ޠާހާ

Ta-Ha

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
ޠާ ހާ. (މި އަކުރުތަކުގެ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.)
2
ތިމަން އިލާހު ކަލޭގެފާނުގެ މައްޗަށް މި ގުރްއާން ބާވައިލެއްވީ، ކަލޭގެފާނުގެ ހިތްޕުޅު ދަތިވެ، އަބާއްޖަވެރިވުމަކަށް ނޫނެވެ.
3
(ﷲ އަށް) ބިރުވެތިވާ މީހަކަށް ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ (ތިމަން އިލާހު އެ ގުރްއާން ބާވައެއް ނުލައްވަމެވެ.)
4
ބިމާއި، އުސްވެގެންވާ އުޑުތައް ހެއްދެވި އިލާހުގެ ހަޒްރަތުން ބާވައިލެއްވި ވަހީއެކެވެ.
5
އައްރަޙްމާން، ޢަރްޝުގެ މަތީގައި އިސްތިވާވެ ވޮޑިގެންވިއެވެ.
6
އުޑުތަކުގައި ވާހާ ތަކެއްޗާއި، ބިމުގައި ވާހާ ތަކެއްޗާއި، އެ ދެމެދުގައި ވާހާ ތަކެއްޗާއި، ފަސްގަނޑު ދަށުގައި ވާހާ ތަކެއްޗެއް، މިލްކުވެގެންވަނީ އެ އިލާހަށެވެ.
7
ކަލޭގެފާނު އަޑުހަރުކޮށް ބަސް ވިދާޅުވިޔަސް، ފަހެ ހަމަކަށަވަރުން އެ އިލާހީ، ސިއްރާއި އެއަށްވުރެ ވަންހަނާ ކަންތައް ދެނެވޮޑިގެންވާ އިލާހެވެ.
8
ﷲ އީ، އެ އިލާހު ފިޔަވާ (އަޅުކަންކުރުން ހައްގުވާ) އިލާހަކު ނުވާ އިލާހެވެ. އެންމެ ރިވެތި އިސްމުފުޅުތައް މިލްކުވެގެންވަނީ، އެ އިލާހަށެވެ.
9
މޫސާގެފާނުގެ ވާހަކަ، ކަލޭގެފާނާ ހަމައަށް އައިސްފައިވޭތޯއެވެ؟
10
އެކަލޭގެފާނަށް އަލިފާންގަނޑެއް ފެނިވަޑައިގެންނެވި ހިނދެވެ. ފަހެ އެކަލޭގެފާނުގެ އަހުލުވެރިންނަށް ވިދާޅުވިއެވެ: ތިޔަބައިމީހުން މިތާނގައި ތިބޭށެވެ! ހަމަކަށަވަރުން އަހަރެންނަށް އަލިފާންގަނޑެއް ފެނިއްޖެއެވެ. (އަހަރެން މިދަނީ) އެ ތަނުން ތިޔަބައިމީހުންނަށް ހުޅުކޮޅެއް ގެނެސްދެވޭތޯއެވެ. ނުވަތަ އެ އަލިފާންގަނޑުގެ ކައިރިން، އަހަރެންނަށް ކޮންމެވެސް މަގެއް ފެނޭތޯއެވެ.
11
ފަހެ އެކަލޭގެފާނު އެ އަލިފާންގަނޑުގެ ކައިރިއަށް ވަޑައިގަތްހިނދު، ނިދާ އިއްވެވިއެވެ. އޭ މޫސާގެފާނެވެ.
12
ހަމަކަށަވަރުން ތިމަން އިލާހީ، ކަލޭގެފާނުގެ ރައްބެވެ. ފަހެ ކަލޭގެފާނުގެ ފައިވާންޖޯޑުކޮޅު ބާލުއްވާށެވެ. ހަމަކަށަވަރުން ކަލޭގެފާނު ތިޔަހުންނެވީ، ޠުވާ އޭ ކިޔުނު މުގައްދަސް ވާދީގައެވެ.
13
އަދި ތިމަން އިލާހު، ކަލޭގެފާނު ޚިޔާރުކުރައްވާފީމެވެ. ފަހެ (ކަލޭގެފާނަށް) އިއްވަވާ ވަހީއަށް ކަނުލާ އައްސަވާށެވެ.
14
ހަމަކަށަވަރުން ތިމަން އިލާހީ ﷲ އެވެ. ތިމަން އިލާހު މެނުވީ، (އަޅުކަންކުރުން ހައްގުވާ) އިލާހަކު ނުވެއެވެ. ފަހެ ތިމަން އިލާހަށް ކަލޭގެފާނު އަޅުކަން ކުރައްވާށެވެ. އަދި ތިމަން އިލާހު ހަނދުމަ ކުރެއްވުމަށް ޓަކައި، ނަމާދު ގާއިމު ކުރައްވާށެވެ.
15
ހަމަކަށަވަރުން ގިޔާމަތް ވުމުގެ ވަގުތަކީ، އަންނާނޭ އެއްޗެކެވެ. ތިމަން އިލާހު އެވަގުތު ވަންހަނާ ކުރެއްވުމަށް އިރާދަކުރައްވާފައިވަނީ، ކޮންމެ ނަފްސަކަށް ވެސް، އެ ނަފްސެއް ކުރި އަމަލުގެ ޖަޒާ ލިބުމަށް ޓަކައެވެ.
16
ފަހެ އެ ދުވަހަށް އީމާން ނުވެ، އޭނާގެ ހަވާނަފްސަށް ތަބާ ވެއްޖެ މީހާ، ހަމަކަށަވަރުން އެ ކަމުން (އެބަހީ: ގިޔާމަތް ދުވަސް ހަނދުމަ ކުރެއްވުމުން) ކަލޭގެފާނު ދުރުކުރިޔަ ނުދޭހުށިކަމެވެ. އޭރުން ކަލޭގެފާނު ހަލާކުވެދާ ހުއްޓެވެ.
17
އޭ މޫސާގެފާނެވެ. ކަލޭގެފާނުގެ ކަނާތްޕުޅުގައި އެވަނީ ކޮންއެއްޗެއްތޯއެވެ؟
18
އެކަލޭގެފާނު ވިދާޅުވިއެވެ: އެއީ އަޅުގެ އަސާއެވެ. އޭގެމައްޗަށް މިއަޅާ ބުރަވެ، މިއަޅާގެ ބަކަރިތަކަށް (ކާންދިނުމަށް) އެއިން (ގަސްގަހުގެ) ފަތް ބިންނަމެވެ. އަދި އެހެން ބޭނުންތައްވެސް މިއަޅާއަށް އޭގައިވެއެވެ.
19
އެ އިލާހު ވަހީކުރެއްވިއެވެ: އޭ މޫސާގެފާނެވެ. އެ އަސާ އެއްލަވާށެވެ.
20
ފަހެ އެކަލޭގެފާނު އެ އަސާ އެއްލެވިއެވެ. ދެން އެހާރުން، ދުވެދުވެއޮތް ހަރުފައަކަށް ވެއްޖެއެވެ.
21
އެ އިލާހު ވަހީކުރެއްވިއެވެ: ކަލޭގެފާނު އެ އަސާގައި ހިއްޕަވާށެވެ. އަދި ބިރުފުޅުނުގަންނާށެވެ! އެ އަސާ، ކުރިން އޮތްގޮތަށް ތިމަން އިލާހު އިއާދަ ކުރައްވާހުށީމެވެ.
22
އަދި ކަލޭގެފާނުގެ ކިހިލިފަތްޕުޅުދަށަށް ކަލޭގެފާނުގެ އަތްތިލަފުޅު ލައްވާށެވެ. އެއްވެސް ބަލިމަޑުކަމެއްނެތި، ހުދުކޮށް (ވިދަވިދައި އޮންނަގޮތުގައި) އެ އަތްތިލަފުޅު ނުކުންނާނެއެވެ. (އެއީ) އެހެން މުއުޖިޒާތެއްގެ ގޮތުގައެވެ.
23
ތިމަން އިލާހު ބޮޑެތި މުއުޖިޒާތްތަކުގެ ތެރެއިން ބައެއް، ކަލޭގެފާނަށް ދެއްކެވުމަށް ޓަކައެވެ.
