އަލިފް ލާމް ރާ. (މި އަކުރުތަކުގެ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.) މިއީ ހިކުމަތްތެރި ފޮތުގެ (އެބަހީ: ގުރްއާނުގެ) އާޔަތްތަކެވެ.
މީސްތަކުންނަށް އިންޒާރުކުރެއްވުމަށާއި، އީމާންވެއްޖެ މީސްތަކުންނަށް އެ މީހުންގެ ރައްބުގެ ހަޒްރަތުގައި އިސްކަމާއި، މަތިވެރި މަގާމް ހުރިކަމުގެ އުފާވެރި ޚަބަރު ދެއްވުމަށް، ތިމަން އިލާހު އެ މީހުންގެ ތެރެއިން ފިރިހެނަކަށް، ވަހީ އިއްވެވިކަން މީސްތަކުންނަށް އަޖާއިބަކަށްވީހެއްޔެވެ؟ ކާފިރުވި މީހުން ބުނެފިއެވެ. ހަމަކަށަވަރުން މިއީ (އެބަހީ: މުޙައްމަދުގެފާނީ) ފާޅުވެ ބަޔާން ވެގެންވާ ޖާދޫގަރެކެވެ.
ހަމަކަށަވަރުން ތިޔަބައިމީހުންގެ ރައްބަކީ ﷲ އެވެ. އެ އިލާހީ، އުޑުތަކާއި ބިން ހަ ދުވަހުގެ ތެރޭގައި ހެއްދެވި އިލާހެވެ. ދެން ޢަރްޝުގެ މައްޗަށް އެ އިލާހު އިސްތަވާވެ އަރައިވޮޑިގެންނެވިއެވެ. އެ އިލާހު (އެންމެހާ) ކަންތައްތައް މިންވަރުކުރައްވާ ތަދްބީރު ކުރައްވައެވެ. އެ އިލާހުގެ އިޒުނަފުޅަށް ފަހުގައި މެނުވީ (އެއްވެސް މީހަކަށް ޝަފާއަތްތެރި ވާނޭ) ޝަފާއަތްތެރިޔަކު ނުވެއެވެ. އެއީ ތިޔަބައިމީހުންގެ ވެރި ﷲ އެވެ. ވީމާ ތިޔަބައިމީހުން އެ އިލާހަށް އަޅުކަން ކުރާށެވެ! ފަހެ ތިޔަބައިމީހުން ހަނދުމަ ނުކުރަނީހެއްޔެވެ؟
ތިޔަބައިމީހުން އެންމެން ރުޖޫއަވުން ވަނީ، އެ އިލާހުގެ ހަޒްރަތަށެވެ. (މިއީ) ﷲ ގެ ހައްގު ވައުދު ފުޅެވެ. ހަމަކަށަވަރުން ޚަލްގުތަކުން ފުރަތަމަ ފަހަރަށް އުފައްދަވައި، ދެން އަލުން އެ ޚަލްގުތައް އިއާދަކުރައްވަނީ، އެ އިލާހެވެ. އެއީ އީމާންވެ ސާލިހު އަމަލުތައް ކުޅަމީހުންނަށް އަދުލުވެރި ގޮތުން ޖަޒާ ދެއްވުމަށް ޓަކައެވެ. އަދި ކާފިރުވި މީހުންނަށް އެ މީހުން ކާފިރުވެ އުޅުނުކަމުގެ ސަބަބުން، ކެކިކެކި ހުންނަ ހޫނުފެނުގެ ބުއިމަކާއި، ވޭންދެނިވި އަޒާބު ހުއްޓެވެ.
އެ އިލާހީ، އަލިކަމެއްކަމުގައި އިރު ލައްވައި، ނޫރެއްކަމުގައި ހަނދު ލެއްވި އިލާހެވެ. އަދި އެ ހަނދު ހިނގުމަށް މަންޒިލްތަކެއް މިންވަރުކުރެއްވިއެވެ. (އެއީ) ތިޔަބައިމީހުން އަހަރުތަކުގެ އަދަދާއި (މައްސަރުތަކާއި ދުވަސްތަކުގެ) ހިސާބު ދެނެގަތުމަށް ޓަކައެވެ. ހައްގު ގޮތުން މެނުވީ، ﷲ، އެ ތަކެތި ނަހައްދަވައެވެ. އެނގޭބަޔަކަށް އެ އިލާހުގެ އާޔަތްތައް ތަފްސީލު ކޮށްދެއްވައެވެ.
ހަމަކަށަވަރުން ރޭދުވާ ތަފާތުވުމުގައްޔާއި އުޑުތަކާއި، ބިމުގައި ﷲ ހެއްދެވި (އެންމެހާ) ތަކެތީގައި، ތަގުވާވެރިވާ ބަޔަކަށް ދަލީލުތަކެއްވާކަން ކަށަވަރެވެ.
ހަމަކަށަވަރުން ތިމަން އިލާހާ ބައްދަލުވާން ނޭދޭ، އަދި ދުނިޔޭގެ ދިރިއުޅުމަށް ރުހި، އަދި އެ ކަމަށް ހިތްހަމަޖައްސައިގެން ތިބެ، ތިމަން އިލާހުގެ އާޔަތްތަކާމެދު ޣާފިލުވި މީހުން (ދަންނާށެވެ.)
އެ މީހުން ތިބޭނެ ތަނަކީ ނަރަކައެވެ. (އެއީ) އެ މީހުން ހޯދައިއުޅުނު އަމަލުތަކުގެ ސަބަބުންނެވެ.
ހަމަކަށަވަރުން އީމާންވެ، ސާލިހު އަމަލުތައް ކުޅަމީހުންނަށް، އެ މީހުންގެ އީމާންކަމުގެ ސަބަބުން، އެ މީހުންގެ ރައްބު އެ މީހުންނަށް ތެދުމަގު ދައްކަވާނެއެވެ. ނިއުމަތުގެ ސުވަރުގެތަކުގައި، އެ މީހުންގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނާނެއެވެ.
އެ ތާނގައި، އެ މީހުންގެ ދުއާއަކީ ޔާ ﷲ އެވެ. އިބަ އިލާހުގެ ހުސްތާހިރުވަންތަކަމާއެވެ. އަދި އެ ތާނގައި، އެ މީހުންގެ ތަހިއްޔަތަކީ، ސަލާމް އެވެ. އަދި އެ މީހުންގެ ދުއާގެ ނިންމުމަކީ، އެންމެހާ ހަމްދު ތައުރީފާއި ސަނާއެއް ހައްގުވަނީ އާލަމްތަކުގެ ރައްބު، ﷲ އަށެވެ.
ހެޔޮކަމާއި، ސަވާބު އަވަސްކޮށްދެއްވުމަށް މީސްތަކުން އެދޭ ހިނދު، އެ ކަން އަވަސްކޮށްދެއްވާ ފަދައިން، ﷲ އެ މީހުންނަށް ނުބަޔާއި، އުގޫބާތް އަވަސްކޮށްދެއްވާނަމަ، އެ މީހުންގެ އަޖަލު ޖެހި، އެ ހިނދު އެހިނދަށް ނިމިއްޖައީހެވެ. ފަހެ (ގިޔާމަތް ދުވަހުން) ތިމަން އިލާހާ ބައްދަލުވާން ނޭދޭމީހުން އެ މީހުންގެ ފުރެދުމުގައި، ދެފުށު އެޅިއެޅިތިބޭ ހާލު، އެ މީހުން ދޫކޮށްލައްވައި، ބައިތިއްބަވާހުށީމެވެ.
އަދި އިންސާނާއަށް އުނދަގުލެއް ޖެހިއްޖެނަމަ، އޭނާ އޮށޯވެ އޮވެގެން ނުވަތަ އިށީނދެ އިނދެގެން، ނުވަތަ ކޮޅަށް ހުރެގެން، ތިމަން އިލާހަށް ދުއާކުރެއެވެ. ފަހެ ތިމަން އިލާހު އެ މީހެއްގެ ކިބައިން އެ އުނދަގޫ ފިއްލަވައިފުމުން، އުނދަގުލެއް ޖެހިގެން ތިމަން އިލާހަށް ދުއާ ވެސް ނުކުރާ ފަދައިން އޭނާ (އެދާ މަގުން) ހިނގައިދެއެވެ. (ފުރެދުމުގައި) ހައްދުފަހަނަޅައި ދިޔަ މީހުންނަށް އެ މީހުން ކޮށްއުޅުނު އަމަލުތައް ޒީނަތްތެރި ކުރައްވާފައިވަނީ އެފަދައިންނެވެ.
އަދި ހަމަކަށަވަރުން ތިޔަބައިމީހުންގެ ކުރީގެ އުއްމަތްތަކުގެ މީހުންގެ ގާތަށް މުއުޖިޒާތްތަކާއިގެން ރަސޫލުން ވަޑައިގަތުމުން، އެ މީހުން އަނިޔާވެރިވީހިނދު، އެ އުއްމަތްތައް ހަލާކު ކުރައްވާ ނެތިކުރެއްވީމެވެ. އެ މީހުންނީ އީމާން ވާނޭ ބަޔަކު ކަމުގައި ނުވެއެވެ. ކުށްވެރިވި މީހުންނަށް، ތިމަން އިލާހު ޖަޒާ ދެއްވަނީ އެފަދައިންނެވެ.
