އެ އިލާހުގެ ހުސްތާހިރުވަންތަކަމާއެވެ. އެ އިލާހީ، އަލްމަސްޖިދުލް ހަރާމުން، އަލްމަސްޖިދުލް އަގްސާއަށް އެ އިލާހުގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި އިލާހެވެ. އެއީ އެތާނގެ ވަށައިގެން، ތިމަން އިލާހު ބަރަކާތް ލެއްވި ތަނެވެ. (އެއީ) ތިމަން އިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށް ޓަކައެވެ. ހަމަކަށަވަރުން އެ އިލާހީ އައްސަމީޢުލް ބަޞީރެވެ. (އައްސަވާވޮޑިގެންވާ، ބައްލަވާވޮޑިގެންވާ އިލާހެވެ.)
އަދި ތިމަން އިލާހު މޫސާގެފާނަށް ފޮތް ދެއްވީމެވެ. އަދި ތިމަން އިލާހު އިސްރާއީލުގެ ދަރިންނަށް ތެދުމަގެއްކަމުގައި އެ ފޮތް ލެއްވީމެވެ. (ވަހީ ކުރައްވަމުންނެވެ.) ތިމަން އިލާހު ފިޔަވާ (އެހެން ފަރާތެއް) ވަކީލެއް ކަމުގައި ތިޔަބައިމީހުން ނުހިފާށެވެ!
ތިމަން އިލާހު ނޫޙުގެފާނާ އެކުގައި އުފުއްލެވި ދަރިފަސްކޮޅުގެ މީހުންނެވެ. ހަމަކަށަވަރުން ޝުކުރުވެރިވާ އަޅަކު ކަމުގައި އެކަލޭގެފާނުވިއެވެ.
އަދި ތިމަން އިލާހު، އިސްރާއީލުގެ ދަރިންނަށް، ފޮތުގައި (އެބަހީ: ތައުރާތުގައި) ކަނޑައަޅުއްވާ އެންގެވީމެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ދެފަހަރެއްގެމަތިން ބިމުގައި ފަސާދަކުރާނެއެވެ. އަދި ހަމަކަށަވަރުން ބޮޑުވެގެންވާ ބޮޑާވުމަކުން ތިޔަބައިމީހުން ބޮޑާވާނެއެވެ.
ފަހެ އެ ދެފަހަރުންކުރެ ފުރަތަމަ ފަހަރުގެ ވައުދުފުޅު އައި ހިނދު، ގަދަފަދަވެގެންވާ ބާރެއްގެ ވެރި އަޅުންތަކެއް، ތިމަން އިލާހު ތިޔަބައިމީހުންގެ މައްޗަށް ފޮނުއްވީމެވެ. ފަހެ އެ މީހުން (ތިޔަބައިމީހުންގެ ރަށުގެ) ގޯތިގެދޮރުގެ ތެރެއަށް ވަދެގެންދިޔައެވެ. އަދި ފުރިހަމަވެގެންވާ ވައުދު ފުޅެއްކަމުގައި، އެ ވައުދުފުޅު ވިއެވެ.
ދެން އެ މީހުންގެ މައްޗަށް، ތިޔަބައިމީހުންނަށް ތިމަން އިލާހު އެނބުރި އައުމެއް (އެބަހީ: ވެރިކަމާއި ބާރު އަލުން) ދެއްވީމެވެ. އަދި ދަރިންނާއި، މުދާތަކުން ތިމަން އިލާހު ތިޔަބައިމީހުންނަށް މަދަދު ދެއްވީމެވެ. އަދި މީހުންގެ ގޮތުން، ގިނަބަޔަކު ކަމުގައި ތިމަން އިލާހު ތިޔަބައިމީހުން ލެއްވީމެވެ.
ތިޔަބައިމީހުން ހެޔޮކޮށް ކަންތައް ކުޅަނަމަ، އެ ހެޔޮކަންތައް ކުޅައީ، ހަމަ ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށެވެ. އަދި ނުބައިކޮށް ކަންތައް ކުޅަނަމަވެސް، (އެ ނުބައިކަންތައް ކުޅައީ) ހަމަ އެ ނަފްސުތަކަށެވެ. ފަހެ ދެވަނަފަހަރަށް ވައުދުފުޅު އައި ހިނދު (ތިޔަބައިމީހުންގެ އަދާވާތްތެރިން ފޮނުއްވީމެވެ.) އެ މީހުންގެ ސަބަބުން ތިޔަބައިމީހުންގެ މޫނުމަތިން ހިތާމައިގެ އަސަރުތައް ފާޅުވުމަށް ޓަކައެވެ. އަދި ފުރަތަމަ ފަހަރު އެ މީހުން އެތަނަށް ވަންފަދައިން، މިސްކިތަށް (އެބަހީ: އަލްމަސްޖިދުލް އަގްސާއަށް) ވަނުމަށް ޓަކައެވެ. އަދި އެ މީހުން ވެރިވެގަތް ތަންތަން ހަލާކުކޮށް، ސުންނާފަތި ކުރުމަށް ޓަކައެވެ.
ތިޔަބައިމީހުންގެ ރައްބު، ތިޔަބައިމީހުންނަށް (އަފޫކުރައްވާ) ރަހުމަތް ލެއްވުން ގާތްވެގެންވެއެވެ. އަދި ތިޔަބައިމީހުން (ފަސާދަކުރުމަށް) އެނބުރި އަތުވެއްޖެނަމަ، ތިމަން އިލާހު (އުގޫބާތް ދެއްވުމަށް) އެނބުރި ވޮޑިގެންފާހުށީމެވެ. އަދި ކާފިރުންނަށް ހުރަގެއެއް ކަމުގައި، ތިމަން އިލާހު ނަރަކަ ލެއްވީމެވެ.
ހަމަކަށަވަރުން މި ގުރްއާން އެންމެ ސީދާ މަގަށް މަގުދައްކައެވެ. އަދި ހަމަކަށަވަރުން ސާލިހު އަމަލުތައް ކުރާ މުއުމިނުންނަށް ބޮޑުވެގެންވާ ދަރުމައެއް ހުރިކަމުގެ އުފާވެރި ޚަބަރު ދެއެވެ.
އަދި ހަމަކަށަވަރުން އާޚިރަތަށް އީމާން ނުވާމީހުންނަށް، ވޭންދެނިވި އަޒާބެއް، ތިމަން އިލާހު ތައްޔާރު ކުރެއްވިކަމުގެ ޚަބަރު ވެސްމެއެވެ.
އިންސާނާ، ހެޔޮކަމަށްއެދި ދުއާކުރާ ފަދައިން، ނުބައިކަމަށް ވެސް އެދި ދުއާކުރެއެވެ. އަދި އިންސާނާއަކީ، އަވަސްވެގަންނަ މީހަކު ކަމުގައިވިއެވެ.
ރޭގަނޑާއި، ދުވާލަކީ، ދެ ހެކިކަމުގައި، ތިމަން އިލާހު ލެއްވީމެވެ. ފަހެ ރޭގަނޑުގެ ހެކިން ނޫރު ފުހެލެއްވީމެވެ. އަދި ދުވާލުގެ ހެކި އެއީ (ތަންތަން) ދައްކައިދޭ އެއްޗެއް ކަމުގައި ލެއްވީމެވެ. (އެއީ) ތިޔަބައިމީހުންގެ ރައްބުގެ ހަޒްރަތުން، ތިޔަބައިމީހުން، ފަޟްލުވަންތަކަން އެދި އުޅުމަށް ޓަކައެވެ. އަދި އަހަރުތަކުގެ އަދަދާއި، ހިސާބު، ތިޔަބައިމީހުން ދެނެގަތުމަށް ޓަކައެވެ. އަދި ކޮންމެ ކަމެއްމެ ތަފްސީލު ކޮށްތިމަން އިލާހު ބަޔާންކޮށްދެއްވީމެވެ.
އަދި ކޮންމެ އިންސާނަކުމެ، އޭނާ ކުރި އަމަލު، އޭނާގެ ކަރުގައި ތިމަން އިލާހު އެޅުއްވީމެވެ. އަދި ގިޔާމަތް ދުވަހުން، ތިމަން އިލާހު އެ މީހަކަށް ފޮތެއް ނެރުއްވާހުށީމެވެ. އެ ފޮތް ނިއުޅައިލެވިގެންވާ ހާލުގައި، އޭނާ ދެކޭނެއެވެ.
