން އިސްނެންގެވި ބޭކަލުންނާއި، ހެޔޮގޮތުގައި އެ ބޭކަލުންނާ ތަބާ ވީމީހުން (ދަންނާށެވެ.) ﷲ، އެ މީހުންނަށް ރުހިވޮޑިގެންފިއެވެ. އަދި އެ މީހުން އެ އިލާހަށް ރުހުނެވެ. އަދި އެ ތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް، އެ އިލާހު އެ މީހުންނަށް ޓަކައި ތައްޔާރު ކުރެއްވިއެވެ. އެ ތާނގައި، އެ މީހުން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. ބޮޑުވެގެންވާ ނަސީބު ލިބުމަކީ އެއީއެވެ.
އަދި ތިޔަބައިމީހުންގެ ވަށައިގެންވާ އަޢުރާބީންގެ ތެރެއިން މުނާފިގުންގެ ބަޔަކުވެސްވެއެވެ. އަދި މުނާފިގުކަމުގެ މައްޗަށް ހޭނިފައިތިބި ބަޔަކު މަދީނާގެ އަހުލުވެރިންގެ ތެރެއިންވެއެވެ. ކަލޭގެފާނަކަށް އެ މީހުން އެނގިވަޑައެއް ނުގަނެއެވެ. ތިމަން އިލާހު އެ މީހުން ދެނެވޮޑިގެންވަމެވެ. ތިމަން އިލާހު އެ މީހުންނަށް ދެފަހަރު އަޒާބު ދެއްވާހުށީމެވެ. ދެން ބޮޑުވެގެންވާ އަޒާބެއްގެ ތެރެއަށް އެ މީހުން ރައްދު ކުރައްވާ ހުއްޓެވެ.
އަދި އެހެންބަޔަކު އެ މީހުންގެ ކުށްތަކަށް އިޢުތިރާފްވިއެވެ. އެ މީހުން ހެޔޮ އަމަލަކާއި، ނުބައި އެހެން ކަމަކާ އެއްކޮށްފައިވެއެވެ. ﷲ، އެ މީހުން މައްޗަށް ތައުބާ ލެއްވުން ގާތްވެގެންވެއެވެ. ހަމަކަށަވަރުން ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ އިލާހެވެ.
އޭގެ ސަބަބުން ކަލޭގެފާނު އެ މީހުން ތާހިރުކުރައްވާނޭ، އަދި އެ މީހުންނަށް ހެޔޮކަން އިތުރުކޮށްދެއްވާނޭ ސަދަގާތެއް، އެ މީހުންގެ މުދަލުން ކަލޭގެފާނު ނަންގަވާށެވެ. އަދި އެ މީހުންނަށް ޓަކައި ކަލޭގެފާނު ދުއާ ކުރައްވާށެވެ. ހަމަކަށަވަރުން ކަލޭގެފާނުގެ ދުއާއަކީ، އެ މީހުންނަށްއޮތް ހިތްހަމަޖެހުމަކާއި، ރަހުމަތެކެވެ. ﷲ އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
ހަމަކަށަވަރުން ﷲ އީ، އެ އިލާހުގެ އަޅުންގެ ކިބައިން ތައުބާ ގަބޫލު ކުރައްވާ އަދި ސަދަގާތް ގަބޫލު ކުރައްވާ އިލާހުކަމާއި، އަދި ހަމަކަށަވަރުން ﷲ އީ އައްތައްވާބް، އައްރަޙީމުކަން އެ މީހުން ނުދަންނަނީހެއްޔެވެ؟
ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން އަމަލުކުރާށެވެ! ފަހެ ތިޔަބައިމީހުންގެ އަމަލުތައް ﷲ ދެކެވޮޑިގެންވާނެއެވެ. އަދި އެ އިލާހުގެ ރަސޫލާވެސް މެއެވެ. އަދި މުއުމިނުތަކުންވެސް މެއެވެ. އަދި ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ އިލާހުގެ ހަޒްރަތަށް ތިޔަބައިމީހުން ރައްދު ކުރައްވާ ހުއްޓެވެ. ދެން ތިޔަބައިމީހުން ކޮށްއުޅުނު އަމަލުތަކުގެ ޚަބަރު ތިޔަބައިމީހުންނަށް އެ އިލާހު އަންގަވާނެއެވެ.
