އަލްމާއިދާ

Al-Ma'idah

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުން، އަގުދުތައް ފުއްދާށެވެ! އަދި ތިޔަބައިމީހުންނަށް (އެ ތަކެއްޗާމެދު ހުކުމް އޮތްގޮތް ގުރްއާނުން) ބަޔާންކޮށްދެއްވާ ތަކެތި މެނުވީ، ނައަމްސޫފިތައް، ތިޔަބައިމީހުންނަށް ހަލާލު ކުރައްވާފައިވެއެވެ. ތިޔަބައިމީހުން އިހްރާމް ބަނދެގެންތިބެ، ޝިކާރަކުރުން ހުއްދަ ނުކުރާގޮތުގައެވެ. ހަމަކަށަވަރުން ﷲ، އެ އިލާހު އިރާދަކުރައްވާގޮތަށް ހުކުމް ކުރައްވައެވެ.
2
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުން ﷲ ގެ ޝަޢާއިރުތަކާއި، އަދި ހުރުމަތްތެރި މައްސަރާއި، އަދި ގެފުޅަށް ހަދިޔާކުރާ ތަކެއްޗާއި، ގިލަފަތި އެލުވާފައިވާ ތަކެއްޗާއި، އެ މީހުންގެ ރައްބުގެ ހަޒްރަތުން ފަޟްލުވަންތަކަމާއި، ރުއްސެވުންއެދި، ހުރުމަތްތެރިވެގެންވާ ގެފުޅަށް ގަސްދު ކޮށްގެން އަންނަމީހުންގެ ހުރުމަތް ނުކަނޑާށެވެ! (މުރާދަކީ ހައްޖުގެ އަޅުކަން ކުރުމަށް ކަނޑައެޅިގެންވާ ތަންތަނާއި، ކުރެވޭ އަޅުކަމަށް ހުރުމަތްތެރި ކޮށްހިތައި، އެ ކަމުގެ ތެރޭގައި ކުރުން މަނާކުރައްވާފައިވާ ކަންތައްތައް ހުއްދަ ނުކުރާށެވެ! އަދި ހުރުމަތްތެރި މައްސަރުތަކުގައި މަނާކުރައްވާފައިވާ ހަނގުރާމަ ކުރުންފަދަ ކަންތައްތައް ހުއްދަ ނުކުރާށެވެ! ހަމަ އެފަދައިން، ގެފުޅަށް ހަދިޔާކުރާ ގެރި، ބަކަރި، ޖަމަލާއި، އެ ހަދިޔާކުރާ ތަކެތި، ފާހަގަކުރުމުގެ ގޮތުން ކަރުގައި ގިލަފަތި އަޅުވާފައިވާ ތަކެއްޗާއި، އަދި އެނޫންވެސް ތަކެތި އަތުލައި، އެ ތަކެއްޗަށް ގެއްލުންދިނުން ހުއްދަ ނުކުރާށެވެ! އަދި ގެފުޅަށް ދިޔުން ގަސްދު ކޮށްގެންދާ މީހުންގެ މަގުގައި ހުރަސްއަޅައި ގެއްލުންދީހެދުން ހުއްދަ ނުކުރާށެވެ!) ތިޔަބައިމީހުން އިހްރާމް ކަނޑައިފި ހިނދެއްގައި، ތިޔަބައިމީހުން ޝިކާރަ ކުރާށެވެ! އަދި ތިޔަބައިމީހުން ހުރުމަތްތެރިވެގެންވާ މިސްކިތަށް (އެބަހީ: ގެފުޅަށް) ތިޔަބައިމީހުން ދިޔަނުދީ ހުރަސްއެޅިކަމަށް ޓަކައި، ބަޔަކުމީހުންގެ މައްޗަށް ތިޔަބައިމީހުންގައި އުފެދުނު ނުރުހުންތެރިކަމެއް އެއީ، އެހެންމީހުންގެ މައްޗަށް ނަހަމައިން ތިޔަބައިމީހުން ހައްދުފަހަނަޅައިދިޔުމުގެ ސަބަބެއްކަމުގައި މެދުވެރި ނުކުރާށެވެ! އަދި ހެޔޮކަންތައް ކުރުމާއި، ތަގުވާވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ. އަދި ފާފަވެރިވުމާއި އަދާވާތްތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ. އަދި ތިޔަބައިމީހުން ﷲ އަށް ތަގުވާވެރިވާށެވެ. ހަމަކަށަވަރުން ﷲ އީ އުގޫބާތް ގަދަފަދަ ވެގެންވާ އިލާހެވެ.
3
މުޅަތަކެއްޗާއި، (އޮހޮރޭ) ލެޔާއި، އޫރުމަހާއި، ﷲ ނޫން އެހެން ފަރާތެއްގެ ނަންގަނެ ކަތިލާ ތަކެއްޗާއި، ކަރުގައި ހިފައިގެން މަރައިލާ ތަކެއްޗާއި، ޖަހައި މަރައިލާ ތަކެއްޗާއި، އުސް ތަނަކުން ވެއްޓި މަރުވާ ތަކެއްޗާއި، (އެހެން ޖަނަވާރެއްގެ) ދަޅުން ޖަހައިގެން މަރުވާ ތަކެއްޗާއި، މިނިކާ ޖަނަވާރެއް (އެއްބައި) ކައިފައިވާ ތަކެތި، ތިޔަބައިމީހުންގެ މައްޗަށް ހަރާމް ކުރައްވާފައި ވެއެވެ. (މި ތަކެތީގެ ތެރެއިން ފުރާނަ ހުއްޓައި އެ އެއްޗެއް އަތުޖެހި ޝަރުއީ ހަމައިގެ މަތިން) ތިޔަބައިމީހުން ކަތިލި އެއްޗެއް މެނުވީއެވެ. އަދި ބުދުތަކުގެ ނަން މައްޗަށް ކަތިލާ ތަކެއްޗާއި، ދުނިދަނޑި މެދުވެރިކޮށްގެން ތިޔަބައިމީހުންގެ ނަސީބު ހުރި ގޮތް ބަލައިހެދުންވެސް، ތިޔަބައިމީހުންގެ މައްޗަށް ހަރާމް ކުރައްވާފައި ވެއެވެ. ފަހެ އެ ކަންތައްތަކަކީ ފާސިގު ކަންތައްތަކެކެވެ. މިއަދު ތިޔަބައިމީހުންގެ ދީނާމެދު (އެބަހީ: އެ ދީނަށް ގެއްލުމެއް ދެވިދާނެ ކަމާމެދު) ކާފިރުން ނާއުއްމީދު ވެއްޖެއެވެ. ފަހެ އެ މީހުން ދެކެ ތިޔަބައިމީހުން ބިރު ނުގަންނާށެވެ. އަދި ތިމަން އިލާހަށް ތިޔަބައިމީހުން ބިރުވެތިވާށެވެ. މިއަދު ތިމަން އިލާހު، ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުންނަށް ފުރިހަމަ ކޮށްދެއްވާފީމެވެ. އަދި ތިމަން އިލާހުގެ ނިއުމަތް، ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަ ކޮށްދެއްވާފީމެވެ. އަދި އިސްލާމް ދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި، ތިމަން އިލާހު ރުހިވޮޑިގެންފީމެވެ. ފަހެ ބަނޑުހައިހޫނުކަމެއްގެ ތެރޭގައި ފާފައިގެ ފަރާތަށް ލެނބިގަތުމެއްނެތި (އިސްވެދިޔަ ހަރާމް ތަކެތީގެ ތެރެއިން އެއްޗެއް ކެއުމަށް) މަޖުބޫރުވީ މީހާ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ އިލާހެވެ.
4
އެ މީހުންނަށް ހަލާލު ކުރެއްވީ، ކޮން އެއްޗެއްތޯ ކަލޭގެފާނާ އެ މީހުން ސުވާލުކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ރަނގަޅު ތަކެތި ތިޔަބައިމީހުންނަށް ހަލާލުކުރެއްވިއެވެ. އަދި ޝިކާރަކުރާ ޖަނަވާރާއި، ދޫނީގެ ތެރެއިން ޝިކާރަކުރުމަށް އެ ތަކެއްޗަށް ތިޔަބައިމީހުން އުނގަންނައިދޭ ހާލު، ތިޔަބައިމީހުން އުނގަންނައިދިން ޖަނަވާރާއި، ދޫނީގެ ޝިކާރަ ހަލާލުކުރެއްވިއެވެ. ﷲ ތިޔަބައިމީހުންނަށް އުނގަންނައި ދެއްވި ކަންތަކުގެ ތެރެއިން އެ ތަކެއްޗަށް، ތިޔަބައިމީހުން އުނގަންނައިދެމުއެވެ. ފަހެ އެ ތަކެތި ތިޔަބައިމީހުންނަށް ހިފައިގެން ގެނެސްދޭ ތަކެތީގެ ތެރެއިން ތިޔަބައިމީހުން ކާށެވެ! އަދި އެ ޝިކާރައިގެ މައްޗަށް ﷲ ގެ އިސްމުފުޅު ތިޔަބައިމީހުން ކިޔާށެވެ. އަދި ތިޔަބައިމީހުން ﷲ އަށް ތަގުވާވެރިވާށެވެ. ހަމަކަށަވަރުން ﷲ އީ، ހިސާބު ބެއްލެވުން އަވަސްވެވޮޑިގެންވާ އިލާހެވެ.
5
މިއަދު ތިޔަބައިމީހުންނަށް ރަނގަޅު ތަކެތި ހަލާލު ކުރައްވާފިއެވެ. އަދި ފޮތް ލިބުނު މީހުންގެ ކާނާވެސް ތިޔަބައިމީހުންނަށް ހަލާލު ވެގެންވެއެވެ. އަދި ތިޔަބައިމީހުންގެ ކާނާ އެ މީހުންނަށް ހަލާލު ވެގެންވެއެވެ. އިއްފަތްތެރި މުއުމިނު އަންހެނުންނާއި، ތިޔަބައިމީހުންގެ ކުރިން ފޮތް ލިބުނު މީހުންގެ ތެރެއިން މިނިވަން އަންހެނުން ތިޔަބައިމީހުންނަށް ހަލާލު ވެގެންވެއެވެ. އެ ކަނބަލުންގެ ރަން ތިޔަބައިމީހުން އެ ކަނބަލުންނަށް ދީފިނަމައެވެ. ކާވެނީގެ އިއްފަތްތެރިކަން ހޯދާބަޔެއްގެ ގޮތުގައެވެ. ޒިނޭކުރާ ބަޔެއްގެ ގޮތުގައެއް ނޫނެވެ. ސިއްރުން ޒިނޭކުރާ އެކުވެރި އަންހެނުން ގެންގުޅޭ ބަޔެއްގެ ގޮތުގައެއްވެސް ނޫނެވެ. އަދި އީމާންކަމަށް ކާފިރު ވާމީހާ (އެބަހީ: އިސްލާމް ދީނުގެ ހުކުމްތަކަށް ދެކޮޅު ހަދާ މީހާ ދަންނާށެވެ.) ފަހެ ހަމަކަށަވަރުން އެ މީހާގެ އަމަލު ބާތިލު ވެގެންވެއެވެ. އަދި އޭނާވަނީ އާޚިރަތުގައި ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.
6
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުން ނަމާދަށް ތެދުވެއްޖެނަމަ، (އެބަހީ: ނަމާދުކުރާން ގަސްދުކޮށްފިނަމަ) ފަހެ ތިޔަބައިމީހުންގެ މޫނުތަކާއި، ތިޔަބައިމީހުންގެ އަތްތައް، އުޅަނބޮށިތަކާ ހަމައަށް ދޮންނާށެވެ! އަދި ތިޔަބައިމީހުންގެ ބޯތަކުގައި (ފެން) ފުހޭށެވެ! އަދި ތިޔަބައިމީހުންގެ ފައިތައް ދެތަނބިކަށްޓާހަމައަށް ދޮންނާށެވެ! އަދި ޖުނުބުވެރިން ކަމުގައި ތިޔަބައިމީހުން ވެއްޖެނަމަ، ފަހެ ތިޔަބައިމީހުން ތާހިރު ވެގަންނާށެވެ! އަދި ތިޔަބައިމީހުންނީ ބަލިމީހުން ކަމުގައި ވެއްޖެނަމަ، ނުވަތަ ދަތުރެއްގެ މަތީގައި ވެއްޖެނަމަ، ނުވަތަ ތިޔަބައިމީހުންކުރެ މީހަކު ހަނޑަހުން އަތުވެއްޖެނަމަ، ނުވަތަ އަންހެނުންގައި ބީހިއްޖެނަމަ، ދެން، ފެން ނުލިބިއްޖިއްޔާ ތާހިރު ވެލީން ތިޔަބައިމީހުން ތަޔައްމަމުކުރާށެވެ! ފަހެ ތިޔަބައިމީހުންގެ މޫނުތަކާއި، އަތްތަކުގައި އެ ވެލީން ފުހޭށެވެ! ތިޔަބައިމީހުންގެ މައްޗަށް ދަތިކަމެއް ލެއްވުމަކަށް ﷲ އިރާދައެއް ނުކުރައްވައެވެ. އެހެނެއްކަމަކު އެ އިލާހު އިރާދަ ކުރައްވަނީ ތިޔަބައިމީހުން ތާހިރުކުރެއްވުމަށާއި، ތިޔަބައިމީހުންގެ މައްޗަށް އެ އިލާހުގެ ނިއުމަތް ފުރިހަމަ ކުރެއްވުމަށެވެ. (އެއީ) ތިޔަބައިމީހުން ޝުކުރުކުރޭތޯއެވެ.
