ޣަނީމާ މުދަލާމެދު އެ މީހުން ކަލޭގެފާނާ ސުވާލުކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ޣަނީމާ މުދާ ވަނީ، ﷲ އަށާއި، ރަސޫލާއަށެވެ. ފަހެ ﷲ އަށް ތިޔަބައިމީހުން ތަގުވާވެރިވާށެވެ. އަދި ތިޔަބައިމީހުންގެ ދެމެދުގެ ގުޅުންތައް އިސްލާހުކުރާށެވެ! އަދި ތިޔަބައިމީހުން މުއުމިނުން ކަމުގައިވާނަމަ، ﷲ އަށާއި، އެ އިލާހުގެ ރަސޫލާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ.
މުއުމިނުން ވާކަން ކަށަވަރީ، ﷲ ހަނދުމަކުރާ ހިނދު އެ މީހުންގެ ހިތްތައް ބިރުވެތިވާ މީހުން ކަމުގައެވެ. އަދި އެ އިލާހު (ބާވައިލެއްވި) އާޔަތްތައް އެ މީހުންނަށް ކިޔައިދޭ ހިނދު، އެ މީހުންގެ އީމާންކަން އިތުރުވާ މީހުން ކަމުގައެވެ. އަދި އެ މީހުންގެ ރައްބަށް ވަކީލުކުރާ މީހުން ކަމުގައެވެ.
އެ މީހުންނީ، ނަމާދު ގާއިމުކުރާ މީހުންނެވެ. އަދި އެ މީހުންނަށް ތިމަން އިލާހު ދެއްވި ތަކެތިން ހޭދަކުރާ މީހުންނެވެ.
ހަގީގަތުގައި މުއުމިނުންނަކީ، ހަމަ އެ މީހުންނެވެ. އެ މީހުންގެ ރައްބުގެ ހަޒްރަތުގައި މަތިވެރި ދަރަޖަތަކާއި، ފާފަ ފުއްސެވުމާއި، ދީލަތިވެގެންވާ ރިޒްގު އެ މީހުންނަށް ހުއްޓެވެ.
ކަލޭގެފާނުގެ ރައްބު، ހައްގު ގޮތުގައި ކަލޭގެފާނުގެ ގެކޮޅުން ކަލޭގެފާނު ނެރުއްވި ފަދައިންނެވެ. ހަމަކަށަވަރުން މުއުމިނުންގެ ބަޔަކު (އެކަމާ) ނުރުހުންވެގެންވާކަން ކަށަވަރެވެ.
ހައްގު ބަޔާން ވުމަށް ފަހު، އެ ހައްގާމެދު އެ މީހުން ކަލޭގެފާނާ ޖަދަލުކުރެއެވެ. އެ މީހުން ބަލަބަލާތިއްބާ މަރަށް ގެންދެވޭ ބަޔަކު ކަމުގައި އެ މީހުން ވާ ކަހަލައެވެ.
ދެބައިމީހުންގެ ތެރެއިން (އެބަހީ: ވިޔަފާރި ގާފިލާއާއި، ހަނގުރާމަވެރި ލަޝްކަރުގެ ތެރެއިން) އެއްބަޔެއްގެ މައްޗަށް ތިޔަބައިމީހުންނަށް ނަސްރު ލިބޭނެ ކަމުގައި، ﷲ ތިޔަބައިމީހުންނަށް ވައުދު ކުރެއްވި ހިނދު، ހަނދުމަކުރާށެވެ! އަދި ބާރުގަދަކަން ލިބިގެން ނުވާ މީހުން، ތިޔަބައިމީހުންނަށް ޓަކައި އޮތުމަށް ތިޔަބައިމީހުން އެދެމުއެވެ. (ނަމަވެސް) ﷲ އިރާދަ ކުރައްވަނީ، އެ އިލާހުގެ ކަލިމަފުޅުތަކުން ހައްގު ސާބިތު ކުރައްވާ، ފާޅު ކުރެއްވުމަށެވެ. އަދި ކާފިރުންގެ އަސްލު މުލުން ލުހެލެއްވުމަށެވެ.
(އެއީ) ކުށްވެރިން ނުރުހުނު ކަމުގައިވިޔަސް، ހައްގު ގަދަ ކުރައްވާ، ބާތިލު ނެތި ކުރެއްވުމަށް ޓަކައެވެ.
ތިޔަބައިމީހުންގެ ރައްބުގެ ހަޒްރަތަށް އެހީއަށް އެދި ތިޔަބައިމީހުން ގޮވާލެއްވި ހިނދު ހަނދުމަކުރާށެވެ. ފަހެ އެ ހިނދު އެ އިލާހު ތިޔަބައިމީހުންނަށް އިޖާބަ ދެއްވާ އެންގެވިއެވެ: ހަމަކަށަވަރުން މަލާއިކަތުންގެ ހާހަކުން ތިމަން އިލާހު ތިޔަބައިމީހުންނަށް މަދަދު ދެއްވާނަމެވެ. އެކަކަށް ފަހު އަނެކަކު އަންނަ ގޮތުގައެވެ.
އުފާވެރިކަމުގެ ޚަބަރެއް ކަމުގައްޔާއި، އެ ކަމުގެ ސަބަބުން ތިޔަބައިމީހުންގެ ހިތްތައް ހަމަޖެހުމަށް ޓަކައި މެނުވީ، ﷲ އެ ކަންތަކެއް ނުލައްވައެވެ. އަދި ﷲ ގެ ހަޒްރަތުން މެނުވީ، ނަސްރު ލިބުމެއް ނުވެއެވެ. ހަމަކަށަވަރުން ﷲ އީ، ޢަޒީޒުވަންތަ، ޙަކީމްވަންތަ އިލާހެވެ.
އެ އިލާހުގެ ހަޒްރަތުން އައި އަމާންކަމެއްގެ ގޮތުގައި ނިދިޖެހުން ތިޔަބައިމީހުންގެ މައްޗަށް އެ އިލާހު ފޮނުއްވައި، އަދި އެ އިލާހު ތިޔަބައިމީހުން ތާހިރުކުރެއްވުމަށާއި، ޝައިތާނާގެ ވަސްވާސް ތިޔަބައިމީހުންގެ ކިބައިން ފިއްލެވުމަށާއި، ތިޔަބައިމީހުންގެ ހިތްތަކަށް ގަދަކަން ދެއްވުމަށާއި، (ތިޔަބައިމީހުންގެ) ފައިތިލަތައް ސާބިތު ކުރެއްވުމަށް ޓަކައި، ތިޔަބައިމީހުންގެ މައްޗަށް އުޑުން ފެން ބާވައިލެއްވިހިނދު، ހަނދުމަކުރާށެވެ!