އަދި އެހެންބަޔަކު ﷲ ގެ އަމުރުފުޅު އަތުވެއްޖައުމަށް ދާންދެން ފަސް ކުރައްވާފައިވެއެވެ. އެހެންޏާ އެ މީހުންނަށް އެ އިލާހު އަޒާބު ދެއްވާނެއެވެ. އެހެންޏާ އެ މީހުންގެ މައްޗަށް އެ އިލާހު ތައުބާ ލައްވާނެއެވެ. ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ، ޙަކީމްވަންތަ އިލާހެވެ.
އަދި (މުއުމިނުންނަށް) ގެއްލުން ދިނުމަށާއި، ކާފިރުކަމަށާއި، މުއުމިނުންގެ ދެމެދުތައް ވަކިކުރުމަށާއި، ކުރިން ﷲ އާއި ރަސޫލާއާ ހަނގުރާމަކުރި މީހުންނަށް ޓަކައި، ބަލަބަލާ ތިބުމަށާއި (މިކަންކަމަށް ޓަކައި) މިސްކިތެއް ހަދާގެން އުޅުނު މީހުންވެސް އެ މީހުންގެ ތެރެއިންވެއެވެ. ހެޔޮގޮތް މެނުވީ ތިމަންމެން ގަސްދެއް ނުކުރަމުއޭ ކިޔައި، އެ މީހުން ހުވާކުރާނެކަން ކަށަވަރެވެ. ހަމަކަށަވަރުން އެ މީހުންނީ ދޮގުހަދާ ބަޔެއްކަމަށް، ﷲ ހެކިވެވޮޑިގެންވެއެވެ.
ދުވަހަކުވެސް ކަލޭގެފާނު އެ މިސްކިތުގައި (ނަމާދަށް) ގާއިމުވެ ނުހުންނަވާށެވެ. ހަމަކަށަވަރުން ފުރަތަމަ ދުވަހުއްސުރެން ތަގުވާގެ މައްޗަށް ބިންގާ އެޅުއްވި މިސްކިތެއްގައި (އެބަހީ: ގުބާ މިސްކިތުގައި) ކަލޭގެފާނު ގާއިމުވެ ހުންނެވުން މާ ހައްގުކަން ބޮޑެވެ. ތާހިރު ވެގަތުމަށް ލޯބިކުރާ މީހުންތަކެއް އެ މިސްކިތުގައި ވެއެވެ. ތާހިރު ވެގަންނަ މީހުންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ.
ފަހެ ހެޔޮކަން ބޮޑީ، ﷲ އަށް ތަގުވާވެރިވުމާއި، އެ އިލާހުގެ ރުހިވޮޑިގަތުން ލިބުމުގެ މައްޗަށް އެ މީހެއްގެ ބިނާގެ ބިންގާ އެޅި މީހާހެއްޔެވެ؟ ނުވަތަ ވެއްޓިގެންދާ ގުންޑޮޅިއެއްގެ ތުންފަތްމަތީގައި (އެބަހީ: މުނާފިގުކަން މަތީގައި) އެ މީހެއްގެ ބިނާގެ ބިންގާ އަޅައި، އެ ބިނާއާއެކު ނަރަކައިގެ އަލިފާންގަނޑަށް ވެއްޓުނު މީހާހެއްޔެވެ؟ އަނިޔާވެރި ބަޔަކަށް ﷲ ތެދުމަގެއް ނުދައްކަވާނެއެވެ.