7
ތިމަންމެން އަހާ ކިޔަމަންވެއްޖައީމުއޭ ތިޔަބައިމީހުން ބުނިހިނދު، ތިޔަބައިމީހުންނަށް ﷲ ދެއްވާފައިވާ ނިއުމަތާއި، ތިޔަބައިމީހުންގެ ކިބައިން އެ އިލާހު ހިއްޕަވާފައިވާ އަހުދު ކަށަވަރު ތިޔަބައިމީހުން ހަނދުމަކުރާށެވެ! އަދި ތިޔަބައިމީހުން ﷲ އަށް ތަގުވާވެރިވާށެވެ. ހަމަކަށަވަރުން ﷲ އީ، ހިތްތަކުގައި ވާހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
8
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުން ﷲ އަށްޓަކައި އެ އިލާހުގެ ހައްގުތައް ފުރިހަމައަށް ގާއިމުކުރާ، އަދި އަދުލަށް ހެކިދޭ ބަޔަކު ކަމުގައިވާށެވެ. އަދި ބަޔަކުމީހުންދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން އަދުލުވެރި ނުވުމުގެ މައްޗަށް ބާރުއަޅާކަމެއް ކަމުގައި ނަހަދާށެވެ! ތިޔަބައިމީހުން އަދުލުވެރިވާށެވެ. އެ ގޮތް ތަގުވާވެރިކަމާ ގާތްކަން ބޮޑެވެ. އަދި ތިޔަބައިމީހުން ﷲ އަށް ތަގުވާވެރިވާށެވެ. ހަމަކަށަވަރުން ﷲ އީ، ތިޔަބައިމީހުންކުރާ އަމަލުތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
9
އީމާންވެ ސާލިހު އަމަލުކުރި މީހުންނަށް ފާފަ ފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަހުރިކަމަށް އެ މީހުންނަށް ﷲ ވައުދު ކުރައްވާފައިވެއެވެ.
10
އަދި ކާފިރުވެ ތިމަން އިލާހުގެ އާޔަތްތައް ދޮގުކުޅަމީހުން އެއީ، ނަރަކައިގެ އަހުލުވެރިންނެވެ.
11
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ބަޔަކުމީހުން (އަދާވާތްތެރިވުމުގެ ގޮތުން) ތިޔަބައިމީހުން ނެތިކޮށްލުމަށްރާވައި، އެ މީހުންގެ އަތްތަކުން މަސައްކަތް ކުރިހިނދު، ﷲ ތިޔަބައިމީހުންނަށް ދެއްވި ނިއުމަތް ހަނދުމަކުރާށެވެ! ފަހެ އެ އިލާހު ތިޔަބައިމީހުންގެ ކިބައިން އެ މީހުންގެ އަތްތައް ދުރުކުރެއްވިއެވެ. އަދި ތިޔަބައިމީހުން ﷲ އަށް ތަގުވާވެރިވާށެވެ. (ހަމައެކަނި) ﷲ އަށް މުއުމިނުން ވަކީލުކުރާހުށިކަމެވެ.
12
ހަމަކަށަވަރުން ﷲ، އިސްރާއީލުގެ ދަރިންގެ ކިބައިން ކަށަވަރުވެގެންވާ އަހުދު ހިއްޕެވިއެވެ. އަދި އެ މީހުންގެ ތެރެއިން ބާރަ ނަގީބުން (އެބަހީ: ބާރަ ވެރިން) ތިމަން އިލާހު އިޚްތިޔާރު ކުރެއްވީމެވެ. އަދި ﷲ ވަހީކުރެއްވިއެވެ: ހަމަކަށަވަރުން ތިމަން އިލާހު ތިޔަބައިމީހުންނާއެކު ވޮޑިގެންވަމެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ނަމާދު ގާއިމުކުރާނަމަ، އަދި ޒަކާތް ދޭނަމަ، އަދި ތިމަން އިލާހުގެ ރަސޫލުންނަށް ތިޔަބައިމީހުން އީމާންވެ އެ ރަސޫލުންނަށް ނަސްރު ދޭނަމަ، އަދި ﷲ އަށްޓަކައި ހެޔޮވެގެންވާ ދަރަންޏަކުން ދަރަނިދޭނަމަ، (އެބަހީ: ﷲ ގެ މަގުގައި ހޭދަކުރާނަމަ) ހަމަކަށަވަރުން ތިމަން އިލާހު ތިޔަބައިމީހުންގެ ފާފަތައް ފުއްސަވާހުށީމެވެ. އަދި އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާހުންނަ ސުވަރުގެތަކަށް، ހަމަކަށަވަރުން ތިމަން އިލާހު ތިޔަބައިމީހުން ވައްދަވާހުށީމެވެ. ދެން އެ އެންގެވުމަށް ފަހު، ތިޔަބައިމީހުންގެ ތެރެއިން ކާފިރުވި މީހާ، ފަހެ ހަމަމަގުން އެއްކިބާވެ ފުރެދިއްޖެކަން ކަށަވަރެވެ.
13
ދެން އެ މީހުންގެ ކަށަވަރުވެގެންވާ އަހުދު އެ މީހުން އުވައިލުމުގެ ސަބަބުން، ތިމަން އިލާހު އެ މީހުންނަށް ލައުނަތް ލެއްވީމެވެ. އަދި އެ މީހުންގެ ހިތްތައް ހަރުކަށި ހިތްތަކެއްކަމުގައި ލެއްވީމެވެ. އެ މީހުން (ތައުރާތުގައިވާ) ކަލިމަފުޅުތައް އޮންނަންވީ ތަންތަނުން ބަދަލުކޮށް އޮޅުވާލައިހަދައެވެ. އަދި އެ މީހުންނަށް ހަނދާންކޮށްދެއްވި ކަންތަކުގެ ތެރެއިން ބަޔެއް (އެބަހީ: މުޙައްމަދުގެފާނަށް ތަބާ ވުމަށް ތައުރާތުގައި ކުރައްވާފައިވާ އަމުރުތައް) އެ މީހުން ހަނދާން ނައްތައިލިއެވެ. އޭގެ ތެރެއިން މަދުބަޔެއްގެ ކިބައިން މެނުވީ، އެ މީހުންގެ ތެރެއިން ޚިޔާނަތްތެރިވުން ކަލޭގެފާނަށް އަބަދުވެސް ފެނިވަޑައިގަންނަވާނެއެވެ. ފަހެ އެ މީހުންނަށް ކަލޭގެފާނު އަފޫކުރައްވާ، މާފު ކުރައްވާށެވެ. ހަމަކަށަވަރުން އިހްސާންތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ.
14
ހަމަކަށަވަރުން ތިމަންމެންނީ ނަސާރާއިންނޭ ބުނިމީހުންގެ ކިބައިންވެސް އެ މީހުންގެ ކަށަވަރުވެގެންވާ އަހުދު ތިމަން އިލާހު ހިއްޕެވީމެވެ. ދެން އެ މީހުންނަށް ހަނދާންކޮށްދެއްވި ކަންތަކުގެ ތެރެއިން އެ މީހުން ހަނދާންނައްތާލިއެވެ. ފަހެ ގިޔާމަތް ދުވަހަށް ދާންދެން އެ މީހުންގެ މެދުގައި، އަދާވާތްތެރިކަމާއި، ރުޅިވެރިކަން ލެއްވީމެވެ. އަދި ނިކަންހުރެ އެ މީހުން ކޮށްއުޅުނު އަމަލުތަކުގެ ވާހަކައިން ﷲ އެ މީހުންނަށް ޚަބަރު އަންގަވާނެއެވެ.
15
އޭ ފޮތުގެ އަހުލުވެރިންނެވެ. ފޮތުން ތިޔަބައިމީހުން ވަންހަނާކޮށްއުޅުނު ކަންތަކުގެ ތެރެއިން ގިނަ ކަންތައްތަކެއް ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވާ އަދި (އޭގެ) ގިނަ ކަންތައްތައް އަފޫކުރައްވާ ހާލު، ހަމަކަށަވަރުން ތިމަން އިލާހުގެ ރަސޫލާ ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ. ހަމަކަށަވަރުން ﷲ ގެ ހަޒްރަތުން ނޫރަކާއި، ބަޔާންކުރަނިވި ފޮތެއް، ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެއެވެ.
16
ﷲ، އެ އިލާހު ރުއްސަވާ މަގަށް ތަބާވީ މީހަކަށް ސަލާމަތުގެ މަގަށް އެފޮތުން މަގުދައްކަވައެވެ. އަދި އެ އިލާހުގެ އިޒުނަފުޅުން އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް އެ މީހުން ނެރުއްވައެވެ. އަދި ސީދާވެގެންވާ ތެދުމަގަކަށް އެ މީހުންނަށް މަގުދައްކަވައެވެ.
17
ހަމަކަށަވަރުން ﷲ އީ، މަރިޔަމްގެފާނުގެ ދަރިކަލުން އަލްމަސީޙު (ޢީސާގެފާނު) ކަމަށް ބުނި މީހުން ކާފިރު ވެއްޖެކަން ކަށަވަރެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ފަހެ މަރިޔަމްގެފާނުގެ ދަރިކަލުން އަލްމަސީޙު (ޢީސާގެފާނު) އާއި، އެކަލޭގެފާނުގެ މައިކަނބަލުންނާއި، ބިމުގައިވާހައި ބަޔަކު ނެތި ކުރެއްވުމަށް ﷲ އިރާދަކުރައްވާފިނަމަ، ﷲ ގެ އިރާދަފުޅާ ދެކޮޅަށް ކަމެއް ކުރުމަށް އެއްވެސް ބާރެއް ލިބިގެންވަނީ ކާކަށްހެއްޔެވެ؟ އުޑުތަކާއި ބިމާއި، އެ ދެމެދުގައި ވާހާ ތަކެއްޗެއްގެ ވެރިކަންވަނީ ﷲ އަށެވެ. އެ އިލާހު އިރާދަ ކުރެއްވި އެއްޗެއް ހައްދަވައެވެ. އަދި ﷲ އީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހެވެ.
18
ޔަހޫދީންނާއި، ނަސާރާއިން ބުނެފިއެވެ. ތިމަންމެންނީ، ﷲ ގެ ދަރިންނެވެ. އަދި އެ އިލާހު ލޯބިވެވޮޑިގެންވާ މީހުންނެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އެހެންވިއްޔާ ތިޔަބައިމީހުންގެ ފާފަތަކުގެ ސަބަބުން ތިޔަބައިމީހުންނަށް އެ އިލާހު އަޒާބު ދެއްވަނީ ކީއްވެގެންހެއްޔެވެ؟ އަދި ކިއެއް! ތިޔަބައިމީހުންނީ، އެ އިލާހު ހެއްދެވި މީހުންގެ ތެރެއިންވާ މީހުންނެވެ. އެ އިލާހު އިރާދަކުރައްވާ މީހަކަށް ފާފަ ފުއްސަވައެވެ. އަދި އެ އިލާހު އިރާދަކުރައްވާ މީހަކަށް އަޒާބު ދެއްވައެވެ. އަދި އުޑުތަކާއި، ބިމާއި، އެ ދެމެދުގައި ވާހާ ތަކެއްޗެއްގެ ވެރިކަން މިލްކު ވެގެންވަނީ ﷲ އަށެވެ. އަދި ނިމިދިޔުން ވަނީވެސް އެ އިލާހުގެ ހަޒްރަތަށެވެ.
19
އޭ ފޮތުގެ އަހުލުވެރިންނެވެ. އުފާވެރިކަމުގެ ޚަބަރު ދެއްވާ ބޭކަލަކުވިޔަސް، އަދި ބިރުވެރިކަމުގެ ޚަބަރު ދެއްވާ ބޭކަލަކުވިޔަސް، ތިމަންމެންގެ ގާތަކަށް ވަޑައެއްނުގަންނަވައޭ ތިޔަބައިމީހުން ބުނެފާނެކަމަށް ޓަކައި، ރަސޫލުންގެ މެދުކެނޑުމަކަށް ފަހު، ތިޔަބައިމީހުންނަށް (ކަންތައްތައް) ބަޔާން ކޮށްދެއްވާ ހާލު ތިޔަބައިމީހުންގެ ގާތަށް ތިމަން އިލާހުގެ ރަސޫލާ ވަޑައިގެންފިކަން ކަށަވަރެވެ. ފަހެ އުފާވެރިކަމުގެ ޚަބަރު ދެއްވާ، އަދި ބިރުވެރިކަމުގެ ޚަބަރު ދެއްވާ ބޭކަލަކު ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިކަން ކަށަވަރެވެ. ﷲ އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހެވެ.
20
އަދި މޫސާގެފާނު، އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް ވިދާޅުވި ހިނދު ހަނދުމަ ކުރާށެވެ. އޭ އަހަރެންގެ ގައުމުގެ މީހުންނެވެ. ތިޔަބައިމީހުންގެ މައްޗަށް ﷲ ދެއްވި ނިއުމަތް ތިޔަބައިމީހުން ހަނދުމަ ކުރާށެވެ. އެހެނީ، އެ އިލާހު ތިޔަބައިމީހުންގެ ތެރޭގައި ނަބީބޭކަލުން ލެއްވިއެވެ. އަދި ތިޔަބައިމީހުން (ގެ ތެރެއިން ބަޔަކު) ރަސްކަލުންތަކެއް ކަމުގައި ލެއްވިއެވެ. އަދި (އެ ޒަމާނުގެ) އާލަމްތަކުގެ ތެރެއިން އެކަކަށް ވެސް ނުދެއްވާ ނިއުމަތް ތިޔަބައިމީހުންނަށް ދެއްވިއެވެ.
21
އޭ އަހަރެންގެ ގައުމުގެ މީހުންނެވެ. މުގައްދަސް ވެގެންވާ ބިމަށް ތިޔަބައިމީހުން ވަންނާށެވެ. އެއީ ތިޔަބައިމީހުންނަށް ޓަކައި ﷲ ލިޔުއްވި ބިމެވެ. އަދި ތިޔަބައިމީހުން ފުރަގަސްދީ އެނބުރި ނުގަންނާށެވެ. އޭރުން ތިޔަބައިމީހުން ގެއްލެނިވެގެންވާ ބަޔަކު ކަމުގައި ވެގެންދާނެއެވެ.
