އައްނޫރު

An-Nur

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
(މިއީ) ސޫރަތެކެވެ. ތިމަން އިލާހު، އެ ސޫރަތް ބާވައިލެއްވީ، އަދި އެ ސޫރަތުގައިވާ ކަންތައްތައް ކަނޑައަޅުއްވާ ފަރުޟުކުރެއްވީ، އަދި ފާޅުވެ ބަޔާން ވެގެންވާ ހެކިތައް ތިމަން އިލާހު އެ ސޫރަތުގައި ބާވައިލެއްވީ، ތިޔަބައިމީހުން ހަނދުމަކުރުމަށް ޓަކައެވެ.
2
ޒިނޭކުރާ އަންހެނާއާއި، ޒިނޭކުރާ ފިރިހެނާއާއި ދެ މީހުންކުރެ ކޮންމެ މީހަކުގެ ގައިގައި، ސަތޭކަ އެތިފަހަރުން (ޙައްދު) ޖަހާށެވެ! އަދި ﷲ އަށާއި އާޚިރަތް ދުވަހަށް ތިޔަބައިމީހުން އީމާންވާ ކަމުގައިވަނީ ނަމަ، ﷲ ގެ ދީނުގައި އެ ދެ މީހުންނާމެދު އޯގާވެރިކަމެއް ތިޔަބައިމީހުން ނުބަހައްޓާހުށިކަމެވެ. އަދި އެ ދެ މީހުންނަށް ދެވޭ އުގޫބާތް، މުއުމިނުންގެ ބަޔަކު ދެކޭހުށިކަމެވެ.
3
ޒިނޭކުރާ ފިރިހެނާ، ޒިނޭކުރާ އަންހެނަކާ، ނުވަތަ ޝަރީކުކުރާ އަންހެނަކާ ނޫނީ ނުއިންނާނެއެވެ. އަދި ޒިނޭކުރާ އަންހެނާ (ދަންނާށެވެ.) ޒިނޭކުރާ ފިރިހެނަކު ނުވަތަ ޝަރީކުކުރާ ފިރިހެނަކު ނޫނީ އެ ކަނބުލޭގެއަކާ ނުއިންނާނެއެވެ. އަދި މުއުމިނުންގެ މައްޗަށް އެ ކަން ހަރާމް ކުރައްވާފައިވެއެވެ. (ނޯޓު: މި އާޔަތުގައިވާ ހުކުމް ވަނީ މި ސޫރަތުގެ ތިރީސް ދެވަނަ އާޔަތުން ނަސްޚު ވެފައިކަމަށް އިލްމުވެރިން ދެކެވަޑައިގަންނަވައެވެ.)
4
އިއްފަތްތެރި އަންހެނުންނަށް ގަޒްފުކުރާ މީހުން (އެ ކަމުގެ މައްޗަށް) ހަތަރު ހެކިން ނުގެނައިނަމަ، ފަހެ އެ މީހުންގެގައިގައި އަށްޑިހަ އެތިފަހަރުން (ޙައްދު) ޖަހާށެވެ! އަދި ދުވަހަކުވެސް އެ މީހުންގެ ހެކިބަހެއް ތިޔަބައިމީހުން ގަބޫލު ނުކުރާށެވެ! އަދި އެ މީހުންނީ، ހަމަ، ފާސިގުންނެވެ.
5
އެއަށް ފަހު ތައުބާވެ (އަމަލުތައް) އިސްލާހު ކޮށްފިމީހުން މެނުވީއެވެ. ފަހެ ހަމަކަށަވަރުން ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ އިލާހެވެ.
6
އަދި އެ މީހުންގެ އަމިއްލަ ނަފްސުތައް މެނުވީ ހެކިދޭބަޔަކު އެ މީހުންނަށް ލިބިގެންނުވާ ހާލު، އެ މީހުންގެ އަނބީންނަށް ގަޒްފުކުރާ މީހުން (ދަންނާށެވެ.) ފަހެ އެއިން ކޮންމެ މީހަކު، ﷲ ގަންދީ ހަތަރު ހުވައިން ހުވާކުރުން ހުއްޓެވެ. ހަމަކަށަވަރުން އޭނާއީ ތެދުވެރިންގެ ތެރެއިންވާ މީހަކު ކަމަށެވެ.
7
އަދި ފަސްވަނަ ހުވާކުރުން ހުއްޓެވެ. އޭނާއީ ދޮގުވެރިންގެ ތެރެއިންވާ މީހަކު ކަމުގައިވާނަމަ، ހަމަކަށަވަރުން ﷲ ގެ ލައުނަތް އޭނާގެ މައްޗަށް ހުރިކަމަށެވެ.
8
ހަމަކަށަވަރުން އޭނާއީ ދޮގުވެރިންގެ ތެރެއިންވާ މީހެއްކަމަށް ﷲ ގަންދީ އެ ކަނބުލޭގެ ހަތަރުހުވައިން ހުވާކުރުމުން، އެ ކަނބުލޭގެ ކިބައިން އުގޫބާތް (އެބަހީ: ޙައްދު ޖެހުން) ކެނޑޭނެތެވެ.
9
އަދި ފަސްވަނަ ހުވާކުރުން ހުއްޓެވެ. އޭނާއަކީ ތެދުބުނާ މީހުންގެ ތެރެއިންވާ މީހަކު ކަމުގައިވާނަމަ، ހަމަކަށަވަރުން ﷲ ގެ ކޯފާ އެ ކަނބުލޭގެ މައްޗަށް ހުރިކަމަށެވެ.
10
އަދި ﷲ ގެ ފަޟްލުވަންތަކަމާއި، އެ އިލާހުގެ ރަހުމަތްވަންތަކަން ތިޔަބައިމީހުންގެ މައްޗަށް ނުވާނަމައެވެ. (އެބަހީ: އެ އިލާހުގެ ރަހުމަތްވަންތަކަން ނުވާނަމަ، ތިޔަބައިމީހުން ފަޟީޙަތް ކުރައްވާ ހަލާކު ކުރައްވާފީހެވެ.) އަދި ހަމަކަށަވަރުން ﷲ އީ، ގިނަގިނައިން ތައުބާ ގަބޫލު ކުރައްވާ، ޙަކީމްވަންތަ އިލާހެވެ.
11
ހަމަކަށަވަރުން ބޮޑުވެގެންވާ ދޮގުވާހަކައާއިގެން އައި މީހުންނަކީ، ތިޔަބައިމީހުންގެ ތެރެއިންވާ ބަޔަކު މީހުންނެވެ. އެއީ ތިޔަބައިމީހުންނަށްހުރި ނުބައެއްކަމުގައި ތިޔަބައިމީހުން ހީނުކުރާށެވެ! އަދި ކިއެއް! އެއީ ތިޔަބައިމީހުންނަށްހުރި ހެވެކެވެ. އެ މީހުން ކުރެ ކޮންމެމީހަކަށްމެ، ފާފައިގެ ތެރެއިން އެ މީހަކު ހޯދައިގަތްކަމެއް ވެއެވެ. އަދި އެ މީހުންގެ ތެރެއިން އެ ކަމުގެ ބޮޑުބައި ލިބިގަތްމީހާ (ދަންނާށެވެ.) އޭނާއަށް ބޮޑުވެގެންވާ އަޒާބު ހުއްޓެވެ.
12
އެވާހަކަ އިވުނު ހިނދު، މުއުމިނު ފިރިހެނުންނާއި، މުއުމިނު އަންހެނުން އެ މީހުންގެ އަމިއްލަ ނަފްސުތަކާމެދުގައި ހެޔޮކޮށް ހީނުކުޅައީ ކީއްވެގެން ބާވައެވެ؟ އަދި މިއީ، ބަޔާންވެ ފާޅުވެގެންހުރި ބޮޑުދޮގެކޭ ނުބުނީ ކީއްވެގެން ބާވައެވެ؟
13
އެ ކަމުގެ މައްޗަށް އެ މީހުން ހަތަރުހެކިން ނުގެނައީ ކީއްވެގެންހެއްޔެވެ؟ ފަހެ އެ މީހުން (އެ ކަން ދެނެހުރި) ހެކިން ނުގެނައިހިނދު، ފަހެ ﷲ ގެ ހަޒްރަތުގައި އެ މީހުންނީ ހަމަ ދޮގުހަދާ މީހުންނެވެ.
14
ދުނިޔެއާއި، އާޚިރަތުގައި ތިޔަބައިމީހުންގެ މައްޗަށް ﷲ ގެ ފަޟްލުވަންތަކަމާއި، އެ އިލާހުގެ ރަހުމަތްވަންތަކަން ނެތްނަމަ، ތިޔަބައިމީހުން ދައްކަމުން ގެންދިޔަ ވާހަކަތަކާމެދު، ބޮޑުވެގެންވާ އަޒާބެއް، ތިޔަބައިމީހުންގައި ބީހިއްޖައީސްކަން ކަށަވަރެވެ.
15
ތިޔަބައިމީހުންގެ ދޫތަކުން އެ ވާހަކަތައް ލިބިގަންނަމުންދިޔަ ހިނދުގައެވެ. އަދި ތިޔަބައިމީހުންނަށް އެކަމާމެދު އެނގުމެއްނުވާ ކަންތަކުގެ ވާހަކަ، ތިޔަބައިމީހުންގެ އަނގަތަކުން ބުނަމުއެވެ. އަދި ﷲ ގެ ހަޒްރަތުގައި އެ ކަންތައް ބޮޑުކަމެއްކަމުގައިވާ ހާލު، އެއީ ކުޑަ ކަމެއްކަމުގައި ތިޔަބައިމީހުން ހީކުރަމުއެވެ.
16
ތިޔަބައިމީހުންނަށް އެވާހަކަ އަޑުއިވުނު ހިނދު (މިހެން) ތިޔަބައިމީހުން ނުބުނީ ކީއްވެގެންހެއްޔެވެ؟ މިވާހަކަ ދެއްކުމަކީ ތިމަންމެން ކޮށްގެންވާނެ ކަމެއް ނޫނެވެ. އިބަ އިލާހުގެ ހުސްތާހިރުވަންތަކަމާއެވެ. މިއީ ބޮޑުވެގެންވާ ބުހުތާނު ދޮގެކެވެ.
17
ތިޔަބައިމީހުންނީ މުއުމިނުން ކަމުގައިވާނަމަ، އެފަދަކަމަކަށް ދުވަހަކުވެސް އެނބުރި ނުދިޔުމަށް ﷲ ތިޔަބައިމީހުންނަށް ވައުޒު އިއްވަވައެވެ.
18
އަދި ﷲ ތިޔަބައިމީހުންނަށް ޓަކައި އާޔަތްތައް ބަޔާން ކޮށްދެއްވައެވެ. ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ، ޙަކީމްވަންތަ އިލާހެވެ.
19
ހަމަކަށަވަރުން އީމާންވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، އަމަލު ފެތުރިގެންދިޔުމަށް ލޯބިކުރާ މީހުން (ދަންނާށެވެ.) ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި އަޒާބު އެ މީހުންނަށް ހުއްޓެވެ. އަދި ﷲ ދެނެވޮޑިގެންވެއެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެއެވެ.
20
އަދި ތިޔަބައިމީހުންގެ މައްޗަށް ﷲ ގެ ފަޟްލުވަންތަކަމާއި، އެ އިލާހުގެ ރަހުމަތްވަންތަކަން ނުވާނަމަ، އަދި ހަމަކަށަވަރުން ﷲ އީ، ނުހަނު އޯގާވަންތަ، ރަޙީމްވަންތަ އިލާހު ކަމުގައި ނުވާނަމަ (ތިޔަބައިމީހުންގެ މައްޗަށް ވަގުތުން އަޒާބު ފޮނުއްވައިފީހެވެ.)
21
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުން ޝައިތާނާގެ ފިޔަވަޅުތަކަށް ތަބާ ނުވާށެވެ. އަދި ޝައިތާނާގެ ފިޔަވަޅުތަކަށް ތަބާ ވާމީހާ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން އެ ޝައިތާނާ ހުތުރުކަންބޮޑު ފާފައާއި، ނުބައިކަންތަކަށް އަމުރުކުރެއެވެ. އަދި ﷲ ގެ ފަޟްލުވަންތަކަމާއި، އެ އިލާހުގެ ރަހުމަތްވަންތަކަން ތިޔަބައިމީހުންގެ މައްޗަށް ނުވާނަމަ، ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް، ދުވަހަކުވެސް ފާފަތަކުން ތާހިރުވެ ސާފެއްނުވީހެވެ. އެހެނެއްކަމަކު، ﷲ، އެ އިލާހު އިރާދަކުރައްވާ މީހަކު ތާހިރުކުރައްވާ، ސާފު ކުރައްވައެވެ. ﷲ އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
22
ތިޔަބައިމީހުންގެ ތެރެއިން ދީލަތިކަމާއި، ތަނަވަސްކަމުގެ ވެރިން، ގާތްތިމާގެ މީހުންނަށާއި، މިސްކީނުންނަށާއި، ﷲ ގެ މަގުގައި ހިޖުރަކުރި މީހުންނަށް، ނުދިނުމަށް ހުވާނުކުރާހުށިކަމެވެ. އަދި އެ މީހުން އަފޫ ކޮށްމާފުކުރާހުށިކަމެވެ. ﷲ ތިޔަބައިމީހުންނަށް ފާފަ ފުއްސެވުމަކަށް ތިޔަބައިމީހުން ނޭދެމުހެއްޔެވެ؟ ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ އިލާހެވެ.
23
ހަމަކަށަވަރުން އިއްފަތްތެރި، ޣަފްލަތު ތެރި (އެބަހީ: ފާފަކުރުމުގެ ޚިޔާލު ވެސްނެތް) މުއުމިނު އަންހެނުންނަށް ގަޒްފުކުރާ މީހުންނަށް، ދުނިޔެއާއި، އާޚިރަތުގައި ލައުނަތް ލައްވާފައިވެއެވެ. އަދި އެ މީހުންނަށް ބޮޑުވެގެންވާ އަޒާބު ހުއްޓެވެ.
24
އެ މީހުންގެ މައްޗަށް އެ މީހުންގެ ދޫތަކާއި، އަތްތަކާއި ފައިތައް، އެ މީހުން ކޮށްއުޅުނު ކަންތައްތަކާމެދު ހެކިވާ ދުވަހުންނެވެ.
25
އެ ދުވަހުން ﷲ، އެ މީހުންނަށް، އެ މީހުންގެ ހައްގު ޖަޒާ ހަމައަށް ދެއްވާނެއެވެ. އަދި ހަމަކަށަވަރުން ﷲ އީ، ބަޔާން ވެގެންވާގޮތުގައި، ހަމަ ހައްގުވަންތަ އިލާހުކަން އެ މީހުންނަށް އެނގޭނެއެވެ.
26
ނުބައި އަންހެނުން ނުބައި ފިރިހެނުންނަށެވެ. ނުބައި ފިރިހެނުން ނުބައި އަންހެނުންނަށެވެ. ރަނގަޅު އަންހެނުން ރަނގަޅު ފިރިހެނުންނަށެވެ. ރަނގަޅު ފިރިހެނުން ރަނގަޅު އަންހެނުންނަށެވެ. އެ މީހުން (އެބަހީ: ނުބައިމީހުން) ބުނާ ބުނުންތަކުން އެ މީހުން (އެބަހީ: ރަނގަޅުމީހުން) ބަރީއަވެގެންވެއެވެ. ފާފަ ފުއްސެވުމާއި، ދީލަތިވެގެންވާ ރިޒްގު އެ މީހުންނަށް ހުއްޓެވެ.
27
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުންގެ ގެތައް ނޫން އެހެން ގެތަކަށް އެ ގެތަކުގެ އަހުލުވެރިންނަށް ސަލާމް ކޮށްއިޒުނަ ލިބިގެންފުމަށްދާންދެން ނުވަންނާށެވެ! އެ ގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. (އެއީ) ތިޔަބައިމީހުން ހަނދުމަކުރުމަށް ޓަކައެވެ.
28
ފަހެ އެ ގެތަކުން ތިޔަބައިމީހުންނަށް އެކަކުވެސް ނުފެނުނުނަމަ، ތިޔަބައިމީހުންނަށް އިޒުނަ ދެވިއްޖައުމަށްދާންދެން އެ ގެތަކަށް ތިޔަބައިމީހުން ނުވަންނާށެވެ! އަދި ތިޔަބައިމީހުން އެނބުރި ހިނގައިދާށޭ ތިޔަބައިމީހުންނަށް ބުނެވިއްޖެނަމަ، ފަހެ ތިޔަބައިމީހުން އެނބުރި ހިނގައިދާށެވެ! އެ ގޮތް ތިޔަބައިމީހުންނަށް ސާފުކަންބޮޑެވެ. ﷲ އީ، ތިޔަބައިމީހުންކުރާ ކަންތައް، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
29
އެ ގެތަކުގައި ތިޔަބައިމީހުންނަށް ބޭނުމެއްވާ، އަދި މީހުންނޫޅޭ ގެތަކަށް ތިޔަބައިމީހުން ވަނުމަކުން، ތިޔަބައިމީހުންގެ މައްޗަކަށް ކުށެއް ނެތެވެ. އަދި ތިޔަބައިމީހުން ފާޅުކުރާ ކަންތަކާއި، ވަންހަނާކުރާ ކަންތައް ﷲ ދެނެވޮޑިގެންވެއެވެ.
30
މުއުމިނު ފިރިހެނުންނަށް، އެ މީހުންގެ ބެލުންތައް ތިރިކުރުމަށާއި، އެ މީހުންގެ ފަރުޖުތައް ރައްކާތެރި ކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ. އެ ގޮތް އެ މީހުންނަށް ޓަކައި، ތާހިރު ކަން ބޮޑެވެ. ހަމަކަށަވަރުން ﷲ އީ، އެ މީހުން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
31
އަދި މުއުމިނު އަންހެނުންނަށް އެ ކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެ ކަނބަލުންގެ ފަރުޖުތައް ރައްކާތެރި ކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ. އަދި އެ ކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވާ (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވާ) އެ ކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ. އަދި އެ ކަނބަލުންގެ ބުރުގާތައް، އެ ކަނބަލުންގެ ކަރުވަޅުތަކުގައި އަޅައިނިވައިކުރާހުށިކަމެވެ. އަދި އެ ކަނބަލުންގެ ފިރިންނަށް، ނުވަތަ އެ ކަނބަލުންގެ ބަފައިންނަށް، ނުވަތަ އެ ކަނބަލުންގެ ފިރިންގެ ބަފައިންނަށް، ނުވަތަ އެ ކަނބަލުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެ ކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށް، ނުވަތަ އެ ކަނބަލުންގެ އަޚުންނަށް، ނުވަތަ އެ ކަނބަލުންގެ އަޚުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެ ކަނބަލުންގެ އުޚްތުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެ ކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް، ނުވަތަ އެ ކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރި ކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް، ނުވަތަ އަންހެނުންގެ އައުރަތައް ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެ ކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ. އަދި އެ ކަނބަލުންގެ (ގަހަނާއާއި) ޒީނަތުގެ ތެރެއިން، ވަންހަނާވެފައިވާ ތަކެތި އެންގުމަށް ޓަކައި، ފައިތިލަތަކުން (ބިމުގައި) އެ ކަނބަލުން ނުތަޅާހުށިކަމެވެ. އޭ މުއުމިނުންނޭވެ. ތިޔަބައިމީހުން އެންމެން ﷲ އަށް ތައުބާ ވާށެވެ. (އެއީ) ތިޔަބައިމީހުން ކާމިޔާބުވޭތޯއެވެ.
32
އަދި ތިޔަބައިމީހުންގެ ތެރެއިން މީހުނާ ނުއިނދެތިބޭ މީހުން، ތިޔަބައިމީހުން (މީހުނާ) ދެވާށެވެ. އަދި ތިޔަބައިމީހުންގެ ފިރިހެން އަޅުންނާއި، އަންހެން އަޅުންގެ ތެރެއިން ހެޔޮލަފާ މީހުންވެސްމެއެވެ. އެ މީހުންނީ، ފަގީރުން ކަމުގައިވާނަމަ، އެ އިލާހުގެ ފަޟްލުވަންތަކަމުން، އެ އިލާހު އެ މީހުން މުއްސަނދިކުރައްވާފާނެތެވެ. ﷲ އީ، ތަނަވަސްވަންތަ، މޮޅަށްދެނެވޮޑިގެންވާ އިލާހެވެ.
33
އަދި ކާވެނިވުމުގެ މަގެއް ނުފެންނަ މީހުން އިއްފަތްތެރިވެ ތިބޭހުށިކަމެވެ. ﷲ، އެ އިލާހުގެ ފަޟްލުވަންތަކަމުގެ ތެރެއިން، އެ މީހުން މުއްސަނދިކުރައްވާ، އެ ކަން ފުއްދަވާ ދެއްވާފުމަށް ދާންދެނެވެ. އަދި ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންގެ ތެރެއިން މިނިވަންވުމުގެ ލިޔުން އެދޭ މީހުންނާމެދު، (ދަންނާށެވެ.) ފަހެ އެފަދަ ލިޔުން ތިޔަބައިމީހުން އެ މީހުންނަށް ލިޔެދޭށެވެ! އެ މީހުންގެ ކިބައިން ހެޔޮގޮތެއް ތިޔަބައިމީހުންނަށް އެނގިއްޖެނަމައެވެ. އަދި ތިޔަބައިމީހުންނަށް ދެއްވާފައިވާ ﷲ ގެ މުދަލުން، ތިޔަބައިމީހުން އެ މީހުންނަށްދޭށެވެ! އަދި އެ ކަނބަލުން އިއްފަތްތެރިވެ ރައްކާތެރިވެ ތިބުމަށް ގަސްދު ކޮށްގެން ތިބޭނަމަ، ދުނިޔޭގެ ދިރިއުޅުމަށް ހޯދާ މުދަލެއް އެދިގަތުމުގެ ގޮތުން ތިޔަބައިމީހުންގެ ޒުވާން އަންހެން އަޅުން، ޒިނޭކުރުމުގެ މައްޗަށް މަޖުބޫރު ނުކުރާށެވެ! އެ ކަނބަލުންނަށް، އެ ކަމަށް މަޖުބޫރުކުރާމީހާ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން އެ ކަނބަލުން މަޖުބޫރު ވެވުމަށް ފަހު، ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ އިލާހެވެ.
34
ހަމަކަށަވަރުން ތިޔަބައިމީހުންނަށް ބަޔާން ކޮށްދެނިވި އާޔަތްތަކާއި، ތިޔަބައިމީހުންގެ ކުރިން އިސްވެދިޔަމީހުންގެ މިސާލާއި، ތަގުވާވެރިވެ، ބިރުވެތިވާ މީހުންނަށް ވައުޒުގެ ބަސްފުޅުތައް، ތިމަން އިލާހު ބާވައިލެއްވީމެވެ.
35
ﷲ އީ އުޑުތަކާއި ބިމުގެ ނޫރެވެ. އެ އިލާހުގެ ނޫރުފުޅުގެ މިސާލަކީ، އެއްފަރާތުން އަނެއްފަރާތަށް ފޫވެއްޓިފައިނުވާ، އާނގެއްގެ މިސާލެވެ. އެ އާނގުގެ ތެރޭގައި، ބައްތިއެއްވެއެވެ. އެ ބައްތިވަނީ ބިއްލޫރިގަނޑެއްގެ ތެރޭގައެވެ. އެ ބިއްލޫރިގަނޑު، ރަންމުތުގެ ތަރިއެއްފަދައެވެ. އެ ބައްތި ދިއްލެނީ، ބަރަކާތްތެރި ޒައިތޫނި ގަހަކުންނެވެ. އިރުމަތީގެ ގަހެއް ނޫނެވެ. ހުޅަނގުގެ ގަހެއްވެސް ނުމެނޫންމެއެވެ. އެ ގަހުގެ ތެޔޮ، އޭގައި އަލިފާން ނުބީހުނަސް އަލިކުރާން ގާތްވެފައިވެއެވެ. ނޫރުގެ މައްޗަށްވާ ނޫރެވެ. އަދި ﷲ އިރާދަ ކުރެއްވި މީހަކަށް، އެ އިލާހުގެ ނޫރުފުޅަށް މަގުދައްކަވައެވެ. އަދި ﷲ މީސްތަކުންނަށް މިސާލުތައް ޖައްސަވައިދެއްވައެވެ. ﷲ އީ ކޮންމެ ކަމެއްމެ މޮޅަށްދެނެވޮޑިގެންވާ އިލާހެވެ.
36
އެ ތަންތާނގައި، އެ އިލާހުގެ ނަންފުޅު ހަނދުމަކުރުމަށާއި، އެ ތަންތަން މަތިވެރިކޮށް އުފުލުމަށް، ﷲ އިޒުނަ ދެއްވާފައިވާ ގެތަކެއްގައެވެ. (އެބަހީ: މިސްކިތްތަކެއްގައެވެ.) ހެނދުނާއި ހަވީރު، އެ ތާނގައި އެ އިލާހަށް ތަސްބީހަ ކިޔައި އުޅެތެވެ.
37
އެއީ ފިރިހެނުންތަކެކެވެ. (އެބަހީ: ތަސްބީހަ ކިޔައި ނަމާދުކޮށް އުޅެނީ ފިރިހެނުންތަކެކެވެ.) ވިޔަފާރިއެއް ނުވަތަ އެހެންއެއްވެސް ވިއްކުމެއް ﷲ ގެ މަތިން ހަނދުމަކުރުމުންނާއި، ނަމާދު ގާއިމުކުރުމުންނާއި، ޒަކާތް ދިނުމުން، އެ މީހުން މަޝްޣޫލު ކޮށްދުރުކޮށެއް ނުލަތެވެ. އެ ދުވަހެއްގައި، ހިތްތަކާއި، ލޯތައް އެފުށްމިފުށަށް އެނބުރިއުޅޭ ދުވަހަށް، އެ މީހުން ބިރުވެތިވެއެވެ.
38
އެ މީހުން އަމަލުކުރި އެންމެހެޔޮގޮތަށް، ﷲ އެ މީހުންނަށް ހެޔޮ ޖަޒާ ދެއްވުމަށް ޓަކައެވެ. އަދި އެ އިލާހުގެ ފަޟްލުވަންތަކަމުގެ ތެރެއިން، އެ މީހުންނަށް އިތުރުކޮށްދެއްވުމަށް ޓަކައެވެ. ﷲ، އެ އިލާހު އިރާދަކުރައްވާ މީހަކަށް، ވަކި މިންވަރެއްނެތި ރިޒްގު ދެއްވައެވެ.
39
ކާފިރުވި މީހުން (ދަންނާށެވެ.) އެ މީހުންގެ އަމަލުތައްވަނީ، ތަނަވަސް ހުސްބިމެއްގައިވާ އަވާމެންދުރެއް ފަދައިންނެވެ. އަނގަހިއްކައިގެންފައިވާ މީހާ، އެއީ ފެންކަމަށް ހީކުރެއެވެ. އޭނާ އޭގެކައިރިއަށް އަތުވެއްޖެ ހިނދު، އޭނާއަށް (އޭނާ ހީކުރި) އެއްޗެއް ނުފެނުނެވެ. އަދި އޭނާއަށް އެ ތަނުން ފެނުނީ، ﷲ ގެ ނިޔާފުޅެވެ. ފަހެ އެ މީހާގެ ހިސާބު، އެ އިލާހު އެ މީހާއަށް ހަމައަށް ދެއްވައެވެ. ﷲ އީ، ހިސާބު ބެއްލެވުން އަވަސްވެވޮޑިގެންވާ އިލާހެވެ.
40
ނުވަތަ ފުން ކަނޑެއްގައިވާ އަނދިރިތަކެއްފަދައެވެ. އެ ކަނޑުގައި ފެތުރިފައިވަނީ، މަތިމައްޗަށް ހުންނަ ރާޅުތަކެވެ. އޭގެމަތިން ވިލާތައްވެއެވެ. މަތިމައްޗަށްހުރި އަނދިރިތަކެކެވެ. އެ މީހާގެ އަތް ނެރުނަސް، އެ ފެންނާންވެސް ގާތްނުވެއެވެ. ފަހެ އެ މީހަކަށް ﷲ އަލިކަމެއްލައްވާފައި ނުވާމީހާ (ދަންނާށެވެ.) ފަހެ އެ މީހާއަށް އެއްވެސް އަލިކަމެއް ނުވެއެވެ.
41
ހަމަކަށަވަރުން ﷲ އަށް، އުޑުތަކާއި، ބިމުގައި ވާހާ ބަޔަކު، އަދި ދޫނިސޫފާސޫފިތައް އެ ތަކެތީގެ ފިޔަތައް ދަމާލައިގެން އުދުހިއުދުހި ތިބޭ ހިނދު، އެ އިލާހަށް ތަސްބީހަ ކިޔަކިޔައި ތިބޭކަން ކަލޭގެފާނަށް އެނގިވަޑައިނުގަންނަވަނީތޯއެވެ؟ ކޮންމެ އެއްޗަކަށްމެ، އެ އެއްޗެއްގެ އަޅުކަމާއި، އެ އެއްޗެއްގެ ތަސްބީހަ އެނގިފައިވެއެވެ. ﷲ އީ، އެ މީހުން ކުރާ ކަންތައް މޮޅަށްދެނެވޮޑިގެންވާ އިލާހެވެ.
42
އަދި އުޑުތަކާއި، ބިމުގެ ވެރިކަންވަނީ، ﷲ އަށެވެ. އަދި (އެންމެހާ ތަކެތި) ރުޖޫއަ ވުން ވަނީ، ﷲ ގެ ހަޒްރަތަށެވެ.
43
ހަމަކަށަވަރުން ﷲ، ވިލާ ހިންގަވާތީ ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟ ދެން އެ ވިލާތައް އެއް ކުރައްވައެވެ. ދެން މަތިމައްޗަށް ހުންނަ ވިލާތަކެއްކަމުގައި ލައްވައެވެ. ފަހެ އެ ވިލާތަކުގެ ތެރެއިން، ވާރޭ ނުކުމެގެން އަންނާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. އަދި އުޑުގައިވާ، ފަރުބަދަތައް ފަދަ ބިޔަ ވިލާތަކުން، އެ އިލާހު ގަނޑުފެން ވެއްސަވައެވެ. ފަހެ އެ އިލާހު އިރާދަކުރައްވާ މީހެއްގެ ގައިގައި އެ ޖައްސަވައެވެ. އަދި އެ އިލާހު އިރާދަކުރައްވާ މީހެއްގެ ކިބައިން އެ، ދުރު ކުރައްވައެވެ. އޭގެ ވިދުވަރުގެ އަލިގަދަކަމުން، ލޯތަކުގެ ފެނުން ގެންދިޔުމާ ގާތްކުރެއެވެ.
44
ﷲ، ރޭދުވާ ބަދަލު ކުރައްވައެވެ. ހަމަކަށަވަރުން ބުއްދީގެ އަހުލުވެރިންނަށް އެކަމުގައި، އިބްރަތެއްވާކަން ކަށަވަރެވެ.
45
އަދި ދިރޭކޮންމެ އެއްޗެއް، ﷲ، ފެނުން ހައްދަވާފައިވެއެވެ. ފަހެ ބަނޑުލައިލޫދެމުން ހިނގާ ތަކެތި އޭގެ ތެރެއިންވެއެވެ. އަދި ދެފައިން ހިނގާ ތަކެތިވެސް އޭގެ ތެރެއިންވެއެވެ. އަދި ހަތަރެސްފައިން ހިނގާ ތަކެތިވެސް އޭގެ ތެރެއިންވެއެވެ. ﷲ، އެ އިލާހު އިރާދަކުރައްވާ އެއްޗެއް ހައްދަވައެވެ. ހަމަކަށަވަރުން ﷲ އީ، ކޮންމެ ކަމެއްގެ މައްޗަށްމެ ކުޅަދުންވަންތަ އިލާހެވެ.
46
ހަމަކަށަވަރުން ބަޔާން ކޮށްދެނިވި އާޔަތްތަކެއް ތިމަން އިލާހު ބާވައިލެއްވީމެވެ. އަދި ﷲ، އެ އިލާހު އިރާދަކުރައްވާ މީހަކަށް ސީދާވެގެންވާ ތެދުމަގަށް މަގުދައްކަވައެވެ.
47
އެ މީހުން ބުނެއެވެ. ﷲ އަށާއި، ރަސޫލާއަށް ތިމަންމެން އީމާން ވެއްޖައީމުއެވެ. އަދި ތިމަންމެން ކިޔަމަންވެއްޖައީމުއެވެ. ދެން އެއަށް ފަހު، އޭގެ ތެރެއިން ބަޔަކުމީހުން ފުރަގަސްދީ، ހިނގައިދެތެވެ. އަދި އެ މީހުން މުއުމިނުން ކަމުގައެއް ނުވެއެވެ.
48
އަދި އެ މީހުންގެ މެދުގައި ހުކުމް ކުރެއްވުމަށް، ﷲ އާއި އެ އިލާހުގެ ރަސޫލާގެ އަރިހަށް އައުމަށް، އެ މީހުންނަށް ގޮވައިލައްވައިފިނަމަ، އެހާރުން އެ މީހުންގެ ތެރެއިން ބަޔަކު، އެނބުރި ފުރަގަސްދޭ ބަޔަކު ކަމުގައިވެއެވެ.
49
އަދި ހައްގު ލިބެންވަނީ، އެ މީހުންނަށް ކަމަށްވާނަމަ، ރުހުމާއެކު، ކިޔަމަންތެރިކަމުގައި، އެކަލޭގެފާނުގެ އަރިހަށް އެ މީހުން އާދެތެވެ.
50
އެ މީހުންގެ ހިތްތަކުގައި ބައްޔެއް ވަނީހެއްޔެވެ؟ ނުވަތަ އެ މީހުން (އެކަލޭގެފާނުގެ ނަބީކަމާމެދު) ޝައްކުކުރީހެއްޔެވެ؟ ނުވަތަ ﷲ އާއި އެ އިލާހުގެ ރަސޫލާ، އެ މީހުންނަށް ބޭއިންސާފު ކުރައްވާފާނެކަމަށް، އެ މީހުން ބިރުގަންނަނީހެއްޔެވެ؟ އަދި ކިއެއް! އެ މީހުންނީ، ހަމަ އަނިޔާވެރިންނެވެ.
51
އެ މީހުންގެ މެދުގައި، ހުކުމް ކުރެއްވުމަށް ﷲ އާއި އެ އިލާހުގެ ރަސޫލާގެ އަރިހަށް އައުމަށް، އެ މީހުންނަށް ގޮވައިލައްވައިފިހިނދަކު، މުއުމިނުންގެ ބަހެއްކަމުގައިވާކަން ކަށަވަރީ، ތިމަންމެން އަހައިފީމުއޭ، އަދި ތިމަންމެން ކިޔަމަންވެއްޖައީމުއޭ، އެ މީހުން ބުނުމެވެ. އަދި އެ މީހުންނަކީ ހަމަ ކާމިޔާބުވާނެ މީހުންނެވެ.
52
އަދި ﷲ އާއި އެ އިލާހުގެ ރަސޫލާއަށް ކިޔަމަންވެ، އަދި ﷲ އަށް ބިރުވެތިވެ، އެ އިލާހަށް ތަގުވާވެރިވާ މީހާ (ދަންނާށެވެ.) ފަހެ އެ މީހުންނީ ހަމަ ނަސީބު ލިބިގެންވާ މީހުންނެވެ.
53
އަދި ކަލޭގެފާނު، އެ މީހުންނަށް (އެބަހީ: މުނާފިގުންނަށް) އަމުރުކުރައްވާފިނަމަ، ހަމަކަށަވަރުން އެ މީހުން (ހަނގުރާމައަށް) ނުކުންނާނެކަމަށް އެ މީހުންގެ އެންމެ ގަދަ ހުވައިން ﷲ ގަންދީ ހުވާކުރާނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން ހުވާނުކުރާށެވެ! (ބޭނުމީ) އެނގި ފާޅުވެގެންވާ ކިޔަމަންގަތުމެކެވެ. ހަމަކަށަވަރުން ﷲ އީ، ތިޔަބައިމީހުންކުރާ އަމަލުތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
54
ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން ﷲ އަށް ކިޔަމަންވާށެވެ. އަދި ތިޔަބައިމީހުން ރަސޫލާއަށް ވެސް ކިޔަމަންވާށެވެ. ފަހެ އެ މީހުން ފުރަގަސްދީ ހިނގައްޖެނަމަ، ފަހެ އެކަލޭގެފާނުގެ މައްޗަށް އޮތްކަން ކަށަވަރީ އެކަލޭގެފާނާ މަތިކުރެއްވި ކަންތަކެވެ. (އެއީ ރަސޫލުކަން އިއްވެވުމެވެ.) އަދި ތިޔަބައިމީހުންގެ މައްޗަށްއޮތީ ތިޔަބައިމީހުންނާ މަތިކުރެއްވި ކަންތަކެވެ. (އެއީ އީމާންވެ ކިޔަމަންގަތުމެވެ.) އަދި ތިޔަބައިމީހުން އެކަލޭގެފާނަށް ކިޔަމަންވާނަމަ ތިޔަބައިމީހުންނަށް ތެދުމަގު ލިބޭނެއެވެ. ބަޔާން ވެގެންވާ އިއްވެވުން މެނުވީ ރަސޫލާގެ މައްޗަކަށް ނުވެއެވެ.
55
ތިޔަބައިމީހުންގެ ތެރެއިން އީމާންވެ ސާލިހު އަމަލުތައްކޮށް އުޅުނު މީހުން، ހަމަކަށަވަރުން އެ މީހުން ބިމުގައި ޚަލީފާވެރިކުރައްވާނެ ކަމަށް ﷲ ވައުދުކުރެއްވިއެވެ. އެއީ އެ މީހުންގެ ކުރިން އުޅުނު މީހުން ވެސް ޚަލީފާވެރި ކުރެއްވިފަދައިންނެވެ. އަދި އެ މީހުންނަށް ޓަކައި އެ އިލާހު ރުއްސެވި އެ މީހުންގެ ދީން، އެ މީހުންނަށް ޓަކައި ހަރުލައްވައި ބާރުވެރިކުރައްވާނެކަން ކަށަވަރެވެ. އަދި އެ މީހުންގެ ބިރުވެރިކަމަށް ފަހު، އަމާންކަމަކަށް އެ މީހުން ބަދަލު ކުރައްވާނެކަން ކަށަވަރެވެ. އެ މީހުން ތިމަން އިލާހަށް އެއްވެސް އެއްޗެއް ޝަރީކު ނުކޮށް، ތިމަން އިލާހަށް އަޅުކަން ކުރާނެއެވެ. އެއަށް ފަހު ކާފިރު ވެއްޖެ މީހާ (ދަންނާށެވެ.) ފަހެ އެ މީހުންނީ ހަމަ ފާސިގުންނެވެ. ކަލޭމެންގެ ތެރެއިން އީމާންވެގެން صالح عمل ކުރިމީހުން ބިމުގައި خَلِيْفَة ވެރިކުރުވާނެކަމަށް ﷲ (ކަލޭމެނަށް) وعد ކުރެއްވިއެވެ. އެއީ އިސްވެދިޔަ އެބާވަތުގެ މީހުންވެސް ބިމުގައި خليفة ވެރިކުރެއްވިފަދައިންނެވެ. އަދި އެމީހުންނަށްޓަކައި ﷲ ރުހިވޮޑިގަންނަވާ دين އެމީހުންނަށް އެކަލާނގެ ހަމަޖައްސަވައިދެއްވައި އަދި އެމީހުން ބިރުވެރިކަމަށްފަހު އަމާންކަމަށް އެކަލާނގެ އެމީހުން ބަދަލުކުރައްވާހުއްޓެވެ. އެއީ އެމީހުން ތިމަންރަސްކަލާނގެއަށް އަޅުކަންކޮށް އަދި ތިމަންރަސްކަލާނގެއާއި އެކައްޗަކާވެސް شريك ނުކޮށްތިބޭ حال ގައެވެ. އަދި އޭގެފަހުގައި ކާފަރުވެއްޖެ މީހުން ދަންނައެވެ. ކަނޑައެޅިގެން އެމީހުންނަކީ فاسق ންނެވެ. ކިޔަމަނުން ނުކުމެގެންވާ މީހުންނެވެ.
56
ތިޔަބައިމީހުން ނަމާދު ގާއިމުކުރާށެވެ! އަދި ޒަކާތް ދޭށެވެ! އަދި ރަސޫލާއަށް ކިޔަމަންވާށެވެ. (އެއީ) ތިޔަބައިމީހުންނަށް ރަހުމަތް ލައްވާތޯއެވެ.
57
ކާފިރުވި މީހުންނަށް، ބިމުގައި ﷲ ނުކުޅައްދައިލެވޭނެކަމަށް ހަމަކަށަވަރުން ކަލޭގެފާނު ހީފުޅު ނުކުރައްވާހުށިކަމެވެ. އަދި އެ މީހުން ތިބެނިވި ތަނަކީ ނަރަކައެވެ. ހަމަކަށަވަރުން އެއީ ހާދަހާ ނުބައިވެގެންވާ ނިމިދިއުމެކެވެ.
58
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނާއި، ތިޔަބައިމީހުންކުރެ ބާލިޣު ވުމުގެ އުމުރު އާހަމައަށް ނުފޯރާ ކުޑަކުދިންވެސް، ތިންވަގުތެއްގައި ތިޔަބައިމީހުންގެ ކިބައިން އިޒުނަ ލިބިގަންނަހުށިކަމެވެ. އެއީ ފަތިސްނަމާދުގެ ކުރިންނާއި، މެންދުރުވަގުތު ތިޔަބައިމީހުންގެ ފޭރާން ލުއިކޮށްގެންތިބޭ ވަގުތުގައްޔާއި، ޢިޝާ ނަމާދުގެ ފަހުންނެވެ. (އެއީ) ތިޔަބައިމީހުން ނިވައިވެތިބޭ ތިންވަގުތެކެވެ. އެވަގުތުތަކަށް ފަހު، ތިޔަބައިމީހުންގެ މައްޗަކަށް ވެސް، އަދި އެ މީހުންގެ މައްޗަކަށް ވެސް (ވަދެނުކުމެ އުޅުމުގައި) ކުށެއް ނެތެވެ. (އެ މީހުންނީ) ތިޔަބައިމީހުންގެ އެއްބަޔަކު ތިބޭތަނަކަށް އަނެއް ބަޔަކު ވަދެނުކުމެއުޅޭ ބަޔެކެވެ. އެފަދައިން ﷲ، ތިޔަބައިމީހުންނަށް އާޔަތްތައް ބަޔާން ކޮށްދެއްވައެވެ. އަދި ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ ޙަކީމްވަންތަ އިލާހެވެ.
59
އަދި ތިޔަބައިމީހުންގެ ތެރެއިން ކުޑަކުދިން، ބާލިޣު ވުމުގެ އުމުރު އާހަމައަށް ފޯރައްޖެނަމަ، އެކުދިންގެ ކުރިން އިސްވެދިޔަމީހުން (ތިޔަބައިމީހުންގެ ކިބައިން) އިޒުނަ ލިބިގަތްފަދައިން، އެކުދިންވެސް އިޒުނަ ލިބިގަންނަހުށިކަމެވެ. އެފަދައިން ﷲ، އެ އިލާހުގެ އާޔަތްތައް ތިޔަބައިމީހުންނަށް ބަޔާން ކޮށްދެއްވައެވެ. އަދި ﷲ އީ މޮޅަށް ދެނެވޮޑިގެންވާ، ޙަކީމްވަންތަ އިލާހެވެ.
60
ކާވެންޏަކަށް އެދުންނުވާ، މުސްކުޅި އަންހެނުން، ޒީނަތްތެރިކަން ފާޅުނުކުރާގޮތުގައި، އެ ކަނބަލުންގެ ފޭރާން ލުއިކޮށްލުމަކުން، އެ ކަނބަލުންގެ މައްޗަކަށް ކުށެއް ނެތެވެ. (ނަމަވެސް) އެ ކަނބަލުން އިއްފަތްތެރިވުން އެ ކަނބަލުންނަށް ހެޔޮކަން ބޮޑެވެ. ﷲ އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
61
(އެކަކު އަނެކަކާއެކު ކައިބޮއި އުޅުމުގައި) ކަނުމީހާގެ މައްޗަކަށް ކުށެއް ނެތެވެ. އަދި ކޮރުމީހާގެ މައްޗަކަށް ވެސް ކުށެއް ނެތެވެ. އަދި ބަލިމީހާގެ މައްޗަކަށް ވެސް ކުށެއް ނެތްމެއެވެ. އަދި ތިޔަބައިމީހުންގެ ގޭގެއިން، ނުވަތަ ތިޔަބައިމީހުންގެ ބަފައިންގެ ގޭގެއިން، ނުވަތަ ތިޔަބައިމީހުންގެ މައިންގެ ގޭގެއިން، ނުވަތަ ތިޔަބައިމީހުންގެ އަޚުންގެ ގޭގެއިން ނުވަތަ ތިޔަބައިމީހުންގެ އުޚްތުންގެ ގޭގެއިން، ނުވަތަ ތިޔަބައިމީހުންގެ ބަފައިފުށުގެ ބޮޑުބޭބެއިންގެ ގޭގެއިން، ނުވަތަ ތިޔަބައިމީހުންގެ ބަފައިފުށުގެ ބޮޑުދައިތައިންގެ ގޭގެއިން، ނުވަތަ ތިޔަބައިމީހުންގެ މައިފުށުގެ ބޮޑުބޭބެއިންގެ ގޭގެއިން ނުވަތަ ތިޔަބައިމީހުންގެ މައިފުށުގެ ބޮޑުދައިތައިންގެ ގޭގެއިން، ނުވަތަ ތިޔަބައިމީހުންނަށް އެ ތަންތާނގެ ތަޅުދަނޑިތައް މިލްކުވެގެންވާ ގޭގެއިން، ނުވަތަ ތިޔަބައިމީހުންގެ ރަހުމަތްތެރިއެއްގެ ގެއިން، ތިޔަބައިމީހުން ކައިއުޅުމަކުން، ތިޔަބައިމީހުންގެ ނަފްސުތަކުގެ މައްޗަކަށް ކުށެއް ނެތެވެ. އަދި ތިޔަބައިމީހުން އެންމެން އެކުގައި، ނުވަތަ ވަކިވަކިން ކައިބޮއި އުޅުމަކުންވެސް، ތިޔަބައިމީހުންގެ މައްޗަކަށް ކުށެއް ނެތެވެ. ފަހެ ތިޔަބައިމީހުން ގޭގެއަށް ވަންނައިރު، ﷲ ގެ ހަޒްރަތުންވާ ބަރަކާތްތެރި ރަނގަޅު ސަލާމަކުން ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ތިޔަބައިމީހުން ސަލާމްކުރާށެވެ! އެފަދައިން ﷲ، ތިޔަބައިމީހުންނަށް އާޔަތްތައް ބަޔާން ކޮށްދެއްވަނީ، ތިޔަބައިމީހުން ވިސްނައި ދެނެގަނެވޭތޯއެވެ.
62
މުއުމިނުން ވާކަން ކަށަވަރީ، ﷲ އަށާއި، އެ އިލާހުގެ ރަސޫލާއަށް އީމާންވި މީހުން ކަމުގައެވެ. އަދި އެއްވުމަކަށްވާ މުހިއްމު ކަމެއްގައި، އެކަލޭގެފާނުގެ އަރިހުގައި އެ މީހުން ވެއްޖެނަމަ، އެކަލޭގެފާނުގެ އަރިހުން އިޒުނަ ލިބިއްޖައުމަން ދާންދެން އެ މީހުން ނުދެއެވެ. ހަމަކަށަވަރުން ކަލޭގެފާނުގެ އަރިހުން އިޒުނަށް އެދޭމީހުން (ދަންނާށެވެ.) އެ މީހުންނީ، ﷲ އަށާއި އެ އިލާހުގެ ރަސޫލާއަށް އީމާންވާ މީހުންނެވެ. ފަހެ އެ މީހުންގެ ބައެއް ކަންތަކަށްޓަކައި ކަލޭގެފާނުގެ އަރިހުން އެ މީހުން އިޒުނަށް އެދިއްޖެނަމަ، އެ މީހުންގެ ތެރެއިން ކަލޭގެފާނު ގަސްދުކުރެއްވި މީހަކަށް އިޒުނަ ދެއްވާށެވެ. އަދި އެ މީހުންނަށް ފާފަ ފުއްސެވުމަށް ﷲ ގެ ހަޒްރަތުން އެދިވަޑައިގަންނަވާށެވެ. ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ އިލާހެވެ.
63
ތިޔަބައިމީހުންގެ އެއްބަޔަކު އަނެއް ބަޔަކަށް ނަންކިޔާ ފަދައިން ތިޔަބައިމީހުންގެ މެދުގައި ރަސޫލާއަށް ނަންކިޔާ ނޫޅޭށެވެ. (އެބަހީ: އޭ މުޙައްމަދޭ ނުކިޔާށެވެ. އޭގެ ބަދަލުގައި ﷲ ގެ ރަސޫލާއޭ، ﷲ ގެ ނަބިއްޔާއޭ، މިފަދައިން ކިޔާށެވެ.) ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން (ރަސޫލާގެ އިޒުނައެއް ނެތި، އެކަލޭގެފާނުގެ މަޖްލިސްތަކުން ސިއްރުން ނުކުމެ) ފިލައިގެންދާ މީހުން، ﷲ ދެނެވޮޑިގެންވެއެވެ. ފަހެ އެ އިލާހުގެ އަމުރުފުޅާ ޚިލާފުވާ މީހުންނަށް ފިތުނައެއް ނުވަތަ ވޭންދެނިވި އަޒާބެއް ޖެހިދާނެކަމަށް، އެ މީހުން ބިރުވެތިވާށެވެ.
64
ދަންނާށެވެ. ހަމަކަށަވަރުން އުޑުތަކާއި، ބިމުގައި ވާހާ ތަކެތި މިލްކުވެގެންވަނީ، ﷲ އަށެވެ. ތިޔަބައިމީހުން އެ ގޮތެއްގެ މަތީގައި ތިބިގޮތް ހަމަކަށަވަރުން އެ އިލާހު ދެނެވޮޑިގެންވެއެވެ. އަދި އެ އިލާހުގެ ހަޒްރަތަށް އެ މީހުން އެނބުރިދާ ދުވަސްވެސް އެ އިލާހު ދެނެވޮޑިގެންވެއެވެ. ފަހެ އެ މީހުން ކުރި އަމަލުތަކުގެ ވާހަކައިން އެ އިލާހު އެ މީހުންނަށް ޚަބަރު އަންގަވާނެއެވެ. ﷲ އީ، ކޮންމެ ކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.