ކަލޭގެފާނުގެ ރައްބުގެ އިސްމުފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ. އެ އިލާހީ (ހުރިހާ ތަކެއްޗެއް) ހެއްދެވި އިލާހެވެ.
ގަނޑުލޭކޮޅަކުން އެ އިލާހު އިންސާނާ ހެއްދެވިއެވެ.
ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ. އަދި ކަލޭގެފާނުގެ ރައްބަކީ، އެންމެ ދީލަތިވަންތަ އިލާހެވެ.
އެ އިލާހީ، ގަލަމުން (ލިޔަން) އުނގަންނައިދެއްވި އިލާހެވެ.
އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެ އިލާހު އުނގަންނައިދެއްވިއެވެ.
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން އިންސާނާ އަނިޔާވެރިކަމުގައި ހައްދުފަހަނަޅައިދާކަން ކަށަވަރެވެ.
އޭނާ އަމިއްލައަށް ފުދިގެންފިކަމަށް އޭނާއަށް ފެނުމުންނެވެ.
ހަމަކަށަވަރުން އެނބުރި ދިޔުން ވަނީ، ކަލޭގެފާނުގެ ރައްބުގެ ހަޒްރަތަށެވެ.
ނަހީކޮށް، މަނާކުރާ މީހާ ތިބާ ދުށީމުހެއްޔެވެ؟
އެއީ އަޅަކު ނަމާދުކޮށްފި ހިނދު (އެ ކަން ނަހީކުރުމެވެ.)
ތިބާ ޚަބަރު ދީބަލާށެވެ! އޭނާ ތެދުމަގުގައި ކަމުގައިވިޔަސްހެއްޔެވެ؟
ނުވަތަ އޭނާ ތަގުވާވެރިވުމަށް އަމުރުކުރިނަމަވެސްހެއްޔެވެ؟
ތިބާ ޚަބަރު ދީ ބަލާށެވެ! އޭނާ ދޮގުކޮށް ފުރަގަސްދިންނަމަވެސްހެއްޔެވެ؟
ހަމަކަށަވަރުން ﷲ ދެކެވޮޑިގެންވާކަން އޭނާ ނުދަންނަނީހެއްޔެވެ؟
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން އޭނާ އެ ކަންތައް ހުއްޓައިނުލިނަމަ، ތިމަން އިލާހު އޭނާގެ ނިތްގަނޑުގައި ހިއްޕަވައި ނަރަކައަށް ގެންދަވާހުށީމެވެ.
އެއީ ދޮގުވެރި، ކުށްވެރި ނިތްގަނޑެކެވެ.
ފަހެ އޭނާއާއެކު ޖަލްސާކުރާ އެކުވެރިންނަށް އޭނާ ގޮވައިބަލާށެވެ!
ނިކަންހުރެ ތިމަން އިލާހު ޒަބާނިއްޔަ މަލާއިކަތުންނަށް ގޮވައިލައްވާހުށީމެވެ.
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ކަލޭގެފާނު އޭނާއަށް ކިޔަމަންވެ ވަޑައިނުގަންނަވާށެވެ. އަދި ސަޖިދަ ކުރައްވާ ނަމާދު ކުރައްވާށެވެ. އަދި (ﷲ ގެ ހަޒްރަތަށް) ކަލޭގެފާނު ކުއްތަންވެ ވަޑައިގަންނަވާށެވެ.