(އަދި އަންގަވާނެއެވެ.) ތިބާގެ ފޮތް ތިބާ ކިޔާށެވެ. މިއަދު ތިބާގެ މައްޗަށް ހިސާބުކުރާ މީހަކަށް، ތިބާގެ އަމިއްލަނަފްސު ފުދެއެވެ.
ތެދުމަގު ލިބިގެންފިމީހާ (ދަންނާށެވެ.) ފަހެ އެ މީހާ އެ ތެދުމަގު ލިބިގަންނަކަން ކަށަވަރީ، އެ މީހާގެ އަމިއްލަ ނަފްސުގެ ލާބައަށެވެ. އަދި މަގުފުރެދިއްޖެ މީހާ (ދަންނާށެވެ.) ފަހެ އެ މީހާ އެ މަގުފުރެދޭކަން ކަށަވަރީ، އެ ނަފްސުގެ ހަލާކަށެވެ. އަދި ފާފަވެރި އެއްވެސް ނަފްސެއް، އެހެން ނަފްސެއްގެ ފާފައެއް ނުއުފުލާނެތެވެ. އަދި ތިމަން އިލާހު ރަސޫލަކު ފޮނުއްވައިފުމަށް ދާންދެން (އެއްވެސްބަޔަކަށް) އަޒާބު ދެއްވުމަކަށް ތިމަން އިލާހު ކަނޑައެއް ނާޅުއްވަމެވެ.
އަދި ރަށެއް ހަލާކު ކުރެއްވުމަށް ތިމަން އިލާހު އިރާދަކުރައްވާފިނަމަ، އެ ރަށެއްގެ ތަނަވަސްކަމުގެ އަހުލުވެރިންނަށް ތިމަން އިލާހު (ކިޔަމަންގަތުމަށް) އަމުރު ކުރައްވަމެވެ. ދެން އެ މީހުން އެ ރަށުގައި ފާސިދު އަމަލު ކޮށް، ކިޔަމަންތެރިކަމުން ބޭރުވެގަނެއެވެ. ދެން (އަޒާބުގެ) ބަސްފުޅު އެ މީހުންގެ މައްޗަށް ހައްގު ވެދެއެވެ. ދެން ތިމަން އިލާހު އެ ރަށެއް މުޅިން ހަލާކު ކުރައްވާ ނެތިކުރައްވަމެވެ.
ނޫޙުގެފާނަށް ފަހު، ކިތައްކިތައް ޖީލުގެ މީހުން ތިމަން އިލާހު ހަލާކު ކުރައްވާ، ނެތިކުރެއްވިންހެއްޔެވެ؟ އެ އިލާހުގެ އަޅުތަކުންގެ ފާފަތަކުގެ ޚަބަރު، މޮޅަށް ދެނެވޮޑިގެންވާ (އަދި) މޮޅަށް ބައްލަވާވޮޑިގެންވާ އިލާހަކު ކަމުގައިވުމަށް ކަލޭގެފާނުގެ ރައްބު ފުދެތެވެ.
ދުނިޔޭގެ އަރާމަށް އެދޭ މީހާ (ދަންނާށެވެ.) ތިމަން އިލާހު އިރާދަކުރައްވާކަމެއް، ތިމަން އިލާހު އިރާދަކުރައްވާ މީހަކަށް އަވަސްކޮށްދެއްވާ ހުށީމެވެ. ދެން އެ މީހަކަށްޓަކައި، ތިމަން އިލާހު ނަރަކަ ލެއްވީމެވެ. މަލާމާތްލިބި، ރަހުމަތުން ދުރުކުރައްވާފައިވާ ހާލު، އެ ނަރަކައަށް އެ މީހަކު ވަންނާނެއެވެ.
އަދި މުއުމިނަކު ކަމުގައިވާ ހާލު، އާޚިރަތަށް އެދި، އެ ދުވަހަކަށް ޓަކައި މަސައްކަތްކޮށްފި މީހާ (ދަންނާށެވެ.) ފަހެ އެ މީހުންނީ، އެ މީހުން ކުރި މަސައްކަތައް ޝުކުރު ލިބިގެންވާ މީހުން ކަމުގައި ވެއެވެ.
ކަލޭގެފާނުގެ ރައްބު ދެއްވާ ދެއްވުންތަކުން މިބައިމީހުންނާއި އެ މީހުންނާއި، އެންމެންނަށް، ތިމަން އިލާހު ދެއްވަމެވެ. ކަލޭގެފާނުގެ ރައްބު ދެއްވާ ދެއްވުމަކީ، މަނާކުރެވޭނޭ އެއްޗެއް ކަމުގައި ނުވެއެވެ.
ތިމަން އިލާހު އެ މީހުން ކުރެ އެއްބަޔަކު އަނެއް ބަޔަކަށްވުރެ މާތް ކުރައްވާފައިވަނީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ. އަދި ހަމަކަށަވަރުން ދަރަޖައިގެ ގޮތުން އާޚިރަތް މާ ބޮޑެވެ. އަދި މާތް ކުރެއްވުމުގެ ގޮތުންވެސް މާ ބޮޑުމެއެވެ.
ﷲ އާއެކު އެހެން އިލާހަކު ނުލާށެވެ! ފަހެ އޭރުން މަލާމާތްލިބި، ނިކަމެތިވެގެންވާ ހާލު، ތިބާ އިންނަންޖެހިދާނެއެވެ.
އަދި ތިބާގެ ރައްބު ކަނޑައަޅުއްވާ އަމުރުކުރެއްވީ، އެ އިލާހު ފިޔަވާ އެހެން ފަރާތަކަށް އަޅުކަން ނުކުރުމަށެވެ. އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށެވެ. އެ ދެ މީހުންކުރެ އެކަކު، ނުވަތަ ދެ މީހުން ވިޔަސް ތިބާގެ ގާތުގައި މުސްކުޅިވެއްޖެ ނަމަ، އެ ދެ މީހުންނަށް ”އުފް“ ވެސް ނުބުނާށެވެ. އަދި އެ ދެ މީހުންނާ ހަރުކަށި ބަހުން ވާހަކަ ނުދައްކާށެވެ. އަދި އެ ދެ މީހުންނާ މާތްވެގެންވާ ރިވެތި ބަހުން ވާހަކަދައްކާށެވެ.
އަދި އޯގާވެރިވުމުގެ ގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެ މީހުންނަށް ޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ރައްބެވެ. ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެ ދެ މީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެ މީހުންނަށް ރަހުމަތް ލައްވައިފާނދޭވެ.
ތިޔަބައިމީހުންގެ ހިތްތަކުގައިވާ ކަންތައް ދެނެވޮޑިގަތުން ބޮޑީ، ތިޔަބައިމީހުންގެ ރައްބެވެ. ތިޔަބައިމީހުންނީ، ސާލިހު ބަޔަކު ކަމުގައި ވާނަމަ، ފަހެ ހަމަކަށަވަރުން (އެ އިލާހުގެ ހަޒްރަތަށް ތައުބާވެ) ރުޖޫއަވާ މީހުންނަށް، ގިނަގިނައިން ފާފަ ފުއްސަވާ އިލާހުކަމުގައި އެ އިލާހު ވޮޑިގެންވެއެވެ.
އަދި ގާތްތިމާގެ މީހާއަށް އޭނާގެ ހައްގު ދޭށެވެ. އަދި މިސްކީނަށާއި، ދަތުރުވެރިޔާއަށް ވެސް މެއެވެ. އަދި ގިނަގިނައިން އިސްރާފު ނުކުރާހުށިކަމެވެ.
ހަމަކަށަވަރުން އިސްރާފުކުރާ މީހުންނީ، ޝައިތާނުންގެ އަޚުން ކަމުގައިވިއެވެ. އަދި ޝައިތާނާ، އޭނާގެ ރައްބަށް ވަރަށް ބޮޑަށް ކާފިރުވާ ކަމުގައިވިއެވެ.
