(ފުރައްސާރައިގެ ގޮތުން) ސުވާލު ކުރާ މީހަކު، ޖެހެން އޮތް އަޒާބަކަށްއެދި ގޮވިއެވެ.
(އެއީ) ކާފިރުންނަށް (ޖެހޭނޭ އަޒާބެކެވެ.) އެ އަޒާބުން ދިފާއުކުރެވޭނޭ އެކަކުވެސް ނުވެއެވެ.
އެއީ މަޢާރިޖުގެ ވެރި ﷲ ގެ ހަޒްރަތުން (އަންނަ އަޒާބެކެވެ.) (ނޯޓު: (މަޢާރިޖު، މި ބަސް އައިސްފައިވާ ޢުރޫޖުގެ މާނައަކީ އެރުމެވެ. ޚަލްގުތަކުންގެ އަމަލުތަކާއި، މަލާއިކަތުން އެ އިލާހުގެ ހަޒްރަތަށް އަރައެވެ. އެ އިލަހަކީ މަތީގައި ވޮޑިގަތުމާއި، ދަރަޖަތަކުގެ ވެރި އިލާހެވެ.)
މަލާއިކަތުން އަދި ރޫހު (އެބަހީ: ޖިބްރީލު) އެ އިލާހުގެ ހަޒްރަތަށް އަރާވަޑައިގަންނަވާނެއެވެ. އެއީ (ތިޔަބައިމީހުން ގުނާ ގޮތުން) ފަންސާސް ހާސް އަހަރުގެ މިންވަރުގެ ދުވަހެއްގައެވެ.
ފަހެ ކަލޭގެފާނު ރިވެތިވެގެންވާ ކެތް ކުރެއްވުމަކުން ކެތް ކުރައްވާށެވެ.
ހަމަކަށަވަރުން އެ މީހުން އެދުވަސް ދެކެނީ، ދުރުވެގެންވާ ކަމަށެވެ.
އަދި ތިމަން އިލާހު ދެކެވޮޑިގަންނަވަނީ، އެދުވަސް ގާތްކަމުގައެވެ.
ތެޔޮކުނޑިތަކެއް ފަދައިން އުޑު، ވާނޭދުވަހުއެވެ.
އަދި ފިނދިފައިވާ ކެހެރިތަކެއް ފަދައިން ފަރުބަދަތައް ވާނޭދުވަހުއެވެ.
އަދި އެ ދުވަހުން ގާތް ރަހުމަތްތެރިޔަކު، ރަހުމަތްތެރިޔަކާމެދު ސުވާލެއް ނުކުރާނެތެވެ.
އެ މީހުން އެކަކު އަނެކަކަށް ފެންނާނެގޮތް މެދުވެރި ކުރައްވާނެއެވެ. އެ ދުވަހުގެ އަޒާބުން ސަލާމަތްވުމަށް ކުށްވެރިޔާ އޭނާގެ ދަރިން، ފިދުޔެއްގެ ގޮތުގައި ދެވޭނެނަމައޭ ހިތައި އެ ކަމަށް އެދޭނެތެވެ.
އަދި އޭނާގެ އަނބިމީހާއާއި، އޭނާގެ އަޚު ވެސްމެއެވެ.
އަދި އޭނާއަށް ހިޔާވަހިކަންދޭ، އޭނާގެ ގާތްތިމާގެ މީހުންވެސްމެއެވެ.
އަދި ބިމުގައި ވާހާ އެންމެންވެސްމެއެވެ. ދެން، އެ ފިދުޔަ އޭނާ ސަލާމަތް ކުރޭތޯއެވެ.
ހަމަ ހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން އެ ނަރަކައީ އަނދައަނދާހުރި އަލިފާނެވެ.
(އޭގެ ހޫނުން) ބޮލުގެ ހަން ނޮޅާ ހާލުގައެވެ.
ފުރަގަސްދީ އެނބުރިދާ މީހާއަށް އެ ނަރަކަ ގޮވާނެއެވެ.
އަދި މުދާ އެއްކޮށް، ޚަޒާނާކުރާ މީހާއަށް ވެސްމެއެވެ.
ހަމަކަށަވަރުން އިންސާނާ ހައްދަވާފައިވަނީ، ކެތްތެރިކަންކުޑަ މީހެއްގެ ގޮތުގައެވެ.
އެ އިންސާނާގައި ނުބައިކަމެއް ބީހިއްޖެނަމަ، ކެތްތެރިކަންކުޑަ މީހެއްގެ ގޮތުގައެވެ.
އަދި އޭނާގައި ހެޔޮކަމެއް ބީހިއްޖެނަމަ (އެބަހީ: ތަނަވަސްކަމެއް ލިބިއްޖެނަމަ، އެއިން ހޭދަކުރުމުން) މަނާވެގަންނަ މީހެއްގެ ގޮތުގައެވެ.
ނަމާދުކުރާ މީހުން މެނުވީއެވެ.
އެ މީހުންނީ، އެ މީހުންގެ ނަމާދުކުރުންމަތީ ދެމިތިބޭ މީހުންނެވެ.
އަދި އެ މީހުންނީ، އެ މީހުންގެ މުދަލުގައި (ކަނޑައެޅިގެންވާ) ހައްގެއްވާ މީހުންނެވެ.
އެއީ ސަލާންޖަހާ މީހުންނަށާއި ނިކަމެތި މަހްރޫމުންނަށްވާ (ހައްގެކެވެ.)
އަދި އެ މީހުންނީ، ގިޔާމަތް ދުވަހަށް އީމާންވެ، ތެދުކުރާ މީހުންނެވެ.
އަދި އެ މީހުންނީ، އެ މީހުންގެ ރައްބުގެ އަޒާބަށް ބިރުވެތިވާ މީހުންނެވެ.
ހަމަކަށަވަރުން އެ މީހުންގެ ރައްބުގެ އަޒާބަކީ (އެ އިލާހު އަމާންކަންދެއްވިއްޔާ މެނުވީ އެއިން) އަމާންކަން ލިބިގެންނުވާ އަޒާބެކެވެ.
އަދި އެ މީހުންނީ، އެ މީހުންގެ ފަރުޖުތަކަށް ރައްކާތެރިވާ މީހުންނެވެ.
އެ މީހުންގެ އަނބިންގެ މައްޗަށާއި، އެ މީހުންނަށް މިލްކުވެގެންވާ އަޅުންގެ މައްޗަށް މެނުވީއެވެ. ފަހެ ހަމަކަށަވަރުން އެ މީހުންނީ (އެކަމުގައި) މަލާމާތް ލިބިގެންނުވާ މީހުންނެވެ.
ފަހެ އެއިން ބޭރުގައިވާ ކަމަކަށް އެދިއްޖެ މީހާ (ދަންނާށެވެ.) ފަހެ އެ މީހުންނީ (ހުއްދަވެގެންވާ ސަރަޙައްދު) ފަހަނަޅައިދާ މީހުންނެވެ.
އަދި އެ މީހުންނީ، އެ މީހުންގެ އަމާނަތްތަކަށާއި، އެ މީހުންގެ އަހުދުތަކަށް ރައްކާތެރިވާ މީހުންނެވެ.
އެ މީހުންނީ، އެ މީހުންގެ ހެކިބަސް ފުރިހަމައަށް އަދާކުރާ މީހުންނެވެ.
އަދި އެ މީހުންނީ، އެ މީހުންގެ ނަމާދުގެ މައްޗަށް ރައްކާތެރިވާ މީހުންނެވެ.
އެ މީހުން ވަނީ، ސުވަރުގެތަކެއްގައި މާތް ކުރައްވާފައެވެ.
ފަހެ ކާފިރުވި މީހުން (ފުރައްސައިގެ ގޮތުން) ކަލޭގެފާނުގެ އަރިހަށް ދިޔުމަށް އަވަސްވެގަންނަނީ ކީއްވެހެއްޔެވެ؟
އެއީ (ކަލޭގެފާނުގެ) ކަނާތް ފަރާތުގައްޔާއި، ވާތް ފަރާތުގައި ބައިބަޔަށް އެ މީހުން އިށީނދެ ތިބެވާ ހާލުގައެވެ.
ނިއުމަތުގެ ސުވަރުގެއަށް ވެއްދެވުމަށް އެއިންކޮންމެ މީހަކު ދަހިވެތިވަނީހެއްޔެވެ؟
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން ތިމަން އިލާހު އެ މީހުން ހެއްދެވީ، އެ މީހުން ދަންނަ އެއްޗަކުންނެވެ.
ފަހެ މަޝްރިގުތަކާއި، މަޣްރިބުތަކުގެ ރައްބު ގަންދެއްވަމެވެ. ހަމަކަށަވަރުން ތިމަން އިލާހު ކުޅަދުންވަންތަ ވޮޑިގެންވަމުއެވެ.
އެއީ އެ މީހުންގެ ބަދަލުގައި، އެ މީހުންނަށް ވުރެ ހެޔޮ ބަޔަކު ގެންނެވުމަށް (ތިމަން އިލާހު ކުޅަދުންވަންތަ ވޮޑިގެންވަމުއެވެ.) އަދި ތިމަން އިލާހު ނުކުޅެދިވޮޑިގެންވާ އިލާހަކު ކަމުގައި ނުވަމެވެ.
ފަހެ އެ މީހުންނަށް ވައުދު ކުރައްވާ ދުވަހާ އެ މީހުން ބައްދަލުވެއްޖައުމަށް ދާންދެން، ބާތިލު ވާހަކަތައް ދައްކައި، ކުޅިވަރުކުޅެން ކަލޭގެފާނު އެ މީހުން ދޫކޮށްލައްވާށެވެ.
(އެއީ) ކަށްވަޅުތަކުން ނުކުމެގެން އެ މީހުން އަވަސްއަވަހަށް ހިނގައިދާދުވަހެވެ. އެ މީހުން އަޅުކަންކުރާ ބުދުތަކުގެ ކައިރިއަށް އަވަސްއަވަހަށްދާ ފަދައިންނެވެ.
(އެ މީހުން ތިބޭހުށީ) އެ މީހުންގެ ލޯތައް ތިރިވެގެންވާ ހާލު، އެ މީހުންގެ މައްޗަށް ނިކަމެތިކަން ވެރިވެފައެވެ. އެއީ، އެ މީހުންނަށް ވައުދު ކުރައްވާކަމުގައިވީ ދުވަހެވެ.