24
ފިރްޢައުނުގެ ގާތަށް ކަލޭގެފާނު ވަޑައިގަންނަވާށެވެ. ހަމަކަށަވަރުން ފުރެދުމުގައި އޭނާ ހައްދުފަހަނަޅައި ހިނގައްޖެއެވެ.
25
އެކަލޭގެފާނު ވިދާޅުވިއެވެ: އަޅުގެ ރައްބެވެ. މިއަޅާއަށްޓަކައި މިއަޅާގެ ހިތް ތަނަވަސްކޮށްދެއްވާނދޭވެ.
26
އަދި މިއަޅާގެ ކަންތައް މިއަޅާއަށް ފަސޭހަކޮށްދެއްވާނދޭވެ.
27
އަދި މިއަޅާގެ ދުލުގެ ގޮށް މޮއްސަވައިލައްވާނދޭވެ. (އެބަހީ: ދުލުގައިހުރި ދަތިގޮތް ފިލުއްވައިދެއްވާ، ދޫފަސޭހަކޮށްދެއްވާނދޭވެ.)
28
އެއީ ތިމަންކަލޭގެފާނުގެ ބަސް އެ މީހުންނަށް ވިސްނި، އެނގުމަށް ޓަކައެވެ.
29
އަދި ތިމަންކަލޭގެފާނުގެ އަހުލުވެރިންގެ ތެރެއިން ވާގިވެރިޔަކު ތިމަންކަލޭގެފާނަށް ލައްވާނދޭވެ.
30
(އެއީ) ތިމަންކަލޭގެފާނުގެ އަޚު ހާރޫނުގެފާނެވެ.
31
އެކަލޭގެފާނުގެ ސަބަބުން ތިމަންކަލޭގެފާނުގެ ބާރުގަދަ ކުރައްވާނދޭވެ.
32
އަދި ތިމަންކަލޭގެފާނުގެ ކަންތަކުގައި (އެބަހީ: ރަސޫލުކަމާއި، އެ ކަން ތަލްބީޣު ކުރެއްވުމުގެ މަސްއޫލިއްޔަތުގައި) އެކަލޭގެފާނު ބައިވެރިކުރައްވާނދޭވެ.
33
އަޅަމެން އިބަ އިލާހަށް ގިނަގިނައިން ތަސްބީހަ ދެންނެވުމަށް ޓަކައެވެ.
34
އަދި ގިނަގިނައިން އަޅަމެން އިބަ އިލާހު ހަނދުމަކުރުމަށް ޓަކައެވެ.
35
ހަމަކަށަވަރުން އަޅަމެންނާމެދު މޮޅަށް ބައްލަވާވޮޑިގެންވާ އިލާހަކު ކަމުގައި އިބަ އިލާހު ވޮޑިގެންވަމުއެވެ.
36
އެ އިލާހު ވަހީކުރެއްވިއެވެ: އޭ މޫސާގެފާނެވެ. ހަމަކަށަވަރުން ކަލޭގެފާނު އެދިވަޑައިގަންނަވާ ކަންތައް ކަލޭގެފާނަށް ދެއްވާފިއެވެ.
37
އަދި ހަމަކަށަވަރުން ތިމަން އިލާހު ކަލޭގެފާނުގެ މައްޗަށް އެހެންފަހަރަކު ދަރުވަމަންތަވެ ވޮޑިގެންވީމެވެ.
38
އިލްހާމް ކުރައްވާ އެއްޗެއް ތިމަން އިލާހު ކަލޭގެފާނުގެ މަންމާއަށް އިލްހާމްކުރެއްވިހިނދެވެ.
39
ފޮށީގެ ތެރެއަށް އެ ދަރިކަލުން ލައްވާށެވެ. އަދި (ނީލަ) ކޯރުގެ ތެރެއަށް އެ ފޮށި އެއްލައިލައްވާށެވެ. ދެން ކޯރު، އެ ފޮށި، ގޮނޑުދޮށަށް ލައްގުވާނެއެވެ. (އޭރުން) ތިމަން އިލާހުގެ އަދުއްވު، އަދި އެ ދަރިކަލުންގެ ވެސް އަދުއްވު އެ ފޮށި ނަގާނެތެވެ. އަދި ކަލޭގެފާނުގެ މައްޗަށް ތިމަން އިލާހުގެ ހަޒްރަތުން ލޯބިލެއްވީމެވެ. އެއީ ތިމަން އިލާހުގެ ބެއްލެވުމުގެ ދަށުން ކަލޭގެފާނު ބޮޑުފުޅުވުމަށެވެ.
40
ކަލޭގެފާނުގެ އުޚްތު ވަޑައިގެން ވިދާޅުވި ހިނދެވެ. (ކިރުފޮދު އަރުވައި) އެ ދަރިކަލުން ބެލެހެއްޓުމަށް ހަވާލު ވާނެ މީހަކު، ތިޔަބައިމީހުންނަށް ތިމަންދައްކަންހެއްޔެވެ؟ ފަހެ (މިގޮތުން) ތިމަން އިލާހު ކަލޭގެފާނުގެ މައިކަމަނާގެ އަރިހަށް ކަލޭގެފާނު އަނބުރާ ގެންދެވީމެވެ. އެއީ އެ ކަމަނާގެ ލޯފުޅަށް ފިނިކަން ހާސިލު ވުމަށް ޓަކައެވެ. އަދި އެ ކަމަނާ ހިތާމަނު ކުރެއްވުމަށް ޓަކައެވެ. އަދި ކަލޭގެފާނު މީހަކު ގަތުލު ކުރެއްވުމުން ލިބިވަޑައިގެންނެވި ހިތާމަފުޅުން ތިމަން އިލާހު ކަލޭގެފާނު މިންޖުކުރެއްވީމެވެ. އަދި ކަލޭގެފާނު ފުރިހަމައަށް އިމްތިހާނުކުރެއްވީމެވެ. އޭ މޫސާގެފާނެވެ. މަދްޔަންގެ އަހުލުވެރިންގެ ތެރޭގައި އަހަރުތަކެއް ވަންދެން ކަލޭގެފާނު ހުންނެވީމުއެވެ. ދެން މިންވަރުކުރައްވާފައިވާ ގޮތުގެމަތިން (މިތަނަށް) ކަލޭގެފާނު ތިޔަވަޑައިގަތީއެވެ.
41
އަދި ތިމަން އިލާހަށްޓަކައި (އެބަހީ: ވަހީއާއި ރިސާލަތު ތަބްލީޣު ކުރެއްވުމަށް ޓަކައި) ތިމަން އިލާހު ކަލޭގެފާނު ޚިޔާރުކުރެއްވީމެވެ.
42
ތިމަން އިލާހުގެ އާޔަތްތަކާއިގެން ކަލޭގެފާނާއި، ކަލޭގެފާނުގެ އަޚު ވަޑައިގަންނަވާށެވެ. އަދި ތިމަން އިލާހު ހަނދުމަ ކުރެއްވުމުގައި، ތިޔަ ދެބޭކަލުން ފަރުވާކުޑަ ނުކުރައްވާށެވެ.
43
ފިރްޢައުނުގެ ގާތަށް ތިޔަ ދެބޭކަލުން ވަޑައިގަންނަވާށެވެ. ހަމަކަށަވަރުން އޭނާ އަނިޔާވެރިވެ ހައްދުފަހަނަޅައި ހިނގައްޖެއެވެ.
44
ފަހެ މަޑުމައިތިރި ބަހުން ތިޔަދެބޭކަލުން އޭނާއަށް ބަސް ވިދާޅުވާށެވެ. (އެއީ) އޭނާ ހަނދުމަކޮށް، ނުވަތަ ބިރުވެތިވޭތޯ އެ ކަމުގެ އުއްމީދުގައެވެ.
45
އެ ދެބޭކަލުން ދެންނެވިއެވެ: އަޅަމެންގެ ރައްބެވެ. އޭނާ އަޅަމެންގެ މައްޗަށް (އުގޫބާތް ދިނުމަށް) އަވަސްވެގަނެ، ނުވަތަ އަނިޔާވެރިވެ، ހައްދުފަހަނަޅައި ހިނގައިދާނެކަމަށް، ހަމަކަށަވަރުން އަޅަމެން ބިރުގަނެއެވެ.
46
އެ އިލާހު ވަހީކުރެއްވިއެވެ: ތިޔަ ދެބޭކަލުން ބިރުފުޅު ނުގަންނާށެވެ! ހަމަކަށަވަރުން ތިމަން އިލާހު އައްސަވާވޮޑިގެން، އަދި ބައްލަވާވޮޑިގެންވާ ހާލު، ތިޔަ ދެބޭކަލުންނާ އެކުގައި ވޮޑިގެންވަމެވެ.
47
ފަހެ ތިޔަ ދެބޭކަލުން އޭނާގެ ގާތަށް ވަޑައިގެން ވިދާޅުވާށެވެ. ހަމަކަށަވަރުން ތިމަންމެންނީ ކަލޭގެ ރައްބު ފޮނުއްވި ދެ ރަސޫލުންނެވެ. ފަހެ ތިމަންމެންނާ އެކުގައި އިސްރާއީލުގެ ދަރިން ފޮނުވާށެވެ. އަދި އެ މީހުންނަށް ކަލޭ އަޒާބު ނުދޭށެވެ. ހަމަކަށަވަރުން ކަލޭގެ ގާތަށް ތިމަންމެން މި އައީ، ކަލޭގެ ރައްބުގެ ހަޒްރަތުންވާ މުއުޖިޒާތަކާއިގެންނެވެ. ތެދުމަގަށް ތަބާ ވެއްޖެ މީހަކަށް ސަލާމަތްކަން ހުއްޓެވެ.
48
ހަމަކަށަވަރުން (ﷲ ގެ ރިސާލަތް) ދޮގުކޮށް، އެނބުރި ފުރަގަސްދިން މީހެއްގެ މައްޗަށް، ހަމަކަށަވަރުން އަޒާބު ހުރިކަމަށް ތިމަންމެންނަށް ވަހީ ކުރައްވާފައިވެއެވެ.
49
އޭނާ ބުންޏެވެ. އޭ މޫސާގެފާނެވެ. ތިޔަ ދެބޭކަލުންގެ ވެރި އިލާހަކީ ފަހެ ކާކުހެއްޔެވެ؟
50
އެކަލޭގެފާނު ވިދާޅުވިއެވެ: ތިމަންމެންގެ ރައްބަކީ، ކޮންމެ އެއްޗަކަށްމެ، އެ އެއްޗެއްގެ ސިފައާއި، ޠަބީޢަތް ދެއްވާ، ދެން ތެދުމަގު ދެއްކެވި އިލާހެވެ.
51
އޭނާ ބުންޏެވެ. އިހުގެ ޖީލުތަކުގެ ކަންތައް ހުރިގޮތަކީ، ފަހެ ކޮބައިހެއްޔެވެ؟
52
އެކަލޭގެފާނު ވިދާޅުވިއެވެ: އެ ކަމުގެ އިލްމު ވަނީ، ތިމަންގެ ރައްބުގެ ހަޒްރަތުގައި ލިޔުއްވާފައެވެ. ތިމަންގެ ރައްބަށް އޮޅިވޮޑިއެއް ނުގަންނަވައެވެ. އަދި އެ އިލާހު ހަނދުމަނެތިވެ ވޮޑިއެއްވެސް ނުގަންނަވައެވެ.
53
އެ އިލާހީ، ތިޔަބައިމީހުންނަށް ތަންމައްޗެއްކަމުގައި، ބިންލެއްވި އިލާހެވެ. އަދި އެ ތާނގައި، ތިޔަބައިމީހުންނަށް މަގުތައް ދެއްކެވި އިލާހެވެ. އަދި އެ އިލާހު އުޑުން ފެންވެއްސެވިއެވެ. ދެން އެ ފެނުގެ ސަބަބުން، ތިމަން އިލާހު ފަތްޕިލާވެލީގެ ތަފާތު ބާވަތްތައް ނެރުއްވީމެވެ.
54
ތިޔަބައިމީހުން ކާށެވެ! އަދި ތިޔަބައިމީހުންގެ ނައަމްސޫފިތަކަށް ކާންދީ ހުއިހައްޕާށެވެ! ހަމަކަށަވަރުން އެކަމުގައި ބުއްދީގެ އަހުލުވެރިންނަށް ހެކިތަކެއްވާކަން ކަށަވަރެވެ.
55
ތިމަން އިލާހު ތިޔަބައިމީހުން ހެއްދެވީ އެ ބިމުންނެވެ. އަދި ތިޔަބައިމީހުން އަނބުރާ އިއާދަ ކުރައްވާނީވެސް އެ ބިމަށެވެ. އަދި ދެވަނަ ފަހަރަށް ތިޔަބައިމީހުން ނެރުއްވާނީވެސް އެ ބިމުންނެވެ.
56
ހަމަކަށަވަރުން ތިމަން އިލާހު އޭނާއަށް ތިމަން އިލާހުގެ ހުރިހާ އާޔަތްތަކެއް ދެއްކެވީމެވެ. ފަހެ އޭނާ އެ އާޔަތްތައް ދޮގުކޮށް (އީމާން ނުވެ) އެ ކަމުން މަނާވެގަތެވެ.
57
އޭނާ ބުންޏެވެ. އޭ މޫސާގެފާނެވެ. ކަލޭގެފާނު ތިމަންމެންގާތަށް ތިޔަވަޑައިގަތީ، ކަލޭގެފާނުގެ ޖާދޫގެ ބާރުން ތިމަންމެންގެ ބިމުން ތިމަންމެން ނެރުއްވުމަށް ޓަކައިތޯއެވެ؟
58
ފަހެ ހަމަކަށަވަރުން އެފަދަ ޖާދޫއެއް ކަލޭގެފާނަށް ތިމަންމެންވެސް ގެންނަހުށީމެވެ. ފަހެ ތިމަންމެންވެސް އަދި ކަލޭގެފާނުވެސް އެއްބަސްވެ ހަމަހަމަވެގެންވާ ތަނެއްގެ ގޮތުން އެ މައުޢިދަކާ ޚިލާފު ނުވާނެ މައުޢިދެއް ތިމަންމެންނާއި، ކަލޭގެފާނާ ދެމެދު ކަނޑައަޅުއްވާށެވެ.
59
އެކަލޭގެފާނު ވިދާޅުވިއެވެ: ތިޔަބައިމީހުންގެ މައުޢިދަކީ ޒީނަތްތެރިކަމުގެ (ޢީދު) ދުވަހެވެ. އަދި އިރުއަރައި އަލިވެގެން އަންނަވަގުތު، މީހުން އެއްކުރެވެން ވާނެއެވެ.
60
ދެން ފިރްޢައުނު އެނބުރި ހިނގައްޖެއެވެ. އަދި އޭނާގެ ހީލަތްތެރި ރޭވުންތައް ރާވައި، އޭނާގެ ޖާދޫގަރުން އެއްކުރުމަށް ފަހު، ދެން (އެތަނަށް) އަތުވެއްޖެއެވެ.
61
މޫސާގެފާނު އެ މީހުންނަށް ވިދާޅުވިއެވެ: ތިޔަބައިމީހުންނަށް ގެއްލުމާއި ހަލާކު ހުއްޓެވެ. ﷲ އާމެދު ތިޔަބައިމީހުން ހަދާގެން ދޮގުނުބުނާށެވެ! ފަހެ ﷲ ގެ އަޒާބުގެ ސަބަބުން، ތިޔަބައިމީހުން ހަލާކުވެ ނެތިވެހިނގައިދާނެއެވެ. އަދި ހަމަކަށަވަރުން (ﷲ އާމެދު) ދޮގުހަދައިފިމީހާ ގެއްލެނިވެ، ނިކަމެތިވެގެން ހިނގައިދާހުއްޓެވެ.
62
ދެން އެ މީހުންގެ ކަންތަކާމެދު (އެބަހީ: މޫސާގެފާނާމެދު) އެ މީހުންގެ މެދުގައި ޚިލާފުވެ ދެކޮޅުވެރިވެއްޖެއެވެ. އަދި އެ މީހުން ކުރި ސައްލާތައް (މީސްތަކުންނަށް) އެ މީހުން ސިއްރުކޮށްފިއެވެ.
63
އެ މީހުން ބުނެފިއެވެ. ހަމަކަށަވަރުން މިއީ ދެ ޖާދޫގަރުންކަން ކަށަވަރެވެ. އެ ދެ މީހުން އެދެނީ، އެ ދެ މީހުންގެ ޖާދޫގެބާރުން ތިޔަބައިމީހުންގެ ބިމުން ތިޔަބައިމީހުން ނެރެލުމަށެވެ. އަދި ތިޔަބައިމީހުންގެ ދެވަނައެއްނެތް މޮޅު ދީނާއި ގޮތް، ނެތިކޮށްލުމަށެވެ.
64
ފަހެ ތިޔަބައިމީހުންގެ ރޭވުންތައް މޮޅަށް ރާވާށެވެ. ދެން ތިޔަބައިމީހުން (ޖާދޫގަރުންނާއި ޢާއްމުންގެ މީހުން) ސަފަކަށްތިބެ އަންނާށެވެ! ހަމަކަށަވަރުން މިއަދު މޮޅުވެ، މަތިވެރިވި މީހަކަށް ކާމިޔާބު ލިބިއްޖެކަން ކަށަވަރެވެ.
65
އެ މީހުން ބުނެފިއެވެ. އޭ މޫސާގެފާނެވެ. އެހެންވިއްޔާ ފުރަތަމަ (އަސާ) އެއްލަވާނީ ކަލޭގެފާނުތޯއެވެ؟ އެހެންނޫނިއްޔާ ފުރަތަމަ އެއްލާމީހުން ކަމުގައިވާނީ ތިމަންމެންތޯއެވެ؟
66
އެކަލޭގެފާނު ވިދާޅުވިއެވެ: އަދި ކީއްހެއްޔެވެ؟ ތިޔަބައިމީހުން (ފުރަތަމަ) އެއްލާށެވެ! ފަހެ (އެ މީހުން އެއްލިހިނދު) އެހާރުން އެ މީހުންގެ ވާބުރިތަކާއި، އަސާތައް އެ މީހުންގެ ޖާދޫގެ ސަބަބުން ދުވާހެން އެކަލޭގެފާނަށް ހީފުޅުވިއެވެ.
67
ފަހެ މޫސާގެފާނުގެ ހިތްޕުޅުގައި ބިރުވެރިކަމެއް ހިނގިއެވެ.
68
ތިމަން އިލާހު ވަހީ ކުރެއްވީމެވެ: ކަލޭގެފާނު ބިރުފުޅު ނުގަންނާށެވެ! ހަމަކަށަވަރުން (ކާމިޔާބު ލިބި) އެންމެ މަތިވެރި ވާނީ ހަމަ ކަލޭގެފާނެވެ.
69
އަދި ކަލޭގެފާނުގެ ކަނާތްޕުޅުގައިވާ އެތި (އެބަހީ: އަސާ) އެއްލަވާށެވެ. އޭރުން، އެ އަސާ އެ މީހުން ހެދި ތަކެތި ކައި، ދިރުވާލައިފާނެތެވެ. ހަމަކަށަވަރުން އެ މީހުން ހެދި އެއްޗެހި ވާކަން ކަށަވަރީ (ހަމައެކަނި) ޖާދޫގަރުންގެ މަކަރު ކަމުގައެވެ. އަދި ޖާދޫގަރު ކޮންމެ އެއްޗެއް ގެނައިކަމުގައިވިޔަސް، އޭނާއަކަށް ކާމިޔާބެއް ނުވާނެއެވެ.
70
ފަހެ ޖާދޫގަރުން ސަޖިދަށް ތިރިވިއެވެ. އެ މީހުން ބުންޏެވެ. ހާރޫނުގެފާނާއި، މޫސާގެފާނުގެ ރައްބަށް ތިމަންމެން އީމާން ވެއްޖައީމުއެވެ.
71
އޭނާ (އެބަހީ: ފިރްޢައުނު) ބުންޏެވެ. ތިޔަބައިމީހުންނަށް ތިމަން އިޒުނަ ދިނުމުގެ ކުރިން، އޭނާއަށް (އެބަހީ: މޫސާގެފާނަށް) ތިޔަބައިމީހުން އީމާންވީހެއްޔެވެ؟ ހަމަކަށަވަރުން އޭނާޔަކީ ކަލޭމެންނަށް ޖާދޫ ދަސްކޮށްދިން ކަލޭމެންގެ ބޮޑުމީހާކަން ކަށަވަރެވެ. ފަހެ ހަމަކަށަވަރުން ކަލޭމެންގެ އަތްތަކާއި، ކަލޭމެންގެ ފައިތައް ތަފާތުކޮށް އަހަރެން ކަނޑާހުށީމެވެ. އަދި ކަދުރުރުކު ގަސްގަނޑުގައި ހަމަކަށަވަރުން ކަލޭމެން ސަލީބަށް އަރުވާހުށީމެވެ. އަދި ހަމަކަށަވަރުން އަހުރެމެންކުރެ ގަދަފަދަ، އަދި ދެމިހުރުންބޮޑު އަޒާބެއްދެވޭނީ ކާކަށްކަން ކަލޭމެންނަށް ނިކަންހުރެ އެނގޭހުއްޓެވެ.
72
އެ މީހުން ބުންޏެވެ. ބަޔާން ވެގެންވާ ހުއްޖަތާއި، ދަލީލުގެ ތެރެއިން ތިމަންމެންނާ ހަމައަށް އައިސްފައިވާ އެއްޗަކާއި، ތިމަންމެން ހެއްދެވި އިލާހަށްވުރެ މައްޗަކަށް ތިމަންމެން ކަލޭ އިހެއްނުކުރާހުށީމެވެ. ފަހެ ކަލޭގެ ކަނޑައަޅާގޮތަކަށް ކަނޑައަޅައި ނިންމާށެވެ! ހަމަކަށަވަރުން ކަލެއަށް ކަނޑައަޅައި ނިންމޭނީ (ހަމައެކަނި) މި ދުނިޔޭގެ ހަޔާތްގައެވެ.
73
ހަމަކަށަވަރުން ތިމަންމެންގެ ރައްބަށް ތިމަންމެން އީމާން ވެއްޖައީމުއެވެ. އެއީ އެ އިލާހު ތިމަންމެންގެ ކުށްތަކާއި، ކަލޭ ތިމަންމެންނަށް މަޖުބޫރުކުރި ޖާދޫއާމެދު، ތިމަންމެންނަށް (އަފޫކުރައްވާ) ފާފަ ފުއްސެވުމަށް ޓަކައެވެ. އަދި ﷲ އީ، އެންމެ ހެޔޮވެގެންވާ، އަދި އެންމެ ދެމިވޮޑިގެންވާ އިލާހެވެ.
74
ހަމަކަށަވަރުން އެ މީހެއްގެ ރައްބުގެ ހަޒްރަތަށް ކުށްވެރިއެއްގެ ގޮތުގައި އަންނަމީހާ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން އެ މީހަކަށްހުރީ ނަރަކައެވެ. އެ ތާނގައި އޭނާ މަރެއް ނުވާނެއެވެ. އަދި (ފުރިހަމަ ދިރުމަކުން) ނުމެދިރޭނޭމެއެވެ.
75
އަދި ހަމަކަށަވަރުން މުއުމިނެއްގެ ގޮތުގައި، ސާލިހު އަމަލުތައްކޮށް، އެ އިލާހުގެ ހަޒްރަތަށް އަތުވެއްޖެ މީހާ (ދަންނާށެވެ.) ފަހެ އެ މީހުންނަށް (އާޚިރަތުގައި) ހުރީ މަތިވެރިވެގެންވާ ދަރަޖައެވެ.
76
އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާހުރި ޢަދްނޭ ކިޔުނު ސުވަރުގެތަކެވެ. އެ ތާނގައި، އެ މީހުން ދެމިތިބެނިވި ގޮތުގައެވެ. އެއީ (ނުބައިކަންތަކުން) ތާހިރު ވެގަތް މީހާގެ ޖަޒާއެވެ.