ކަލޭގެފާނުގެ ރައްބުގެ ހަޒްރަތުން އައުމަށް އެދިވަޑައިގަންނަވާ ރަހުމަތެއްގެ އެދުމުގައި، އެ މީހުންނާ ދުރުހެލިވެވަޑައިގަންނަވާނަމަ، ފަހެ މަޑުމައިތިރި ބަހަކުން އެ މީހުންނަށް ބަސް ވިދާޅުވާށެވެ.
ތިބާގެ ކަނދުރާއާއެކު ކަސްތަޅު އެޅިގެންވާ އެއްޗެއް ކަމުގައި، ތިބާގެ އަތް ނުހަދާށެވެ! އަދި އެ އަތް މުޅިން ފަތުރައިވެސްނުލާށެވެ! ފަހެ އޭރުން މަލާމާތްލިބި، ހިތާމަ ލިބިގެންވާ ހާލު، ތިބާ އިންނަން ޖެހިދާނެއެވެ.
ހަމަކަށަވަރުން ތިބާގެ ރައްބު، އެ އިލާހު އިރާދަކުރައްވާ މީހަކަށް ރިޒްގު ތަނަވަސްކޮށްދެއްވައެވެ. އަދި އެ އިލާހު (އިރާދަކުރައްވާ މީހަކަށް ރިޒްގު) ދަތިކުރައްވައެވެ. ހަމަކަށަވަރުން އެ އިލާހީ، އެ އިލާހުގެ އަޅުތަކުންގެ ޚަބަރު މޮޅަށްދެނެވޮޑިގެންވާ، މޮޅަށްބައްލަވާވޮޑިގެންވާ އިލާހަކު ކަމުގައިވެއެވެ.
އަދި ފަގީރު ވެދާނެކަމަށް ބިރުން، ތިޔަބައިމީހުންގެ ދަރިން ނުމަރާށެވެ! އެކުދިންނަށާއި، އަދި ތިޔަބައިމީހުންނަށް ރިޒްގު ދެއްވަނީ، ތިމަންއިލާހެވެ. ހަމަކަށަވަރުން އެ ދަރިން މެރުން އެއީ ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ.
އަދި ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ. ހަމަކަށަވަރުން އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ. އަދި މަގެއްގެ ގޮތުން އެ ކަންތައް ހާދަހާ ނުބައިވެގެންވެއެވެ.
އަދި ތިޔަބައިމީހުން، ﷲ ހުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް ހައްގަކާ ލައިގެންމެނުވީ ނުމަރާށެވެ! އަދި އަނިޔާގެގޮތުގައި، މަރައިލެވޭމީހާ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން އެ މީހާގެ ވަލީވެރިޔާއަށް، ތިމަން އިލާހު ބާރެއް ދެއްވީމެވެ. ފަހެ ގަތުލުކުރުމުގައި އޭނާ އިސްރާފު ނުކުރާހުށިކަމެވެ. ހަމަކަށަވަރުން އެ ވަލީވެރިޔާއަކީ، ނަސްރު ލިބިގެންވާ މީހެއް ކަމުގައިވިއެވެ.
އަދި ޔަތީމު ކުއްޖާ ބޮޑުވެ ތަސައްރަފު ފުދިއްޖައުމަށް ދާންދެން، ރަނގަޅު ގޮތުން މެނުވީ ތިޔަބައިމީހުން އޭނާގެ މުދަލާ ގާތްނުވާށެވެ. އަދި ތިޔަބައިމީހުން، އަހުދު ފުއްދާށެވެ! ހަމަކަށަވަރުން އަހުދަކީ (އެއާމެދު) ސުވާލު ކުރައްވާނޭ ކަމެއްކަމުގައި ވިއެވެ.
އަދި ތިޔަބައިމީހުން މިނާހިނދު، މިނުން ހަމަކޮށް ފުރިހަމަކުރާށެވެ! އަދި ސީދާވެގެންވާ ހަމަތިލަފަތުން ކިރާށެވެ! އެ ގޮތް (ތިޔަބައިމީހުންނަށް) ހެޔޮކަން ބޮޑެވެ. އަދި ނަތީޖާގެ ގޮތުން ރިވެތިކަން ބޮޑުމެއެވެ.
އަދި ތިބާއަށް އެކަމަކާމެދު އެނގުމެއް ނުވާކަމަކަށް، ތިބާ ތަބާ ނުވާށެވެ. ހަމަކަށަވަރުން އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ، އެއާމެދު ސުވާލު ކުރައްވާނެ ކަމެއްކަމުގައިވިއެވެ.
އަދި ތިބާ، ބޮޑާވެގެން ބިމުގައި ހިނގައިނޫޅޭށެވެ! ހަމަކަށަވަރުން ތިބާޔަކަށް ބިންގަނޑު ފޫވައްޓައެއް ނުލެވޭނެއެވެ. އަދި ފަރުބަދަތަކާ ހަމައަށް ދިގުވެގެންވެސް ތިބާޔަކަށް ނުދެވޭނެއެވެ.
އެ ހުރިހާ ކަމަކީ، ކަލޭގެފާނުގެ ރައްބުގެ ހަޒްރަތުގައި، އޭގެ ނުބައިކަން (ބޮޑު)، އެ އިލާހު ނުރުއްސަވާ ކަންކަން ކަމުގައި ވެއެވެ.
އެއީ ހިކުމަތުގެ ތެރެއިން، ކަލޭގެފާނުގެ ރައްބު ކަލޭގެފާނަށް ވަހީކުރެއްވި ކަންތަކުގެ ތެރެއިންވާ ކަންކަމެވެ. އަދި ﷲ އާއެކު އެހެން އިލާހަކު ނުލާށެވެ! ފަހެ އޭރުން މަލާމާތްލިބި، ރަހުމަތުން ދުރުކުރައްވާފައިވާ ހާލު، ޖަހައްނަމަށް އެއްލައިލައްވާނެއެވެ.
ފަހެ ތިޔަބައިމީހުންގެ ރައްބު، ތިޔަބައިމީހުންނަށް ފިރިހެން ދަރިން ޚާއްސަކުރެއްވީހެއްޔެވެ؟ އަދި އެ އިލާހު، މަލާއިކަތުންގެ ތެރެއިން އަންހެން ދަރިން ހިއްޕެވީހެއްޔެވެ؟ ހަމަކަށަވަރުން ތިޔަބައިމީހުން ތިޔަ ބުނަނީ، ބޮޑުވެގެންވާ ބަހެކެވެ.
ތިމަން އިލާހު (ވައުދާއި، ވައީދާއި، މިސާލާއި، ޙިކަމު ފަދަ) ހުރިހާކަމެއް، މި ގުރްއާނުގައި ބަޔާންކުރެއްވީމެވެ. އެއީ އެ މީހުން ހަނދުމަކުރުމަށް ޓަކައެވެ. (އެކަމަކު) އެއިން ނަފުރަތުވެ، ދުރުހެލިވުންމެނުވީ، އެ މީހުންނަކަށް އިތުރެއް ނުކުރެއެވެ.
ކަލޭގެފާނު ވިދާޅުވާށެވެ: (އެ މުޝްރިކުން ބުނާ ފަދައިން) އެ އިލާހުގެ އިތުރަށް އެހެން އިލާހުންތަކެއް ވީނަމަ، އެ ހިނދު އެ އިލާހުންތައް (ރަސްކަން އަތުލައިގަތުމަށް)، ޢަރްޝުގެ ވެރި އިލާހު (ﷲ) އާ ހިސާބަށް ފޯރާނެ މަގެއް ހޯދަން އުޅުނީސްކަން ކަށަވަރެވެ.
އަދި ބޮޑުވެގެންވާ މަތިވެރިވުމަކުން ﷲ މަތިވެރިވެވޮޑިގެންވުމާ އެކު، އެ މުޝްރިކުން އެ ދައްކާ ވާހަކަތަކުން، އެ އިލާހު ހުސްދުރުވެ ވޮޑިގެންވެއެވެ.
ހަތް އުޑާއި، ބިމާއި، އެ ތަންތާނގައި ވާހާ ބަޔަކު، އެ އިލާހަށް ތަސްބީހަ ކިޔަތެވެ. އަދި އެ އިލާހަށް ހަމްދާއެކުގައި، ތަސްބީހަ ނުކިޔާ އެއްވެސް އެއްޗެއް ނުވެއެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންނަކަށް އެ ތަކެތީގެ ތަސްބީހެއް ނުވިސްނެއެވެ. ހަމަކަށަވަރުން އެ އިލާހީ، ޙަލީމްވަންތަ، ގިނަގިނައިން ފާފަ ފުއްސަވާ އިލާހު ކަމުގައިވެއެވެ.
