އައްޟުޙާ

Ad-Duha

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
ދުވާލުގެ ކުރީކޮޅު ގަންދެއްވަމެވެ.
2
އަދި ރޭގަނޑު އަނދިރިކަން ފެތުރި، ހިމޭންވާ ހިނދު، އެ ރޭގަނޑު ވެސް ގަންދެއްވަމެވެ.
3
ކަލޭގެފާނު ރައްބު، ކަލޭގެފާނު ދޫކޮށެއް ނުލައްވައެވެ. އަދި ނުރުހުންވެވޮޑިއެއް ނުގަންނަވައެވެ.
4
އަދި ކަލޭގެފާނަށް ޓަކައި، ދުނިޔެއަށްވުރެ، އާޚިރަތް ހެޔޮކަން ބޮޑުކަން ކަށަވަރެވެ.
5
އަދި ނިކަންހުރެ، ކަލޭގެފާނުގެ ރައްބު، ކަލޭގެފާނަށް ދެއްވާނެކަން ކަށަވަރެވެ. ދެން ކަލޭގެފާނު ރުހިވަޑައިގަންނަވާނެއެވެ.
6
ކަލޭގެފާނު ޔަތީމަކު ކަމުގައިވަނިކޮށް އެ އިލާހު ކަލޭގެފާނު ދެކެވޮޑިގެން ނުވޭހެއްޔެވެ؟ ދެން އެ އިލާހު، ކަލޭގެފާނަށް ހިޔާވަހިކަން ދެއްވިއެވެ.
7
އަދި ކަލޭގެފާނު ހައިރާން ވެވަޑައިގެންވަނިކޮށް، އެ އިލާހު ކަލޭގެފާނު ދެކެވޮޑިގަތެވެ. ދެން އެ އިލާހު ކަލޭގެފާނަށް މަގުދެއްކެވިއެވެ.
8
އަދި ފަގީރަކު ކަމުގައި ކަލޭގެފާނުވާތީ، އެ އިލާހު ކަލޭގެފާނު ދެކެވޮޑިގަތެވެ. ދެން އެ އިލާހު ކަލޭގެފާނު މުއްސަނދިކުރެއްވިއެވެ.
9
ދަންނާށެވެ. ފަހެ ކަލޭގެފާނު، ޔަތީމު ކުއްޖާ ނިކަމެތިކޮށް ނުލައްވާށެވެ.
10
އަދި ދަންނާށެވެ. ފަހެ ކަމަކަށްއެދި އަންނަ މީހާއަށް، ކަލޭގެފާނު އަޑުލައި ނަހައްދަވާށެވެ.
11
އަދި ދަންނާށެވެ. ކަލޭގެފާނުގެ ރައްބު ދެއްވި ނިއުމަތުގެ ވާހަކައިން، ފަހެ ކަލޭގެފާނު ވާހަކަ ދައްކަވައި އުޅުއްވާށެވެ.