ދެން އެ މީހުންގެ ފަހުން ބިމުގައި ޚަލީފާއިން ކަމުގައި ތިމަން އިލާހު ތިޔަބައިމީހުން ލެއްވީމެވެ. އެއީ ތިޔަބައިމީހުން ކަންތައްކުރަނީ ކޮންފަދައަކުންތޯ ބެއްލެވުމަށް ޓަކައެވެ.
އަދި އެ މީހުންނަށް ތިމަން އިލާހުގެ އާޔަތްތައް ބަޔާން ވެގެންވާ ގޮތުގައި ކިޔަވައިދެއްވާހިނދު، ތިމަން އިލާހާ ބައްދަލުވުމަށް ނޭދޭމީހުން ބުނެއެވެ. ތިޔަނޫން އެހެން ގުރްއާނެއް ގެނެސްދެއްވާށެވެ. ނުވަތަ އެ ގުރްއާނަށް ބަދަލުގެނެސް ދެއްވާށެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނު އަމިއްލަފުޅަށް އެ ބަދަލުކުރުމަކީ، ތިމަންކަލޭގެފާނަށް އޮތްކަމެއް ނޫނެވެ. ތިމަންކަލޭގެފާނަށް އިއްވަވާ ވަހީއަށް މެނުވީ، ތިމަންކަލޭގެފާނު ތަބާ ވެވަޑައެއް ނުގަންނަވަމެވެ. ތިމަންކަލޭގެފާނުގެ ރައްބަށް ތިމަންކަލޭގެފާނު އުރެދިއްޖެނަމަ، ބޮޑުވެގެންވާ ދުވަހެއްގެ އަޒާބަށް ހަމަކަށަވަރުން ތިމަންކަލޭގެފާނު ބިރުވެތިވެވަޑައިގަންނަވަމެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. ﷲ އިރާދަ ކުރެއްވިނަމަ، ތިމަންކަލޭގެފާނު އެ އާޔަތްތައް ތިޔަބައިމީހުންނަށް ކިޔައެއް ނުދެއްވީމުހެވެ. އަދި އެ އިލާހު ތިޔަބައިމީހުންނަށް އެ އާޔަތްތަކެއް ނުވެސް އެންގެވީހެވެ. ފަހެ މީގެ ކުރިން ތިޔަބައިމީހުންގެ ތެރޭގައި އެތައް ދުވަހެއް ވަންދެން (އެބަހީ: ސާޅީސް އަހަރު ވަންދެން) ހަމަކަށަވަރުން ތިމަންކަލޭގެފާނު ހުންނެވީމެވެ. (މި ބާވަތުގެ ވާހަކައެއް ނުދައްކަވަމެވެ.) ފަހެ ތިޔަބައިމީހުންނަކަށް ނުވިސްނޭހެއްޔެވެ؟
ﷲ އާމެދު ހަދާގެން ދޮގެއް ބުނިމީހަކަށްވުރެ، ނުވަތަ އެ އިލާހުގެ އާޔަތްތައް ދޮގުކުރި މީހަކަށްވުރެ، އަނިޔާވެރިކަންބޮޑު މީހަކީ ފަހެ ކާކުހެއްޔެވެ؟ ހަމަކަށަވަރުން ކުށްކުރާ މީހުން ކާމިޔާބެއް ނުވާނެއެވެ.
އެ މީހުން ﷲ ފިޔަވާ އަޅުކަން ކުރަނީ، އެ މީހުންނަށް ގެއްލުމެއްވެސް ނުދެވޭ، އަދި މަންފާއެއްވެސް ނުދެވޭ ތަކެއްޗަށެވެ. އަދި އެ މީހުން ބުނެއެވެ: މި ތަކެއްޗަކީ، ﷲ ގެ ހަޒްރަތުގައި ތިމަންމެންނަށް ޝަފާއަތްތެރި ވާނޭ ތަކެއްޗެވެ. ކަލޭގެފާނު ވިދާޅުވާށެވެ: އުޑުތަކުގައިވެސް އަދި ބިމުގައިވެސް ﷲ ދެނެވޮޑިގެން ނުވާ ކަމެއްގެ ވާހަކައިން ތިޔަބައިމީހުން އެ އިލާހަށް ޚަބަރު ދެނީހެއްޔެވެ؟ އެ މީހުން އެ ޝަރީކުކުރާ ތަކެތިން އެ އިލާހު ހުސްތާހިރުވެ މަތިވެރިވެ ވޮޑިގެންވެއެވެ.
އަދި މީސްތަކުން (އެންމެ ފުރަތަމަ) އެއް އުއްމަތެއް ކަމުގައި މެނުވީ ނުވެއެވެ. ދެން (އެއަށް ފަހު) އެ މީހުން ޚިލާފުވިއެވެ. ކަލޭގެފާނުގެ ރައްބުގެ ހަޒްރަތުން (ޖަޒާދެއްވުން ގިޔާމަތް ދުވަހަށް ފަސް ކުރެއްވުމުގެ) ބަސްފުޅެއް އިސްވެފައި ނުވާނަމަ، އެ މީހުން އެ ޚިލާފުވާ ކަންތަކާމެދު (ދުނިޔެމަތީގައި) އެ މީހުންގެ މެދުގައި ނިޔާކުރެއްވީހެވެ.
އަދި އެ މީހުން ބުންޏެވެ: އެކަލޭގެފާނުގެ ރައްބުގެ ހަޒްރަތުން އެކަލޭގެފާނަށް މުއުޖިޒާތެއް ބާވައިލައްވާފައި ނުވަނީ ކީއްވެގެންބާވައެވެ؟ ފަހެ ކަލޭގެފާނު ވިދާޅުވާށެވެ: ދެނެވޮޑިގަތުންވާކަން ކަށަވަރީ ﷲ އަށެވެ. ފަހެ ތިޔަބައިމީހުން އިންތިޒާ ރުކުރާށެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުވެސް ތިޔަބައިމީހުންނާއެކު އިންތިޒާރުކުރާ މީހުންގެ ތެރެއިން ވަމެވެ.
އަދި މީސްތަކުންނަށް ތަދުމަޑު ހާލެއް ޖެހުމަށް ފަހު، އެ މީހުންނަށް ތިމަން އިލާހު ރަހުމަތް ލައްވައި، ތިޔާގިކަމުގެ ރަހަ ދައްކަވާހިނދު، ތިމަން އިލާހުގެ އާޔަތްތައް އެ މީހުން ދޮގުކޮށް މަކަރު ހަދައެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އެ މީހުންގެ މަކަރު ރައްދު ކުރެއްވުމުގައި، ﷲ އަވަސްވެވޮޑިގަތުން ބޮޑެވެ. ހަމަކަށަވަރުން ތިމަން އިލާހުގެ މަލާއިކަތުން ތިޔަބައިމީހުން ހަދާ މަކަރުތައް ލިޔުއްވައެވެ.
އެ އިލާހީ، އެއްގަމާއި ކަނޑުގައި، ތިޔަބައިމީހުން ހިންގަވައި ދަތުރުފަތުރު ކުރުވައިދެއްވާ އިލާހެވެ. ދެން ތިޔަބައިމީހުން، ނަވަށް އަރައި ނަލަ ރޯޅިއަކާއެކު އެ މީހުންނާއިގެން އެ ނައު ދުއްވައިގަތުމުން، އެކަމާ އެ މީހުން އުފާކޮށްކޮށް ތިއްބާ، އެ ނަވަށް ޖެހުނުގަދަ ކޮޅިގަނޑަކުން ހުރިހާ ފަރާތަކުން އެ މީހުންނާ ދިމާޔަށް ރާޅުތައް އައިސް އެ މީހުން ހަލާކުވެދާނެހެން ހީވީމާ، އެ އިލާހަށް އީމާންކަން ޚާލިސްކުރާ ހާލުގައި، ﷲ އަށް އެ މީހުން ދުއާކުރެއެވެ. މިކަމުން، އިބަ އިލާހު އަޅަމެން ސަލާމަތް ކުރައްވާފިނަމަ، ހަމަކަށަވަރުން ޝުކުރުކުރާ މީހުންގެ ތެރެއިން އަޅަމެން ވާހުށީމުއެވެ.
ދެން އެ އިލާހު އެ މީހުން ސަލާމަތްކުރެއްވި ހިނދު، އެހާރުން، ހައްގަކާނުލާ، އެ މީހުން ބިމުގައި ފަސާދަ އުފައްދައި ދެކޮޅުވެރިވެއެވެ. އޭ މީސްތަކުންނެވެ. ތިޔަބައިމީހުންގެ ދެކޮޅުވެރިކަމުގެ ގެއްލުން ހުރިކަންކަށަވަރީ، ހަމަ ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށެވެ. ދުނިޔޭގެ ދިރިއުޅުމުގެ ވަގުތީ އުފަލެއްގެ ގޮތުގައެވެ. ދެން ތިޔަބައިމީހުން ރުޖޫއަ ވާހުށީ، ތިމަން އިލާހުގެ ހަޒްރަތަށެވެ. އޭރުން ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ ޚަބަރު، ތިމަން އިލާހު ތިޔަބައިމީހުންނަށް އަންގަވާހުށީމެވެ.
