އައްޠަލާޤު

At-Talaq

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
އޭ ނަބިއްޔާއެވެ. ތިޔަބައިމީހުން އަނބިން ވަރިކުރާނަމަ، ފަހެ އެ ކަނބަލުންގެ އިއްދަށް (ފެށޭގޮތުގައި ސުންނީ ވަރިޔަކުން) ތިޔަބައިމީހުން އެ ކަނބަލުން ވަރިކުރާށެވެ! އަދި ތިޔަބައިމީހުން އިއްދަ ގުނާހަމަކުރާށެވެ! އަދި ތިޔަބައިމީހުންގެ ވެރި ﷲ އަށް، ތިޔަބައިމީހުން ތަގުވާވެރިވާށެވެ. ތިޔަބައިމީހުން އެ ކަނބަލުންގެ ގެތަކުން އެ ކަނބަލުން ނުނެރޭށެވެ! އަދި އެ ކަނބަލުންވެސް ނުނިކުންނަ ހުށިކަމެވެ. ފާޅުވެ ހުތުރުކަން ބޮޑުވެގެންވާ ފާފަޔެއް އެ ކަނބަލުން ގެނެސްފިއްޔާ މެނުވީއެވެ. އަދި އެއީ، ﷲ ކަނޑައަޅުއްވާފައިވާ އިންތަކެވެ. އަދި ﷲ ކަނޑައަޅުއްވާފައިވާ އިންތައް ފަހަނަޅައިދާ މީހާ (ދަންނާށެވެ.) ފަހެ އެ މީހާގެ އަމިއްލަ ނަފްސަށް އެ މީހާ އަނިޔާވެރިވެއްޖެކަން ކަށަވަރެވެ. އެއަށް ފަހު (އެބަހީ: ވަރިކުރުމަށް ފަހު) ﷲ އެހެންގޮތެއް މެދުވެރި ކުރައްވާފާނެކަންވެސް ތިބާޔަކަށް ނޭނގެތެވެ.
2
ފަހެ އެ ކަނބަލުންގެ އިއްދަ ހަމަވުމާ ގާތްވެއްޖެހިނދު، ހެޔޮގޮތުގައި ތިޔަބައިމީހުން އެ ކަނބަލުން ހިފަހައްޓާށެވެ! (އެބަހީ: ކާވެނި ރުޖޫއަކުރާށެވެ!) ނުވަތަ ހެޔޮގޮތުގައި އެ ކަނބަލުންނާ ވަކިވާށެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން އަދުލުވެރި ދެ މީހުން ހެކިކުރާށެވެ! އަދި ﷲ އަށްޓަކައި ތިޔަބައިމީހުންގެ ހެކިބަސް އަދާކުރާށެވެ! ﷲ އަށާއި، އާޚިރަތް ދުވަހަށް އީމާންވާ މީހުންނަށް ނަސޭހަތް ދެއްވާފައިވާ ގޮތަކީ އެއީއެވެ. އަދި ﷲއަށް ތަގްވާވެރިވާ މީހާއަށް، އެ އިލާހު މަޚްރަޖެއް (ނުކުންނާނެ މަގެއް) ލައްވައެވެ.
3
އަދި އޭނާ ހީވެސް ނުކުރާ ގޮތަކުން އޭނާއަށް ރިޒްގު ދެއްވައެވެ. އަދި ﷲ އަށް ވަކީލު ކުރާ މީހާ (ދަންނާށެވެ.) ފަހެ އެ މީހާއަށް އެ އިލާހު ފުދެއެވެ. ހަމަކަށަވަރުން ﷲ އީ، އެ އިލާހުގެ އަމުރުފުޅު ހިންގަވައި ފުރިހަމަ ކުރައްވާ އިލާހެވެ. ހަމަކަށަވަރުން ﷲ ކޮންމެ އެއްޗަކަށް (ގަދަރުގައި) މިންވަރެއް ކަނޑައަޅުއްވާފައި ވެއެވެ.
4
އަދި ތިޔަބައިމީހުންގެ އަންހެނުންކުރެ ހައިޟުން އުއްމީދު ކެނޑިފައިވާ މީހުންނާމެދު (އެބަހީ: އިއްދަ އިން ކެނޑިފައިވާ އަންހެނުންނާމެދު) ތިޔަބައިމީހުން ޝައްކުކުރާނަމަ، ފަހެ އެ ކަނބަލުންގެ އިއްދަކީ، އަދި ހައިޟު ނުވާ މީހުންގެ އިއްދަކީވެސް ތިންމަސް ދުވަހެވެ. އަދި މާބަނޑު އަންހެނުންގެ އިއްދަކީ، އެ ކަނބަލުން ބަނޑުގައިވާ ދަރި ވިހެއުމެވެ. އަދި ﷲ އަށް ތަގުވާވެރިވާ މީހާ (ދަންނާށެވެ.) އޭނާގެ ކަންތަކުގައި އެ އިލާހު އޭނާއަށް ފަސޭހަކަން ލައްވާނެއެވެ.
5
އެއީ ތިޔަބައިމީހުންނަށް ﷲ ބާވައިލެއްވި، އެ އިލާހުގެ އަމުރުފުޅެވެ. އަދި ﷲ އަށް ތަގުވާވެރިވެއްޖެ މީހާ (ދަންނާށެވެ.) އެ އިލާހު އޭނާގެ ކިބައިން އޭނާގެ ކުށްތައް ފުއްސަވާނެއެވެ. އަދި އެ އިލާހު އޭނާއަށް ދަރުމަ ބޮޑު ކުރައްވާނެއެވެ.
6
ތިޔަބައިމީހުންގެ ތަނަވަސްކަން ހުރިވަރަކުން ތިޔަބައިމީހުން އުޅޭ ތަނެއްގައި އެ ކަނބަލުން (އެބަހީ: ވަރިކޮށްފައި، އިއްދަގައި ތިބޭ އަންހެނުން) ބައިތިއްބާށެވެ! އަދި އެ ކަނބަލުންނަށް ދަތިކުރުމަށް ޓަކައި، ތިޔަބައިމީހުން އެ ކަނބަލުންނަށް ގެއްލުން ނުދޭށެވެ! އަދި މާބަނޑު އަންހެނުން ކަމުގައި އެ ކަނބަލުން ވެއްޖެނަމަ، ފަހެ އެ ކަނބަލުން ދަރި ވިހައިފުމަށް ދާންދެން ތިޔަބައިމީހުން އެ ކަނބަލުންނަށް ހަރަދުކުރާށެވެ! ފަހެ ތިޔަބައިމީހުންނަށް ޓަކައި (ތިޔަބައިމީހުންގެ ދަރިންނަށް) އެ ކަނބަލުން ކިރުދީފިނަމަ، ފަހެ ތިޔަބައިމީހުން އެ ކަނބަލުންނަށް، އެ ކަނބަލުންގެ އުޖޫރަދޭށެވެ! އަދި ތިޔަބައިމީހުންގެ މެދުގައި ހެޔޮގޮތުގައި އެކަކު އަނެކަކާ މަޝްވަރާކުރާށެވެ! އަދި ތިޔަބައިމީހުންނަށް ދަތިވެއްޖެނަމަ، އޭނާއަށްޓަކައި، ފަހެ (އެ ކުއްޖާޔަށް) އެހެން އަންހެނަކު ކިރުދޭނީއެވެ.
7
ތަނަވަސްކަމުގެ ވެރިޔާ، އޭނާގެ ތަނަވަސްކަންހުރި މިންވަރަކުން ހޭދަކުރާހުށިކަމެވެ. އަދި އެ މީހެއްގެ ރިޒްގު ދަތިކުރައްވާފައިވާ މީހާ، ފަހެ އެ މީހާއަށް ﷲ ދެއްވި އެއްޗަކުން ހޭދަކުރާހުށިކަމެވެ. އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ދެއްވާފައިވާ އެއްޗެއްގެ މިންވަރުން މެނުވީ، ﷲ ތަކުލީފެއް ނުޖައްސަވައެވެ. ދަތިކަމަކަށް ފަހު، ފަސޭހަކަމެއް، ﷲ ލައްވާހުއްޓެވެ.
8
އެ ރަށްރަށުގެ އަހުލުވެރިން އެ މީހުންގެ ރައްބުގެ އަމުރުފުޅަށާއި، އެ އިލާހުގެ ރަސޫލުންނަށް ނުކިޔަމަންތެރިވީ ކިތައްކިތައް ރަށްހެއްޔެވެ؟ ފަހެ ތިމަން އިލާހު އެ މީހުންނާ މެދުގައި ގަދަވެގެންވާ ހިސާބަކުން ހިސާބު ބައްލަވައި، ބިރުވެރި އަޒާބަކުން، އެ މީހުންނަށް އަޒާބު ދެއްވީމެވެ.
9
ފަހެ އެ މީހުން ކުރި ކަންތަކުގެ ނަތީޖާގެ ރަހަ އެ މީހުންނަށް ލިބުނެވެ. އަދި އެ މީހުންގެ އެ ކަންތަކުގެ ނިމުންވީ ގެއްލުމެއް ކަމުގައެވެ.
10
ﷲ، އެ މީހުންނަށް ޓަކައި ގަދަވެގެންވާ އަޒާބެއް ތައްޔާރު ކުރެއްވިއެވެ. ފަހެ ތިޔަބައިމީހުން ﷲ އަށް ތަގުވާވެރިވާށެވެ. އޭ އީމާން ވެގެން ތިބި ބުއްދީގެ އަހުލުވެރިންނެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ ގާތަށް ހަނދާންކޮށްދެއްވުމެއް ﷲ ބާވައިލެއްވިއެވެ.
11
ﷲ ގެ ބަޔާން ވެގެންވާ އާޔަތްތައް ތިޔަބައިމީހުންގެ މައްޗަށް ކިޔަވައިދެއްވާ ރަސޫލަކު ފޮނުއްވިއެވެ. (އެއީ) އީމާންވެ، ސާލިހު އަމަލުކުރި މީހުން، އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް، ނެރުއްވުމަށް ޓަކައެވެ. އަދި ﷲ އަށް އީމާންވެ، ސާލިހު އަމަލުކުރާމީހާ (ދަންނާށެވެ.) އެ ތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް، އެ އިލާހު އޭނާ ވައްދަވާނެއެވެ. އެ ތާނގައި، އެ މީހުން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. ހަމަކަށަވަރުން އެންމެ ފުރިހަމަ ގޮތުގައި ﷲ، އޭނާއަށް ރިޒްގު ދެއްވިއެވެ.
12
ﷲ އީ ހަތް އުޑު ހެއްދެވި އިލާހެވެ. އަދި ބިމުންވެސް އެފަދަމެއެވެ. (އެބަހީ: އެ އިލާހު ހަތް ބިން ހެއްދެވިއެވެ.) އެ ތަންތާނގައި އެ އިލާހުގެ އަމުރުފުޅު ހިނގަހިނގާ ހުރެއެވެ. އެއީ ހަމަކަށަވަރުން ﷲ އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހުކަމާއި، ﷲ ގެ އިލްމުފުޅުން ހުރިހާ އެއްޗެއް ދެނެވޮޑިގެންވާކަން ތިޔަބައިމީހުންނަށް އެނގުމަށް ޓަކައެވެ.