އަލްމުލްކު

Al-Mulk

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
އެ އިލާހުގެ އަތްޕުޅުގައި ވެރިކަންވާ އިލާހު ބަރަކާތްތެރިވެ މަތިވެރިވެ ވޮޑިގެންވެއެވެ. އަދި އެ އިލާހީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހެވެ.
2
އެ އިލާހީ ތިޔަބައިމީހުންކުރެ އެންމެ އަމަލު ރަނގަޅީ ކާކުތޯ އިމްތިހާނު ކުރެއްވުމަށް ޓަކައި، މަރުވުމާއި، ދިރިހުރުން، އުފެއްދެވި އިލާހެވެ. އަދި އެ އިލާހީ، ޢަޒީޒުވަންތަ، ގިނަގިނައިން ފާފަ ފުއްސަވާ އިލާހެވެ.
3
އެ އިލާހީ، މަތިމައްޗަށް ހަތްއުޑު ހެއްދެވި އިލާހެވެ. އައްރަޙްމާން (އެ ތަކެތި) ހެއްދެވުމުގައި އެއްވެސްކަހަލަ އުނިކަމެއް ތިބާޔަކަށް ނުފެންނާނެއެވެ. ފަހެ ތަކުރާރު ކޮށްނަޒަރު ހިންގައި ބަލާށެވެ! އެއްވެސްކަހަލަ ޚަލަލެއް ތިބާއަށް ފެނޭހެއްޔެވެ؟
4
ދެންވެސް ތަކުރާރު ކޮށްދެފަހަރަށް ނަޒަރު ހިންގައި ބަލާށެވެ! އޭރުން ދެރަވެ، ނިކަމެތިވެގެންވާ ހާލުގައި (ތިބާގެ) ނަޒަރު އެނބުރި ތިބާގެ ގާތަށް އަންނަހުއްޓެވެ.
5
ހަމަކަށަވަރުން ތިމަން އިލާހު ބައްތިތަކަކުން އެންމެ ގާތް އުޑު ޒީނަތްތެރި ކުރެއްވީމެވެ. އަދި ޝައިތާނުންނާ ދިމާޔަށް އުއްކަވާ ގިނިހިލަތަކެއް ކަމުގައި އެ ތަކެތި ލެއްވީމެވެ. އަދި ތިމަން އިލާހު އެ ޝައިތާނުންނަށް ނަރަކައިގެ އަޒާބު ތައްޔާރު ކުރެއްވީމެވެ.
6
އަދި އެ މީހުންގެ ރައްބަށް ކާފިރުވި މީހުންނަށް ނަރަކައިގެ އަޒާބު ހުއްޓެވެ. އަދި އެއީ ހާދަހާ ނުބައިވެގެންވާ ނިމިދިޔުމެކެވެ.
7
އެ ނަރަކައިގެ ތެރެއަށް އެ މީހުން އެއްލައިލައްވާހިނދު، އެ ނަރަކަ ކެކިގަންނަ ހާލުގައި، އެތެރެއަށް ދަމައިލާއަޑު އެ މީހުންނަށް އިވޭނެއެވެ.
8
އެ ނަރަކަ އަންނަރުޅިން ކުދިކުދިވެދާން ކައިރިވެދެއެވެ. (ކާފިރުންގެ) ފައުޖެއް އެ ނަރަކައަށް އެއްލަވާ ކޮންމެފަހަރަކު، އެތާނގެ ބަނޑޭރިން އެ މީހުންނާ ސުވާލު ކުރައްވާނެއެވެ. އިންޒާރުކުރައްވާ ރަސޫލަކު ތިޔަބައިމީހުންގެ ގާތަށް ވަޑައެއް ނުގަންނަވާހެއްޔެވެ؟
9
އެ މީހުން ދަންނަވާނެއެވެ. އެހެންނަކުންނޫނެވެ. ހަމަކަށަވަރުން ތިމަންމެންގެ ގާތަށް އިންޒާރުކުރައްވާ ރަސޫލަކު ވަޑައިގަތެވެ. ދެން ތިމަންމެން ދޮގުކުރީމުއެވެ. އަދި ތިމަންމެން ބުނީމުއެވެ. ﷲ، އެއްވެސް އެއްޗެއް ބާވައެއް ނުލައްވައެވެ. ތިޔަބޭކަލުން ބޮޑުވެގެންވާ ފުރެދުމެއްގައި މެނުވީ ނުވަމުއެވެ.
10
އަދި އެ މީހުން ބުނާނެއެވެ. ތިމަންމެން އަޑުއަހާކަމުގައިވީނަމަ، ނުވަތަ ވިސްނައި ފިކުރުކުރާކަމުގައިވީނަމަ، ނަރަކައިގެ އަހުލުވެރިންގެ ތެރެޔަކު ތިމަންމެން ނުވީހެވެ.
11
ފަހެ އެ މީހުން، އެ މީހުންގެ ފާފަތަކަށް އިޢުތިރާފް ވާނެއެވެ. ފަހެ ނަރަކައިގެ އަހުލުވެރިންނަށް ރަހުމަތުން ދުރުކުރެއްވުން ހުއްޓެވެ.
12
ހަމަކަށަވަރުން ނުފެންނަތާނގައި އެ މީހުންގެ ރައްބަށް ބިރުވެތިވާމީހުން (ދަންނާށެވެ.) ފާފަ ފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ، އެ މީހުންނަށް ހުއްޓެވެ.
13
ތިޔަބައިމީހުން ބުނާ އެއްޗެއް ސިއްރުކުރާށެވެ! ނުވަތަ އެ ފާޅުކުރާށެވެ! ހަމަކަށަވަރުން އެ އިލާހީ، ހިތްތަކުގައި ވާހާކަމެއް، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
14
(ހުރިހާ ތަކެއްޗެއް) ހެއްދެވި އިލާހު (އެ ތަކެތި) ދެނެވޮޑިގެން ނުވާނޭހެއްޔެވެ؟ އަދި އެ އިލާހީ، އޯގާވަންތަކަންބޮޑު، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
15
އެ އިލާހީ، ތިޔަބައިމީހުންނަށް ޓަކައި، ފަސޭހަތަނެއް ކަމުގައި ބިންގަނޑު ލެއްވި އިލާހެވެ. ފަހެ އެތާނގެ ކަންކޮޅުތަކުގައި ތިޔަބައިމީހުން ހިނގައި ދަތުރުކުރާށެވެ! އަދި އެ އިލާހު ދެއްވި ރިޒްގުން ކާށެވެ! އަދި އަލުން ދިރުއްވައި ފޮނުއްވުންވަނީ، އެ އިލާހުގެ ހަޒްރަތަށެވެ.
16
އުޑުގެ މަތީގައި ވޮޑިގެންވާ ފަރާތް (ﷲ)، ތިޔަބައިމީހުންނާއިގެން ބިން ގަންބަވައިގެންފާނެ ކަމާމެދު ތިޔަބައިމީހުން ވަނީ (ބިރެއްނެތި) އަމާންވެގެންހެއްޔެވެ؟ ފަހެ އެހާރުން ބިންގަނޑު ތެޅިފޮޅިގަންނާނެއެވެ.
17
ނުވަތަ އުޑުގެ މަތީގައި ވޮޑިގެންވާ ފަރާތް (ﷲ)، ތިޔަބައިމީހުންގެ މައްޗަށް ހިލައިގެ ވާރޭ ފޮނުއްވާފާނޭ ކަމާމެދު ތިޔަބައިމީހުން ވަނީ (ބިރެއް ނެތި) އަމާންވެގެންހެއްޔެވެ؟ ފަހެ ތިމަން އިލާހުގެ އިންޒާރުކުރެއްވުން ވަނީ ކޮންފަދައަކުންކަން ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެއެވެ.
18
ހަމަކަށަވަރުން އެ މީހުންގެކުރިން އުޅުނުމީހުންވެސް (ރަސޫލުން) ދޮގުކުރިއެވެ. ފަހެ ތިމަން އިލާހުގެ އުގޫބާތް ދެއްވުންވީ ކޮންފަދައަކުންހެއްޔެވެ؟
19
ފިޔަތައް ދަމާލައިގެންނާއި، އަދި ފިޔަތައް ލައްޕާލައިގެން، އެ މީހުންގެ މަތީގައި (އުދުހި) އުޅޭ ދޫނިތަކަށް އެ މީހުން ނުބަލަނީހެއްޔެވެ؟ އައްރަޙްމާން މެނުވީ، އެ ތަކެތި (ވެއްޓުނަނުދީ) ނުހިފަހައްޓަވައެވެ. ހަމަކަށަވަރުން އެ އިލާހީ، ހުރިހާ އެއްޗެއް މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.
20
ނުވަތަ އައްރަޙްމާން ފިޔަވާ ތިޔަބައިމީހުންނަށް ނަސްރު ދޭނޭ ލަޝްކަރެއް ކަމުގައިވަނީ ކޮންބަޔެއްހެއްޔެވެ؟ ހެއްލުމެއްގެ ތެރޭގައި މެނުވީ ކާފިރުންނުވެއެވެ.
21
ނުވަތަ އެ އިލާހު ރިޒްގު ދެއްވުން ހުއްޓަވައިފިނަމަ، ތިޔަބައިމީހުންނަށް ރިޒްގު ދޭނޭ މީހަކީ އެއީކާކުހެއްޔެވެ؟ އަދި ކިއެއް! އެ މީހުން ވަނީ ކިބުރުވެރިކަމާއި ހައްގުން އެއްކިބާވުމެއްގައެވެ.
22
ފަހެ ތެދުމަގުގައި ބޮޑަށް ވަނީ، މޫނުވަތަށް ވެއްޓެމުން ހިނގައިދާ މީހާހެއްޔެވެ؟ ނުވަތަ ސީދާވެގެންވާ ތެދުމަގެއްގައި، ތެދަށް ހިނގައިދާ މީހާހެއްޔެވެ؟
23
ކަލޭގެފާނު ވިދާޅުވާށެވެ. އެ އިލާހީ، ތިޔަބައިމީހުން އުފައްދަވައި، ތިޔަބައިމީހުންނަށް އިވުމާއި، ފެނުމާއި، ހިތްތައް، ލެއްވި އިލާހެވެ. ތިޔަބައިމީހުން ޝުކުރުކުރަނީ ވަރަށް ވެސް މަދުންނެވެ.
24
ކަލޭގެފާނު ވިދާޅުވާށެވެ. އެ އިލާހީ ތިޔަބައިމީހުން ބިމުގައި އުފެއްދެވި އިލާހެވެ. އަދި (ގިޔާމަތް ދުވަހުން) ތިޔަބައިމީހުން އެއް ކުރައްވާހުށީ އެ އިލާހުގެ ހަޒްރަތަށެވެ.
25
އެ މީހުން ބުނެއެވެ. ތިޔަބައިމީހުންނީ، ތެދުބުނާ ބަޔަކު ކަމުގައިވާނަމަ، ތިޔަ (ބުނާ އަޒާބުގެ) ވައުދު އަންނާނީ ކޮންއިރަކުންހެއްޔެވެ؟
26
ކަލޭގެފާނު ވިދާޅުވާށެވެ. (އެ ކަން) ދެނެވޮޑިގަތުން ވާކަންކަށަވަރީ، ﷲ ގެ ހަޒްރަތުގައެވެ. އަދި ތިމަންކަލޭގެފާނު ވާކަންކަށަވަރީ، ބަޔާންވެގެންހުރި، އިންޒާރުކުރައްވާ ބޭކަލަކު ކަމުގައެވެ.
27
ފަހެ އެ މީހުންނަށް އެ ވައުދު، ކައިރިން ފެނިއްޖެހިނދު، ކާފިރު ވިމީހުންގެ މޫނުތަކަށް ހިތާމަވެރިކަން ލިބިގެންދާނެއެވެ. އަދި އަންގަވާނެއެވެ. މިއީ ތިޔަބައިމީހުން އެދިގޮވާކަމުގައިވި ކަންތަކެވެ.
28
ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން ނިކަން ޚަބަރު ދީބަލާށެވެ! ﷲ ތިމަންކަލޭގެފާނާއި، ތިމަންކަލޭގެފާނާ އެކުގައިވާ ބަޔަކު ހަލާކުކުރެއްވި ނަމަވެސް، ނުވަތަ ތިމަންމެންނަށް ރަހުމަތް ލެއްވިނަމަވެސް، ފަހެ ވޭންދެނިވި އަޒާބުން، ކާފިރުން ސަލާމަތްކޮށްދޭނީ ކާކުހެއްޔެވެ؟
29
ކަލޭގެފާނު ވިދާޅުވާށެވެ. އެއީ އައްރަޙްމާނެވެ. ތިމަންމެން އެ އިލާހަށް އީމާން ވެއްޖައީމުއެވެ. އަދި ހަމައެކަނި އެ އިލާހަށް ތިމަންމެން ވަކީލު ކޮށްފީމުއެވެ. ފަހެ ބަޔާންވެގެންވާ ފުރެދުމެއްގައިވަނީ ކާކުކަން، ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެއެވެ.
30
ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން ނިކަން ޚަބަރު ދީބަލާށެވެ! ތިޔަބައިމީހުންގެ (ބޭނުންކުރާ) ފެން އަޑިއަށް ހިނދިއްޖެނަމަ، ހިނގަހިނގާ ހުންނަ ފެނެއް ތިޔަބައިމީހުންނަށް ގެނެސްދޭހުށީ ފަހެ ކާކުހެއްޔެވެ؟