އޭ ފޭރާންތައް (ގައިކޮޅުގައި) އޮޅުއްވައިގެން އޮންނެވި ކަލޭގެފާނެވެ.
ރޭގަނޑުގެ އަޅުކަން ކުރެއްވުމަށް ތެދުވެވަޑައިގަންނަވާށެވެ. ވަރަށްކުޑަ ވަގުތުކޮޅަކަށް މެނުވީއެވެ.
އެ ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައެވެ. ނުވަތަ އެއަށްވުރެ ކުޑަތަންކޮޅެއް އުނިކޮށްލައްވާށެވެ.
ނުވަތަ އެއަށްވުރެ އިތުރުކޮށްލައްވާށެވެ. އަދި ލަސްލަހުން ގުރްއާން ކިޔަވައި ވިދާޅުވާށެވެ.
ހަމަކަށަވަރުން ތިމަން އިލާހު ކަލޭގެފާނުގެ މައްޗަށް ބަރުދަންހުރި ބަހެއް ބާވައިލައްވާހުށީމެވެ.
ހަމަކަށަވަރުން ނިދުމަށް ފަހު، ރޭއަޅުކަންކުރުމަށް ތެދުވުން ބުރަކަން ބޮޑެވެ. އަދި ބަސްތައް (އެބަހީ: ނަމާދުގެ ތެރޭގައި ކިޔަވާ ކިޔެވުންތައް) ސީދާކަން ބޮޑެވެ.
ހަމަކަށަވަރުން ކަލޭގެފާނަށް ދުވާލުގެ ވަގުތުގައި ގިނަ މަސައްކަތްތަކެއް ވެއެވެ.
ކަލޭގެފާނުގެ ރައްބުގެ އިސްމުފުޅު ހަނދުމަ ކުރައްވާށެވެ. އަދި (އެހެންހުރިހާ ފަރާތަކުން އެއްކިބާވެ، ހަމައެކަނި) އެ އިލާހުގެ ހަޒްރަތަށް އިޚްލާސް ތެރިކަމާއެކު ކުއްތަންވެވަޑައިގަންނަވާށެވެ.
(އެއީ) މަޝްރިގާއި، މަޣްރިބުގެ ރައްބެވެ. އެ އިލާހު ފިޔަވާ (އަޅުކަންކުރުން ހައްގުވާ) އެހެން އިލާހަކު ނުވެއެވެ. ފަހެ ވަކީލަކު ކަމުގައި ކަލޭގެފާނު އެ އިލާހު ޚިޔާރުކުރައްވާށެވެ.
އަދި އެ މީހުން ބުނާ ބަސްތަކަށް ކަލޭގެފާނު ކެތް ކުރައްވާށެވެ. އަދި ރިވެތިވެގެންވާ ވަކިވުމަކުން، ކަލޭގެފާނު އެ މީހުންނާ ވަކިވެވަޑައިގަންނަވާށެވެ.
އަދި ފައިސާވެރި، ދޮގުކުރާ މީހުން، ކަލޭގެފާނު ތިމަން އިލާހަށް ދޫކޮށްލައްވާށެވެ. އަދި ކަލޭގެފާނު ކުޑަވަގުތުކޮޅަކަށް އެ މީހުންނަށް މުހުލަތް ދެއްވާށެވެ.
ހަމަކަށަވަރުން ތިމަން އިލާހުގެ ހަޒްރަތުގައި ކަސްތަޅުތަކާއި ނަރަކަވެއެވެ.
އަދި ކަރުގައި އަޅައިގަންނަ ކާނާއާއި، ވޭންދެނިވި އަޒާބު ވެސްމެއެވެ.
އެ ދުވަހުން ބިމާއި، ފަރުބަދަތައް ހެލިގެންދާނެއެވެ. އަދި ފައިބައިގެންދާ ވެލިފުންޏަކަށް އެ ފަރުބަދަތައް ވާހުއްޓެވެ.
ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށް ހެކިވެވަޑައިގަންނަވާ ބޭކަލެއްކަމުގައި، ތިމަން އިލާހު ތިޔަބައިމީހުންގެ ގާތަށް ރަސޫލަކު ފޮނުއްވީމެވެ. ފިރްޢައުނުގެ ގާތަށް ތިމަން އިލާހު ރަސޫލަކު ފޮނުއްވި ފަދައިންނެވެ.
ފަހެ ފިރްޢައުނު އެ ރަސޫލާއަށް އުރެދުނެވެ. ދެން ތިމަން އިލާހު ގަދަފަދަވެގެންވާ އަޒާބުގެ ހިއްޕެވުމަކުން އެ ފިރްޢައުނު ހިއްޕަވައި (ހަލާކު ކުރެއްވީމެވެ.)
ފަހެ ތިޔަބައިމީހުން ކާފިރު ވެއްޖެނަމަ (އެ ދުވަހުގެ ބިރުވެރިކަމުން) ކުޑަކުދިން މުސްކުޅިންނަށް ހަދާލާ ދުވަހުން (އެބަހީ: އެ ދުވަހުގެ އަޒާބުން) ތިޔަބައިމީހުން ރައްކާތެރިވާނީ ކޮންފަދައަކުންހެއްޔެވެ؟
އެ ދުވަހުން އުޑު އިރައިރައިގެން ދާނެއެވެ. އެ އިލާހުގެ ވައުދުފުޅު ފުރިހަމަވާނެކަން ޔަގީނެވެ.
ހަމަކަށަވަރުން މިއީ ހަނދާންކޮށްދިނުމެކެވެ. ފަހެ (ހަނދާންކުރުމަށް) އެދޭ މީހާ، އެ މީހާގެ ރައްބުގެ ހަޒްރަތަށް މަގެއް ހިފާހުށިކަމެވެ.
ކަލޭގެފާނާއި، ކަލޭގެފާނުގެ އަރިހުގައިވާ މީހުންކުރެ ބަޔަކު، ރޭގަނޑުގެ ތިންބައިކުޅަ ދެބަޔަށްވުރެ މަދުންނާއި، އެ ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައާއި، އަދި އެ ރޭގަނޑުގެ ތިންބައިކުޅަ އެއްބައިގައި، ރޭއަޅުކަން ކުރެއްވުމަށް ތިއްބަވާކަން ހަމަކަށަވަރުން ކަލޭގެފާނުގެ ރައްބު ދެނެވޮޑިގެންވެއެވެ. އަދި ރޭގަނޑާއި، ދުވާލުގެ ވަގުތުތައް މިންވަރު ކުރައްވަނީ ﷲ އެވެ. މުޅި ރޭގަނޑު، ރޭއަޅުކަމުގައި ގާއިމުވެ ތިބުމަށް ތިޔަބައިމީހުންނަށް ކުޅަދާނަވެގެން ނުވާނެކަން އެ އިލާހު ދެނެވޮޑިގެންވެއެވެ. ފަހެ ތިޔަބައިމީހުންގެ މައްޗަށް އެ ކަން އަފޫކުރައްވާ ލުއިކުރައްވާފިއެވެ. ފަހެ ގުރްއާނުން ފަސޭހަވީ މިންވަރެއް ތިޔަބައިމީހުން ކިޔަވާށެވެ. ތިޔަބައިމީހުންގެ ތެރެއިން ބަލިމީހުން ވާނޭކަމާއި، އަދި އަނެއް ބަޔަކު ﷲ ގެ ފަޟްލުވަންތަކަން އެދިގެން ބިމުގައި ދަތުރުފަތުރުކުރާކަމާއި، އަދި އަނެއް ބަޔަކު ﷲ ގެ މަގުގައި ހަނގުރާމަ ކުރާކަން އެ އިލާހު ދެނެވޮޑިގެންވެއެވެ. ފަހެ އެ ގުރްއާނުން ފަސޭހަވީ މިންވަރެއް ތިޔަބައިމީހުން ކިޔަވާށެވެ. އަދި ތިޔަބައިމީހުން ނަމާދު ގާއިމުކުރާށެވެ! އަދި ތިޔަބައިމީހުން ޒަކާތް ދޭށެވެ! އަދި ރިވެތިވެގެންވާ ދަރަނިދިނުމަކުން ތިޔަބައިމީހުން ﷲ އަށް ދަރަނިދޭށެވެ! (އެބަހީ: ﷲ އަށްޓަކައި ހޭދަކުރާށެވެ!) އަދި ހެޔޮކަމުގެ ތެރެއިން، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށްޓަކައި އިސްކުރާ ކޮންމެ ކަމެއްގެ ސަވާބު، ﷲ ގެ ހަޒްރަތުގައި ހެޔޮކަން ބޮޑުވެގެންވާތީއާއި، އަދި ދަރުމަ ބޮޑުވެގެންވާތީ ތިޔަބައިމީހުންނަށް ފެންނާނެއެވެ. އަދި ތިޔަބައިމީހުން ﷲ ގެ ހަޒްރަތުން ފާފަ ފުއްސެވުމަށް އެދޭށެވެ! ހަމަކަށަވަރުން ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ އިލާހެވެ.