22
އެ މީހުން ދެންނެވިއެވެ. އޭ މޫސާގެފާނެވެ. ހަމަކަށަވަރުން ގަދަފަދަ ޖައްބާރު ބަޔަކު އެ ތާނގައި އެބަތިއްބެވެ. އަދި ހަމަކަށަވަރުން އެ މީހުން އެ ތަނުން ނުކުމެއްޖައުމަށް ދާންދެން، ތިމަންމެން އެ ތަނަކަށް ނުވަންނާނަމެވެ. ފަހެ އެ މީހުން އެ ތަނުން ނުކުމެއްޖެ ނަމަ، ދެން ހަމަކަށަވަރުން ތިމަންމެން (އެ ތަނަށް) ވަންނާނަމެވެ.
23
(ﷲ ދެކެ) ބިރުވެތިވާ މީހުންގެ ތެރެއިން، ﷲ ނިއުމަތް ދެއްވާފައިވާ ދެ މީހަކު ބުންޏެވެ: އެ މީހުންނާ ދިމާޔަށް (އެރަށުގެ) ދޮރޯށިން ތިޔަބައިމީހުން ވަދެގެން ދާށެވެ. ފަހެ ތިޔަބައިމީހުން އެ ރަށަށް ވަދެއްޖެނަމަ، ތިޔަބައިމީހުންނީ (އެ މީހުންގެ މައްޗަށް) ގަދަވެގަންނާނޭ ބަޔަކުކަން ކަށަވަރެވެ. އަދި ތިޔަބައިމީހުން ހަމައެކަނި ﷲ އަށް ވަކީލުކުރާށެވެ. އެއީ ތިޔަބައިމީހުންނީ އީމާން ވެގެން ތިބި ބަޔަކު ކަމުގައި ވާނަމައެވެ.
24
އެ މީހުން ދެންނެވިއެވެ. އޭ މޫސާގެފާނެވެ. އެ މީހުން އެ ރަށުގައި ދެމިތިބިހައި ހިނދަކު ދުވަހަކުވެސް ތިމަންމެން އެ ރަށަކަށް ނުވަންނާނަމެވެ. ފަހެ ކަލޭގެފާނުގެ ރައްބާއި، ކަލޭގެފާނު ވަޑައިގެން އެ މީހުންނާ ހަނގުރާމަ ކުރާށެވެ. ހަމަކަށަވަރުން ތިމަންމެން މި ހުރި ތާނގައި ތިބޭނަމެވެ.
25
އެކަލޭގެފާނު ވިދާޅުވިއެވެ: މިއަޅާގެ ރައްބެވެ. މިއަޅާގެ އަޚާއި، މިއަޅާގެ އަމިއްލަ ނަފްސު މެނުވީ މިއަޅާއަށް މިލްކުވެގެނެއް ނުވެއެވެ. ފަހެ ފާސިގުވީ މީހުންނާއި އަޅަމެންނާ ދެމެދު ނިޔާއެއް ކުރައްވާފާނދޭވެ.
26
ހަމަކަށަވަރުން އެ މީހުންގެ މައްޗަށް އެ ބިން ވަނީ ހަރާމްކުރެވިގެންނެވެ. ސާޅީސް އަހަރު ވާންދެނެވެ. ހައިރާންކަންމަތީ، ދެވޭނުދެވޭ ތަނެއް ނޭނގި، ބިމުގައި ވިއްސިވިހާލިވެގެން އެ މީހުން އުޅޭނެއެވެ. ފަހެ ފާސިގުވި ގައުމުގެ މީހުންގެ މައްޗަށް ކަލޭގެފާނު ހިތާމަނުކުރައްވާށެވެ.
27
އާދަމުގެފާނުގެ ދެދަރިކަލުންގެ ޚަބަރު، ހައްގު ގޮތުގައި ކަލޭގެފާނު އެ މީހުންނަށް ކިޔައިދެއްވާށެވެ. އެއީ، އެ ދެދަރިކަލުން ގުރުބާނެއް ކުރިމަތިކުރެއްވި ހިނދު (ކަންހިނގިގޮތުގެ ވާހަކަ) އެވެ. ފަހެ އެ ދެދަރިކަލުންކުރެ އެއްދަރިކަލެއްގެ ކިބައިން (ގުރުބާން) ގަބޫލުކުރެއްވިއެވެ. އަނެއް ދަރިކަލުންގެ ކިބައިން ގަބޫލެއް ނުކުރެއްވިއެވެ. އެ ދަރިކަލުން ވިދާޅުވިއެވެ: ތިމަން، ކަށަވަރުންވެސް ކަލޭ ގަތުލުކުރާހުށީމެވެ. އަނެއް ދަރިކަލުން ވިދާޅުވިއެވެ: ﷲ ގަބޫލު ކުރައްވާކަން ކަށަވަރީ ތަގުވާވެރިންގެ ކިބައިންނެވެ.
28
ހަމަކަށަވަރުން ތިމަން ގަތުލުކުރުމަށް ޓަކައި ކަލޭގެ އަތް ތިމަންނަޔާ ދިމާޔަށް ދިއްކުރިއަސް، ކަލޭ ގަތުލުކުރުމަށް ޓަކައި، ތިމަންގެ އަތް ކަލެޔާ ދިމާޔަށް ދިއްކުރާނޭ މީހަކު ކަމުގައި ތިމަން ނުވަމެވެ. ހަމަކަށަވަރުން އާލަމްތަކުގެ ވެރި ﷲ ދެކެ ތިމަން ބިރުގަންނަމެވެ.
29
ހަމަކަށަވަރުން ތިމަން އެދެނީ ތިމަންގެ ފާފައާއި ކަލޭގެ ފާފައާއިގެން (ﷲ ގެ ހަޒްރަތަށް) ކަލޭ ރުޖޫއަ ވުމެވެ. އޭރުން ކަލޭވާހުށީ، ނަރަކައިގެ އަހުލުވެރިންގެ ތެރެއިންނެވެ. އެއީ އަނިޔާވެރިންގެ ޖަޒާއެވެ.
30
ދެން އޭނާގެ އަޚާ ގަތުލުކުރުމަށް، އޭނާގެ ނަފްސު އޭނާއަށް ޒީނަތްތެރި ކޮށްދައްކައި ފަހިކޮށްދިނެވެ. ދެން އޭނާ، އޭނާގެ އަޚާ ގަތުލުކުޅައެވެ. ދެން އޭނާ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންވިއެވެ.
31
ދެން އޭނާގެ އަޚާގެ (ފުރާނަނެތް) މަސްގަނޑު ނިވާކުރާނީ ކޮންފަދަޔަކުންކަން އޭނާއަށް ދެއްކެވުމަށް ޓަކައި، ބިން ހާވާނޭ ކާޅެއް ﷲ ފޮނުއްވިއެވެ. ދެން، އޭނާ ބުންޏެވެ. އޭ، އަހަރެންނަށް ހުރި ހިތާމަޔެއްގެ ބޮޑުކަމާއެވެ. އަހަރެންގެ އަޚާގެ މަސްގަނޑު ނިވާކުރުމަށް، މި ކާޅު ފަދައިންވުމަށް ވެސް، އަހަރެން ނުކުޅެދިގެން ވީހެއްޔެވެ؟ ދެން، އޭނާ ހިތާމަކުރާ މީހުންގެ ތެރެއިންވިއެވެ.
32
އެ ކަމަށް ޓަކައި އިސްރާއީލުގެ ދަރިންގެ މައްޗަށް، ތިމަން އިލާހު ކަނޑައެޅުއްވީމެވެ. ނަފްސެއް މަރައިގެން، ނުވަތަ ބިމުގައި ފަސާދެއް އުފައްދައިގެން ނޫންގޮތަކަށް، ނަފްސެއް މަރައިފި މީހަކު، އެންމެހާ މީސްތަކުން މެރިފަދައެވެ. އަދި އެ ނަފްސު ދިރުވައިފި މީހާ (އެބަހީ: ނުމަރައި ދުނިޔޭގައި ބަހައްޓައިފިމީހާ) އެންމެހާ މީސްތަކުން ދިރުވިފަދައެވެ. ހަމަކަށަވަރުން ބަޔާން ވެގެންވާ ހެކިތަކާއިގެން، ތިމަން އިލާހުގެ ރަސޫލުން އެ މީހުންގެ ގާތަށް ވަޑައިގަތެވެ. ދެން އެއަށް ފަހު، އެ މީހުންގެ ތެރެއިން ގިނަމީހުންނީ ބިމުގައި އިސްރާފު ކޮށްއުޅޭ މީހުންކަން ކަށަވަރެވެ. (އެބަހީ: މީހުން މެރުމާއި، ކާފިރުކަމުގައި ހައްދުފަހަނަޅައި ގޮސްފައިވާ މީހުންކަން ކަށަވަރެވެ.)
33
އަދި ﷲ އާއި އެ އިލާހުގެ ރަސޫލާއާ ހަނގުރާމަކޮށް އުޅޭ މީހުންނާއި، ބިމުގައި ފަސާދަކުރުމަށް މަސައްކަތް ކޮށްއުޅޭ މީހުންގެ ޖަޒާއެއް ކަމުގައިވާކަން ކަށަވަރީ އެ މީހުން މެރުމެވެ. ނުވަތަ ސަލީބަށް އެރުވުމެވެ. ނުވަތަ، ތަފާތުކޮށް އެ މީހުންގެ އަތްފައި ބުރިކުރުމެވެ. (އެބަހީ: ކަނާތާއި، ވާތުފައި ނުވަތަ ވާތާއި، ކަނާތުފައި ބުރިކުރުމެވެ.) ނުވަތަ، ރަށުން ފޮނުވައިލުމެވެ. އެއީ އެ މީހުންނަށް ދުނިޔޭގައި ހުރި ނިކަމެތިކަމެވެ. އަދި އާޚިރަތުގައި، އެ މީހުންނަށް ބޮޑުވެގެންވާ އަޒާބު ހުއްޓެވެ.
34
އެ މީހުންގެ މައްޗަށް ތިޔަބައިމީހުން ގަދަވެގަތުމުގެ ކުރިން، ތައުބާވި މީހުން މެނުވީއެވެ. ފަހެ ހަމަކަށަވަރުން ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ އިލާހުކަން، ތިޔަބައިމީހުން ދަންނާށެވެ.
35
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުން ﷲ އަށް ތަގުވާވެރިވާށެވެ. އަދި އެ އިލާހުގެ ހަޒްރަތަށް ކުއްތަންވުމުގެ މަގު ތިޔަބައިމީހުން އެދޭށެވެ! އަދި އެ އިލާހުގެ މަގުގައި ތިޔަބައިމީހުން ޖިހާދުކުރާށެވެ! (އެއީ) ތިޔަބައިމީހުން ކާމިޔާބުވޭތޯއެވެ.
36
ހަމަކަށަވަރުން ކާފިރުވި މީހުން، ގިޔާމަތް ދުވަހުގެ އަޒާބުން އެ މީހުން ސަލާމަތްވެގަތުމަށް އެ ތަކެތިން ފިދުޔަ ދިނުމަށް ޓަކައި، ބިމުގައިވާ އެންމެހާތަކެއްޗާއި، އެއާއެކު ހަމައެފަދަ ތަކެތި، އެ މީހުންނަށް މިލްކުވެގެންވީ ނަމަވެސް، އެ މީހުންގެ ކިބައިން ގަބޫލެއް ނުކުރެއްވީހެވެ. އަދި އެ މީހުންނަށް ވޭންދެނިވި އަޒާބު ހުއްޓެވެ.
37
ނަރަކައިގެ އަލިފާނުގެ ތެރެއިން ނުކުތުމަށް އެ މީހުން އެދޭނެތެވެ. (ނަމަވެސް) އެ ތަނުން ނުކުމެވޭނޭ ބަޔަކު ކަމުގައި، އެ މީހުން ނުވެއެވެ. އަދި އެ މީހުންނަށް ދެމިހުންނަނިވި އަޒާބު ހުއްޓެވެ.
38
ވައްކަންކުރާ ފިރިހެނާއާއި، ވައްކަންކުރާ އަންހެނާ (ދަންނާށެވެ.) ފަހެ ތިޔަބައިމީހުން އެ ދެ މީހުންގެ އަތްތައް ބުރިކުރާށެވެ! (އެއީ) އެ ދެ މީހުން ކުޅަކަންތަކުގެ ޖަޒާއަކަށް، ﷲ ގެ ހަޒްރަތުން ކަނޑައަޅުއްވާފައިވާ އިބްރަތްތެރި އުގޫބާތެއްގެ ގޮތުންނެވެ. ﷲ އީ، ޢަޒީޒުވަންތަ ޙަކީމްވަންތަ އިލާހެވެ.
39
ފަހެ އަނިޔާވެރިވުމަށް ފަހު، (އެބަހީ: ވައްކަންކުރުމަށް ފަހު) ތައުބާވެ (އޭނާގެ އަމަލު) އިސްލާހު ކޮށްފިމީހާ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން ﷲ އެ މީހާގެ މައްޗަށް ތައުބާ ލައްވާނެއެވެ. ހަމަކަށަވަރުން ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ އިލާހެވެ.
40
ހަމަކަށަވަރުން އުޑުތަކާއި، ބިމުގެ ވެރިކަން ﷲ އަށް މިލްކުވެގެންވާކަން ތިބާ ނުދަންނަމުހެއްޔެވެ؟ އެ އިލާހު އިރާދަކުރައްވާ މީހަކަށް އެ އިލާހު އަޒާބު ދެއްވައެވެ. އަދި އެ އިލާހު އިރާދަކުރައްވާ މީހަކަށް އެ އިލާހު ފާފަ ފުއްސަވައެވެ. ﷲ އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހެވެ.
