ތީންޏާއި ޒައިތޫނި ގަންދެއްވަމެވެ.
އަދި ޠޫރުސައިނާ ވެސް ގަންދެއްވަމެވެ.
އަދި އަމާންކަން ލިބިގެންވާ މި ރަށް (އެބަހީ: މައްކާ) ވެސް ގަންދެއްވަމެވެ.
ހަމަކަށަވަރުން ތިމަން އިލާހު އިންސާނާ ހެއްދެވީ އެންމެ ރިވެތި ސޫރައިގައެވެ.
ދެން ތިމަން އިލާހު، އެ އިންސާނާ (ނަރަކައިގެ) އަޑީގެ އެންމެ އަޑިއަށް ރައްދުކުރެއްވީމެވެ.
އީމާންވެ ސާލިހު އަމަލުތައްކުރި މީހުން މެނުވީއެވެ. ފަހެ އެ މީހުންނަށް، ކެނޑިގެން ނުދާނޭ ދަރުމަ ހުއްޓެވެ.
އެއަށް ފަހުވެސް ޖަޒާދެއްވުމުގެ ދުވަހާމެދު އިންކާރުކުރަން، ތިބާއަށް ޖައްސަނީ ފަހެ ކޮންކަމެއްހެއްޔެވެ؟
ހުކުމް ކުރައްވާ އެންމެ އަދުލުވެރި އިލާހު ކަމުގައި، ﷲ ވޮޑިގެންނުވޭހެއްޔެވެ؟