އަލިފް ލާމް މީމް ރާ. (މި އަކުރުތަކުގެ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.) މިއީ ފޮތުގެ އާޔަތްތަކެވެ. އަދި ކަލޭގެފާނުގެ ރައްބުގެ ހަޒްރަތުން ކަލޭގެފާނަށް ބާވައިލެއްވި ހައްގު ތެދެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެ ފޮތަކަށް) އީމާނެއް ނުވެއެވެ.
ﷲ އީ، ތިޔަބައިމީހުންނަށް ފެންނަ ތަނބުތަކަކާ ނުލާ، އުޑުތައް އުފުއްލެވި އިލާހެވެ. ދެން ޢަރްޝުގެ މައްޗަށް އެ އިލާހު އިސްތަވާ އަރައިވޮޑިގެންނެވިއެވެ. އަދި އިރާއި ހަނދު ޚިދުމަތްތެރި ކުރެއްވިއެވެ. (އެއިން) ކޮންމެ އެއްޗެއް ކަނޑައެޅިގެންވާ މުއްދަތަކަށް ހިނގަހިނގާ ހުރެއެވެ. ހުރިހާ ކަމެއް އެ އިލާހު ތަދްބީރު ކުރައްވައެވެ. އާޔަތްތައް ތަފްސީލު ކޮށްދެއްވައެވެ. (އެއީ) ތިޔަބައިމީހުންގެ ރައްބާ ބައްދަލުވާނޭކަން، ތިޔަބައިމީހުން ޔަގީންކުރޭތޯއެވެ.
އަދި އެ އިލާހީ، ބިން ފަތުރުއްވައި، އެ ބިމުގައި ހަރުލައި ހުންނަ ފަރުބަދަތަކާއި، ކޯރުތައް ލެއްވި އިލާހެވެ. އަދި އެއީ، ހުރިހާ ބާވަތެއްގެ މޭވާތައް، ޖޯޑުޖޯޑަށް (ދެ ވައްތަރުން ދެ ވައްތަރުން) ލެއްވި އިލާހެވެ. (އަދި) އެ އިލާހު ރޭގަނޑުން ދުވާލު ނިވައިކުރައްވައެވެ. ހަމަކަށަވަރުން އެ (ހުރިހާ) ކަންތަކުގައި ފިކުރުކުރާ ބަޔަކަށް، ހެކިތަކެއް ވާކަން ކަށަވަރެވެ.
އަދި ކައިރިކައިރީގައިވާ ތަފާތު ބައިތައް، އެ ބިމުގައިވެއެވެ. އަދި މޭބިސްކަދުރާއި، ގޮވާމާއި، ކަދުރުރުއްތަކުގެ ބަގީޗާތައް ވެއެވެ. އެއްތަނޑަކަށް ހުންނަ ގަހާއި، އެއްތަނޑަކަށް ނުހުންނަ ގަހެވެ. އެ ހުރިހާ ތަކެއްޗަށް ދެވެނީ، އެއް ފެނެކެވެ. އަދި ތިމަން އިލާހު އޭގެ އެއްބާވަތް އަނެއް ބާވަތަށްވުރެ ކެއުމަށް މޮޅު ކުރައްވަމެވެ. ހަމަކަށަވަރުން އެ (ހުރިހާ) ކަންތަކުގައި، ވިސްނާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ.
ކަލޭގެފާނު ކަމަކާމެދު އަޖާއިބު ވެވަޑައިގަންނަވާނަމަ، އެ މީހުން އެބުނާ ބަހުގެ މައްޗަށް އަޖާއިބު ވެވަޑައިގަންނަވާށެވެ. ތިމަންމެން (މަރުވެ) ވެއްޔަށްވެއްޖެނަމަ، ހަމަކަށަވަރުން ތިމަންމެން އަލުން އުފެދިދާނެހެއްޔެވެ؟ އެ މީހުންނަކީ، އެ މީހުންގެ ރައްބަށް ކާފިރުވީ މީހުންނެވެ. އަދި އެ މީހުންނަކީ އެ މީހުންގެ ކަނދުރާތަކުގައި، ކަސްތަޅުއެޅިގެންވާ މީހުންނެވެ. އަދި އެ މީހުންނަކީ، ނަރަކައިގެ އަހުލުވެރިންނެވެ. އެ މީހުން އެ ތާނގައި ދެމިތިބޭހުއްޓެވެ.