77
ހަމަކަށަވަރުން ތިމަން އިލާހު މޫސާގެފާނަށް ވަހީ ކުރެއްވީމެވެ. ތިމަން އިލާހުގެ އަޅުންނާއިގެން ރޭގަނޑުގައި ހިންގަވައި (ބިމުން) ނުކުމެވަޑައިގަންނަވާށެވެ. އަދި އެ މީހުންނަށް ކަނޑުގައި ހިކިފައިވާ މަގެއް ހައްދަވާށެވެ. (ފިރްޢައުނުގެ ލަޝްކަރު) އަތުލައިގެންފާނެތީ، ބިރުފުޅުނުގެން ހުންނަވާ ހާލުގައެވެ. އަދި (ކަނޑުގައި ޣަރަގު ވެދާނެތީވެސް) ބިރުފުޅުނުގެން ހުންނަވާ ހާލުގައެވެ.
78
ފަހެ ފިރްޢައުނު އޭނާގެ ލަޝްކަރާއިގެން އެ މީހުންގެ ފަހަތުން ދިޔައެވެ. ދެން ކަނޑުގެ ލޮނުގަނޑު އެ ލަޝްކަރު އެކަށް ފޮރުވާލައި ނިވާކޮށްލައިފިއެވެ.
79
ފިރްޢައުނު އޭނާގެ ގައުމުގެ މީހުން މަގުފުރެއްދިއެވެ. އަދި އޭނާ (އެ މީހުންނަކަށް) ތެދުމަގެއްވެސް ނުދެއްކިއެވެ.
80
އޭ އިސްރާއީލުގެ ދަރިންނޭވެ. ހަމަކަށަވަރުން ތިމަން އިލާހު ތިޔަބައިމީހުންގެ އަދުއްވުންގެ ކިބައިން ތިޔަބައިމީހުން ސަލާމަތްކޮށްދެއްވީމެވެ. އަދި ތިމަން އިލާހު ތިޔަބައިމީހުންނަށް (އެބަހީ: މޫސާގެފާނަށް) ޠޫރު ފަރުބަދައިގެ ކަނާތްފަރާތަށް (ވަޑައިގަތުމަށް) މީޢާދެއް ކަނޑައެޅުއްވީމެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް މައްނާއި ސަލްވާ ބާވައިލެއްވީމެވެ. (ނޯޓު: މައްނަކީ ބަޔެއް މުފައްސިރުން ވިދާޅުވާގޮތުގައި ފިނިފައިބާގޮތަށް ފައިބާއެއްޗެކެވެ. އެއީ މާމުއިކަހަލަ ފޮނި އެއްޗެކެވެ. އަނެއްބައި މުފައްސިރުން ވިދާޅުވާގޮތުގައި އެއީ ގަނޑުފެނާ އެއްފަދަ މާމުޔަށްވުރެ ފޮނި، ކިރަށްވުރެ ހުދު އެއްޗެކެވެ. ސަލްވާއަކީ ބާވަތެއްގެ ދޫންޏެކެވެ.)
81
ތިމަން އިލާހު ތިޔަބައިމީހުންނަށް ދެއްވި ހަލާލު ތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ! އެކަމުގައި ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ! ފަހެ އޭރުން ތިޔަބައިމީހުންގެ މައްޗަށް ތިމަން އިލާހުގެ ކޯފާ އަތުވެދާހުއްޓެވެ. އަދި އެ މީހެއްގެ މައްޗަށް ތިމަން އިލާހުގެ ކޯފާ ހައްގުވެއްޖެ މީހާ (ދަންނާށެވެ.) ފަހެ އެ މީހަކު ވެއްޓި ހަލާކުވެ ހިނގައްޖެއެވެ.
82
ތައުބާވެ އީމާންވެ ސާލިހު އަމަލު ކޮށް، ދެން ތެދުމަގު ލިބިގެންފި މީހާއަށް ހަމަކަށަވަރުން ތިމަން އިލާހީ، ގިނަގިނައިން ފާފަ ފުއްސަވާ އިލާހުކަން ކަށަވަރެވެ.
83
އޭ މޫސާގެފާނެވެ. ކަލޭގެފާނުގެ ގައުމުގެ މީހުންނަށްވުރެ އަވަސްވެވަޑައިގެން ވަޑައިގަންނަވަންޖެހުނީ ކީއްވެގެންތޯއެވެ؟
84
އެކަލޭގެފާނު ދެންނެވިއެވެ: އެ މީހުން މިއަޅާގެ ފަހަތުން އެބައާދެތެވެ. އަޅުގެ ރައްބެވެ. އިބަ އިލާހުގެ ހަޒްރަތަށް އައުމަށް މި އަޅާ އަވަސްވެގަތީ، އިބަ އިލާހު (މިއަޅާއަށް) ރުއްސެވުން އިތުރުވުމަށް ޓަކައެވެ.
85
އެ އިލާހު ވަހީކުރެއްވިއެވެ: ފަހެ ހަމަކަށަވަރުން ތިމަން އިލާހު ކަލޭގެފާނަށް ފަހުގައި، ކަލޭގެފާނުގެ ގައުމުގެ މީހުން އިމްތިހާނުކުރެއްވީމެވެ. އަދި އައްސާމިރީ (އޭ ކިޔުނު މީހަކު) އެ މީހުން މަގުފުރެއްދިއެވެ.
86
ފަހެ މޫސާގެފާނު ކޯފާވެ، ހިތާމަ ކުރައްވާ ހާލު، އެކަލޭގެފާނުގެ ގައުމުގެ މީހުންގެ ގާތަށް އެނބުރި ވަޑައިގަތެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: އޭ އަހަރެންގެ ގައުމުގެ މީހުންނެވެ. ތިޔަބައިމީހުންގެ ރައްބު ތިޔަބައިމީހުންނަށް ރަނގަޅު ވައުދަކުން ވައުދެއް ނުކުރައްވާހެއްޔެވެ؟ ފަހެ ތިޔަބައިމީހުންގެ މައްޗަށް ޒަމާން ދިގުވެގެން ދިޔައީހެއްޔެވެ؟ ނުވަތަ ތިޔަބައިމީހުންގެ މައްޗަށް ތިޔަބައިމީހުންގެ ރައްބުގެ ހަޒްރަތުން ކޯފާއެއް އައުމަށް ތިޔަބައިމީހުން އެދެނީހެއްޔެވެ؟ އެހެނީ ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް ކުރި ވައުދާ ޚިލާފު ވެއްޖައީމުއެވެ.
87
އެ މީހުން ދެންނެވިއެވެ: ތިމަންމެން އަމިއްލަ އިޚްތިޔާރަކުން ކަލޭގެފާނަށް ކުރި ވައުދަކާ ޚިލާފެއް ނުވަމުއެވެ. އެހެނެއްކަމަކު، ގައުމުގެ މީހުންގެ ގަހަނާތަކުން ބުރަތަކެއް ތިމަންމެންނަށް އުފުލާން ޖެހުނީއެވެ. ފަހެ ތިމަންމެން އެ ގަހަނާތައް (އަލިފާންގަނޑަށް) އުކީމުއެވެ. ހަމަ އެފަދައިން އައްސާމިރީ ވެސް އުކިއެވެ.
88
ފަހެ އޭނާ އެ މީހުންނަށް ޅަ ގެރިއެއްގެ ސިފައިގައިވާ، އަދި އޭގެ އަޑުކަހަލަ އަޑެއްވާ ހަށިގަނޑެއް ނެރެދިނެވެ. ފަހެ އެ މީހުން ބުންޏެވެ. މިއީ ތިޔަބައިމީހުންގެ އިލާހެވެ. އަދި މޫސާގެފާނުގެ ވެސް އިލާހެވެ. (އެ ކަން އެންގެވުމަށް) މޫސާގެފާނު ހަނދުމަފުޅު ނެތުނީއެވެ.
89
ފަހެ އެ ބުދު އެ މީހުންނަށް ޖަވާބެއް ނުދޭކަމާއި، އެ މީހުންނަށް ގެއްލުމެއް، އަދި މަންފާއެއް ދިނުންވެސް އެއަށް މިލްކުވެގެން ނުވާކަން އެ މީހުންނަށް ނޭނގެނީހެއްޔެވެ؟
90
ހަމަކަށަވަރުން މީގެކުރިން ހާރޫނުގެފާނު އެ މީހުންނަށް ވިދާޅުވިއެވެ: އޭ އަހަރެންގެ ގައުމުގެ މީހުންނެވެ. އެ ގެރި މެދުވެރިކޮށް ތިޔަބައިމީހުން އިމްތިހާނުކުރެއްވީކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން ތިޔަބައިމީހުންގެ ރައްބަކީ، އައްރަޙްމާނެވެ. ފަހެ ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ތަބާ ވާށެވެ. އަދި ތިމަންކަލޭގެފާނުގެ އަމުރަށް ކިޔަމަންވާށެވެ.
91
އެ މީހުން ދެންނެވިއެވެ: މޫސާގެފާނު ތިމަންމެންގެ ގާތަށް އެނބުރި ވަޑައިގެންފުމަށް ދާންދެން، ތިމަންމެން އެއަށް އަޅުކަންކުރުންމަތީ ދެމިތިބޭނެއެވެ.
92
އެކަލޭގެފާނު (އެބަހީ: މޫސާގެފާނު) ވިދާޅުވިއެވެ: އޭ ހާރޫނުގެފާނެވެ. އެ މީހުން މަގުފުރެދުނުތަން ކަލޭގެފާނަށް ފެނިވަޑައިގަތް ހިނދު (ތިމަންކަލޭގެފާނު އަރިހަށް ވަޑައިގެން ޚަބަރު ދެއްވުމުން) މަނާކުރުވީ ކޮންކަމެއްހެއްޔެވެ؟
93
ކަލޭގެފާނު، ތިމަންކަލޭގެފާނު އަރިހަށް ވަޑައިނުގަތީ (ކީއްވެ)ހެއްޔެވެ؟ ފަހެ ތިމަންކަލޭގެފާނުގެ އަމުރުފުޅަށް އުރެދިވަޑައިގަތީހެއްޔެވެ؟
94
އެކަލޭގެފާނު ވިދާޅުވިއެވެ: އޭ މަންމަގެ ދަރިކަލުންނޭވެ. ތިމަންގެ ތުނބުޅީގައްޔާއި، ބޮލުގެ އިސްތަށިގަނޑުގައި ނުހިއްޕަވާށެވެ. ހަމަކަށަވަރުން އިސްރާއީލުގެ ދަރިން ބައިބައިކުރިކަމަށް ކަލޭގެފާނު ވިދާޅުވާނެތީ، ތިމަން ބިރުގަތީއެވެ. އަދި ތިމަންގެ ބަހަކަށް ކަލޭގެފާނު އިންތިޒާރެއް ނުކުރައްވަމުއެވެ.
95
އެކަލޭގެފާނު (އެބަހީ: މޫސާގެފާނު) ވިދާޅުވިއެވެ: އޭ ސާމިރީއެވެ! ފަހެ ކަލޭ އެ ގޮތަށް ކަންތައްކުރަންޖެހުނީ ކީއްވެގެންހެއްޔެވެ؟
96
އެކަލޭގެ ދެންނެވިއެވެ: އެ މީހުން ނުދެކޭ އެއްޗެއް ތިމަންނާ ދުށީމެވެ. ފަހެ ފޮނުއްވާފައިވާ މަލާއިކަތާގެ (އެބަހީ: ޖިބްރީލުގެފާނުގެ އަސްކޮޅުގެ) ފިޔަވަޅު ޖެހުނުތަނުން ފަސްމުށެއް ނެގީމެވެ. އަދި އެ ފަސްމުށް (އެ ގެރީގެ މައްޗަށް) އެއްލީމެވެ. ތިމަންގެ ނަފްސު ތިމަންނައަށް ޒީނަތްތެރި ކޮށްދިނީ އެފަދައިންނެވެ.
97
އެކަލޭގެފާނު ވިދާޅުވިއެވެ! ފަހެ ދާންއުޅޭށެވެ! ފަހެ ހަމަކަށަވަރުން (ދުނިޔޭގެ) ހަޔާތުގައި ކަލެއަށްއޮތީ (އެއްވެސް މީހެއްގައި) ބީހުމެއްނެތޭ ބުނުމެވެ. އަދި ހަމަކަށަވަރުން (އާޚިރަތުގައި) ޚިލާފު ނުވެވޭނެ މައުޢިދެއް ކަލެއަށް ވެއެވެ. އަދި ކަލޭ، އެއަށް އަޅުކަންކުރުންމަތީ ދެމިހުރި، ކަލޭގެ އިލާހަށް ބަލާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނު އޭތި އަންދައިލައްވާހުށީމެވެ. އަދި ހަމަކަށަވަރުން ކަނޑުތެރެއަށް އޭގެ އަޅިތައް ބުރުއްސައިލައްވާހުށީމެވެ.
98
ހަމަކަށަވަރުން ތިޔަބައިމީހުންގެ އިލާހަކީ ﷲ އެވެ. އެ އިލާހީ، އެ އިލާހު ފިޔަވާ (އަޅުކަންކުރުން ހައްގުވާ) އެހެން އިލާހަކު ނުވާ އިލާހެވެ. އެ އިލާހުގެ އިލްމުފުޅު ހުރިހާ އެއްޗެއްގެ މައްޗަށް ތަނަވަސްވެގެންވެއެވެ.
99
އިސްވެދިޔަ އުއްމަތްތަކުގެ ޚަބަރުތަކުން ކަލޭގެފާނަށް ތިމަން އިލާހު ކިޔައިދެއްވަނީ، އެފަދައިންނެވެ. އަދި ހަމަކަށަވަރުން ތިމަން އިލާހުގެ ހަޒްރަތުން ކަލޭގެފާނަށް ގުރްއާން ދެއްވީމެވެ.
100
އެ ގުރްއާނަށް ފުރަގަސްދީފިމީހާ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން އެ މީހަކު ގިޔާމަތް ދުވަހުން ބުރަދަންހުރި ފާފައެއް އުފުލާހުއްޓެވެ.
101
އޭގެ އަޒާބުގައި އެ މީހުން ދެމިތިބޭ ހާލުގައެވެ. އަދި ގިޔާމަތް ދުވަހުން އެ މީހުން އުފުލާ ބުރައިގެ ހުރި ނުބައިކަމާއެވެ.
102
ތާޅަފިލި ފުމެލައްވާ ދުވަހުއެވެ. އަދި އެ ދުވަހުން ކުށްވެރިން (ގެ މޫނުތައް ބިރުވެރިކަމުން) ނޫވެގެންވާ ހާލު، މަހުޝަރަށް ފޮނުއްވާހުށީމެވެ.
103
އެ މީހުންގެ މެދުގައި އެއްބަޔަކު އަނެއް ބަޔަކަށް ސިއްރު ވާހަކަ ދައްކަމުން ބުނާނެއެވެ. ތިޔަބައިމީހުން (ދުނިޔެމަތީގައި) ދިހަ ދުވަހު މެނުވީ ނުތިބެމުއެވެ.
104
އެ މީހުން (އެބަހީ: ކާފިރުން) ބުނެއުޅޭ ބަސްތައް ތިމަން އިލާހު މޮޅަށް ދެނެވޮޑިގެންވަމެވެ. އެ މީހުން ކުރެ އެންމެ ރަނގަޅު ގޮތަށް ވިސްނިމީހާ ބުނިހިނދެވެ. ތިޔަބައިމީހުން އެންމެ ދުވަހަކު މެނުވީ ނުތިބެމުއެވެ.
105
އަދި އެ މީހުން ފަރުބަދަތަކާމެދުގައި ކަލޭގެފާނާ ސުވާލުކުރެއެވެ. ފަހެ ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނުގެ ރައްބު އެ ތަކެތި ފުނޑުފުޑުކޮށްލައްވައި ބުރުއްސަވައިލައްވާނެއެވެ.
106
ފަހެ ގަހެއް ރުކެއްނެތް ހަމަބިމެއްގެ ގޮތުގައި އެ އިލާހު އެ ބިން ދޫކުރައްވާނެއެވެ.
107
އެ ބިމުން ގުދުކަމެއް ނުވަތަ އަޑިގުޑަންކަމެއް ތިބާޔަކަށް ނުފެންނާނެއެވެ.
108
އެ ދުވަހުން ގޮވައިލާމީހާއަށް އެ މީހުން ތަބާ ވާނެއެވެ. އެ ކަމަށް އެއްވެސް ގުދުކަމެއްނެތެވެ. އަދި އައްރަޙްމާނަށް (ބިރުވެތިވެ) އަޑުތައް ހިމޭންވާނެއެވެ. ފަހެ (ފިޔަވަޅުގެ އަޑުކަހަލަ) މަޑު އަޑެއް މެނުވީ ތިބާޔަކަށް ނީވޭނެއެވެ.
109
އައްރަޙްމާން އެ މީހަކަށް އިޒުނަ ދެއްވާ، އަދި އެ މީހަކުގެ ބަހަށް ރުހިވޮޑިގެންފިމީހަކަށް މެނުވީ، އެ ދުވަހުން ޝަފާއަތްތެރިވުމުގެ މަންފާއެއް ނުކުރާނެތެވެ.
110
އެ މީހުންގެ ކުރިމަތީގައިވާ ކަންތަކާއި، އެ މީހުންގެ ފަހަތުގައިވާ ކަންތައްތައް އެ އިލާހު ދެނެވޮޑިގެންވެއެވެ. އަދި އެ މީހުންނަކަށް އެ ކަންތައްތަކެއް އެނގިގެނެއް ނުވެއެވެ.
111
ދިރިދެމިވޮޑިގެންވާ، ދާއިމަށް ގާއިމު ވެވޮޑިގެންވާ އިލާހަށްޓަކައި، މޫނުތައް ދެރަވެ ނިކަމެތިވެއްޖެއެވެ. އަދި (ޝިރުކުގެ) އަނިޔާވެރިކަން އުފުލައިގެން އަންނަމީހާ، ނާކާމިޔާބުވެއްޖެކަން ކަށަވަރެވެ.
112
އަދި މުއުމިނަކު ކަމުގައިވާ ހާލު، ސާލިހު އަމަލުތައް ކުރާމީހާ (ދަންނާށެވެ.) ފަހެ އަނިޔާއެއް ލިބިދާނެކަމަކަށް އަދި ހައްގެއް އުނިވެދާނެކަމަކަށް ވެސް އޭނާ ބިރެއް ނުގަންނާނެއެވެ.
113
އަދި ހަމަ އެފަދައިން، އަރަބި ބަހުންވާ ގުރްއާނެއްކަމުގައި ތިމަން އިލާހު އެ ފޮތް ބާވައިލެއްވީމެވެ. އަދި އެ ފޮތުގައި ތިމަން އިލާހު ވައީދުތައް ތަފްސީލު ކޮށްބަޔާންކުރެއްވީމެވެ. (އެއީ) އެ މީހުން ބިރުވެތިވެ، ތަގުވާވެރިވުމަށް ޓަކައެވެ. ނުވަތަ އެ މީހުންނަށް ހަނދާންކޮށްދީ، އިބްރަތް ލިބިދިނުމަށެވެ.
114
ފަހެ ރަސްވަންތަ، ހައްގުވަންތަ ﷲ މަތިވެރިވެ ވޮޑިގެންވެއެވެ. ކަލޭގެފާނަށް ވަހީ ބާވައިލައްވައި ނިމުމުގެކުރިން ކަލޭގެފާނު އެ ގުރްއާން ކިޔަވައިވިދާޅުވުމަށް އަވަސްވެވަޑައި ނުގަންނަވާށެވެ. އަދި ކަލޭގެފާނު ވިދާޅުވާށެވެ. އަޅުގެ ރައްބެވެ. މިއަޅާއަށް އިލްމު އިތުރުކޮށްދެއްވާނދޭވެ.
115
ހަމަކަށަވަރުން މީގެކުރިން ތިމަން އިލާހު އާދަމުގެފާނަށް ވަސިއްޔަތް ކުރައްވާ، އަހުދު ހިއްޕެވީމެވެ. ފަހެ އެކަލޭގެފާނު (އެ އަހުދު) ހަނދުމަނެތުނެވެ. އަދި އެކަލޭގެފާނުގެ ކިބައިން އެއްވެސް އަޒުމަކާއި، ސާބިތުކަމެއް ތިމަން އިލާހު ދެކެވޮޑިއެއް ނުގަންނަވަމެވެ.
116
އާދަމުގެފާނަށް ތިޔަބައިމީހުން ސަޖިދަކުރާށޭ ތިމަން އިލާހު މަލާއިކަތުންނަށް ވަހީކުރެއްވި ހިނދު، ހަނދުމަކުރާށެވެ! ފަހެ އިބްލީސް ފިޔަވާ އެ މަލާއިކަތުން ސަޖިދަކުރެއްވިއެވެ. އެކަލޭގެ އެ ކަމުން މަނާވެގަތެވެ.
117
ފަހެ ތިމަން އިލާހު ވަހީ ކުރެއްވީމެވެ. އޭ އާދަމުގެފާނެވެ. ހަމަކަށަވަރުން މިއީ ކަލޭގެފާނާއި، ކަލޭގެފާނުގެ އަނބިކަނބަލުންނަށްހުރި އަދާވާތްތެރިޔެކެވެ. ފަހެ އެކަލޭގެ ތިޔަ ދެކަނބަލުން ސުވަރުގެއިން ނެރެލިޔަނުދެއްވާހުށިކަމެވެ. އޭރުން ކަލޭގެފާނު ދަތިތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފާނެތެވެ.
118
ހަމަކަށަވަރުން ކަލޭގެފާނަކަށް އެ ތާނގައި ބަނޑުހައިވުމެއްނުވެއެވެ. އަދި އުނުއޮރިޔާންވުމެއްވެސް ނުމެވޭމެއެވެ.
119
އަދި ހަމަކަށަވަރުން ކަލޭގެފާނަށް އެ ތާނގައި ކަރުހިއްކުމެއް ނުލިބޭނެއެވެ. އަދި ކަލޭގެފާނަށް އަވީގެ ހޫނެއްވެސް ނުމެވާނެމެއެވެ.
120
ފަހެ ޝައިތާނާ އެކަލޭގެފާނަށް ވަސްވާސްދީ ބުންޏެވެ. އޭ އާދަމުގެފާނެވެ. (އެ ގަހުން ފަރިއްކުޅުއްވައިފިނަމަ، ކަލޭގެފާނު އަބަދަށް ދެމިހުންނަވާނެ) ޝަޖަރަތުލް ޚުލްދި ގަހާއި، ފަނާވެގެންނުދާނޭ ވެރިކަމެއް، ކަލޭގެފާނަށް ތިމަން ދައްކަންތޯއެވެ؟
121
ފަހެ އެ ދެކަނބަލުން އެ ގަހުން ފަރިއްކުޅުއްވިއެވެ. ދެން އެ ދެކަނބަލުންގެ އައުރަ، އެ ދެކަނބަލުންނަށް ފާޅުވިއެވެ. އަދި ސުވަރުގޭގެ ފަތްތަކުން އައުރަ ނިވާކުރައްވަން ފެއްޓެވިއެވެ. އަދި އާދަމުގެފާނު އެކަލޭގެފާނުގެ ރައްބަށް އުރެދިވަޑައިގަތެވެ. ފަހެ އެކަލޭގެފާނުގެ މަގުސަދު ހާސިލު ނުވެ މަގުގެއްލުނެވެ.
122
ދެން އެކަލޭގެފާނުގެ ރައްބު، އެކަލޭގެފާނު ޚިޔާރުކުރެއްވިއެވެ. ފަހެ އެކަލޭގެފާނުގެ މައްޗަށް ތައުބާ ލައްވައި ތެދުމަގު ދެއްކެވިއެވެ.
123
އެ އިލާހު ވަހީކުރެއްވިއެވެ: ތިޔަދެކަނބަލުން އެކުގައި ސުވަރުގެއިން (ބިމަށް) ފައިބައިވަޑައިގަންނަވާށެވެ. ތިޔަބައިމީހުންގެ އެއްބަޔަކު އަނެއް ބަޔަކަށް އަދާވާތްތެރިން ކަމުގައިވާ ހާލުގައެވެ. ފަހެ ތިމަން އިލާހުގެ ހަޒްރަތުން ތިޔަބައިމީހުންނަށް ތެދުމަގެއް އަތުވެއްޖެނަމަ، ދެން ތިމަން އިލާހުގެ ތެދުމަގަށް ތަބާ ވެއްޖެ މީހާ (ދަންނާށެވެ.) ފަހެ އެ މީހަކު މަގުފުރެދިގެނެއް ނުދާނެއެވެ. އަދި އަބާއްޖަވެރިއެއްވެސް ނުމެވާނޭމެއެވެ.