ކަލޭގެފާނުގެ ރައްބު މަލާއިކަތުންނަށް ވަހީކުރެއްވި ހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން ތިމަން އިލާހު ވޮޑިގެންވަނީ، ތިޔަބައިމީހުންނާ އެކުގައެވެ. ފަހެ އީމާންވި މީހުންނަށް ސާބިތުކަން ދެއްވާށެވެ. ކާފިރުވި މީހުންގެ ހިތްތަކަށް ތިމަން އިލާހު ބިރުވެރިކަން ވައްދަވާހުށީމެވެ. ފަހެ ކަނދުރާތަކުގެ މަތީގައި ތިޔަބައިމީހުން (ކަނޑިން) ޖަހާށެވެ! އަދި އެ މީހުންގެ ހުރިހާ އިނގިލިކުރިތަކުގައި (ކަނޑިން) ޖަހާށެވެ!
އެއީ އެ މީހުން ﷲ އާއި އެ އިލާހުގެ ރަސޫލާއަށް ދެކޮޅުވެރިވީ ކަމަށް ޓަކައެވެ. އަދި ﷲ އާއި އެ އިލާހުގެ ރަސޫލާއަށް ދެކޮޅުވެރިވާ މީހާ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން ﷲ އީ، އުގޫބާތް ގަދަފަދަވެގެންވާ އިލާހެވެ.
އެއީ އެ ކަން އޮތްގޮތެވެ. ފަހެ ތިޔަބައިމީހުން (އެބަހީ: ކާފިރުން) އެ އަޒާބުގެ ރަހަ ލިބިގަންނާށެވެ! އަދި ހަމަކަށަވަރުން ކާފިރުވި މީހުންނަށް ނަރަކައިގެ އަޒާބު ހުއްޓެވެ.
އޭ އީމާންވެއްޖެ މީސްތަކުންނެވެ. (ހަނގުރާމައިގެ މައިދާނުގައި) ކުރިމަތިލައި އަންނަނިކޮށް، ކާފިރުވި މީހުންނާ ތިޔަބައިމީހުން ބައްދަލުވާހިނދު، އެ މީހުންނަށް ފުރަގަސްދީ ތިޔަބައިމީހުން ނުދާހުށިކަމެވެ.
ހަނގުރާމައަކަށް އުކުޅެއްހަދާ މީހެއްގެ ގޮތުގައި، ނުވަތަ (މުއުމިނު) އެހެން ބަޔެއްގެ ފަރާތަށް ޖެހިލާމީހެއްގެ ގޮތުގައި މެނުވީ، އެ ދުވަހުން ފުރަގަސްދީ ދުރަށްދާ މީހާ (ދަންނާށެވެ.) ފަހެ ﷲ ގެ ހަޒްރަތުންވާ ކޯފާއާއިގެން އެ މީހަކު އެނބުރި އަތުވެއްޖެކަން ކަށަވަރެވެ. އަދި އެ މީހާ އުޅޭނެތަނަކީ ޖަހައްނަމެވެ. އަދި (އެއީ) ހާދަހާ ނުބައިވެގެންވާ ނިމިދިޔުމެކެވެ.
ފަހެ ތިޔަބައިމީހުން އެ ކާފިރުން ގަތުލެއް ނުކުރަމުއެވެ. އެހެނެއްކަމަކު، ﷲ، އެ މީހުން ގަތުލު ކުރެއްވީއެވެ. (އެބަހީ: ކާފިރުން ގަތުލު ވެގެންދިޔައީ ތިޔަބައިމީހުންގެ ބާރަކުން ނޫނެވެ. ﷲ ދެއްވި ނަސްރުގެ ބާރުންނެވެ.) އަދި ކަލޭގެފާނު (ހިލަ މުށެއް) އުއްކަވައިލެއްވިހިނދު، އުއްކަވައިލެއްވީ ކަލޭގެފާނެއްނޫނެވެ. އެހެނެއްކަމަކު، އުއްކަވައިލެއްވީ، ﷲ އެވެ. އަދި އެ ކަމުން ރިވެތިވެގެންވާ އިމްތިހާނަކުން މުއުމިނުން އިމްތިހާނު ކުރެއްވުމަށެވެ. ހަމަކަށަވަރުން ﷲ އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
އެއީ އެ ކަން އޮތްގޮތެވެ. އަދި ހަމަކަށަވަރުން ﷲ އީ، ކާފިރުންގެ މަކަރުވެރި ރޭވުންތައް ނިކަމެތިކުރައްވާ އިލާހެވެ.
ތިޔަބައިމީހުން (އެބަހީ: ކާފިރުން) އިންސާފަށް އެދޭނަމަ، ފަހެ ހަމަކަށަވަރުން ތިޔަބައިމީހުންނާ ހަމައަށް ނިޔާ އަތުވެއްޖެއެވެ. އަދި ތިޔަބައިމީހުން (އަދާވާތްތެރިވުން) ހުއްޓައިލާނަމަ، އެ ގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އަދި ތިޔަބައިމީހުން، އެނބުރި (އަދާވާތްތެރިވުމަށް) އަންނަނަމަ، ތިމަން އިލާހު (މުއުމިނުންނަށް ނަސްރު ދެއްވުމަށް) ވޮޑިގެންވާހުށީމެވެ. އަދި ތިޔަބައިމީހުންގެ ބައިގިނަވެގެންވީ ކަމުގައިވިޔަސް، ތިޔަބައިމީހުންނަށް ޓަކައި، އެ މީހުންނަށް އެއްވެސްކަމެއް ފުއްދައެއް ނުދެވޭނެއެވެ. އަދި ހަމަކަށަވަރުން ﷲ ވަނީ މުއުމިނުންނާ އެކުގައެވެ.
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ﷲ އަށާއި، އެ އިލާހުގެ ރަސޫލާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ. އަދި ތިޔަބައިމީހުން (އެކަލޭގެފާނު ވިދާޅުވާ އެއްޗެއް) އަޑުއަހާންތިބެފައި، އެކަލޭގެފާނަށް ފުރަގަސްނުދޭށެވެ!
އަދި ނާހައިތިބެމެ، ތިމަންމެން އަހައިފީމުއޭ ބުނި މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ.
ހަމަކަށަވަރުން ދިރޭ ތަކެތީގެ ތެރެއިން ﷲ ގެ ހަޒްރަތުގައި އެންމެ ނުބައިކަން ބޮޑު ބަޔަކީ ބީރު، މަންމަނުންނެވެ. އެ މީހުންނީ، ނުވިސްނާ ބަޔެކެވެ. (އެބަހީ: ހައްގުގެ ބަސް ނުބުނާ، އެ އަޑުނާހާ، ހައްގާއި، ބާތިލު ވަކިކުރުމަށް ވިސްނުމުގެ ބޭނުން ނުކުރާ މީހުންނެވެ.)
އެ މީހުންގެ ކިބައިގައި، ހެޔޮކަމެއްވާކަން ﷲ ދެނެވޮޑިގެންފިނަމަ، އެ މީހުންނަށް އިއްވެވީސްކަން ކަށަވަރެވެ. އަދި އެ މީހުންނަށް އިއްވެވި ނަމަވެސް، ފުރަގަސްދޭ ހާލު، އެ މީހުން އެނބުރި ހިނގައްޖައީސްކަން ކަށަވަރެވެ.
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުންނަށް ދިރުންދޭ ކަމަކަށް ރަސޫލާ ތިޔަބައިމީހުންނަށް ގޮވައިލައްވާހިނދު، ﷲ އަށާއި، ރަސޫލާއަށް ތިޔަބައިމީހުން އިޖާބަ ދޭހުށިކަމެވެ. އަދި ތިޔަބައިމީހުން ދަންނާށެވެ. ހަމަކަށަވަރުން ﷲ، އިންސާނާއާއި، އޭނާގެ ހިތުގެ އެދުންތަކާ ދެމެދު ހުރަސްއަޅުއްވައެވެ. އަދި ހަމަކަށަވަރުން ތިޔަބައިމީހުން (ގިޔާމަތް ދުވަހުން) އެއް ކުރައްވާހުށީ، އެ އިލާހުގެ ހަޒްރަތަށެވެ.
އަދި ތިޔަބައިމީހުން ފިތުނައަކަށް ބިރުވެތިވެ ރައްކާތެރިވާށެވެ. އެ ފިތުނައައިސް ޖެހިދާހުށީ، ތިޔަބައިމީހުންގެ ތެރެއިން އަނިޔާވެރިވި މީހުންނަށް އެ ކަންޏެއްނޫނެވެ. އަދި ހަމަކަށަވަރުން ﷲ އީ، އުގޫބާތް ގަދަފަދަވެގެންވާ އިލާހުކަން ތިޔަބައިމީހުން ދަންނާށެވެ.
ބިމުގައި ތިޔަބައިމީހުން އަދަދު މަދު، ނިކަމެތި ބަޔަކު ކަމުގައި ވީހިނދު، ހަނދުމަކުރާށެވެ! (އެ ހިނދު) ތިޔަބައިމީހުންތިބީ (އަދާވާތްތެރި) މީހުން ތިޔަބައިމީހުން ޖަހައިގަނެގެން ގެންގޮސްފާނެކަމަށް ބިރުގެންފައެވެ. ދެން އެ އިލާހު ތިޔަބައިމީހުންނަށް ހިޔާވަހިކަން ދެއްވިއެވެ. އަދި އެ އިލާހުގެ ނަސްރުން ތިޔަބައިމީހުންނަށް ގަދަކަން ދެއްވިއެވެ. އަދި ރަނގަޅު ތަކެތިން ތިޔަބައިމީހުންނަށް ރިޒްގު ދެއްވިއެވެ. (އެއީ) ތިޔަބައިމީހުން ޝުކުރުކުރޭތޯއެވެ.
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ﷲ އަށާއި، ރަސޫލާއަށް ތިޔަބައިމީހުން ޚިޔާނަތްތެރި ނުވާށެވެ. އަދި ތިޔަބައިމީހުންގެ އަމާނަތްތަކަށް، އެނގިއެނގިތިބެ ތިޔަބައިމީހުން ޚިޔާނަތްތެރި ނުވާށެވެ.
އަދި ތިޔަބައިމީހުން ދަންނާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ދަރިންނަކީ، އިމްތިހާނެކެވެ. އަދި ހަމަކަށަވަރުން ބޮޑުވެގެންވާ ދަރުމަ ވަނީ، ﷲ ގެ ހަޒްރަތުގައެވެ.
އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ﷲއަށް ތަގްވާވެރިވާ ނަމަ، އެ އިލާހު ތިޔަބައިމީހުންނަށް ފުރްގާނެއް ލައްވާނެއެވެ. (އެބަހީ: ހައްގާއި ބާތިލު ވަކިކުރާނެ ގޮތެކެވެ.) އަދި ތިޔަބައިމީހުންގެ ކިބައިން ކުށްފާފަތައް ފިއްލަވާނެއެވެ. އަދި ތިޔަބައިމީހުންނަށް ފާފަ ފުއްސަވާނެއެވެ. ﷲ އީ، ބޮޑުވެގެންވާ ފަޟްލުވަންތަކަމުގެ ރައްބެވެ.
ކާފިރުވި މީހުން، ކަލޭގެފާނު ހައްޔަރުކުރުމަށް، ނުވަތަ އަވަހާރަކޮށްލުމަށް، ނުވަތަ ކަލޭގެފާނު ރަށުން ބޭރުކޮށްލުމަށް ރޭވިހިނދު، ހަނދުމަ ކުރައްވާށެވެ. އެ މީހުން މަކަރުވެރި، ނުބައި ރޭވުންތައް ރާވައެވެ. އަދި ﷲ (އެ މީހުންގެ ރޭވުންތައް، ބާތިލު ކުރައްވާ، އެ މީހުންނަށް ކެހިލިބޭނެގޮތަށް) ތަދްބީރު ކުރައްވައެވެ. ﷲ އީ، މަކަރުވެރިންނަށްވުރެ، ތަދްބީރުކުރެއްވުން މޮޅު އިލާހެވެ.
އަދި އެ މީހުންނަށް، ތިމަން އިލާހުގެ އާޔަތްތައް ބަޔާންވެގެންވާ ގޮތުގައި ކިޔައިދެއްވާހިނދު، އެ މީހުން ބުނެއެވެ. ހަމަކަށަވަރުން ތިމަންމެން ތިޔަ އަޑުއެހީމުއެވެ. ތިމަންމެން އެދޭނަމަ، ތިމަންމެންވެސް ތިޔަކަހަލަ ބަސްތަކެއް ކިޔައިފީމުހެވެ. ތިޔައީ، އެވޭލާ މީހުންގެ ފުލޯކު ވާހަކަތަކެއް ކަމުގައި މެނުވީ ނުވެއެވެ.
އަދި އެ މީހުން ބުނިހިނދު ހަނދުމަކުރާށެވެ! އޭ ﷲ އެވެ. މިއީ، އިބަ އިލާހުގެ ހަޒްރަތުން އައި ހައްގު ބަސްފުޅު ކަމުގައިވާނަމަ، ފަހެ އަޅަމެންގެ މައްޗަށް އުޑުން ހިލަތަކެއް ވެއްސަވައިފާނދޭވެ. ނުވަތަ އަޅަމެންނަށް ވޭންދެނިވި އަޒާބެއް ދެއްވާފާނދޭވެ.
އަދި ކަލޭގެފާނު އެ މީހުންގެ މެދުގައި ހުންނަވަނިކޮށް، ﷲ، އެ މީހުންނަކަށް އަޒާބެއް ނުދެއްވާނެއެވެ. އަދި އެ މީހުން އިސްތިޣްފާރު ކޮށްކޮށް ތިއްބާ، ﷲ، އެ މީހުންނަކަށް އަޒާބެއް ނުދެއްވާނެއެވެ.
އެ މީހުންނަށް ﷲ، އަޒާބު ނުދެއްވުމަށް އެ މީހުންނަށް އޮތީ ކޮން އުޒުރެއްހެއްޔެވެ؟ އެ މީހުން އެތިބަ ހުރުމަތްތެރިވެގެންވާ މިސްކިތުން (މީސްތަކުން) ދުރުކުރަނީއެވެ. އެ މީހުންނަކީ، އެތާނގެ ބެލެހެއްޓުންތެރިންނެއްވެސް ނޫނެވެ. ތަގުވާވެރިން މެނުވީ އެތާނގެ ބެލެހެއްޓުންތެރިން ކަމުގައި ނުވެއެވެ. އެހެނެއްކަމަކު، އެ މީހުން ކުރެ ގިނަމީހުންނަކަށް (އެ ކަމެއް) ނޭނގެތެވެ.
ގެފުޅުގެ އަރިހުގައި އެ މީހުން ކުރާ އަޅުކަމަކީ، ތުބުންފުމުމާއި، އަތްތިލަބަޑިޖެހުން ކަމުގައި މެނުވީ ނުވެއެވެ. ފަހެ ތިޔަބައިމީހުން ކާފިރުވެ އުޅުނުކަމުގެ ސަބަބުން، ތިޔަބައިމީހުން އަޒާބުގެ ރަހަ ލިބިގަންނާށެވެ!
ހަމަކަށަވަރުން ކާފިރުވި މީހުން، ﷲ ގެ މަގުން މީސްތަކުން ދުރުކުރުމަށް، އެ މީހުންގެ މުދާތައް ހޭދަކުރެއެވެ. ފަހެ އެ މީހުން އެ ތަކެތި ހޭދަކުރަމުން ގެންދާނެއެވެ. ދެން އެ މުދާތައް، އެ މީހުންގެ މައްޗަށް ހުރި ހިތާމަޔަކަށް ވެގެންދާނެއެވެ. ދެން އެ މީހުން ބަލިކުރައްވާނެއެވެ. އަދި ކާފިރުވިމީހުން ނަރަކައަށް ޖަމާކުރައްވާނެއެވެ.
(އެއީ) ﷲ، ރަނގަޅު މީހުންނާއި، ނުބައި މީހުން ވަކިކުރައްވާ، ނުބައި މީހުން އެކަކުގެ މައްޗަށް އަނެކަކު ލައްވައި، އެންމެން އެކުގައި ފުނިޖައްސަވައި، ނަރަކައިގެތެރެއަށް ލެއްވުމަށް ޓަކައެވެ. އެ މީހުންނީ ހަމަ، ގެއްލެނިވެގެންވާ މީހުންނެވެ.
ކާފިރުވި މީހުންނަށް، ކަލޭގެފާނު ވިދާޅުވާށެވެ. އެ މީހުން (ހަނގުރާމަކުރުމާއި، ކާފިރު ކަން) ހުއްޓާލައިފިނަމަ، އެ މީހުންނަށް އިސްވެގޮސްފައިވާ ފާފަތައް ފުއްސަވާހުއްޓެވެ. އަދި އެ މީހުން (އެ ކަންކަމަށް) އަލުން އެނބުރި އަންނަނަމަ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން އިސްވެދިޔަ މީހުންނަށް ވެގެންދިޔަގޮތުގެ މިސާލު ފާއިތުވެ ހިނގައްޖެއެވެ.
އަދި (ދީނާ ދެކޮޅަށް އުފައްދާ) ފިތުނަވެރިކަން (އަދި ޝިރްކު) ނެތިއްޖައުމަށް ދާންދެން، އަދި މުޅި ދީން ﷲ އަށް ޚާލިސް ވެއްޖައުމަށް ދާންދެން، ތިޔަބައިމީހުން އެ މީހުންނާ ހަނގުރާމަ ކުރާށެވެ. ދެން އެ މީހުން (އެ ކަން) ހުއްޓާލައިފިނަމަ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން ﷲ އީ އެ މީހުން ކުރާ ކަންތައް މޮޅަށް ބައްލަވާ ވޮޑިގެންވާ އިލާހެވެ.
އަދި އެ މީހުން (ހަނގުރާމައަށް) އެނބުރިގެންފިނަމަ، ހަމަކަށަވަރުން ﷲ އީ، ތިޔަބައިމީހުންނަށް ނަސްރު ދެއްވާ އެހީތެރިވަންތަ އިލާހުކަން ތިޔަބައިމީހުން ދަންނާށެވެ. އެހީތެރިވެވޮޑިގެންވާ އިލާހުގެ މޮޅުކަމާއެވެ. އަދި ނަސްރު ދެއްވާ އިލާހުގެ މޮޅުކަމާއެވެ.
ތިޔަބައިމީހުން ދަންނާށެވެ. ތިޔަބައިމީހުން ޣަނީމާކުރި މުދަލެއްގެ ފަސްބައިކުޅަ އެއްބައިވަނީ ﷲ އަށާއި، (އެ އިލާހުގެ) ރަސޫލާއަށާއި، (އެކަލޭގެފާނުގެ) ގާތްތިމާގެ މީހުންނަށާއި، ޔަތީމުންނަށާއި، މިސްކީނުންނަށާއި، ދަތުރުވެރިންނަށެވެ. (އެއީ) ﷲ އަށާއި، ފުރްގާނުގެ (އެބަހީ: ހައްގާއި ބާތިލު ވަކިވުމުގެ) ދުވަހު، ދެ ލަޝްކަރު ބައްދަލުވީ ދުވަހު، ތިމަން އިލާހުގެ އަޅާގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށް، ތިޔަބައިމީހުން އީމާންވާ ކަމުގައިވާނަމައެވެ. ﷲ އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހެވެ. (ނޯޓު: ގިނަ މުފައްސިރުން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި، ޣަނީމާ މުދާ ބެހެނީ ފަސްބަޔަކަށެވެ. އޭގެ ތެރެއިން ހަތަރުބައި ލިބެނީ، ހަނގުރާމައިގައި ބައިވެރިވި މުސްލިމުންނަށެވެ. އަނެއްބައި ޚާއްސަކުރެވިގެންވަނީ، މި އާޔަތުގައި ނަންގަނެވިގެންވާ ފަސްބަޔަކަށެވެ. ﷲ އާއި، ރަސޫލާގެ ބައި އެއީ އެއްބައެކެވެ.)
ތިޔަބައިމީހުން (ބަދުރުގެ ވާދީގެ) ކައިރިފަރާތުގައި، އަދި އެ މީހުން ދުރުފަރާތުގައި، އަދި ވިޔަފާރި ގާފިލާ ތިޔަބައިމީހުންނަށްވުރެ ތިރީ ބިމުގައިވީހިނދު، ހަނދުމަކުރާށެވެ! ތިޔަބައިމީހުން (އެ ކާފިރުންގެ ލަޝްކަރާ ހަނގުރާމަ ކުރުމަށް) އެއްބަޔަކު އަނެއް ބަޔަކަށް ވައުދުވީ ނަމަވެސް، ތިޔަބައިމީހުން އެ ވައުދު ވީގޮތާ ޚިލާފު ވީހެވެ. އެހެނެއްކަމަކު (ދެ ލަޝްކަރު ބައްދަލުކުރުއްވީ) ﷲ ނިޔާކުރައްވާފައިވާ ކަމެއް ހަމަޖެހި، ނިމިގެން ދިޔުމަށް ޓަކައެވެ. (އެއީ) ހަލާކުވެގެންދާ ބަޔަކު ސާފު ހެއްކާއެކު، ހަލާކުވެގެން ދިޔުމަށެވެ. އަދި ދިރިގެން އަންނާނޭ ބަޔަކު، ސާފު ހެއްކާއެކު، ދިރިގެން އައުމަށެވެ. ހަމަކަށަވަރުން ﷲ އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހުކަން ކަށަވަރެވެ.
ﷲ، އެ މީހުން (އެބަހީ: މުޝްރިކުންގެ ލަޝްކަރު) މަދު މީސްކޮޅެއްގެ ގޮތުގައި ކަލޭގެފާނަށް ހުވަފެންފުޅުގައި ދެއްކެވިހިނދު، ހަނދުމަކުރާށެވެ! އަދި އެ މީހުން ގިނަބަޔަކު ކަމުގައި ދެއްކެވިނަމަ، ތިޔަބައިމީހުން ފިނޑިވެއްޖައީސްކަން ކަށަވަރެވެ. އަދި އެ ހަނގުރާމަކުރުމާމެދު، ތިޔަބައިމީހުން ދެބަސްވެގަންނަން ޖެހުނީސްކަން ކަށަވަރެވެ. ނަމަވެސް، ﷲ (ތިޔަބައިމީހުން) ސަލާމަތްކުރެއްވިއެވެ. ހަމަކަށަވަރުން އެ އިލާހީ، ހިތްތަކުގައި ވާހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
އަދި ތިޔަބައިމީހުން (ދެ ލަޝްކަރު) ބައްދަލުވީހިނދު، އެ އިލާހު ތިޔަބައިމީހުންގެ ލޯތަކަށް އެ މީހުން މަދު މީސްކޮޅެއްގެ ގޮތުގައި، ދައްކަވައި އަދި އެ މީހުންގެ ލޯތަކަށް ތިޔަބައިމީހުން މަދުކުރެއްވި ހިނދު، ހަނދުމަކުރާށެވެ! އެއީ އެ އިލާހު ނިޔާކުރައްވާފައިވާ ކަމެއް ނިމިގެން ދިޔުމަށް ޓަކައެވެ. އަދި އެންމެހާ ކަންތައް ރުޖޫއަ ކުރައްވާހުށީ، ﷲ ގެ ހަޒްރަތަށެވެ.
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުން (ކާފިރުންގެ ހަނގުރާމަވެރި) ބަޔަކާ ބައްދަލުވެއްޖެނަމަ ސާބިތުވެ ތިބޭހުށިކަމެވެ. އަދި ގިނަގިނައިން ﷲ ހަނދުމަކުރާށެވެ! (އެއީ) ތިޔަބައިމީހުން ކާމިޔާބުވޭތޯއެވެ.
އަދި ﷲ އަށާއި، އެ އިލާހުގެ ރަސޫލާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ. އަދި ތިޔަބައިމީހުން ދެބަސްވެ އަރާރުންނުވާށެވެ. (ދެބަސްވެ އަރާރުންވާނަމަ) ތިޔަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރުނެތި ހިނގައިދާނެއެވެ. އަދި ތިޔަބައިމީހުން ކެތްތެރިވާށެވެ. ހަމަކަށަވަރުން ﷲ ވަނީ ކެތްތެރިންނާ އެކުގައެވެ.
ބޮޑާވެ، މީސްތަކުންނަށް ކަންދެއްކުމުގެ ގޮތުން، އަދި ﷲ ގެ މަގުން މީސްތަކުން ދުރުކުރާ ހާލު، އެ މީހުންގެ ގެދޮރުން ނުކުމެގެންދިޔަ މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ. ﷲ އީ، އެ މީހުން ކުރާ އަމަލުތައް ފުރިހަމައަށް ދެނެވޮޑިގެންވާ އިލާހެވެ.
އެ މީހުންގެ (ނުބައި) އަމަލުތަކަކީ، ޒީނަތްތެރި އަމަލުތަކެއް ކަމުގައި ޝައިތާނާ އެ މީހުންނަށް ދެއްކިހިނދު، ހަނދުމަކުރާށެވެ! އަދި އެކަލޭގެ (އެ މީހުންނަށް) ބުންޏެވެ. މިއަދު ތިޔަބައިމީހުންގެ މައްޗަށް ގަދަވެގަންނާނޭ އެއްވެސް މީހަކު، މީސްތަކުންގެ ތެރެޔަކުން ނުވެއެވެ. އަދި ހަމަކަށަވަރުން ތިމަން މިހުރީ ތިޔަބައިމީހުންގެ ރައްކާތެރިޔަކަށެވެ. ފަހެ ދެ ލަޝްކަރު، އެއްބަޔަކު، އަނެއް ބަޔަކަށް ފެނިގެން އައި ހިނދު، އެކަލޭގެ ފުރަގަސްދީ ފިލަން ދުއްވައިގަތެވެ. އަދި އެކަލޭގެ ބުންޏެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ ކިބައިން ތިމަން ބަރީއަވެގެންވަމެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނަށް ނުފެންނަ ކަންތައް، ތިމަންނާއަށް އެބަފެނެއެވެ. ހަމަކަށަވަރުން ﷲ އަށް ތިމަން ބިރުގަނެއެވެ. އަދި ﷲ އީ، އުގޫބާތް ގަދަފަދަވެގެންވާ އިލާހެވެ.
މުނާފިގުންނާއި، އެ މީހުންގެ ހިތްތަކުގައި (ކުފުރުގެ) ބަލިމަޑުކަމެއްވާ މީހުން ބުނިހިނދު ހަނދުމަކުރާށެވެ! މިބައިމީހުންގެ (އެބަހީ: މުސްލިމުންގެ) ދީން އެ މީހުން ހެއްލުންތެރި ކޮށްފިއެވެ. އަދި ﷲ އަށް ވަކީލުކުރާ މީހާ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން ﷲ އީ، ޢަޒީޒުވަންތަ، ޙަކީމްވަންތަ އިލާހެވެ.
މަލާއިކަތުން، ކާފިރުވި މީހުންގެ މަރު ހިއްޕަވާހިނދު، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެ ނަމައެވެ. އެ މީހުންގެ މޫނުތަކުގައްޔާއި، ބުރިކަށިތަކުގައި އެ މަލާއިކަތުން ތަޅުއްވާ ހާލުގައެވެ. އަދި (އެ ހިނދު އެ މަލާއިކަތުން ވިދާޅުވާނެއެވެ.) ތިޔަބައިމީހުން އަނދައަނދާހުރި އަލިފާނުގެ އަޒާބުގެ ރަހަ ލިބިގަންނާށެވެ!
އެއީ ތިޔަބައިމީހުންގެ އަތްތަކުން އިސްކުރި ކަންތަކުގެ ސަބަބުންނެވެ. އަދި ހަމަކަށަވަރުން ﷲ އީ، އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ އިލާހަކު ކަމުގައި ނުވެއެވެ.
(އެ މީހުންގެ އާދަ ވީ) ފިރްޢައުނުގެ މީހުންނާއި، އެ މީހުންގެ ކުރިންއުޅުނު (ނުބައި) މީހުންގެ އާދަ ފަދައިންނެވެ. އެ މީހުން ވެސް ﷲ ގެ އާޔަތްތަކަށް ކާފިރު ވިއެވެ. ފަހެ އެ މީހުންގެ ފާފަތަކުގެ ސަބަބުން ﷲ އެ މީހުން ހަލާކު ކުރެއްވިއެވެ. ހަމަކަށަވަރުން ﷲ އީ، ގަދަފަދަވަންތަ، އުގޫބާތް ގަދަފަދަވެގެންވާ އިލާހެވެ.
އެއީ ބަޔަކު މީހުންނަށް ﷲ ދެއްވާފައިވާ ނިއުމަތެއް، އެ ބަޔަކުގެ އަމިއްލަ ނަފްސުތަކުގައިވާ ކަންތައް އެ ބަޔަކު އަމިއްލައަށް ބަދަލުކޮށްފުމަށް ދާންދެން ހަމަކަށަވަރުން އެ އިލާހު ބަދަލެއް ނުކުރައްވާނެއެވެ. އަދި ހަމަކަށަވަރުން ﷲ އީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
(އެ މީހުންގެ އާދަ ވީ) ފިރްޢައުނުގެ މީހުންނާއި، އެ މީހުންގެ ކުރިން އުޅުނު (ނުބައި) މީހުންގެ އާދަ ފަދައިންނެވެ. އެ މީހުން ވެސް، އެ މީހުންގެ ރައްބުގެ އާޔަތްތައް ދޮގުކުރިއެވެ. ފަހެ އެ މީހުންގެ ފާފަތަކުގެ ސަބަބުން، ތިމަން އިލާހު އެ މީހުން ހަލާކުކުރެއްވީމެވެ. އަދި ފިރްޢައުނުގެ މީހުން ޣަރަގުކުރެއްވީމެވެ. އެ އެންމެންވީ، އަނިޔާވެރިން ކަމުގައެވެ.
ހަމަކަށަވަރުން ދިރޭތަކެތީގެ ތެރެއިން، ﷲ ގެ ހަޒްރަތުގައި އެންމެ ނުބައިކަން ބޮޑުބަޔަކީ، ކާފިރުވީ މީހުންނެވެ. ފަހެ އެ މީހުން އީމާނެއް ނުވާނެއެވެ.
އެ މީހުންނަކީ، ކަލޭގެފާނު އެ މީހުންނާ އަހުދުކުރެއްވި މީހުންނެވެ. ދެން ކޮންމެފަހަރަކު، އެ މީހުން، އެ މީހުންގެ އަހުދު އުވާލައެވެ. އަދި އެ މީހުން (ﷲ އަށް) ބިރުވެތިވާކަމުގައި ނުވެއެވެ.
ފަހެ ހަނގުރާމައިގައި، ކަލޭގެފާނު އެ މީހުން އަތުލައްވައިފިނަމަ، އެ މީހުންގެ ފަހުން އަންނާން ތިބި ބަޔަކު ވަކިވަކިވެގެންދާނޭގޮތުން، އެ މީހުންނަށް އަދަބު ދެއްވާށެވެ. (އެއީ) އެ މީހުން ހަނދުމަކުރުމަށް ޓަކައެވެ.
ބަޔަކުމީހުންގެ ކިބައިން ޚިޔާނަތްތެރިކަމެއް އަތުވެދާނެކަމަށް، ކަލޭގެފާނު ބިރުފުޅުގަންނަނަމަ (އެބަޔަކާއެކު ކޮށްފައިވާ މުޢާހަދާއެއް) އެބަޔަކުގެ މައްޗަށް އަނބުރާ ރައްދު ކުރައްވާށެވެ. ހަމަހަމަވާގޮތުގެ މަތިންނެވެ. ހަމަކަށަވަރުން ޚިޔާނަތްތެރިންދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެއެވެ.
(މިންޖުވެ) ކުރިއަރައިގެން ދެވޭނެކަމަށް ކާފިރުވި މީހުން ހީނުކުރާހުށިކަމެވެ. ހަމަކަށަވަރުން އެ މީހުންނަކަށް (ﷲ) ނުކުޅައްދައެއް ނުލެވޭނެއެވެ.
އެ މީހުންނާ ދެކޮޅަށް ތިޔަބައިމީހުންނަށް ކުޅަދާނަވީހައި ބާރެއް ތިޔަބައިމީހުން ތައްޔާރުކުރާށެވެ! އަދި އަސްތައްވެސް ބަނދެ ތައްޔާރުކުރާށެވެ! އެ ކަމުން ﷲ ގެ އަދުއްވުންނާއި، ތިޔަބައިމީހުންގެ އަދުއްވުންނާއި، އެ މީހުން ނޫން އެހެންބަޔަކު ބިރުގެންނެވުމަށް ޓަކައެވެ. ތިޔަބައިމީހުންނަކަށް އެ މީހުންނެއް ނޭނގެތެވެ. ﷲ، އެ މީހުން ދެނެވޮޑިގެންވެއެވެ. އަދި ﷲ ގެ މަގުގައި ތިޔަބައިމީހުން ހޭދަކުރާ އެއްޗެއް، ތިޔަބައިމީހުންނަށް ފުރިހަމައަށް ލިބޭނެއެވެ. އަދި ތިޔަބައިމީހުންނަށް ބޭއިންސާފެއް ނުކުރައްވާހުއްޓެވެ.
އަދި ސުލްހައިގެ ފަރާތަށް އެ މީހުން ލެނބިލައިފިނަމަ، ކަލޭގެފާނުވެސް (އެ ގޮތް ގަބޫލު ކުރައްވާ) އެފަރާތަށް ލެނބިވަޑައިގަންނަވާށެވެ. އަދި ﷲ އަށް ވަކީލު ކުރައްވާށެވެ. ހަމަކަށަވަރުން އެ އިލާހީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
އަދި ކަލޭގެފާނަށް ކެހިދިނުމަށް އެ މީހުން ގަސްދުކުރާނަމަ، ފަހެ ހަމަކަށަވަރުން ކަލޭގެފާނަށް ﷲ ފުދެތެވެ. އެ އިލާހީ، އެ އިލާހުގެ ނަސްރާއި، މުއުމިނުން މެދުވެރި ކުރައްވާގެން، ކަލޭގެފާނަށް ގަދަކަންދެއްވި އިލާހެވެ.
އަދި އެ އިލާހު އެ މީހުންގެ ހިތްތައް (އެބަހީ: މުއުމިނުންގެ ހިތްތައް) އެކުވެރި ކުރެއްވިއެވެ. ކަލޭގެފާނު ބިމުގައިވާ ހުރިހާ އެއްޗެއް ހޭދަކުރެއްވިޔަސް އެ މީހުންގެ ހިތްތައް އެކުވެރިއެއް ނުކުރެއްވުނީހެވެ. އެހެނެއްކަމަކު، ﷲ، އެ މީހުން އެކުވެރި ކުރެއްވިއެވެ. ހަމަކަށަވަރުން އެ އިލާހީ ޢަޒީޒުވަންތަ، ޙަކީމްވަންތަ އިލާހެވެ.
އޭ ނަބިއްޔާއެވެ. ކަލޭގެފާނަށް ﷲ ފުދެތެވެ. އަދި މުއުމިނުންގެ ތެރެއިން ކަލޭގެފާނަށް ތަބާވީ މީހަކަށް ވެސް މެއެވެ.
އޭ ނަބިއްޔާއެވެ. (ދީންގެ ދިފާއުގައި) ހަނގުރާމަކުރުމަށް މުއުމިނުތަކުންނަށް ކަލޭގެފާނު ހިތްވަރުދެއްވާށެވެ. ތިޔަބައިމީހުންގެ ތެރެއިން ކެތްތެރި ވިހި މީހުން ތިބިނަމަ (ކާފިރުންގެ) ދުއިސައްތަ މީހުންގެ މައްޗަށް ގަދަވެގަނެވޭނެއެވެ. އަދި ތިޔަބައިމީހުންކުރެ، ސަތޭކަމީހުން ތިބިނަމަ، ކާފިރުވި މީހުންގެ ތެރެއިން އެއްހާސްމީހުންގެ މައްޗަށް ގަދަވެގަނެވޭނެއެވެ. އެހެނީ އެ މީހުންނަކީ ނުވިސްނޭ ބަޔެކެވެ.
މިހާރު، ﷲ ތިޔަބައިމީހުންގެ ކިބައިން ލުއިކުރައްވާފިއެވެ. އަދި ތިޔަބައިމީހުންގެ ކިބައިގައި ބަލިކަށިކަމެއް ވާކަން އެ އިލާހު ދެނެވޮޑިގެންވެއެވެ. ފަހެ ތިޔަބައިމީހުންކުރެ، ކެތްތެރި ސަތޭކަ މީހުން ތިބިނަމަ، (އެ މީހުންގެ) ދުއިސައްތަ މީހުންގެ މައްޗަށް ގަދަވެގަނެވޭނެއެވެ. އަދި ތިޔަބައިމީހުންކުރެ އެއްހާސް މީހުން ތިބިނަމަ (އެ މީހުންގެ) ދެހާސް މީހުންގެ މައްޗަށް ގަދަވެގަނެވޭނެއެވެ. ﷲ ގެ އިޒުނައާ އެކުގައެވެ. އަދި ﷲ ވަނީ ކެތްތެރިންނާ އެކުގައެވެ.
(ހަނގުރާމައިގެ) ބިމުގައި (އަދުއްވުންގެ މެދުގައި) ގަތުލު ގިނަވެއްޖައުމަށް ދާންދެން (އެބަހީ: މުސްލިމުން ގަދަވެ ގަތުލު ވެވޭ އަދުއްވުންގެ އަދަދު ގިނަވެ، ހަނގުރާމައަށް ނުކުޅެދިއްޖައުމަށްދާންދެން) ހަނގުރާމައިގައި މީހުންހިފައި ހައްޔަރުކުރުމަކީ، އެއްވެސް ނަބިއްޔަކަށް އޮތްކަމެއް ނޫނެވެ. ދުނިޔޭގެ މުދަލަށް ތިޔަބައިމީހުން އެދެމުއެވެ. ﷲ އިރާދަ ކުރައްވަނީ، އާޚިރަތެވެ. ﷲ އީ، ޢަޒީޒުވަންތަ، ޙަކީމްވަންތަ އިލާހެވެ.
ﷲ ކަނޑައަޅުއްވާ ލިޔުއްވާފައިވާ ހުކުމެއް އިސްވެގޮސްފައިނުވާނަމަ، ތިޔަބައިމީހުން ހިފިތަކެއްޗާމެދު ތިޔަބައިމީހުންނަށް ބޮޑުވެގެންވާ އަޒާބެއް އައިސް ޖެހިއްޖައީހެވެ.
ފަހެ ތިޔަބައިމީހުންނަށް ޣަނީމާގެ ގޮތުން ލިބިފައިވާ ތަކެތި ހަލާލު ރަނގަޅު ތަކެތީގެ ގޮތުގައި ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން ﷲ އަށް ތަގުވާވެރިވާށެވެ. ހަމަކަށަވަރުން ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ އިލާހެވެ.
އޭ ނަބިއްޔާއެވެ. ތިޔަބައިމީހުންގެ އަތްދަށުގައި (ހަނގުރާމައިގައި) ހައްޔަރުވެފައިވާ މީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުންގެ ހިތްތަކުގައި އެއްވެސް ހެޔޮކަމެއްވާކަން ﷲ ދެނެވޮޑިގެންވާނަމަ، ތިޔަބައިމީހުން އަތުން އަތުލެއްވިތަކެއްޗަށްވުރެ ރަނގަޅު ތަކެތި ތިޔަބައިމީހުންނަށް ދެއްވާނެއެވެ. އަދި ތިޔަބައިމީހުންނަށް ފާފަ ފުއްސަވާނެއެވެ. އަދި ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ އިލާހެވެ.
އަދި އެ މީހުން އެދެނީ ކަލޭގެފާނަށް ޚިޔާނަތްތެރިވުން ކަމުގައިވާނަމަ، (ދަންނާށެވެ.) ފަހެ އޭގެ ކުރިން ހަމަކަށަވަރުން އެ މީހުން ﷲ އަށް ޚިޔާނަތްތެރިވިއެވެ. ދެން އެ އިލާހު އެ މީހުންގެ މައްޗަށް ކަލޭގެފާނު ބާރުވެރި ކުރެއްވިއެވެ. އަދި ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ ޙަކީމްވަންތަ އިލާހެވެ.
ހަމަކަށަވަރުން އީމާންވެ ހިޖުރަ ކޮށްއެ މީހުންގެ މުދާތަކާއި، ނަފްސުތަކުން ﷲ ގެ މަގުގައި ޖިހާދުކޮށްއުޅުނު މީހުންނާއި، (އެ މީހުންނަށް) ހިޔާވަހިކަންދީ، ނަސްރު ދިންމީހުން (ދަންނާށެވެ.) އެ މީހުންގެ އެއްބަޔަކީ، އަނެއް ބަޔެއްގެ އެހީތެރިންނެވެ. އަދި އީމާންވެ ހިޖުރަ ނުކޮށްތިބި މީހުން (ދަންނާށެވެ.) އެ މީހުން ހިޖުރަ ކޮށްފުމަށްދާންދެން، އެ މީހުންނަށް އެހީތެރިވުމުގެ އެއްވެސްކަމެއް ތިޔަބައިމީހުންނަކަށް ނެތެވެ. އަދި ދީނުގެ ނަމުގައި އެ މީހުން ތިޔަބައިމީހުންގެ އެހީއަށް އެދިއްޖެނަމަ، އެ މީހުންނަށް ނަސްރު ދިނުން ތިޔަބައިމީހުންގެ މައްޗަށް ހުއްޓެވެ. އެ މީހުންނާއި، ތިޔަބައިމީހުންނާ ދެމެދުގައި މުޢާހަދާއެއް ކޮށްފައިވާ ގައުމަކާ ދެކޮޅަށް މެނުވީއެވެ. ﷲ އީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.
ކާފިރުވި މީހުން (ދަންނާށެވެ.) އެ މީހުންގެ އެއްބަޔަކީ، އަނެއް ބަޔެއްގެ އެހީތެރިންނެވެ. ތިޔަބައިމީހުން އެ ކަންނުކުރާނަމަ (އެބަހީ: ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ނަސްރު ދީ އެހީވެ ނޫޅޭނަމަ) ބިމުގައި ފިތުނަވެރިކަމާއި، ބޮޑުވެގެންވާ ފަސާދަވެރިކަން އުފެދިދާނެއެވެ.
އަދި އީމާންވެ ހިޖުރަ ކޮށް، ﷲ ގެ މަގުގައި ޖިހާދުކޮށްއުޅުނު މީހުންނާއި (އެ މީހުންނަށް) ހިޔާވަހިކަންދީ ނަސްރު ދިން މީހުން (ދަންނާށެވެ.) ހަގީގަތުގައި މުއުމިނުންނަކީ، ހަމަ އެ މީހުންނެވެ. އެ މީހުންނަށް ފާފަ ފުއްސެވުމާއި ދީލަތިވެގެންވާ ރިޒްގު ހުއްޓެވެ.
އަދި އޭގެފަހުން އީމާންވެ، ހިޖުރަ ކޮށް، ތިޔަބައިމީހުންނާއެކުގައި ޖިހާދުކޮށްއުޅުނުމީހުން (ދަންނާށެވެ.) ފަހެ އެ މީހުން ވަނީ ތިޔަބައިމީހުންގެ ތެރެއިންނެވެ. އަދި ﷲ ގެ ފޮތުގައި ކަނޑައަޅުއްވާފައިވާގޮތުގައި، ގާތްތިމާގެ މީހުން އޭގެ އެއްބަޔަކު އަނެއް ބަޔަކާ އައުލާ ކަން ބޮޑެވެ. ހަމަކަށަވަރުން ﷲ އީ، ކޮންމެ ކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.