އަދި ރަނގަޅު ކަންތަކުގެ ކުރިން، ނުބައިކަންތައް އަވަސްވުމަށް، ކަލޭގެފާނުގެ ކިބައިން އެ މީހުން އެދެތެވެ. އަދި އެ މީހުންގެ ކުރިން އިބްރަތް ލިބެނިވި އުގޫބާތް އިސްވެގޮސްފައިވާކަން ކަށަވަރެވެ. ހަމަކަށަވަރުން ކަލޭގެފާނުގެ ރައްބަކީ، މީސްތަކުން އަނިޔާވެރިވުމާއެކުވެސް، އެ މީހުންނަށް ފާފަ ފުއްސެވުމުގެ ރައްބެވެ. އަދި ހަމަކަށަވަރުން ކަލޭގެފާނުގެ ރައްބަކީ، އުގޫބާތް ގަދަފަދަވެގެންވާ އިލާހެވެ.
އަދި ކާފިރުވި މީހުން ބުންޏެވެ: އެކަލޭގެފާނުގެ ރައްބުގެ ހަޒްރަތުން ހެއްކެއް (އެބަހީ: މުއުޖިޒާތެއް) އެކަލޭގެފާނުގެ މައްޗަށް ބާވައިނުލެއްވީ ކީއްވެގެން ބާވައެވެ؟ ކަލޭގެފާނު ވާކަން ކަށަވަރީ އިންޒާރުކުރައްވާ ބޭކަލަކު ކަމުގައެވެ. އަދި ކޮންމެ ގައުމަކަށްމެ ތެދުމަގު ދައްކަވާ ރަސޫލަކު ވެއެވެ.
ކޮންމެ އަންހެނަކުގެ މައިބަނޑުގައި ގަރުބަގަންނަ އެއްޗަކާއި، ރަހިމުތައް އުނިކުރާ އެއްޗަކާއި، އިތުރުކުރާ އެއްޗެއް، ﷲ ދެނެވޮޑިގެންވެއެވެ. އަދި ކޮންމެ އެއްޗެއް އެ އިލާހުގެ ހަޒްރަތުގައި ވަނީ މިންވަރުކުރައްވާފައެވެ.
(އެ އިލާހީ) ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ އިލާހެވެ. ހައިބަބޮޑުވެގެންވާ، ހުރިހާ ތަކެތީގެ މަތީގައި ވޮޑިގެންވާ އިލާހެވެ.
ތިޔަބައިމީހުންކުރެ ބުނާ ބަސް ސިއްރުކުރާ މީހާއާއި، އެ ބަސް ފާޅުކުރާ މީހާއާއި، ރޭގަނޑު (އަނދިރީގައި) ފޮރުވިގެންވާ މީހާއާއި، ދުވާލު އެ ތަންމިތަނަށް ހިނގާމީހާ (އެ އިލާހުގެ ދެނެވޮޑިގަތުމުގައި) ހަމަހަމަވެގެންވެއެވެ.
އޭނާއަށް (އެބަހީ: އިންސާނާއަށް) އޭނާގެ ކުރިމަތީގައްޔާއި، އޭނާގެ ފަހަތުގައި، ބަދަލުވަމުންދާ ގޮތުގައި ތިއްބަވާ މަލާއިކަތުން ވެއެވެ. ﷲ ގެ އަމުރުފުޅަށް، އެ ބޭކަލުން އޭނާ ރައްކާތެރި ކޮށްބަލަހައްޓަވައެވެ. ހަމަކަށަވަރުން ބަޔަކުމީހުންގެ ހާލަތް އެބަޔަކު އަމިއްލައަށް ބަދަލުކޮށްފުމަށްދާންދެން، ﷲ، އެ ހާލަތް ބަދަލެއް ނުކުރައްވާނެއެވެ. ހަމަކަށަވަރުން ﷲ، ބަޔަކުމީހުންނަށް ނުބައިކަމަކަށް އިރާދަކުރައްވާފި ހިނދަކު، އެ ކަން ދުރުކުރާނޭ އެއްވެސް ބާރެއް ނުވެއެވެ. އަދި އެ އިލާހު ފިޔަވާ، އެ މީހުންނަށް އެހީތެރިވާނޭ ފަރާތެއް ނުމެވޭމެއެވެ.
