އެ މީހުން އެކަކު އަނެކަކާ ސުވާލު ކޮށްއުޅެނީ، ކޮންކަމަކާ މެދުގައިހެއްޔެވެ؟
ބޮޑުވެގެންވާ ޚަބަރާ މެދުގައެވެ.
އެ ޚަބަރަކީ، އެ މީހުން އެއާމެދު ޚިލާފު ވެގެންވާ ޚަބަރެވެ.
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ އެ މީހުންނަށް އެނގޭނެއެވެ.
ދެންވެސް ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ އެ މީހުންނަށް އެނގޭނެއެވެ.
ތަންމައްޗެއް ކަމުގައި، ތިމަން އިލާހު ބިން ނުލައްވަންހެއްޔެވެ؟
އަދި (ބިން ހިފެހެއްޓުމަށްވާ) ކަޑަތަކެއް ކަމުގައި، ތިމަން އިލާހު ފަރުބަދަތައް ނުލައްވަންހެއްޔެވެ؟
އަދި (ދެ ޖިންސުން) ޖޯޑުޖޯޑަށް ތިމަން އިލާހު ތިޔަބައިމީހުން ހެއްދެވީމެވެ.
އަދި ތިމަން އިލާހު ތިޔަބައިމީހުންގެ ނިދި، އަރާމެއް ކަމުގައި ލެއްވީމެވެ.
އަދި ފޭރާމެއް ކަމުގައި، ތިމަން އިލާހު ރޭގަނޑު ލެއްވީމެވެ.
އަދި ދިރިއުޅުމަށް މަސައްކަތްކުރުމުގެ ވަގުތެއް ކަމުގައި، ތިމަން އިލާހު ދުވާލު ލެއްވީމެވެ.
ގަދަފަދަވެގެންވާ ހަތް އުޑު ތިމަން އިލާހު ތިޔަބައިމީހުންގެ މަތީގައި ބިނާކުރެއްވީމެވެ.
އަދި އަލިކަންގަދަ ވޮށެއް (އެބަހީ: އިރު) ތިމަން އިލާހު ލެއްވީމެވެ.
އަދި ވާރޭވިލާތަކުގެ ތެރެއިން އޮހިގެންއަންނަ ފެން، ތިމަން އިލާހު ބާވައިލެއްވީމެވެ.
އެ ފެނުގެ ސަބަބުން، އޮށްޓަރާއި، ފަތްޕިލާވެލި ފަޅުއްވައި، ނެރުއްވުމަށް ޓަކައެވެ.
އަދި ފަތްތައް ބޯކޮށް ހެދިފައިވާ ބަގީޗާތައް މެއެވެ.
ހަމަކަށަވަރުން ނިޔާކުރެއްވުމުގެ ދުވަސް ކަނޑައެޅިގެންވާ ދުވަހެއް ކަމުގައިވިއެވެ.
ތާޅަފިލި ފުމެލައްވާ ދުވަހުއެވެ. ފަހެ އެ ދުވަހުން ތިޔަބައިމީހުން (މަހުޝަރު ބިމަށް) ބައިބަޔަށް އަންނާނެއެވެ.
އަދި އުޑުތައް ހުޅުއްވާނެއެވެ. ފަހެ ދޮރޯށިތަކެއް ފަދައިން އެ އުޑުތައް ވާނެއެވެ.
އަދި ފަރުބަދަތައް ލުހި، ފުނޑުފުނޑުވެގެންދާނެއެވެ. އަދި އެ ފަރުބަދަތައް އަވާމެންދުރެއް ކަމުގައި ވާނެއެވެ.
ހަމަކަށަވަރުން ނަރަކައީ، އެތަނަކުން ކުށްވެރިންނަށް ބަލަބަލައިތިބޭ ތަނެއްކަމުގައިވެއެވެ.
ކާފިރުންނަށް އެ މީހުން އެނބުރިގޮސް ތިބޭނެތަނެއްގެ ގޮތުގައެވެ.
އެތައްޒަމާނަކަށް އެ މީހުން އެ ތާނގައި، ލަސްވެތިބޭ ހާލުގައެވެ.
އެ ތާނގައި ފިނިކަމެއްގެ ރަހަވެސް، އަދި ބުއިމެއްގެ ރަހަވެސް އެ މީހުންނަކަށް ނުލިބޭނެއެވެ.
ކެކިކެކިހުންނަ ހޫނުފެނާއި (ނަރަކައިގެ އަހުލުވެރިންގެ) ގައިން އޮހޮރޭ ފާދިޔަ މެނުވީއެވެ.
(އެ މީހުންގެ އަމަލުތަކާ) އެއްގޮތްވެގެންވާ ޖަޒާއެއްގެ ގޮތުންނެވެ.
ހަމަކަށަވަރުން ހިސާބު ބެއްލެވުމަށް ނޭދޭބަޔަކު ކަމުގައި އެ މީހުން ވިއެވެ.
ބޮޑުވެގެންވާ ދޮގުކުރުމަކުން، ތިމަން އިލާހުގެ އާޔަތްތައް އެ މީހުން ދޮގުކުރިއެވެ.
އަދި ކޮންމެ އެއްޗެއް ތިމަން އިލާހު ފޮތެއްގައި ހިމެނުއްވީމެވެ.
ފަހެ ތިޔަބައިމީހުން (ކުރި ނުބައި އަމަލުތަކުގެ) ރަހަ ލިބިގަންނާށެވެ! ފަހެ އަޒާބު މެނުވީ، ތިމަން އިލާހު ތިޔަބައިމީހުންނަކަށް އިތުރެއް ނުކުރައްވާ ހުށީމެވެ.
ހަމަކަށަވަރުން ތަގުވާވެރިންނަށް ހުރީ، ނަސީބު ލިބެނިވި ތަނެކެވެ.
ބަގީޗާތަކާއި، އަދި މޭބިސްކަދުރުތަކެވެ.
އަދި އެއްފުރާވަރުގެ ޒުވާން އަންހެން ކުދިންނެވެ.
އަދި ފުރިފައިވާ ރާތަށިތަކެވެ.
ބާތިލު ވާހަކަތަކެއް، އަދި ދޮގެއް އެ މީހުން އެތާކު ނާހާނެތެވެ.
ކަލޭގެފާނުގެ ރައްބުގެ ހަޒްރަތުން ލިބެނިވި ޖަޒާއެއްގެ ގޮތުގައެވެ. ފުދިގެންވާ ދެއްވުމެއްގެ ގޮތުގައެވެ.
އެއީ އުޑުތަކާއި، ބިމާއި، އެ ދެމެދުގައި ވާހާ ތަކެއްޗެއްގެ ރައްބު، އައްރަޙްމާނެވެ. އެ އިލާހުގެ ހަޒްރަތަށް ބަސްދެންނެވުމަށް އެ މީހުންނަކަށް އެއްވެސްބާރެއް ލިބިގެނެއް ނުވެއެވެ.
ޖިބްރީލުގެފާނާއި، މަލާއިކަތުން ސަފަކަށް ގާއިމުވެ ތިއްބަވާ ދުވަހެވެ. އައްރަޙްމާން، އެ މީހަކަށް އިޒުނަ ދެއްވާ، ހައްގު ތެދުބަހެއް ބުނެފި މީހަކު މެނުވީ، އެކަކަށް ވެސް ވާހަކައެއް ނުދެއްކޭނެއެވެ.
އެއީ ކަށަވަރުވެގެންވާ ދުވަހެވެ. ފަހެ ބޭނުންމީހަކު އެ މީހާގެ ރައްބުގެ ހަޒްރަތަށް ރުޖޫއަ ވުމެއް ހިފައިފާހުށިކަމެވެ.
ހަމަކަށަވަރުން ގާތްވެގެންވާ އަޒާބެއްގެ ވާހަކައިން، ތިމަން އިލާހު ތިޔަބައިމީހުންނަށް އިންޒާރުކުރެއްވީމެވެ. (އެއީ) އެ މީހެއްގެ ދެއަތުން އިސްކޮށްފައިވާ ކަންތައް، އެ މީހާ ދެކޭނޭ ދުވަހެވެ. އަދި ކާފިރުވި މީހާ ބުނާނެއެވެ. އޭ ސަހަރޯއެވެ! ތިމަން ވެއްޔަށްވީނަމަ، ކިހާ ރަނގަޅުވީސްހެއްޔެވެ؟