އިރުގެ އަލިކަން ފިލައި، ހިނގައިދާ ހިނދެވެ.
އަދި ތަރިތަކުން އަލިކަން ފިލައި، ބުރަބުރައިގެންދާ ހިނދެވެ.
އަދި ފަރުބަދަތައް ލުހި، ފުނޑުފުނޑުވާ ހިނދެވެ.
އަދި މާބަނޑު ޖަމަލުތައް އަޅާނުލާ ދޫކޮށްލާ ހިނދެވެ.
އަދި ވަލު ޖަނަވާރުތައް (އެއްތަނަކަށް) އެއް ކުރައްވާ ހިނދެވެ.
އަދި ކަނޑުތައް ރޯވެ، އަނދައިގަންނަ ހިނދެވެ.
އަދި ފުރާނަތައް، އޭގެ ހަށިތަކާ ގުޅިދާހިނދެވެ.
އަދި ދިރިއޮއްވައި ވަޅުލި އަންހެން ދަރިޔާއާ ސުވާލު ކުރައްވާ ހިނދެވެ.
އޭނާ މަރައިލީ ކޮން ކުށެއްގެ ސަބަބުންހެއްޔެވެ؟
އަދި ފަތްފުށްތައް ނިއުޅައިލައްވާ ހިނދެވެ.
އަދި އުޑު ގެންދަވާ ހިނދެވެ.
އަދި ނަރަކަ ރޯކޮށްލައްވާ ހިނދެވެ.
އަދި ސުވަރުގެ ގާތް ކުރައްވާ ހިނދެވެ.
ކޮންމެ ނަފްސަކަށްމެ، އެ ނަފްސެއް ހާޒިރުކުޅަކަމެއް (އެ ހިނދު) އެނގޭނެއެވެ.
ފަހެ ހިނގަހިނގާ ހުންނަ ތަރިތައް ގަންދެއްވަމެވެ.
އެއީ ރޭގަނޑަށް ފާޅުކަން ބޮޑު، ދުވާލު ވަންހަނާވާ (ތަރިތަކެވެ.)
އަދި ރޭގަނޑު އަނދިރިކަމާއިގެން ފަސްދީ ދާހިނދު، އެ ރޭގަނޑު ވެސް ގަންދެއްވަމެވެ.
އަދި ފަތިހުގެ އަލިކަން ފާޅުވާހިނދު، އެ ފަތިސް ވެސް ގަންދެއްވަމެވެ.
ހަމަކަށަވަރުން އެއީ މާތްވެގެންވާ ރަސޫލަކު (އެބަހީ: ޖިބްރީލުގެފާނު) ގެންނެވި ބަސްފުޅުކަން ކަށަވަރެވެ.
ޢަރްޝުގެ ވެރި ރައްބުގެ ހަޒްރަތުގައި ބާރެއްގެ ވެރި ދަރަޖަވެރިޔެކެވެ.
އެ ތާނގައި (އެބަހީ: އުޑުތަކުގައި) ކިޔަމަންވެވޭ އަމާނާތްތެރިޔެކެވެ.
އަދި ތިޔަބައިމީހުންގެ އެކުވެރިޔާއީ (އެބަހީ: މުޙައްމަދުގެފާނީ) މޮޔައަކު ކަމުގައި ނުވެއެވެ.
އަދި ހަމަކަށަވަރުން އެކަލޭގެފާނު (އެބަހީ: މުޙައްމަދުގެފާނު) ފާޅުވެގެންވާ އުދަރެހުން އެކަލޭގެފާނު (އެބަހީ: ޖިބްރީލުގެފާނު) ދެކެވަޑައިގަތެވެ.
އަދި ޣައިބުގެ ކަންތައް ފޮރުވައި، ހިފަހައްޓަވާ ބޭކަލަކު ކަމުގައި އެކަލޭގެފާނު (އެބަހީ: މުޙައްމަދުގެފާނު) ނުވެއެވެ.
އަދި ރަހުމަތުން ބޭރުކުރައްވާފައިވާ ޝައިތާނެއްގެ ބަސްކަމުގައިވެސް އެ ގުރްއާން ނުވެއެވެ.
ފަހެ ތިޔަބައިމީހުން ތިޔަދަނީ ކޮންތާކަށްހެއްޔެވެ؟
އާލަމްތަކަށް ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ އެ ގުރްއާން ނުވެއެވެ.
ތިޔަބައިމީހުންކުރެ ސީދާވެގަތުމަށް އެދޭ މީހަކަށްޓަކައެވެ.
އާލަމްތަކުގެ ވެރި ﷲ އިރާދަ ކުރެއްވުމުން މެނުވީ، ތިޔަބައިމީހުންނަކަށް (އެއްވެސް ކަމެއް) ނޭދެވޭނެއެވެ.