އެ އިލާހީ، ތިޔަބައިމީހުންނަށް ބިރުވެރިކަމާއި، އުއްމީދު ލިބެނިވިގޮތުގައި ވިދުވަރު ދައްކަވާ އަދި (ފެނުން) ބަރުވެފައިވާ ވިލާ އުފައްދަވާ އިލާހެވެ.
އަދި ގުގުރިވެސް އެ އިލާހަށް ހަމްދާއެކު ތަސްބީހަ ކިޔަތެވެ. އަދި މަލާއިކަތުން ވެސް އެ އިލާހަށް ބިރުވެތިކަމާއެކު ތަސްބީހަ ކިޔަތެވެ. އަދި ހޮނުއަޅުއްވާ، އެ އިލާހު އިރާދަކުރައްވާ މީހަކަށް އެ ޖައްސަވައެވެ. އަދި އެ މީހުން ﷲ އާމެދު ޖަދަލުކޮށް ހަދައެވެ. އަދި އެ އިލާހީ، ހިއްޕެވުން ގަދަފަދަވެގެންވާ އިލާހެވެ.
ހައްގު ވެގެންވާ ދުއާކުރުންވަނީ، ހަމައެކަނި އެ އިލާހަށެވެ. އަދި އެ އިލާހު ފިޔަވާ، އެހެން ފަރާތްފަރާތަށް ދުއާކުރާ މީހުންނަކަށް އެ ފަރާތްތަކަކުން އެއްވެސް ކަމަކަށް އިޖާބައެއް ނުދޭނެތެވެ. ފެންގަނޑަކާދިމާޔަށް އެއިން ފެންފޮދެއް އަނގަޔަށް އެޅުމަށް (ދުރުގައި ހުރެގެން) ދެއަތްތިލަ ފަތުރާމީހެއްގެ މިސާލުގައި މެނުވީއެވެ. އޭނާޔަކަށް އެއިން ފެންފޮދެއް އަނގަޔަކަށް ނޭޅޭނެއެވެ. ކާފިރުވީ މީހުންގެ ދުއާ، ގެއްލުމެއްގައި މެނުވީ ނުވެއެވެ.
އަދި އުޑުތަކާއި، ބިމުގައި ވާހާ ބަޔަކާއި، އެ މީހުންގެ ހިޔަނިތައްވެސް، ރުހުމުގައްޔާއި، ނުރުހުމުގައި، ހެނދުނާއި ހަވީރު، ﷲ އަށް (ކިޔަމަންވެ) ސަޖިދަކުރެއެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. އުޑުތަކާއި ބިމުގެ ވެރި އިލާހަކީ ކާކުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ. ﷲ އެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އެ ތަކެތީގެ އަމިއްލަ ނަފްސުތަކަށް މަންފާއެއް، ނުވަތަ ގެއްލުމެއް ދިނުމުގެ ބާރު ލިބިގެންނުވާ ތަކެތި، އެ އިލާހު ފިޔަވާ އެހީތެރިންކަމުގައި ތިޔަބައިމީހުން ހިފަނީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ. ލޯކަނު މީހާއާއި، ލޮލަށް ފެންނަ މީހާއާ ހަމަހަމަވާނޭހެއްޔެވެ؟ ނުވަތަ އަނދިރިކަމާއި، އަލިކަމާ ހަމަހަމަވާނޭހެއްޔެވެ؟ ނުވަތަ އެ މީހުން ﷲ އަށް ބައިވެރިންތަކެއްލައި، އެ ބައިވެރިންތައް އެ އިލާހު ހައްދަވާފައިވާ ކަހަލަ އެއްވެސް އެއްޗެއް ހަދާ، އެ (ދެފަރާތުގެ) މަޚްލޫގުން އެ މީހުންނަށް އެއްގޮތްވެ، އޮޅިގެން އުޅެންޖެހުނުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ. ﷲ އީ ހުރިހާ އެއްޗެއް ހައްދަވާ އިލާހެވެ. އަދި އެ އިލާހީ، އެއްކައުވަންތަ، ގައްހާރުވަންތަ އިލާހެވެ.
