އަލްޤިޔާމާ

Al-Qiyamah

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
ގިޔާމަތް ދުވަސް ގަންދެއްވަމެވެ.
2
އަދި އައްނަފްސުއްލައްވާމާ ވެސް ގަންދެއްވަމެވެ. (ނޯޓު: އައްނަފްސުއްލައްވާމާއަކީ، ނުބައިކަންތައް ކުރާކަމުގެ މައްޗަށާއި، ހެޔޮކަންތައް ނުކުރާކަމުގެ މައްޗަށް، އަމިއްލަ ނަފްސަށް މަލާމާތް ރައްދުކޮށްކޮށް ހުންނަ ނަފްސެކެވެ.)
3
އިންސާނާ ހީކުރަނީ، ތިމަން އިލާހު އޭނާގެ ކަށިތައް އެއްނު ކުރައްވާނެ ކަމަށްހެއްޔެވެ؟
4
އެހެންނަކުން ނޫނެވެ. އެ އިންސާނާގެ އިނގިލިތަކުގެ ކުރިތައް ހަމަ ކުރެއްވުމަށް ވެސް، ތިމަން އިލާހު ކުޅަދުންވަންތައެވެ.
5
އަދި ކިއެއް! އިންސާނާ އެދެނީ، އޭނާގެ ކުރިއަށް އޮތްތާނގައިވެސް ފާފަތައް ކޮށްއުޅުމަށެވެ.
6
އޭނާ ސުވާލުކުރާނެތެވެ. ގިޔާމަތް ދުވަސް އަންނާނީ ކޮންއިރަކުންހެއްޔެވެ؟
7
ފަހެ ލޯތަކަށް ހައިރާންކަންލިބި، ތަރަތަރަލާހިނދެވެ.
8
އަދި ހަނދުގެ އަލިކަން ފިލައިދާހިނދެވެ.
9
އަދި އިރާއި، ހަނދު އެއްތަން ކުރައްވާހިނދެވެ.
10
އެ ދުވަހުން އިންސާނާ ބުނާނެއެވެ. ފިލަންދާނީ ކޮންތާކަށްހެއްޔެވެ؟
11
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ރައްކާވެ ތިބެންދާނެ ތަނެއްނެތެވެ.
12
އެ ދުވަހުންގޮސް ގަރާރުވުން ވަނީ، ކަލޭގެފާނުގެ ރައްބުގެ ހަޒްރަތަށެވެ.
13
އިންސާނާ އިސްކުޅަހާ ކަމަކާއި، ފަސްކުޅަހާ ކަމެއްގެ ވާހަކައިން އެ އިންސާނާއަށް އެ ދުވަހުން ޚަބަރު ދެއްވާނެއެވެ.
14
އަދި ކިއެއް! އެ އިންސާނާވަނީ އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށްވާ ހެއްކެއް ކަމުގައެވެ.
15
އެ އިންސާނާ، އޭނާގެ އުޒުރުތައް ކުރިމަތިކުޅަނަމަވެސް މެއެވެ.
16
އެ ގުރްއާން ލިބިވަޑައިގަތުން އަވަސް ކުރެއްވުމަށް ކަލޭގެފާނުގެ ދޫފުޅު، އެ ގުރްއާނާއިގެން ހަރަކާތްތެރި ނުކުރައްވާށެވެ.
17
ހަމަކަށަވަރުން އެ ގުރްއާން (ކަލޭގެފާނުގެ ހިތްޕުޅަށް) ޖަމަޢު ކުރެއްވުމާއި، އަދި އެ ގުރްއާން ކިޔަވައިވިދާޅުވުމުގެ ކުޅަދާނަކަން ދެއްވުމަކީ، ތިމަން އިލާހަށް އޮތްކަމެކެވެ.
18
ފަހެ ތިމަން އިލާހު (ޖިބްރީލުގެފާނު މެދުވެރި ކުރައްވާ) އެ ގުރްއާން ކިޔަވައިދެއްވާހިނދު، ފަހެ ކަލޭގެފާނު އެ ކިޔަވައިދެއްވުމާ ތަބާ ވެވަޑައިގަންނަވާށެވެ.
19
ދެން ހަމަކަށަވަރުން އެ ގުރްއާން ބަޔާންކޮށްދެއްވުން ވަނީވެސް ތިމަން އިލާހަށެވެ.
20
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކިއެއް! ތިޔަބައިމީހުން ލޯބިކުރަނީ ދުނިޔޭގެ ކަންތަކަށެވެ.
21
އަދި ތިޔަބައިމީހުން އާޚިރަތް ދޫކޮށްލަމުއެވެ.
22
އެ ދުވަހުން އަލިވެގެންވާ މޫނުތަކެއް ވާނެއެވެ.
23
އެބައިމީހުންގެ ރައްބަށް ބަލަބަލާ ތިބެނެއެވެ.
24
އަދި އެ ދުވަހުން މޫނުތަކެއް ހުތުރުވެ، މޮޅިވެގެންވެއެވެ.
25
މައިކަށީގެ ބަދަތައް ބިނދޭވަރުގެކަމެއް ކުރެވޭނެކަމަށް (އެ މޫނުތަކުގެ ވެރިން) ހީކުރެއެވެ.
26
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ވައިނޮޅިކަށިގަނޑާ ހަމައަށް ފުރާނަ ފޯރައްޖެހިނދެވެ.
27
އަދި އަންގަވާހިނދެވެ. ފަންޑިތައެއް ހަދާ، ފަރުވާއެއް ކުރާނީ ކާކުހެއްޔެވެ؟
28
އަދި އެއީ ވަކިވުން ކަމުގައި ޔަގީން ކޮށްފި ހިނދެވެ.
29
އަދި (މަރުގެ ސަކަރާތުގައި) އެއްފައި އަނެއްފަޔާ އޮޅައިލެވޭ ހިނދެވެ.
30
އެ ދުވަހުން އެ މީހަކު ގެންދެވުންވަނީ، ކަލޭގެފާނުގެ ރައްބުގެ ހަޒްރަތަށެވެ.
31
ފަހެ އޭނާ (ﷲ ގެ ފޮތް) ތެދެއްވެސް ނުކުރެއެވެ. އަދި ނަމާދެއްވެސް ނުކުރެއެވެ.
32
އެހެނެއްކަމަކު އޭނާ ދޮގުކުރިއެވެ. އަދި އޭނާ ފުރަގަސްދީ އެނބުރިދިޔައެވެ.
33
ދެން އޭނާގެ އަހުލުވެރިންގެ ގާތަށް ބޮޑާކަންމަތީ ހިނގަމުންދިޔައެވެ.
34
ކަލެއަށް ހަލާކު ހުއްޓެވެ. ފަހެ (ކަލެއަށް) ހަލާކު ހުއްޓެވެ.
35
ދެންވެސް ކަލެއަށް ހަލާކު ހުއްޓެވެ. ފަހެ (ކަލެއަށް) ހަލާކު ހުއްޓެވެ.
36
ބޭކާރުގޮތުގައި އޭނާ ދޫކޮށްލައްވާނެކަމަށް އިންސާނާ ހީކުރަނީހެއްޔެވެ؟
37
އޮހޮރައިލެވޭ މަނީގެ ތިއްކެއް ކަމުގައި އޭނާ ނުވޭހެއްޔެވެ؟
38
ދެން ގަނޑުލޭކޮޅެއް ކަމުގައި އޭނާ ވިއެވެ. ފަހެ އެ އިލާހު އެ އިންސާނާ ހައްދަވައި، ފުރިހަމަކުރެއްވިއެވެ.
39
ފަހެ އޭނާގެ ކިބައިން، ފިރިހެން އަންހެން ދެ ބާވަތް ހެއްދެވިއެވެ.
40
އެ ކަން އެ ގޮތަށް ކުރެއްވި އިލާހު، މަރުވެފައިވާ މީހުން އަލުން ދިރުއްވުމަށް ކުޅަދުންވަންތަވެވޮޑިގެން ނުވޭހެއްޔެވެ؟