އައްޝަރްޙު

Ash-Sharh

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
ތިމަން އިލާހު، ކަލޭގެފާނުގެ ހިތްޕުޅު ކަލޭގެފާނަށް ޓަކައި ތަނަވަސްކޮށް ނުދެއްވަންތޯއެވެ؟
2
އަދި ކަލޭގެފާނު އުފުއްލަވާ ބުރަ، ކަލޭގެފާނުގެ ކިބައިން ތިމަން އިލާހު ލުއިކުރެއްވީމެވެ.
3
އެއީ ކަލޭގެފާނުގެ ބުރިކަށިފުޅަށް ބުރަކަންދީފައިވާ ކަންތަކެވެ.
4
އަދި ކަލޭގެފާނަށް ޓަކައި ތިމަން އިލާހު، ކަލޭގެފާނުގެ ނަންފުޅު މަތިވެރިކުރެއްވީމެވެ.
5
ފަހެ ހަމަކަށަވަރުން އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ.
6
ހަމަކަށަވަރުން އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ.
7
ފަހެ ކަލޭގެފާނު (ދުނިޔަވީ ކަންކަމުން) އަވަދިވެވަޑައިގަތުމުން، ފަހެ (އަޅުކަން ކުރެއްވުމަށް) ތެދުވެ ވަޑައިގަންނަވާށެވެ.
8
އަދި ހަމައެކަނި، ކަލޭގެފާނުގެ ރައްބުގެ ހަޒްރަތަށް، ފަހެ ކަލޭގެފާނު އެދިވަޑައިގަންނަވާށެވެ.