އަލްއަޢުލާ

Al-A'la

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
އެންމެ މަތީގައި ވޮޑިގެންވާ، ކަލޭގެފާނުގެ ރައްބުގެ އިސްމުފުޅުން ތަސްބީހަ ވިދާޅުވާށެވެ.
2
އެ އިލާހީ (އެންމެހާ ތަކެތި) ހައްދަވައި، ދެން އެ ހެއްދެވުން ފުރިހަމަކުރެއްވި އިލާހެވެ.
3
އަދި އެ އިލާހީ (އެންމެހާ ތަކެތި) މިންވަރުކުރައްވާ، ދެން (އެ ތަކެއްޗަށް) މަގުދެއްކެވި އިލާހެވެ.
4
އަދި އެ އިލާހީ، ފަތްޕިލާވެލި ފެޅުއްވި އިލާހެވެ.
5
އަދި އެ އިލާހު އެ ތަކެތި، ކަޅުކުލައިގެ ހިކި ކުނޑިތަކެއް ކަމުގައި ލެއްވިއެވެ.
6
ތިމަން އިލާހު، ކަލޭގެފާނު ކިޔަވައިވިދާޅުވާ ބޭކަލަކު ކަމުގައި ލައްވާހުށީމެވެ. ފަހެ ކަލޭގެފާނު (އެ ގުރްއާން) ހަނދުމަފުޅެއް ނުނެތޭނެތެވެ.
7
(ހަނދުމަފުޅު ނެތުމަށް) ﷲ އިރާދަ ކުރެއްވި އެއްޗެއް މެނުވީއެވެ. ހަމަކަށަވަރުން ފާޅުވެގެންވާ ކަންތަކާއި، ވަންހަނާވެގެންވާ ކަންތައް، އެ އިލާހު ދެނެވޮޑިގެންވެއެވެ.
8
އަދި ފަސޭހަވެގެންވާ މަގަށް، ތިމަން އިލާހު ކަލޭގެފާނަށް ޓަކައި މަގު ފަހިކޮށްދެއްވާހުށީމެވެ.
9
ފަހެ ހަނދުމަކޮށްދިނުން މަންފާކުރާނަމަ، ކަލޭގެފާނު (އެ މީހުންނަށް) ހަނދުމަކޮށްދެއްވާށެވެ.
10
(ﷲ އަށް) ބިރުވެތިވާ މީހާ، ހަނދުމަކޮށް އުޅޭނެއެވެ.
11
އަދި އަބާއްޖަވެރިކަން އެންމެ ބޮޑު މީހާ، އެ ކަމުން ދުރުހެލިވާނެއެވެ.
12
އެ މީހާއީ، ބޮޑުވެގެންވާ ނަރަކައަށް ވަންނާނޭ މީހެކެވެ.
13
ދެން އެ މީހަކު އެ ތާނގައި މަރެއްވެސް ނުވާނެއެވެ. އަދި (އަރާމުހުރި ދިރުމަކުން) ނުވެސް ދިރޭނޭމެއެވެ.
14
(ނަފްސު) ތާހިރުކުރި މީހާ ކާމިޔާބު ވެއްޖެކަން ކަށަވަރެވެ.
15
އަދި އެއީ އޭނާގެ ރައްބުގެ އިސްމުފުޅު ހަނދުމަކޮށް، ނަމާދުކުރި (މީހާއެވެ.)
16
އަދި ކިއެއް! ތިޔަބައިމީހުން ދުނިޔޭގެ ދިރިއުޅުން އިސްކުރަމުއެވެ.
17
އެކަމަކު އާޚިރަތުގެ ހެޔޮކަން ބޮޑުވެފައި، ދެމިހުރުން ދިގުވެގެންވެއެވެ.
18
ހަމަކަށަވަރުން މިވާހަކަތައް، އިހުގެ ފަތްފުށްތަކުގައިވާކަން ކަށަވަރެވެ.
19
އިބްރާހީމްގެފާނާއި، މޫސާގެފާނަށް ބާވައިލެއްވި ފަތްފުށްތަކުގައެވެ.