ދުނިޔޭގެ ދިރިއުޅުމުގެ މިސާލު ވާކަން ކަށަވަރީ، ތިމަން އިލާހު އުޑުން ވެއްސެވި ފެނެއްގެ މިސާލުކަމުގައެވެ. ފަހެ އިންސާނުންނާއި، ނައަމްސޫފި ކައިއުޅޭ ބާވަތްތަކުގެ ތެރެއިން ބިމުގެ ގަސްގަހާގެހި، އެ ވާރޭފެނާއެކުވެ، އެންމެފަހުން އެ ބިމަށް ރީތިކަމާއި، އާރޯކަންލިބި (މާމެލާމެއްޔާއި މޭވާތަކުން) ޒީނަތްތެރިވެ، އެ ބިމުގެ އަހުލުވެރިން އެ ތަކެތީގެ މައްޗަށް ބާރު ހިންގުމަށް ކުޅަދާނަވެގެންވާކަމަށް ހީކޮށްގެން ތިއްބާ (އެ ތަކެތި ހަލާކުވެދިޔުމަށް) ރޭގަނޑެއްގައި، ނުވަތަ ދުވާލެއްގައި، ތިމަން އިލާހުގެ އަމުރުފުޅު އައެވެ. ފަހެ އެ ހިނދު ކޮށާލައިފައިވާ ގޮވާންތަކެއް ފަދައިން، ތިމަން އިލާހު އެ ތަކެތި ލެއްވީމެވެ. އެ ތަކެތި އިއްޔެ ނުވެސް ނެތްކަހަލައެވެ. ފިކުރުކުރާ ބަޔަކަށް، ތިމަން އިލާހުގެ އާޔަތްތައް ތަފްސީލު ކޮށްދެއްވަނީ އެފަދައިންނެވެ.
ﷲ ގޮވައިލައްވަނީ، ސަލާމަތުގެ ގޮވައްޗަށެވެ. (އެބަހީ: ސުވަރުގެއަށެވެ.) އަދި އެ އިލާހު އިރާދަކުރައްވާ ބަޔަކަށް، ސީދާވެގެންވާ ތެދުމަގަށް އެ އިލާހު މަގު ދައްކަވައެވެ.
ހެޔޮކޮށް އުޅުނު މީހުންނަށް ހުރީ އެންމެ ރިވެތި ދަރުމައެވެ. (އެއީ ސުވަރުގެއެވެ.) އަދި އޭގެ އިތުރަށް ވެސް ހުއްޓެވެ. (އެއީ ﷲ ގެ މޫނުފުޅަށް ބެލުމެވެ.) އަދި އެ މީހުންގެ މޫނުތަކަކަށް ހިރަފުހެއް ނުވަތަ ދެރަކަމެއް ނާރާނެތެވެ. އެ މީހުންނަކީ، ސުވަރުގޭގެ އަހުލުވެރިންނެވެ. އެ މީހުން އެ ތާނގައި ދެމިތިބޭ ހުއްޓެވެ.
އަދި ނުބައި އަމަލުތައް ކުރި މީހުންނަށް ހުރީ، ކޮންމެ ނުބައިކަމަކަށް އެފަދަ ޖަޒާއެވެ. އަދި އެ މީހުންގެ މައްޗަށް ފެތުރިފައިވަނީ ނިކަމެތިކަމެވެ. ﷲ ގެ އަޒާބުން ރައްކާތެރިކުރާނޭ އެއްވެސް ފަރާތެއް އެ މީހުންނަކަށް ނުވެއެވެ. އެ މީހުންގެ މޫނުތައް، ކަޅު އަނދިރި ރޭގަނޑުން ބައެއްލައްވައި ނިވާކުރައްވާފައިވާ ކަހަލައެވެ. އެ މީހުންނަކީ، ނަރަކައިގެ އަހުލުވެރިންނެވެ. އެ މީހުން އެ ތާނގައި ދެމިތިބޭހުއްޓެވެ.
ތިމަން އިލާހު އެ މީހުން އެންމެން އެއްތަނަކަށް އެއް ކުރައްވާ ދުވަސް (ހަނދުމަކުރާށެވެ!) ދެން ޝަރީކުކުރި މީހުންނަށް، ތިމަން އިލާހު ވަހީ ކުރައްވާހުށީމެވެ. ތިޔަބައިމީހުންނާއި، ތިޔަބައިމީހުން ޝަރީކުކުރި ތަކެތި ތިބިތާނގައި ތިބޭށެވެ! ފަހެ އެ މީހުންގެ މެދުގައިވާ ގުޅުންތައް ތިމަން އިލާހު ވަނީ ކަނޑުއްވައި ވަކިކުރައްވާފައެވެ. އަދި އެ މީހުން ޝަރީކުކުރި ތަކެތި ބުނާނެއެވެ. ތިޔަބައިމީހުން އަޅުކަންކޮށްއުޅުނީ ތިމަންމެންނަކަށް ނޫނެވެ.
ފަހެ ތިމަންމެންނާއި، ތިޔަބައިމީހުންނާ ދެމެދުގައި ހެއްކަކަށް ﷲ ފުދެއެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ކުރި އަޅުކަމުން ތިމަންމެންވަނީ ޣާފިލު ވެގެންނެވެ.
އެ ތާނގައި ކޮންމެ ނަފްސަކަށްމެ، އެ ނަފްސެއް އިސްކުރި އަމަލެއްގެގޮތް އެނގޭނެއެވެ. އަދި އެ މީހުންގެ އެހީތެރިވަންތަ، ހައްގުވަންތަ ﷲ ގެ ހަޒްރަތަށް އެ މީހުން ރައްދު ކުރައްވާނެއެވެ. އަދި އެ މީހުން ދޮގުން އުފައްދައިގެން އުޅުނު ކަންތައްތައް، އެ މީހުންގެ ކިބައިން ގެއްލިގެން ހިނގައިދާނެއެވެ.
ކަލޭގެފާނު ވިދާޅުވާށެވެ: އުޑުންނާއި ބިމުން ތިޔަބައިމީހުންނަށް ރިޒްގު ދެއްވަނީ ކޮން ފަރާތެއްހެއްޔެވެ؟ ނުވަތަ އިވުމާއި ފެނުން މިލްކު ވެގެންވަނީ ކޮން ފަރާތަކަށްހެއްޔެވެ؟ އަދި މަރުވެފައިވާ ތަކެތިން ދިރޭތަކެތި ނެރުއްވައި، ދިރޭތަކެތިން މަރުވެފައިވާ ތަކެތި ނެރުއްވަނީ ކޮން ފަރާތެއްހެއްޔެވެ؟ އަދި އެންމެހާ ކަންތައް ތަދްބީރު ކުރައްވަނީ ކޮން ފަރާތެއްހެއްޔެވެ؟ ފަހެ އެ މީހުން ބުނާނެއެވެ: ﷲ އެވެ. ދެން ކަލޭގެފާނު ވިދާޅުވާށެވެ: ފަހެ ތިޔަބައިމީހުން (އެ އިލާހަށް) ތަގުވާވެރި ނުވާނަންހެއްޔެވެ؟
ފަހެ އެއީ ﷲ އެވެ. ތިޔަބައިމީހުންގެ ވެރި، ހައްގުވަންތަ އިލާހެވެ. ފަހެ ހައްގު ގޮތަށް ފަހުގައި ވަނީ މަގުފުރެދުންނޫން ކޮންއެއްޗެއްހެއްޔެވެ؟ (އެބަހީ: ހައްގު ގޮތުން އެއްކިބާވެއްޖެނަމަ، ދެން ދެވޭނީ ފުރެދުމުގެ ތެރެއަށެވެ.) ފަހެ ތިޔަބައިމީހުން (ހައްގު ގޮތް ފިޔަވާ) އެނބުރިދަނީ، ކޮންފަދައަކުންހެއްޔެވެ؟
ފާސިގުވި މީހުންގެ މައްޗަށް، އެ މީހުން އީމާން ނުވާނެކަމަށް ކަލޭގެފާނުގެ ރައްބުގެ ކަލިމަފުޅު ހަމަ އެފަދައިންވަނީ ހައްގު ވެގެންނެވެ.