އެ އިލާހު އުޑުން ފެން ބާވައިލެއްވިއެވެ. ދެން ވާދީތަކުގައި ފެންބޮޑުވެ، އެއަށް ކަނޑައެޅިގެންވާ މިންވަރުގެމަތިން އޮހޮރިގެންދިޔައެވެ. ފަހެ އެފެނުގެ މައްޗަށް އަރާ ފޮނުތައް، އެއާއެކު އުފުލައިގެން ގެންދިޔައެވެ. އަދި ގަހަނާއެއް ނުވަތަ ހިފައިގެންގުޅޭ އެއްޗެއް ހެދުމަށް އެ މީހުން އަލިފާނަށްލައި ވިރުވާ މަޢުދަނުގެ މައްޗަށް ވެސް އެފަދަ ދަގުއިއަރައެވެ. އެފަދައިން، ﷲ، ހައްގާއި ބާތިލުގެ މިސާލު ޖައްސަވައެވެ. ފަހެ މައްޗަށްއަރާ ފޮނު ދަންނާށެވެ. ބޭނުންނެތް ގޮތުގައި، އެ އުކައިލެވި، ގެއްލިދަނީއެވެ. އަދި މީސްތަކުންނަށް ފައިދާހުރި ކަންތައް ދަންނާށެވެ. ފަހެ ބިމުގައި އެ، ހަރުލައި ހުންނާނެއެވެ. އެފަދައިން ﷲ މިސާލު ޖައްސަވައެވެ.
އެ މީހުންގެ ރައްބަށް އިޖާބަދިން މީހުންނަށް، ހުރީ، އެންމެ ހެޔޮ ދަރުމައެވެ. އަދި އެ އިލާހަށް އިޖާބަ ނުދިން މީހުންނަށް މުޅި ބިމުގައި ވާހައިތަކެއްޗެއް އޭގެ ދެގުނައަށް ލިބުނުކަމުގައިވިޔަސް، އެ ހުރިހާ އެއްޗަކުން އެ މީހުން ފިދުޔަ ދިނީހެވެ. އެ މީހުންނަށްހުރީ، ނުބައިކަންހުރި ހިސާބު ބެއްލެވުމެކެވެ. އަދި އެ މީހުން ތިބެނިވި ތަނަކީ، ނަރަކައެވެ. އަދި އެ ތަންމަތީގެހުރި ނުބައިކަމާއެވެ.
ފަހެ ކަލޭގެފާނުގެ ރައްބުގެ ހަޒްރަތުން ކަލޭގެފާނަށް ބާވައިލެއްވީ، ހައްގު ތެދުކަން ދަންނަ މީހާ، ލޯއަނދިރި މީހަކާ އެއްފަދަ މީހެއްކަމުގައި ވާނޭހެއްޔެވެ؟ ނަސޭހަތް ލިބިގަންނަކަން ކަށަވަރީ، ބުއްދީގެ އަހުލުވެރިންނެވެ.
އެ މީހުންނަކީ، ﷲ އަށް ވެފައިވާ ވައުދު ފުއްދާ، އަދި ކަށަވަރުވެގެންވާ އަހުދު އުވައިނުލާ މީހުންނެވެ.
އަދި އެ މީހުންނަކީ، ގުޅިފައިވުމަށް ﷲ އަމުރުކުރައްވާފައިވާ ކަންތައްތައް ގުޅުވާ، އަދި އެ މީހުންގެ ރައްބަށް ބިރުވެތިވާ، އަދި ހިސާބު ބެއްލެވުމުގެ ނުބައި ނަތީޖާއަކަށް ބިރުގަންނަ މީހުންނެވެ.
އަދި އެ މީހުންނީ، އެ މީހުންގެ ރައްބުގެ ވަޖުހުފުޅު އަދައިގެން ކެތްތެރިވެ، ނަމާދު ގާއިމުކޮށް، އަދި ތިމަން އިލާހު އެ މީހުންނަށް ދެއްވި ތަކެތިން، ސިއްރާއި ފާޅުގައި ހޭދަކޮށް، އަދި ހެޔޮކަންތަކުން ނުބައިކަންތައް ދުރުކުރާ މީހުންނެވެ. އެ މީހުންނަށް އާޚިރަތުގައި އުފާވެރި ގޮވަތި ހުއްޓެވެ.
(އެއީ) ޢަދްނު އޭ ކިޔުނު ސުވަރުގެތަކެވެ. އެ ސުވަރުގެތަކަށް އެ މީހުންނާއި، އެ މީހުންގެ މައިންބަފައިންނާއި، އެ މީހުންގެ އަނބިންނާއި، އެ މީހުންގެ ދަރިންކުރެ ސާލިހުވި މީހުން ވަންނާނެއެވެ. އަދި އެތާނގެ ހުރިހާ ދޮރަކުން، މަލާއިކަތުން އެ މީހުންގެ ގާތަށް ވެދެވަޑައިގަންނަވާނެއެވެ.
(އެ ބޭކަލުން ވިދާޅުވާނެއެވެ.) ތިޔަބައިމީހުން ކެތްތެރިވިކަމަށް ޓަކައި، ތިޔަބައިމީހުންގެ މައްޗަށް ސަލާމް ހުއްޓެވެ. ފަހެ އާޚިރަތުގެ އުފާވެރި ގޮވަތީގެ މޮޅުކަމާއެވެ.
އަދި ﷲ އަށް އަހުދު ކަށަވަރުކުރުމަށް ފަހު، އެ އަހުދު އުވާލައި، އަދި ގުޅިފައިވުމަށް ﷲ އަމުރުކުރައްވާފައިވާ ގުޅުންތައް ކަނޑާލައި، އަދި ބިމުގައި ފަސާދަކުރާ މީހުންނާމެދު (ދަންނާށެވެ.) އެ މީހުންނަށް ލައުނަތް ހުއްޓެވެ. އަދި އާޚިރަތް ދުވަހުން އެ މީހުންނަށް ނުބައިވެގެންވާ ގޮވަތި ހުއްޓެވެ.
ﷲ، އެ އިލާހު އިރާދަކުރައްވާ މީހަކަށް ރިޒްގު ތަނަވަސްކޮށްދެއްވާ، އަދި (އެ އިލާހު އިރާދަކުރައްވާ މީހަކަށް ރިޒްގު) ދަތިކުރައްވައެވެ. އަދި ދުނިޔޭގެ ދިރިއުޅުމާމެދު އެ މީހުން އުފާކުރިއެވެ. އަދި ދުނިޔޭގެ ދިރިއުޅުމަކީ، އާޚިރަތުގެ ދިރިއުޅުމާ އަޅައިބަލާއިރު، ވަގުތީ އުފަލެއްކަމުގައި މެނުވީ ނުވެއެވެ.
އަދި ކާފިރުވި މީހުން ބުންޏެވެ: އެކަލޭގެފާނުގެ ރައްބުގެ ހަޒްރަތުން ހެއްކެއް އެކަލޭގެފާނުގެ މައްޗަށް ބާވައިނުލެއްވީ ކީއްވެގެން ބާވައެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ: ހަމަކަށަވަރުން ﷲ އިރާދަކުރައްވާ މީހަކު މަގުފުރައްދަވައެވެ. އަދި (ތައުބާވެ) ރުޖޫއަވާ މީހަކަށް ތެދުމަގު ދައްކަވައެވެ.
އެ މީހުންނީ، އީމާންވި މީހުންނެވެ. އަދި ﷲ ހަނދުމަކުރުމުން، އެ މީހުންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ދަންނާށެވެ. ހިތްތަކަށް ހަމަޖެހުން ލިބެނީ ﷲ ހަނދުމަކުރުމުންނެވެ.
އެ މީހުންނީ، އީމާންވެ، ސާލިހު އަމަލުތައްކުރި މީހުންނެވެ. އެ މީހުންނަށް އުފާވެރިކަމާއި، އަދި އެނބުރިދަނިވި ރިވެތިވެގެންވާ ތަނެއްވެއެވެ.
އެފަދައިން ތިމަން އިލާހު ކަލޭގެފާނު އުއްމަތެއްގެތެރެއަށް ފޮނުއްވީމެވެ. އެ އުއްމަތުގެ ކުރީގައި، އެތައް އުއްމަތްތަކެއް ނިމިގޮސްފައިވެއެވެ. (އެއީ) ތިމަން އިލާހު ކަލޭގެފާނަށް އިއްވެވި ވަހީއެ މީހުންނަށް ކަލޭގެފާނު ކިޔައިދެއްވުމަށް ޓަކައެވެ. (ނަމަވެސް) އެ މީހުން އައްރަޙްމާނަށް ކާފިރު ވެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އެއީ ތިމަންކަލޭގެފާނުގެ ރައްބެވެ. އެ އިލާހު ފިޔަވާ (އަޅުކަންކުރުން ހައްގުވާ) އެހެން އިލާހަކު ނުވެއެވެ. ތިމަންކަލޭގެފާނު ވަކީލު ކުރައްވަނީ، އެ އިލާހަށެވެ. އަދި ތިމަންކަލޭގެފާނު އެނބުރި ދިޔުން ވަނީ އެ އިލާހުގެ ހަޒްރަތަށެވެ.
ގުރްއާނަކުން ފަރުބަދަތައް ލުހެލެވި، ފުނޑުފުނޑުކޮށްލެވޭނެނަމަ، ނުވަތަ ބިންގަނޑު ކުދިކުދި ކޮށްލެވޭނެނަމަ، ނުވަތަ މަރުވެފައިވާ މީހުންނާ ވާހަކަ ދެއްކޭނެނަމަ (އެ ގުރްއާނަކީ މިއީއެވެ.) އަދި ކިއެއް! ހުރިހާ އަމުރެއް ކުރެއްވުންވަނީ، ﷲ އަށެވެ. ފަހެ ﷲ އިރާދަކުރައްވާނަމަ، އެންމެހާ މީސްތަކުންނަށް ތެދުމަގު ދައްކަވައިފާނެކަން، އީމާންވި މީހުންނަށް ނޭނގޭހެއްޔެވެ؟ ކާފިރު ވިމީހުންނަށް އެ މީހުން ކުރި ކަންތައްތަކުން، އާފާތުތައްޖެހި، ނުވަތަ އެ އާފާތުތައް، އެ މީހުންގެ ގޮވަތިގެދޮރާ ކައިރިއަށް އައުން ފިލައިނުދެއެވެ. ﷲ ގެ ވައުދުފުޅު އަތުވެއްޖައުމަށް ދާންދެނެވެ. ހަމަކަށަވަރުން ﷲ، ވައުދާ ޚިލާފު ވެވޮޑިއެއް ނުގަންނަވައެވެ.
އަދި ހަމަކަށަވަރުން ކަލޭގެފާނުގެ ކުރީގެ ރަސޫލުންނަށް ވެސް ފުރައްސާރަ ކުރެވުނެވެ. ފަހެ ކާފިރުވި މީހުންނަށް ތިމަން އިލާހު މުހުލަތް ދެއްވީމެވެ. ދެން ތިމަން އިލާހު އުގޫބާތް ދެއްވާ، އެ މީހުން ހިއްޕެވީމެވެ. ފަހެ ތިމަން އިލާހުގެ އުގޫބާތް ދެއްވުންވީ ކޮންފަދައަކުންހެއްޔެވެ؟
ފަހެ ކޮންމެ ނަފްސަކާއި، އެ ނަފްސެއް ހޯދައިގަތް އަމަލުތަކުގެ މައްޗަށް ގާއިމުވެ ބައްލަވާވޮޑިގެންވާ އިލާހު (އެނޫން ފަރާތަކާ އެއްފަދަވާނޭހެއްޔެވެ؟) އަދި އެ މީހުން، ﷲ އަށް ޝަރީކުންތަކެއް ލޫއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން އެ ތަކެއްޗަށް ނަންދީ ބަލާށެވެ! ނުވަތަ ބިމުގައި އެ އިލާހު ދެނެވޮޑިގެންނުވާ ކަމެއްގެ ޚަބަރު، ތިޔަބައިމީހުން އެ އިލާހަށް ދެނީހެއްޔެވެ؟ ނުވަތަ ބޭރުފުށުން ދައްކާ ވާހަކައަކީހެއްޔެވެ؟ އަދި ކީއްހެއްޔެވެ؟ ކާފިރުވި މީހުންނަށް، އެ މީހުންގެ މަކަރުވެރި ރޭވުންތައް ޒީނަތްތެރި ކުރެއްވިއެވެ. އަދި އެ މީހުން މަގުން އެއްކިބާކުރައްވާފައިވެއެވެ. ﷲ މަގުފުރައްދަވާ މީހަކަށް ތެދުމަގު ދައްކާނޭ އެކަކުވެސް ނުވެއެވެ.
އެ މީހުންނަށް ދުނިޔޭގެ ހަޔާތުގައި ވެސް އަޒާބު ހުއްޓެވެ. އަދި ހަމަކަށަވަރުން އާޚިރަތުގެ އަޒާބު މާގަދައެވެ. އަދި ﷲ ގެ އަޒާބުން ރައްކާތެރި ކޮށްދޭނެ އެކަކުވެސް އެ މީހުންނަކަށް ނުވެއެވެ.
ތަގުވާވެރިންނަށް ވައުދު ކުރައްވާފައިވާ ސުވަރުގޭގެ މިސާލު (ކިޔައިދެއްވަމެވެ.) އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުރެތެވެ. އެތާނގެ މޭވާތައް އަބަދަށް ދެމިހުރެތެވެ. އަދި އެތާނގެ ހިޔާވެސް އެފަދައެވެ. އެއީ ތަގުވާވެރިވި މީހުންގެ ނިމުމެވެ. އަދި ކާފިރުވި މީހުންގެ ނިމުމަކީ ނަރަކައެވެ.
ތިމަން އިލާހު ފޮތް ދެއްވި މީހުން، ކަލޭގެފާނަށް ބާވައިލެއްވިތަކެއްޗާމެދު އުފާކުރެއެވެ. އަދި އޭގެ ބައެއްތަކެއްޗާމެދު އިންކާރުކުރާ ބަޔަކު އަޙްޒާބުގެ ތެރެއިން (އެބަހީ: މުޝްރިކުންނާއި، ފޮތުގެ އަހުލުވެރިންކުރެ އީމާން ނުވާ މީހުންގެ ތެރެއިން) ވެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނަށް އަމުރުކުރައްވާފައިވާކަން ކަށަވަރީ، ﷲ އަށް އަޅުކަން ކުރުމަށެވެ. އަދި އެ އިލާހަށް ޝަރީކު ނުކުރުމަށެވެ. ތިމަންކަލޭގެފާނު ގޮވައިލައްވަނީ، އެ އިލާހަށް އަޅުކަންކުރުމަށެވެ. އަދި ތިމަންކަލޭގެފާނު އެނބުރިދިޔުން ވަނީ އެ އިލާހުގެ ހަޒްރަތަށެވެ.
އަދި އެފަދައިން އަރަބި ބަހުންވާ، ހުކުމް ކުރުވަނިވި (ފޮތެއް) ގޮތުގައި، ތިމަން އިލާހު އެ (ގުރްއާން) ބާވައިލެއްވީމެވެ. އަދި އިލްމުގެ ތެރެއިން ކަލޭގެފާނާ ހަމައަށް އައި ކަންތަކަށް ފަހު، ދެން އެ މީހުންގެ ހަވާނަފުސަށް ކަލޭގެފާނު ތަބާވެ ވަޑައިގެންފިނަމަ، ﷲ އާ ދެކޮޅަށް ނަސްރު ދޭނެ ފަރާތަކުވެސް އަދި ރައްކާތެރި ކުރާނެ ފަރާތަކުވެސް ކަލޭގެފާނަކަށް ނުވާނެއެވެ.
ހަމަކަށަވަރުން ކަލޭގެފާނުގެ ކުރިން ތިމަން އިލާހު ރަސޫލުން ފޮނުއްވީމެވެ. އަދި އެ ބޭކަލުންނަށް އަނބިންނާއި، ދަރިން ލެއްވީމެވެ. އަދި ﷲ ގެ އިޒުނަފުޅާ ލައިގެންމެނުވީ، އެއްވެސް މުއުޖިޒާތެއް ގެންނެވުމަކީ، އެއްވެސް ރަސޫލަކަށް އޮތްކަމެއް ނޫނެވެ. ކޮންމެ މުއްދަތަކަށްމެ ކަނޑައެޅި، ލިޔެވިގެންވާ ފޮތެއްވެއެވެ.
ﷲ، އެ އިލާހު އިރާދަކުރައްވާ ކޮންމެ ކަމެއް ފުހެލައްވައެވެ. އަދި އެ އިލާހު އިރާދަކުރައްވާ ކޮންމެ ކަމެއް ސާބިތު ކުރައްވައެވެ. އަދި އެ އިލާހުގެ ހަޒްރަތުގައި، މައިފޮތް (އެބަހީ: ލައުޙުލް މަޙްފޫޡު) ވެއެވެ.
ތިމަން އިލާހު އެ މީހުންނަށް ވައުދު ކުރައްވާ ބައެއް ކަންތައް ކަލޭގެފާނަށް ދައްކަވާނަމަ، ނުވަތަ (އޭގެ ކުރިން) ކަލޭގެފާނުގެ ފުރާނަ ހިއްޕަވާނަމަ، ފަހެ ކަލޭގެފާނުގެ މައްޗަށް އޮތްކަން ކަށަވަރީ (މީސްތަކުންނަށް) އިއްވެވުމެވެ. އަދި ހިސާބު ބެއްލެވުންވަނީ، ތިމަން އިލާހަށެވެ.
އަދި ތިމަން އިލާހު، ބިމާމެދު އިރާދަކުރައްވާ، އެ ބިމުގެ ކަންކޮޅުތަކުން އުނިކުރައްވާކަން، އެ މީހުންނަށް ނޭނގޭހެއްޔެވެ؟ اللًّه، ހުކުމް ކުރައްވައެވެ. އެ އިލާހުގެ ހުކުމަށް ބަދަލެއްގެންނާނޭ އެއްވެސް ފަރާތެއް ނުވެއެވެ. އަދި އެ އިލާހީ، ހިސާބު ބެއްލެވުން އަވަސްވެވޮޑިގެންވާ އިލާހެވެ.
ހަމަކަށަވަރުން އެ މީހުންގެ ކުރީގައި އުޅުނު މީހުންވެސް، މަކަރުވެރި ރޭވުންތައް ރާވައި އުޅުނެވެ. ފަހެ ހުރިހާ ރޭވުމެއްވަނީ، ﷲ އަށެވެ. ކޮންމެ ނަފްސެއް ހޯދައިގަންނަކަމެއް، އެ އިލާހު ދެނެވޮޑިގެންވެއެވެ. އަދި އާޚިރަތުގެ ނިއުމަތުގެ ގޮވަތި ވަނީ، ކޮންބަޔަކަށްކަން، ކާފިރުތަކުންނަށް އެނގޭހުއްޓެވެ.
ކާފިރުވި މީހުން ބުނެއެވެ. ކަލޭގެފާނީ، ފޮނުއްވާފައިވާ ބޭކަލެއްނޫނެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނާއި، ތިޔަބައިމީހުންނާ ދެމެދުގައި ހެއްކެއްކަމަށް ﷲ ފުދެތެވެ. އަދި ފޮތުގެއިލްމު ލިބިގެންވާ މީހުންވެސްމެއެވެ.