ޞާދް

Sad

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
ޞާދު. (މި އަކުރުތަކުގެ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.) ހަނދާންކޮށްދިނުމުގެ ވެރި ގުރްއާން ގަންދެއްވަމެވެ. (ހަމަކަށަވަރުން އެއީ ހައްގު ތެދެވެ.)
2
އަދި ކިއެއް! ކާފިރުވި މީހުންވަނީ ބޮޑާކަމާއި، ދެކޮޅުވެރިކަމެއްގައެވެ.
3
އެ މީހުންގެ ކުރިން ތިމަން އިލާހު ކިތައްކިތައް އުއްމަތް ހަލާކުކުރެއްވިންހެއްޔެވެ؟ ފަހެ (އެ މީހުންނަށް އަޒާބު އައި ހިނދު) އެހީއަށްއެދި އެ މީހުން ގޮވިއެވެ. (އެހެނެއްކަމަކު) އެ ވަގުތަކީ، ސަލާމަތްވާންދާނެ ތަނެއްއޮތް ވަގުތެއްނޫނެވެ.
4
އަދި އެ މީހުންގެ ތެރެއިން އިންޒާރުކުރައްވާ ބޭކަލަކު، އެ މީހުންގެ ގާތަށް ވަޑައިގަތުމުން، އެކަމާ އެ މީހުން އަޖާއިބުވިއެވެ. އަދި އެ ކާފިރު ވިމީހުން ބުންޏެވެ. މިއީ ބޮޑު ދޮގުވެރި ޖާދޫގަރެކެވެ.
5
އެކަލޭގެފާނު ހުރިހާ އިލާހުން އެއް އިލާހަކަށް ހެއްދެވީހެއްޔެވެ؟ ހަމަކަށަވަރުން މިއީ ނުހަނު އަޖާއިބު ވާފަދަ ކަމެއްކަން ކަށަވަރެވެ.
6
އަދި އެ (މައްކާގެ) މުޝްރިކުންގެ ތެރެއިން ތިބި ބޮޑުން، ނުކުމެ (އެ މީހުންގެ ގައުމުގެ މީހުންނަށް) ބުނަމުން ދިޔައެވެ: ”ތިޔަބައިމީހުން ކުރިއަށް ދާށެވެ. އަދި ތިޔަބައިމީހުންގެ އިލާހުންނަށް އަޅުކަންކުރުން މަތީ ކެތްކޮށްގެން ސާބިތުވެ ތިބޭށެވެ. ހަމަކަށަވަރުން މިއީ (އެބަހީ: މުޙައްމަދު ﷺ އެ ގޮވާލާ ކަންކަމަކީ، ތިމަންމެންނާ ދެކޮޅަށް) ރޭވި ގަސްދުކުރެވޭ ކަމެއްކަން ކަށަވަރެވެ.“
7
އެންމެފަހު މިއްލަތުގައި ވެސް (އެބަހީ: ޢީސާގެފާނުގެ މިއްލަތުގައި ވެސް) މިކަހަލަ ވާހަކައެއް ތިމަންމެން ނާހަމުއެވެ. މިއީ ހަދާގެންއުޅޭ ދޮގެއް ކަމުގައިނޫނީ ނުވެއެވެ.
8
ގުރްއާން ބާވައިލެއްވީ އަހުރެމެންގެ ތެރެއިން އެކަލޭގެފާނުގެ މައްޗަށްހެއްޔެވެ؟ އަދި ކިއެއް! އެ މީހުން ވަނީ، ތިމަން އިލާހުގެ ގުރްއާނާމެދު ޝައްކެއްގައެވެ. އަދި ކިއެއް! އެ މީހުންނަށް، ތިމަން އިލާހުގެ އަޒާބުގެ ރަހަ އަދި ނުލިބެނީއެވެ.
9
ނުވަތަ ކަލޭގެފާނުގެ ވެރި، ގަދަފަދަވަންތަ، ގިނަގުނަ ނިއުމަތްތައް ދެއްވާ އިލާހުގެ ރަހުމަތުގެ ޚަޒާނާތައް ވަނީ، އެ މީހުންގެ ގާތުގައިހެއްޔެވެ؟
10
ނުވަތަ އުޑުތަކާއި، ބިމާއި، އެ ދެމެދުގައި ވާހާ ތަކެތީގެ މިލްކުވެރިކަންވަނީ، އެ މީހުންނަށްހެއްޔެވެ؟ އެހެންވިއްޔާ ހަރުގަނޑަކުން އުޑަށް އަރައިބަލާށެވެ!
11
އެ މީހުންނީ އެ ތާނގައި (އެބަހީ: ބަދުރުގައި) ބަލިވާނެ ޖަމާއަތުގެ ތެރެއިން ހިމެނޭ (ނިކަމެތި) ލަޝްކަރެކެވެ.
12
އެ މީހުންގެ ކުރިން، ނޫޙުގެފާނުގެ ގައުމުގެ މީހުންނާއި، ޢާދު ބާގައި މީހުންނާއި، ކަޑަތަކުގެ ވެރި ފިރްޢައުނު، ރަސޫލުން ދޮގުކުރިއެވެ.
13
އަދި ޘަމޫދު ބާގައިމީހުންނާއި، ލޫޠުގެފާނުގެ ގައުމުގެ މީހުންނާއި، އަލްއައިކަތުގެ އަހުލުވެރިން ވެސް (ރަސޫލުން ދޮގުކުރިއެވެ.) ޖަމާއަތްތަކަކީ އެއީއެވެ.
14
އެއިން ކޮންމެބަޔަކުމެ، ރަސޫލުން ދޮގުކުރިބަޔަކު ކަމުގައި މެނުވީ ނުވެއެވެ. ފަހެ (އެ މީހުންނަށް) ތިމަން އިލާހުގެ އަޒާބު ހައްގު ވެއްޖެއެވެ.
15
އަދި އެ މީހުން ބިރުވެރި އެންމެ އަޑަކަށްމެނުވީ އިންތިޒާރެއް ނުކުރެއެވެ. އެ އަޑު ތަކުރާރުވުމެއްނެތެވެ.
16
އެ މީހުން ބުނާނެއެވެ. އަޅަމެންގެ ރައްބެވެ. ހިސާބު ބައްލަވާދުވަހުގެ ކުރިން، އަޅަމެންގެ އަމަލުތަކުގެ ފަތް، އަޅަމެންނަށް އަވަހަށް ދެއްވާނދޭވެ.
17
އެ މީހުން އެބުނާ ބަސްތަކަށް ކަލޭގެފާނު ކެތް ކުރައްވާށެވެ. އަދި ތިމަން އިލާހުގެ އަޅު، ދާވޫދުގެފާނު ހަނދުމަ ކުރައްވާށެވެ. އެކަލޭގެފާނީ، ބާރުގަދަ ބޭކަލެކެވެ. ހަމަކަށަވަރުން އެކަލޭގެފާނީ ގިނަގިނައިން ތައުބާ ވެވަޑައިގަންނަވާ ބޭކަލެކެވެ.
18
ހަމަކަށަވަރުން ތިމަން އިލާހު އެކަލޭގެފާނަށް ފަރުބަދަތައް ޚިދުމަތްތެރި ކުރެއްވީމެވެ. އެ ތަކެތި، އެކަލޭގެފާނުގެ އަރިހުގައި ހަވީރާއި، ހެނދުނުގައި ތަސްބީހަ ދަންނަވައެވެ.
19
އަދި ދޫނިސޫފާސޫފި ޖަމާކުރައްވާފައިވާ ހާލު، ތިމަން އިލާހު އެކަލޭގެފާނަށް ޚިދުމަތްތެރި ކުރެއްވީމެވެ. އެހުރިހާ ތަކެތިވަނީ، އެކަލޭގެފާނަށް ތަބާވެ، ކިޔަމަންވެގެންނެވެ.
20
އަދި ތިމަން އިލާހު އެކަލޭގެފާނުގެ ރަސްކަން ގަދަފަދަކޮށްދެއްވީމެވެ. އަދި ނަބީކަމާއި، އޮޅުމެއްނެތް ބަޔާންވެގެންވާ ވާހަކަފުޅުދެއްކެވުން ތިމަން އިލާހު އެކަލޭގެފާނަށް ދެއްވީމެވެ.
21
(ދާވޫދުގެފާނު އަޅުކަން ކުރައްވަން އިންނަވާ) މިހުރާބުގެ ފާރުމަތިންއެރި ޚަސްމުންގެ ޚަބަރު، ކަލޭގެފާނާ ހަމައަށް އައިސްފައިވޭތޯއެވެ؟
22
އެ މީހުން، ދާވޫދުގެފާނު އިންނެވިތަނަށް ވަންހިނދު، އެކަލޭގެފާނު އެ މީހުން ދެކެ ސިހިވަޑައިގެންނެވިއެވެ. އެ މީހުން ދެންނެވިއެވެ: ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ. ތިމަންމެންނީ ދެ ޚަސްމުންނެވެ. ތިމަންމެންގެ އެކަކު އަނެކަކަށް އަނިޔާކޮށްފިއެވެ. ފަހެ ކަލޭގެފާނު ހައްގު ގޮތުގައި ތިމަންމެންގެ މެދުގައި ހުކުމް ކޮށްދެއްވާށެވެ. އަދި ކަލޭގެފާނު އަދުލުން އެއްކިބާވެވަޑައިނުގަންނަވާށެވެ. އަދި ތިމަންމެންނަށް ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާށެވެ.
23
ހަމަކަށަވަރުން މިއީ އަޅުގަނޑުގެ އަޚެކެވެ. އޭނާއަށް ނުވަދިހަނުވަ ބަކަރިވެއެވެ. އަދި އަޅުގަނޑަށްވަނީ އެންމެ ބަކަރިއެކެވެ. ފަހެ އޭނާ ބުންޏެވެ. (އެ ބަކަރިވެސް ތިމަންނާއަށް ދީ) އެ ބަލަހައްޓާ މީހަކީ ތިމަންނާކަމުގައި ހަދާށެވެ! އަދި ވާހަކަ ދައްކައިގެން އޭނާ އަޅުގަނޑުގެ މައްޗަށް ގަދަވެއްޖެއެވެ.
24
އެކަލޭގެފާނު ވިދާޅުވިއެވެ: ތިބާގެ ބަކަރި، އޭނާގެ ބަކަރިތަކުގެ ތެރެއަށް އިތުރުކުރުމަށް އެދުމުން، އޭނާ ތިބާއަށް އަނިޔާކޮށްފިކަން ކަށަވަރެވެ. (މުދާ އެއްކޮށްލައިގެން އުޅޭ) ބައިވެރިންގެ ގިނަ މީހުން، ހަމަކަށަވަރުން އެއްބަޔަކު އަނެއް ބަޔަކަށް އަނިޔާކުރެއެވެ. އީމާންވެ ސާލިހު އަމަލު ކުރި މީހުން މެނުވީއެވެ. އެ މީހުންނީ ވަރަށްމަދު ބަޔެކެވެ. އަދި ދާވޫދުގެފާނަށް ތިމަން އިލާހު އެކަލޭގެފާނު އިމްތިހާނު ކުރެއްވީކަން އެނގިވަޑައިގެންފިއެވެ. ފަހެ އެކަލޭގެފާނުގެ ރައްބުގެ ހަޒްރަތަށް ފާފަ ފުއްސެވުން އެދި ދެންނެވިއެވެ: އަދި ސަޖިދަށް ތިރިވެވަޑައިގެން (ތައުބާވެ) ރުޖޫއަވެ ވަޑައިގަތެވެ.
25
ދެން ތިމަން އިލާހު އެކަލޭގެފާނަށް އެ ފާފަ ފުއްސެވީމެވެ. އަދި ހަމަކަށަވަރުން އެކަލޭގެފާނަށް، ތިމަން އިލާހުގެ ހަޒްރަތުގައި ކުއްތަންވުމާއި، އެނބުރިދަނިވި ރިވެތިވެގެންވާ ތަނެއްވެއެވެ.
26
އޭ ދާވޫދުގެފާނެވެ. ހަމަކަށަވަރުން ބިމުގައި ޚަލީފާއެއްކަމުގައި ތިމަން އިލާހު ކަލޭގެފާނު ލެއްވީމެވެ. ފަހެ ކަލޭގެފާނު މީސްތަކުންގެ މެދުގައި ހައްގު ގޮތުގައި ހުކުމް ކުރައްވާށެވެ. އަދި އަމިއްލައެދުމަށް ކަލޭގެފާނު ތަބާ ވެވަޑައިނުގަންނަވާށެވެ. ފަހެ އޭރުން ކަލޭގެފާނު ﷲ ގެ މަގުން އެއްކިބާކޮށްފާނެތެވެ. ހަމަކަށަވަރުން ﷲ ގެ މަގުން އެއްކިބާވާމީހުން (ދަންނާށެވެ.) ހިސާބު ބައްލަވާ ދުވަސް ހަނދާންނައްތައިލުމުގެ ސަބަބުން އެ މީހުންނަށް ގަދަވެގެންވާ އަޒާބު ހުއްޓެވެ.
27
ތިމަން އިލާހު އުޑާއި، ބިމާއި، އެ ދެމެދުގައި ވާހާ ތަކެތި ބާތިލު ގޮތެއްގައި ނަހައްދަވަމެވެ. އެއީ ކާފިރުވި މީހުން ހީކުރާގޮތެވެ. ފަހެ ކާފިރުވި މީހުންނަށް، ނަރަކައިގެ އަޒާބުން ހަލާކުހުއްޓެވެ.
28
ނުވަތަ ބިމުގައި ފަސާދައުފައްދާ މީހުންނެކޭ އެއްފަދައިން، ތިމަން އިލާހު، އީމާންވެ ސާލިހު އަމަލުތައް ކުޅަމީހުން ލައްވާނެހެއްޔެވެ؟ ނުވަތަ ކާފިރުވި މީހުންނެކޭ އެއްފަދައިން، ތިމަން އިލާހު ތަގުވާވެރިން ލައްވާނެހެއްޔެވެ؟
29
(މިއީ) ކަލޭގެފާނަށް ތިމަން އިލާހު ބާވައިލެއްވި ބަރަކާތްތެރި ފޮތެކެވެ. (އެއީ) އެ މީހުން އެ ފޮތުގެ އާޔަތްތަކުގެ މާނަތަކާމެދު ވިސްނައި ފިކުރުކުރުމަށެވެ. އަދި ބުއްދީގެ އަހުލުވެރިން (އެއިން) ނަސޭހަތް ލިބިގަތުމަށެވެ.
30
ތިމަން އިލާހު ދާވޫދުގެފާނަށް ސުލައިމާނުގެފާނު ދެއްވީމެވެ. އެއަޅާގެ ރަނގަޅުކަމާއެވެ. ހަމަކަށަވަރުން އެކަލޭގެފާނީ، ގިނަގިނައިން ތައުބާ ވެވަޑައިގަންނަވާ ބޭކަލެކެވެ.
31
(އެއްދުވަހެއްގެ) ހަވީރުކޮޅުގައި އެކަލޭގެފާނު (އެބަހީ: ސުލައިމާނުގެފާނު) ބެއްލެވުމަށް، ދުވާއިރު ހަލުވި، ހުއްޓި ތިބޭއިރު ހަމަހިމޭން އަސްތައް ހުށަހެޅުނު ހިނދު ހަނދުމަކުރާށެވެ!
32
ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ: ހަމަކަށަވަރުން އަހަރެންގެ ރައްބު ހަނދުމަކޮށް ޒިކުރުކުރުން ފިޔަވާ، އިރު ފަރުދާވެ ނިވައިވެއްޖައުމަށްދާންދެން އަހަށް ލޯބިކުރުން، އަހަރެންނަށް އިސްކުރެވިއްޖެއެވެ.
33
އެ އަސްތައް އަހަރެންގެ ކައިރިއަށް އަނބުރައި ގެންނާށެވެ! ދެން އެ ތަކެތީގެ ކަނދުރާގައި (ކަނޑިން) ޖައްސަވައި (ކަތިލައްވައި) ފައިތައް ބުރިކުރެއްވިއެވެ. (އަދި އެ ތަކެތިން ސަދަގާތްކުރެއްވިއެވެ.)
34
ހަމަކަށަވަރުން ތިމަން އިލާހު ސުލައިމާނުގެފާނު އިމްތިހާނުކުރެއްވީމެވެ. އަދި އެކަލޭގެފާނުގެ ތަޚުތުގެ މައްޗަށް ހަށިގަނޑެއް އެއްލެވީމެވެ. ދެން އެކަލޭގެފާނު (ތައުބާ ވެވަޑައިގެން) އެނބުރި ރުޖޫއަ ވެވަޑައިގަތެވެ.
35
އެކަލޭގެފާނު ވިދާޅުވިއެވެ: އަޅުގެ ރައްބެވެ. މިއަޅާއަށް ފާފަ ފުއްސަވާނދޭވެ. އަދި މިއަޅާގެ ފަހުން އެކަކަށް ވެސް އެކަށީގެންނުވާފަދަ ރަސްކަމެއް މިއަޅާއަށް ދެއްވާނދޭވެ. ހަމަކަށަވަރުން އިބަ އިލާހީ، ގިނަގުނަ ނިއުމަތްތައް ދެއްވާ އިލާހެވެ.
36
ފަހެ ތިމަން އިލާހު އެކަލޭގެފާނަށް ވައި ޚިދުމަތްތެރި ކޮށްދެއްވީމެވެ. އެކަލޭގެފާނުގެ އަމުރުފުޅަށް، އެކަލޭގެފާނު އެދިވަޑައިގަތް ކޮންމެތަނަކަށް މައިތިރިކަމާއެކު، އެވައި ހިނގައިދެއެވެ.
37
އަދި ޖިންނި ޝައިތާނުން، އެކަލޭގެފާނަށް ޚިދުމަތްތެރި ކޮށްދެއްވީމެވެ. އޭގެ ތެރޭގައި (ބޮޑެތި) ބިނާތައްހަދާ ބަޔަކާއި (ކަނޑުގެ އަޑިއަށް) ފީނާބަޔަކުވެއެވެ.
38
އަދި (އޭގެ ތެރެއިން) އަނެއް ބަޔަކު ކަސްތަޅު އަޅުއްވާ ހައްޔަރުކުރައްވާފައިވެއެވެ.
39
މިއީ ތިމަން އިލާހު ދެއްވިހާތަކެއްޗެވެ. ފަހެ ކަލޭގެފާނު (ދެއްވާނެ މީހަކަށް) ދެއްވާށެވެ. ނުވަތަ (ނުދެއްވާނެ މީހަކަށް ނުދެއްވާ) ހިފަހައްޓަވާށެވެ. (އެކަމާމެދު) ކަލޭގެފާނާ ސުވާލެއް ނުކުރައްވާނެއެވެ.
40
އަދި ހަމަކަށަވަރުން އެކަލޭގެފާނަށް ތިމަން އިލާހުގެ ހަޒްރަތުގައި ކުއްތަންވުމާއި، އެނބުރިދަނިވި ރިވެތިވެގެންވާ ތަނެއްވެއެވެ.
41
ތިމަން އިލާހުގެ އަޅު އައްޔޫބުގެފާނު ހަނދުމަ ކުރައްވާށެވެ. (އެއީ) އެކަލޭގެފާނުގެ ރައްބުގެ ހަޒްރަތަށް ދުއާ ދެންނެވި ހިނދުގައެވެ. (އެކަލޭގެފާނު ދެންނެވިއެވެ:) އަޅުގެ ގައިގައި ޝައިތާނާ ބީހި، އެކަލޭގެ ފަރާތުން އަޅާއަށް ވަރުބަލިކަމާއި ވޭން ލިބިއްޖެއެވެ.
42
(އެކަލޭގެފާނަށް އެންގެވިއެވެ.) ކަލޭގެފާނުގެ ފައިންޕުޅުން (ބިމުގައި) ޖައްސަވާށެވެ. (ދެން އެ ތަނުން ފެންއާރެއް ނުކުތުމުން އެންގެވިއެވެ.) މިއީ ކަލޭގެފާނު ނާނެފިއްލެވުމަށާއި، ހިއްޕެވުމަށްވާ ފިނި (ހިހޫ) ފެނެވެ.
43
އަދި ތިމަން އިލާހު އެކަލޭގެފާނަށް އެކަލޭގެފާނުގެ އަހުލުވެރިންދެއްވާ، އެ މީހުންނާއެކު ހަމައެފަދަ ބަޔަކު ދެއްވީމެވެ. (އެއީ) ތިމަން އިލާހުގެ ހަޒްރަތުން ލެއްވި ރަހުމަތެއް ކަމުގައްޔާއި، ބުއްދީގެ އަހުލުވެރިންނަށްވާ އިބްރަތަކާއި، ނަސޭހަތެއް ކަމުގައެވެ.
44
އަދި ކަލޭގެފާނުގެ އަތްޕުޅުން ހުއިބޮނޑިއެއް ނަންގަވައި، އެއިން (އަނބިކަނބަލުންގެ ގައިކޮޅުގައި) ޖައްސަވާށެވެ. ކަލޭގެފާނު ހުވަޔާ ޚިލާފު ވެވަޑައިނުގަންނަވާށެވެ. ހަމަކަށަވަރުން އެކަލޭގެފާނީ ކެތްތެރިޔަކު ކަމުގައި ތިމަން އިލާހު ދެކެވޮޑިގެންވީމެވެ. އެއަޅާގެ ރަނގަޅުކަމާއެވެ. ހަމަކަށަވަރުން އެކަލޭގެފާނީ، ގިނަގިނައިން ތައުބާ ވެވަޑައިގަންނަވާ ބޭކަލެކެވެ.
45
އަދި ތިމަން އިލާހުގެ އަޅުން ކަމުގައިވާ އިބްރާހީމްގެފާނާއި، އިސްޙާގުގެފާނާއި، ޔައުގޫބުގެފާނު ހަނދުމަ ކުރައްވާށެވެ. (އެ ބޭކަލުންނީ) ހެޔޮ އަމަލު ކުރެއްވުމަށް ބާރުގަދަ، ބުއްދީގެ އަހުލުވެރިންނެވެ.
46
ހަމަކަށަވަރުން ތިމަން އިލާހު އެ ބޭކަލުން ޚާއްސަ ސިފައަކުން މާތް ކުރައްވާ، ޚިޔާރުކުރެއްވީމެވެ. އެއީ އާޚިރަތް ހަނދުމަ ކުރެއްވުމެވެ.
47
އަދި ހަމަކަށަވަރުން އެ ބޭކަލުންވަނީ، ތިމަން އިލާހުގެ ހަޒްރަތުގައި ޚިޔާރުކުރައްވާފައިވާ ހެޔޮލަފާ ބޭކަލުންގެ ތެރެއިންނެވެ.
48
އަދި އިސްމާޢީލުގެފާނާއި، އަލްޔަސަޢުގެފާނާއި، ޛުލްކިފްލިގެފާނު ހަނދުމަ ކުރައްވާށެވެ. އެހުރިހާ ބޭކަލުންވަނީ ހެޔޮލަފާމީހުންގެ ތެރެއިންނެވެ.
49
މިއީ (އެ ބޭކަލުންނަށްވާ) ރިވެތި ހަނދާން ކުރުމަކާއި، ޝަރަފެކެވެ. އަދި ހަމަކަށަވަރުން ތަގުވާވެރިންނަށް އެނބުރިދަނިވި ރިވެތިވެގެންވާ ތަނެއްވެއެވެ.
50
(އެއީ) އެތާނގެ ދޮރުތައް އެ މީހުންނަށް ޓަކައި ހުޅުވިފައިވާ ޢަދްނޭ ކިޔުނު ސުވަރުގެތަކެވެ.
51
އެ މީހުން އެ ތާނގައި (އެނދު އެނދުގައި) ލެނގިލައިގެން ތިބޭނެތެވެ. އެ މީހުން އެ ތާނގައި ގިނަބާވަތް ބާވަތުގެ މޭވާތަކާއި، ބުއިންތައް ގެންނަން އެދޭނެތެވެ.
52
އަދި އެ މީހުންނަށް އެއްފުރާގެ އަނބިންތައްވެއެވެ. އެ އަނބިން، ފިރިން ނޫން އެހެންބަޔަކަށް ނުބަލާނެތެވެ.
53
މިއީ ހިސާބު ބައްލަވާދުވަހަށް ތިޔަބައިމީހުންނަށް ވައުދު ކުރައްވާ ކަންތަކެވެ.
54
ހަމަކަށަވަރުން މިއީ ތިމަން އިލާހު ދެއްވާތަކެތިކަން ކަށަވަރެވެ. އެ ތަކެއްޗަށް ހުސްވުމެއްނުވެއެވެ.
55
ކަންހުރިގޮތީ މިއީއެވެ. އަދި ހަމަކަށަވަރުން ކާފިރުވި މީހުންނަށް އެނބުރިދަނިވި ނުބައިކަންބޮޑުވެގެންވާ ތަނެއްވެއެވެ.
56
(އެއީ) ޖަހައްނަމެވެ. އެ މީހުން އެތަނަށްވަންނަ ހުއްޓެވެ. ފަހެ އެ ތަންމަތީގެ ހުރި ނުބައިކަމާއެވެ.
57
މިއީ އަޒާބެވެ. ފަހެ އެ މީހުން އޭގެ ރަހަ ލިބިގަންނަހުށިކަމެވެ. (އެއީ) ކެކިކެކިހުރި ހޫނުފެނާއި، ފާދިޔައެވެ.
58
އަދި އެފަދަ އެތައްބާވަތެއްގެ އެހެނިހެން އަޒާބު އެ މީހުންނަށް ހުއްޓެވެ.
59
(އެ މީހުންގެ ބޮޑުންނަށް އަންގަވާނެއެވެ.) މިއީ، ތިޔަބައިމީހުންނާއެކު ނަރަޔަކަށްވަންނަ ބައިގަނޑެކެވެ. އެ މީހުންނަށް ތަނަވަސްކަމެއްނެތެވެ. ހަމަކަށަވަރުން އެ މީހުންނީ ނަރަކައަށް ވަންނާނެބަޔެކެވެ.
60
އެ (ތަބާ ވީ) މީހުން ބުނާނެއެވެ. އަދި ކިއެއް! ތިޔަބައިމީހުންނަކަށް ތަނަވަސްކަމެއްނެތެވެ. އެ ކާފިރު ކަން އަހުރެމެންނަށް ކުރިމަތިކޮށްދިނީ ތިޔަބައިމީހުންނެވެ. ފަހެ އެއީ ތިބުމަށް ހާދަހާނުބައިތަނެކެވެ.
61
އެ މީހުން ބުނާނެއެވެ. އަޅަމެންގެ ރައްބެވެ. އަޅަމެންނަށް މިކަން ކުރިމަތިކޮށްދިން މީހުންނަށް ނަރަކައިގައި އަޒާބު ދެބައި އިތުރުކުރައްވާނދޭވެ.
62
އަދި އެ މީހުން ބުނާނެއެވެ. (ދުނިޔޭގައި) އަހަރެމެން ނުލަފާމީހުން ކަމުގައި ހިމަނައިއުޅުނު ފިރިހެނުންތައް އަހުރެމެންނަށް މިނުފެންނަނީ ކީއްވެގެންހެއްޔެވެ؟
63
އެ މީހުންނަށް ތިމަންމެން ފުރައްސާރަކޮށްއުޅުނީހެއްޔެވެ؟ ނުވަތަ އެ މީހުން ފިޔަވާ ލޯތައް އެހެން ފަރާތަކަށް ލެނބުނީހެއްޔެވެ؟
64
ހަމަކަށަވަރުން ނަރަކައިގެ އަހުލުވެރިންގެ އަރާރުމުގެ ވާހަކައަކީ، އެއީ ހައްގު ތެދުކަން ކަށަވަރެވެ.
65
ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނު ވާކަންކަށަވަރީ، އިންޒާރުކުރައްވާ ބޭކަލަކު ކަމުގައެވެ. އަދި އެއްކައުވަންތަ، ގައްހާރުވަންތަ ﷲ މެނުވީ އެހެން އިލާހަކު ނުވެއެވެ.
66
(އެއީ) އުޑުތަކާއި، ބިމާއި، އެ ދެމެދުގައި ވާހާ ތަކެތީގެ ރައްބެވެ. ޢަޒީޒުވަންތަ، ގިނަގިނައިން ފާފަ ފުއްސަވާ އިލާހެވެ.
67
ކަލޭގެފާނު ވިދާޅުވާށެވެ. އެއީ (އެބަހީ: ގުރްއާނަކީ) ބޮޑުވެގެންވާ ޚަބަރެކެވެ.
68
ތިޔަބައިމީހުންނީ އެއިން އެއްކިބާވާ ބަޔެކެވެ.
69
(އާދަމުގެފާނާމެދު) އެންމެ މަތިވެރި (މަލާއިކަތުންގެ) ޖަމާއަތުގެ މެދުގައި ވާހަކަ ދެކެވުނު ހިނދު (ވަހީގެ ޒަރީއާއިން އެންގެވި އެއްޗެއް މެނުވީ) ތިމަންކަލޭގެފާނަކަށް އެނގިވަޑައިގެންފައެއް ނުވެއެވެ.
70
ހަމަކަށަވަރުން ތިމަންކަލޭގެފާނީ، ބަޔާންވެގެންހުރި، އިންޒާރުކުރައްވާ ބޭކަލަކު ކަމުގައި މެނުވީ، ތިމަންކަލޭގެފާނަކަށް ވަހީއެއް ނުއިއްވަވައެވެ.
71
ކަލޭގެފާނުގެ ރައްބު، މަލާއިކަތުންނަށް ވަހީކުރެއްވި ހިނދު ހަނދުމަ ކުރައްވާށެވެ. ހަމަކަށަވަރުން ތިމަން އިލާހު، މަށިން އިންސާނަކު ހައްދަވާހުށީމެވެ.
72
ފަހެ ތިމަން އިލާހު އެ އިންސާނާ (އެބަހީ: އާދަމުގެފާނު) ހައްދަވައި ފުރިހަމަ ކުރައްވާ، ތިމަން އިލާހުގެ ރޫހުފުޅުން އެ އިންސާނާއަށް ފުމެލައްވައިފި ހިނދު، ތިޔަބައިމީހުން އޭނާއަށްޓަކައި ސަޖިދަށް ތިރިވާހުށިކަމެވެ.
73
ފަހެ މަލާއިކަތުން، އެ އެންމެން އެކުގައި ސަޖިދަ ކުރައްވާފިއެވެ.
74
އިބްލީސް މެނުވީއެވެ. އެކަލޭގެ ބޮޑާވެ، ކާފިރުވި މީހުންގެ ތެރެއިންވިއެވެ.
75
އެ އިލާހު ވަހީކުރެއްވިއެވެ: އޭ އިބްލީސެވެ. ތިމަން އިލާހުގެ ދެ އަތްޕުޅުން ހެއްދެވި އެއްޗަކަށް، ކަލޭ ސަޖިދަކުރުން މަނާކުރުވީ ކޮންކަމެއްހެއްޔެވެ؟ ކަލޭގެ (ސަޖިދަކުރުމަށް) ބޮޑާވެގަތީހެއްޔެވެ؟ ނުވަތަ ކިބުރުވެރިވެގަތް މީހުންގެ ތެރެއިން ކަލޭވީހެއްޔެވެ؟
76
އެކަލޭގެ ދެންނެވިއެވެ: އެކަލޭގެފާނަށްވުރެ ތިމަން، މާމޮޅެވެ. އިބަ އިލާހު ތިމަން ހެއްދެވީ އަލިފާނުންނެވެ. އަދި އިބަ އިލާހު އެކަލޭގެފާނު ހެއްދެވީ މަށިންނެވެ.
77
އެ އިލާހު ވަހީކުރެއްވިއެވެ: ފަހެ ކަލޭއެ ތަނުން (އެބަހީ: ސުވަރުގެއިން) ނުކުންނާށެވެ! ފަހެ ހަމަކަށަވަރުން ކަލެއަކީ، ރަހުމަތުން ބޭރުކުރައްވާފައިވާ މީހެކެވެ.
78
އަދި ހަމަކަށަވަރުން ގިޔާމަތް ދުވަހަށް ދާންދެން ކަލޭ ގެމައްޗަށް ތިމަން އިލާހުގެ ލައުނަތް ހުއްޓެވެ.
79
އެކަލޭގެ ދެންނެވިއެވެ: އަޅުގެ ރައްބެވެ. ފަހެ އެ މީހުން (އަލުން ދިރުއްވައި މަހުޝަރަށް) ފޮނުއްވާނޭ ދުވަހަށްދާންދެން ތިމަން އަޅާއަށް މުހުލަތް ދެއްވާނދޭވެ.
80
އެ އިލާހު ވަހީކުރެއްވިއެވެ: ފަހެ ހަމަކަށަވަރުން ކަލޭގެވަނީ މުހުލަތް ދެއްވާފައިވާ މީހުންގެ ތެރެއިންނެވެ.
81
ވަގުތު ކަނޑައެޅި އެނގިގެންވާ ދުވަހަށް ދާންދެނެވެ.
82
އެކަލޭގެ ދެންނެވިއެވެ: ފަހެ އިބަ އިލާހުގެ އިއްޒަތްތެރިވަންތަކަން ގަންދީ ބުނަމެވެ. ހަމަކަށަވަރުން އެ މީހުންގެ އެންމެން މަގުފުރައްދާހުށީމެވެ.
83
އެ މީހުން ކުރެ، އިބަ އިލާހު ޚިޔާރުކުރައްވާފައިވާ އަޅުން މެނުވީއެވެ.
84
އެ އިލާހު ވަހީކުރެއްވިއެވެ: ފަހެ ތިމަން އިލާހީ، ހައްގުވަންތަ އިލާހެވެ. އަދި ތިމަން އިލާހު ވަހީ ކުރައްވަނީ ހައްގު ތެދެވެ.
85
ހަމަކަށަވަރުން ކަލޭގެޔާއި އަދި އެ މީހުންގެ ތެރެއިން ކަލޭގެއަށް ތަބާވީ ބަޔަކާއި އެ އެންމެންއަޅުއްވާ ނަރަކަ ފުރުއްވާހުށީމެވެ.
86
ކަލޭގެފާނު ވިދާޅުވާށެވެ. އެ ކަމުގެ މައްޗަށް (އެބަހީ: ރަސޫލުކަން އިއްވެވުމުގެ މައްޗަށް) ތިމަންކަލޭގެފާނު އެއްވެސް އުޖޫރައެއް ތިޔަބައިމީހުންގެ ކިބަޔަކުން ނޭދެމެވެ. އަދި އަމިއްލައަށް ހެދިގަނެގެންއުޅޭ މީހުންގެ ތެރެޔަކުންވެސް އަހަރެން ނުވަމެވެ.
87
އާލަމްތަކަށްވާ، ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ އެ ގުރްއާން ނުވެއެވެ.
88
ހިނދުކޮޅެއްގެފަހުން އޭގެ ޚަބަރު (އެބަހީ: އެއީ ތެދުކަން) ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭހުއްޓެވެ.