އެކަލޭގެފާނު (އެބަހީ: މުޙައްމަދުގެފާނު) ހިތްޕުޅާނުވުމުގެ ގޮތް މޫނުފުޅުން ދައްކަވައި (އަނެއްފަރާތަށް) އެނބުރިވަޑައިގަތެވެ.
ލޯފަންމީހާ އެކަލޭގެފާނުގެ އަރިހަށް އައުމުންނެވެ.
އަދި އޭނާ ކުށްތަކުން ސާފުވެ ތާހިރު ވެދާނެކަން، ކަލޭގެފާނަށް އަންގައިދެނީ ކޮންއެއްޗެއްތޯއެވެ؟
ނުވަތަ އޭނާ ހަނދުމަކޮށް، ދެން އެ ހަނދުމަކުރުން އޭނާއަށް މަންފާ ކޮށްދީފާނެކަންވެސް މެއެވެ.
އެ މީހާ އަމިއްލައަށް ފުދިގެންވާކަމަށް ދެކޭމީހާ ދަންނާށެވެ.
ފަހެ ކަލޭގެފާނު އެ މީހަކާ ކުރިމަތިލައްވަމުއެވެ.
އެ މީހަކު (ކާފިރުކަމުން) ތާހިރު ނުވުމަކުން، ކަލޭގެފާނުގެ މައްޗަކަށް ކުށެއް ނެތެވެ.
އަދި ކަލޭގެފާނުގެ އަރިހަށް އެދިގެން ހުރެ އައި މީހާ ދަންނާށެވެ.
އަދި އެއީ އޭނާ ބިރުވެތިވާ ހާލުގައެވެ.
ފަހެ އެ މީހާއާ ކަލޭގެފާނު އަޅައިނުލައްވައި މަޝްޣޫލު ވެވަޑައިގަންނަވަމުއެވެ.
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން އެ އާޔަތްތަކަކީ، ހަނދާންކޮށްދިނުމެކެވެ.
ފަހެ ބޭނުންމީހަކު އެ ގުރްއާން ހަނދުމަކުރާހުށިކަމެވެ.
އެ ގުރްއާން ވަނީ، މާތް ކުރައްވާފައިވާ ފަތްފުށްތަކެއްގައެވެ.
މަތިވެރި، ތާހިރުކުރައްވާފައިވާ ފަތްފުށްތަކެއްގައެވެ.
ދަތުރުކުރައްވާ މަލާއިކަތުންގެ އަތްޕުޅުތަކުގައެވެ.
މާތްވެގެންވާ ހެޔޮލަފާ މަލާއިކަތުންނެވެ.
އިންސާނާއަށް ލައުނަތް ލެއްވިއެވެ. އޭނާގެ ހުރި ކާފިރުކަމުގެ ބޮޑުކަމާއެވެ.
އެ އިލާހު އެ އިންސާނާ ހެއްދެވީ ކޮންއެއްޗަކުންހެއްޔެވެ؟
އެ އިލާހު އެ އިންސާނާ ހެއްދެވީ މަނިތިއްކަކުންނެވެ. ދެން އެ އިލާހު އެ އިންސާނާ (ގެ ހުރިހާ ކަމެއް) މިންވަރު ކުރެއްވިއެވެ.
ދެން އެ އިލާހު އޭނާއަށް މަގު ފަސޭހަކޮށްދެއްވިއެވެ.
ދެން އެ އިލާހު އޭނާ މަރުގެންނެވިއެވެ. އަދި އޭނާ ކަށްވަޅުގައި ލެއްވިއެވެ.
ދެން އެ އިލާހު އިރާދަކުރައްވާ ހިނދު، އެ އިންސާނާ އަލުން ދިރުމަކަށް ފޮނުއްވާނެއެވެ.
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އެ އިންސާނާ އަދިވެސް، އެ އިލާހު އޭނާއަށް އަމުރުކުރެއްވި ކަންތަކެއް ނުކުރެއެވެ.
ފަހެ އެ އިންސާނާ އޭނާގެ ކާތަކެއްޗަށް ބަލައިފާހުށިކަމެވެ.
ބޯކޮށް އޮހިގެން އަންނަގޮތުގައި، ތިމަން އިލާހު ފެން އޮއްސެވީމެވެ.
ދެން ތިމަން އިލާހު (ގަސްހެދުމަށް ފަސޭހަވާނެގޮތުން) ބިންގަނޑު ފެޅުއްވީމެވެ.
ދެން ތިމަން އިލާހު އެ ބިމުގައި ގޮވާން (ގަސްތައް) ފެޅުއްވީމެވެ.
އަދި މޭބިސްކަދުރާއި ފަތްޕިލާވެއްޔެވެ.
އަދި ޒައިތޫނި ގަހާއި ކަދުރު ރުކެވެ.
އަދި ގަސްތައްގިނަ ބަގީޗާތަކެވެ.
މޭވާގެ ބާވަތްތަކާއި ހުއިތަކެވެ.
(އެއީ) ތިޔަބައިމީހުންނަށާއި، ތިޔަބައިމީހުންގެ ނައަމްސޫފިތަކަށް ދިރިއުޅުމުގެ ވަގުތީ އުފަލެއްގެ ގޮތުގައެވެ.
ފަހެ ގަދަފަދަ އަޑު އަތުވެއްޖެހިނދެވެ.
(އެއީ) މީހާ އޭނާގެ އަޚާގެ ކިބައިން ފިލަންދާ ދުވަހެވެ.
އަދި އޭނާގެ މަންމައާއި، ބައްޕަގެ ކިބައިންވެސް މެއެވެ.
އަދި އޭނާގެ އަނބިމީހާއާއި، ދަރިންގެ ކިބައިންވެސް މެއެވެ.
އެ މީހުން ކުރެ ކޮންމެ މީހަކަށް، އެ މީހަކު އަވަދިނެތި ކުރާނެކަމެއް އެ ދުވަހުން ވެއެވެ.
އެ ދުވަހުން އަލިވެފައިވާ މޫނުތަކެއް ވާނެއެވެ.
އެ މޫނުތައް ވާނީ ހިނިއައިސް، އުފާވެފައެވެ.
އަދި އެ ދުވަހުން އެ މޫނުތަކެއްގެ މައްޗަށް ހިރަފުސް އަރާފައިވާ މޫނުތަކެއްވެސް ވާނެއެވެ.
އެ މޫނުތަކަށް ކަޅުއަނދިރިކަމެއް ވެރިވާނެއެވެ.
އެ މީހުންނީ ހަމަ، ނުލަފާވެގެންވާ ކާފިރުންނެވެ.