ކަލޭގެފާނު ގުރްއާން ކިޔަވައިވިދާޅުވާހިނދު، ކަލޭގެފާނާއި، އާޚިރަތް ދުވަހަށް އީމާން ނުވާމީހުންނާ ދެމެދު ނިވައިކުރަނިވި ފަރުދާއެއް، ތިމަން އިލާހު ލެއްވީމެވެ.
އަދި އެ މީހުންނަށް އެ ގުރްއާން ވިސްނުމަށް ހުރަސްއަޅާ ހުރަސްތަކެއް އެ މީހުންގެ ހިތްތަކުގައި، ތިމަން އިލާހު ލެއްވީމެވެ. އަދި އެ މީހުންގެ ކަންފަތްތަކުގައި، ބީރުކަމެއް ލެއްވީމެވެ. އަދި ގުރްއާނުގައި، ހަމައެކަނި ކަލޭގެފާނުގެ ރައްބުގެ ނަންފުޅު ކަލޭގެފާނު ގެންނަވައިފިނަމަ، އެ މީހުން ނުރުހުންތެރިވެ، ފުރަގަސްދީ އެނބުރި ހިނގައިދެތެވެ.
އެ މީހުން ކަލޭގެފާނު ވިދާޅުވާ އެއްޗެއް އަޑުއަހާހިނދުގައްޔާއި، އަދި އެ މީހުން ސިއްރުސައްލާކުރާ ހިނދު، އެ މީހުން އެ އަޑުއަހާ އެއްޗެއް ތިމަން އިލާހު މޮޅަށް ދެނެވޮޑިގެންވަމެވެ. އަނިޔާވެރިވި މީހުން، އެ ހިނދު ބުނެއެވެ. ސިހުރު ޖެހިފައިވާ ފިރިހެނަކަށް މެނުވީ، ތިޔަބައިމީހުން ތަބައެއް ނުވަމުއެވެ.
ކަލޭގެފާނާމެދު އެ މީހުން މިސާލު ޖެހީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ. ފަހެ (އެކަމުގައި) އެ މީހުން މަގުފުރެދިއްޖެއެވެ. ދެން އެއްވެސް މަގަކަށް، އެ މީހުންނަށް ކުޅަދާނަވެގެންނެއް ނުވެއެވެ.
އެ މީހުން ބުނެފިއެވެ. ތިމަންމެން ކަށިތަކަކަށްވެ، އަދި ފީވެ، ކުނޑިތަކަކަށް ވެއްޖެހިނދު، ހަމަކަށަވަރުން އަލުން އުފެދުމަކަށް ފޮނުއްވާނޭ ބަޔަކު ކަމުގައި ތިމަންމެން ވޭހެއްޔެވެ؟
ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން ހިލަކަމުގައި، ނުވަތަ ދަގަނޑު ކަމުގައި ވެބަލާށެވެ!
ނުވަތަ ތިޔަބައިމީހުންގެ ހިތްތަކުގައި ބޮޑުކަން ލިބިގެންވާ ތަކެތީގެ ތެރެއިން އެހެންވެސް އެއްޗަކަށް ވެބަލާށެވެ! ފަހެ އޭރުން އެ މީހުން ބުނާނެއެވެ. ތިމަންމެން އަލުން ދިރުމަކަށް އިއާދަކުރާނީ ކާކުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ. އިސްވެދިޔަ މިސާލަކާނުލާ، ފުރަތަމަފަހަރުވެސް ތިޔަބައިމީހުން ހެއްދެވި އިލާހެވެ. ފަހެ އެ މީހުންގެ ބޯތައް ކަލޭގެފާނާ ދިމާޔަށް ހޫރައިލާނެތެވެ. އަދި ބުނާނެއެވެ. އެ ކަންވަނީ، ކޮންއިރަކުންހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ. ވަރަށްއަވަހަށް އެ ކަންތައް ވުން ގާތްވެގެންވެއެވެ.
އެ އިލާހު ތިޔަބައިމީހުންނަށް ގޮވައިލައްވާ ދުވަހުއެވެ. ފަހެ އެ އިލާހަށް ހަމްދާއެކު އެ އިލާހުގެ އަމުރުފުޅަށް ތިޔަބައިމީހުން އިޖާބަދޭނެއެވެ. އަދި ދާދިކުޑަހިނދުކޮޅަކަށް މެނުވީ (ދުނިޔޭގައި) ތިޔަބައިމީހުން ލަސްވެ ނުތިބޭކަމުގައި ތިޔަބައިމީހުން ހީކުރާނެއެވެ.
އެންމެ ރިވެތި ހެޔޮބަސްތަކުން ވާހަކަދައްކައި އުޅުމަށް، ތިމަން އިލާހުގެ އަޅުންނަށް ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން ޝައިތާނާ، އެ މީހުންގެ މެދުގައި ފަސާދަ އުފައްދަތެވެ. ހަމަކަށަވަރުން ޝައިތާނާއީ، އިންސާނާއަށް ފާޅުވެގެންހުރި އަދާވާތްތެރިޔަކު ކަމުގައިވިއެވެ.
ތިޔަބައިމީހުންގެ ރައްބު ތިޔަބައިމީހުން ދެނެވޮޑިގަތުން ބޮޑެވެ. އެ އިލާހު އިރާދަކުރައްވާނަމަ، ތިޔަބައިމީހުންނަށް ރަހުމަތް ލައްވާނެއެވެ. ނުވަތަ އެ އިލާހު އިރާދަކުރައްވާނަމަ، ތިޔަބައިމީހުންނަށް އަޒާބު ދެއްވާނެއެވެ. އަދި އެ މީހުންގެ މައްޗަށް ހުންނެވި ވަކީލަކު ކަމުގައި، ތިމަން އިލާހު ކަލޭގެފާނު ނުފޮނުއްވަމެވެ.
އަދި ކަލޭގެފާނުގެ ރައްބު، އުޑުތަކާއި، ބިމުގައި ވާހާ ބަޔަކު ދެނެވޮޑިގަތުން ބޮޑެވެ. އަދި ހަމަކަށަވަރުން ތިމަން އިލާހު، ބައެއް ނަބިއްޔުން އަނެއްބައި ނަބިއްޔުންގެ މައްޗަށް މާތްކުރެއްވީމެވެ. އަދި ދާވޫދުގެފާނަށް ތިމަން އިލާހު ޒަބޫރު ދެއްވީމެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. އެ އިލާހު ފިޔަވާ، އިލާހުންކަމަށް ތިޔަބައިމީހުން ހީކޮށްގެން އުޅޭ ފަރާތްތަކަށް ނިކަން ގޮވައިބަލާށެވެ! ފަހެ ތިޔަބައިމީހުންގެ ކިބައިން ދަތިކަމެއް ފިލުވުމެއްވެސް އަދި ބަދަލު ކުރުމެއްވެސް، އެ ފަރާތްތަކަކަށް މިލްކު ވެގެނެއް ނުވެއެވެ.
(ޝަރީކުން ކަމަށް) އެ މީހުން އެ ގޮވައި އުޅޭ (ސާލިހު) ބޭކަލުން، (ޚުދު) އެ ބޭކަލުންވެސް އެދެނީ އެ މީހުން ރައްބުގެ ހަޒްރަތަށް ކުއްތަންވެވޭނެ މަގެކެވެ. އެ ބޭކަލުން ކުރެ އެންމެ ގާތްވެވޭނީ ކާކަށްތޯ ބަލައެވެ. އަދި އެ އިލާހުގެ ރަހުމަތަށް އެދެއެވެ. އަދި އެ އިލާހުގެ އަޒާބަށް ބިރުގަނެއެވެ. ހަމަކަށަވަރުން ކަލޭގެފާނުގެ ރައްބުގެ އަޒާބަކީ، އެއަށް ބިރުގަންނަ އެއްޗެއް ކަމުގައިވެއެވެ.