41
އޭ ރަސޫލާއެވެ. އެ މީހުންގެ ހިތްތައް އީމާން ނުވެ، އެ މީހުންގެ އަނގައިން ތިމަންމެން އީމާން ވެއްޖައީމުއޭ ބުނި މީހުންގެ ތެރެއިންނާއި، ޔަހޫދީން ކަމުގައިވި މީހުންގެ ތެރެއިން ކާފިރު ވުމަށް އަވަސްވެގަންނަ މީހުންނާމެދު، ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ. އެ މީހުންނަކީ، ދޮގުތައް ގިނަގިނައިން އަޑުއަހާ މީހުންނެވެ. (އަދި) ކަލޭގެފާނުގެ އަރިހަށް ނާންނަ އެހެންބަޔެއްގެ ބަސް، ގިނަގިނައިން އަޑުއަހާ މީހުންނެވެ. (ތައުރާތުގެ) ކަލިމަތައް އެ ހުންނަންވީ ތަންތަނުން އެ މީހުން ބަދަލުކުރެއެވެ. އެ މީހުން ބުނެއެވެ. ތިޔަބައިމީހުންނަށް މި ކަލިމަތައް (އެބަހީ: ބަދަލުކުރި ކަލިމަތައް) ލިބިއްޖެނަމަ، އޭގައި ތިޔަބައިމީހުން ހިފަހައްޓާށެވެ! އެ ކަލިމަތައް ތިޔަބައިމީހުންނަށް ނުލިބުނުނަމަ، ތިޔަބައިމީހުން ރައްކާތެރިވާށެވެ. ﷲ އެ މީހަކު މަގުފުރެއްދެވުމަށް އިރާދަކުރައްވާ މީހާ (ދަންނާށެވެ.) ފަހެ ﷲ ގެ ހަޒްރަތުން އެ މީހަކަށްޓަކައި އެއްވެސް ކަމެއް ކަލޭގެފާނަކަށް މިލްކުވެގެނެއް ނުވާނެއެވެ. އެ މީހުންނަކީ، އެ މީހުންގެ ހިތްތައް ތާހިރުކުރެއްވުމަށް ﷲ އިރާދަކުރައްވާފައިނުވާ މީހުންނެވެ. އެ މީހުންނަށް ދުނިޔޭގައި ހުރީ ނިކަމެތިކަމެވެ. އަދި އާޚިރަތުގައި އެ މީހުންނަށް ބޮޑުވެގެންވާ އަޒާބު ހުއްޓެވެ.
42
(އެއީ) ގިނަގިނައިން ދޮގުބަސްތައް އަހާމީހުންނެވެ. ހަރާމް މުދާ ގިނައިން ކާމީހުންނެވެ. ފަހެ އެ މީހުން ކަލޭގެފާނުގެ އަރިހަށް އަތުވެއްޖެނަމަ އެ މީހުންގެ މެދުގައި ހުކުމް ކުރައްވާށެވެ. ނުވަތަ އެ މީހުންގެ ކިބައިން އެނބުރިވަޑައިގަންނަވާށެވެ. އެ މީހުންގެ ކިބައިން ކަލޭގެފާނު އެނބުރިވަޑައިގަތަސް އެ މީހުންނަކަށް ކަލޭގެފާނަށް އެއްވެސް ކަމަކުން ގެއްލުމެއް ނުދެވޭނެއެވެ. އަދި ކަލޭގެފާނު ހުކުމް ކުރައްވާނަމަ އެ މީހުންގެ މެދުގައި އަދުލަށް ހުކުމް ކުރައްވާށެވެ. ހަމަކަށަވަރުން އަދުލަށް ހުކުމްކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ.
43
އެ މީހުންގެ އަތުގައި ތައުރާތު އޮވެ، އެ ތައުރާތުގައި ﷲ ގެ ހުކުމް ވަނިކޮށް، އެ މީހުން ކަލޭގެފާނުގެ އަރިހުން ހުކުމަކަށް އެދެނީ ކޮންފަދަޔަކުންހޭ؟ ދެން އެއަށް ފަހު، އެ މީހުން (އެ ހުކުމަށް) ފުރަގަސްދެތެވެ. ފަހެ އެ މީހުން މުއުމިނުން ކަމުގައެއް ނުވެއެވެ.
44
ހަމަކަށަވަރުން ތިމަން އިލާހު ތައުރާތު ބާވައިލެއްވީމެވެ. އޭގައި ތެދުމަގާއި، އަލިކަންވެއެވެ. ކިޔަމަންތެރިވެގެން ތިއްބެވި ނަބިއްޔުންނާއި، ރައްބާނީން (އެބަހީ: ޔަހޫދީންގެ އަޅުވެރިން) ނާއި، ޔަހޫދީންގެ އިލްމުވެރިން، އެފޮތުން ޔަހޫދީންގެ މައްޗަށް ހުކުމް ކުރައްވައެވެ. (އެއީ) ﷲ ގެ ފޮތް ރައްކާތެރިކުރުމުގެ އަމާނަތް އެ މީހުންނާ މަތިކުރައްވާފައި ވުމުގެ ސަބަބުންނެވެ. އަދި އެ މީހުންނީ، އެފޮތުގެ މައްޗަށް ތިބި ހެކިވެރިންނެވެ. ފަހެ ތިޔަބައިމީހުން މީސްތަކުންދެކެ ބިރުނުގަންނާށެވެ! ތިމަން އިލާހަށް ބިރުގަންނާށެވެ! އަދި ތިމަން އިލާހުގެ އާޔަތްތަކަށް ކުޑަ އަގެއް ތިޔަބައިމީހުން ނުގަންނާށެވެ! ﷲ ބާވައިލެއްވި ހުކުމުން ހުކުމް ނުކުރާމީހާ (ދަންނާށެވެ.) ފަހެ އެ މީހުން އެއީ ހަމަ ކާފިރުންނެވެ.
45
އެ ތައުރާތުގައި އެ މީހުންގެ މައްޗަށް ތިމަން އިލާހު (ގިސާސްގެ އުސުލު) ކަނޑައެޅުއްވީމެވެ. ހަމަކަށަވަރުން ނަފްސަކަށް ނަފްސެކެވެ. ލޮލަކަށް ލޮލެކެވެ. ނޭފަތަކަށް ނޭފަތެކެވެ. ކަންފަތަކަށް ކަންފަތެކެވެ. ދަތަކަށް ދަތެކެވެ. ޒަހަމުތަކަކީ ގިސާސް ހުރި ކަމެކެވެ. ފަހެ އެ ކަން މާފުކޮށްފި މީހާއަށް އެއީ ކައްފާރާއެކެވެ. އަދި ﷲ ބާވައިލެއްވި ހުކުމުން ހުކުމް ނުކުރާމީހާ (ދަންނާށެވެ.) ފަހެ އެ މީހުން އެއީ، ހަމަ އަނިޔާވެރިންނެވެ.
46
އަދި އެ ބޭކަލުންނާ ވިދިގެން ފަހަތުން މަރިޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނު ތިމަން އިލާހު ފޮނުއްވީމެވެ. އެކަލޭގެފާނުގެ ކުރިން (ބާވައިލައްވާފައިވާ) ތައުރާތުގައިވާ ކަންތައް ތެދު ކުރައްވަނިވި ބޭކަލެއްގެ ގޮތުގައެވެ. އަދި ތިމަން އިލާހު އެކަލޭގެފާނަށް އިންޖީލު ދެއްވީމެވެ. އޭގައި ތެދުމަގާއި ނޫރު ވެއެވެ. އެއީ އޭގެ ކުރިން ބާވައިލައްވާފައިވާ ތައުރާތުގައިވާ ކަންތައް ތެދުކުރަނިވި ގޮތުގައެވެ. އަދި ތަގުވާވެރިންނަށް ތެދުމަގާއި، ވައުޒެއް ކަމުގައެވެ.
47
އިންޖީލުގެ އަހުލުވެރިން އެ އިންޖީލުގައި ﷲ ބާވައިލައްވާފައިވާ ހުކުމުން ހުކުމްކުރާހުށިކަމެވެ. އަދި ﷲ ބާވައިލެއްވި ހުކުމުން ހުކުމް ނުކުރާމީހާ (ދަންނާށެވެ.) ފަހެ އެ މީހުން އެއީ ހަމަ ފާސިގުންނެވެ.
48
އަދި ތިމަން އިލާހު ހައްގު ގޮތުގައި ކަލޭގެފާނަށް ފޮތް ބާވައިލެއްވީމެވެ. އޭގެ ކުރިން ބާވައިލެއްވި ފޮތްތަކުގައިވާ ތަކެތި ތެދުކުރަނިވި ގޮތުގައެވެ. އަދި އެ ފޮތްތަކުގެ މައްޗަށް ހެކިވަނިވި ފޮތެއް ކަމުގައެވެ. ފަހެ ﷲ ބާވައިލައްވާފައިވާ ހުކުމުން، އެ މީހުންގެ މެދުގައި، ކަލޭގެފާނު ހުކުމް ކުރައްވާށެވެ. އަދި ކަލޭގެފާނުގެ އަރިހަށް އައިސްފައިވާ ހައްގު ގޮތާ ޚިލާފަށް އެ މީހުންގެ އެދުންތަކަށް ކަލޭގެފާނު ތަބާ ވެވަޑައިނުގަންނަވާށެވެ. ތިޔަބައިމީހުންގެ ތެރެއިން ކޮންމެ ބަޔަކަށްމެ، ޝަރީއަތަކާއި، ފާޅުވެގެންވާ މަގެއް، ތިމަން އިލާހު ލެއްވީމެވެ. އަދި ﷲ އިރާދަ ކުރެއްވިނަމަ، ތިޔަބައިމީހުން އެއް އުއްމަތެއް ކަމުގައި ލައްވައިފީސްކަން ކަށަވަރެވެ. އެހެނެއްކަމަކު (ތިޔަބައިމީހުން އުއްމަތްތަކަކަށް ބައިބައިކުރެއްވީ) ތިޔަބައިމީހުންނަށް ދެއްވި ޝަރީއަތްތަކާމެދު ތިޔަބައިމީހުން އިމްތިހާނު ކުރެއްވުމަށެވެ. ފަހެ ހެޔޮކަންތަކަށް ތިޔަބައިމީހުން ވާދަކުރާށެވެ! ތިޔަބައިމީހުން އެންމެން ރުޖޫއަ ވުންއޮތީ، ﷲ ގެ ހަޒްރަތަށެވެ. އޭރުން ތިޔަބައިމީހުން އެ ކަންކަމާމެދު ޚިލާފުވެ އުޅުނުކަންތަކުގެ ޚަބަރު ތިޔަބައިމީހުންނަށް އެ އިލާހު އަންގަވާނެއެވެ.
49
އަދި ﷲ ބާވައިލައްވާފައިވާ ހުކުމުން އެ މީހުންގެ މެދުގައި ކަލޭގެފާނު ހުކުމް ކުރައްވާށެވެ. އަދި އެ މީހުންގެ އަމިއްލަ އެދުންތަކަށް ކަލޭގެފާނު ތަބާ ވެވަޑައި ނުގަންނަވާށެވެ. އަދި ﷲ، ކަލޭގެފާނަށް ބާވައިލެއްވި ބައެއް އާޔަތުން ކަލޭގެފާނު އެއްކިބާކޮށްފާނެކަމަށް އެ މީހުންނާމެދު ރައްކާތެރިވެ ވަޑައިގަންނަވާށެވެ. ފަހެ އެ މީހުން ފުރަގަސްދީފިނަމަ، ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ. ހަމަކަށަވަރުން ﷲ އިރާދަ ކުރައްވަނީ، އެ މީހުންގެ ބައެއް ފާފަތަކުގެ ސަބަބުން، އެ މީހުންނަށްއުގޫބާތް ދެއްވުމަށެވެ. އަދި ހަމަކަށަވަރުން މީސްތަކުންގެ ތެރެއިން ގިނަމީހުންނީ ފާސިގުންކަން ކަށަވަރެވެ.
50
ފަހެ އެ މީހުން އެދެނީ ޖާހިލީ ޒަމާނުގެ ހުކުމްހެއްޔެވެ؟ ޔަގީންކުރާ ބަޔަކަށް ﷲ އަށްވުރެ ހުކުމް ކުރެއްވުމަށް މޮޅީ ފަހެ ކާކުހެއްޔެވެ؟
51
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުން ޔަހޫދީންނާއި ނަސާރާއިން އެކުވެރިން ގޮތުގައި ނުނަގާށެވެ! އެ މީހުންނަކީ އެއްބަޔަކު އަނެއް ބަޔެއްގެ އެކުވެރިންނެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން، އެ (ކާފަރުން) އެކުވެރިންގެ ގޮތުގައި ނަގައިފި މީހަކީ، ފަހެ ހަމަކަށަވަރުން އެ މީހުންގެ ތެރެއިންވާ މީހެކެވެ. ހަމަކަށަވަރުން އަނިޔާވެރިވެގެންވާ ބަޔަކަށް ﷲ ތެދުމަގެއް ނުދައްކަވައެވެ.
52
ފަހެ އެ މީހުންގެ ހިތުގައި ބަލިމަޑުކަމެއް ހުންނަމީހުން (އެބަހީ: ޝައްކާއި މުނާފިގުކަމުގެ ބަލިހުންނަ މީހުން) އެ މީހުންގެ އެކުވެރިކަން ލިބިގަތުމަށް އަވަސްވެގަންނަ ތަން، ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. އެ މީހުން ބުނެއެވެ. ތިމަންމެންނަށް މުސީބަތެއް ޖެހިދާނެކަމަށް ތިމަންމެން ބިރުގަނެއެވެ. ފަހެ ﷲ ފަތަހައެއްވެސް ދެއްވާފާނެއެވެ. ނުވަތަ އެ އިލާހުގެ ހަޒްރަތުން، އެހެން އަމުރުފުޅެއް ވެސް އަތުވެދާނެއެވެ. ފަހެ އޭރުން އެ މީހުންގެ ހިތްތަކުގައި ވަންހަނާކުރި ކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކު ކަމުގައި އެ މީހުން ވާނެއެވެ.
