އައްނާޒިޢާތު

An-Nazi'at

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
ގަދަފަދަވެގެންވާ ގޮތުގައި (ކާފިރުންގެ) ފުރާނަތައް ގެންދަވާ މަލާއިކަތުން ގަންދެއްވަމެވެ.
2
އަދި އޯގާވެރިކަމާއި، ފަސޭހަކަމާއެކު (މުއުމިނުންގެ) ފުރާނަތައް ގެންދަވާ މަލާއިކަތުން ވެސް ގަންދެއްވަމެވެ.
3
އަދި (ﷲ ގެ) އަމުރުފުޅުތަކާއިގެން ދަތުރުކުރައްވާ މަލާއިކަތުން ވެސް ގަންދެއްވަމެވެ.
4
އަދި (މުއުމިނުންގެ) ފުރާނަތަކާއިގެން ކުރިއަރައިދާ މަލާއިކަތުން ވެސް ގަންދެއްވަމެވެ.
5
އަދި (ދުނިޔޭގެ) ކަންތައްތައް ތަދްބީރުކުރެއްވުމުގައި އުޅުއްވާ މަލާއިކަތުން ވެސް ގަންދެއްވަމެވެ.
6
(ތާޅަފިލި ފުރަތަމަފަހަރު ފުންމަވައިލެއްވުމުން) ބިންގަނޑު ހެލިގެންދާ ދުވަހެވެ.
7
އެއާ ވިދިގެން އޭގެފަހަތުން ދެވަނަ ފުންމެވުން ފުންމަވާ ދުވަހެވެ.
8
އެ ދުވަހުން ބިރުގެންފައިވާ ހިތްތަކެއް ވެއެވެ.
9
އެ މީހުންގެ ލޯތައް ތިރިވެ ނިކަމެތިވެގެންވެއެވެ.
10
އެ މީހުން ބުނެއެވެ. އިހުއުޅުނު ދުނިޔޭގެ ދިރިއުޅުމަށް، އަލުން ރައްދު ކުރައްވާނޭ ބަޔަކު ކަމުގައި ހަމަކަށަވަރުން ތިމަންމެން ވާނޭހެއްޔެވެ؟
11
ފީވެ، އަޅިޔަށްވެފައިވާ ކަށިތަކެއް ކަމުގައި، ތިމަންމެން ވުމަށް ފަހުގައިވެސްހެއްޔެވެ؟
12
އެ މީހުން ބުންޏެވެ. އެހެންވިއްޔާ އެއީ، ގެއްލެނިވެގެންވާ އެނބުރި ދިޔުމެކެވެ.
13
ފަހެ އެ ކަންތައްވާކަން ކަށަވަރީ، އެންމެ ފުމެލެއްވުމެއްގެ އަޑު ކަމުގައެވެ.
14
ފަހެ އެހާރުން އެންމެން ތިބޭހުށީ، އަލުން ދިރި، މަހުޝަރު ބިމުގައެވެ.
15
މޫސާގެފާނުގެ ވާހަކަ ކަލޭގެފާނާ ހަމައަށް އައިސްފައިވޭތޯއެވެ؟
16
ޠުވާ އޭ ކިޔުނު މުގައްދަސް ވާދީގައި ހުންނަވަނިކޮށް، އެކަލޭގެފާނުގެ ރައްބު، އެކަލޭގެފާނަށް ނިދާ އިއްވެވި ހިނދެވެ.
17
ފިރްޢައުނުގެ ގާތަށް ކަލޭގެފާނު ވަޑައިގަންނަވާށެވެ. ހަމަކަށަވަރުން ފުރެދުމުގައި އޭނާ ހައްދުފަހަނަޅައި ހިނގައްޖެއެވެ.
18
އަދި ކަލޭގެފާނު (އޭނާއަށް) ވިދާޅުވާށެވެ. ކާފިރުކަމުން ތާހިރު ވެގަތުމަށް ކަލޭ އެދެމުހެއްޔެވެ؟
19
އަދި ކަލޭގެ ރައްބުގެ ހަޒްރަތަށް އަހަރެން މަގު ދެއްކުމަށް ވެސް މެއެވެ. އެއީ (އެ އިލާހަށް) ކަލޭ ބިރުވެތިވުމަށް ޓަކައެވެ.
20
ފަހެ އެކަލޭގެފާނު، އޭނާއަށް ބޮޑުވެގެންވާ މުއުޖިޒާ ދެއްކެވިއެވެ.
21
ފަހެ އޭނާ ދޮގުކުރިއެވެ. އަދި އުރެދުނެވެ.
22
ދެން އޭނާ އެނބުރި ފުރަގަސްދީ (ދެކޮޅުވެރިކަމުގައި) މަސައްކަތް ކުރަންފެށިއެވެ.
23
ފަހެ (އޭނާގެ ލަޝްކަރު) އެއްކުޅައެވެ. އަދި ގޮވައިލިއެވެ.
24
ފަހެ އޭނާ ބުންޏެވެ: ތިމަންނައީ އެންމެ މަތިވެރިވަންތަ ތިޔަބައިމީހުންގެ އިލާހެވެ.
25
ދެން އާޚިރަތާއި، ދުނިޔޭގެ އުގޫބާތެއްގެ ގޮތުން ﷲ އޭނާ ހިއްޕެވިއެވެ.
26
ބިރުވެތިވާ މީހަކަށް ހަމަކަށަވަރުން އެކަމުގައި އިބްރަތެއްވާކަން ކަށަވަރެވެ.
27
ހެއްދެވުމުގައި އުނދަގޫކަންބޮޑީ، ތިޔަބައިމީހުންހެއްޔެވެ؟ ނުވަތަ އުޑުހެއްޔެވެ؟ އެ އުޑު ބިނާކުރެއްވީ އެ އިލާހެވެ.
28
އެ އިލާހު އެ އުޑުގެ ބިނާ އުފުއްލެވިއެވެ. ދެން އެ އުޑު ފުރިހަމަކުރެއްވިއެވެ.
29
އަދި އެ އުޑުގެ ރޭގަނޑު އަނދިރިކުރެއްވިއެވެ. އަދި އެ އުޑުގެ ދުވާލު ފާޅުކުރެއްވިއެވެ.
30
އެއަށް ފަހު، ބިން ފެތުރުއްވިއެވެ.
31
އެ ބިމުގެ ފެނާއި، ފަތްޕިލާވެލި، އެ ބިމުން ނެރުއްވިއެވެ.
32
އަދި ފަރުބަދަތައް (އެ ބިމުގައި) ހަރުލެއްވިއެވެ.
33
(އެއީ) ތިޔަބައިމީހުންނަށާއި، ތިޔަބައިމީހުންގެ ނައަމްސޫފިތަކަށް ދިރިއުޅުމުގެ ވަގުތީ އުފަލެއްގެ ގޮތުގައެވެ.
34
ފަހެ ބޮޑުވެގެންވާ ކަންތައްގަނޑު އަންނަހިނދެވެ. (އެބަހީ: ގިޔާމަތް ދުވަސް އަންނަހިނދެވެ.)
35
އިންސާނާ ކުޅަހާ ކަމެއް، ހަނދުމަވާ ދުވަހެވެ.
36
އަދި ދެކޭ މީހަކަށް ނަރަކަ ފާޅު ކުރައްވާނެއެވެ.
37
ފަހެ ފުރެދުމުގައި ހައްދުފަހަނަޅައި ދިޔަ މީހާ،
38
އަދި ދުނިޔޭގެ ދިރިއުޅުމަށް އިސްކަންދިން މީހާ ދަންނާށެވެ.
39
ފަހެ ހަމަކަށަވަރުން އެ މީހާ އުޅޭނެ ތަނަކީ، ނަރަކައެވެ.
40
އަދި އެ މީހާގެ ރައްބުގެ ހަޒްރަތުގައި ހުންނަންޖެހޭ ހުރުމަށް ބިރުވެތިވެ، އެ މީހެއްގެ ނަފްސު އަމިއްލަ އެދުންތަކުން ދުރުކޮށްފިމީހާ ދަންނާށެވެ.
41
ފަހެ ހަމަކަށަވަރުން އެ މީހާ އުޅޭނެ ތަނަކީ ސުވަރުގެއެވެ.
42
ގިޔާމަތުގެ ވަގުތު އަންނާނީ ކޮންއިރަކުންކަމާމެދު އެ މީހުން ކަލޭގެފާނާ ސުވާލުކުރެއެވެ.
43
އެ ކަން ބަޔާން ކޮށްދެއްވުމަކީ، ކަލޭގެފާނަށް (ކުރެއްވެން) އޮތްކަމެއްތޯއެވެ؟
44
އެ ކަން ދެނެވޮޑިގަތުންވަނީ، ހަމައެކަނި، ކަލޭގެފާނުގެ ރައްބަށެވެ.
45
ކަލޭގެފާނުވާކަން ކަށަވަރީ، އެ ދުވަހަށް ބިރުވެތިވާ މީހަކަށް އިންޒާރުކުރައްވާ ބޭކަލަކު ކަމުގައެވެ.
46
އެ މީހުން އެ ކަންތައް ދެކޭދުވަހު، ހަވީރެއް، ނުވަތަ ހެނދުނެއްގައި މެނުވީ، އެ މީހުން ލަސްވެ ނުތިބޭކަހަލައެވެ.