ކަލޭގެފާނު ވިދާޅުވާށެވެ: ތިޔަބައިމީހުން ޝަރީކުކުރާ ފަރާތްތަކުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޚަލްގުތަކުން އުފައްދައި، ދެން އަލުން އެ ޚަލްގުތައް އިއާދަކުރާ ފަރާތެއް ވޭހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ: ﷲ، ފުރަތަމަ ފަހަރަށް ޚަލްގުތަކުން އުފައްދަވައި، ދެން އަލުން އެ ޚަލްގުތައް އިއާދަކުރައްވައެވެ. ފަހެ ތިޔަބައިމީހުން (އީމާންކަމުން) އެއްކިބާވެގަންނަނީ ކޮންފަދައަކުންހެއްޔެވެ؟
ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން ޝަރީކުކުރާ ފަރާތްތަކުގެ ތެރޭގައި ހައްގަށް މަގުދައްކާ މީހަކު ވޭހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ. ހައްގަށް މަގުދައްކަވަނީ ﷲ އެވެ. ފަހެ ތަބާ ވުން ހައްގުކަންބޮޑީ ހައްގަށް މަގުދައްކާ ފަރާތަކާހެއްޔެވެ؟ ނުވަތަ މަގުދައްކަވައިގެން މެނުވީ ތެދުމަގު ލިބިނުގަނެވޭ މީހަކާހެއްޔެވެ؟ ފަހެ ތިޔަބައިމީހުންނަށް ތިޔަ ތިބީ ކީއްވެފައިހެއްޔެވެ؟ ތިޔަބައިމީހުން ހުކުމްކުރަނީ ކޮންފަދައަކުންހެއްޔެވެ؟
އެ މީހުން ކުރެ ގިނަމީހުން ހީއަކާމެނުވީ ތަބައެއް ނުވެއެވެ. ހަމަކަށަވަރުން ހީއަކީ ހައްގުގެ ބަދަލުގައި އެއްވެސްކަމެއް ފުއްދައިދޭނޭ އެއްޗެއްނޫނެވެ. ހަމަކަށަވަރުން ﷲ އީ، އެ މީހުން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
ﷲ ނޫންފަރާތަކުން ހަދާގެން ގެންނަ އެއްޗަކަށް މި ގުރްއާން ނުވެއެވެ. އެހެނެއްކަމަކު (އެ ގުރްއާން ބާވައިލެއްވީ) އޭގެކުރީގައިވާ ފޮތްތައް ތެދުކުރުމަށާއި، ފޮތުގައިވާ ހުކުމްތައް ތަފްސީލު ކޮށްދެއްވުމަށެވެ. އެ ފޮތާމެދު ޝައްކެއް ނެތެވެ. (އެ ފޮތް ބާވައިލެއްވީ) އާލަމްތަކުގެ ރައްބުގެ ހަޒްރަތުންނެވެ.
އަދި ކިއެއް! (އެ ގުރްއާން) އެއީ، އެކަލޭގެފާނު ހައްދަވައިގެން އުޅުއްވާ އެއްޗެއްކަމަށް އެ މީހުން ބުނަނީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ. ފަހެ ތިޔަބައިމީހުން ތެދުވެރިން ކަމުގައިވަނީނަމަ، ﷲ ފިޔަވާ ތިޔަބައިމީހުންނަށް ކުޅަދާނަވީހައި ބަޔަކަށް ގޮވައިގެން ނަމަވެސް، އެއާ އެއްފަދަ ސޫރަތެއް ނިކަން ގެނެސްބަލާށެވެ!
އަދި ކިއެއް! އެ ގުރްއާނުގައިވާ އެއްޗެއް އެ މީހުންނަށް ނޭނގެނީސް، އަދި އޭގެ މާނަ އެ މީހުންނާ ހަމައަށް ނާންނަނީސް، އެ މީހުން އެ ގުރްއާން ދޮގުކުރިއެވެ. ހަމަ އެފަދައިން އެ މީހުންގެ ކުރީގެ މީހުންވެސް (އެ މީހުންގެ ރަސޫލުން) ދޮގުކުރިއެވެ. ފަހެ އަނިޔާވެރިންގެ ނިމުންވަނީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ.
އެ މީހުންގެ ތެރޭގައި އެ ގުރްއާނަށް އީމާންވާ ބަޔަކުވެއެވެ. އަދި އެ މީހުންގެ ތެރޭގައި އެ ގުރްއާނަށް އީމާން ނުވާ ބަޔަކުވެސްވެއެވެ. ކަލޭގެފާނުގެ ރައްބަކީ، ފަސާދަކުރާ މީހުން އެންމެމޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
އަދި އެ މީހުން ކަލޭގެފާނު ދޮގުކޮށްފިނަމަ، ފަހެ ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނަށް، ތިމަންކަލޭގެފާނު ކުރެއްވި އަމަލެކެވެ. އަދި ތިޔަބައިމީހުންނަށް ތިޔަބައިމީހުން ކުރި އަމަލެކެވެ. ތިމަންކަލޭގެފާނު ކުރައްވާ އަމަލުތަކުން، ތިޔަބައިމީހުންވަނީ، ބަރީއަވެގެންނެވެ. އަދި ތިޔަބައިމީހުން ކުރާ އަމަލުތަކުން، ތިމަންކަލޭގެފާނު ވަނީ ބަރީއަވެގެންނެވެ.
އަދި އެ މީހުންގެ ތެރޭގައި، ކަލޭގެފާނަށް ކަނުލާއަހާ މީހުންވެއެވެ. ފަހެ ބީރުބަޔަކަށް، އެ މީހުންނަށް ނުވިސްނޭކަމުގައިވިޔަސް، ކަލޭގެފާނު އިއްވަވަނީތޯއެވެ؟
އަދި އެ މީހުންގެ ތެރޭގައި ކަލޭގެފާނަށް ބަލާމީހުންވެއެވެ. ފަހެ ކަނުބަޔަކަށް، އެ މީހުންނަށް ނުފެންނަކަމުގައިވިޔަސް، ކަލޭގެފާނު މަގުދައްކަވަނީތޯއެވެ؟
ހަމަކަށަވަރުން ﷲ، އެއްވެސްކަމަކުން މީސްތަކުންނަށް އަނިޔާއެއް ނުކުރައްވައެވެ. އެހެނެއްކަމަކު، މީސްތަކުން އެ މީހުންގެ އަމިއްލަ ނަފްސުތަކަށް އަނިޔާކުރެއެވެ.
އެ އިލާހު އެ މީހުން މަހުޝަރަށް ފޮނުއްވާ ދުވަހު، ދުވާލުން ސާޢަތެއްގެ މިންވަރަށް މެނުވީ (ދުނިޔޭގައި ނުވަތަ ކަށްވަޅުގައި) އެ މީހުން ނުތިބޭކަހަލައެވެ. އެ މީހުންގެ މެދުގައި ތަޢާރަފް ވާނެއެވެ. ﷲ އާ ބައްދަލުވާނޭކަން ދޮގުކުރި މީހުން، ގެއްލި ހަލާކުވެއްޖެކަން ކަށަވަރެވެ. އަދި އެ މީހުންނީ، ތެދުމަގު ލިބިގެންވާ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ.
އެ މީހުންނަށް ތިމަން އިލާހު ވައުދު ކުރެއްވި ބައެއްކަންތައް ކަލޭގެފާނަށް ދެއްކެވިޔަސް، ނުވަތަ (އޭގެ ކުރިން) ތިމަން އިލާހު ކަލޭގެފާނު މަރުގެންނެވިޔަސް، ފަހެ އެ މީހުންގެ ރުޖޫއަ ވުންވަނީ، ތިމަން އިލާހުގެ ހަޒްރަތަށެވެ. ދެން އެ މީހުން ކޮށްއުޅުނު ކަންތަކުގެ މައްޗަށް، ﷲ ހެކިވެވޮޑިގަންނަވާނެއެވެ.
އަދި ކޮންމެ އުއްމަތަކަށް ވެސް ރަސޫލަކުވެއެވެ. ފަހެ (ގިޔާމަތް ދުވަހުން) އެ އުއްމަތެއްގެ ރަސޫލަކު ވަޑައިގަތުމުން، އެ މީހުންގެ މެދުގައި އަދުލަށް ހުކުމް ކުރައްވާނެއެވެ. އަދި އެއުރަންނަކަށް ބޭއިންސާފެއް ނުކުރައްވާހުއްޓެވެ.
އަދި އެ މީހުން ބުނެއެވެ. ތިޔަބައިމީހުންނީ ތެދުބުނާ ބަޔަކު ކަމުގައިވާނަމަ، ތިޔަ (ބުނާ އަޒާބުގެ) ވައުދު އަންނާނީ ކޮންއިރަކުންހެއްޔެވެ؟
ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނުގެ އަމިއްލަ ނަފްސަށް ގެއްލުމެއް ދިނުމަކީވެސް، އަދި މަންފާއެއް ދިނުމަކީވެސް، ތިމަންކަލޭގެފާނުގެ ބާރުގެ ދަށުގައިވާ ކަމެއް ނޫނެވެ. ﷲ އިރާދަ ކުރެއްވިކަމެއް މެނުވީއެވެ. ކޮންމެ އުއްމަތަކަށް ވެސް އަޖަލެއްވެއެވެ. އެ މީހުންގެ އަޖަލު އަތުވެއްޖެނަމަ، އެންމެ ސާޢަތެއްގެ އިރުވެސް އެ މީހުންނަކަށް ލަހެއްނު ކުރައްވާނެއެވެ. އަދި އަވަހެއްވެސް ނުމެ ކުރައްވާނޭމެއެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން ނިކަން ބުނެބަލާށެވެ! ތިޔަބައިމީހުންގެ ގާތަށް އެ އިލާހުގެ އަޒާބު، ރޭގަނޑު (ނިދާފާ ތިއްބާ) ނުވަތަ ދުވާލު (މަސައްކަތުގައި ތިއްބާ) އަޔަސް (ތިޔަބައިމީހުންނަށް އޮތީ ކޮންފައިދާއެއްހެއްޔެވެ؟) ކުށްވެރިން (ލަސްވެގެން) އަވަސްވުންއެދި އެއުޅެނީ އެ އަޒާބުގެ ތެރެއިން ކޮންކަމެއްހެއްޔެވެ؟
އެ އަޒާބު އައިސްޖެހުނީމާ، ދެން ތިޔަބައިމީހުން އެ އިލާހަށް އީމާން ވީހެއްޔެވެ؟ (އަދި އަންގަވާނެއެވެ. ތިޔަބައިމީހުން ތިޔަ އީމާން ވަނީ) މިހާރުހެއްޔެވެ؟ ތިޔަބައިމީހުން (ފުރައްސާރައިގެ ގޮތުން) އެ އަޒާބު (ނައިސް ލަސްވެގެން) އަވަސްވުންއެދި އުޅުނީމުއެވެ.