53
އީމާންވި މީހުން ބުނާނެއެވެ. ހަމަކަށަވަރުން އެ މީހުން ތިބީ ތިޔަބައިމީހުންނާ އެކުގައިކަމަށް އެ މީހުންނަށް ވެވުނުހައި ގަދައެއްކޮށް ﷲ ގަންދީ ހުވާކުރި ބަޔަކީ މިއީހެއްޔެވެ؟ އެ މީހުންގެ އަމަލުތައްވަނީ ބާތިލު ވެފައެވެ. ދެން އެ މީހުން ގެއްލި ހަލާކުވެގެންވާ ބަޔަކު ކަމުގައި ވެއްޖެއެވެ.
54
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުންގެ ތެރެއިން އެ މީހެއްގެ ދީން ދޫކޮށް މުރުތައްދުވާ މީހާ (ދަންނާށެވެ.) ފަހެ (އެ މީހުންގެ ބަދަލުގައި) އެ ބަޔަކު ދެކެ އެ އިލާހު ލޯބިވެވޮޑިގަންނަވާ، އަދި އެ ބަޔަކު އެ އިލާހުދެކެ ލޯބިވާ ބަޔަކު، ﷲ ގެންނަވާނެއެވެ. އެއީ މުއުމިނުންގެ މައްޗަށް އޯގާވެރި ހިތްތިރި، އަދި ކާފިރުންގެ މައްޗަށް ގަދަފަދަ އިއްޒަތްތެރި ބަޔެކެވެ. ﷲ ގެ މަގުގައި އެ މީހުން ޖިހާދު ކުރާނެއެވެ. އަދި މަލާމާތްކުރާ މީހެއްގެ މަލާމާތަކަށް އެ މީހުން ބިރެއް ނުގަންނާނެއެވެ. އެއީ ﷲ ގެ ފަޟްލުވަންތަކަމެވެ. އެ އިލާހު އިރާދަކުރައްވާ މީހަކަށް އެ ކަން ދެއްވައެވެ. އަދި ﷲ އީ ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
55
ހަމަކަށަވަރުން ތިޔަބައިމީހުންގެ އެހީތެރިޔަކީ ﷲ އެވެ. އަދި އެ އިލާހުގެ ރަސޫލާއެވެ. އަދި އީމާން ވެގެން ތިބި މީހުންނެވެ. އެ މީހުންނީ ޚުޝޫއަތްތެރިކަމާ އެކީ ނަމާދުކޮށް، އަދި ޒަކާތް ދޭ މީހުންނެވެ.
56
އަދި ﷲ އާއި އެ އިލާހުގެ ރަސޫލާއާއި، އީމާން ވެގެން ތިބި މީހުން އެއީ، އެހީތެރިންކަމުގައި ބަލައިފިމީހާ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން ގަދަވާނެ ބަޔަކީ ހަމަ ﷲ ގެ ޖަމާއަތެވެ.
57
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުންގެ ކުރިން ފޮތް ލިބުނު މީހުންގެ ތެރެއިން ތިޔަބައިމީހުންގެ ދީނަކީ ފުރައްސާރައެއް ކަމުގައްޔާއި، ކުޅިވަރެއް ކަމުގައި ހަދާގެން އުޅުނު މީހުންނާއި، ކާފިރުން އެއީ، އެހީތެރިން ކަމުގައި ނުހަދާށެވެ! އަދި ތިޔަބައިމީހުންނީ، މުއުމިނުން ކަމުގައިވާނަމަ ﷲ އަށް ތަގުވާވެރިވާށެވެ.
58
އަދި ތިޔަބައިމީހުން ނަމާދަށް ގޮވައިފިނަމަ އެކަމަކީ ފުރައްސާރައެއް ކަމުގައްޔާއި، ކުޅިވަރެއް ކަމުގައި އެ މީހުން ހަދައެވެ. އެއީ، އެ މީހުންނަކީ ހަމަކަށަވަރުންވެސް ނުވިސްނޭބަޔަކު ކަމުގައިވާތީއެވެ.
59
ކަލޭގެފާނު ވިދާޅުވާށެވެ. އޭ ފޮތުގެ އަހުލުވެރިންނެވެ. ﷲ ތިމަންމެންނަށް ބާވައިލެއްވި ފޮތަށާއި، ކުރިން ބާވައިލެއްވި ފޮތްތަކަށް ތިމަންމެން އީމާންވާ ކަމާއި، ތިޔަބައިމީހުންކުރެ ގިނަމީހުންނަކީ ފާސިގުން ކަމުގައިވާކަން ފިޔަވާ އެހެންކަމަކާ ތިމަންމެންދެކެ ތިޔަބައިމީހުން ރުޅިއަރައި އިންކާރުކުރަމުހެއްޔެވެ؟
60
ކަލޭގެފާނު ވިދާޅުވާށެވެ: ﷲ ގެ ހަޒްރަތުގައި ޖަޒާ ދެއްވުމުގެ ގޮތުން އެއަށްވުރެ ނުބައި ބަޔެއްގެ ވާހަކަ ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު އަންގަވައި ދެއްވަންހެއްޔެވެ؟ އެ މީހުންނީ، ﷲ އެ ބަޔަކަށް ލައުނަތް ލައްވައި، އަދި އެ ބަޔެއްގެ މައްޗަށް ކޯފާވެ ވޮޑިގެންނެވި، އެ ބަޔެއްގެ ތެރެއިން ބަޔަކު ރާމާމަކުނު ކަމުގައްޔާއި، އޫރު ކަމުގައި ލައްވައި، އަދި އަނެއް ބަޔަކު ޠާޣޫތަށް އަޅުކަން ކުރާ މީހުން ކަމުގައިލެއްވި މީހުންނެވެ. އެ މީހުންނީ (ގިޔާމަތް ދުވަހުން) ތިބޭނެ ތަނުގެ ގޮތުން ނުބައިކަން ބޮޑުވެގެންވާ ބަޔެކެވެ. އަދި ހަމަ މަގުން އެއްކިބާވެ މަގުފުރެދުން ބޮޑު ބަޔެކެވެ.
61
އަދި އެ މީހުން (އެބަހީ: ޔަހޫދީންގެ ތެރެއިން މުނާފިގުން) ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެނަމަ، ތިމަންމެން އީމާން ވެއްޖައީމުއޭ ބުނެއެވެ. އޭރު އެ މީހުން (ތިޔަބައިމީހުންގެ ތެރެއަށް) ވަދެ އެތިބީ ކާފިރުކަމާއިގެންނެވެ. އަދި އެ މީހުން ނުކުމެގެން ދިޔައީވެސް އެ ކާފިރުކަމާއިގެންނެވެ. އެ މީހުން ވަންހަނާކޮށްއުޅުނުކަންތައް، ﷲ ދެނެވޮޑިގަތުން ބޮޑެވެ.
62
އަދި އޭގެ ތެރެއިން ގިނަމީހުން ފާފަވެރިވުމާއި، ދެކޮޅުވެރިވުމާއި، ހަރާމް މުދާ ކެއުމަށް އަވަސްވެގަންނަތަން، ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. އެ މީހުން ކޮށްއުޅުނު އަމަލުތަކުގެ ނުބައިކަމާއެވެ.
63
އެ މީހުން ފާފަވެރި ބަސްތައް ބުނުމާއި، ހަރާމް މުދާކެއުން ޔަހޫދީންގެ އަޅުވެރިންނާއި، އިލްމުވެރިން އެ މީހުންނަށް މަނާކުރާނޭނަމަ ކޮންފަދަހެއްޔެވެ! އެ މީހުން ކުރަމުން ގެންދިޔަ ކަންތަކުގެ ނުބައިކަމާއެވެ.
64
ޔަހޫދީން ބުންޏެވެ: ﷲ ގެ އަތްޕުޅުވަނީ ކަސްތަޅުއެޅުވިގެންނެވެ. އެ މީހުންގެ އަތްތައް ކަސްތަޅުއަޅުއްވާށިއެވެ! އަދި އެ މީހުން އެހެން ބުނުމުގެ ސަބަބުން އެ މީހުންނަށް ލައުނަތް ލެއްވިއެވެ. އަދި ކިއެއް! އެ އިލާހުގެ ދެ އަތްޕުޅުވަނީ ހުޅުވި ތަނަވަސްވެގެންނެވެ. އެ އިލާހު އިރާދަކުރައްވާ ފަދަޔަކުން ހޭދަ ކުރައްވައެވެ. ކަލޭގެފާނުގެ ރައްބުގެ ހަޒްރަތުން ކަލޭގެފާނަށް ބާވައިލެއްވި ތަކެތި އޭގެ ތެރެއިން ގިނަމީހުންގައި ދެކޮޅުވެރިކަމާއި، ކާފިރު ކަން އިތުރުކުރާނެކަން ކަށަވަރެވެ. އަދި ގިޔާމަތަށް ދާންދެން އަދާވާތްތެރިކަމާއި، ރުޅިވެރިކަން އެ މީހުންގެ މެދުގައި ތިމަން އިލާހު ލެއްވީމެވެ. އެ މީހުން ހަނގުރާމައަށް އަލިފާންގަނޑެއް ރޯކޮށްފި ކޮންމެހިނދެއްގައި، ﷲ އެ އަލިފާންގަނޑު ނިއްވަވައެވެ. އަދި ބިމުގައި ފަސާދަކުރުމުގެ ގޮތުން އެ މީހުން މަސައްކަތް ކުރެއެވެ. ފަހެ ފަސާދަކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެއެވެ.
65
ހަމަކަށަވަރުން ފޮތުގެ އަހުލުވެރިން އީމާންވެ، ތަގުވާވެރިވީނަމަ، އެ މީހުންގެ ކުށްތައް ތިމަން އިލާހު އެ މީހުންގެ ކިބައިން ފުއްސެވީމުހެވެ. އަދި ނިއުމަތުގެ ސުވަރުގެތަކަށް ތިމަން އިލާހު އެ މީހުން ވެއްދެވީމުހެވެ.
66
އަދި އެ މީހުން ތައުރާތާއި، އިންޖީލާއި، އެ މީހުންގެ ރައްބުގެ ހަޒްރަތުން އެ މީހުންނަށް ބާވައިލެއްވި ފޮތުގެ (އެބަހީ: ގުރްއާނުގެ) ހުކުމް ގާއިމުކުރިނަމަ، އެ މީހުންގެ މަތިންނާއި، އެ މީހުންގެ ފައިދަށުން އެ މީހުންނަށް ރިޒްގު ލިބުނީހެވެ. އެ މީހުންގެ ތެރެއިން މެދުމިން ބަޔަކުވެސް ވެއެވެ. ނަމަވެސް އޭގެ ތެރެއިން ގިނަމީހުން ކުރި އަމަލުތައް ހާދަހާ ނުބައިވެގެންވެއެވެ.
67
އޭ ރަސޫލާއެވެ. ކަލޭގެފާނުގެ ރައްބުގެ ހަޒްރަތުން ކަލޭގެފާނަށް ބާވައިލެއްވި އާޔަތްތައް ކަލޭގެފާނު އިއްވަވާށެވެ. އަދި ކަލޭގެފާނު އެ ކަން ނުކުރެއްވިނަމަ، ކަލޭގެފާނު އެ އިލާހުގެ ރިސާލަތް އިއްވެވިކަމަކަށް ނުވާނެއެވެ. އަދި ﷲ މީސްތަކުންގެ ކިބައިން ކަލޭގެފާނު ރައްކާތެރި ކުރައްވާނެއެވެ. ހަމަކަށަވަރުން ކާފިރުވި މީސްތަކުންނަށް ﷲ ތެދުމަގެއް ނުދައްކަވާނެއެވެ.
68
ކަލޭގެފާނު ވިދާޅުވާށެވެ. އޭ ފޮތުގެ އަހުލުވެރިންނެވެ. ތިޔަބައިމީހުން ތައުރާތާއި، އިންޖީލާއި، ތިޔަބައިމީހުންގެ ރައްބުގެ ހަޒްރަތުން ތިޔަބައިމީހުންނަށް ބާވައިލެއްވިފޮތުގެ (އެބަހީ: ގުރްއާނުގެ) ހުކުމް ގާއިމުކޮށްފުމަށްދާންދެން ތިޔަބައިމީހުން ތެދުމަގެއްގައި ތިބިބަޔަކު ކަމުގައި ނުވަމުއެވެ. ކަލޭގެފާނުގެ ރައްބުގެ ހަޒްރަތުން ކަލޭގެފާނަށް ބާވައިލެއްވި ތަކެތި، އޭގެ ތެރެއިން ގިނަމީހުންގައި ދެކޮޅުވެރިކަމާއި، ކާފިރު ކަން އިތުރުކުރާނެކަން ކަށަވަރެވެ. ފަހެ ކާފިރުވި މީސްތަކުންގެ މައްޗަށް ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ.
69
ހަމަކަށަވަރުން އީމާންވި މީހުންނާއި، ޔަހޫދީން ކަމުގައިވި މީހުންނާއި، ޞާބިއުންނާއި، ނަސާރާއިންގެ ތެރެއިން ﷲ އަށާއި، އާޚިރަތް ދުވަހަށް އީމާންވެ، ހެޔޮ އަމަލުކުޅަމީހުން (ދަންނާށެވެ.) ފަހެ އެ މީހުންގެ މައްޗަކަށް އެއްވެސް ބިރެއްނެތެވެ. އަދި އެ މީހުންނީ، ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ.
70
ހަމަކަށަވަރުން އިސްރާއީލުގެ ދަރިންގެ ކަށަވަރުވެގެންވާ އަހުދު ތިމަން އިލާހު ހިއްޕެވީމެވެ. އަދި އެ މީހުންގެ ގާތަށް ރަސޫލުންތަކެއް ފޮނުއްވީމެވެ. އެ މީހުންގެ ހިތް ނޭދޭގޮތަކާއިގެން، އެ މީހުންގެ ގާތަށް ރަސޫލަކު ވަޑައިގެންފި ކޮންމެ ހިނދެއްގައި، އެ މީހުން އޭގެ ތެރެއިން ބައެއް ރަސޫލުންގެ ބަސްފުޅު ދޮގުކުރެއެވެ. އަދި އެ މީހުން އަނެއްބައި ރަސޫލުން ގަތުލުކުރެއެވެ.
71
އެ މީހުންނަށް އިމްތިހާނެއް ނާންނާނެކަމަށް އެ މީހުން ހީކުރިއެވެ. ފަހެ (އެ ކަމުގެ ސަބަބުން ހައްގާމެދު) އެ މީހުން ކަނުވެ ބީރުވެގެންފިއެވެ. ދެން ﷲ، އެ މީހުންގެ މައްޗަށް ތައުބާ ލެއްވިއެވެ. ދެންވެސް އެ މީހުންގެ ތެރެއިން ގިނަބަޔަކު ކަނުވެ ބީރުވެގެންފިއެވެ. އަދި ﷲ އީ، އެ މީހުން ކުރާ ކަންތައް މޮޅަށް ބައްލަވާ ވޮޑިގެންވާ އިލާހެވެ.
72
ހަމަކަށަވަރުން ﷲ އީ، މަރިޔަމްގެފާނުގެ ދަރިކަލުން އަލްމަސީޙު (ޢީސާގެފާނު) ކަމަށް ބުނި މީހުން ކާފިރު ވެއްޖެކަން ކަށަވަރެވެ. އަދި އަލްމަސީޙު ވިދާޅުވިއެވެ: އޭ އިސްރާއީލުގެ ދަރިންނޭވެ. އަހަރެންގެ ރައްބު، އަދި ތިޔަބައިމީހުންގެ ވެސް ރައްބު ކަމުގައިވާ ﷲ އަށް ތިޔަބައިމީހުން އަޅުކަން ކުރާށެވެ! ހަމަކަށަވަރުން ﷲ އަށް ޝަރީކުކުރާ މީހާ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން ﷲ، އެ މީހާގެ މައްޗަށް ސުވަރުގެ ހަރާމްކުރެއްވިއެވެ. އަދި އެ މީހަކު އުޅޭނެތަނަކީ ނަރަކައެވެ. އަދި އަނިޔާވެރިންނަށް (އެބަހީ: ޝަރީކުކުރި މީހުންނަށް) ނަސްރު ދޭނޭ އެއްވެސް ބަޔަކު ނުވެއެވެ.
73
ހަމަކަށަވަރުން ﷲ އީ، ތިން އިލާހުންކުރެ އިލާހު އެކޭ ބުނި މީހުން ކާފިރު ވެއްޖެކަން ކަށަވަރެވެ. އެއްކައުވަންތަ އިލާހު މެނުވީ، އެހެން އިލާހަކު ނުވެއެވެ. އެ މީހުން އެބުނާ ބުނުން ހުއްޓާނުލިނަމަ، ހަމަކަށަވަރުން އެ މީހުންގެ ތެރެއިން ކާފިރުވި މީހުންނަށް ވޭންދެނިވި އަޒާބު ލިބޭނެކަން ކަށަވަރެވެ.
74
ފަހެ އެ މީހުން ﷲ އަށް ތައުބާ ނުވަނީހެއްޔެވެ؟ އަދި ފާފަ ފުއްސެވުން އެދި އެ އިލާހުގެ ހަޒްރަތަށް ނުދަންނަވަނީހެއްޔެވެ؟ ފަހެ ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ އިލާހެވެ.
75
ރަސޫލަކު ކަމުގައި މެނުވީ މަރިޔަމްގެފާނުގެ ދަރިކަލުން އަލްމަސީޙު ނުވެއެވެ. ހަމަކަށަވަރުން އެކަލޭގެފާނުގެ ކުރިންވެސް ރަސޫލުން އިސްވެގޮސްފައިވެއެވެ. އެކަލޭގެފާނުގެ މައިކަނބަލުންނަކީ ތެދުވެރި ބޭކަނބަލެކެވެ. އެ ދެމައިކަނބަލުން (އެހެނިހެން މީހުންފަދައިން) ކާތަކެތި ފަރިއްކުޅުއްވައި އުޅުއްވިއެވެ. ތިމަން އިލާހު އެ މީހުންނަށް އާޔަތްތައް (އެބަހީ: ހެކިތައް) ބަޔާން ކޮށްދެއްވަނީ ކޮންފަދަޔަކުންކަން ދެކޭށެވެ! ދެން އެ މީހުން (ހައްގުގެ މަގުން) އެއްކިބާވަނީ ކޮންފަދަޔަކުންކަން ދެކޭށެވެ!
76
ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުންނަށް ގެއްލުމެއް ދިނުންވިޔަސް، މަންފާއެއް ދިނުންވިޔަސް، މިލްކުވެގެންނުވާތަކެއްޗަށް، ﷲ ފިޔަވާ ތިޔަބައިމީހުން އަޅުކަންކުރަނީހެއްޔެވެ؟ ފަހެ ﷲ އީ، މޮޅަށް އައްސަވާ ވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
77
ކަލޭގެފާނު ވިދާޅުވާށެވެ. އޭ ފޮތުގެ އަހުލުވެރިންނެވެ. ތިޔަބައިމީހުންގެ ދީނާމެދު ހައްގު ނޫންގޮތުގައި ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ! އަދި ހަމަކަށަވަރުން ކުރިން މަގުފުރެދިފައިވާ، އަދި ގިނަބަޔަކު މަގުފުރައްދާފައިވާ، އަދި ހަމަމަގުން އެއްކިބާވެ، މަގުފުރެދިފައިވާ ބަޔެއްގެ އެދުންތަކަށް، ތިޔަބައިމީހުން ތަބާ ނުވާށެވެ.
78
އިސްރާއީލުގެ ދަރިންގެ ތެރެއިން، ކާފިރުވި މީހުންނަށް، ދާވޫދުގެފާނާއި، މަރިޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނުގެ ދޫފުޅުމަތިން ލައުނަތް ލައްވާފައިވެއެވެ. އެއީ އެ މީހުން އުރެދުނު ކަމަށް ޓަކައެވެ. އަދި އުރެދުމުގައި ހައްދުފަހަނަޅައިދާކަމުގައި އެ މީހުން ވީކަމަށް ޓަކައެވެ.
79
އެ މީހުން ކުރި ނުބައިކަންތައް، އެއްބަޔަކު އަނެއް ބަޔަކަށް ނަހީކޮށެއް ނުއުޅެތެވެ. އެ މީހުން ކޮށްއުޅުނު ކަންތަކުގެ ނުބައިކަމާއެވެ.
80
އޭގެ ތެރެއިން ގިނަމީހުން ކާފިރުވި މީހުންގެ އެކުވެރިކަން ލިބިގަންނާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. އެ މީހުންގެ ނަފްސުތައް، އެ މީހުންނަށް ޓަކައި، ކުރިމަތިކުރި ކަންތަކުގެ ނުބައިކަމާއެވެ. އެއީ ﷲ އެ މީހުންގެ މައްޗަށް ކޯފާވެ ވޮޑިގަތުމެވެ. އަދި އެ މީހުންނީ އަޒާބުގެ ތެރޭގައި ދެމިތިބޭނޭ ބަޔަކު ކަމުގައިވުމެވެ.
81
އެ މީހުން ﷲ އަށާއި، ނަބިއްޔާއަށާއި، އެކަލޭގެފާނަށް ބާވައިލެއްވި ފޮތަށް އީމާންވާ ކަމުގައިވީނަމަ، އެ ކާފިރުންނީ، އެކުވެރިން ކަމުގައެއް ނުހިފީހެވެ. އެހެނެއްކަމަކު އޭގެ ތެރެއިން ގިނަމީހުންނީ ފާސިގުންނެވެ.
82
އީމާންވި މީހުންނަށް މީސްތަކުންކުރެ، އަދާވާތްތެރިކަން އެންމެބޮޑު ބަޔަކީ، ޔަހޫދީންނާއި، އަދި ޝަރީކުކުރި މީހުން ކަމުގައި ހަމަކަށަވަރުން ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. އަދި އީމާންވި މީހުންނަށް، މީސްތަކުންކުރެ ރަހުމަތްތެރިކަމުގެ ގޮތުން އެންމެ ގާތްބަޔަކީ، ތިމަންމެންނީ ނަސާރާއިންނޭ ބުނި މީހުން ކަމުގައި ހަމަކަށަވަރުން ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. އެއީ ހަމަކަށަވަރުން އެ މީހުންގެ ތެރެއިން ފާދިރީންނާއި، ރާހިބުން ވާކަމަށް ޓަކައެވެ. އަދި ހަމަކަށަވަރުން އެ މީހުންނީ ބޮޑާވެނުގަންނަ ބަޔަކު ކަމުގައިވެސް ވާކަމަށް ޓަކައެވެ.
83
އަދި ރަސޫލާއަށް ބާވައިލެއްވި އާޔަތްތައް، އެ މީހުން އަޑުއެހި ހިނދު، އެ މީހުންގެ ލޯތައް ކަރުނައިންފުރި އޮހޭތަން ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. އެއީ އެ މީހުންނަށް ހައްގުން އެނގުނު އެއްޗެއްގެ ސަބަބުންނެވެ. އެ މީހުން ބުނެއެވެ. އަޅަމެންގެ ރައްބެވެ. އަޅަމެން އީމާން ވެއްޖައީމުއެވެ. ފަހެ ހެކިވާ މީހުންގެ ތެރޭގައި އަޅަމެން ލިޔުއްވާނދޭވެ.
84
އަދި ﷲ އަށާއި، ތިމަންމެންގެ ގާތަށްއައި ހައްގު ގޮތަށް، ތިމަންމެން އީމާން ނުވާންވީ، އަދި ތިމަންމެންގެ ރައްބު، ސާލިހު އަޅުންގެ ތެރެއަށް ތިމަންމެން ވެއްދެވުމަށް އެދުންވެރި ނުވާންވީ ކީއްވެގެންހެއްޔެވެ؟
85
ދެން އެ މީހުން ބުނި ބަސްތަކުގެ ސަބަބުން ޖަޒާއަކަށް، އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް އެ މީހުންނަށް ﷲ ދެއްވިއެވެ. އެ ތާނގައި އެ މީހުން ދެމިތިބޭ ހާލުގައެވެ. އެއީ އިހްސާންތެރިންގެ ޖަޒާއެވެ.
86
އަދި ކާފިރުވެ، ތިމަން އިލާހުގެ އާޔަތްތައް ދޮގުކުރި މީހުން އެއީ، ނަރަކައިގެ އަހުލުވެރިންނެވެ.
87
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުންނަށް ޓަކައި، ﷲ، ހަލާލު ކުރައްވާފައިވާ ރަނގަޅު ކަންތަކާއި ތަކެތި، ތިޔަބައިމީހުން ހަރާމް ނުކުރާށެވެ! އަދި ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ! ހަމަކަށަވަރުން ހައްދުފަހަނަޅައިދާ މީހުންދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެއެވެ.
88
އަދި ﷲ، ތިޔަބައިމީހުންނަށް ދެއްވި ތަކެތީގެ ތެރެއިން، ހަލާލު ރަނގަޅު ތަކެތި ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން، އެ އިލާހަށް އީމާން ވެގެން ތިބި ﷲ އަށް، ތިޔަބައިމީހުން ތަގުވާވެރިވާށެވެ.
89
ގަސްދަކާނުލާ ބުނާ ބަސްތަކަކުން، ﷲ ތިޔަބައިމީހުންނަށް އުގޫބާތެއް ނުދެއްވާނެއެވެ. (އެބަހީ: އާދައިގައި ވާހަކަދައްކާ އުޅޭއިރު، ހުވާކުރުމުގެ ގަސްދެއްނެތި، ހުވާގެ ގޮތުގައި ބުނެވޭ ބަހެއް ބޭނުންކުރުމަކީ ކުށެއް ނޫނެވެ.) އެހެނެއްކަމަކު، ގަސްދު ކޮށްގެންކުރާ ހުވާތަކާމެދު، އެ އިލާހު ތިޔަބައިމީހުންނަށް ޖަޒާ ދެއްވާނެއެވެ. ފަހެ ހުވާގެ ކައްފާރާއަކީ، ތިޔަބައިމީހުންގެ އަނބިދަރިންނަށް ކާންދީ އުޅޭ މެދުމިނުން، ދިހަ މިސްކީނުންނަށް ކާންދިނުމެވެ. ނުވަތަ އެ މީހުންނަށް އަންނައުނު ދިނުމެވެ. ނުވަތަ އަޅަކު މިނިވަންކުރުމެވެ. ފަހެ (އެއިންކަމެއް ކުރަން) ނުލިބުނުމީހާ، ތިންދުވަހު ރޯދަޔަށް ހުރުމެވެ. އެއީ ތިޔަބައިމީހުން ހުވާކޮށްފި ހިނދެއްގައި (އެބަހީ: ހުވާކޮށް، އެ ހުވަޔާ ޚިލާފު ވެއްޖެ ހިނދެއްގައި) ތިޔަބައިމީހުންގެ ހުވާގެ ކައްފާރާއެވެ. އަދި ތިޔަބައިމީހުންގެ ހުވާތަކަށް ރައްކާތެރިވާށެވެ. އެފަދައިން ﷲ، އެ އިލާހުގެ އާޔަތްތައް ތިޔަބައިމީހުންނަށް ބަޔާން ކޮށްދެއްވަނީ، ތިޔަބައިމީހުން ޝުކުރުކުރޭތޯއެވެ.
90
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ހަމަކަށަވަރުން ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި ނަސީބު ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، ޝައިތާނާގެ އަމަލުތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ ތިޔަބައިމީހުން އެ ކަންތަކާ ދުރުވެގަންނާށެވެ. (އެއީ) ތިޔަބައިމީހުން ކާމިޔާބުވޭތޯއެވެ.
91
ޝައިތާނާ އެދޭކަން ކަށަވަރީ، ރާއާއި، ޖުވާގެ ސަބަބުން، ތިޔަބައިމީހުންގެ މެދުގައި އަދާވާތްތެރިކަމާއި، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި ﷲ ހަނދުމަކުރުމާއި، ނަމާދުކުރުމަށް ތިޔަބައިމީހުންނަށް ހުރަސްއެޅުމަށެވެ. ފަހެ ތިޔަބައިމީހުން ތިޔަތިބީ (އެ ކަންތައްތައް) ހުއްޓާލަންހެއްޔެވެ؟
92
އަދި ތިޔަބައިމީހުން ﷲ އަށް ކިޔަމަންވާށެވެ. އަދި ތިޔަބައިމީހުން ރަސޫލާއަށް ކިޔަމަންވާށެވެ. އަދި ތިޔަބައިމީހުން ރައްކާތެރިވާށެވެ. ފަހެ ތިޔަބައިމީހުން ފުރަގަސްދިން ނަމަވެސް، ހަމަކަށަވަރުން ތިމަން އިލާހުގެ ރަސޫލާއަށް އޮތީ، ބަޔާން ވެގެންވާ އިއްވެވުންކަން ތިޔަބައިމީހުން ދަންނާށެވެ.
93
އީމާންވެ، ސާލިހު އަމަލު ކޮށްއުޅުނު މީހުން ކައި (ބޮއި) އުޅުނު އެއްޗަކާމެދު، އެ މީހުންގެ މައްޗަކަށް ކުށެއް ނެތެވެ. (އެބަހީ: ރާއާއި އަދި އެނޫން ތަކެތި ހަރާމް ކުރެއްވުމުގެކުރިން އެ ތަކެތި ބޭނުންކުރި މީހުންގެ މައްޗަކަށް ކުށެއް ނެތެވެ. އެއީ) އެ މީހުން ތަގުވާވެރިވެ، އީމާންވެ، ސާލިހު އަމަލުކުޅަނަމައެވެ. ދެންވެސް ތަގުވާވެރިވެ، އީމާން ވީނަމައެވެ. ދެންވެސް ތަގުވާވެރިވެ، އަމަލުތައް ރަނގަޅު ކުޅަނަމައެވެ. އިހްސާންތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ.
94
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ އަތްތަކާއި، ލޮންސިތަކުން އަތުލާ ބައެއް ޝިކާރައިން، ﷲ، ތިޔަބައިމީހުން އިމްތިހާނު ކުރައްވާނެއެވެ. (އެއީ) ނުފެންނަ ތާނގައިވެސް، އެ އިލާހަށް ބިރުވެތިވާ ބަޔަކު، ﷲ ދެނެވޮޑިގެންވެ، އެ ކަން ފާޅު ކުރެއްވުމަށް ޓަކައެވެ. ފަހެ އެއަށް ފަހު (އެ އިލާހުގެ އަމުރުފުޅު) ފަހަނަޅައި ހިނގައްޖެ މީހާ (ދަންނާށެވެ.) ފަހެ އެ މީހަކަށް ވޭންދެނިވި އަޒާބު ހުއްޓެވެ.
95
އޭ އީމާންވެއްޖެ މީސްތަކުންނެވެ. (ހައްޖަކަށް، ނުވަތަ އުމްރާއަކަށް) ތިޔަބައިމީހުން އިހްރާމް ބަނދެގެންތިބެ (އެއްގަމު) ޝިކާރަ ގަތުލު ނުކުރާށެވެ! އަދި ތިޔަބައިމީހުންގެ ތެރެއިން ގަސްދުގައި، އެފަދަ ޝިކާރައެއް ގަތުލުކޮށްފިމީހާ (ދަންނާށެވެ.) ފަހެ އެ މީހެއްގެ ޖަޒާއަކީ، ގަތުލުކުރި އެއްޗަކާ އެއްފަދަ އެއްޗެއް، ނައަމްސޫފީގެ ތެރެއިން ދިނުމެވެ. އެ އެއްފަދަ އެއްޗަކާމެދު ހުކުމްކުރާނީ، ތިޔަބައިމީހުންގެ ތެރެއިން އަދުލުވެރި ދެމީހެކެވެ. (މި ދޭންޖެހޭނީ) ކައުބަތު ﷲ ގެފުޅަށް ފޯރާ ހަދްޔެއްގެ ގޮތުގައެވެ. ނުވަތަ ކައްފާރާއެއް ދިނުމެވެ. އެއީ މިސްކީނުންނަށް ކާންދިނުމެވެ. ނުވަތަ އެއާ އެއްވަރަށް ރޯދަހިފުމެވެ. އެއީ އޭނާ ކުޅަކަންތަކުގެ ނަތީޖާގެ ރަހަ ލިބިގަތުމަށް ޓަކައެވެ. (މި އާޔަތް ބާވައިލެއްވުމުގެ) ކުރިން އިސްވެދިޔަ ކަންތައް ﷲ އަފޫކުރައްވާފިއެވެ. އަދި އެ ކަމަށް އެނބުރި އިއާދަ ވެއްޖެ މީހާ (ދަންނާށެވެ.) ފަހެ އެ މީހާގެ ކިބައިން ﷲ ބަދަލުހިއްޕަވާނެއެވެ. ﷲ އީ، ބަދަލުހިއްޕެވުމުގެ ވެރި، ޢަޒީޒުވަންތަ އިލާހެވެ.
96
ކަނޑުގެ ކެޔޮޅުކަން ކުރުމާއި، އެ ކަމުންލިބޭ ކާތަކެތި ތިޔަބައިމީހުންނަށް ހަލާލު ކުރައްވާފައިވެއެވެ. (އެއީ) ތިޔަބައިމީހުންނަށާއި، ދަތުރުވެރިންނަށް ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައެވެ. އަދި ތިޔަބައިމީހުން، އިހްރާމް ބަނދެގެން ތިބިހާހިނދަކު، އެއްގަމު ޝިކާރަ ތިޔަބައިމީހުންގެ މައްޗަށް ހަރާމް ކުރައްވާފައި ވެއެވެ. ތިޔަބައިމީހުން، ﷲ އަށް ތަގުވާވެރިވާށެވެ. އެ އިލާހީ، އެ އިލާހުގެ ހަޒްރަތަށް ތިޔަބައިމީހުން މަހުޝަރުކުރައްވާނޭ އިލާހެވެ.
97
ހުރުމަތްތެރިވެގެންވާ ކައުބަތު ﷲ ގެފުޅާއި، ހުރުމަތްތެރި މައްސަރުތަކާއި، ހަރަމްފުޅަށް ހަދިޔާކުރުމުގެ ގޮތުން ކަތިލާ ތަކެއްޗާއި، ހަރަމްފުޅަށްޓަކައި ފާހަގަކޮށް ގިލަފަތި އަޅުވާފައިވާ ތަކެތި، ﷲ ލައްވާފައިވަނީ މީސްތަކުންގެ ދިރިއުޅުން އަމާންކޮށް ގާއިމުކުރާ ތަކެތި ކަމުގައެވެ. އެއީ ހަމަކަށަވަރުން އުޑުތަކުގައި ވާހާ ކަމަކާއި، ބިމުގައި ވާހާކަމެއް ﷲ ދެނެވޮޑިގެންވާކަމާއި، ހަމަކަށަވަރުން ﷲ އީ، ކޮންމެ ކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހުކަން ތިޔަބައިމީހުން ދެނެގަތުމަށް ޓަކައެވެ.
98
ހަމަކަށަވަރުން ﷲ އީ، އުގޫބާތް ގަދަފަދަ ވެގެންވާ އިލާހު ކަމާއި، ހަމަކަށަވަރުން ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ އިލާހުކަން، ތިޔަބައިމީހުން ދަންނާށެވެ.
99
(ރިސާލަތް) އިއްވެވުން މެނުވީ، ރަސޫލާގެ މައްޗަކަށް ނުވެއެވެ. އަދި ތިޔަބައިމީހުން ފާޅުކުރާ ކަންތަކާއި، ވަންހަނާކުރާ ކަންތައް، ﷲ ދެނެވޮޑިގެންވެއެވެ.
100
ކަލޭގެފާނު ވިދާޅުވާށެވެ. ނުބައިކަންތަކުގެ ގިނަކަން، ތިބާ އަޖާއިބު ކޮށްލިޔަސް، ނުބައިކަންތަކާއި، ރަނގަޅު ކަންތައް ހަމަހަމަވެގެނެއް ނުވެއެވެ. އޭ ބުއްދީގެ އަހުލުވެރިންނެވެ. ފަހެ ތިޔަބައިމީހުން، ﷲ އަށް ތަގުވާވެރިވާށެވެ. (އެއީ) ތިޔަބައިމީހުން ކާމިޔާބުވޭތޯއެވެ.
101
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުންނަށް އެ ކަންކަން ފާޅު ކުރައްވާފިނަމަ، ތިޔަބައިމީހުންނަށް އުނދަގޫވެ، ނުރުހުންވާނޭ ކަންކަމާމެދު ތިޔަބައިމީހުން ސުވާލު ނުކުރާށެވެ. އަދި ގުރްއާން ބާވައިލައްވާހިނދު އެ ކަންކަމާމެދު ތިޔަބައިމީހުން ސުވާލުކުރާނަމަ، އެ ކަންކަން ތިޔަބައިމީހުންނަށް ފާޅު ކުރައްވާފާނެތެވެ. (އިސްވެގޮސްފައިވާ) ސުވާލުކުރުމުގެ ކުށް، ﷲ އަފޫކުރައްވާފިއެވެ. ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ ޙަލީމްވަންތަ އިލާހެވެ.
102
ތިޔަބައިމީހުންގެ ކުރިން އުޅުނު ބަޔަކުވެސް، ހަމަކަށަވަރުން އެފަދަ ސުވާލުކުރިއެވެ. ދެން (އެ ކަންކަމުގެ ހުކުމް ބަޔާންކުރެއްވި ހިނދު) އެ ކަންކަމަށް ކާފިރުވި ބަޔަކު ކަމުގައި އެ މީހުން ވިއެވެ.
103
ބަޙީރާއާއި، ސާއިބާއާއި، ވަސީލަތާއި، ޙާމީއާއި، މިތަކެތި ހުރުމަތްތެރި ތަކެތި ކަމުގައި ﷲ ލައްވައިފައެއް ނުވެއެވެ. އެހެނެއްކަމަކު، ކާފިރުވި މީހުން ﷲ އާމެދު ދޮގުތައް ހަދާ އުޅެތެވެ. އަދި އޭގެ ތެރެއިން ގިނަމީހުންނަކަށް ނުވިސްނެއެވެ. (ނޯޓު: ބަޙީރާއާއި، ސާއިބާއާއި، ވަސީލަތާއި، ޙާމީއާއި، މިތަކެއްޗަކީ ޖާހިލީ ޒަމާނުގައި، އަރަބީން އަޅުކަންކޮށް އުޅުނު ބުދުތަކަށްޓަކައި، ނައަމްސޫފީގެ ތެރެއިން، މިނަންތަކުން ޚާއްސަ ކޮށްފައިވާތަކެއްޗެވެ.)
104
އަދި ﷲ ބާވާލައްވާފައިވާ ފޮތަށާއި، ރަސޫލާ އަންގަވާގޮތަށް ތަބާ ވާން ތިޔަބައިމީހުން އަންނާށޭ އެ މީހުން ބުނެފިނަމަ، އެ މީހުން ބުނެއެވެ. ތިމަންމެންގެ ކާބަފައިން އުޅުނީތީ ތިމަންމެންނަށް ފެނުނުގޮތް ތިމަންމެންނަށް ފުދެއެވެ. ފަހެ އެ މީހުންގެ ކާބަފައިންނީ، އެއްވެސް އެއްޗެއް ނުދަންނަ، އަދި ތެދުމަގު ލިބިގެންނުވާ ބަޔަކު ކަމުގައި ވީނަމަވެސްހެއްޔެވެ؟
105
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް ރައްކާތެރި ކޮށް، އިސްލާހުކުރާށެވެ! ތިޔަބައިމީހުންނަށް ތެދުމަގު ލިބިއްޖެނަމަ، މަގުފުރެދުނު މީހުންގެ ކިބައިން، ތިޔަބައިމީހުންނަށް ގެއްލުމެއް ނުލިބޭހުއްޓެވެ. ތިޔަބައިމީހުން އެންމެން އެނބުރިދިޔުންއޮތީ، ﷲ ގެ ހަޒްރަތަށެވެ. ފަހެ އޭރުން ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ ޚަބަރު، ތިޔަބައިމީހުންނަށް އެ އިލާހު އަންގަވާނެއެވެ.
106
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުންކުރެ މީހެއްގެ ގާތަށް، މަރު ހާޒިރު ވެއްޖެނަމަ، ވަސިއްޔަތްކުރާ ހިނދުގައި، ތިޔަބައިމީހުންގެ މެދުގައި، ތިޔަބައިމީހުންގެ ތެރެއިން އަދުލުވެރި ދެފިރިހެނުން ހެކިކުރުން ހުއްޓެވެ. ނުވަތަ ތިޔަބައިމީހުން ބިމުގައި، ދަތުރުފަތުރުކޮށް އުޅެނިކޮށް، މަރުގެ މުސީބަތް ތިޔަބައިމީހުންނަށް ޖެހިއްޖެނަމަ، ތިޔަބައިމީހުން ނޫންމީހުންގެ ތެރެއިން، ދެ މީހުން ހެކިކުރުން ހުއްޓެވެ. (އެ ދެ މީހުންގެ ހެކިބަހާމެދުގައި) ތިޔަބައިމީހުންނަށް ޝައްކު ވެއްޖެނަމަ، ނަމާދުގެ ފަހުން، ތިޔަބައިމީހުން އެ ދެ މީހުން ހިފަހައްޓާނީއެވެ. ދެން އެ ދެ ހެކީން، ﷲ ގަންދީ ހުވާކުރާނީއެވެ. އެ މީހަކީ (އެބަހީ: އެ މީހަކަށްޓަކައި ހުވާކުރެވޭ މީހަކީ) ގާތްތިމާގެ މީހަކު ކަމުގައިވިޔަސް، އެހުވަޔަށް އެއްވެސް އަގެއް އަތުލާފައި ނުވާކަމަށާއި، ﷲ ގެ ހެކިބަސް، ތިމަންމެން ވަންހަނާ ނުކުރާކަމަށެވެ. އެ ކަން ކޮށްފިނަމަ، އޭރުން ހަމަކަށަވަރުން ތިމަންމެންވާހުށީ ފާފަވެރިންގެ ތެރެއިންނެވެ.
107
ދެން އެ ދެ މީހުން ފާފަވެރި ވެއްޖެކަމަށް ފެނިއްޖެނަމަ، އެ ދެ މީހުންގެ މަގާމްގައި، އެހެން ދެ މީހުން ގާއިމު ވާނީއެވެ. (އެއީ) އެބަޔަކަށް ވަސިއްޔަތް ހައްގު ވެގެންވީ މީހުންގެ ތެރެއިން، މަރުވި މީހާއާ އެންމެގާތް ދެމީހެކެވެ. ދެން އެ ދެ މީހުން، ﷲ ގަންދީ ހުވާކުރާނީއެވެ. ހަމަކަށަވަރުން ތިމަންމެންގެ ހެކިބަސް އެ ދެ މީހުންގެ ހެކިބަހަށްވުރެ ތެދުކަން ބޮޑުކަމަށާއި، ތިމަންމެން ހައްދުފަހަނަޅައި ނުދާކަމަށެވެ. އެހެން އެ ކަންކޮށްފިނަމަ، ހަމަކަށަވަރުން ތިމަންމެން ވާހުށީ، އަނިޔާވެރިންގެ ތެރެއިންނެވެ.
108
އެ މީހުން ހެކިބަސް އަދާކުރާން އޮތްގޮތުގައި، އަދާކުރުމަށް ގާތްކަންބޮޑީ އެ ގޮތެވެ. ނުވަތަ އެ މީހުންގެ ހުވަޔަށް ފަހު، ހުވާ ރައްދުވެގެން އަތުވެދާނެކަމަށް، އެ މީހުން ބިރުވެތިވުން ގާތްކަންބޮޑީވެސް އެ ގޮތެވެ. ފަހެ ތިޔަބައިމީހުން ﷲ އަށް ތަގުވާވެރިވެ، އަޑުއަހާށެވެ! ފާސިގުވީ މީހުންނަށް، ﷲ ތެދުމަގެއް ނުދައްކަވާނެއެވެ.
109
ﷲ، ރަސޫލުން އެއް ކުރައްވާ ދުވަސް ހަނދުމަކުރާށެވެ! ފަހެ އެ އިލާހު އެ ބޭކަލުންނަށް ވަހީ ކުރައްވާނެއެވެ. (މީސްތަކުންގެ ފަރާތުން) ތިޔަބޭކަލުންނަށް ލިބުނީ ކޮން އިޖާބައެއްހެއްޔެވެ؟ އެ ބޭކަލުން ދަންނަވާނެއެވެ. އަޅަމެންނަށް އެ ކަމުގެ އެނގުމެއް ނުވެއެވެ. ހަމަކަށަވަރުން އިބަ އިލާހީ، ޣައިބުތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
110
ﷲ، ވަހީކުރެއްވި ހިނދު، ހަނދުމަކުރާށެވެ! އޭ މަރިޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނޭވެ. ކަލޭގެފާނަށާއި، ކަލޭގެފާނުގެ މައިކަނބަލުންނަށް ތިމަން އިލާހު ދެއްވި ނިއުމަތް ހަނދުމަ ކުރައްވާށެވެ. (އެއީ) ޖިބްރީލުގެފާނު ފޮނުއްވައި ކަލޭގެފާނަށް، ތިމަން އިލާހު ބާރުދެއްވިހިނދެވެ. ޅަފަތުގެ ދާނުގައްޔާއި، ދެވަންފުރާގައި، ކަލޭގެފާނު މީސްތަކުންނާ ވާހަކަ ދައްކަވަމުއެވެ. އަދި ފޮތާއި، ހިކުމަތާއި، ތައުރާތާއި، އިންޖީލު، ކަލޭގެފާނަށް އުނގަންނައިދެއްވި ހިނދެވެ. އަދި ތިމަން އިލާހުގެ އިޒުނަފުޅާއެކު، ކަލޭގެފާނު މަށީން ދޫންޏެއްގެ ސިފަހައްދަވައި، އެއަށް ފުމެލެއްވުމުން، ތިމަން އިލާހުގެ އިޒުނަފުޅާއެކު، ދޫންޏަކަށްވެގެން ދިޔަހިނދެވެ. ލޯފަންވެފައިވާ މީހުންނާއި، ބަރަސް ބަލިޖެހިފައިވާ މީހުންނަށް ކަލޭގެފާނު، ތިމަން އިލާހުގެ އިޒުނަފުޅާއެކު ފަސޭހަކޮށްދެއްވި ހިނދެވެ. އަދި ތިމަން އިލާހުގެ އިޒުނަފުޅާއެކު، ކަލޭގެފާނު، މަރުވެފައިތިބި މީހުން ދިރުއްވައި، ނެރުއްވިހިނދެވެ. ކަނޑައެޅި ބަޔާން ވެގެންހުރި ހެކިތަކާއިގެން، ކަލޭގެފާނު އިސްރާއީލުގެ ދަރިންގެ ގާތަށް ވަޑައިގަތްހިނދު، އެ މީހުންގެ އުނދަގޫތައް، ކަލޭގެފާނުގެ ކިބައިން ދުރުކުރެއްވިހިނދެވެ. ފަހެ އެ މީހުންގެ ތެރެއިން ކާފިރުވި މީހުން ބުންޏެވެ. މި ކަންތައްތަކަކީ، ފާޅުވެ ބަޔާން ވެގެން ހުރި ޖާދޫކަމުގައި ނޫނީ ނުވެއެވެ.
111
އަދި ތިމަން އިލާހަށާއި ތިމަން އިލާހުގެ ރަސޫލާއަށް އީމާން ވުމަށް ހަވާރިއްޔަންނަށް، ތިމަން އިލާހު އެންގެވިހިނދު ހަނދުމަކުރާށެވެ! ދެން ހަވާރިއްޔަން ދެންނެވިއެވެ: ތިމަންމެން އީމާން ވެއްޖައީމުއެވެ. އަދި ތިމަންމެންނީ ބޯލަނބައި، ކިޔަމަންވެގެން ތިބި ބަޔަކުކަމަށް އިބަ އިލާހު ހެކިވެވޮޑިގެންފާނދޭވެ. (ނޯޓު: ހަވާރިއްޔަންނަކީ، ޢީސާގެފާނަށް ތަބާ ވެގެން އެކަލޭގެފާނުގެ އަރިހުގައި އުޅުއްވި އެންމެ އިޚްލާސް ތެރި އެކުވެރިންނެވެ.)
112
ހަވާރިއްޔަން ދެންނެވި ހިނދު ހަނދުމަކުރާށެވެ! އޭ މަރިޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނޭވެ. ތިމަންމެންނަށް ކާތަކެތީގެ ދޮލަނގެއް، އުޑުން ބާވައިލެއްވުމަށް ކަލޭގެފާނުގެ ރައްބު ކުޅަދުންވަންތަވެގެން ވޭތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ: ތިޔަބައިމީހުން އީމާން ވެގެން ތިބި ބަޔަކު ކަމުގައި ވަނީނަމަ، ތިޔަބައިމީހުން ﷲ އަށް ތަގުވާވެރިވާށެވެ.
113
އެ މީހުން ދެންނެވިއެވެ: ތިމަންމެން އެދެނީ، އެއިން ކެއުމަށާއި، ތިމަންމެންގެ ހިތްތައް ހަމަޖެހުމަށެވެ. އަދި ކަލޭގެފާނު ވިދާޅުވީ ތެދެއްކަން ތިމަންމެންނަށް އެނގުމަށެވެ. އަދި އެ ކަމުގެ މައްޗަށް ހެކިވާ މީހުންގެ ތެރެއިން ތިމަންމެން ވުމަށެވެ.
114
މަރިޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނު ވިދާޅުވިއެވެ: އޭ ހައްދަވާ ބޮޑުކުރެއްވި އަޅަމެންގެ ވެރި އިލާހެވެ! ކާތަކެތީގެ ދޮލަނގެއް އަޅަމެންނަށް އުޑުން ބާވައިލައްވާނދޭވެ. އެއީ އަޅަމެންގެ ކުރީގެ މީހުންނާއި، ފަހުގެ މީހުންނަށް ޢީދެއް ކަމުގައި ވުމަށެވެ. އަދި އިބަ އިލާހުގެ ހަޒްރަތުން އައި ހެއްކެއްގެ ގޮތުގައެވެ. އަދި އަޅަމެންނަށް ރިޒްގު ދެއްވާފާނދޭވެ. އިބަ އިލާހީ، ރިޒްގު ދެއްވާ، އެންމެ ހެޔޮ އިލާހެވެ.
115
ﷲ، ވަހީކުރެއްވިއެވެ: ހަމަކަށަވަރުން ތިމަން އިލާހު ތިޔަބައިމީހުންނަށް އެ ދޮލަނގު ބާވައިލައްވާހުށީމެވެ. ފަހެ އެއަށް ފަހު ތިޔަބައިމީހުންގެ ތެރެއިން، ކާފިރު ވެއްޖެ މީހާ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން އާލަމްތަކުގެ ތެރެއިން އެކަކަށް ވެސް، ތިމަން އިލާހު ނުދެއްވާ އަޒާބެއް އެ މީހަކަށް ދެއްވާހުށީމެވެ.
116
އަދި ﷲ ވަހީ ކުރައްވާ ހިނދު (ހަނދުމަ ކުރާށެވެ:) އޭ މަރިޔަމުގެފާނުގެ ދަރިކަލުން ޢީސާގެފާނެވެ. ކަލޭގެފާނު މީސްތަކުންނަށް ވިދާޅުވީމުތޯއެވެ: މީސްތަކުންގެ ގާތުގައި، ތިމަންނައާއި ތިމަންނަގެ މަންމާފުޅު އެއީ ﷲ ފިޔަވާ ދެ އިލާހުން ކަމުގައި ނަގާށޭ ވިދާޅުވީ ކަލޭގެފާނުތޯއެވެ؟ އެކަލޭގެފާނު ދަންނަވާނެއެވެ: އިބަ އިލާހުގެ ހުސްތާހިރުވަންތަ ކަމާއެވެ. މި އަޅާއަށް ބުނުމުގެ ހައްގު ލިބިގެން ނުވާ ބަހެއް ބުނުމަކީ، މި އަޅާއަށް އޮތް ކަމެއް ނުނެވެ. މި އަޅާ އެފަދައިން ބުނި ނަމަ، ފަހެ ހަމަކަށަވަރުން އިބަ އިލާހު އެ ކަން ދެނެވޮޑިގެންވާނެއެވެ. މި އަޅާގެ ނަފްސުގައި (ވާހައި) ކަމެއް، އިބަ އިލާހު ދެނެވޮޑިގެންވަމުއެވެ. އަދި އިބަ އިލާހު ނަފްސުފުޅުގައިވާ ކަމެއް، މި އަޅާއަކަށް އެނގިގެން ނުވެއެވެ. ހަމަކަށަވަރުން އިބަ އިލާހީ ޣައިބުގައި ވާހައި ކަމެއްވެ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
117
އިބަ އިލާހު، މިއަޅާއަށް އަމުރުކުރައްވާފައިވާ އެއްޗެއް މެނުވީ، މިއަޅާ އެ މީހުންނަކަށް ނުބުނަމެވެ. (ބުނީ) ތިމަންގެ ވެރި، އަދި ތިޔަބައިމީހުންގެ ވެސް ވެރި، ﷲ އަށް ތިޔަބައިމީހުން އަޅުކަންކުރާށޭ އެވެ. އެ މީހުންގެ ތެރޭގައި، މިއަޅާ ހުރިހާ ހިނދަކު، އެ މީހުންގެ މައްޗަށް ހެކިވެރިޔަކު ކަމުގައި ވީމެވެ. ދެން އިބަ އިލާހު، މިއަޅާ ގެންދެވިހިނދު، އެ މީހުންގެ މައްޗަށް ބައްލަވާވޮޑިގެންވާ އިލާހަކު ކަމުގައި، އިބަ އިލާހު ވޮޑިގެންވީމުއެވެ. އިބަ އިލާހީ، ކޮންމެ ކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ އިލާހެވެ.
118
އެ މީހުންނަށް، އިބަ އިލާހު އަޒާބު ދެއްވާނަމަ، ފަހެ ހަމަކަށަވަރުން އެ މީހުންނީ، އިބަ އިލާހުގެ އަޅުންނެވެ. އަދި އެ މީހުންނަށް އިބަ އިލާހު ފާފަ ފުއްސަވާނަމަ، ފަހެ ހަމަކަށަވަރުން އިބަ އިލާހީ، ޢަޒީޒުވަންތަ ޙަކީމްވަންތަ އިލާހެވެ.
119
ﷲ، ވަހީ ކުރައްވާނެއެވެ. މިއީ، ތެދުވެރިންނަށް، އެ މީހުންގެ ތެދުވެރިކަން، މަންފާކޮށްދޭނޭ ދުވަހެވެ. އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް، އެ މީހުންނަށް ހުއްޓެވެ. އެ ސުވަރުގެތަކުގައި، އެ މީހުން އަބަދަށް ދެމިތިބޭ ގޮތުގައެވެ. ﷲ، އެ މީހުންނަށް ރުހިވޮޑިގެންވެއެވެ. އަދި އެ މީހުން ވެސް، އެ އިލާހަށް ރުހިގެންވެއެވެ. ބޮޑުވެގެންވާ ނަސީބު ލިބުމަކީ އެއީއެވެ.
120
އުޑުތަކާއި، ބިމާއި، އެ ތަންތާނގައި ވާހާ ތަކެއްޗެއްގެ މިލްކުވެރިކަންވަނީ، ﷲ އަށެވެ. އަދި އެ އިލާހީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހެވެ.