އައްލައިލު

Al-Lail

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
ރޭގަނޑު އިރު ނިވައިކުރާ ހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ.
2
އަދި ދުވާލު ފާޅުވެ، އަލިވެއްޖެހިނދު، އެ ދުވާލު ވެސް ގަންދެއްވަމެވެ.
3
އަދި ފިރިހެން އަންހެން ދެ ޖިންސު ހެއްދެވި އިލާހު ވެސް ގަންދެއްވަމެވެ.
4
ހަމަކަށަވަރުން ތިޔަބައިމީހުންގެ އަމަލުތައް ތަފާތުވެގެންވާކަން ކަށަވަރެވެ.
5
ފަހެ (މުދަލުން) ހޭދަކޮށް، ތަގުވާވެރިވާ މީހާ ދަންނާށެވެ.
6
އަދި އެންމެ ހެޔޮބަސް ތެދުކުރި މީހާ ދަންނާށެވެ.
7
ފަހެ ތިމަން އިލާހު ފަސޭހަކަން ހުރިމަގަށް އެ މީހަކަށް މަގު ފަހިކޮށްދެއްވާ ހުށީމެވެ.
8
އަދި ދަހިވެތިވެ، އަމިއްލައަށް ފުދިގެންވާ ކަމަށް ދެކޭ މީހާ ދަންނާށެވެ.
9
އަދި އެންމެ ހެޔޮ ބަސް ދޮގުކުރި މީހާ ދަންނާށެވެ.
10
ފަހެ ތިމަން އިލާހު ދަތިކަންހުރި މަގަށް އެ މީހަކަށް މަގު ފަހިކޮށްދެއްވާ ހުށީމެވެ.
11
އަދި އެ މީހާ (ނަރަކައަށް) ވެއްޓޭ ހިނދު، އެ މީހާގެ މުދާ އެ މީހާއަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެތެވެ.
12
ހަމަކަށަވަރުން ތެދުމަގު ދެއްކެވުންވަނީ، ތިމަން އިލާހަށްކަން ކަށަވަރެވެ.
13
އަދި ހަމަކަށަވަރުން އާޚިރަތާއި، ދުނިޔޭގެ ހުރިހާކަމެއް މިލްކުވެގެންވަނީ، ތިމަން އިލާހަށްކަން ކަށަވަރެވެ.
14
ފަހެ އަނދައަނދާހުރި ނަރަކައިގެ ވާހަކައިން، ތިމަން އިލާހު ތިޔަބައިމީހުންނަށް އިންޒާރުކުރެއްވީމެވެ.
15
ބޮޑުވެގެންވާ އަބާއްޖަވެރިޔަކު މެނުވީ، އެ ނަރަކަޔަކަށް ނުވަންނާނެއެވެ.
16
އެ މީހަކީ، ދޮގުކޮށް، އަދި އެނބުރި ފުރަގަސްދިން މީހާއެވެ.
17
އަދި ތަގުވާވެރިކަން ބޮޑުމީހާ، އެ ނަރަކަޔާ ދުރުކުރައްވާނެއެވެ.
18
އެ މީހާއީ، އެ މީހާ ތާހިރު ވެގަތުމަށް ޓަކައި، އޭނާގެ މުދާ ހޭދަކުރާ މީހާއެވެ.
19
އެހެންމީހެއްގެ ފަރާތުން އޭނާއަށް ލިބޭނެ ހެޔޮކަމެއްގެ ބަދަލުގައެއް ނޫނެވެ.
20
އެހެނެއްކަމަކު (އޭނާ ހޭދަ ކުރަނީ) އޭނާގެ ވެރި، އެންމެ މަތިވެރިވަންތަ އިލާހުގެ ވަޖުހުފުޅު އަދައިގެންނެވެ.
21
އަދި ނިކަންހުރެ އޭނާ ރުހޭނެކަން ކަށަވަރެވެ.