ދެން އަނިޔާވެރިވި މީހުންނަށް އަންގަވާނެއެވެ. ދެމިހުންނަނިވި އަޒާބުގެ ރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ! ތިޔަބައިމީހުން ހޯދައިއުޅުނު އަމަލުތަކުގެ ސަބަބުން މެނުވީ، ތިޔަބައިމީހުންނަށް ޖަޒާ ލިބޭހެއްޔެވެ؟
އެއީ، ހަމަ ހައްގު ތެދުތޯ ޚަބަރު ދެއްވުމަށް، ކަލޭގެފާނުގެ ކިބައިން އެ މީހުން އެދޭނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އާނއެކެވެ! ތިމަންކަލޭގެފާނުގެ ރައްބު ގަންދެއްވާ ވިދާޅުވަމެވެ. ހަމަކަށަވަރުން އެއީ، ހަމަ ހައްގު ތެދެވެ. އަދި ތިޔަބައިމީހުންނަކީ، އެ އިލާހު ނުކުޅައްދައި ރެކިގެންދާނޭ ބަޔަކު ކަމުގައި ނުވެއެވެ.
އަނިޔާވެރި ކޮންމެ ނަފްސަކަށް، ބިމުގައި ވާހާ ތަކެތި ލިބުނުނަމަ، (އަޒާބުން މިންޖުވުމަށް) އެ ތަކެތިން ފިދުޔަ ދިނީހެވެ. އަދި އެ މީހުން އަޒާބު ދެކޭ ހިނދު، ހިތާމަވެރިކަން ހިތުތެރޭގައި އިހުސާސްކުރާނެތެވެ. އަދި އެ މީހުންގެ މެދުގައި އަދުލަށް ނިޔާކުރައްވާ ހުއްޓެވެ. އަދި އެ މީހުންނަކަށް ބޭއިންސާފެއް ނުކުރައްވާ ހުއްޓެވެ.
ދަންނާށެވެ. ހަމަކަށަވަރުން އުޑުތަކާއި، ބިމުގައި ވާހާ ތަކެތި މިލްކު ވެގެންވަނީ ﷲ އަށެވެ. ދަންނާށެވެ. ހަމަކަށަވަރުން ﷲ ގެ ވައުދުފުޅަކީ ހައްގު ތެދެވެ. އެހެނެއްކަމަކު، އެ މީހުން ކުރެ ގިނަމީހުން (އެ ކަމެއް) ނުދަނެއެވެ.
ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް އެ އިލާހެވެ. އަދި ތިޔަބައިމީހުން ރުޖޫއަ ކުރައްވާހުށީ، ހަމަ، އެ އިލާހުގެ ހަޒްރަތަށެވެ.
އޭ މީސްތަކުންނެވެ. ތިޔަބައިމީހުންގެ ރައްބުގެ ހަޒްރަތުން ތިޔަބައިމީހުންގެ ގާތަށް ވައުޒަކާއި، ހިތްތަކުގައިވާ ބަލިތަކަށް ޝިފާއަކާއި، މުއުމިނުތަކުންނަށް ތެދުމަގަކާއި، ރަހުމަތެއް އަތުވެއްޖެކަން ކަށަވަރެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. ﷲ ގެ ފަޟްލުވަންތަ ކަމާއި، އެ އިލާހުގެ ރަހުމަތަށްޓަކައި (އެބަހީ: އިސްލާމް ދީނާއި ގުރްއާނަށް ޓަކައި) ފަހެ އެ މީހުން އުފާކުރާހުށިކަމެވެ. އެ މީހުން (ދުނިޔެމަތީގައި) އެއްކުރާތަކެއްޗަށްވުރެ، އެ ކަން ހެޔޮކަން ބޮޑެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. ﷲ ތިޔަބައިމީހުންނަށް ބާވައިލެއްވި ރިޒްގާމެދު، ތިޔަބައިމީހުން ނިކަން ޚަބަރު ދީބަލާށެވެ! ފަހެ ތިޔަބައިމީހުން އޭގެ ބައެއް ތަކެތި ހަރާމްތަކެއްޗަށް އަނެއްބައި ތަކެތި ހަލާލު ތަކެއްޗަށް ހެދީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ﷲ ތިޔަބައިމީހުންނަށް (އެ ކަމަށް) އިޒުނަ ދެއްވީހެއްޔެވެ؟ އަދި ކިއެއް! ﷲ އާމެދު ތިޔަބައިމީހުން ހަދާގެން ދޮގެއް ބުނަނީއެވެ.
ﷲ އާމެދު ހަދާގެން ދޮގުބުނާ މީހުން، ގިޔާމަތް ދުވަހު ހީކުރަނީ ކީކޭހެއްޔެވެ؟ ހަމަކަށަވަރުން ﷲ އީ، މީސްތަކުންގެ މައްޗަށް ފަޟްލުވަންތަވެރި އިލާހުކަން ކަށަވަރެވެ. އެހެނެއްކަމަކު އެ މީހުން ކުރެ ގިނަމީހުން ޝުކުރެއް ނުކުރެއެވެ.
ކަލޭގެފާނު ކޮންމެ ކަމެއްގައި އުޅުއްވިޔަސް، އަދި ކަލޭގެފާނު ގުރްއާނުން ކޮންމެ އެއްޗެއް ކިޔަވައިވިދާޅުވިޔަސް، އަދި ތިޔަބައިމީހުން ކޮންމެ އަމަލެއް ކުރިޔަސް، އެ އަމަލުގެ ތެރޭގައި ތިޔަބައިމީހުން އުޅޭ ހިނދު، ތިޔަބައިމީހުންގެ މައްޗަށް ތިމަން އިލާހު ހެކިވެވޮޑިގެންވާ ކަމުގައި މެނުވީ ނުވަމެވެ. އަދި އުޑާއި، ބިމުގައިވާ ޒައްރެއްގެ މިންވަރުވެސް، އަދި އެއަށްވުރެ ކުޑަޔަސް، އަދި އެއަށްވުރެ ބޮޑަސް، ކަލޭގެފާނުގެ ރައްބަށް ވަންހަނާވެގެނެއް ނުވެއެވެ. ބަޔާންވެގެންވާ ފޮތެއްގައި އެ ތަކެތި ލިޔުއްވާފައި މެނުވީ ނުވެއެވެ.
ދަންނާށެވެ. ހަމަކަށަވަރުން ﷲ ގެ ވަލިއްޔުން، އެ މީހުންގެ މައްޗަކަށް އެއްވެސް ބިރެއް ނެތެވެ. އަދި އެ މީހުންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައި ނުވެއެވެ.
އެ މީހުންނަކީ އީމާންވެ، ތަގުވާވެރިވެ އުޅުނު މީހުންނެވެ.
ދުނިޔޭގެ ހަޔާތުގައްޔާއި، އާޚިރަތުގައި އެ މީހުންނަށް އުފާވެރިކަމުގެ ޚަބަރު ހުއްޓެވެ. ﷲ ގެ ކަލިމަފުޅުތަކަށް ބަދަލުވުމެއް ނާންނަހުއްޓެވެ. ބޮޑުވެގެންވާ ނަސީބު ލިބުމަކީ ހަމަ އެއީއެވެ.
އެ މީހުންގެ (ދޮގު) ވާހަކަތައް ކަލޭގެފާނު ހިތާމަވެރިކުރުވިޔަ ނުދެއްވާށެވެ. ހަމަކަށަވަރުން ހުރިހާ އިއްޒަތެއް މިލްކު ވެގެންވަނީ ﷲ އަށެވެ. އެ އިލާހީ، މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
ދަންނާށެވެ. ހަމަކަށަވަރުން އުޑުތަކުގައި ވާހާ ބަޔަކާއި، ބިމުގައި ވާހާ ބަޔެއް މިލްކު ވެގެންވަނީ، ﷲ އަށެވެ. ﷲ ނޫންފަރާތަކަށް، އަޅުކަންކުރާ މީހުން (ހަގީގަތުގައި) ޝަރީކުންނަކާ ތަބައެއް ނުވެއެވެ. އެ މީހުން އެ ތަބާ ވަނީ، ހީއަކަށް ކަމުގައިނޫނީ ނުވެއެވެ. އަދި ދޮގުހަދާ ބަޔަކު ކަމުގައި ނޫނީ އެ މީހުން ނުވެއެވެ.
އެ އިލާހީ، ތިޔަބައިމީހުން (އަރާމުކޮށް) ހަމަހިމޭންވުމަށް ތިޔަބައިމީހުންނަށް ޓަކައި، ރޭގަނޑު ލެއްވި އިލާހެވެ. އަދި (ތިޔަބައިމީހުން ދިރިއުޅުމުގެ މަސައްކަތް ކުރުމަށް) ދުވާލު އަލިކޮށްދެއްވި އިލާހެވެ. ހަމަކަށަވަރުން އެ ކަންތައްތަކުގައި، އަޑުއަހާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ.
ﷲ ދަރިކަލަކު ހިއްޕެވިކަމަށް އެ މީހުން ބުނެފިއެވެ. އެ އިލާހުގެ ހުސްތާހިރުވަންތަކަމާއެވެ. އެ އިލާހީ، ފުދިވޮޑިގެންވާ އިލާހެވެ. އުޑުތަކުގައި ވާހާ ތަކެއްޗާއި ބިމުގައި ވާހާ ތަކެތި މިލްކު ވެގެންވަނީ އެ އިލާހަށެވެ. ތިޔަބައިމީހުން ތިޔަބުނާ ބަހުގެ މައްޗަށް ތިޔަބައިމީހުންގެ ގާތުގައި އެއްވެސް ދަލީލެއް ނެތެވެ. ތިޔަބައިމީހުންނަށް، އެނގިގެންނުވާ އެއްޗެއް ﷲ އާމެދު ތިޔަބައިމީހުން ބުނަނީހެއްޔެވެ؟
ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން ﷲ އާމެދު ހަދާގެން ދޮގުބުނާ މީހުން ކާމިޔާބެއް ނުވާނެއެވެ.
ދުނިޔޭގައި (ލިބޭ) ވަގުތީ އުފަލެކެވެ. ދެން އެ މީހުން ރުޖޫއަ ވުން ވަނީ، ތިމަން އިލާހުގެ ހަޒްރަތަށެވެ. ދެން އެ މީހުން ކާފިރުވެ އުޅުނުކަމުގެ ސަބަބުން، ގަދަފަދަވެގެންވާ އަޒާބުގެ ރަހަ، ތިމަން އިލާހު އެ މީހުންނަށް ދައްކަވާހުށީމެވެ.
ނޫޙުގެފާނުގެ ވާހަކަ އެ މީހުންނަށް ކަލޭގެފާނު ކިޔައިދެއްވާށެވެ. އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް ވިދާޅުވި ހިނދުގައެވެ. އޭ ތިމަންކަލޭގެފާނުގެ ގައުމުގެ މީހުންނެވެ. ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ ތެރޭގައި ހުންނެވުމާއި، ﷲ ގެ އާޔަތްތަކުން ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ހަނދާންކޮށް ދެއްވުން، ތިޔަބައިމީހުންގެ މައްޗަށް ބޮޑުކަމަކަށް ވެއްޖެނަމަ، ފަހެ ތިމަންކަލޭގެފާނު، ﷲ އަށް ވަކީލު ކުރައްވާފީމެވެ. ދެން ތިޔަބައިމީހުންގެ ބައިވެރިންނާއެކު، ތިޔަބައިމީހުންގެ ކަންތަކާމެދު އެއްބަސްވާށެވެ. ދެން ތިޔަބައިމީހުންގެ ކަންތައް (ނިންމިގޮތް) ތިޔަބައިމީހުންނަށް އޮޅޭގޮތެއްގައި، ވަންހަނާވެފައި އޮވެގެނެއް ނުވާނެއެވެ. ދެން ތިޔަބައިމީހުން ނިންމިގޮތް، ތިމަންކަލޭގެފާނުގެ މައްޗަށް ހިންގާށެވެ! އަދި ތިޔަބައިމީހުން ތިމަންކަލޭގެފާނަށް މުހުލަތް ނުދޭށެވެ!
ފަހެ ތިޔަބައިމީހުން ފުރަގަސްދީފިނަމަ (ދަންނާށެވެ.) ފަހެ ތިޔަބައިމީހުންގެ ކިބަޔަކުން އުޖޫރައަކަށް ތިމަންކަލޭގެފާނު އެދިވަޑައެއް ނުގަންނަވަމެވެ. ތިމަންކަލޭގެފާނުގެ އުޖޫރަ، ﷲ ގެ ހަޒްރަތުގައި މެނުވީ ނުވެއެވެ. އަދި ތިމަންކަލޭގެފާނަށް އަމުރުކުރައްވާފައިވަނީ، ތިމަންކަލޭގެފާނު މުސްލިމުންގެ ތެރެއިން ވުމަށެވެ.
ފަހެ އެ މީހުން އެކަލޭގެފާނު ދޮގުކުރިއެވެ. ދެން ތިމަން އިލާހު އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަރިހުގައި ނާކޮޅުގައިވާ އެންމެން ސަލާމަތް ކުރެއްވީމެވެ. އަދި އޭގެފަހުން (ބިމުގައި) އުޅޭނެ ބަޔަކު ކަމުގައި އެ މީހުން ލެއްވީމެވެ. އަދި ތިމަން އިލާހުގެ އާޔަތްތައް ދޮގުކުރިމީހުން ޣަރަގުކުރެއްވީމެވެ. ފަހެ އިންޒާރު ވެވުނު މީހުންގެ ނިމުންހުރީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ.
ދެން އެކަލޭގެފާނަށް ފަހުގައި ތިމަން އިލާހު ރަސޫލުންތަކެއް އެ ބޭކަލުންގެ ގައުމުގެ މީހުންގެ ގާތަށް ފޮނުއްވީމެވެ. ފަހެ ބަޔާން ވެގެންވާ ހެކިތައް އެ މީހުންނަށް އެ ބޭކަލުން ގެނެސްދެއްވިއެވެ. (ނަމަވެސް) ކުރިން އެ މީހުން ދޮގުކުރި ކަންތަކަށް އީމާންވާ ބަޔަކު ކަމުގައި އެ މީހުން ނުވިއެވެ. ހަމަ އެފަދައިން ދެކޮޅުވެރިވެ ހައްދުފަހަނަޅައިދާ މީހުންގެ ހިތްތަކުގައި ތިމަން އިލާހު ސިއްކަޖައްސަވާހުށީމެވެ.
ދެން އެ ބޭކަލުންނަށް ފަހުގައި، ފިރްޢައުނާއި، އޭނާގެ ބޮޑުންގެ ގާތަށް، ތިމަން އިލާހުގެ އާޔަތްތަކާއިގެން މޫސާގެފާނާއި، ހާރޫނުގެފާނު ފޮނުއްވީމެވެ. ދެން އެ މީހުން ކިބުރުވެރިވެގަތޫއެވެ. އަދި ކުށްވެރި ބަޔަކު ކަމުގައި އެ މީހުން ވިއެވެ.
ފަހެ ތިމަން އިލާހުގެ ހަޒްރަތުން އެ މީހުންގެ ގާތަށް ހައްގު އައުމުން، އެ މީހުން ބުނެފިއެވެ. ހަމަކަށަވަރުން މިއީ ބަޔާންވެގެންވާ ޖާދޫއެއްކަން ކަށަވަރެވެ.
މޫސާގެފާނު ވިދާޅުވިއެވެ: ތިޔަބައިމީހުންގެ ގާތަށް ހައްގު އައި ހިނދު، އެ ހައްގަށް މިއީ ޖާދޫއެއްހޭ ތިޔަބައިމީހުން ބުނަނީހެއްޔެވެ؟ އަދި ޖާދޫހަދާ މީހުން ކާމިޔާބެއް ނުވާނެއެވެ.
އެ މީހުން ދެންނެވިއެވެ: ކަލޭގެފާނު ތިޔަވަޑައިގަތީ، ތިމަންމެންގެ ކާބަފައިން އުޅޭތީ ތިމަންމެންނަށް ފެނުނުގޮތުން ތިމަންމެން އެއްކިބާކުރައްވާ ތިޔަ ދެބޭކަލުންނަށް ބިމުގައި ވެރިކަން ހޯއްދެވުމަށްތޯއެވެ؟ ތިޔަ ދެބޭކަލުންނަށް އީމާންވާ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ.
ފިރްޢައުނު ބުންޏެވެ. މޮޅަށް ދަންނަ ހުރިހާ ޖާދޫގަރުން ތިމަންގެ ގާތަށް ގެނެސްދޭށެވެ!
ފަހެ އެ ޖާދޫގަރުން އައި ހިނދު އެ މީހުންނަށް މޫސާގެފާނު ވިދާޅުވިއެވެ: ތިޔަބައިމީހުން (ޖާދޫގެ ގޮތުން) އުކަންހުރި ތަކެތި އުކާށެވެ!
ފަހެ އެ މީހުން (އެ ތަކެތި) އުކިހިނދު، މޫސާގެފާނު ވިދާޅުވިއެވެ: ތިޔަބައިމީހުން ތިޔަ ގެނައީ ޖާދޫއެވެ. ހަމަކަށަވަރުން ﷲ، އެ ޖާދޫ ބާތިލު ކުރައްވާނެއެވެ. ހަމަކަށަވަރުން ފަސާދަކުރާ މީހުންގެ އަމަލު، ﷲ އިސްލާހެއް ނުކުރައްވާހުއްޓެވެ.
އަދި ކުށްވެރިން ނުރުހުނަސް، ﷲ އެ އިލާހުގެ ކަލިމަފުޅުތަކުން ހައްގު ސާބިތު ކުރައްވާ ފާޅު ކުރައްވާނެއެވެ.
ފަހެ މޫސާގެފާނަށް އެކަލޭގެފާނުގެ ގައުމުގެ ބައެއް ދަރިކޮޅު މެނުވީ އީމާނެއް ނުވެއެވެ. (އެއީ) ފިރްޢައުނާއި، އޭނާގެ ބޮޑުންނަށް ބިރުންނެވެ. އެ މީހުންނަށް އަނިޔާކޮށް، ދީނުން އެއްކިބާކޮށްފާނެ ކަމަށް ޓަކައެވެ. އަދި ހަމަކަށަވަރުން ފިރްޢައުނަކީ، ބިމުގައި ވަރަށް ބޮޑާވެގެން އުޅުނު މީހެކެވެ. އަދި ހަމަކަށަވަރުން އޭނާވަނީ (އަނިޔާވެރިކަމާއި ފަސާދަވެރިކަމުގައި) ހައްދުފަހަނަޅައިފައިވާ މީހުންގެ ތެރެއިންނެވެ.
އަދި މޫސާގެފާނު ވިދާޅުވިއެވެ: އޭ އަހަރެންގެ ގައުމުގެ މީހުންނެވެ. ތިޔަބައިމީހުން ﷲ އަށް އީމާން ވެގެންވާނަމަ، ފަހެ އެ އިލާހަށް ވަކީލުކުރާށެވެ! ތިޔަބައިމީހުންނީ މުސްލިމުން ކަމުގައި ވާނަމައެވެ.
ފަހެ އެ މީހުން ދެންނެވިއެވެ: ﷲ އަށް އަޅަމެން ވަކީލު ކޮށްފީމެވެ. އަޅަމެންގެ ރައްބެވެ. އަނިޔާވެރިވީ މީހުންނަށް ފިތުނައެއްކަމުގައި (އެބަހީ: އެ މީހުންގެ އަނިޔާވެރިކަމުގެ ދަށުގައި) އަޅަމެން ނުލައްވާނދޭވެ.
އަދި ކާފިރުވި މީހުންގެ ކިބައިން، އިބަ އިލާހުގެ ރަހުމަތްފުޅާލައިގެން އަޅަމެން ސަލާމަތް ކުރައްވާނދޭވެ.
ތިމަން އިލާހު މޫސާގެފާނާއި، އެކަލޭގެފާނުގެ އަޚު (ހާރޫނުގެފާނު) އަށް ވަހީ ކުރެއްވީމެވެ. ތިޔަ ދެބޭކަލުންގެ ގައުމުގެ މީހުންނަށް މިސްރުގައި ގޭގެ ހައްދަވާށެވެ. އަދި ތިޔަބައިމީހުންގެ ގޭގެ، ގިބްލަށް ބަހައްޓައި، ނަމާދު ގާއިމުކުރާށެވެ! އަދި ކަލޭގެފާނު މުއުމިނުތަކުންނަށް (ނަސްރު ލިބޭނެކަމުގެ) އުފާވެރި ޚަބަރު ދެއްވާށެވެ.
މޫސާގެފާނު ދެންނެވިއެވެ: އަޅަމެންގެ ރައްބެވެ. ހަމަކަށަވަރުން އިބަ އިލާހު ފިރްޢައުނަށާއި، އޭނާގެ ބޮޑުންނަށް ދުނިޔޭގެ ދިރިއުޅުމުގައި ޒީނަތްތެރިކަމާއި، މުދާތައް ދެއްވީމުއެވެ. އަޅަމެންގެ ރައްބެވެ. (އެ ތަކެތިން) އެ މީހުން އިބަ އިލާހުގެ ތެދުމަގުން (މީސްތަކުން) އެއްކިބާކުރެއެވެ. އަޅަމެންގެ ރައްބެވެ. އެ މީހުންގެ މުދާތައް ހަލާކު ކުރައްވާ، ނެތިކުރައްވާނދޭވެ. އަދި އެ މީހުންގެ ހިތްތައް ހަރުކަށިކުރައްވާ، ސިއްކަޖައްސަވާނދޭވެ. ފަހެ އެ މީހުންނަށް ވޭންދެނިވި އަޒާބު ފެނިއްޖައުމަށް ދާންދެން، އެ މީހުން އީމާނެއް ނުވާނެއެވެ.
އެ އިލާހު ވަހީކުރެއްވިއެވެ: ހަމަކަށަވަރުން ތިޔަ ދެބޭކަލުންގެ ދުއާ އިޖާބަ ކުރައްވާފީމެވެ. ފަހެ ތިޔަ ދެބޭކަލުން ސީދާގޮތުގައި ތިއްބަވާށެވެ. ނުދަންނަ މީހުންގެ މަގަށް ތިޔަ ދެބޭކަލުން ތަބާ ވެވަޑައި ނުގަންނަވާހުށިކަމެވެ.
ކަނޑުހުރަސް ކުރައްވާ، ތިމަން އިލާހު އިސްރާއީލުގެ ދަރިން ގެންދެވީމެވެ. ފަހެ ފިރްޢައުނާއި، އޭނާގެ ލަޝްކަރު ދެކޮޅުވެރިކަމާއި، އަދާވާތްތެރިކަމުގެ ގޮތުގައި އެ މީހުންގެ ފަހަތުން ދިޔައެވެ. ދެން އެ ފިރްޢައުނު، ޣަރަގު ވީހިނދު އޭނާ ބުންޏެވެ. އިސްރާއީލުގެ ދަރިން އީމާންވީ އިލާހު މެނުވީ، (އަޅުކަންކުރުން ހައްގުވާ) އެހެން އިލާހަކު ނެތްކަމަށް އަހަރެން އީމާން ވެއްޖައީމެވެ. އަދި އަހަރެން ވަނީ މުސްލިމުންގެ ތެރެއިންނެވެ.
(އެވަގުތު ފިރްޢައުނަށް އެންގެވިއެވެ. ކަލޭ ތިޔަ އީމާން ވީ) މިހާރުހެއްޔެވެ؟ ކަލޭ މީގެކުރިންވަނީ އުރެދިފައެވެ. އަދި ކަލޭވީ، ފަސާދަކުރާ މީހުންގެ ތެރެއިންނެވެ.
ފަހެ ތިމަން އިލާހު، މިއަދު ކަލޭގެ (ފުރާނަނެތް) ހަށިގަނޑު ސަލާމަތް ކުރައްވާހުށީމެވެ. އެއީ، ކަލޭގެފަހުން އަންނަބަޔަކަށް، އިބްރަތެއް ކަމުގައި ކަލޭ ވުމަށެވެ. ހަމަކަށަވަރުން މީސްތަކުންގެ ތެރެއިން ގިނަމީހުންވަނީ ތިމަން އިލާހުގެ އާޔަތްތަކާމެދު (އެބަހީ: ތިމަން އިލާހުގެ ގުދުރަތްތެރިކަމުގެ މައްޗަށް ދަލީލުކުރާ ހެކިތަކާމެދު) ޣާފިލު ވެގެންކަން ކަށަވަރެވެ.
ހަމަކަށަވަރުން އިސްރާއީލުގެ ދަރިންނަށް ރަނގަޅު މޮޅު މަންޒިލެއް (އެބަހީ: މިސްރާއި ޝާމް) ތިމަން އިލާހު ދެއްކެވީމެވެ. އަދި ރަނގަޅު ތަކެތިން، ތިމަން އިލާހު އެ މީހުންނަށް ރިޒްގު ދެއްވީމެވެ. ދެން އެ މީހުންނާ ހަމައަށް އިލްމު އަތުވެއްޖެއުމަށް ދާންދެން، އެ މީހުން ޚިލާފެއް ނުވެއެވެ. ހަމަކަށަވަރުން އެ މީހުން ޚިލާފުވެ އުޅުނު ކަންތަކާމެދު، ކަލޭގެފާނުގެ ރައްބު ގިޔާމަތް ދުވަހުން އެ މީހުންގެ މެދުގައި ނިޔާކުރައްވާނެއެވެ.
