އުޑުތަކާއި، ބިމުގައި ވާހާ ތަކެއްޗެއް، ﷲ އަށް ތަސްބީހަ ކިޔައިފިއެވެ. އަދި އެ އިލާހީ، ޢަޒީޒުވަންތަ، ޙަކީމްވަންތަ އިލާހެވެ.
އުޑުތަކާއި، ބިމުގެ ވެރިކަން މިލްކު ވެގެންވަނީ، އެ އިލާހަށެވެ. ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް، އެ އިލާހެވެ. އަދި އެ އިލާހީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހެވެ.
އެއީ (އެ އިލާހަށް ވުރެ ކުރިން އެކައްޗެއްވެސް ނުވާ) އިސްވެވޮޑިގެންވާ އިލާހެވެ. އަދި އެއީ (އެ އިލާހަށް ވުރެ ފަހުން އެކައްޗެއްވެސް ނުވާ) ފަސްވެވޮޑިގެންވާ އިލާހެވެ. އަދި އެއީ (ހުރިހާ އެއްޗަކަށް ވުރެ) މަތީގައި ވޮޑިގެންވާ އިލާހެވެ. އަދި އެއީ (އެ އިލާހުގެ ޢިލްމުފުޅުން ހުރިހާ އެއްޗަކަށް ވުރެ) ގާތުގައި ވޮޑިގެންވާ އިލާހެވެ. އަދި އެއީ ކޮންމެ ކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
އެ އިލާހީ، އުޑުތަކާއި ބިން ހަ ދުވަހުގެ ތެރޭގައި ހެއްދެވި އިލާހެވެ. ދެން އެ އިލާހު ޢަރްޝުގެ މައްޗަށް އިސްތަވާވެ އަރައިވޮޑިގެންނެވިއެވެ. ބިމުގެ ތެރެއަށް ވަންނަ ތަކެއްޗާއި، އެ ބިމުން ނުކުންނަ ތަކެއްޗާއި، އުޑުން ފައިބާ އެއްޗަކާއި، އެ އުޑަށް އަރައިގެންދާ އެއްޗެއް އެ އިލާހު ދެނެވޮޑިގެންވެއެވެ. އަދި ތިޔަބައިމީހުންވީ ކޮންމެ ތަނެއްގައި، އެ އިލާހު ތިޔަބައިމީހުންނާއެކު ވެއެވެ. އަދި ﷲ އީ، ތިޔަބައިމީހުން ކުރާ އަމަލުތައް މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.
އުޑުތަކާއި، ބިމުގެ ވެރިކަން މިލްކުވެގެންވަނީ، އެ އިލާހަށެވެ. އަދި އެންމެހާ ކަންތައް ރުޖޫއަ ކުރައްވާހުށީ، ﷲ ގެ ހަޒްރަތަށެވެ.
އެ އިލާހު، ދުވާލުގެ ތެރެއަށް ރޭގަނޑު ވައްދަވައެވެ. އަދި ރޭގަނޑުގެ ތެރެއަށް ދުވާލު ވައްދަވައެވެ. އަދި އެ އިލާހީ، ހިތްތަކުގައި ވާހާކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
ﷲ އާއި އެ އިލާހުގެ ރަސޫލާއަށް ތިޔަބައިމީހުން އީމާން ވާށެވެ. އަދި އެ ތަކެއްޗާމެދު، އެ އިލާހު ތިޔަބައިމީހުން ޚަލީފާވެރިންކަމުގައި ލެއްވި ތަކެތިން ތިޔަބައިމީހުން ހޭދަކުރާށެވެ! ފަހެ ތިޔަބައިމީހުންގެ ތެރެއިން އީމާންވެ، އަދި ހޭދަކުރިމީހުން ދަންނާށެވެ. އެ މީހުންނަށް ބޮޑުވެގެންވާ ދަރުމަހުއްޓެވެ.
ތިޔަބައިމީހުންގެ ރައްބަށް އީމާން ވުމަށް ރަސޫލާ ތިޔަބައިމީހުންނަށް ގޮވައިލައްވާ ހާލު، ތިޔަބައިމީހުން ﷲ އަށް އީމާން ނުވާންވީ ކީއްވެގެންހެއްޔެވެ؟ އަދި ހަމަކަށަވަރުން އެ އިލާހު ތިޔަބައިމީހުންގެ (ކިބައިން) ކަށަވަރުވެގެންވާ އަހުދު ހިއްޕަވާފައިވެއެވެ. ތިޔަބައިމީހުންނީ، މުއުމިނުން ކަމުގައި ވާނަމައެވެ.
އެ އިލާހީ، ބަޔާންވެގެންވާ އާޔަތްތަކެއް، އެ އިލާހުގެ އަޅާގެ މައްޗަށް ބާވައިލައްވާ އިލާހެވެ. (އެއީ) އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް ތިޔަބައިމީހުން ނެރުއްވުމަށް ޓަކައެވެ. އަދި ހަމަކަށަވަރުން ﷲ އީ، ތިޔަބައިމީހުންނާމެދު ނުހަނު އޯގާވަންތަ، ރަޙީމްވަންތަ އިލާހުކަން ކަށަވަރެވެ.
އަދި ﷲ ގެ މަގުގައި ތިޔަބައިމީހުން ހޭދަނުކުރާންވީ ކީއްވެގެންހެއްޔެވެ؟ އުޑުތަކާއި، ބިމުގެ މިލްކުވެރިކަންވަނީ ﷲ އަށެވެ. (މައްކާ) ފަތަޙަ ވުމުގެކުރިން ތިޔަބައިމީހުންގެ ތެރެއިން ހޭދަކޮށް، އަދި ހަނގުރާމަކޮށްއުޅުނުމީހުން (އެނޫން މީހުންނާ) ހަމަހަމަވެގެނެއް ނުވެއެވެ. އޭގެފަހުން ހޭދަކޮށް، އަދި ހަނގުރާމަ ކުޅަމީހުންނަށްވުރެ ދަރަޖައިގެ ގޮތުން އެ މީހުން (އެބަހީ: މައްކާ ފަތަޙަ ކުރެއްވުމުގެކުރިން ހޭދަކުރިމީހުން) މާ މާތްކަންބޮޑެވެ. ކޮންމެ ބަޔަކަށްމެ ހެޔޮދަރުމަ، ﷲ ވައުދު ކުރައްވާފައިވެއެވެ. އަދި ﷲ އީ، ތިޔަބައިމީހުން ކުރާ އަމަލުތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
ހެޔޮވެގެންވާ ދަރަންޏަކުން ﷲ އަށް ދަރަނިދޭހުށީ (އެބަހީ: ﷲ އަށްޓަކައި ހޭދަކުރާހުށީ) ކާކުހެއްޔެވެ؟ ފަހެ އެ މީހަކަށްޓަކައި (އެ ކަމުގެ) ދަރުމަ، އެ އިލާހު ގިނަގުނަ ކުރައްވާނެއެވެ. އަދި އެ މީހަކަށް ދީލަތިވެގެންވާ ދަރުމަހުއްޓެވެ.
މުއުމިނު ފިރިހެނުންނާއި، މުއުމިނު އަންހެނުން، ކަލޭގެފާނު ދެކެވަޑައިގަންނަވާނޭ ދުވަހު، އެ މީހުންގެ ކުރިމަތިންނާއި، އެ މީހުންގެ ކަނާތް ފަރާތުން، އެ މީހުންގެ ނޫރު ހިނގަހިނގާ ހުންނާނެއެވެ. (އަދި އެ މީހުންނަށް އަންގަވާނެއެވެ.) މިއަދު ތިޔަބައިމީހުންނަށް އުފާވެރިކަމުގެ ޚަބަރު ހުއްޓެވެ. (އެއީ) އެ ތަންތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކެވެ. އެ ތަންތާނގައި އެ މީހުން ދެމިތިބެނިވި ގޮތުގައެވެ. ބޮޑުވެގެންވާ ނަސީބު ލިބުމަކީ ހަމައެއީއެވެ.
(އެއީ) މުނާފިގު ފިރިހެނުންނާއި، މުނާފިގު އަންހެނުން، އީމާންވި މީހުންނަށް ބުނާދުވަހެވެ. ތިޔަބައިމީހުންގެ ނޫރުން ތިމަންމެން އަލިކަމެއް ލިބިގަތުމަށް ޓަކައި ތިޔަބައިމީހުން ތިމަންމެންނަށް އިންތިޒާރުކުރާށެވެ! އެންގެވޭނެއެވެ. ތިޔަބައިމީހުންގެ ފަހަތަށް ތިޔަބައިމީހުން އެނބުރިދާށެވެ! ފަހެ ތިޔަބައިމީހުން (ކޮންމެވެސް އެހެން) ނޫރެއް ހޯދާށެވެ! ފަހެ އެ މީހުންގެ މެދުގައި ފާރެއް ލައްވާނެއެވެ. އެ ފާރުގައި ދޮރެއްވެއެވެ. އޭގެ އެތެރެފުށުގައިވަނީ ރަހުމަތެވެ. އަދި އޭގެ ބޭރުފުށުން އަނެއްފަރާތުގައިވަނީ އަޒާބެވެ.
އެ މީހުން (އެބަހީ: މުނާފިގުން) އަނެއްބައި މީހުންނަށް ގޮވައި އުޅޭނެއެވެ. ތިމަންމެން ތިޔަބައިމީހުންނާ އެކުގައި ނުވަމުހެއްޔެވެ؟ އެ މީހުން (އެބަހީ: މުއުމިނުން) ބުނާނެއެވެ. ނޫނެކެވެ. އެހެނެއްކަމަކު، ތިޔަބައިމީހުން، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް ފިތުނަވެރިކޮށް، ހަލާކުކުޅައީމުއެވެ. އަދި (މުއުމިނުންނަށް ދެރަލިބުމަށް) ތިޔަބައިމީހުން އިންތިޒާރުކުޅައީމުއެވެ. އަދި ތިޔަބައިމީހުން ޝައްކުކުޅައީމުއެވެ. އަދި ދޮގު އުއްމީދުތައް ތިޔަބައިމީހުން ހެއްލުންތެރި ކުޅައެވެ. ﷲ ގެ އަމުރުފުޅު އަތުވެއްޖައުމަށް ދާންދެނެވެ. އަދި ﷲ އާމެދު ޝައިތާނާ ތިޔަބައިމީހުން ހެއްލުންތެރިކުޅައެވެ.
ފަހެ މިއަދު ތިޔަބައިމީހުންގެ ކިބަޔަކުން އަދި ކާފިރު ވިމީހުންގެ ކިބަޔަކުންވެސް ފިދުޔެއް އަތުނުލައްވާހުއްޓެވެ. ތިޔަބައިމީހުން ތިބެނިވިތަނަކީ ނަރަކައެވެ. ތިޔަބައިމީހުންގެ އެހީތެރި ފަރާތަކީވެސް އެއީއެވެ. އަދި އެއީ ހާދަހާ ނުބައިވެގެންވާ ނިމިދިޔުމެކެވެ.
ﷲ ހަނދުމަކުރުމަށާއި، ހައްގުގެ ތެރެއިން ބާވައިލެއްވި ތަކެއްޗަށް (އެބަހީ: ގުރްއާނަށް) އެ މީހުންގެ ހިތްތައް މަޑުމޮޅިވެ ބިރުވެތިވެ، އަދި ކުރިން ފޮތް ދެވުނު މީހުން ފަދައިން ނުވުމަށް، އީމާންވި މީހުންނަށް އަދިވެސް ވަގުތު ނުޖެހެނީހެއްޔެވެ؟ ފަހެ އެ މީހުންގެ މައްޗަށް ޒަމާން ދިގުލައިގެން ގޮސް، އެ މީހުންގެ ހިތްތައް ހަރުވިއެވެ. އަދި އޭގެ ތެރެއިން ގިނަ މީހުންނީ ފާސިގުންނެވެ.
ބިންގަނޑު މަރުވެ އޮތުމަށް ފަހު، ހަމަކަށަވަރުން ﷲ އެ ބިންގަނޑު ދިރުއްވާކަން ތިޔަބައިމީހުން ދަންނާށެވެ. ހަމަކަށަވަރުން ތިމަން އިލާހު ތިޔަބައިމީހުންނަށް ޓަކައި އާޔަތްތައް ބަޔާންކޮށްދެއްވީމެވެ. (އެއީ) ތިޔަބައިމީހުން ވިސްނައި ދެނެގަނެވޭތޯއެވެ.
ހަމަކަށަވަރުން ސަދަގާތްކުރާ ފިރިހެނުންނާއި، ސަދަގާތްކުރާ އަންހެނުންނާއި، އަދި ހެޔޮވެގެންވާ ދަރަނި ދިނުމަކުން ﷲ އަށްޓަކައި ދަރަނި ދިން (އެބަހީ: ﷲ އަށްޓަކައި ހޭދަކުރި) މީހުން (ދަންނާށެވެ.) އެ މީހުންނަށް (އެ ކަންކަމުގެ) ދަރުމަ ގިނަގުނަ ކުރައްވާނެއެވެ. އަދި އެ މީހުންނަށް ދީލަތިވެގެންވާ ދަރުމަ ހުއްޓެވެ.
އަދި ﷲ އާއި އެ އިލާހުގެ ރަސޫލުންނަށް އީމާންވި މީހުން (ދަންނާށެވެ.) އެ މީހުންނީ އެ މީހުންގެ ރައްބުގެ ހަޒްރަތުގައި ސިއްދީގުންނާއި، ޝަހީދުންނެވެ. އެ މީހުންގެ ދަރުމައާއި، އެ މީހުންގެ ނޫރު، އެ މީހުންނަށް ހުއްޓެވެ. އަދި ކާފިރުވެ، ތިމަން އިލާހުގެ އާޔަތްތައް ދޮގުކުޅަމީހުން (ދަންނާށެވެ.) އެ މީހުންނީ ނަރަކައިގެ އަހުލުވެރިންނެވެ.
ތިޔަބައިމީހުން ދަންނާށެވެ. ދުނިޔޭގެ ދިރިއުޅުން ވާކަން ކަށަވަރީ ކުޅިވަރެއް ކަމުގައެވެ. އަދި މަޖަލެއް ކަމުގައެވެ. އަދި ޒީނަތެއް ކަމުގައެވެ. އަދި ތިޔަބައިމީހުންގެ މެދުގައި އެކަކު އަނެކަކުގެ މައްޗަށް ބޮޑާވެގަތުމެއް ކަމުގައެވެ. އަދި މުދާތަކާއި، ދަރިންތަކާމެދު، އެކަކު އަނެކަކަށްވުރެ ގިނަކަމަށްބުނެ މޮޅުވާހަކަ ދެއްކުމެއް ކަމުގައެވެ. ވާރޭފެނެއްގެ މިސާލުގައެވެ. އެ ފެނުން ފެންލިބިގެން ފެޅި ގަސްތަކެއް، ދަނޑުވެރިން އަޖާއިބު ކޮށްފައިވެއެވެ. ދެން އެ ގަސްތައް ހިކިދެއެވެ. ދެން އެ ގަހުގެ ފަތްތައް ރީނދޫވެފައި ވަނިކޮށް ތިބާއަށް ފެންނާނެއެވެ. ދެން އެ ހިކި ހުއިތަކަކަށް ވެދެއެވެ. އަދި އާޚިރަތުގައި ވަނީ، ގަދަފަދަވެގެންވާ އަޒާބެވެ. އަދި ﷲ ގެ ހަޒްރަތުން ލިބޭ ފާފަ ފުއްސެވުމަކާއި، ރުއްސެވުމެކެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއްދޭ އެއްޗެއް ކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެއެވެ.
ތިޔަބައިމީހުންގެ ރައްބުގެ ހަޒްރަތުން ފާފަ ފުއްސެވުން ލިބިގަތުމަށާއި، އެތާނގެ ތަނަވަސްކަން އުޑާއި ބިމުގެ ތަނަވަސްކަންފަދަ ސުވަރުގެއަށް ތިޔަބައިމީހުން ކުރިއަރައިދާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، ﷲ އަށާއި، އެ އިލާހުގެ ރަސޫލުންނަށް އީމާންވި މީހުންނަށް ޓަކައެވެ. އެއީ ﷲ ގެ ފަޟްލުވަންތަކަމެވެ. އެ އިލާހު އިރާދަކުރައްވާ އަޅަކަށް އެ ފަޟްލުވަންތަކަން ދެއްވައެވެ. ﷲ އީ، ބޮޑުވެގެންވާ ފަޟްލުވަންތަކަމުގެ ރައްބެވެ.
އެއްވެސް މުސީބަތެއް، ތިމަން އިލާހު އެ މުސީބަތެއް ވުޖޫދަށް ނެރުއްވުމުގެކުރިން ފޮތެއްގައި (އެބަހީ: އައްލައުޙުލް މަޙްފޫޡުގައި) ލިޔުއްވާފައިވާ ހާލުގައި މެނުވީ، ބިމަށްވިޔަސް ނުވަތަ ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށްވިޔަސް އައިސް ނުޖެހެއެވެ. ހަމަކަށަވަރުން އެ ކަންތަކަކީ ﷲ އަށް ދާދިފަސޭހަ ކަމެކެވެ.
(އެއީ) ތިޔަބައިމީހުންގެ ކިބައިން ފާއިތުވެހިނގައްޖެ ކަމެއްގެ މައްޗަށް ތިޔަބައިމީހުން ހިތާމަ ނުކުރުމަށާއި، އަދި އެ އިލާހު ތިޔަބައިމީހުންނަށް ދެއްވާފިކަމެއްގެ މައްޗަށް އުފާކޮށް ބޮޑާވެ ނުގަތުމަށް ޓަކައެވެ. ކިބުރުވެރިވެ، ފަޚުރުވެރިވާ އެއްވެސް މީހަކުދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެއެވެ.
އެ މީހުންނީ، ދަހިވެތިވާ މީހުންނެވެ. އަދި ދަހިވެތިވުމަށް މީސްތަކުންނަށް އަމުރުކުރާ މީހުންނެވެ. (ﷲ ގެ މަގަށް) ފުރަގަސްދޭމީހާ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން ﷲ އީ، ފުދިވޮޑިގެންވާ، ގިނަގިނައިން ހަމްދު ލިބިވޮޑިގެންވާ އިލާހެވެ.
ހަމަކަށަވަރުން ފާޅުވެގެންވާ ހެކިތަކާއެކު ތިމަން އިލާހުގެ ރަސޫލުން ފޮނުއްވީމެވެ. އަދި އެ ރަސޫލުންނާއެކު ފޮތާއި، (އަދުލު އިންސާފުގެ) ތިލަފަތް ބާވައިލެއްވީމެވެ. (އެއީ) މީސްތަކުން އަދުލު އިންސާފު ގާއިމު ކުރުމަށް ޓަކައެވެ. އަދި ތިމަން އިލާހު ދަގަނޑު ބާވައިލެއްވީމެވެ. އޭގައި ނުހަނު ބާރުގަދަކަމާއި، މީސްތަކުންނަށް މަންފާތަކެއް ވެއެވެ. އަދި އެއީ ނުފެންނަތާނގައި ﷲ އަށާ، އަދި އެ އިލާހުގެ ރަސޫލުންނަށް ނަސްރު ދެނީ ކާކުކަން ﷲ ދެނެވޮޑިގެންވެ، އެ ކަން އެންގެވުމަށް ޓަކައެވެ. ހަމަކަށަވަރުން ﷲ އީ ބާރުގަދަ، ޢަޒީޒުވަންތަ އިލާހެވެ.
އަދި ހަމަކަށަވަރުން ތިމަން އިލާހު ނޫޙުގެފާނާއި އިބްރާހީމްގެފާނު ރަސޫލުކަމާއިގެން ފޮނުއްވީމެވެ. އަދި އެ ދެ ރަސޫލުންގެ ދަރިކޮޅުގައި ނަބީކަމާއި (ބާވައިލެއްވި) ފޮތްތައް ލެއްވީމެވެ. ފަހެ އެ މީހުންގެ ތެރެއިން ތެދުމަގު ލިބިގެންވާ މީހުންވެއެވެ. އަދި އެ މީހުންގެ ތެރެއިން ގިނަމީހުންނީ، ފާސިގުންނެވެ.
ދެން ތިމަން އިލާހު އެ ބޭކަލުންނާ ވިދިގެން ފަހަތުން ތިމަން އިލާހުގެ ރަސޫލުން ފޮނުއްވީމެވެ. އަދި މަރިޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނު އެ ބޭކަލުންގެ ފަހުން ފޮނުއްވީމެވެ. އަދި ތިމަން އިލާހު އެކަލޭގެފާނަށް އިންޖީލު ދެއްވީމެވެ. އަދި އެކަލޭގެފާނަށް ތަބާވީ މީހުންގެ ހިތްތަކުގައި އޯގާވެރިކަމާއި، ރަހުމް ލެއްވީމެވެ. އަދި ދުނިޔެ އަޅާފައި (އަޅުކަމުގެ ނަމުގައި) ތިބުމަކީ، އެ މީހުން އަމިއްލައަށް އުފެއްދި ކަމެކެވެ. އެކަމަކީ، ތިމަން އިލާހު އެ މީހުންގެ މައްޗަށް ވާޖިބު ކުރައްވާފައިވާ ކަމެއް ނޫނެވެ. އެހެނެއްކަމަކު، އެ ކަން އެ މީހުން ފެށީ، ﷲ ގެ ރުހިވޮޑިގަތުން އެދިގެންނެވެ. ފަހެ އެ މީހުން ހައްގު ގޮތުގައި އެ ކަމަށް ރައްކާތެރިވާންވީ ވަރަކަށް ރައްކާތެރިއެއް ނުވެއެވެ. ފަހެ ތިމަން އިލާހު، އެ މީހުންގެ ތެރެއިން އީމާންވި މީހުންނަށް އެ މީހުންގެ ދަރުމަ ދެއްވީމެވެ. އަދި އެ މީހުންގެ ތެރެއިން ގިނަމީހުންނީ، ފާސިގުންނެވެ.
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުން ﷲ އަށް ތަގުވާވެރިވާށެވެ. އަދި އެ އިލާހުގެ ރަސޫލާއަށް އީމާން ވާށެވެ. އޭރުން އެ އިލާހުގެ ރަހުމަތުން އެ އިލާހު ތިޔަބައިމީހުންނަށް ދެގުނަ ދެއްވާނެއެވެ. އަދި ތިޔަބައިމީހުންނަށް އޭގެ އަލީގައި މަގު ހިނގާނޭ ނޫރެއް، އެ އިލާހު ލައްވާނެއެވެ. އަދި އެ އިލާހު ތިޔަބައިމީހުންނަށް ފާފަ ފުއްސަވާނެއެވެ. ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ އިލާހެވެ.
އެއީ ﷲ ގެ ފަޟްލުވަންތަކަމުގެ ތެރެއިން އެއްވެސްކަމެއްގެ މައްޗަށް އެ މީހުންނަށް ކުޅަދާނަވެގެން ނުވާކަން، ފޮތުގެ އަހުލުވެރިން ދެނެގަތުމަށް ޓަކައެވެ. އަދި ހަމަކަށަވަރުން ފަޟްލުވަންތަކަންވަނީ، ﷲ ގެ އަތްޕުޅުގައެވެ. އެ އިލާހު އިރާދަކުރައްވާ އަޅަކަށް އެ ކަން ދެއްވައެވެ. ﷲ އީ، ބޮޑުވެގެންވާ ފަޟްލުވަންތަކަމުގެ ރައްބެވެ.