އެ މީހުންގެ ހިތްތައް ބުރިބުރިވެގެން ދިއުމުން މެނުވީ، އެ މީހުން ބިނާކުރި ބިނާ، އެ މީހުންގެ ހިތްތަކުގައިވާ ޝައްކެއް ކަމުގައި ފިލައިނުދެތެވެ. ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ، ޙަކީމްވަންތަ އިލާހެވެ.
ހަމަކަށަވަރުން ﷲ، މުއުމިނުންގެ ކިބައިން އެ މީހުންގެ ނަފްސުތަކާއި، މުދާތައް، އެ މީހުންނަށް ސުވަރުގެ ހުރިކަން އަންގަވައި، ބައްލަވައިގަތެވެ. އެ މީހުން ﷲ ގެ މަގުގައި ހަނގުރާމަ ކުރެއެވެ. ފަހެ އެ މީހުން (ދުޝްމަނުން) ގަތުލުކޮށް، އަދި އެ މީހުން ގަތުލު ވެދެއެވެ. (އެ މީހުންނަށް ސުވަރުގެ ހުރިކަމީ) ތައުރާތާއި، އިންޖީލާއި، ގުރްއާނުގައި، އެ އިލާހުގެ (ނަފްސުފުޅުގެ) މައްޗަށް ހައްގު ގޮތުގައި ކުރައްވާފައިވާ ވައުދެކެވެ. އަދި އަހުދު ފުއްދުމުގައި، ﷲ އަށްވުރެ ފުއްދުންތެރިކަން ބޮޑީ ކާކުހެއްޔެވެ؟ ފަހެ ތިޔަބައިމީހުން ވިއްކި ވިއްކުމާމެދު އުފާކުރާށެވެ! ބޮޑުވެގެންވާ ނަސީބު ލިބުމަކީ ހަމަ އެއީއެވެ.
(އެއީ) ތައުބާވާ މީހުންނެވެ. (ﷲ އަށް) އަޅުކަންކުރާ މީހުންނެވެ. (އެ އިލާހަށް) ހަމްދުކުރާ މީހުންނެވެ. ރޯދަހިފާ މީހުންނެވެ. ރުކޫ ކޮށްސަޖިދަކުރާ މީހުންނެވެ. ހެޔޮކަންތަކަށް އަމުރު ކޮށްނުބައިކަންތައް ނަހީކުރާ މީހުންނެވެ. އަދި ﷲ ކަނޑައަޅުއްވާފައިވާ އިންތަކަށް ރައްކާތެރިވާ މީހުންނެވެ. ކަލޭގެފާނު މުއުމިނުންނަށް އުފާވެރިކަމުގެ ޚަބަރު ދެއްވާށެވެ.
ނަބިއްޔާއަކަށް ވެސް، އަދި އީމާންވި މީހުންނަކަށް ވެސް މުޝްރިކުންނަށް ޓަކައި ފާފަ ފުއްސެވުން އެދި ދުއާކުރެއްވުމެއް ނެތެވެ. އެ މީހުންނީ ގާތްތިމާގެ މީހުންކަމުގައި ވީނަމަވެހެވެ. ހަމަކަށަވަރުން އެ މީހުންނީ ނަރަކައިގެ އަހުލުވެރިންކަން އެ މީހުންނަށް ފާޅުވެ އެނގުމަށް ފަހުގައެވެ.
އެކަލޭގެފާނަށް (އެބަހީ: އިބްރާހީމްގެފާނަށް) އެ އިލާހު ކުރައްވާފައިވާ ވައުދެއްގެ މަތިން މެނުވީ، އިބްރާހީމްގެފާނު، އެކަލޭގެފާނުގެ ބަފައިކަލުންނަށް އިސްތިޣްފާރުކުރެއްވުން ނުވެއެވެ. ފަހެ އޭނާއަކީ ﷲ ގެ އަދާވާތްތެރިޔެއްކަން އެކަލޭގެފާނަށް ބަޔާންވެ އެނގިވަޑައިގަތްހިނދު، އޭނާގެ ކިބައިން އެކަލޭގެފާނު ބަރީއަވެވަޑައިގަތެވެ. ހަމަކަށަވަރުން އިބްރާހީމްގެފާނީ، ދުއާކުރެއްވުން ގިނަ، ކޯފާމަޑު ބޭކަލެކެވެ.
ބަޔަކަށް ތެދުމަގު ދެއްކެވުމަށް ފަހު، ﷲ، އެބަޔަކު މަގުފުރެއްދެވުމަށް އިރާދައެއް ނުކުރައްވައެވެ. އެބަޔަކަށް އެކަމަކުން ދުރުވެ ރައްކާތެރިވާންވީ ކަމެއް ބަޔާންކޮށްދެއްވާފުމަށް ދާންދެނެވެ. ހަމަކަށަވަރުން ﷲ އީ، ކޮންމެ ކަމެއްމެ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
ހަމަކަށަވަރުން އުޑުތަކާއި ބިމުގެ ވެރިކަން މިލްކު ވެގެންވަނީ ﷲ އަށެވެ. ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް އެ އިލާހެވެ. އަދި ތިޔަބައިމީހުންނަކަށް ﷲ ފިޔަވާ އެއްވެސް އެހީތެރިޔަކު އަދި ނަސްރު ދޭނޭ މީހަކުވެސް ނުވެއެވެ.
ހަމަކަށަވަރުން ނަބިއްޔާގެ މައްޗަށާއި، މުހާޖިރުންނާއި، އަންސާރުންގެ މައްޗަށް ﷲ ތައުބާ ލެއްވިއެވެ. އެ ބޭކަލުންނީ، ދަތިކަމުގެ ވަގުތުގައި އެކަލޭގެފާނާ ތަބާވި ބޭކަލުންނެވެ. އޭގެ ތެރެއިން ބަޔެއްގެ ހިތްތައް، ތެދުމަގުން އެއްކިބާވެ ދިޔުމަށް ގާތްވުމަށް ފަހުގައެވެ. ދެން އެ އިލާހު އެ މީހުންގެ މައްޗަށް ތައުބާ ލެއްވިއެވެ. ހަމަކަށަވަރުން އެ އިލާހީ، އެ މީހުންނަށް ނުހަނު އޯގާވަންތަ، ރަޙީމްވަންތަ އިލާހެވެ.
އަދި ފަސްޖެހުނު ތިން މީހުންގެ މައްޗަށް ވެސް (ތައުބާ ލެއްވި) މެއެވެ. ބިންގަނޑު ތަނަވަސްވެގެން ވުމާއެކުވެސް، އެ މީހުންގެ މައްޗަށް އެ ބިން ދަތިވެ، އަދި އެ މީހުންގެ އަމިއްލަ ނަފްސުތައް އެ މީހުންގެ މައްޗަށް ދަތިވި ހިނދުގައެވެ. އަދި ﷲ ގެ ހަޒްރަތުން (އެބަހީ: އެ އިލާހުގެ ނުރުއްސެވުމުން) ސަލާމަތްވުމަށް، އެ އިލާހުގެ ހަޒްރަތަށް މެނުވީ ދާނޭ ތަނެއް ނެތްކަން އެ މީހުންނަށް ޔަގީންވީ ހިނދުގައެވެ. ދެން އެ މީހުން ތައުބާ ވުމަށް ޓަކައި އެ އިލާހު އެ މީހުންގެ މައްޗަށް ތައުބާ ލެއްވިއެވެ. ހަމަކަށަވަރުން ﷲ އީ އައްތައްވާބް، އައްރަޙީމެވެ.
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުން ﷲ އަށް ތަގުވާވެރި ވާށެވެ. އަދި ތެދުވެރިންނާ އެކުގައި، ތިޔަބައިމީހުން ވާށެވެ.
މަދީނާގެ އަހުލުވެރިންނާއި، އެ މީހުންގެ ވަށައިގެންތިބޭ އަޢުރާބީންގެ މީހުންނަކަށް، ﷲ ގެ ރަސޫލާ އަރިހުގައި (ހަނގުރާމައަށް) ނުގޮސް ފަސްޖެހިފައި ތިބުމެއްނެތެވެ. އަދި އެކަލޭގެފާނުގެ ފުރާނަފުޅަށްވުރެ، އެ މީހުންގެ ފުރާނަތަކަށް އިސްކަންދިނުމެއްނެތެވެ. އެހެނީ، އެ މީހުންނަށް ސާލިހު އަމަލެއް ކަމުގައި ލިޔެވިގެން މެނުވީ، އެ މީހުންނަށް އަނގަހިއްކުމެއް، އަދި ވަރުބަލިކަމެއްވެސް، އަދި ބަނޑުހައިހޫނުކަމެއްވެސް، ﷲ ގެ މަގުގައި އެ މީހުންނަކަށް ނުޖެހޭނެއެވެ. އަދި ކާފިރުން ރުޅިއަރާނެ ތަނަކަށް، އެ މީހުންނަކަށް ފިޔަވަޅެއް ނޭޅޭނެއެވެ. އަދި އަދާވާތްތެރިއެއްގެ ކިބައިން ގެއްލުމެއް އެ މީހުންނަކަށް ނުލިބޭނެއެވެ. ހަމަކަށަވަރުން އިހްސާންތެރިންގެ ދަރުމަ، ﷲ ގެއްލެނި ނުކުރައްވާނެއެވެ.
އަދި އެ މީހުންނަށް ލިޔެވިގެންދާ ގޮތުގައި މެނުވީ، އެ މީހުން ކުޑަ ހޭދައެއްވެސް، އަދި ބޮޑު ހޭދައެއްވެސް ނުކުރާނެތެވެ. އަދި ވާދީއެއްވެސް ކަޑައްތުކޮށް އެ މީހުން ނުދާނެއެވެ. (އެއީ) އެ މީހުން އަމަލު ކޮށްއުޅުނު އެންމެ ރީތިގޮތަށް، ﷲ އެ މީހުންނަށް، ޖަޒާ ދެއްވުމަށް ޓަކައެވެ.
އަދި އެންމެން އެކުގައި ހަނގުރާމައަށް ނުކުތުމެއް، މުއުމިނުންނަކަށް ނެތެވެ. ފަހެ އެ މީހުންގެ ތެރެއިން ކޮންމެ ގަބީލާއަކުން ބަޔަކު ހަނގުރާމައަށް ނުކުތްނަމަ ކިހާރަނގަޅުހޭ؟ (އެއީ) އެ މީހުން (އެބަހީ: ނުގޮސްތިބި މީހުން) ދީން އުނގެނި ދަސްކުރުމަށެވެ. އަދި އެ މީހުންގެ ގައުމުގެ މީހުން (އެބަހީ: ހަނގުރާމައަށް ނުކުތް މީހުން) އެ މީހުންގެ ގާތަށް އެނބުރި އަތުވެއްޖެހިނދު، އެ މީހުންނަށް އިންޒާރުކުރުމަށް ޓަކައެވެ. (އެއީ) އެ މީހުން ބިރުވެތިވެ، ރައްކާތެރިވުމަށް ޓަކައެވެ.
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ކާފިރުންގެ ތެރެއިން ތިޔަބައިމީހުންނާ ގާތުގައިތިބި މީހުންނާ ތިޔަބައިމީހުން ހަނގުރާމަ ކުރާށެވެ! އަދި ތިޔަބައިމީހުންގެ ކިބައިން ހަރުކަށިކަން އެ މީހުން ދެކޭހުށިކަމެވެ. އަދި ހަމަކަށަވަރުން ﷲ ވަނީ ތަގުވާވެރިންނާ އެކުގައިކަން ތިޔަބައިމީހުން ދަންނާށެވެ.
ސޫރަތެއް ބާވައިލައްވައިފިނަމަ، އެ ސޫރަތުން އެ މީހެއްގެ އީމާންކަން އިތުރުވީ ތިޔަބައިމީހުންގެ ތެރެއިން ކާކުހޭ ބުނެއުޅޭ މީހުން އެ މީހުންގެ ތެރެއިންވެއެވެ. ފަހެ އީމާންވެއްޖެ މީސްތަކުން ދަންނާށެވެ. ފަހެ އެ މީހުން (އެ ކަމަށް ޓަކައި) އުފާކުރާ ހާލު، އެ މީހުންގެ އީމާންކަން އިތުރުވިއެވެ.
އަދި އެ މީހުންގެ ހިތްތަކުގައި ބަލިމަޑުކަމެއްވާ މީހުން ދަންނާށެވެ. ފަހެ އެ މީހުންގެ ކާފިރުކަމުގެ ތެރެއަށް ކާފިރު ކަން އެ މީހުންނަށް އިތުރުވިއެވެ. އަދި ކާފިރުން ކަމުގައިވާ ހާލު، އެ މީހުން މަރުވިއެވެ.
އަދި ކޮންމެ އަހަރަކު އެއްފަހަރު، ނުވަތަ ދެފަހަރު (ދަތިތަކާއި ބަލިމަޑުކަން ކުރިމަތި ކުރައްވާ) އެ މީހުން އިމްތިހާނު ކުރައްވާތީ، އެ މީހުން ނުދެކޭހެއްޔެވެ؟ ދެންވެސް އެ މީހުން ތައުބާއެއް ނުވެއެވެ. އަދި އެ މީހުން ހަނދާންކޮށް ވައުޒެއް ލިބިއެއް ނުގަނެއެވެ.
އަދި ސޫރަތެއް ބާވައިލައްވައިފިނަމަ، އެ މީހުންގެ އެކަކު އަނެކަކަށް ބަލައިލައެވެ. (އަދި ބުނެއެވެ.) އެކަކުވެސް ތިޔަބައިމީހުން ދެކޭހެއްޔެވެ؟ ދެން އެ މީހުން އެނބުރި ހިނގައިދެއެވެ. ﷲ އެ މީހުންގެ ހިތްތައް (ތެދުމަގުން އެއްކިބާ ކުރައްވާ) އަނބުރުއްވައިލެއްވިއެވެ. (އެއީ) އެ މީހުންނީ، ނުވިސްނޭ ބަޔަކު ކަމުގައިވާ ކަމަށް ޓަކައެވެ.
ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިންވާ ރަސޫލަކު، ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ. ތިޔަބައިމީހުންނަށް އުނދަގޫވެ ދަތިވެއްޖެ ކޮންމެ ކަމެއް، އެކަލޭގެފާނަށް ބޮޑުކަމަކަށް ވެއެވެ. އެކަލޭގެފާނީ (ތިޔަބައިމީހުންނަށް ތެދުމަގު ލިބުމުގެ މައްޗަށް) ދަހިވެތިވެވަޑައިގެންވާ ބޭކަލެކެވެ. މުއުމިނުންނަށް ނުހަނު އޯގާވެރި، ރަހުމް ހުރި ބޭކަލެކެވެ.
ފަހެ އެ މީހުން އެނބުރި ފުރަގަސްދީފިނަމަ، ފަހެ ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނަށް ﷲ ފުދެއެވެ. އެ އިލާހު މެނުވީ (އަޅުކަންކުރުން ހައްގުވާ) އިލާހަކު ނުވެއެވެ. ހަމައެކަނި އެ އިލާހަށް ތިމަންކަލޭގެފާނު ވަކީލު ކުރައްވާފީމެވެ. އެ އިލާހީ، ބޮޑުވެގެންވާ ޢަރްޝުގެ ރައްބެވެ.