ފަހެ ތިމަން އިލާހު ކަލޭގެފާނަށް ބާވައިލެއްވިތަކެއްޗާމެދު، ކަލޭގެފާނު ޝައްކެއްގައިވާނަމަ، ކަލޭގެފާނުގެ ކުރިން ފޮތްކިޔައިއުޅުނު މީހުންނާ ސުވާލު ކުރައްވާށެވެ. ހަމަކަށަވަރުން ކަލޭގެފާނުގެ ރައްބުގެ ހަޒްރަތުން ކަލޭގެފާނަށް ހައްގު ތެދު އަތުވެއްޖެއެވެ. ފަހެ ޝައްކުކުރާ މީހުންގެ ތެރެއިން، ކަލޭގެފާނު ވެވަޑައި ނުގަންނަވާ ހުށިކަމެވެ.
އަދި ﷲ ގެ އާޔަތްތައް ދޮގުކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައި ނުގަންނަވާހުށިކަމެވެ. ފަހެ އޭރުން ކަލޭގެފާނު ވާހުށީ، ގެއްލި ހަލާކުވެގެންވާ މީހުންގެ ތެރެއިންނެވެ.
ހަމަކަށަވަރުން އިބަ ނަބިއްޔާގެ ރައްބުގެ ބަސްފުޅު (ވައީދު) އެ ބައެއްގެ މައްޗަށް ހައްގުވީ މީހުން އީމާނެއް ނުވާނެއެވެ.
އަދި އެ މީހުންގެ ގާތަށް ހުރިހާ އާޔަތްތަކެއް (ދަލީލުތަކެއް) އައިނަމަވެސް މެއެވެ. (އެއީ) އެންމެ ވޭންދެނިވެގެންވާ އަޒާބު އެ މީހުންނަށް ފެނިއްޖައުމަށް ދާންދެނެވެ.
ފަހެ ރަށެއްގެ މީހުން، އެ މީހުންގެ އީމާންކަމުން މަންފާކުރާނޭ ގޮތުގައި، އީމާން ވީނަމަ ކިހާރަނގަޅުހޭ! އެހެނެއްކަމަކު، ޔޫނުސްގެފާނުގެ ގައުމުގެ މީހުން އީމާން ވުމުން، ތިމަން އިލާހު އެ މީހުންގެ ކިބައިން ދުނިޔޭގެ ހަޔާތުގައި ނިކަމެތިކަމުގެ އަޒާބު ދުރުކުރެއްވީމެވެ. އަދި އެ މީހުންގެ އަޖަލު ޖެހިއްޖައުމަށް ދާންދެން، އެ މީހުން އަރާމުގައި އުޅުމަށް ލެހެއްޓެވީމެވެ.
ކަލޭގެފާނުގެ ރައްބު އިރާދަކުރައްވާފިނަމަ، ބިމުގައި ވާހާ އެންމެން އީމާން ވެއްޖައީހެވެ. ފަހެ ކަލޭގެފާނު މީސްތަކުންނަށް އެ މީހުން މުއުމިނުން ކަމުގައިވުމަށް މަޖުބޫރު ކުރައްވަނީތޯއެވެ؟
އަދި ﷲ ގެ އިޒުނަފުޅަށް މެނުވީ، އީމާން ވުމެއް އެއްވެސް ނަފްސަކަށް ނެތެވެ. އަދި ނުވިސްނާ މީހުންނަށް، އެ އިލާހު އަޒާބު ދެއްވާހުއްޓެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. އުޑުތަކާއި، ބިމުގައިވަނީ ކޮންއެއްޗެއްތޯ ތިޔަބައިމީހުން ބަލާށެވެ! އަދި އީމާން ނުވާ ބަޔަކަށް އާޔަތްތަކުންނާއި، އިންޒާރުކުރައްވާ ރަސޫލުންގެ ކިބަޔަކުން ކަމެއް ފުއްދައެއް ނުދެވޭނެއެވެ.
ފަހެ އެ މީހުންގެ ކުރިން އިސްވެދިޔަ އުއްމަތްތަކަށް ޖެހުނުފަދަ ކަންތައްތަކެއް ޖެހުމަށްމެނުވީ، އެ މީހުން އިންތިޒާރުކުރޭހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ. ފަހެ ތިޔަބައިމީހުން އިންތިޒާރުކުރާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނުވެސް، ތިޔަބައިމީހުންނާއެކު އިންތިޒާރުކުރާ މީހުންގެ ތެރެއިންވަމެވެ.
ދެން ތިމަން އިލާހުގެ ރަސޫލުންނާއި، އީމާންވި މީހުން ސަލާމަތް ކުރައްވަމެވެ. ހަމަ އެފަދައިން، މުއުމިނުން ދިންނަވައި ސަލާމަތް ކުރެއްވުމަކީ، ތިމަން އިލާހަށް އޮތް ހައްގެކެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. އޭ މީސްތަކުންނެވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ ދީނާމެދު ޝައްކެއްގައި ވާނަމަވެސް، ﷲ ފިޔަވާ ތިޔަބައިމީހުން އަޅުކަންކުރާތަކެއްޗަކަށް، ތިމަންކަލޭގެފާނު އަޅުކަމެއް ނުކުރައްވާހުށީމެވެ. އެހެނެއްކަމަކު، ތިމަންކަލޭގެފާނު އަޅުކަން ކުރައްވާހުށީ، ﷲ އަށެވެ. އެ އިލާހީ، ތިޔަބައިމީހުން މަރުގަންނަވާ އިލާހެވެ. އަދި ތިމަންކަލޭގެފާނަށް އަމުރުކުރައްވާފައިވަނީ، މުއުމިނުންގެ ތެރެއިން ވުމަށެވެ.
އަދި ބާތިލު މަގުން އެއްކިބާވެ، ހައްގުގެ މަގަށް ތަބާ ވެގެންވާ ހާލު، ކަލޭގެފާނުގެ މޫނުފުޅު އިސްލާމް ދީނާ ކުރިމަތިކުރައްވާށެވެ. އަދި ކަލޭގެފާނު މުޝްރިކުންގެ ތެރެއިން ވެވަޑައި ނުގަންނަވާހުށިކަމެވެ.
އަދި ﷲ ފިޔަވާ ކަލޭގެފާނަށް މަންފާއެއް ނުދެވޭ، އަދި ކަލޭގެފާނަށް ގެއްލުމެއްވެސް ނުދެވޭތަކެއްޗަށް، ކަލޭގެފާނު އަޅުކަން ނުކުރައްވާށެވެ. ފަހެ ކަލޭގެފާނު އެ ކަން ކުރައްވާފިނަމަ، ހަމަކަށަވަރުން އޭރުން ކަލޭގެފާނު ވާނީ އަނިޔާވެރިވި މީހުންގެ ތެރެއިންނެވެ.
އަދި ﷲ ތިބާއަށް ގެއްލުމެއް މެދުވެރި ކުރައްވާނަމަ، އެ އިލާހު މެނުވީ އެ ކަން ފިއްލަވާނޭ އެހެން ފަރާތެއް ނުވެއެވެ. އަދި އެ އިލާހު ކަލޭގެފާނަށް ހެޔޮ ކަމަކަށް އިރާދަކުރައްވާފިނަމަ، އެ އިލާހުގެ ފަޟްލުވަންތަކަން އަނބުރާ ރައްދުކުރެވޭނެ ފަރާތެއް ނުވެއެވެ. އެ ފަޟްލުވަންތަކަން އެ އިލާހު ދެއްވަނީ، އެ އިލާހުގެ އަޅުންގެ ތެރެއިން، އެ އިލާހު އިރާދަ ކުރެއްވި މީހަކަށެވެ. އަދި އެ އިލާހީ އަލްޣަފޫރު، އައްރަޙީމެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. އޭ މީސްތަކުންނެވެ. ތިޔަބައިމީހުންގެ ރައްބުގެ ހަޒްރަތުން، ތިޔަބައިމީހުންގެ ގާތަށް ހައްގު އަތުވެއްޖެކަން ކަށަވަރެވެ. ފަހެ ތެދުމަގު ލިބިގެންފި މީހަކު ތެދުމަގު ލިބިގަންނަކަން ކަށަވަރީ، އެ މީހެއްގެ އަމިއްލަ ނަފްސަށެވެ. އަދި މަގުފުރެދިއްޖެ މީހަކު މަގުފުރެދޭކަން ކަށަވަރީ، އެ މީހެއްގެ އަމިއްލަ ނަފްސުގެ މައްޗަށެވެ. އަދި ތިޔަބައިމީހުންގެ ކަންތައްތައް ހަވާލު ކުރައްވާފައިވާ ވަކީލަކު ކަމުގައި، ތިމަންކަލޭގެފާނު ނުވަމެވެ.
އަދި ކަލޭގެފާނަށް ވަހީ ކުރައްވާ އެއްޗަކަށް، ކަލޭގެފާނު ތަބާ ވެވަޑައިގަންނަވާށެވެ. އަދި (އެ މީހުންނާމެދު) ﷲ ހުކުމް ކުރައްވާފުމަށް ދާންދެން (ދީނަށް ގޮވައިލެއްވުމުގައި) ކެތް ކުރައްވާގެން ހުންނަވާށެވެ. އެ އިލާހީ، ހުކުމް ކުރައްވާ އެންމެ ހެޔޮ އިލާހެވެ.