124
އަދި ތިމަން އިލާހުގެ ގުރްއާނަށް ފުރަގަސްދީފިމީހާ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން އެ މީހަކަށްއޮތީ، ދަތި ދިރިއުޅުމެކެވެ. އަދި ގިޔާމަތް ދުވަހުން އެ މީހަކު ކަނުމީހެއްގެ ގޮތުގައި މަހުޝަރަށް ފޮނުއްވާހުށީމެވެ.
125
އެ މީހާ ދަންނަވާނެއެވެ. އަޅުގެ ރައްބެވެ. ކަނުމީހެއްގެ ގޮތުގައި މިއަޅާ މަހުޝަރަށް ފޮނުއްވީ ކީއްވެތޯއެވެ؟ ހަމަކަށަވަރުން ލޮލަށްފެންނަ މީހަކު ކަމުގައި (ދުނިޔެމަތީގައި) މިއަޅާވީމެވެ.
126
އެ އިލާހު ވަހީ ކުރައްވާނެއެވެ. ހަމަ އެފަދައިން ތިމަން އިލާހުގެ އާޔަތްތައް ކަލެޔާ ހަމައަށްއައެވެ. ފަހެ އެ އާޔަތްތައް ކަލޭ ހަނދާން ނައްތައިލީމުއެވެ. ހަމަ އެފަދައިން، މިއަދު ކަލޭގެމަތިން ހަނދާން ނައްތައިލެވޭނެއެވެ. (އެބަހީ: ﷲ ގެ ރަހުމަތުން މަހްރޫމު ކޮށްލެވޭނެއެވެ.)
127
އަދި (އުރެދުމުގައި) ހައްދުފަހަނަޅައިގޮސް، އަދި އޭނާގެ ރައްބުގެ އާޔަތްތަކަށް އީމާން ނުވިމީހާއަށް، ތިމަން އިލާހު ޖަޒާދެއްވަނީ އެފަދައިންނެވެ. އަދި ހަމަކަށަވަރުން އާޚިރަތުގެ އަޒާބު މާގަދައެވެ. އަދި ދެމިހުރުން މާ ބޮޑުމެއެވެ.
128
ފަހެ އެ މީހުންގެ ކުރިން ތިމަން އިލާހު ކިތައްކިތައް އުއްމަތް ހަލާކުކުރެއްވިކަން އެ މީހުންނަށް ބަޔާން ވެގެން ނުވޭހެއްޔެވެ؟ އެ މީހުންގެ ގޮވަތިގެދޮރުހުރި ތަންތާނގައި، އެ މީހުން ހިނގައިއުޅޭ ހާލުގައެވެ. ހަމަކަށަވަރުން އެކަމުގައި ބުއްދީގެ އަހުލުވެރިންނަށް ހެކިތަކެއްވާކަން ކަށަވަރެވެ.
129
ކަލޭގެފާނުގެ ރައްބުގެ ހަޒްރަތުން (އެ މީހުންނަށް އަޒާބު ލަސް ކުރެއްވުމުގެ) ކަލިމަ ފުޅެއް އިސްވެގޮސްފައި ނުވާނަމަ، އަދި ކަނޑައެޅިގެންވާ މުއްދަތެއް ނުވާނަމަ (އެ މީހުންނަށް ދުނިޔެމަތީގައި) އަޒާބު ދެއްވުން ލާޒިމް ވެއްޖައީހެވެ.
130
ފަހެ އެ މީހުން ބުނާބަސްތަކަށް ކަލޭގެފާނު ކެތް ކުރައްވާށެވެ. އަދި އިރުއެރުމުގެ ކުރީގައްޔާއި އަދި އިރުއޮއްސުމުގެ ކުރީގައި، ކަލޭގެފާނުގެ ރައްބަށް ހަމްދާއެކު ތަސްބީހަ ވިދާޅުވާށެވެ. (އެބަހީ: ނަމާދު ކުރައްވާށެވެ.) އަދި ރޭގަނޑުގެ ވަގުތުތަކުން ބައެއްގައްޔާއި، ދުވާލުގެ ދެކޮޅުގައި ކަލޭގެފާނު ތަސްބީހަ ވިދާޅުވާށެވެ. (އެބަހީ: ނަމާދު ކުރައްވާށެވެ.) އެއީ ކަލޭގެފާނު ރުހިވަޑައިގަތުމަށް ޓަކައެވެ. (ނޯޓު: މި އާޔަތުގައި ފަރުޟު ފަސްނަމާދުގެ ވަގުތުތައް ބަޔާން ވެގެންވާ ކަމުގައި މުފައްސިރުން ލިޔުއްވާފައިވެއެވެ.)
131
އަދި އެ މީހުންގެ ތެރެއިން ބަޔަކަށް ދުނިޔަވީ ހަޔާތުގެ ޒީނަތްތެރިކަމުގެ ގޮތުން ތިމަން އިލާހު އެ ތަކެއްޗާމެދު އެ މީހުން އިމްތިހާނު ކުރެއްވުމަށް ޓަކައި، ދެއްވި ތަކެއްޗަށް އެދިވަޑައިގެން، ކަލޭގެފާނު ނުބައްލަވާށެވެ. ކަލޭގެފާނުގެ ރައްބު ދެއްވަވާ ތަކެތި ހެޔޮކަން ބޮޑެވެ. އަދި ދެމިހުރުން މާ ބޮޑުމެއެވެ.
132
އަދި ކަލޭގެފާނުގެ އަހުލުވެރިންނަށް ނަމާދުކުރުމަށް އަމުރުކުރައްވާށެވެ. އަދި އެ ކަމުގެ މައްޗަށް ކެތްތެރިވެ ވަޑައިގަންނަވާށެވެ. ތިމަން އިލާހު، ކަލޭގެފާނުގެ ކިބައިން ރިޒްގަކަށް އެދިވޮޑިއެއް ނުގަންނަވަމެވެ. ކަލޭގެފާނަށް ރިޒުގު ދެއްވަނީ ތިމަން އިލާހެވެ. އަދި ހެޔޮ ނިމުން ވަނީ ތަގްވާވެރިކަމަށެވެ.
133
އެ މީހުން ބުންޏެވެ. އެކަލޭގެފާނުގެ ރައްބުގެ ހަޒްރަތުން އެކަލޭގެފާނު ތިމަންމެންނަށް މުއުޖިޒާތެއް ނުގެންނަވަނީ ކީއްވެގެންހެއްޔެވެ؟ ފަހެ (އެ މީހުން އެހެންބުނާއިރު) ކުރީގެ ފޮތްތަކުގައި ބަޔާން ވެގެންވާ ހެކިތައް އެ މީހުންނާ ހަމަޔަކަށް ނާދޭހެއްޔެވެ؟
134
އޭގެ ކުރިން (އެބަހީ: ގުރްއާން ބާވައިލެއްވުމުގެ، ނުވަތަ މުޙައްމަދުގެފާނު ފޮނުއްވުމުގެ ކުރިން) ހަމަކަށަވަރުން ތިމަން އިލާހު އަޒާބުން އެ މީހުން ހަލާކުކުރެއްވިނަމަ، އެ މީހުން ބުނީސްކަން ކަށަވަރެވެ. އަޅަމެންގެ ރައްބެވެ. އިބަ އިލާހު އަޅަމެންގެ ގާތަށް ރަސޫލަކު ނުފޮނުއްވެވީ ކީއްވެގެންތޯއެވެ؟ ފަހެ އޭރުން ތިމަންމެން ދެރަވެ ހަލާކުވުމުގެ ކުރީގައި އިބަ އިލާހުގެ އާޔަތްތަކަށް ތަބާ ވީމުހެވެ.
135
ކަލޭގެފާނު ވިދާޅުވާށެވެ. ކޮންމެމީހަކީވެސް (އެ މީހަކަށް އަތުވެދާނެ ކަންކަމާމެދު) އިންތިޒާރުކުރާ މީހެކެވެ. ފަހެ ތިޔަބައިމީހުންވެސް އިންތިޒާރުކުރާށެވެ! ފަހެ ސީދާވެގެންވާ ތެދުމަގުގެ އަހުލުވެރިންނަކީ އަދި ހިދާޔަތް ލިބިގެންވާ މީހުންނަކީ، ކޮބައިކަން، ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެއެވެ.