އަލްއިންޝިޤާޤު

Al-Inshiqaq

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
އުޑުފަޅަފަޅައިގެންދާ ހިނދެވެ.
2
އަދި އެ އުޑުގެ ރައްބުގެ އަމުރުފުޅަށް އެ އުޑު ކިޔަމަންވާހިނދެވެ. އެ އުޑަށް އެ ކަން ހައްގު ވެގެންވެއެވެ.
3
އަދި ބިންގަނޑު ދެމި، ފެތުރިގެންދާ ހިނދެވެ.
4
އަދި އެ ބިމުގެ ތެރޭގައިވާ ތަކެތި އުކާލައި، އެ ބިން ހުސްވެގެންދާ ހިނދެވެ.
5
އަދި އެ ބިމުގެ ރައްބުގެ އަމުރުފުޅަށް އެ ބިން ކިޔަމަންވާ ހިނދެވެ. އެ ބިމަށް އެ ކަން ހައްގު ވެގެންވެއެވެ.
6
އޭ އިންސާނާއެވެ. ހަމަކަށަވަރުން ތިބާއީ، ތިބާގެ ރައްބުގެ ހަޒްރަތަށް ދިޔުމަށް ވަރަށްބޮޑަށް ގަދައަޅައި މަސައްކަތްކުރާ މީހެކެވެ. ފަހެ ތިބާ (އެ މަސައްކަތާއިގެން) އެ އިލާހާ ބައްދަލުވާނެއެވެ.
7
ފަހެ އެ މީހެއްގެ ފަތް، އެ މީހެއްގެ ކަނާތަށް ލިބުނު މީހާ ދަންނާށެވެ.
8
ފަހެ ލުއިފަސޭހަވެގެންވާ ހިސާބު ބެއްލެވުމަކުން، ނިކަންހުރެ އެ މީހަކާމެދު ހިސާބު ބައްލަވާނެއެވެ.
9
އަދި އުފަލުންހުރެ، އޭނާގެ އަހުލުވެރިންގެ ގާތަށް (ސުވަރުގެއަށް) އެނބުރިދާނެއެވެ.
10
އަދި އެ މީހެއްގެ ފަތް، އެ މީހެއްގެ ފުރަގަހުން (ވާތަށް) ލިބުނުމީހާ ދަންނާށެވެ.
11
ފަހެ ނިކަންހުރެ އެ މީހަކު ގޮވާނެއެވެ. އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ.
12
އަދި އަނދައަނދާ ހުންނަ ނަރަކައަށް އޭނާ ވަންނާނެއެވެ.
13
ހަމަކަށަވަރުން އޭނާގެ އަހުލުވެރިންގެ ގާތުގައި އުފާވެރިވެގެންވާ މީހަކު ކަމުގައި (ދުނިޔޭގައި) އޭނާވިއެވެ.
14
ހަމަކަށަވަރުން (އޭނާގެ ރައްބުގެ ހަޒްރަތަށް) އެނބުރި ނުދާނޭކަމަށް އޭނާ ހީކުޅައެވެ.
15
އެހެންނަކުން ނޫނެވެ. ހަމަކަށަވަރުން އޭނާގެ ރައްބު އޭނާ ދެކެވޮޑިގެންވާ ކަމުގައިވެއެވެ.
16
ފަހެ ތިމަން އިލާހު ރަތްވިލާ ގަންދެއްވަމެވެ.
17
އަދި ރޭގަނޑާއި، އެ ރޭގަނޑު އެއްކުރާހާ ތަކެތި ވެސް ގަންދެއްވަމެވެ.
18
އަދި ހަނދުގެ އަލިކަން ފުރިހަމަވާ ހިނދު، އެ ހަނދު ވެސް ގަންދެއްވަމެވެ.
19
ހަމަކަށަވަރުން ތިޔަބައިމީހުން އެއް ހާލަތަކަށް ފަހު، އަނެއް ހާލަތަކަށް ބަދަލުވަމުން ދާނޭކަން ކަށަވަރެވެ.
20
އެ މީހުން އީމާން ނުވަނީ ފަހެ އެ މީހުންނަށް ކީއްވެގެންހެއްޔެވެ؟
21
އަދި އެ މީހުންނަށް ގުރްއާން ކިޔަވައިދެވޭ ހިނދު، އެ މީހުން ސަޖިދެއް ނުކުރެއެވެ.
22
އަދި ކިއެއް! ކާފިރުވި މީހުން (އެ ގުރްއާން) ދޮގުކުރިއެވެ.
23
އަދި އެ މީހުންގެ ހިތްތަކުގައި ފޮރުވާފައިވާ ކަންތައް، ﷲ ދެނެވޮޑިގަތުން ބޮޑެވެ.
24
ފަހެ ވޭންދެނިވި އަޒާބު ހުރިކަމުގެ ވާހަކައިން ކަލޭގެފާނު އެ މީހުންނަށް ޚަބަރު ދެއްވާށެވެ.
25
އީމާންވެ ސާލިހު އަމަލުތައް ކުޅަމީހުން މެނުވީއެވެ. އެ މީހުންނަށް ކެނޑިގެންނުދާނޭ ދަރުމަހުއްޓެވެ.