ތިމަން އިލާހު ގިޔާމަތް ދުވަހުގެ ކުރިން ހަލާކު ނުކުރައްވާ އެއްވެސް (އަނިޔާވެރި) ރަށެއް ނުވެއެވެ. ނުވަތަ ގަދަވެގެންވާ އަޒާބަކުން އަޒާބު ނުދެއްވާ ރަށެއްވެސް ނުވެއެވެ. ފޮތުގައި (އެބަހީ: އައްލައުޙުލް މަޙްފޫޡުގައި) ލިޔުއްވާފައިވާ ކަމެއްކަމުގައި އެ ކަންތައްވިއެވެ.
އިހުއުޅުނު މީހުން މުއުޖިޒާތްތައް ދޮގުކުޅަކަން މެނުވީ، ތިމަން އިލާހު މުއުޖިޒާތްތައް ފޮނުއްވުން މަނާކުރާކަމެއް ނެތެވެ. އަދި ފާޅުވެގެންވާ މުއުޖިޒާތެއްގެ ގޮތުގައި، ޘަމޫދު ބާގައި މީހުންނަށް ޖަމަލު ދެއްވީމެވެ. ދެން އެ މީހުން އެއާމެދުގައި އަނިޔާވެރިވެގަތޫއެވެ. އަދި އިންޒާރެއް ކަމުގައި މެނުވީ ތިމަން އިލާހު މުއުޖިޒާތްތައް ނުފޮނުއްވަމެވެ.
ހަމަކަށަވަރުން ކަލޭގެފާނުގެ ރައްބުގެ ދެނެވޮޑިގަތުމާއި، ގުދުރަތްތެރިކަން، މީސްތަކުން ވަށައިލާފައިވާކަމުގައި ތިމަން އިލާހު ވަހީކުރެއްވި ހިނދު، ހަނދުމަ ކުރައްވާށެވެ. އަދި ތިމަން އިލާހު ކަލޭގެފާނަށް ދެއްކެވި ދެއްކެވުމާއި، އަދި ގުރްއާނުގައި ލައުނަތް ލައްވާފައިވާ ގަސް (އެއީ) މީސްތަކުންނަށް އިމްތިހާނެއް ކަމުގައި މެނުވީ، ތިމަން އިލާހު ނުލައްވަމެވެ. އަދި ތިމަން އިލާހު އެ މީހުންނަށް ބިރުދައްކަވައި އިންޒާރު ކުރައްވަމެވެ. ފަހެ ބޮޑުވެގެންވާ ދެކޮޅުވެރިކަން މެނުވީ، އެ ކަމުގެ ސަބަބުން، އެ މީހުންނަށް އިތުރެއް ނުވެއެވެ.
އާދަމުގެފާނަށް ތިޔަބައިމީހުން ސަޖިދަކުރާށޭ ތިމަން އިލާހު މަލާއިކަތުންނަށް ވަހީކުރެއްވި ހިނދު ހަނދުމަކުރާށެވެ. ފަހެ އިބްލީސް ފިޔަވާ، އެ މަލާއިކަތުން ސަޖިދަކުރިއެވެ. އިބްލީސް ދެންނެވިއެވެ: އިބަ އިލާހު މަށިން ހައްދަވާފައިވާ މީހަކަށް، ތިމަން ސަޖިދަކުރާނެތޯއެވެ؟
އެކަލޭގެ ދެންނެވިއެވެ: އިބަ އިލާހު ތިމަންގެ މައްޗަށް މާތްކުރެއްވި، މި އިންސާނާއާމެދު އިބަ އިލާހު އަންގަވައިދެއްވާނުތޯއެވެ؟ ގިޔާމަތަށް ދާންދެން، ތިމަން ލަހައްޓަވައި ދެއްވާފިނަމަ، ހަމަކަށަވަރުން ތިމަން އެ އިންސާނާގެ ދަރިފަސްކޮޅުގެ މަދުބަޔަކު މެނުވީ (މަގުފުރައްދައި) ނެތިކޮށްލާހުށީމެވެ.
އެ އިލާހު ވަހީކުރެއްވިއެވެ: ކަލޭގެ ހިނގައިދާށެވެ! ފަހެ އެ މީހުންގެ ތެރެއިން، ކަލޭގެއަށް ތަބާ ވެއްޖެ މީހާ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން ފުރިހަމަވެގެންވާ ޖަޒާއެއްގެ ގޮތުން، ތިޔަބައިމީހުން (އެންމެން) ގެ ޖަޒާއަކީ ނަރަކައެވެ.
އަދި އެ މީހުންގެ ތެރެއިން، ކަލޭގެއަށް ކުޅަދާނަވީ ބަޔަކު، ކަލޭގެ އަޑުން ބިރުގަންނަވައި ހެއްލުންތެރިކުރާށެވެ! އަދި ކަލޭގެ ސަވާރުންތަކާއި، ފައިމަގުގައިވާ މީހުންތައް މެދުވެރިކޮށް، އެ މީހުންގެމައްޗަށް ބާރުހިންގާށެވެ! އަދި މުދާތަކާއި، ދަރިފަސްކޮޅުތަކުގައި އެ މީހުން ބައިވެރިކުރާށެވެ! އަދި އެ މީހުންނަށް ވައުދު ކުރާށެވެ! ހެއްލުންތެރިކަމެއްމެނުވީ، ޝައިތާނާ އެ މީހުންނަކަށް ވައުދެއް ނުކުރެއެވެ.
ހަމަކަށަވަރުން ތިމަން އިލާހުގެ އަޅުންގެ މައްޗަށް ކަލޭގެއަކަށް ބާރެއް ލިބިގެނެއް ނުވެއެވެ. ވަކީލަކު ކަމުގައި، ކަލޭގެ ރައްބު ފުދެއެވެ.
ތިޔަބައިމީހުންގެ ރައްބަކީ، ތިޔަބައިމީހުންނަށް ޓަކައި، ކަނޑުގައި އުޅަނދުތައް ދުއްވާދެއްވައި އިލާހެވެ. (އެއީ) އެ އިލާހުގެ ފަޟްލުވަންތަކަމުން ތިޔަބައިމީހުން އެދުމަށެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނަށް ރަޙީމްވަންތަ އިލާހަކު ކަމުގައި، އެ އިލާހު ވޮޑިގެންވެއެވެ.
އަދި ކަނޑުމަތީގައި ތިޔަބައިމީހުންނަށް ދަތިހާލު ޖެހިއްޖެހިނދަކު، ތިޔަބައިމީހުން އެހީއަށްއެދި ގޮވާ ފަރާތްތަކުގެ ތެރެއިން، އެ އިލާހު ފިޔަވާ އެހެންހުރިހާ ފަރާތެއް ގެއްލިދެއެވެ. ފަހެ އެ އިލާހު ތިޔަބައިމީހުން ސަލާމަތް ކުރައްވާ، އެއްގަމަށް ގެންނަވައިފިހިނދު (އެ އިލާހު ފިޔަވާ) ތިޔަބައިމީހުން ފުރަގަސްދީ ހިނގައިދެއެވެ. ނިއުމަތަށް އިންކާރުކޮށް، ދެކޮޅުވެރިވާ މީހަކު ކަމުގައި އިންސާނާވިއެވެ.
ފަހެ އެ އިލާހު ތިޔަބައިމީހުންނާއެކު، ހިކިފަސްތަނުގެ ބައެއް ގަންބަވައިގެންފާނެކަމާމެދު، ނުވަތަ ތިޔަބައިމީހުންގެ މައްޗަށް ކުދި ހިލައިގެ ވާރޭ ފޮނުއްވައިފާނޭ ކަމާމެދު، ތިޔަބައިމީހުން އަމާންކަން ލިބިގަތީހެއްޔެވެ؟ ދެން ތިޔަބައިމީހުން ރައްކާތެރިކުރާނޭ މީހަކު ތިޔަބައިމީހުންނަކަށް ނުފެންނާނެއެވެ.
ނުވަތަ ތިޔަބައިމީހުން އަލުން އެ ކަނޑުގެ ތެރެއަށް ދެވަނަފަހަރަށް ފޮނުއްވައި، ތިޔަބައިމީހުންގެ މައްޗަށް، ވައިގެ ގަދަރޯޅިއެއް ފޮނުއްވައި، ދެން ތިޔަބައިމީހުން ކާފިރު ވީކަމުގެ ސަބަބުން، ތިޔަބައިމީހުން ޣަރަގު ކުރައްވާފާނެކަމާމެދު، ތިޔަބައިމީހުން އަމާންކަން ލިބިގަތީހެއްޔެވެ؟ ދެން އެ ކަމުގެ ސަބަބުން، ތިމަން އިލާހާ ދެކޮޅަށް، ނަސްރުވެރިވާނެ ފަރާތެއް ތިޔަބައިމީހުންނަކަށް ނުފެންނާނެއެވެ.
ހަމަކަށަވަރުން ތިމަން އިލާހު އާދަމުގެ ދަރިން މާތްކުރެއްވީމެވެ. އަދި އެ މީހުން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެ މީހުންނަށް ރަނގަޅު ތަކެތިން ރިޒްގު ދެއްވީމެވެ. އަދި ތިމަން އިލާހު ހެއްދެވި ތަކެތީގެ ތެރެއިން، ގިނަ ތަކެތީގެ މައްޗަށް އެ މީހުން މަތިވެރި ދަރަޖައަކަށް މާތްކުރެއްވީމެވެ.
ކޮންމެ ބަޔަކަށްމެ، އެބަޔެއްގެ އިމާމުގެ ނަމުން ތިމަން އިލާހު ގޮވައިލައްވާނޭ ދުވަސް ހަނދުމަކުރާށެވެ! ފަހެ އެ މީހެއްގެ ފަތް އެ މީހެއްގެ ކަނާތަށް ލިބިއްޖެ މީހާ (ދަންނާށެވެ.) ފަހެ އެ މީހުން، އެ މީހުންގެ ފަތް ކިޔާނެތެވެ. އަދި އެ މީހުންނަށް ކިތަންމެ ކުޑަ މިންވަރަކުންވިޔަސް، ބޭއިންސާފެއް ނުކުރައްވާނެއެވެ.
އަދި މި ދުނިޔޭގައި (ހައްގު ގޮތް ފިޔަވާ) ކަނުމީހަކު، އާޚިރަތް ދުވަހުގައިވެސް ވާނީ، ކަނުމީހެއް ކަމުގައެވެ. އޭނާ ވާހުށީ، މަގު ގެއްލިފައިވާ މީހަކު ކަމުގައެވެ.
ހަމަކަށަވަރުން ތިމަން އިލާހު، ކަލޭގެފާނަށް އިއްވެވި ވަހީ އިން ކަލޭގެފާނު އެއްކިބާކުރުމަށް، އެ މީހުން ގާތްކުރިއެވެ. (އެއީ) ތިމަން އިލާހު ކަލޭގެފާނަށް ވަހީ ނުކުރައްވާ އެއްޗެއް، ކަލޭގެފާނު ހައްދަވައިގެން ތިމަން އިލާހަށް ނިސްބަތް ކުރެއްވުމަށް (އެދި އެ ކަމަށް) ޓަކައެވެ. (އެ ކަން އެ ގޮތަށް ކުރެއްވިނަމަ) އޭރުން ހަމަކަށަވަރުން އެ މީހުން، ކަލޭގެފާނީ މިތުރަކު ކަމުގައި ހެދީހެވެ.
އަދި ތިމަން އިލާހު ކަލޭގެފާނަށް ގަދަކަންދެއްވާ، ސާބިތު ކޮށްނުދެއްވިނަމަ، ހަމަކަށަވަރުން ކަލޭގެފާނު އެ މީހުންނަށް ހިސާބަކަށް ލެނބިވަޑައިގަތުން ގާތްވީހެވެ.
އޭރުން، ދުނިޔަވީ ހަޔާތުގެ (އުގޫބާތުގެ) ދެބަޔާއި، އާޚިރަތުގެ (އުގޫބާތުގެ) ދެބައިން ހަމަކަށަވަރުން ކަލޭގެފާނަށް ތިމަން އިލާހު ރަހަ ދެއްކެވީމުހެވެ. ދެން ތިމަން އިލާހުގެ (އަޒާބު) އާ ދެކޮޅަށް، ކަލޭގެފާނަށް ނަސްރު ދޭނެ، އެއްވެސްމީހަކު، ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެއެވެ.
އަދި އެ މީހުން ހަމަކަށަވަރުން ކަލޭގެފާނަށް (އަދާވާތްތެރިވެ) އުނދަގޫކޮށް، ކަލޭގެފާނު (މައްކާގެ) ބިމުން ބޭރުކޮށްލުމަށް ގާތްކުރިއެވެ. (އެހެންވެއްޖެނަމަ) އޭރުން، ކުޑަވަގުތުކޮޅަކަށް މެނުވީ، ކަލޭގެފާނަށް ފަހު އެ މީހުންނަކަށް (އެތާކު) ނުތިބެވޭނެއެވެ.
(އެއީ) ތިމަން އިލާހުގެ ރަސޫލުންގެ ތެރެއިން ކަލޭގެފާނުގެ ކުރިން ތިމަން އިލާހު ފޮނުއްވި ރަސޫލުންނާމެދު، ކަންތައް ހިންގެވިގޮތެވެ. އަދި ތިމަން އިލާހު ކަންހިންގަވާގޮތް، އެހެން ފަރާތަކަށް އަނބުރައިލެވޭތީވެސް ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެއެވެ.
އިރު މެދުން ފިލުމުން، ރޭގަނޑުގެ އަނދިރިކަމާ ހަމައަށް، ކަލޭގެފާނު ނަމާދު ގާއިމު ކުރައްވާށެވެ. (އެބަހީ: މެންދުރު ނަމާދާއި، އަސުރު ނަމާދާއި، މަޣްރިބު ނަމާދާއި، ޢިޝާ ނަމާދު ގާއިމު ކުރައްވާށެވެ.) އަދި ފަތިސްނަމާދު ކުރައްވާށެވެ. ހަމަކަށަވަރުން ފަތިސްނަމާދަކީ، (ރޭގަނޑުގެ މަލާއިކަތުންނާއި ދުވާލުގެ މަލާއިކަތުންގެ ފަރާތްޕުޅުން) ހެކިލިބިގެންވާ ނަމާދެއް ކަމުގައިވިއެވެ.
އަދި (ފަރުޟު ފަސްނަމާދުގެ އިތުރަށް) ކަލޭގެފާނަށް ޚާއްސަ ނަމާދެއްގެ ގޮތުގައި، ރޭގަނޑުގެ ބައެއްގައި އެ ގުރްއާން ކިޔަވައިވިދާޅުވެ، ތަހައްޖުދު ނަމާދު ކުރައްވާށެވެ. އެ ކަމުން، ކަލޭގެފާނުގެ ރައްބު، ހަމްދު ލިބިގެންވާ މަގާމަކަށް ކަލޭގެފާނު ފޮނުއްވައިފާހުއްޓެވެ!
އަދި ކަލޭގެފާނު ވިދާޅުވާށެވެ. އަޅުގެ ރައްބެވެ. އިބަ އިލާހު ރުހިވޮޑިގެންވާ ގޮތުގައި މި އަޅާ ވައްދަވާނދޭވެ. އަދި އިބަ އިލާހު ރުހިވޮޑިގެންވާ ގޮތުގައި މިއަޅާ ނެރުއްވާނދޭވެ. އަދި ނަސްރު ދެނިވި ބާރެއް އިބަ އިލާހުގެ ހަޒްރަތުން މިއަޅާއަށް ލައްވާނދޭވެ.
އަދި ކަލޭގެފާނު ވިދާޅުވާށެވެ. ހައްގު ތެދުގޮތް އަތުވެއްޖެއެވެ. އަދި ބާތިލު ގޮތް ނެތި ފިލައިހިނގައްޖެއެވެ. ހަމަކަށަވަރުން ބާތިލަކީ، ނެތިވެ ފިލައިދަނިވި އެއްޗެއް ކަމުގައިވިއެވެ.
ތިމަން އިލާހު ގުރްއާނުން މުއުމިނުންނަށް ރަހުމަތާއި، ޝިފާކަމުގައިވާ ތަކެތި ބާވައިލައްވަމެވެ. އަދި އެ ގުރްއާނުން، އަނިޔާވެރިވި މީހުންނަށް ގެއްލުމެއް މެނުވީ އިތުރެއް ނުވާހުއްޓެވެ.
އަދި އިންސާނާއަށް، ތިމަން އިލާހު ނިއުމަތް ދެއްވާފިނަމަ، އަނެއްފަރާތަށް އެނބުރި ބޮޑާވެގަނެއެވެ. އަދި އޭނާއަށް ނުބައިކަމެއް ޖެހިއްޖެނަމަ، (އެ އިލާހުގެ ރަހުމަތުން) އުއްމީދު ކަނޑައިލާ މީހަކަށް ވެދެއެވެ.
ކަލޭގެފާނު ވިދާޅުވާށެވެ: ކޮންމެ މީހަކުމެ އަމަލު ކުރަމުން ދަނީ އެ މީހެއްގެ ގޮތުގެ މަތީގައެވެ. ފަހެ ބޮޑަށް ތެދުމަގުގައި ވަނީ ކާކުކަން މޮޅަށް ދެނެވޮޑިގެންވަނީ، ތިޔަބައިމީހުންގެ ރައްބެވެ.
ފުރާނައިގެ ވާހަކައިން އެ މީހުން ކަލޭގެފާނާ ސުވާލުކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ފުރާނައަކީ (ހަމައެކަނި) ތިމަންކަލޭގެފާނުގެ ރައްބުގެ ދެނެވޮޑިގަތުމުގެ ތެރެއިންވާ އެއްޗެކެވެ. އަދި ތިޔަބައިމީހުންނަށް (އެބަހީ: އިންސާނުންނަށް) އިލްމުގެ ތެރެއިން ވަރަށްކުޑަ މިންވަރެއް މެނުވީ ދެއްވާފައެއް ނުވެއެވެ.
އަދި ހަމަކަށަވަރުން ތިމަން އިލާހު އިރާދަކުރައްވާފިނަމަ، ކަލޭގެފާނަށް ތިމަން އިލާހު ވަހީކުރެއްވި ތަކެތި ގެންދަވައިފާހުށީމެވެ. ދެން އެކަމާމެދު ތިމަން އިލާހާ ދެކޮޅަށް ކަލޭގެފާނަށް އެހީތެރިވާނޭ މީހަކު، ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެއެވެ.
ނަމަވެސް، ކަލޭގެފާނުގެ ރައްބުގެ ރަހުމަތްފުޅުން (އެ ކަމެއް ނުކުރައްވައެވެ.) ހަމަކަށަވަރުން އެ އިލާހުގެ ފަޟްލުވަންތަކަން، ކަލޭގެފާނުގެ މައްޗަށް ބޮޑުވެގެންވެއެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން މި ގުރްއާނާ އެއްފަދަ އެއްޗެއް ގެނައުމަށް އިންސީންނާއި، ޖިންނީން އެއްވިނަމަވެސް، އެއާ އެއްފަދަ އެއްޗެއް އެ މީހުންނަކަށް ނުގެނެވޭނެއެވެ. އެ މީހުންގެ އެއްބަޔަކު އަނެއް ބަޔަކަށް ވާގިވެރިން ކަމުގައި ވީނަމަވެސްމެއެވެ.
ހަމަކަށަވަރުން މި ގުރްއާނުގައި ތިމަން އިލާހު މީސްތަކުންނަށް ހުރިހާ ބާވަތަކުން މިސާލު ބަޔާންކުރެއްވީމެވެ. ދެންވެސް މީސްތަކުންކުރެ ގިނަމީހުން، ދެކޮޅުވެރިވެ، ކާފިރު ވުން މެނުވީ ގަބޫލެއް ނުކުރިއެވެ.
އަދި އެ މީހުން ބުނެފިއެވެ. ކަލޭގެފާނު (މައްކާގެ) ބިމުން ތިމަންމެންނަށް ފެންއާރެއް ހިންގަވައިދެއްވާފުމަށް ދާންދެން ކަލޭގެފާނަކަށް ތިމަންމެން އީމާނެއް ނުވާނެއެވެ.
ނުވަތަ ކަލޭގެފާނަށް، ކަދުރު ރުކާއި، މޭބިސްކަދުރުގެ ބަގީޗާއެއްއޮވެ، އޭގެ މެދުން ގިނަގުނަ ކޯރުތައް ހިންގަވައިދެއްވާފުމަށް ދާންދެނެވެ.
ނުވަތަ ކަލޭގެފާނު ހީފުޅު ކުރައްވާ ފަދައިން، ތިމަންމެންގެ މައްޗަށް އެތިއެތިގަނޑަށް އުޑު ވައްޓަވައިލައްވައިފުމަށް ދާންދެން، ނުވަތަ ﷲ އާއި މަލާއިކަތުން (ތިމަންމެންނަށް) ފެންނާނެހެން ކުރިމައްޗަށް ގެނެސްދެއްވާފުމަށް ދާންދެނެވެ.
ނުވަތަ ކަލޭގެފާނަށް ރަނުން ގެއެއް ހުރެ، ނުވަތަ ކަލޭގެފާނު އުޑަށް އަރައިވަޑައިގެންފުމަށް ދާންދެނެވެ. އަދި ތިމަންމެން ކިޔަވާނޭ ފޮތެއް ތިމަންމެންނަށް ބާލުއްވައިދެއްވާފުމަށް ދާންދެން، ކަލޭގެފާނު (އުޑަށް) އަރައިވަޑައިގެންނެވިކަމަކަށް، ތިމަންމެން އީމާނެއް ނުވާނެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އަޅުގެ ރައްބުގެ ހުސްތާހިރުވަންތަކަމާއެވެ. ތިމަންކަލޭގެފާނަކީ، ރަސޫލަކު ކަމުގައިވާ އާދަމުގެ ދަރިޔަކު ކަމުގައި މެނުވީ ނުވަމެވެ.
މީސްތަކުންގެ ގާތަށް ތެދުމަގު އައި ހިނދު، ﷲ، ރަސޫލަކު ކަމުގައި އާދަމުގެ ދަރިޔަކު ފޮނުއްވީހޭ، އެ މީހުން ބުނާ ބުނުން މެނުވީ، އެ މީހުން އީމާން ވުން މަނައެއް ނުކުރެއެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. ބިމުގައި ހިންގަވައި، ދިރިއުޅުއްވަނީ މަލާއިކަތުން ކަމުގައިވީނަމަ، އެ ބޭކަލުންގެ ގާތަށް ރަސޫލަކު ކަމުގައި ތިމަން އިލާހު އުޑުން މަލާއިކަތަކު ބާވައިލެއްވީމުހެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނާއި، ތިޔަބައިމީހުންނާ ދެމެދުގައި ހެއްކަކަށް ﷲ ފުދެއެވެ. ހަމަކަށަވަރުން އެ އިލާހީ، އެ އިލާހުގެ އަޅުތަކުންގެ ޚަބަރުތައް މޮޅަށްދެނެވޮޑިގެންވާ، މޮޅަށްބައްލަވާވޮޑިގެންވާ އިލާހު ކަމުގައިވެއެވެ.
ﷲ ތެދުމަގު ދެއްކެވި މީހާ (ދަންނާށެވެ.) ފަހެ އެ މީހަކީ، ތެދުމަގު ލިބިފައިވާ މީހެކެވެ. އަދި އެ އިލާހު މަގުފުރައްދަވައިފި މީހާ (ދަންނާށެވެ.) ފަހެ އެ މީހުންނަށް އެ އިލާހު ފިޔަވާ އެހީތެރިވާނޭ ބަޔަކު ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެއެވެ. އަދި ގިޔާމަތް ދުވަހުން ތިމަން އިލާހު އެ މީހުން މޫނުވަތަށް މަހުޝަރަށް ފޮނުއްވާހުށީމެވެ. ކަނު، މަންމަން، ބީރުބަޔަކު ކަމުގައެވެ. އެ މީހުން ތިބެނިވިތަނަކީ ނަރަކައެވެ. އެ ނަރަކައިގެ ހުޅުގަނޑު ކުޑަވާ ކޮންމެފަހަރަކު، އެ މީހުންނަށް އެ ހުޅުގަނޑު އަނދައިގަތުން އިތުރު ކުރައްވަމެވެ.
އެއީ ތިމަން އިލާހުގެ އާޔަތްތަކަށް އެ މީހުން ކާފިރުވި ކަމަށް ޓަކައި އެ މީހުންނަށް ހުރި ޖަޒާއެވެ. އަދި އެ މީހުން ބުންޏެވެ. ތިމަންމެން ކަށިތަކަކަށްވެ، އަދި ފީވެ، ކުނޑިތަކަކަށްވެއްޖެހިނދު، ހަމަކަށަވަރުން އަލުން އުފެދުމަކަށް ފޮނުއްވާނޭ ބަޔަކު ކަމުގައި ތިމަންމެން ވޭހެއްޔެވެ؟
އުޑުތަކާއި، ބިން ހެއްދެވި ﷲ، އެ މީހުން ފަދަ ބަޔަކު ހެއްދެވުމަށް ކުޅަދުންވަންތަކަން، އެ މީހުންނަކަށް ނޭނގޭހެއްޔެވެ؟ އެ އިލާހު އެ މީހުންނަށްވަނީ، ވަކިމުއްދަތެއް ކަނޑައަޅުއްވާފައެވެ. އެއާމެދަކު ޝައްކެއް ނެތެވެ. ފަހެ އެ އަނިޔާވެރިވެގަތް މީހުން ދެކޮޅުވެރިކަމާއި، ކާފިރު ކަން މެނުވީ ގަބޫލެއް ނުކުރެއެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނުގެ ރައްބުގެ ރަހުމަތުގެ ޚަޒާނާތައް މިލްކުވީނަމަ، ދެންއެހާރުން، ހޭދަކޮށް، ހުސްވެދާނެކަމަށް ބިރުން ތިޔަބައިމީހުން (ހަރަދު ނުކޮށް) ހިފެހެއްޓީސްކަން ކަށަވަރެވެ. އަދި ދަހިވެތި މީހަކު ކަމުގައި އިންސާނާ ވިއެވެ.
ހަމަކަށަވަރުން ތިމަން އިލާހު ފާޅުވެ ބަޔާންވެގެންވާ ނުވަ މުއުޖިޒާތެއް، މޫސާގެފާނަށް ދެއްވީމެވެ. ފަހެ އެކަލޭގެފާނު އެ މީހުންގެ ގާތަށް ވަޑައިގަތްހިނދު (ކަންހިނގިގޮތް) އިސްރާއީލުގެ ދަރިންކުރެން ކަލޭގެފާނު އައްސަވައި ބައްލަވާށެވެ. ފަހެ ފިރްޢައުނު، އެކަލޭގެފާނަށް ދެންނެވިއެވެ: އޭ މޫސާގެފާނެވެ. ހަމަކަށަވަރުން އަހަރެންނަށް ހީވަނީ، ކަލޭގެފާނަށް ސިހުރު ޖެހިފައިވާ ކަމަށެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ: ހަމަކަށަވަރުން ބަޔާންވެގެންވާ އިބްރަތްތަކެއް ކަމުގައި މި މުއުޖިޒާތްތައް ބާވައިލެއްވީ، އުޑުތަކާއި ބިމުގެ ރައްބު ފިޔަވާ އެހެން ފަރާތެއް ނޫންކަން ކަލޭ ރަނގަޅަށް ދަންނާނެއެވެ. އޭ ފިރްޢައުނެވެ. ހަމަކަށަވަރުން އަހަރެންނަށް ހީވާގޮތުގައި، ކަލެއަކީ ހަމަ ގެއްލި ހަލާކުވެފައިވާ މީހެކެވެ.
ފަހެ އޭނާ ގަސްދުކުރީ އެ މީހުން އެ ބިމުން ބޭރުކޮށްލުމަށެވެ. ފަހެ ތިމަން އިލާހު އޭނާއާއި، އޭނާއާއެކުގައިވާ އެންމެން ޣަރަގުކުރެއްވީމެވެ.
އަދި އެއަށް ފަހުގައި، ތިމަން އިލާހު އިސްރާއީލުގެ ދަރިންނަށް އެންގެވީމެވެ. ތިޔަބައިމީހުން އެ ބިމުގައި ވަޒަންވެރިވެ އުޅޭށެވެ! ދެން ގިޔާމަތް ދުވަހުގެ ވައުދު އަތުވެއްޖެނަމަ، ތިޔަބައިމީހުން އެންމެން އެކުގައިވާ ހާލު، ހާޒިރުކުރައްވާ ހުށީމެވެ.
ތިމަން އިލާހު އެ ގުރްއާން ބާވައިލެއްވީ، ހައްގާ އެކުގައެވެ. އަދި އެ ގުރްއާން އައީ، ހައްގު ގޮތުގައެވެ. އަދި އުފާވެރި ޚަބަރު ދެއްވާ ބޭކަލަކު ކަމުގައްޔާއި، އިންޒާރުކުރައްވާ ބޭކަލަކު ކަމުގައި މެނުވީ، ތިމަން އިލާހު ކަލޭގެފާނު ނުފޮނުއްވަމެވެ.
އަދި ކަލޭގެފާނު މީސްތަކުންނަށް (ވިސްނޭނެހެން) ލަސްލަހުން ކިޔަވައި ވިދާޅުވެދެއްވުމަށް ޓަކައި، ވަކިވަކިކޮށް ތިމަން އިލާހު އެ ގުރްއާން ބާވައިލެއްވީމެވެ. އަދި ތިމަން އިލާހު އެ ގުރްއާން އެކިފަހަރުމަތިން ބާވައިލެއްވީމެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން، އެ ގުރްއާނަށް އީމާން ވާށެވެ. ނުވަތަ އީމާން ނުވާށެވެ. ހަމަކަށަވަރުން އޭގެ ކުރިން އިލްމު ލިބިގެންވާ މީހުންނަށް އެ ގުރްއާން ކިޔަވައިދެއްވާހިނދު، އެ މީހުން ސަޖިދަކުރާ ހާލު، މޫނުވަތަށް ތިރިވެއެވެ.
އަދި އެ މީހުން ބުނެއެވެ. އަޅަމެންގެ ރައްބުގެ ހުސްތާހިރުވަންތަ ކަމާއެވެ. ހަމަކަށަވަރުން ތިމަންމެންގެ ރައްބުގެ ވައުދުފުޅާ އެއްގޮތަށް ކަންތައް ވާހުށިކަން ކަށަވަރެވެ.
އަދި އެ މީހުން ރޮމުން މޫނުވަތަށް ސަޖިދަށް ތިރިވެއެވެ. އަދި އެ ގުރްއާން، އެ މީހުންނަށް މަޑުމޮޅިކަން އިތުރުކޮށްދެއެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން ﷲ (މިފަދައިން) ކިޔާށެވެ. ނުވަތަ އައްރަޙްމާން (މިފަދައިން) ކިޔާށެވެ. ތިޔަބައިމީހުން އެއިން ކޮންމެ ނަމެއް ކިޔަސް، ފަހެ އެންމެ ރިވެތިވެގެންވާ އިސްމުފުޅުތައް ލިބިގެންވަނީ އެ އިލާހަށެވެ. އަދި ކަލޭގެފާނު ނަމާދުގައި މާ އަޑުހަރުކޮށް ކިޔަވައިވިދާޅުނުވާށެވެ. އަދި އެ ނަމާދުގައި މާ މަޑުންވެސް ކިޔަވައިވިދާޅުނުވާށެވެ. އަދި އެދޭތެރޭގެ މެދުމިން މަގެއް ކަލޭގެފާނު ގަސްދު ކުރައްވާށެވެ.
އަދި ކަލޭގެފާނު ވިދާޅުވާށެވެ. ހަމްދު ހުރީ ﷲ އަށެވެ. އެ އިލާހީ، ދަރިކަލަކު ނުހިއްޕަވާ އިލާހެވެ. އަދި ވެރިކަމުގައި އެ އިލާހަށް އެއްވެސް ބައިވެރިޔަކު ނުވެއެވެ. އަދި ނިކަމެތިކަމުން ސަލާމަތްކުރާނޭ ރައްކާތެރިޔަކު އެ އިލާހަކަށް ނުމެވޭމެއެވެ. އަދި ކަލޭގެފާނު ގިނަގިނައިން އެ އިލާހަށް ތަކްބީރު ވިދާޅުވާށެވެ.